އޭލިއަން ސިލްސިލާ: ވަރަ – 14
” އެނގޭތަ އަހަރެން ރާއިދާއި ވާހަކަ ދައްކަން ފެށީ ކީއްވެކަން؟.. އޭރުން އަހަންނަށް މިދުނިޔެއަށް އައިސް ތިމީހުންނަށް ޝައްކު ނުވާގޮތަށް އުޅެވޭނެތީ.. ކަލޭމެންގެ ބައްޕަ އަކާއި ހެދި އަހަންނަށް ފުއާދުގެ އަތުން ބާރުތައް ގެއްލުނީ.. އެހެންވެ.. އަހަންނަށް އެނގޭ އޭރު ފުއާދުގެ ބާރުތައް އެޅި ފަށް އޮތީ މިއާހުގެ އަތުގައި ކަން.. .. ” ފަޒްނާ ބުނީ މިކްޔާލުގެ ބައްޕަ މިއާހުގެ ވާހަކައެވެ. ދެކަންފަތް ދީގެން މިކްޔާލް ހުރީ ފަޒްނާ ބުނާ އެއްޗެއް އަޑުއަހާށެވެ. “އެކަމަކު އޭނަ މިހާރު ދުނިޔޭގަ ނެތެންނު.. އޭނަ އޭތި ދޭނީ ނާހިދާއަށް ނޫން ދެން ކާކަށް.. އެހާ ބާރުގަދަ ފަށެއް ކުޑަކުއްޖެއްގެ އަތަކަށް ނުދޭނެދޯ އެކަކުވެސް.. އެހެންވެ ނާހިދާ މަރާލާފައި އެފަށް ނަގަން އަހަރެން މިހުރީ.. އަހަންނަށް އެގެޔޭ އެފަށް ހިފައިގެން ކަން ކަލޭމެން އައީ.. ” ދެބުމަ ގޮށްޖަހައިގެން ހުރެ މަކަރުވެރި ކަމާއިއެކު ފަޒްނާ ހީލިއެވެ.
” އަޅެފަހެ ކަލޭ ތިއީ މޮޔައެއްތަ؟.. ތަންދޮރު ނުބަލާ މީހުންމަރާ ތަންތަން ސުންނާފަތި ކުރަން؟.. އޭނ؟؟؟. ” އިސްޖަހައިގެން އިން ނަޔާނީ ކުއްލިއަކަށް ފުންމައިގެން ތެދުވެ ހަޅޭއްލަވައިގަތެވެ. އެއާއިއެކު މިކްޔާލުގެ ނަޒަރު ނަޔާނީއަށް ދަތުރު ކުރިއެވެ. އެހައި ކުޑަ ބަސްކޮޅަކުން ނަޔާނީއަށް ވާނުވާ ނަގައިގަނެވުނީއެވެ. އެވަގުތު މިކްޔާލްގެ ހިތަށް މިއަދު ހެނދުނު ދިމާވި ކަންތައްތައް އައެވެ. ރޫނާ ބުންޏޭ ކިޔައިން ނަޔާނީ ދެއްކިހައި ވާހަކަތަކެވެ.
“ކަލޭ މަރުވާން ބޭނުންވީތަ؟.. ” އެއްކޮލަށް އަޑިކޮޅެއް އަރުވައި ފަޒްނާ ހީލިއިރު އޭނަގެ ސުވާލު އަމާޒުވީ ރުޅިއައިސް ފުފެން ކައިރިވެފައި ހުރި ނަޔާނީއަށެވެ. ފަޒްނާ ކޮންމެ ކަމެއް ކުރިޔަސް ނަޔާނީގެ ފަރުވާލެއް ނެތެވެ. ނާހިދާ އޮތް ހާލަށް އޭނައަކަށް މައާފެއް ނުދެވޭނެއެވެ. މިކްޔާލާއި ފަޒްނާ ޖަދަލުކުރި ވަގުތުކޮޅަށް ފަހު ބޮޑުބައި އޭނައަށް ސާފުވީއެވެ. ހުރިހާ ކަމެއް އަވަހަށް ނިންމާލަންވީއެވެ. ކަންތައްތައް ނިމުނުހާ އަވަހަކަށް މިކްޔާލުގެ އަނގައިން ނެރެން ޖެހޭ ލައްކަ ވާހަކައެއް އެބަހުއްޓެވެ. ބަހާނާ ދައްކައި ހިންދާލާކަށް މިކްޔާލަށް މިފަހަރު ތަނެއް ނުދެވޭނެއެވެ.
“މަރުވާން ބޭނުމީހޭ؟.. ތިދެން ކާކު އަހާ ކަހަލަ ސުވާލެއް؟.. ޕިސްޕިސް. ހަމަ ރަނގަޅަށް ވެސް މޮޔަވެފަ ދޯ ތިހިރީ؟.. ހެހެ “. ފަހުބަސްތަކަށް ބާރުލައި ރުޅިވެރިކަމުގެ މައްޗަށް އަތްގަދަކޮށް ނަޔާނީ ގަދަކަމުން ހީނގަތެވެ. ނަޔާނީގެ ހަރަކާތްތަކަށް ބަލަން ހުރި ފަޒްނާގެ މޫނުމަތީގައި ވަނީ ބަޔާންކޮށްދޭން ނޭނގޭ ފަދަ ކުލަވަރެކެވެ.
