އޭލިއަން ސިލްސިލާ: ވަރަ – 15 (ފަހުބައި)
ވިސްނަން ހުރެވުނު ވަގުތުކޮޅެވެ. ނަފްރަތުގެ ހުޅުކޮޅު އެތެރެހަށީގައި ރޯވެގަތެވެ. އައި ރުޅީގައި ގަނޑުވެފައި އިން މިކްޔާލުގެ ބުރަކަށިން ކައްޓެއް ނައްޓާލިއެވެ. ތަދުވެގެން މިކްޔާލް އެއްޗެކޭ ކިޔަން އުޅުނެވެ. އެހެން ނަމަވެސް ނަޔާނީގެ ހަރަކާތްތައް ފެނިފައި މަޑުޖެހެވުނެވެ. ބާރު ސްޕީޑްގައި ނަޔާނީ ދުއްވައިގަތީ ކޮށީގައި ހައްޔަރުވެފައި އިން ފަޒްނާއާއި ދިމާލަށެވެ. ނަޔާނީ ކުރަން އުޅުނު ކަންތައްތައް ދެނެގަންނަން މިކްޔާލަކަށް އުނދަގުލެއް ނުވިއެވެ. ބޮލުގައި އަތް އަޅާލެވުނެވެ. ނަޔާނީ އެހެން އެހެދީ އޭނާ އެކަމަށް ތަންދޭނޭ ކަމަށް ހެއްޔެވެ؟
ނަޔާނީ ދެފައި ހަރަކާތްކުރީ ނަޔާނީގެ ސިކުނޑި އެދިގެނެއް ނޫނެވެ. އޭނަ ބޭނުންވީ އިންސާފެވެ. ފަޒްނާ ނެތިގެން ނޫން އެހެން ގޮތަކަށް މަންމަ އާއި ބައްޕައަށް އިންސާފު ލިބޭނޭ ކަމެއް ނަޔާނީއަކަށް ނުވިސްނުނެވެ.
އެވަގުތެވެ. މަތިން އައި އެއްޗެއް ނަޔާނީގެ އަތުގައި ހިފައިގަތެވެ. މިކްޔާލޭ ހިތައި އެއްޗެކޭ ބުނަން ހުޅުވާލި އަނގަ އިޚްތިޔާރެއް ނެތި އިތުރަށް ހުޅުވުނެވެ. ނަޔާނީ ނަގައިގެން އުދުހިގަތް ރޫނާ ނުތަނަވަސް ހިތަކާއި އެކީ ބޯ ހޫރުވާލިތަން ނަޔާނީ ދުއްޓެވެ. އިތުރަކަށް އެއްޗެކޭ ބުނާނެ ހިތްވަރެއް ނުލިބުނެވެ. ލޯމައްޗަށް އަނދިރިވެ ނަޔާނީގެ ދެލޯ މެރުނެވެ.
ހޭނެތިފައި އޮތް ނަޔާނީ އަތްދަނޑި މައްޗަށް ލައިގެން އުދުހިފައި އައި ރޫނާ ބިމަށް ތިރިކޮށްލިއެވެ. ކައިރީގައި ރަޔާން މަޑުކޮށްލީ އެލް ބައިންދައިގެން ގެނައި ކޮށި ފަޒްނާގެ ގާތުގައި ބަހައްޓާފައެވެ. އެލް ހިތްވަރު އެލިފައި އިންއިރު ފަޒްނާގެ ރުޅިވެރި ނަޒަރު އޭނަ އާއި އަމާޒުވުން ނޫން އެހެން ކަމެއް ނުވިއެވެ.
“ތިދެމީހުން އެންމެފަހުން އައީތަ؟.. ހާދަ ގިނައިރެކޭ.. ” ކަރުނުން ދެލޯ ފުރިބާރުވެގެން ދިޔައިރު ވެސް އެކަން ދައްކާނުލާ މިކްޔާލް ފަނޑު ހިނިތުންވުމެއް ދިނެވެ. މިކްޔާލުގެ މޫނަށް ބަލާލި ރޫނާގެ ނަޒަރު ދަތުރު ކުރީ ބިންމަތީ ދެމިފައި އޮތް ނާހިދާގެ ހަށިގަނޑަށެވެ. އެތަނުގައި ހިނގައިދިޔަ ކަންތައްތައް އޭނައަށް ނަގައިގަނެވުނީ ތޯއްޗެކެވެ. ދެބުމަ ގޮށްޖަހައިލައިފައި އެނބުރި ކޮށީގައި އިން ފަޒްނާއަށް ބަލާލިއެވެ. ރޫނާގެ ރުޅިވެރި ބެލުމާއި އެކީ ހީލުން ނޫން އެހެން ކަމެއް ފަޒްނާ ކުރާކަށް ނޫޅުނެވެ.
