އޭލިއަން ސިލްސިލާ: ހިރާސް – 2
އޭލިއަން ދުނިޔޭން ފަންނީ އަދި އީޖާދީ ރޮނގުން ހޯދައިފައިވާ ކުރިއެރުން އިންސާނުން ހޯދައިފައިިވާ ކުރިއެރުމަށް ވުރެން ހަތަރުގުނަ އިތުރެވެ. ތޭރަ އަހަރުގައި އޭލިއަން ދުނިޔޭގެ ފަންނީ އުކުޅުތައް ދަސްކުރުމުގެ ފުރުސަތު ލިބުމަކީ ޚުދު ލިލިޔަންވެސް ދެކޭގޮތުގައި ލީވާނަށް އެދާއިރާއިން ކުރިއަށް ދިއުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ.
“ކަމަނާ ކީއްކޮށްލަނީ..” ކޮޓަރިތެރެއަށް ފިޔަވަޅު އަޅަމުން ނަޔާނީ ސަމާސާ ރާގުގައި ސުވާލުކޮށްލިއެވެ. “މީންދަ ކުއްޖާގެ ފައިބުޑުގައި އާދޭސްކުރުމުންވެސް މިކަން ކުރަން އެއްބަހެއް ނުވި..” އަންނައުނު ތަކަށް އިޝާރާތް ކޮށްލަމުން ލިލިޔަން ލީވާނަށް ކަޅިއެއް އެއްލިއެވެ. ނަޔާނީ ހިނިއިސްފައި ލީވާނަށް ބަލައިލިއިރު އިވޭކަމަކަށް ހަދައިވެސް ނުލާ ލީވާން އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. “ދޮންތަގެ ހެނދުންތައް ފަށްޖަހަން ޖެހޭނީ ދޮންތައެންނު ދޯ.. ” ލިލިޔަންއަށް އަތްގާތްކޮށްދެމުން ނަޔާނީ އެއްބައިވެލީ ލީވާން އާއިއެވެ. “އަނހަ.. މިއީ މަގޭ ހެދުންތަކެއް ނޫނޭ.. ނިކަން ބަލާބަލަ..” ލިލިޔަން ދެލޯބޮޑުކޮށްލާފައި ނަޔާނީއަށް އަންނައުނުތައް ދައްކައިލިއެވެ. ތެދެކެވެ. އެއީ ލީވާންގެ އަންނައުނުތަކެވެ. ނަޔާނީ ހިނިގަނޑު ހިފަހައްޓާލިއެވެ.
“ހެވޭ ދެން.. ކީއްވެ ކާން ނައީ..” ނަޔާނީ ސުވާލުކޮށްލިއެވެ. “ލީވާންއަށް ކާންދޭން ގޮސްފަ އެތަނުން ޖޫގޯއެއް ބޯލީ.. އެހެންވެ ބަނޑުފުރިފަ ހުރީމަ..” ލިލިޔަން ތެދަށް ޖަވާބުދިނެވެ. ނަޔާނީ ބޯހޫރުވާލިއެވެ. އެއީ އަލަށްވީ ކަމަކަށް ނުވާތީއެވެ.
