ރޭފަނާ – 6
ކޮންމެ ދުވަހެއްގެ ވަގުތުތައްވެސް ދަނީ އެހާމެ ދިގުދެމިގެންނެވެ. ހަފްތާއެއްތެރޭ ފަންޑިތަވެރިން އަންނަ ވާހަކަ ބުނެފައި އޮތުމުން އާދިލްގެ ދެމަފިރިން ތިބީ ކެތްމަދުވެފައެވެ. ކޮންމެ ރެޔަކީވެސް ނުނިދާ ދެމަފިރިން ފޯރި މަރަންޖެހޭ ރެޔެކެވެ. މިރެޔަކީވެސް އެފަދަ ރެޔެކެވެ. އާދިލް އާ އުމްނިއްޔާ ތިބީ ގޭދޮށުގައި ފޯރިމަރަންށެވެ. ކޮންމެ ކަމެއް ދިމާވިޔަސް ކުރިމަތިލާން ތިބީ ތައްޔާރަށްށެވެ. ދަރިންތަކުގެ އަރާމު ނިދި ގެއްލޭކަށް އެ ދެމަފިރިން ބޭނުމެއްނުވެއެވެ. މިހެން ތިއްބާ ރަށު މީހަކު ދުވަމުން އާދިލްމެންގެ ގޭކައިރިން ދާތަން ފެނިގެންދިޔައެވެ. ވެގެން އުޅޭ ގޮތެއް ބަލަން އާދިލް ބޭނުންވިޔަކަސް އޭނާއަށް މުހިންމުވީ އާއިލާއެވެ. ދުވަމުންދިޔަ މީހާ ހުއްޓުމަށްފަހު އާދިލްގެ ގޭދޮށަށް އައިސް ހުއްޓުނެވެ. އަދި މާނޭވާލާ ހާލު ފާރުގައި އަތް ވިއްދާލިޔެވެ. އެއީ އާދިލްމެނާއެކު މަހަށް ދިޔަ މުރާތުއެވެ.
އާދިލް : ބަލަ މުރާތު ކިހިނެއް ވެގެން ތިޔައުޅެނީ؟
މުރާތު : ކަލޯ މަށާއެކު ފޯރިމަރަން އުޅުން ހަސަނު ގެއްލިގެން މިއުޅެނީ އަތިރިޔަށް ދިޔަ ގޮތަށް އޭނާ ނާދޭ
އާދިލް : ކަތީބުއަށް އަވަހަށް އަންގާ ގޮސް. އަހަރެންވެސް މިހުރީ އަހަރެންގެ އާއިލާ ރައްކާކުރަން
މުރާތު : އާނ ކަތީބު ކައިރިޔަށް ދަމުން މިގޭ ހާލުވެސް ބަލާލަން މި އައީ.
އާދިލް : ހުށިޔާރުވެގެން ހުންނާތި. ކަތީބަކަސް ހަމަ ފުރޭތަޔަކަށް ވެދާނެ
މުރާތު : އަޅެ ވާހަކަ ނުދައްކާހުރޭ.
މުރާތުއަށް އިންޒާރު ދިނުމުގެ ގޮތުން އާދިލް ހެދީ ތެދެވެ. ނަމަވެސް މުރާތު އެކަން ގަބޫލްނުކޮށް އަވަސް އަވަހަށް ކަތީބުގެ ގެޔަށް ދިޔައެވެ. އެގޭ ދޮށުގައި ދޮން ކާސިމްބެ ދެ އަތް ފުރަގަހަށް ލައިގެން ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. މުރާތު މާނޭވާ ލާ ހާލު ދޮން ކާސިމްބެއާ ތަންކޮޅެއް ދުރަށް ހުއްޓިފައި ހަނާ އަޅާލިޔެވެ. އެހިނދު ދޮން ކާސިމްބެ ހިނިތުވެލާފައި އަންނަމުންދިޔައެވެ.
ދޮން ކާސިމްބެ : ކަލޯ މިގަޑީ ކޮންކަމެއް؟
މުރާތު : ކާސިމްބޭ ކަމަކު ދާކަށް ނެތް މިއުޅެނީ މަށާއެކު ފޯރިމަރަން އުޅުނު ހަސަނު ގެއްލިގެން. އަތިރިޔަށް ދިޔަ މީހާ ފެންނަންވެސް ނެތް. އެހެންވެ ކަތީބުއަށް އަންގަން މިއައީ
ދޮން ކާސިމްބެ : އިހަށް މަޑުކޮށްލާ. ކަތީބު މިވަގުތު އުޅެނީ ކަމެއްގަ އިރުކޮޅަކުން އާދޭ.