“މައިކް.. އައިމް ސޮރީ .. ” ރަޔާނަށް ބުނެވުނީ އެހެންނެވެ. ހިތާމަވެރިކަމުގެ ސާލެއް މޫނުމަތީ އޮޅާލައިގެން ހިނިތުންލައިގެން ހުރި މިކްޔާލް ހީވަނީ ދެންމެ ދެންމެ ރޮއެގަނެފާނެ ހެންނެވެ. ނޫކަށިފުރާ ފުރިހަމަވެފައި ހުރި ޒުވާނަކު އެގޮތަށް މާޔޫސްވެ ހިތްވަރު އެލިފައި ހުރި މަންޒަރު ރޫނާ ދުށް މިއީ ފުރަތަމަ ފަހަރެވެ. އިތުރަށް މިކްޔާލުގެ ދެލޮލަށް ބަލާލާކަށް އޭނައަކަށް ނުކެރުނެވެ. ކުށްވެރިކުރެވުނީ އަމިއްލަ ނަފްސެވެ. ނަޔާނީ އާއި އިންސާނުންގެ ދުނިޔެއިން އިތުރު އެހެން މީހުން ނުގެނައިނަމަ މިހެނެއް ނުވީހެވެ.
“މިޝް.. ” ކަކޫމަތީ ބޯއަޅައިލައިގެން އިން މިޝްކާގެ ކޮނޑުގައި މަޑުމަޑުން ރޫނާ ހިފާލިއެވެ. އަޑެއް ނީވުމުން މިޝްކާގެ ހެއެއް ނެތްކަން ރޫނާއަށް ޔަގީންވިއެވެ. ވަގުތުވީ އޭލިޔަން ދުނިޔޭގެ މެޑިކަލް ކޯޕްސް ވަދެ އެސަރަހައްދު ވަށައިލި ވަގުތެވެ. ނަޔާނީ އާއި މިޝްކާއަށް ފަރުވާ ދޭން ގެންދެވުނެވެ. ގަދަ ނިދީގައި ތިބި ރިއާނާ އާއި ރާއިދު ހޭލީ ހުރިހާ ހުރިހާ ކަމެއް ވެނިމިދިޔަ ފަހުން މާފަހުންނެވެ.
ރިއާނާ އާއި ރާއިދު، މިކްޔާލާއި ނަޔާނީ އަދި މިޝްކާގެ ގާތުގައި މާފަށް އެދުނު ވަރެއް ނޭނގެއެވެ. ކަންވީގޮތް ބަލާލިއިރު ރިއާނާ އާއި ރާއިދަކީ ފަޒްނާ އާއި އެލަށް މަރުހަބާ ކިޔަން އޭލިޔަން ޖަންގައްޔަށް ވަތް ބަޔެކެވެ. ނަމަވެސް ކަމެއް ނުވެ ދެމީހުން ލޮލަށް ފެނުމުގެ ކުރީން ރިއާނާ އާއި ރާއިދު ނިދީގެ ތެރެއަށް ގެނބިގެން ދިޔައީއެވެ. އެދަންތުރަވީ އެދެމީހުންނަށް ކަނޑުވައިލެވޭ ވަރަށް ވުރެ ބާރުގަދަ އެތިފަހަރަކަށެވެ. އަދިވެސް ފަޒްނާގެ ނިމުން އައީ ކަމަކަށް އެކަކަށްވެސް ގަބޫލެއް ނުކުރެވެއެވެ. ހުރިހާ ކަމެއް ވެގެން ދިޔަލެއް އަވަސްކަމުންނެވެ. ފަޒްނާގެ ކަންތައްތައް ދިޔައީ އޭލިޔަން ދުނިޔޭގައި ކަންކުރާ އުސޫލުތަކުގެ ދަށުންނެވެ. މަރުގެ ދިޔައަށް މަރުހިފަން މިކްޔާލު ހުރީ ތައްޔާރަށެވެ. ނަޔާނީ އާއި މިޝްކާގެ އެހާ ބޮޑު އެއްބާރުލުމެއް އެކަމުގައި ނުލިބި ދިޔައަސް މަންމަ އާއި ބައްޕަ އަށް އިންސާފު ހޯދައިދޭން ދެކުދިން ވެސް ނުހަނު ބޭނުންވިއެވެ. އެންމެފަހުން ފަޒްނާގެ މަރާއިއެކު މައްސަލަ ބަލައި ނިމިގެން ދިޔައެވެ. އަށާރަ އަހަރު ނުފުރޭތީ އެލް ބެހެއްޓީ ކުޑަކުދިންގެ ޑިޓެންޝަން ސެންޓަރުގައެވެ. އެލާއި ވާހަކަ ދައްކަން ކިތަންމެ މަސައްކަތެއް ކުރެވުނެއް ކަމަކު ހައްޕު ކިޔައިގެން އިނުން ނޫން އެހެން ކަމެއް ކުރާކަށް ނޫޅުނެވެ. އެންމެފަހުން ވަރުބަލިވެ ރޫނާ އުންމީދު ކަނޑާލީއެވެ.