ދެއެކުވެރިން ވާހަކަ ދެއްކުމުގައި ވަގުތުތަކެއް ހޭދަކުރިއެވެ. އިރުގަނޑެއް ފާއިތުވެ ދިޔަ ފަހުން ނަޔާނީގެ ހަނދާނަށް އައީ ރޫނާ ދިން މޮޅު ޚިޔާލެވެ. “ލިލީ.. ރުން ބުނީ ދެތިން ދުވަހަށް ބޯހަމަޖައްސާލަން ތަނަކަސް ދާންވީނޫންހޯ… ދާން ބޭނުންތަ؟..” ނަޔާނީ އަހާލިއެވެ. ލިލިޔަންގެ މޫނަށް އެރި ކުލަވަރުން އެކަނިވެސް ލިލިޔަން ދާހިތްވެފައި ހުރި މިންވަރު ނަޔާނީއަށް ފަހުމްވިއެވެ. “އާން!! ކީއްވެ ނުދާންވީ.. ކޮން ދުވަހެއް އަހަރެމެން އެކަހަލަ ގޮތަކަށް މަޖާ ނުކުރާތާ..” ލިލިޔަންގެ ހިތާއި ކުޅެލީ ޅައިރުގެ ހަނދާނުން ނުފިލާނެ ފަދަ މަޖާ ހަނދާންތަކެވެ. “އޯހް.. ނަޔާ.. ވާހަކައެއް ދައްކާލަން ވެފަ އެބައޮތް..” ކަމެއް ހަނދާންވީ ފަދަ ބީދައަކުން ލިލިޔަން ނަޔާނީއަށް ބަލައިލިއެވެ. އެމޫނުގައި ހުރި އަސަރަކުން ނަޔާނީ ބުމަ އަރުވާލިއެވެ. ކިހިނެއްވީ ހެއްޔޭ އަހާ ފަދައިންނެވެ. “ދުނިޔެއަށް ނުދަންތަ..” ލިލިޔަން އަހާލީ މަޑުމަޑުންނެވެ. ނަޔާނީ މިއާހާއި ނާހިދާގެ މަތިން ހަނދާން ވާނެތީ އެކަނިވެސް ދާހިތް ނުވާނެކަން އޭނައަށް އެނގެއެވެ. އެހެންނަމަވެސް އުޅެބޮޑުވި ފަސްގަނޑުމަތިން ހަނދާން ނައްތާލާކަށް ނުވާނެއެއް ނޫންހެއްޔެވެ؟
“ލިލީ ދާން ބޭނުންތަ.. މަވެސް ރަށް މަތިން ވަރަށް ހަނދާންވޭ.. އެކުވެރިންވެސް..” ނަޔާނީ ލިލިޔަންއަށް ބަލައިލީ ގިލަންވެރިކަމުން ފުރިގެންވީ ލޮލަކުންނެވެ. ލިލިޔަންގެ ހިތުގައި ރިއްސާލިއެވެ. އެކުވެރިޔާގެ ހާލާއި މެދުގައި އިންތިހާއަށް ހަމްދަރުދީ ވެވުނެވެ. “ހޫމް.. އެކަމް ނަޔާ ދާން ބޭނުންވަންޏާ.. ތުއްތު އާއި މިޝް އާއި ލީވާންވެސް ގޮވައިގެން..” ލިލިޔަން ހިޔާލުދިނެވެ. “ހަމައެކަނި ހަފްތާއަކަށް ނަމަވެސް ރަނގަޅުވާނެދޯ..” ލިލިޔަން ބެލީ ނަޔާނީ ހިތްހަމަޖެއްސޭތޯއެވެ. އެކަން ކާމިޔާބުވެސް ވިއެވެ. “އާން.. ދާންވާނެ.. އެކަމަކު ރޫނާ ދާން އުޅޭ ތަނަށް ގޮސްފައި ހަމަޖެހިލައިގެން ދޯ..” ނަޔާނީ ލިލިޔަންއަށް ދޯ ދިނެވެ. ލިލިޔަން ބޯ ޖަހާލީ ނުހަނު ހިތްހަމަޖެހިފައެވެ.
ހަވީރުގެ މަރިޔާދު ވަގުތެވެ. އަސުރު ނަމާދަށް ފަހު ނަޔާނީ އޭލިއަން ގަނޑުވަރުގައި ހުންނަ ބޮޑު ބަގީޗާ ތެރެއަށް ނުކުމެލިއެވެ. ފިނިވައިޖެހޭތީ ހިތްހަމަ ޖައްސާލުމުގެ ގޮތުންނެވެ. މިޝްކާ ވެސް ބަގީޗާ ތެރޭގައި ބަހައްޓާފައި ހުރި އަށްޓެއްގެ މަތީ އިށީނދެލައިގެން ފޯނާ ކުޅެން އިނެވެ. އޭލިއަން ދޫނިތައް ވެސް އެސޮރުމެންނަށް ލިބިފައިވާ މިނިވަންކަންމަތީ ހަމަޖެހުމާއި އުފަލުގައި އުދުހި އުދުހި އުޅުނެވެ. އޭލިއަން ނަސްލުގެ ތަފާތު ޖަނަވާރުންނާއި މަޚްލޫގުން ވެސް ހަމަ އެފަދައެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ހިނގި ހާދިސާއަށް ފަހު ގަނޑުވަރު ތެރޭގައާއި ގަނޑުވަރުން ބޭރުގައި އުޅޭ އޭލިއަނުންނަށް އިންސާނުންނާއި ޖިންނިންނަކީ ކޮންބައެއްކަން އެނގި، ހިތުގައި އުފެދިފައިވާ ބިރު މުޅިން ފިލާފިއޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. މިކަން ވީ ނަޔާނީމެންނަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމަކަށެވެ. ވޭތުވެގެން ދިޔަ ދުވަސްތަކުގައި ނަޔާނީ، ލިލިޔަން، ލީވާން، މިޝްކާ އަދި މިކްޔާލް ވެސް އޭލިއަން ބަސް ދެނެގަނެ ފަރިތަ ކަމާއިއެކު ވާހަކަ ދައްކަން ދަސްކުރިއެވެ. މިއި ވެސް އޭލިއަން ދުނިޔޭގައި ދިރިއުޅެން އެކުދިންނަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެކެވެ.