ކާސިމްބެ އެހެން ބުނުމުން މުރާތު ހިތްހަމަ ނުޖެހިގެން ޒުވާބުކުރަން ފެށިޔެވެ. އެންމެ ފަހަށް މުރާތު ރުޅި އައިސްގެން ސަރަހައްދު ދޫކޮށްދިޔައެވެ. އެޔަށްފަހު ދޮންކާސިމްބެ ދޭތޯ ބަލަން ފާރަލަމުންދިޔައެވެ. މިހެން ހުއްޓާ ދޮންކާސިމްބެ ގެޔަށް ދިޔަ މަންޒަރު ފެނުމުން މުރާތު މަޑު މަޑުން ފިލަ ފިލައިގެން އައިސް ކަތީބު ގޯއްޗަށްވަދެ ދިޔަގޮތައް ކަތީބުގެ ދޮރުގައި މަޑު މަޑުން ޓަކިދެމުންދިޔައެވެ. ދޮރު ނުހުޅުވުމުން ކުޑަކޮށް ދޮރުގައި ހިފާ އެތެރެޔަށް ކޮއްޕާލުން ދޮރު ހުޅުވުނެވެ. ގޭތެރެޔަށް މުރާތު ވަދެގެން ކަތީބު ހޯދަން މަސައްކަތްފެށިޔެވެ. ގޭގައި ހުރި ދެ ކޮޓަރީގަވެސް ޓަކި ދިނުމަށްފަހު ޙަބަރެއް ނުވުމުން އައި ކޮޅަށް އަނބުރާ ދިޔުމަށް ނުކުތެވެ. ކަތީބުގެ ގޭ ފުރަގަސްމަގުން ހިނގާފައި ދަނިކޮށް މުރާތު ކަންފަތުގައި އަޑެއް ޖެހުނެވެ. އެއީ މީހަކު އެެއްޗެއް ހަފައިގެން ކާކަހަލަ އަޑެކެވެ. އެ އަޑު އަންނަމުންދިޔައީ ކަތީބުގެ ގޭ ފުރަގަހުންނެވެ. މަޑުމަޑުން މުރާތު އެ އަޑު އަންނަ ދިމާލަށް ދިޔައެވެ. ކަތީބު ގޭގެ ފާރުމަތިން ބޯ ދިއްކޮލުމާއެކު ފެނިގެން ދިޔައީ ސިއްސާގެންދާފަދަ މަންޒަރެކެވެ. އެހާމެ ބިރުވެރިޔެވެ. ދެފައި ވަށްކޮލައިގެން ކަތީބު އިނެވެ. އޭނާ ކައިރީގައި ބިންމަތީގައި މީހަކު ބޭއްވިފައި އޮތެވެ. އެއީ ގެއްލިގެން ހޯދާ ހަސަނެވެ. ކަތީބު އޭނާގެ އަތް އުފާލާގެން އެ އަތް ކަލާކާލާ އިނެވެ. އިރުކޮޅަކުން އަތް ކައި ނިންމާލުމަށްފަހު ހަސަނުގެ ބަނޑަށް ދެ އަތް ގަންނުވާލިގޮތައް ފަޅާލާ ގުނަވަންތައް ނަގައިގެން ކަމުންދިޔައެވެ. މި މަންޒަރު ބަލަން ތުރުތުރުއަޅާ ހާލުގައި ހުރި މުރާތުއަށް ހަނދާންވެގެން ދިޔައީ އާދިލްބުނި އެއްޗެވެ. އަވަސް އަވަހަށް ދިޔުމުގެ ނިޔަތުގައި އެނބުރިގަތްއިރު ކުރިމަތީ ހުރީ ދޮންކާސިމްބެއެވެ. ދޮންކާސިމްބެ ގޮށްމުއްކަވާފައި މުރާތު މޫނުމަތީ ޖެހިގޮތަށް ހޭނައްތާލިޔެވެ.