” އުހުނ.. މޮޔަވީ ކާކުކަން ދައްކާލާނަން.. ” ނުރައްކާތެރި ބެލުމަކުން ދެލޯ އަޅަން ހުރުމަށްފަހު ފަޒްނާގެ އަމިއްލަ ސޫރަ އަށް ބަދަލުވެ އަތުން ހަދާލި ގޮތަކުން ނަޔާނީއަށް ހީވީ އޭނަގެ ބޮލަށް ވާރޭގަނޑެއް އޮއްސާލިހެންނެވެ. ފެންޖެހި ތެމުމުން ނަޔާނީ ހީކަރުވައިގަތެވެ. މިކްޔާލަށް ވީގޮތް އެނގުމުން ތަންކޮޅެއް ދުރުގައި އަލިފާންގަނޑެއް ޖެއްސެވެ. ނަޔާނީ ނަގައިގެން އޭގެ ކައިރީގައި ބައިންދާފައި އެނބުރި އައެވެ. އަލިފާނުގެ ނަޒަރަކުން ބަލައިގެން ހުރި ފަޒްނާއާއި ކުރިމަތިލީ ފަޒްނާއަށް ލިބިދާނެ ހާނިއްކައަކަށް ނުބަލައި އަނިޔާ ދޭން ހިތު ކަނޑައަޅައި ގެންނެވެ.
މިފަހަރު މިކްޔާލް އަނގައިން ބަހެއް ބުނާކަށް ނަހަދައެވެ. ފަޒްނާ އާއި ދިމާލަށް އަލިފާން ބޯޅަތަކެއް އުކަންފެށިއެވެ. ހިންދަމައި ނުލެވި އުޅެނިކޮށް މިކްޔާލް އަތުން ނެރުނު އަލިފާނުގައި ޖެހި ވިއްސައިގެން ގޮސް ފަޒްނާ މާދުރަށް ޖެހުނެވެ. އޭނައަށް ހަރަކާތް ކޮށްލާނެ ފުރުސަތެއް ނުލިބުނެވެ. މިކްޔާލް އަތުން ގޮތެއް ހަދައި ފަޒްނާގެ ހަތަރެސްފައިގައި ކަސްތޮޅު އަޅުވާލިއެވެ. ކޮށްޓަކަށް ލައި މަކުޑި އެޅުވީ އެސްފިޔަ ޖަހާލާ ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައެވެ.
“އެނގޭތަ؟ އަހަރެމެން ޖިންނިން ކަލޭމެން އޭލިއަނުންނަށް ވުރެ މާބަރުގަދައޭ.. މީގެ ފަހުން ޖިންނިއަކާއި ކުރިމަތިލަންޏާ ދެވަނަ ފަހަރަށް ވިސްނައްޗޭ.. ” ކާމިޔާބު ލިބުމުން އުފާވެފައި ހުރި މިކްޔާލް މަލާމާތުގެ ރާގަކަށް ހީލައިފިއެވެ. އިސްޖެހިފައި ފަޒްނާއަށް އިނދެވުނީއެވެ. އޭނަ ބަލިވީ ކިހިނަކުން ހެއްޔެވެ؟ ބާރުތައް ލިބުމުން އޭނަ ތައްޔާރުވީ އޭލިޔަން ދުނިޔޭގެ ނިމުން ދެކިލާށެވެ. ރުޅިން ދެއަތް މުށްކަވައިލެވުނެވެ. މިކްޔާލުގެ މަތިން ހަނދާން ވެފައެވެ. އެ ޖިންނި އޭލިޔަން ދުނިޔެއަށް ފިޔަވަޅު ނޭޅިނަމަ އޭނަގެ މިނިވަންކަން އޮތީސް ކަންނޭނގެއެވެ. ކުރާނެ ކަމެއް ނެތެވެ. މިހާރު ވަގުތު ފާއިތު ވެއްޖެއެވެ. ހުސްވެސް ތަޤްދީރުގެ ސަމާސާތަކެވެ.
އަލިފާނުގެ އާވިން ލައިގެން ހުރި އަންނައުނުތައް ހިކި ހީކަރުވުން ކެނޑުމުން ނަޔާނީއަށް ތެދުވެވިއްޖެއެވެ. އޭރު މިކްޔާލް ފަޒްނާ އާއި ދެމެދު ހިނގި ހަނގުރާމަ ހުއްޓާލައި އަތްދޮވެލައިފިއެވެ. ރޯން އިން މިޝްކާ ވެސް ތެދުވެ ހަމައަކަށް އެޅިލިއެވެ. ނާހިދާ އެއްޗެއްކޭ ބުނަން އުޅޭހެން ހީވެގެން ދެމީހުންނަށް ވެސް ދުއްވައިގަނެވުނީ އެދިމާލަށެވެ.