ހިޔާލުތަކަށް ގެއްލިފައި އިންދާ ނަޔާނީގެ ދެލޯ ކަސިޔާރުވެގެން ހުއްޓުނީ ބިޑިއަޅައިގެން ޑިޓެންޝަން ސެންޓަރުން ނުކުންނަމުން ދިޔަ އަށާރަ އަހަރު ނުފުރޭ ކުދިންކޮޅަށެވެ. އެކުދިންތަކުގެ ތެރެއިން ނަޔާނީގެ ނަޒަރު ފުރޭނިގެން ދަތުރުކުރީ އެންމެފަހުން ނުކުތް އަންހެން ކުއްޖާއަށެވެ. އެނޫން އެހެން ކުއްޖެއް ނޫނެވެ. އެލްއެވެ. އެވަގުތު އެލްގެ ދެލޮލާއި ނަޔާނީގެ ދެލޯ ދިމާވެ ހަތަރުކަޅި ހަމަވިއެވެ. އެލްގެ ދެލޮލުން ދައްކައިދެމުން ދިޔައީ ރުޅިވެރިކަމެވެ. އިންތިހާ ނަފްރަތެވެ. ނަޔާނީ އާޝޯހުވިއެވެ. އެލަށް ރުޅިއަންނަންޖެހޭ މީހާ އޮޅުނީ ހެއްޔެވެ؟ ރުޅިއަންނަން ޖެހޭނީ އޭނާއެއް ނޫން ހެއްޔެވެ؟ ހަމަ ޔަގީނުންވެސް އެލް ކުރީ އޭނައަށް މަޢާފު ދެވޭނެ ވަރުގެ އަމަލެއް ނޫނެވެ. ހިތަށް ވެރިވެގަތް ނުތަނަވަސްކަމާއި އެކު ނަޔާނީ ވަގުތުން ދުރުބަލާލިއެވެ. ހިނދުކޮޅަކު އެތާ ހުންނަން ވެސް އޭނާގެ ހިތް ދެކޮޅު ހެދިއެވެ. ފަސްއެނބުރި ނުބަލައި ނަޔާނީ އެބަގީޗާއިން ނުކުންނަން ހިނގައިގަތެވެ.
“އަނހަ.. ނަޔާ ހާދަ އަވަހަށް ތިދަނީ..” ވޫސްލާފައި ނުކުންނަން ދިޔައީ ނަޔާނީގެ ކުރިމައްޗަށް އެރީ މިކްޔާލެވެ. އެވަގުތު ނަޔާނީއަށް މިކްޔާލުގެ މޫނަށް ބަލައިލެވުނެވެ. ނަޔާނީގެ މޫނުގައި ހުރި ކުލަވަރުން މިކްޔާލުގެ ހިތުގައި ސުވަލުމާކު ޖެހުނެވެ. އެހެންނަމަވެސް އެވަގުތު ސުވާލު ކުރާކަށް އޭނަ ބޭނުމެއް ނުވިއެވެ.