މުރާތު ހޭ އެރިއިރު ދެއަތާ ދެފައި ވަނީ އެއްސިފައެވެ. އޭނާ ކުރިމަތީގައި ދޮންކާސިމްބެއާ ކަތީބު ދިޔައީ ހަސަނުގެ ހަށިގަނޑު ކަމުންނެވެ. އެ ހަށިގަނޑުގެ ބާކީ މިހާރު އޮތީ ބޮލާ އަތަކާ އެކަންޏެވެ. މުރާތު ބަލަން އޮށްވާ ދޮންކާސިމް ހަސަނުގެ ބޯ ނަގާ ދެފަޅިޔަށް ފަޅާލާގެން ކައި ހުސްކުރިޔެވެ. ބާކީ އޮތް އަތް ކަތީބު ނަގައިގެން އިނދެ ކަމުންދިޔައެވެ. ހަސަނުގެ ހަށިގަނޑު ކައި ނިންމާލުމަށްފަހު ދެމީހުން އެއްފަހަރާ ބަނދެފައި އޮތް މުރާތުއަށް ބަލާލިޔެވެ.
ކަތީބު : މަ ބުނީމެއްނު ކަލޭގެ ކާނާ ކަލެޔަށް އަންނާނޭ
ދޮންކާސިމްބެ : އާނ. މިރޭ އަހަރުމެން ދެމީހުންގެ ބަނޑު ފުރާލެވޭނެ
ކަތީބު : އަހަރެން ކާނީ ކުޑަކޮށް ކަލޭ ބާކީ އެއްކޮށް ކާލާ
މުރާތު : (ރޮއެގަނެފަ) އަހަރެން ދޫކޮށްލާ
ދޮންކާސިމްބެ : ކަލެޔަށް ފުރުސަތު ދިނިން ނަމަވެސް ކަލޭ އަހަރެންނާ ޖަދަލުކުރީ. އެ ފުރުސަތުގެ ބޭނުން ކަލޭ ނުހިފީ
ކަތީބު : އިރު އެރުމުގެ ކުރިން މީނާ ކައި ހުސްކުރަން ހިނގާ. އަހަރެންގެ ގެޔަށް މީނާ ދަމާފައި ވައްދާ ގެންގޮސް.
ދޮންކާސިމްބެ އިންތަނުން ތެދުވެގެން މުރާތު ދެފައިގައި ހިފާ ދަމަމުން ގެންގޮސް ގެޔަށް ވެއްދިޔެވެ. އެޔާއެކު ކަތީބު ގެޔަށް އައިސް ވަދެއްޖެއެވެ. އެ އައިގޮތަށް މުރާތުގެ ކަންފަތުގައި ހިފާ އުފުރާލިގޮތަށް ކާލިޔެވެ. މުރާތު އެޅި ވޭނުން ހަޅޭއްލަވަން އަނގަ ހުޅުވާލިވަގުތު ދޮންކާސިމްބެ އޭނާގެ އަތުން މުރާތު ދުލުގައި ހިފާ ދޫ ބުރިކޮށްލާފިޔެވެ. އަދި ދެލޮލަށް ދޮންކާސިމްބެގެ އިނގިލިތައް ވައްދާލިގޮތަށް ކޮނެލާފިޔެވެ. އެޔަށްފަހު މުރާތުގެ ދެލޮލާ ދޫ ނަގައިގެން ކާލާފިޔެވެ. ބަލަން ހުރި ކަތީބު އައި ގޮތަށް މުރާތުގެ އަނގައި ތެރެޔަށް އަތް ގަންނުވައި ލަގޮނޑި ދަމައިގެނެގެން ކާންފެށިޔެވެ. މިހާރު މުރާތުގެ ފުރާނައެެއްނެތެވެ. ދޮންކާސިމްބެ މުރާތުގެ އަންގަޔަށް އަތް ލެއްވުމަށްފަހު މަތީ ތަލީގައި ހިފާ ބާރަށް ދަމައިގަނެ ބޮލުން އެއް ބައި ލުއްސާލުމަށްފަހު ކަމުންދިޔައެވެ. އެޔަށްފަހު ބޮލުގެ ބާކީ ބައި ނަގައިގެން ކެއުމަށްފަހު މުރާތުގެ ހަށިގަނޑު ދެފަޅިޔަށް ފަޅާ ކަމުންދިޔައެވެ. މި މަންޒަރު ބަލަން ހުރި ކަތީބު ހިނިތުންވުމަށްފަހު ދޮންކާސިމްބެ ކައިރީ ބަސްކިޔަންފެށިޔެވެ.
ކަތީބު : އަހަރެންނަށް ޙަބަރު ލިބިއްްޖެ ފަންޑިތަވެރިން އަންނަ ޙަބަރު މިއީ ކަލެޔަށް އެނގޭ އެއްޗެއްތަ؟
ދޮންކާސިމްބެ : ނޫން. އަހަރެންނަކަށް ނޭނގެ
ކަތީބު : އަހަރުމެންނަށް ފިލާތިބެން އުނދަގޫވާނެ އެމީހުން އަރާފިއްޔާ. މިހާރު މިތިބީ އަހަރުމެން ދެ މީހުން އެކަނި.
