Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުޑަކުދިންގެ

އޭލިއަން ސިލްސިލާ: ހިރާސް – 1

Aashii
Aashii Level 310 Stories100 Login
June 24, 2025 3 Mins Read
0 Comments

(މިއީ އޭލިއަން ސިލްސިލާގެ ހަތަރުވަނަ ވާހަކައެވެ. ހުރިހާ ކިޔުންތެރިންނަށް ވެސް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.)

މުޅި މާހައުލުގައި ރަސްކަން ކުރަމުން ދިޔައީ އަނދިރިކަމާއި ފަޅުކަމެވެ. އެއްވެސް މަޚުލޫގެއްގެ ހިލަމެއް ނެތް ދަނޑިވަޅަކަށް ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔަ އަންހެން ކުއްޖާގެ ހުރިހާ ނުތަނަވަސް ކަމެއް ފިލައިގެން ދިޔައީ އެ ހަމަހިމޭން ކޮޓަރީގެ ހިމޭންކަން ފޫއަޅުވައިލި ޓަކީގެ އަޑުންނެވެ. ވިހަ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން މަޑުމަޑުން ހިނގާލައިފައި އެއަންހެން ކުއްޖާ ހުއްޓުނީ ދޮރު ކައިރީގައެވެ. 

“ވަދޭ..” މަޑުމަޑުން ބުނެލި ނަމަވެސް އެއަންހެންކުއްޖާގެ އަޑުން ފާޅުވި ހަރުކަށިކަން ފަރުދާވާގޮތެއް ނުވިއެވެ. ދޮރުގެ ތަޅުގައި ހިފައި އަނބުރުވާލި އަންހެންމީހާގެ ސޫރަ ފެނުމުން އެއަންހެން ކުއްޖާ އެއްފަރާތް ވެލައި އެތެރެއަށް ވަނުމަށް ޖާގަ ދެއްކިއެވެ. ހިނދުކޮޅަކު މަޑުޖެހުމެއް ނެތި އޭނާ ދައްކާލީ ހިލިހިލާ ޖަހައިފައިވާ އޭނާގެ ދެއަތްތިލައެވެ. އެއާއިއެކު އަންހެންމީހާ ލައިގެން ހުރި ކަޅުކޯޓުގެ ޖީބުން ނެގި ތަޅުދަނޑިފަތިން އަންހެންކުއްޖާގެ ދެއަތް މިނިވަން ކޮށްލަދިނެވެ. އެބީދައިން ކަނާތުފައިގައި އަޅުވައިފައިވާ ޓެގާއި ޗޭނު ވެސް ނައްޓާލަ ދިނެވެ. އަންހެން ކުއްޖާ ހަމަޖެހިލީ އެހިސާބުންނެވެ.

“ހާސްވާނެކަމެއް ނެތް.. މިވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުބުނާތި.. ބުނެފިނަމަ ވާނެގޮތް ކަލެއަށް އިނގޭނެ..” އަންހެންމީހާއަށް އިވުނު އިންޒާރުގެ ބަސްތަކަށްފަހު އިސް އުފުލާލި ވަގުތު ދެލޮލަށް އެޅުނު ވަރުގަދަ އަލިގަނޑަކާއިއެކު އަންހެން ކުއްޖާ ލޯމަތިން ގެއްލުނެވެ. އެވަގުތު މޭގައި އަތްއަޅާ އެއަންހެން މީހާ ދެކަކޫ މައްޗަށް ތިރިވިއެވެ. އެދެލޮލުން ބުނެމުން ދިޔައީ ނުތަނަވަސްވެ ބިރުގަނެފައިވާ މިންވަރުގެ ބޮޑުކަމެވެ.

 

****

ތަމްރީނު ހޯލުގައި އެއްއަޑައަށް އިވެމުން ދިޔައީ އެއްހަމައެއްގައި ދުވަމުން ދިޔަ ތިން އަންހެން ކުދިންގެ ފިޔަވަޅުގެ އަޑެވެ. އާއެކެވެ. ރޫނާ، ނަޔާނީ އަދި ލިލިޔަންއެވެ.  ނާހިދާގެ މަރުގެ ހާދިސާއަށް އަހަރެއް ވާން ކައިރިވެފައި ވާއިރު ނަޔާނީއަކީ ކުރީގެ ނަޔާނީއެކޭ ނުބުނެވޭނެއެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނަޔާނީ ރޫނާއަކަށް ދުލެއް ނުކުރެއެވެ. މާޒީވި ހިތި ހަނދާންތައް ފަހަތަށް ދޫކޮށްލުމަށްފަހު ނަޔާނީ ކުރިއަށް ފިޔަވަޅު އެޅީ މަންމަގެ ވަސިއްޔަތް ފުރިހަމަ ކޮށްދިނުމަށެވެ. ކިތަންމެ ވަރަކަށް ހިތާމަ ކުރިއަސް އޭނަގެ މަންމަ އެނބުރި ނާންނާނެކަން އޭނަ ދަނެއެވެ. އޭނައަށް ކުރެވޭނެހާ ވެސް ކަމަކީ ހިތްވަރުކޮށް މަންމަ އެދޭ ކަހަލަ  މުޖުތަމައު ބަލައިގަންނަ މީހަކަށް ވުމެވެ. އެއަޒުމުގައި ނުގުޑާ ހިތްވަރަކާއި އެކު ފައިތިލަ ސާބިތު ކުރަން އޭނާ ބޭނުންވެއެވެ. އޭނަގެ ތުއްތު ފަދައިންނެވެ. 

