ދަތުރު-4
*އިންސްޓަރގްރަރމް ބޭނުން ކުރަން ފެށުމުން ރާއިމް އަށް ގިނައިން ވާހަކަ ދެއްކޭނެ ކަމަށް ހީކުރީމެވެ. ނަމަވެސް ރާއިމް އޮންލައިން ވަނީ ވެސް ހާލަކުން ފަހަރަކުއެވެ. އަދި އޭގެ އިތުރުން ދެމީހުންގެ މެދުގައި ހަމަނުޖެހުން ވެސް އުފެދެން ފެށި އެވެ.*
ދުވަސްކޮޅަކުން ފެށުނު ސްކައުޓް ކޭމްޕްގެ ސަބަބުން ގިނަވަގުތު އަހަރެން އުޅެންޖެހުނީ ސްކޫލުގައެވެ. އެއީ ހުވައިކުރުމުގެ ކުރިން ވާންޖެހޭ ބައެއް ތައްޔާރީތަށް ވުމަށް ބޭއްވި ކޭމްޕް އެކެވެ. އެހެންކަމުން ގޭގައިވެސް އަހަރެން އުޅުނުލެށް ބުރަކަމުން ރާއިމްއާއި ވާހަކަ ނުދެއްކޭ ގޮތް ވިއެވެ. ވާހަކަ ދެއްކޭ ފަހަރަކު ވެސް ދެމީހުން ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހި ޒުވާބުކުރަން ޖެހެއެވެ. ހަމަޖެހިގެން ރީއްޗައް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ.
އެއްދުވަހެވެ. މިއަދުވެސް އަހަރެން އުޅުނީ ސްކައުޓް ކޭމްޕް ގައި ވަރަށް އަވަދިނެތި އެވެ، ނަމަވެސް ސައިގަޑިކަމުން އަހަރެން އުޅުނީ އެކުވެރިންނާ އެކުއެވެ. ސައިބޮއިގެން އަހަރެންނާއި މިޝްޔާގެ އިތުރުން، އިތުރު ދެކުއްޖަކާއި އެކު އަހަރެމެން ތިބީ ސްކޫލު ގޯތިތެރޭގައި ވާހަކަ ދައްކާށެވެ. ކުޑަބެ އައިސް އަހަރެން ގޮވައިގެން ދުރައް ދިޔައީ އެހެން ތިއްބަ އެވެ.
“ރާއިމް އާ ޒީވާގެ އިންސްޓަރގްރަރމް އިންނަނީ މެޗިން ޔޫސާ ނޭމް އެއް ދޯ؟” ކުޑަބެ ބުނީ ތެދެއް ނަމަވެސް ކުޑަބެއަށް އެކަން އިނގުމުން އަހަރެން ހައިރާންވިއެވެ.
“ކިހިނެއް ކުޑަބެއަށް އިނގުނީ؟” އަހަރެންނަށް ވެސް ކޮއްލެވުނީ ސުވާލެކެވެ.
“ދެން ކޮންމެސް ގޮތަކުން އިނގުނީ” ކުޑަބެ ލާނަތް ގޮތަކަށް ބުނެލުމުން އަހަރެން ގާތަށް އައީ ރުޅި އެވެ.
“ކާކު ބުނީ؟ ދޮންތަ ދޯ؟” އަހަރެން ރުޅިވެރި ރާގަކަށް އަހައިލީމެވެ. އެއީ ނާއިމް އައްވެސް އައިސް އަހަރެމެން ކައިރިއަށް މަޑުކޮށްލެވުނު ވަގުތެވެ. “ނާއިމް! ކަލޭ ދޯ ބުނީ؟”
“ކޯއްޗެއް؟ ކާކު ކައިރީ؟” ނާއިމްއަށް އަހަރެން ބުނި އެއްޗެއް އިނގޭ ކަމަކަށް ނުވި އެވެ. އަހރެން ގާތަށް އިތުރަށް ރުޅި އައެވެ.
“ޒީވާ ހަަމަޖެހިބަލަ. ނާއިމް އެށް ނޫނޭ ބުނީ” އަހަރެން އެއްޗެކޭ ބުނުމުގެ ކުރިން ކުޑަބެ އަވަހަށް ބުންޏެވެ.
“ދެން ކާކުހޭ ބުނީ…؟” އަހަރެންނަށް ރުޅި އައިސްގެން ހަޅޭލަވައިގަނެވުނެވެ. ތަންކޮޅެށް ދުރުގައި ތިބި ފިރިހެން ގްރޫޕް ވެސް އަހަރެމެންނާއި ދިމާލަށް ބަލައިލި އެވެ. އެމީހުންނަށް އަހަރެން ނުފެންނާނެހެން ނާއިމް ކުރިމައްޗައް އެރި އެވެ.
“އެކަކުވެސް ނޫން. ގެއައް ގޮސް ދޮންތައާއި ދިމާލަށް އެއްޗިހި ނުކިޔާތި” ކުޑަބެ ވާހަކަ ދެއްކީ މަޑުމައިރިތި ރާގަކަށް ނަމަވެސް، އަހަރެން އިތުރަށް ރުޅިއައުން ފިޔަވައި އެހެންކަމެއް ނުވިއެވެ.
“ދެން ކާކުހޭ ބުނީ؟”
“ޒީވާއަށް ކިހިނެއްތަވީ؟ އައިމަންއަށް ކޯއްޗެއް އިނގިގެން ތިވަރުތި ވަނީ؟ މަ އައިމަން ކާރީ ކީކޭ ބުނެގެން؟” މޫނުމަތީގައި ސުވާލުމާކެއް ޖަހައިގެން އިނދެ ނާއިމް އަހައިލި އެވެ.