“މަންމަ ވާހަކަ ނުދައްކާ.. މާބޮޑަށް ހަކަތަ ހުސްވެދާނެ..” މިކްޔާލް ހާސްވެފައި ހުރެ ބެލީ ކައިރި ހިސާބަކުން މީހަކު ފެނޭތޯއެވެ. އެއަށްވުރެ ކުރިން ނާހިދާ އެއްޗެއް ބުނަން އުޅުނެވެ. ހުރަހެއްނެތި މިކްޔާލުގެ ސަމާލުކަން ދިޔައީ އެދިމާލަށެވެ.
“ތި ތިންކުދިން ބަސް.. އަހައިގެން އުޅެއްޗޭ.. މަންމަ ނެތަސްސް.. ނަޔާ ހިއްވަރު.. ކުރައްޗޭ.. ބައްޕަ ކަހަލަ ބާރުގަދަ ކުއްޖަކަށް ވައްޗޭ.. މިޝް ވެސް.. މައިކް ކޮއްކޮ.. މެން.. ނަށް ގޮތެއް.. ވިޔަ ނުދޭތި.. ހާއްސަކޮށް.. މިޝް.. މިޝްއަކަށް ބާރެއް.. ނުލިބޭ.. އެހެންވެ.. މަންމަ.. ނުބުންޏަސް މައިކްކް.. ބަލާނެކަން.. އެނގޭ… މައިކް މިކުދިންނަށް.. ކިޔައިދެއްޗޭ.. އިރާދަކުރެއްވިއްޔާ މަންމައަށް.. ތި ތިންކުދިން.. އަލުން.. ފެންނާނެ… ” ކެއްސަމުން ކޮށިއަރަމުން ހާލުގައި ވިޔަސް ވާހަކަ ދެއްކޭތޯ ނާހިދާ ބެއްޔެވެ. ހުއްޓުމެއް ނެތި ނާހިދާގެ އަނގައިންނާއި ނޭފަތުން ހޯސްލައިފައި ލޭ އަންނަމުން ދިޔައިރު ދެލޯ ހުޅުވައިގެން އިނުންވީ އިތުރު ވޭނަކަށެވެ. މަޑުމަޑުން މަންޒަރު ފުސްވަމުން ދިޔައެވެ. އިތުރު ނޭވާއެއް ނުލެވުނެވެ. ނާހިދާގެ ގާތުގައި އުޑުފައިން އިށީނދެލި ނަޔާނީގެ އަންނައުނުތައް ވެސް ލެއާއި ތަތްތެޅުނެވެ. މުޅި ހިސާބު ގަނޑު ހީވަނީ ރަތް ދޫލައެއް އަޅާލައިފައި އޮތް ހެންނެވެ. ނަމަވެސް އެކަމަކަށް ވިސްނާނެ ވަގުތެއް ނުލިބުނެވެ. ފަނޑު ހިނިތުންވުމަކާއި އެކީ ނާހިދާ އޭނަގެ އެންމެ ފަހު ނޭވާ ދޫކޮށްލީއެވެ.
މިކްޔާލަށް އޭނަގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލަ އިޙްސާސެއް ކުރެވުނެވެ. މިޝްކާ ނުރޯން ހިތުލައިގެން އިނދެފައި ވެސް ރޯން ފަށައިފިއެވެ. ފެންކަޅިވެފައި ނަޔާނީއަށް ބަލަން އިނދެވުނީއެވެ.
ވިސްނަން ހުރެވުނު ވަގުތުކޮޅެވެ. ނަފްރަތުގެ ހުޅުކޮޅު އެތެރެހަށީގައި ރޯވެގަތެވެ. އައި ރުޅީގައި ގަނޑުވެފައި އިން މިކްޔާލުގެ ބުރަކަށިން ކައްޓެއް ނައްޓާލިއެވެ. ތަދުވެގެން މިކްޔާލް އެއްޗެކޭ ކިޔަން އުޅުނެވެ. އެހެން ނަމަވެސް ނަޔާނީގެ ހަރަކާތްތައް ފެނިފައި މަޑުޖެހެވުނެވެ. ބާރު ސްޕީޑްގައި ނަޔާނީ ދުއްވައިގަތީ ކޮށީގައި ހައްޔަރުވެފައި އިން ފަޒްނާއާއި ދިމާލަށެވެ. ނަޔާނީ ކުރަން އުޅުނު ކަންތައްތައް ދެނެގަންނަން މިކްޔާލަކަށް އުނދަގުލެއް ނުވިއެވެ. ބޮލުގައި އަތް އަޅާލެވުނެވެ. ނަޔާނީ އެހެން އެހެދީ އޭނާ އެކަމަށް އޭނަ ތަންދޭނޭ ކަމަށް ހެއްޔެވެ؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