“ތުއްތުމެން ކޮންތާކުން ތިއައީ..” ހިތްހަމަނުޖެހެހުން ވަންހަނާކޮށްލަމުން ނަޔާނީ މިކްޔާލާއި ރަޔާނަށް ބަލައިލިއެވެ. “ނަޔާ ހޯދާކަށެއްނު… ކޮންތާކު މިހުރިހާއިރު އުޅުނީ..” މިކްޔާލު އެއްސެވެ. ނަޔާނީ ހުރީ ދޭނެ ޖަވާބެއް ނޭނގިފައެވެ. އޭނައަށް ފިލައިގެން މިހުރިހާ އިރު އުޅުނީ މިކްޔާލެއް ނޫން ހެްއްޔެވެ؟
“ނަޔާނީ ހިނގާ.. ރުނާމެން ވެސް އެބަތިބި އެކޮޅުގައި މަޑު ކޮށްލައިގެން..” ރަޔާން އިޝާރާތް ކުރި ދިމާލަށް ނަޔާނީ ބަލައިލިއެވެ. ތެދެކެވެ. ތަންކޮޅެއް ދުރުގައި ހުރި ގަހެއްގެ ދޮށުގައި މަޑުކޮށްލައިގެން ތިބެ ރޫނާ އާއި ލިލިޔަން އެބަ ހަނާއަޅައެވެ. “ހިނގާލަން ދާން… މިހާ ރީތި ހަވީރެއްގައި ނުގޮސް ނުވާނެއެންނު..” ަ ރަޔާން ހިނިތުންވެލިއެވެ. ނަޔާނީ ވެސް އެކަމާއި އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
ފަސްކުދިންނަށް އެއްތަން ވެވެނީ ވަރަށް ވެސް މަދުންނެވެ. މިކަހަލަ ވަގުތުތަކުގައި ކޮންމެވެސް މަޖާކަމެއް ކޮށްލަން ވާނެކަން ނަޔާނީ ދަނެއެވެ. އެދުވަހުގެ ހަވީރު ނިމި އިރުއޮއްސިގެން ދިޔައީ އެފަދަ ގޮތަކަށެވެ. ބައެއް މީހުންގެ މޫނުމައްޗަށް އުފާވެރިކަން ގެނުވައި އަނެއް ބައި މީޙުންގެ މޫނުމަތީގައި ހިތާމައިގެ ސާލު އޮޅަމުންނެވެ. ރޫނާ ދިން ހިޔާލު މިކްޔާލާއި ރަޔާނަށް ވެސް ނުހަނު ކަމުދިޔައެވެ. އެހެންކަމުން ދަތުރުގެ ރޭވުން ދިޔައީ ކުރިއަށެވެ. ރިއާނާގެ ގާތަށް ގޮސް ހުއްދައަށް އެދެން ޖެހުނީ ރަޔާނަށެވެ. އެކަން ކުރަން ހަމަޖެހުނީ އެރޭގެ ކެއުމުގެ ވަގުތުގައެވެ.
” އިނގޭތަ އަހަރެން ގާތުގަ ޗުއްޓީ ނަގާފަ ބޯހަމަޖައްސާލަން ބުނީ އެލް..” ރޫނާ ބުނެލީ އެނބުރި ގަނޑުވަރަށް ދިޔަ މަގުމަތީގައެވެ. ނަޔާނީގެ މޫނު މައްޗަށް އެރި ހައިރާންކަމުގެ ކުލަވަރާއިއެކު ގަބޫލު ނުކުރެވިފައި ރޫނާއަށް ބަލާލިއިރު ހިސާބަކުން ކަންބޮޑުވުމުގެ އަސަރުތައް ދައްކާލިއެވެ.
“އެލްއޭ.. ކީއްވެ؟؟..” ލިލިޔަންއަށް ވެސް ވީ ނަޔާނީއަށް ވީފަދަ ގޮތެކެވެ. އެނގެން ބޭނުންވެފައި ހުރެ ދެމީހުންނަށްވެސް ރޫނާގެ މޫނަށް ބަލައިލެވުނެވެ. “ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ޑިޓެންޝަން ސެންޓަރުގަ ތިބޭ ކުދިން ނެރޭކަން އިނގެއެންނު ދޯ.. އެއްގަޑި އިރަށް އެންމެ ގިނަވެގެން.. ދެންން.. އިއްޔެ ނޫން ކުރީ ދުވަހު އަހަރެން ބަގީޗާގައި އިންދާ އެލް އައިސް ބުނީ ރޫނާއްތަ މެން ބްރޭކެއް ނަގާލަން ވީއެއްނޫންހޯ.. ވަރަށް ވަރުބަލި ވައްތަރު ޖަހައޯ..” ހިނިގަނޑެއް ޖަހާލަމުން ރޫނާ ވީގޮތް ކިޔައިދިނެވެ. އެއާއިއެކު ލިލިޔަންއަށް އޯހް ލައްވައިލެވުނެވެ. ނަޔާނީއަށް ހުރެވުނީ ފުސް ވިސްނުމެއްގައެވެ. އެލްގެ އެބުނުމުގެ ފަހަތުގައި އެހެން ނިޔަތެއް އޮވެދާނެބާއެވެ؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