ދޮންކާސިމްބެ : ހާސްނުވޭ. ހަނދު ފުރިހަމަ ވުމުން މިރަށަށް އަރާނެ އަހަރުމެންގެ މީހުން އަރާ މިރަށު މީހުން ކައި ހުސްކޮށް ފަޅުކޮށްލުމަށްފަހު މިތަންވާނީ އަހަރުމެންގެ ތަނަކަށް
ކަތީބު : އެންމެ ރަނގަޅު. އެކަމު ކަލޭގެ ކަމަކީ އެ ފަންޑިތަވެރިން ރަށަށް އެރިޔަ ނުދިނުން. އެމީހުން ދުވާލު އަތުވެއްޖެނަމަ ކަލޭގެ ބާރެއް ނޯންނާނެ. އެކަމު ރޭގަނޑުނަމަ ޔަގީން ކަލެޔަށް ކާމިޔާބު ލިބޭނެ. ދެން އަހަރެން ގޮސްލީ ކަލޭ މިތަން ސާފުކުރާތި ނިންމާފަ.
މުރާތު ކައި ނިންމާލުމަށްފަހު ދޮންކާސިމްބެ މުޅިތަން ސާފުކުރިޔެވެ. އެންމެ ލޭފޮދެއްހާހިސާބުވެސް ފެންނާކަށްނެތެވެ. ހުރިހާ ކަމެއް ނިންމާލުމަށްފަހު ތުނޑިޔާ ދިމާލަށް ހިނގާފައި ގޮސް ތުނޑިކޮޅަށް ހުއްޓި ދެކޮޅު ބަލާލުމަށްފަހު މޯޅިޔަކަށް ދެމިލިޔެވެ. އެޔަށް މޫދަށް އެރިގަތެވެ. އެ ދިޔަގޮތަށް އިސްކޮޅު ނުޖެހޭ ހިސާބަށްގޮސް ބާރު ދުވެލީގައި ދަތުރުފެށިޔެވެ. ފަންޑިތަވެރިން ދަތުރުކުރަމުންދާ ދޯނި ހޯދުމަށްށެވެ. ރަށާ ފުދޭވަރަކަށް ދުރުން ދޮންކާސިމްބެ ލޮލުގައި އަޅައިގަތީ ރިޔާނެގި ދޯންޏެކެވެ. އެ ދޯނިއޮތީ ކަނޑުމެދަށް މަޑުކޮށްގެންނެވެ. ދޮން ކާސިމްބެ ބާރު ދެވެލީގައި ގޮސް ދޯނި އަޑިޔަށްވަދެ ބެލިއިރު އޭގެން މަސްބޭނުމަށް ކަންވާރެއް ދޫކޮށްފައި ހުއްޓެވެ. އެންމެ ކަންވާރެއްކަމުން އެ ކަންވާރަށް ނުދަމާ ދޯންޏާ ދުރަށްގޮސް ކަނޑުން ބޯ ހިއްލާލިޔެވެ. އެވަގުތު ފެނުނީ އޭގައި އެންމެ މީހަކު އިންދާއެވެ. ދޮން ކާސިމްބެ އަވަސް އަވަހަށް އަޑިޔަށް ގޮސް އޭނާ ދޫކޮށްގެން އިން ކަންވާރުގައި މަހެއް ހިފާ އެޅުވިޔެވެ. އެޔާއެކު އެމީހާ އެ ކަންވާރުނަގާ ދެމުމަށްފަހު އަނެއްކާވެސް ދޫކޮށްފިޔެވެ. މިގޮތަށް ދުކުރުމުން ދޮންކާސިމްބެ އޭނާގެ ކަންވާރުގައި އެތައް މަހެއް އަޅުވާދިނެވެ. އެޔާއެކު އެމީހާ ދޯނި އޮތްތަނުން ނަގާ މިސްރާބު ޖަަހާ ދިމާލެއް ބަލަން ދޮންކާސިމްބެ އޮތެވެ. އެ ދޯނީގެ މިސްރާބު ހުރީ ފަޅު ރަށަކާ ދިމާލަށްށެވެ. އެ ފަޅުރަށަށް ދޯނި ގޮސް ބީއްސާލުމުން އެ ފަޅުރަށުން ހުދު ހެދުމުގައި ތިބި ބަޔަކު އައިސް މަސްތައް ނަގާތަން ދޮންކާސިމްބެއަށް ފެނުނެވެ. އެއީ ހަމަ ސީދާ ފަންޑިތަވެރިންކަން ދޮންކާސިމްބެއަށް