Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުޑަކުދިންގެމަޖާ

އޭލިއަން ސިލްސިލާ: ވަރަ – 3

Aashii
Aashii Level 310 Stories100 Login
June 15, 2025 3 Mins Read
0 Comments

ތިންކުދިން ނަމާދަށް އެރުމަށްފަހު  ކޮޓަރިން ނުކުތްއިރު މުޅި ގޭތެރޭގައި އެއްވަހަކަށް ދުވަނީ ސޫޕް ކައްކާ ވަހެވެ. ދުވި މީރުވަހުން އެތެރެއަށް ނޯއް ދަމާލުމަށްފަހު ކާހިތުން ނަޔާނީއަށް ސިޑިން އެރުނީ ދުވެފައެވެ. އެހެން ނަމަވެސް ކާގެއާ ހަމައަށް އަރައިފައި ވަކި ހިސާބަކަށް ހުއްޓެވުނީ ކަންފަތުގައި ޖެހުނު އަޑަކުންނެވެ.

 

“ހޭ ސިސް.. ”

 

ސޯފާގައި ދިގަށް ދެފައި ދަމަލައިގެން އިން ޒުވާނާ ނަޔާނީ އަށް ވެދުންކޮއްލީ ލާނެތް ހިނިތުންވުމެކެވެ.

 

” ތުއްތު؟.. ” ނަޔާނީ އަށް ލިބުނީ ކުޑަ ވަރެއްގެ ޝޮކެވެ.

 

” ސިސް ބަދަލެއް ނުވާނެ ދޯ ދުވަހަކުވެސް.. މިހާރުވެސް ސޫޕް ނުކެވިގެން ދުވެ ނަގަނީ ވިއްޔަ.. ”

 

” ތިވާހަކައެއް ނޫނޭ ދައްކަންވީ.. މަދުވެގެން ބުނެލައިގެން އައިނަމައެއްނު.. ” ނަޔާނީ ގަތީ އަމަށަކު ލަދެއް ނޫނެވެ.

 

” އޭރުން ނަޔާ ކީއްކުރާނީ. . ތުއްތުއަށް ކަމެއް ކޮށްދޭ ކުއްޖެއް ވެސް ނޫނެއްނު ތީ.. ” ސޯފާގައި އިން މިކްޔާލް ތެދުވެ ނަޔާނީގެ ނިތްކުރީގައި މަޑުމަޑުން ފުއްޓައްކެއް ޖަހާލިއެވެ. އެއައްފަހު ހިނިތުންވުމެއް ދިނުމަށްފަހު ނަޔާނީގެ އަތުނުވާންވެގެން ކާގޭގެ ދޮރުން އެތެރެއަށް ދެމިގަތެވެ.

 

” އޭއި ތުއްތުގަނޑާ!.. އަދޭ ހަމަ މިހާރު މިތަނަށް.. ”

 

ނަޔާނީ ރުޅިއައިސްގެން މިކްޔާލްގެ ފަހަތުން ދުވަންފެށިއެވެ. ނަޔާނީގެ އަތުނުވާން ވެގެން މިކްޔާލް އަށްވެސް ޖެހުނީ ދުވާށެވެ. ސިޓިންގ ރޫމްގެ ސޯފާތަކުގެ މައްޗަށް އަރައި ތަރުތީބުން ބަހައްޓާފައި ގޮޑިތަކާއި މޭޒުތައް ދުރުކޮށް މުޅި ގޭތެރޭގައި ދެމީހުން ދުވަން ފެށިއެވެ. ދެމީހުންގެ ކޯޅުމުގެ އަޑު ގަދަވެގެން ދެމީހުން ހުއްޓުވަން އެންމެފަހުން އައީ ނާހިދާއެވެ. ލިލިޔަން ނަޔާނީ މަސަލަސް ކޮއްގެން ކާމޭޒު ދޮށުގައި ބޭންދިއެވެ. އޭގެ އަނެއްކޮޅުން މިކްޔާލް ހުރީ ހެވި ދިލިފައެވެ.