 

“އާހް.. ނިމުނީ ދެން.. ހުއްޓާލާ.. ވަރުބަލިވެއްޖެއޭ..” ހަލުވި ފިޔަވަޅުތައް ކޮންޓްރޯލްކޮށް ދެކަކުލުގައި އަތްއަޅައި ތިރިވެލަމުން ލިލިޔަން ބުނެލިއެވެ. އެއާއިއެކު ނަޔާނީއާއި ރޫނާ އެއަކު އަނެކަކަށް ބަލައިލިއެވެ. ދެމީހުންގެ ލޮލުން ބުނެދިން ވާހަކަތައް ދެނެގަނެވުނު ލިލިޔަން ޗުކުޗުކު ތަޅުވާލިއެވެ. ވާން އުޅޭ ގޮތް ދެނެގަނެވުނީ ތޯއްޗެކެވެ.

” ދެން އެންމެ ގިނައިރު ވަންދެން ދުވާ މީހާ މޮޅުވީ..” ނަޔާނީ ލާނެތް ހިނިތުންވުމެއް ވެދުންކޮށްލަމުން ފިޔަވަޅުތައް ހަލުވި ކޮށްލިއެވެ. ރޫނާ އެއާއި އެއްބަައިވެލުމުގެ ގޮތުން ބޯޖަހާލައި ނަޔާނީއާއި އެއްވަރުކުރަން ބާރަށް ދުވަންފެށިއެވެ. އެހެންނަމަވެސް ރޭސް ނިމުނީ ނަޔާނީ މޮޅުވެގެންނެވެ.

“ނަޔާ އަހަރެމެން އެންމެން ބަލިކޮށްލައިފި..” ފެންފުޅި ތުމުގައި ޖައްސަމުން ރޫނާ ބުނެލިއެވެ. އެއާއިއެކު ނަޔާނީ ލުއިލުއި ގޮތަކަށް ހީލިއެވެ. ރޭހާއިއެކު ދުވަހުގެ ޖިސްމާނީ ގޮތުން ހަށިގަނޑު ތަމްރީނު ކުރުމުގެ ހަރަކާތްތައް ފުރިހަމަކޮށްލެވުނީއެވެ. ތިންކުދިން ތަމްރީނު ހޯލުން ނިކުމެ އޭލިއަން ގަނޑުވަރާއި ދިމާލަށް މިސްރާބުޖެހީ އަތުގައި ގެންގުޅޭ ސާމާނު ހަމަކޮށްލަމުްންނެވެ. މަޖަލާއި ސަކަރާތުގައި އޭލިއަން ގަނޑުވަރާއި ހަމައަށް ދެވުނު އިރު އޭލިޔަން ދުނިޔެއަށް މެންދުރުވާން ކައިރިވެއްޖެއެވެ.

“ލީވާން އަދިވެސް ނުތެދުވޭ ކަންނޭގެ.. އަވަހަށް ނަގާފަ ސައިދޭންވީ..” އޭލިއަން ގަނޑުވަރުގައި ލިލިޔަން އާއި ލީވާން އުޅެން ހަމަޖެހިފައިވާ ކޮޓަރިއާއި ހަމައަށް ދެވުމުން ކަމެއް ހަނދާންވި ފަދައަކުން ލިލިޔަން ބުނެލިއެވެ. “އާން އާން އަވަހަށް ދޭ.. ވަރަށް އިރުވެއްޖެއެންނު.. ބަނޑުހައި ވެދާނެ..” ރޫނާ ކަންބޮޑުވެފައި ބުނެލިއެވެ. އެއާއިއެކު ލިލިޔަން އަވަސްއަރުވާލައިފައި ލީވާނަށް ގޮވަން ދިޔައެވެ. 