އެނގުނެވެ. އެހެން ކަމުން އެމީހުންތައް މަރާ ހުސްކުރުމަށް ރަށަށް އަރަން ތައްޔާރުވިޔެވެ. އެ ފަޅުރަށާ ގާތްވެ ފަރާ ދިމާލުން ރަށްއެރިޔެވެ. އެޔަށްފަހު މަޑު ހިނގުމެއްގައި ގޮސް ފަންޑިތަވެރިން ތިބި ދިމާ ހޯދިޔެވެ. އެމީހުން ކައިގެން ނިދަންދެން ދޮންކާސިމްބެ މަޑުކުރިޔެވެ. އެމީހުންގެ ތެރެއިން ފޯރިމެރުމަށް ހުރީ އެންމެ މީހެއް ބަހައްޓާފައެވެ. އެންމެން ނިދުމުން ދޮންކާސިމްބެ އޭނާގެ މަސައްކަތްފެށިޔެވެ. ފޯރިމެރުމަށް އުޅުން މީހާ ނިދާފަ ތިބި މީހުންނާ ތަންކޮޅެއް ދުރަށް ދެވުނު ފުރުސަތު ބަލާ އެމީހާ އަތުލައިގަނެ މަރާލިޔެވެ. އެޔަށްފަހު ނިދާފައި ތިބި މީހުންނާ ދިމާލަށްގޮސް ފަހަރަކު މީހަކު އަނގަމަތީ އަތް އަޅާ ކަރު ބިންދާލާ މަރަމުންގޮސް ހުސްކޮށްލިޔެވެ. އެޔަށްފަހު ފުން ނޭވާޔެއްލުމަށްފަހު ދޮންކާސިމްބެ ހިނގާގަތެވެ. ނަމަވެސް ކުއްލިޔަކަށް ހުރި ތަނަށް ހުއްޓުނެވެ. އަދި ފަހަތަށް އެނބުރި ބަލާލިޔެވެ. އޭނާ ދިޔައީ ސިއްސާންނެވެ. މަރާލި މީހުންގެ ހަށިތަކެއް ފެންނާކަށްނެތެވެ. ހުރީ ހުސް ކަރުދާސްތަކެކެވެ. ދޮންކާސިމްބެ ކުޑަކޮށް ހާސްވާންފެށިޔެވެ. ދެން އިވެން ފެށީ މީހަކު ކިޔެވެއްޔެއް ކިޔަވާ އަޑެވެ. އެއީ ވަރުގަދަ ކިޔެވެއްޔެކެވެ. އެ ކިޔެވެލީގެ ސަބަބުން ދޮންކާސިމްބެ ހަތަރެސްފައި މައްޗަށް ވެއްޓިއްޖެއެވެ. އަދި ތުރުތުރު އަޅަންފެށިޔެވެ. އެ ކިޔެވެލި ހުއްޓުމާއެކު އެ ކިޔެވެލި ކިޔެވި މީހަކު ހޯދަން ނަޒަރު ހިންގަންފެށިޔެވެ. އެހިސާބުން ދޮންކާސިމްބެގެ ލޮލުގައި އަޅާގަތީ ގަހެއްގައި ލެނގިލައިގެން އިން މީހެކެވެ. އެމީހާ ލައިގެން ހުރީ ކަޅު ގަމީހެކެވެ. އެމީހާގެ ބޮލުގައި ކަޅު ފޮށާގަނޑެއް އޮޅިފައިއޮތެވެ. ހަމުގެ ކުލަ ކަޅު އެމީހާގެ މޫނުގައިވަނީ އެއްފަޅީގައި ބޮޑު ޒަޙަމްއެއްގެ ނިޝާންއެވެ. އެމީހާގެ މޫނުން އެއީ ހަރުފުރައިގެ ތަޖުރިބާކާރު މީހެއްކަން އެނގުނެވެ. އެމީހާ އަތުގައި ތަސްބީހަފައްޗެއް އޮތެވެ. އެމީހާގެ ހަށިގަނޑު ބިޔަވެފައި އެހާމެ ވަރުގަދައެވެ. އެމީހާއަކީ މުޅި ރާއްޖެޔަށް މަޝްހޫރު ބަކްރުއްސަލާމްއެވެ. ވަނަމުންނަމަ ބަކުރުބެއެވެ. އެންމެ މޮޅު މީހުންތެރޭގައި ހިމެނޭ ހޯދަން އުނދަގޫ ފަންޑިތަވެރިޔާއެވެ.