ނަޔާނީއާއި މިޝްކާ ހޭއެރި ވަގުތުކޮޅު މިކްޔާލަށް މަޖުބޫރުވީ ހުރިހާ ވާހަކައެއް ކިޔައިދޭށެވެ. އޭގެފަހުން ނަޔާނީއަށް ކުރެވެން ފެށީ ތަފާތު އިހްސާސެކެވެ. އޭނައާއި ރޫނާ އިންސާނުންނަށް ނުވުމުން ލިލިޔަން އާއި މިޝްކާ ޝަކުވާ ބޮޑުކޮށްލައިގެން ތިބިއިރު ނަޔާނީގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ކުޑައިރުއްސުރެ ވެސް އޭނަ އަކީ ފުލޯކު ވާހަކަތައް ގަބޫލު ކުރަން އުޅުނު މީހެއް ނޫނެވެ. ޒަމާނާއި ވަގުތަކީ ވެސް ބަދަލުވާ އެއްޗެކެވެ. ދުނިޔެ ދައުރުވަމުން ދިޔައިރު އޭލިޔަނުންނަކީ ހަގީގަތެއްކަން އެނގި ވިސްނިއްޖެއެވެ. ނުވިތާކަށް އޭލިޔަނަކާއި ބައްދަލުވި ފުރަތަމަ އިންސާނާގެ ޝަރަފު އޭނައަށް ހޯދުނެވެ. ޖިންނީންނަކީ އުޅޭ ބައެއްކަން އެނގުނު ނަމަވެސް އެކަމަށް އޭނަގެ ފަރުވާލެއް ނުބެހެއްޓުނެވެ. މިކްޔާލާއި އޭނަގެ އެއްގޮތް ކަަމަކީ ބޭރުފުށުން އިންސާނީ ސޫރަ ލިބިފައި ވުމާއެކު ޖިންނިންގެ ޖާދޫގެ ބާރުތައް ލިބިފައިވުމެވެ. އިންސާނީ-ޖިންނި ނަސްލުގެ މަޚްލޫގުންނަށް ބާރުތައް ލިބި އެއްކޮށް ހަމަޖެހެނީ ފުރާވަރުގެ އަހަރުތައް ކަޑައްތު ކުރުމަށް ފަހުއެވެ. ނަޔާނީ އަށް ސޯޅަ ފުރި ސަތާރުއަހަރު ވާން ގާތްކޮށްފިއެވެ. އޭނައާއި ޚިލާފަށް މިކްޔާލަށް އޭނަގެ ބައްޕަ މިއާހުގެ ފުށުން ބާރުތައް އަމިއްލަ އަތްދަށަށް ގެނެސް ބޭނުންކުރާން ގެންގުޅެންޖެހޭ އުކުޅުތައް ދަސްވިއެވެ. ތަގުދީރުގެ ނިޔާ ނިކަން ދެކިބަލާށެވެ. އޭނަ އެއީ ޖިންނީންނާއި އިފްރީތުންނާއި ހެއްދެވިހައި ނުފެންނަ އެއްޗަކަށް ބިރުން އުޅުނު މީހެކެވެ. ދުވަހަކުވެސް “ތިމަންނަ މިއީ ޖިންނިއެކޭ” ބުނެވޭ ދުވަސްކޮޅެއް އަތުވެދާނެއޭ އޭނަގެ ހިތަކަށް ނާރައެވެ. މިއީ އެބުނާ ދުނިޔެއެވެ. ދުނިޔޭގައި އެކިކަހަލަ ކަންތައްތަކެއް ދިމާވާނެއެވެ. އަޅުންގެ ވާޖިބަކީ ކެތްތެރިވެ ހެއްދެވި ފަރާތަށް ހަމްދު ކުރުމުގައި ދެމި ތިބުމެވެ.