 

“ޖަސްޓް ލައިކް އޯލްޑް ޓައިމްސް.. ” މިކްޔާން ނަޔާނީއަށް ބަލައިލަމުން ހީލިއެވެ.

 

” އައިމް ސިކް އޮފް އޯލްޑް ޓައިމްސް .. ” ނަޔާނީ  އިނީ މީހަކަށް ރުޅި އާދެވޭނެ ގޮތެއް ނުފެނިފައިހެން ހީވެއެވެ. ދެކުދިންގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން ތިބި އެހެން މީހުންގެ ގާތަށް  އައީ ހިންޏެވެ.

 

ކައިނިމިގެން ނާހިދާއަށް ތަށިތައް ދޮންނަން އެހީވުމަށްފަހު ލިލިޔަން އިށީނދެލީ ނަޔާނީ ގާތުގައި ސޯފާގައެވެ. ޖެހިގެން ރޫނާ އާއި ރަޔާން އިށީނުމުން މިކްޔާލްގެ ހައިރާން ކަމުގެ ނަޒަރު އެ ދެމީހުންނަށް ދަތުރު ކުރިއެވެ.

 

“ތިއީ ނަޔާނީ އާއި އެއްކޮށް ކުރިން ވެސް އުޅުނު ކުދިންތަ؟.. ކުރިއަކުން މަށެއް ނުދެކެން.. އެހެންވެގެން.. ” ކެރެމް ބޯޑު ނަގައިގެން އައިސް މޭޒު މަތީގައި ބާއްވަމުން މިކްޔާލް ސުވާލު ކޮށްލިއެވެ .

 

” ނޫނެކޭ މިއީ އަލަށް އައި ދެކުދިންނޭ.. އެއީ ރޫނާ ދެން މިއީ ރަޔާން ރޫނާގެ ދޮންބެ.. މައިކް ހައިރާންވާނެ އެދެމީހުން އައީ ކޮންތާކުންކަން އެނގިއްޖިއްޔާ.. ދޯ ރުން.. ” ރޫނާއަށް ބަލާލަމުން ލިލިޔަން އެދެމީހުން ތަޢާރަފު ކޮއްދިނެވެ.

 

” އެއީ ކީއްވެ ؟.. ” މިކްޔާލް އަހައިލިއެވެ.

 

” އަހަރެމެންމީ އިންސާނުންނެއް ނޫނޭ.. ހަނދާން އެބަހުރިތަ މީގެ ހަތްމަސް ކުރިން މި ރަށަށް އެރި އޭލިއަން ދޫނިތައް؟. އަހަރެމެން މިއީ އެމީހުންގެ ބަޔެކޭ.. ” ރަޔާން ބުނެލީ މިކްޔާލްގެ ސިކުނޑި ގޮވާވަރުގެ ހަބަރެކެވެ.

 

” އޭނ؟.. އަސްލުކޮށް؟.. ” ހައިރާންވީ ވަރުން އަތުގައި ގިބި ކެރެމް ފޮތިތައް ތަޅުންގަނޑު މައްޗަށް ވެރިއްޖެއެވެ. ގަބޫލު ކުރަން ދަތިވެފައި މިކްޔާލް އަށް ބަލައިގެން ހުރެވުނީއެވެ.

 

“އާން.. ހެހެ.” ކެރަމް ފޮތިތައް ނަގައިދީފައި ރަޔާން ބޯކަހައިލިއެވެ.

“އެހެންވީމާ ރަނގަޅަކަށް ނޫން މިވީ.. ބަދަލުވެ ދޭންވީނު އެދޫންޏަށް.. އަހަރެން ބޭނުމޭ ބަލާލަން.. ” މިކްޔާލް ހަށަން ބަނދެލައިގެން އިނދެ އާދޭސް ކުރަން ފެށިއެވެ. ކުޑަކުއްޖަކާއި ތަފާތެއް ނެތޭ ނަޔާނީގެ ހިތަށް އެރިއެވެ.