 

ނާހިދާގެ މަރަށްފަހު ނަޔާނީމެން އޭލިއަން ދުނިޔޭގައި އުޅެން ހަމަޖެހުމުން ލިލިޔަނަށް ލީވާން ގޮވައިގެން އޭލިއަން ދުނިޔެއަށް ބަދަލުވުމުގެ ހުއްދަ ލިބުނެވެ. އެއީ ލިލިޔަންގެ މައިބަފައިން ދިރިއުޅެނީ ބޭރު ގައުމުގައި ކަމަށްވާތީއެވެ. ނަޔާނީމެން ފިޔަވައި ލިލިޔަން މެންނަށް އަޅާލާނެ ގާތްތިމާގެ މީހުން ނުތިބެއެވެ. ލިލިޔަންގެ ބައްޕައަށް އަހަރުތަކެއް ކުރިން ދިމާވި ކާރު އެކްސިޑެންޓެއްގައި ހާލު ދެރަވެ ކޯމާއަކަށް ދިޔަފަހުން ލިލިޔަންގެ މަންމަ، ފަރުހާނާ ލިލިޔަންގެ ބައްޕަ ވަހީދު ގޮވައިގެން މެލޭޝިއާއަށް ބަދަލުވީއެވެ. ފަރުހަނާ އާއި ނަހިދާ އަކީ ވަރަށް ގާތް ދެރަހްމަތްތެރިންނެވެ. އެހެންކަމުން ގިނަވަގުތު ލިލިޔަން އާއި ލީވާންގެ ކަންކަން ގާތުން ބެލެހެއްޓީ ނާހިދާއެވެ. ނަހިދާ ނެތުމުގެ ފަޅުކަން އެއާއިލާއަށް ވެސް ވަރަށް ފުންކޮށް އިހްސާސްކުރެވެއެވެ. ނާހިދާގެ މަރުގެ ސިއްރު ފަރުހާނާއަށް އެނގުމުން ލިލިޔަންމެންނަށް އޭލިއަން ދުނިޔޭގައި އުޅުމުގެ އިންތިޒާމް ރިއާނާ ހަމަޖެއްސީއެވެ. ފަރުހާނާ އާއި ރޫނާ އާއި ނަޔާނީގެ އެދުމުގެ މަތިންނެވެ.  

 

“ނަޔާ.. ޗުއްޓީ ނަގާ ހިތެއް ނެތްތަ..؟..” އެފަންގިފިލާގައި ބޭރުފެންނަ ގޮތަށް އިމާރާތްކޮށްފައި ހުރި ބެލްކަންޏަށް ވަދެ ހަށިގަނޑުގެ ބަރު ރެއިލިންއަށް ދޫކޮށްލަމުން ރޫނާ ނަޔާނީގެ ގާތުގައި އަހާލިއެވެ. ނަޔާނީގެ ނަޒަރު އަމާޒުވެފައި ހުރީ ބޭރުން ފެންނަމުން ދިޔަ މަންޒަރަށެވެ. އޭލިޔަން ދުނިޔޭގެ މަސައްކަތްތެރިކަމާއި ހީވާގިކަމާއި އުފެއްދުންތެރިކަން އެހެރީ ހާމަކަން ބޮޑު ގޮތެއްގައި ފެންނާށެވެ. “ތިބުނީ؟؟..” ނަޔާނީ ރޫނާއަށް އޭނަގެ ސަމާލުކަން އަނބުރައިލިއެވެ. “މިބުނީ.. އަހަރެމެން ތިންމީހުން މަޖާކޮށްލަން ދެތިން ދުވަހަށް ވިޔަސް ތަނަކަށް ދާންވީނޫންހޭ.. މިހާރު އެއްއަހަރު ވާނީއެންނު.. މިހެން ތަމްރީނުތަކުގަ ހޭވައްޓާާލާފަ މިއުޅެނީ އަބަދުހެން.. މަޖާކޮށްލަން ވެސް ޖެހޭނެދޯ ބައެއްފަހަރު..” ރޫނާ އެޅީ ސީދާ މައުޟޫއަށެވެ. ނަޔާނީއަށް ވެސް އެހިޔާލު ކަމުދިޔައެވެ. ރަށުގައި އުޅުނުއިރު ހޭދަކުރި މަޖާ ވަގުތުތަކުގެ ހަނދާންތައް ހިތުގައި އާވެލިއެވެ.  ދަތުރުދިޔުމާއި މަސްބޭނުމާއި ބާބަކިޔު ހެދުމެވެ. ގޭދޮށު ކުދިންނާއިއެކު އެއްވެސް ޚިޔާލެއް ފިކުރެއްނެތި ކުޅެން އުޅުނު އުފާވެރި ހަނދާންތަކެވެ. އެއަށްވުރެ ބޮޑަށް ނާހިދާގެ ހަނދާންތައް އާވުމުން ނަޔާނީގެ ލޮލުން ކަރުނަ ހިލުނެވެ. އެހެނަސް ރޫނާއަށް ނުދައްކަން ވެގެން ކުޅަދާނަ ކަމާއިއެކު އެކަން ފޮރުވައިލިއެވެ. 