އަވަށު އަވައްޓެރީން ނާހިދާ ނުފެންނާތީ އެކަމާއި ސުވާލުކޮށް ހަދައެވެ. އެއިން ކޮންމެފަހަރު ނަޔާނީ އެ ސުވާލުގެ މައްޗަށް އަތް އަޅައި އޮއްބާލައެވެ. ކޮންމެ ކޮންމެ ފަހަރަކު ސަލާމަތެއް ނުވެވޭނެކަން އޭނާ ދަނެވެ. ރަނގަޅު ޖަވާބެއް ލިބެންދެން ފަރުޖައްސައި ފުއްދާލާނީއެވެ. ނާހިދާ ނެތުމުގެ ފަޅުކަން އިހްސާސް ކުރެވުނީ އިންތިހާއަށެވެ. މިކްޔާލް ރަށަށް އައީ ކޮލެޖުން ކެނޑިގެން ކަމުން އަލުން މާލެ ދާކަށް ނުޖެހެއެވެ. ނާހިދާ ވަކިވުމުގެ ކުރިން އޭލިޔަން ދުނިޔޭގައި ތިބުމުގެ ހުއްދަ ލިބިފައި ވާތީ ދެކުދިންގެ މަޝްވަރާގެ މަތިން ތިން ކުދިން އޭލިޔަން ދުނިޔޭގައި ދިރިއުޅެން ހަމަޖެހުނެވެ. ލިލިޔަން ވެސް ލީވާން ގޮވައިގެން ނަޔާނީގެ ގާތުގައި މަޑުކުރަން ބޭނުންވިއެވެ. ލިލިޔަންގެ މައިންބަފައިން އެވަގުތުކޮޅު ރަށުގައި ނެތުމާއި އެކު މިނިވަންކަން ލިބިފައި އޮތުމުންނެވެ. ބާރުތައް ލިބި ރޫނާގެ ޓްރެއިންގ ފެށިއިރު ނަޔާނީއަށް ވެސް ހާއްސަ ތަމްރީނު ދެވެމުން ދިޔައެވެ. ޖިންނީންނާއި އޭލިޔަނުންނަށް ލިބިފައި ވަނީ ދާދި އެއްގޮތް ބާރުތަކެވެ. ނަތީޖާއެއްގެ ގޮތުން ނަޔާނީގެ ބާރުތައް ލިބި ކޮންޓްރޯލް ކުރަން ދަސްކޮށްދޭން މިކްޔާލް ހުންނާކަށް ނުޖެހުނެވެ. ނަޔާނީ އޭނަގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލީ ނުހަނު ފަސޭހަ ކަމާއި އެކުގައެވެ.
ދެމީހުން ނެތް ތަންވަޅު ބަލައި މިކްޔާލް ކޮށްދިން ހެޔޮކަމުގެ ބަދަލު ދޭން ރާއިދާއި، ރިއާނާ ވައުދުވިއެވެ. މުސްތަގުބަލް އޮތީ ކުރީގައެވެ. ދުނިޔެ ހިނގާނީ ތޮށަލިދުޅައަށޭ ބުނާހެން ދުނިޔޭގައި ލިބޭނީ އުފަލާއި ހިތާމައާއި ހިތްދަތިކަމެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެއޭ ބުނެވޭ ހިނދު އެއީ ދޮގެއް ނޫނެވެ. އެއީ ހިތިކަމާއިއެކު އެހެނަސް ދުނިޔެ ދައްކާ ތެދު ޙަޤީޤަތެވެ.
-ނިމުނީ-
(މިހާ ހިސާބުން އޭލިއަން ސިލްސިލާގެ ތިންވަނަ ވާހަކަ މިނިމުނީއެވެ.)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