އޭނަ ވަގުތުން އަތް މަޅައިލައިފައި މިކްޔާލް ބޮލުގެ ފުއްކިބައިގައި ޖެއްސެވެ.

 

” ބޭނުން ބޭނުން އިރަކު ރުނާ މެންނަކަށް އެފޯމްއަށް ބަދަލެއް ނުވެވޭނެއޭ ތުއްތު ބުންޏެކޭ ކިޔާފަ.. ” ނަޔާނީ ހިތްހަމަ ނުޖެހިފައި ދެލޯ އަޅާލިއިރު މިކްޔާލް އޮތީ ބޮލަށް ތަދުވިވަރުން ބޮލުގައި އަތް އަޅައިގެންނެވެ. އެހެން ނަމަވެސް އިރުކޮޅެއް ނުވެ ތެދުވެ ކެރެމް ބޯޑު މަތީގައި ކެރަމް ފޮތިތައް އަތުރަން ފެއްޓެވެ.

” ކެރެމް ކުޅެން އިނގޭތަ؟.. ހިނގާބަ ކުޅެލަން.. ” މިކްޔާލް އެދުމުން ލިލިޔަން އާއި ރޫނާ އަދި ރަޔާން އެއްބަސްވިއެވެ. އެހެން ކުދިން ކިޔާވަރުން ނަޔާނީއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ފަސް ކުދިން އެކީގައި ކެރަމް ކުޅެން ތިބުމަށްފަހު އަސްރު ނަމާދަށް ބަންގި ގޮވުމުން ކުޅުން ހުއްޓާލުމަށްފަހު ދިޔައީ ނަމާދު ކުރާށެވެ.