 

“ހޫމް.. ލިލީ ގާތުގަ ބުނަމާ ފަހުން.. ހިޔާލެއް ހޯދަން..”. ނަޔާނީގެ ފަރާތުން ރޫނާއަށް ލިބުނީ އާނބަހެވެ. “މަޑުކޮށްބަލަ.. ކޮންތާކަށް ދާނީ؟؟..” ކަންބޮޑުވުމުން އެކުލެގެންވީ ރާގަކަށް ނަޔާނީ ސުވާލުކޮށްލިއެވެ. “ހެހެ.. ނަޔާ ތިކަމާ ހާސްނުވޭ.. މަންމަ ގާތުން ހުއްދަ ހޯދައިގެން އަހަރެމެން މަޖާކޮށްލަން ދާނީ.. ވަރަށް ހިތްހަމަޖެހޭނެ މާހައުލަކަށް..” ނަޔާނީގެ ކޮޑުގައި އަތްބާއްވާލަމުން ރޫނާ އެއްލޯ މަރައިލިއެވެ. ރޫނާގެ މިއަމަލުން ނަޔާނީ ގާތަށް ހިނިއައެވެ. “އެހެންތަ..” ހިނިއައިސްފައި ނަޔާނީ މިސްރާބުޖެހީ އޭނާގެ ކޮޓަރިއާއި ދިމާލަށެވެ. މެންދުރު ނަމާދަށް ފެންވަރައި ތާޒާވެލުމަށެވެ. މިއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. 

 

މެންދުރުގެ ކެއުން ނިމުނެވެ. ނަޔާނީގެ ފިޔަވަޅުތައް ސީދާކުރީ ލިލިޔަންގެ ކޮޓަރިއާއި ދިމާލަށެވެ. ލިލިޔަންގެ ހަބަރެއް ބަލާލުމަށެވެ. މެންދުރު ނުކާކަން އެނގޭތީ ވީގޮތް ބަލައިލުމަށެވެ. ލިލިޔަންގެ ކޮޓަރީގައި ޓަކިޖަހައިލުމުން އެތެރެއިން ވަންނާށޭ ބުނެލިއަޑު އިވުނެވެ. އެއާއިއެކު ނަޔާނީ ދޮރުގެ ތަޅު އަނބުރާލިއެވެ.

އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން ލިލިޔަން އިނީ އަންނައުނު ފަށްޖަހާށެވެ. ކޮޓަރީގެ އެއްކަނުގައި ބެހެއްޓިފައި ހުރި ކޮންޕިއުޓަރުގެ ދޮށުގައި ލީވާން އިށީނދެގެން އިނެވެ. ހިނދުކޮޅަކަށް ވެސް ދެލޯ ސްކްރީނުން ނައްޓަލި ނުލައެވެ. އެހާވެސް ޝައުގުވެރިވެފައެވެ. އިންސާނުންގެ ދުނިޔެއިން އައިފަހުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލީވާން އައު އުކުޅުތައް ދަސްކުރަން ފެށިއެވެ. ފަންނިއްޔާތުގެ ރޮނގުންނެވެ. އޭލިއަން ދުނިޔޭން ފަންނީ އަދި އީޖާދީ ރޮނގުން ހޯދައިފައިވާ ކުރިއެރުން އިންސާނުން ހޯދައިފައިިވާ ކުރިއެރުމަށް ވުރެން ހަތަރުގުނަ އިތުރެވެ. ތޭރަ އަހަރުގައި އޭލިއަން ދުނިޔޭގެ ފަންނީ އުކުޅުތައް ދަސްކުރުމުގެ ފުރުސަތު ލިބުމަކީ ޚުދު ލިލިޔަންވެސް ދެކޭގޮތުގައި ލީވާނަށް އެދާއިރާއިން ކުރިއަށް ދިއުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ހިތަށްވި ހަމްދަރުދީ 2

Next

ހިތުގެ ރިހުން (3)

Next
June 24, 2025

ހިތުގެ ރިހުން (3)

Previews
June 24, 2025

ހިތަށްވި ހަމްދަރުދީ 2



All Right Reserved!