“ޒީވާ އާ ރާއިމްގެ އިންސްޓަރގްރަރމް ޔޫސަރ ނޭމް އިންނަނީ އެއްގޮތަކައަކަން އިނގުނީމަ”
“އާނ…އެއީ ތެދެކޭ. ތިދެމީހުން އަސްލުވެސް ކަމެއް ދޯ. ކުދިން އެހެން ކިޔާ އަޑުއަހަން…މަ ހީކުރީ މަޖަލަކަށް ކިޔާ އެއްޗެއް ކަމަށް.” ނާއިމްގެ މޫނުމަތީ ކުލަވަރު ބަދަލުވި އެވެ. ތަރުޖަމާ ކުރަން އުނދަގޫ ކުލަވަރެކެވެ.
“ކަލޭ ކޮންމެހެން އޮޅުވާލަން އުޅޭނެކަމެއް ނެތޭ. ހުރިހާ ކަމެއްވެސް އިނގެއޭ. ނޭނގޭކަމަށް ހެދިގެން ތިއުޅެނީ. މަ ކޮންމެ މީހަކާ ރައްޓެހިވިޔަސް ކަލޭއާ ބެހޭކަމެއް ނޫން އެއިކީއެއް. މަށަށް އިނގެއޭ ކަލޭކަން ކުޑަބެ ކާރީ ވެސް އެވާހަކަ ބުނީ” ސީދާ ނާއިމްގެ ކުރިމައްޗަށް ހުއްޓެމުން އެއްފައްޗަކަށް އަމުނައިލީމެވެ. އަހަރެން ހުއްޓި ހުރި ގޮތުން ދުރުގައި ތިބި ފިރިހެން ގްރޫޕްއަށް އަހަރެން ރީއްޗަށް ފެންނާނެ އެވެ.
“އަޅެ މަށެށް ނޫނޭ ބުނީ”
“ކަލޭ ދޮގުހަދާނެ ކަމެއްނެތް. ކަލޭ ނޫނީ ދެން ކާކު ބުނާނީ.” ނާއިމްއާއި ކައިރިއަށް ފިޔަވަޅެއް އަލަމުން ބުނީމެވެ. އެމަންޒަރު ފެނި ދުރުގައި ތިބި ފިރިހެން ކުދިންތައް ނާއިމްއަށް ގޮވަން ފެށިއެވެ. ދިމާކުރާ ފަދަ ގޮތަކަށެވެ.
“ކިހާ ދެރަ ކަމެއް. ކައޭމެން ޖޭވީތަ؟” ނާއިމް އެމީހުންނާއި ދިމާލަށް އެހެން ބުނެފައި އަނެއްކާ ވެސް އެމީހުންނަށް އަހަރެން ނުފެންނާނެހެން ކުރިމަށްޗައް އެރި އެވެ. މިފަހަރު އޭނާ އިނީ ވެސް އަހަރެންނާއި ވަރަށް ކައިރީގަ އެވެ.
ނާއިމް އެހާ ކައިރިވުމުން އަހަރެންގެ ހިތް އަވަސްވި އެވެ. ރައްކާތެރިކަން އިހުސާސް ކުރެވުނެވެ. ހިނދުކޮޅަކަށް ނަމަވެސް ދެންމެ ދެކެވެމުން ދިޔަ ވާކަހަ ހަނދާންނެތުނެވެ. ރާއިމް މަތިން ހަނދާން ނެތުނެވެ.
“ޒީވާ ކީއްކުރަންތަ މަ އެމީހުންނަށް ޒީވާ ނުފެންނާނެހެން ހެދީމަ އަނެއްކާ އެމީހުންގެ ކުރިމައްޗަށް ދިޔައީ؟ މަ ނުބުންޏަސް ޒީވާއަށް އިނގޭނެ އެމީހުންގެ ގޮތް ރަނގަޅަށް. މަ ވަރަށް ރުޅިއާދޭ އެމީހުން އުޅޭ ގޮތުން. އެމީހުން ޒީވާއަށް ބަލާ ގޮތުން ވެސް.” ނާއިމް ހުރިހާ ވާހަކައެއް ދެއްކީ އަހަރެންގެ މޫނަށް ބަލަން އިނދެއެވެ. އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. ދެން ވެސް ވަހަކަ ދެއްކީ ނާއިމް އެވެ. “އެންމެ ފަހުފަހަރަށް މިބުނަނީ…މަށެށް ނޫން އައިމަން ކާރީ އެވާހަކަ ބުނީކީ”
“ދެން ކާކު ބުނީ” އަހަރެންނަށް ބުނެވުނީ ވައި އަޑަކުންނެވެ. އެއޮއް ހުރިހާ ވަގުތަކު ކުޑާބެ އިނީ އެހެން ދިމާލަކަށް ބަލަން އަމިއްލަ ދުނިޔެއެއްގައެވެ.
“އަޅެ މަށަކަށް ނޭނގެއޭ. ކިތަށް ފަހަރު ޒީވާ ކާރީ ބުނަންވީ މަށެށް ނޫނޭ ބުނީކީ. މަށަލަށް ނޭނގެ އައިމަންއަށް އިނގުނު ގޮތެއް. މަ ހަނދާނެއްވެސް ނެތް…އައިމަން އެހެން ބުނީމަ ހަނދާންވީ” މިފަހަރު ނާއިމް ވާހަކަ ދެއްކީ ތަންކޮޅެއް ބާރަށެވެ. އެއަޑުގައި ރުޅިވެސް އެކުލެވިގެން ވެއެވެ. އަހަރެން ކުޑަކޮށް ސިހޭގޮތްވި އެވެ. އެކަން ނާއިމްއަށް ފާހަގަ ވެސް ކުރެވުނެވެ. އެދެލޮލުގައިވީ ރުޅިވެރިކަން އެކުހެން ގެއްލުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