 

~~~~~~~

 

ރޭނގަޑު ނިދާ ގަޑި ޖެހުނެވެ. ނަޔާނީ ނިދާ ކޮޓަރީގައި އެހެން މީހަކު ނުނިދާތީ ރޫނާ އޮތީ ނަޔާނީ ނިދާ ބަންކްބެޑުގެ ތިރީ އެނދުގައެވެ. މިކްޔާލް ރަށުގައި ހުރި ދުވަހެއް ކަމުން ރަޔާން ބޭއްވީ މިކްޔާލްގެ ކޮޓަރީގައެވެ. މިއަދު ހަވީރު ނާހިދާ ހަވާލުކުރި މަސައްކަތަކީ މިކްޔާލްގެ ކޮޓަރި ސާފުކޮށް ހިރަފުސްފޮޅައި ކުނިކެހުމެވެ. މިކްޔާލްގެ ގާތުގައި މާކުއްލި ގޮތަކަށް ރަށަށް ވަޑައިގަންނަވަން ޖެހުނު ސަބަބަކީ ކޮބައިތޯ ނަޔާނީ އެހުމުން އައީ އަންނަ ހިތްވީމައި ކަމުގައި މިކްޔާލް ބުންޏެވެ. އެކަމާއި ހުރެ ނަޔާނީ ބޯގޮވައިފައި ހުންނަތާ ކިތަންމެ އިރެކެވެ. ސުވާލުކުރުމުން މިކްޔާލް ޖަވާބު ދިނީ ވެސް ފާޑަކަށެވެ. އެކަމާއި ހުރެ ކޮންމެވެސް ކަމެއް ވެއްޖެކަން ނަޔާނީއަށް އެނގެއެވެ . ނޭނގެނީ ވީ ކޮންކަމެއް ކަމެވެ.

 

ކޮޓަރި ތެރޭގައި ވީ ނިމުމެއް ނެތް ހަމަހިމޭން ކަމެކެވެ. ދެއަތް ބޯދަށަށް ވިއްދައިގެން ސީލިންގަނޑަށް ނަޒަރު ހުއްޓާލައިގެން ފުން ވިސްނުމެއް ގައި ނަޔާނީ އޮތެވެ. ކޮންމެވެސް ބޮޑުކަމެއް ކުރިމަތިވާން އުޅޭ ކަމަށް ބުނެ އޭނަގެ ހިތް އިންޒާރު ދެނީއެވެ. ކުށްހީއެއް ކަމެއް ނުވަތަ ތެދެއްތޯ ބުނެދޭން ޚުދު ނަޔާނީއަށް ވެސް ދައްޗެވެ. އޭނައަށް ކުރެވެމުން ދިޔައީ އަތުން އެއްޗެއް ބީވެގެންދާ ކަމުގެ އިހްސާސެކެވެ. ކުރާނެ ކަމެއް ނޭނގިފައި ނަޔާނީއަށް އޮވެވުނީއެވެ.

 

އިރުކޮޅަކަށް ފަހު ދެލޮލަށް ނިދި ބަރުވާން ފެށުމުން ނަޔާނީ ދެލޯ މަރައިލިއެވެ.  އެވަގުތު ސިހިފައި އަލުން ލޯ ހުޅުވާލެވުނީ އެއްޗެއް ދިއްލޭހެން ހީވެގެންނެވެ. ރޫނާއަށް ގޮވަންވެގެން ތިރީ އެނދަށް ބޯ ކޮއްޕާލި ވަގުތު ނޫކުލައިގެ އަލި ނިވިދިއްލެމުން އައެވެ. އެއަލި އައީ ރޫނާގެ އަތުގައި އަޅާފައި އޮތް ފަށު ފުލުންނެވެ. ކުރާނެ ކަމެއް ނޭނގި ވާގޮތް ބަލަން ނަޔާނީ އޮތީ ގޮވިއްޔާ ރޫނާގެ ނިދި ހަލާކުވެދާނެއޭ ހިތައެވެ. އެހެންނަމަވެސް އިރުކޮޅަކު އޮވެ ވެސް އެއަލި ކެނޑޭ ގޮތެއް ނުވިއެވެ. އަލުން މުހިންމު ކަމަކަށް ވެދާނެއޭ ހިތައި ޙިޔާލު ބަދަލުވެ ރޫނާއަށް ގޮވަން ނަޔާނީ އަނގަ ހުޅުވައިލިއެވެ.

 

” ހޭ ރުން ލޯ ހުޅުވަބަ.. ” ނަޔާނީ ރޫނާގެ ކޮލުގައި އަތް ޖައްސާލިއެވެ.

 

“ކީކޭ؟..” ރޫނާ ވާހަކަ ދެއްކީ ނިދީގައެވެ. އޭރު ނަޔާނީ އޮތީ ރޫނާ އާއި ދިމާލަށް ބަލަހައްޓައިގެން ދެލޯ ބޮޑުކޮށްގެންނެވެ.

 

“ރުންގެ ފަށުން ނޫ އައްޔެއް އެޅޭ އެބަ.. އެއީ ކީއްވެ؟..” ނަޔާނީ އަހައިލިއެވެ.

 

“ކީކޭ ؟.. އައްޔެކޭ؟..” އައްޔެކޭ ބުނުމުން ރޫނާ ސިހިފައި ދެލޯ ހުޅުވާލިއެވެ. ފަށު ފުުލުން ނިވިދިއްލި ނުކުންނަމުން ދިޔަ ނޫ އަލި ފެނިފައި ރޫނާގެ ނިދި ފިލައިފިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ކަތި ފިޔަވަޅު – ޓްރެއިލާ

Next

އޭލިއަން ސިލްސިލާ: ވަރަ – 9

Next
June 15, 2025

އޭލިއަން ސިލްސިލާ: ވަރަ – 9

Previews
June 15, 2025

ކަތި ފިޔަވަޅު – ޓްރެއިލާ



All Right Reserved!