ބަކުރުބެ : ކަލޭ މިތަނަށް ތިޔަ އައި ކަންތައް ކަލެޔަށް ކާމިޔާބުވާނެހެންހީވޭތަ؟
ދޮންކާސިމްބެ : ކަލޭ މަރާފަވިޔަސް އަހަރެން ކުރަން އައި ކަމެއްކުރާނަން
ބަކުރުބެ : ފުރުތަމަ ކަލެޔަށް ކިޔާދޭން މިއުޅެނީ ކަލޭގެ ގަމާރުކަން. ކަލޭމެންގެ ޙަބަރު އަހަރެންނަށް ލިބުމާއެކު އަހަރެން ރޭވިގޮތަށް ތިޔޮތީ އަހަރެންގެ މަޅީގައި ޖެހިފަ. ފުރުތަމަ ކަލޭ ދޯނި ކައިރިޔަށް ދިޔުމާއެކު އަހަރެންނަށް އެނގެންފެށި. އެހިސާބުން އަދި ކަލޭ އެ ފަހަތުން މިރަށަށް އައިސް ތިޔައެރީ. އަރާ ރަނގަޅަށް އަހަރެންގެ ކިޔެވެލީގައި ޖެހި ކަލެޔަށް ކަރުދާސްތަކެއްވެސް އިންސާނުންގެ ސިފައިގަ ފެނުނީ. އެ ކަރުދާސްތަކުގައި ކަލޭ އަތްލުމުން މުޅި މިރަށް މިވަނީ އަލިފާނުންވަށާ ތަޅުލެވިފަ. މަ ބުނީތީ ކަލޭ މިރަށުން ފައިބަން މަސައްކަތްކޮށްބަލަ ސަމާސާތޯ ބަލަން.
ދޮންކާސިމްބެ : (ބިންމައްޗަށް ކުޅެއްޖަހާފަ) ކަލޭ ހީކުރީ މަ ހަނގުރާމައަކުން ފިލާނެކަމަށްދޯ އެހެނެއްނުވާނެ. ކަލެޔަށް އަދި މަގޭ އަސްލު ބާރާ ސޫރަ ނުފެންނަނީ
ބަކުރުބެ : (ލެނގިލައިގެން އިން ގަހުން ތެދުވެ ގައި ފޮޅާލާ ދެ އަތް އޮޅާލުމަށްފަހު) އަސްލު ސިފަ؟ އަސްލު ބާރު؟ މަށަށް ދައްކާލަބަލަ. މިހާރު ކަލެޔަށް ތެދުވެވޭނެ
ދޮންކާސިމްބެ : (ހިންދިރުވާލާފަ) ބަލަން ހުރޭ
ބަކުރުބެ : މި ހުރީ ކެތްމަދުވެފަ އަވަސްކުރޭ.
ކުއްލިޔަކަށް ދޮންކާސިމްބެ އޮތްތަނުން ގެއްލިލާފާ ބަކުރުބެގެ ފަހަތަށް ފާޅުވެލިޔެވެ. ގޮއްމުއްކަވާފައި ވަރުގަދަ އެތި ފަހަރެއް ބަކުރުބޭގެ ބޮލާދިމާލަށް ދޫކޮށްލިޔެވެ. އެހިނދު ބަކުރުބެ ފުރަގަސް ނުވެސް ބަލާހުރެ ކަނައަތުން އެ ހަމާލާ މަތަށް ކުރުމަށްޓަކާ ދޮންކާސިމްބެގެ މުއްކަވާފަ އޮތް އަތުގައި ހިފިޔެވެ. ހަމަ އެޔާއެކު ކުއްލިޔަކަށް އެނބުރިގަނެ ވައަތުން މުއްކަވާފައި ދޮންކާސިމްބެ ބަނޑުގައި ވަރުގަދަ އެތިފަހަރެއް ބަކުރުބެ އަޅާލުމާއެކު ހީވީ ދޮންކާސިމްބެގެ ބުރަކަށީ ކަށިތައް ބިނދިދާނެހެންނެވެ. އެ ހާލުގައި އޮއްވާ ވަރަށް ބާރަށް ބަކުރުބެ ދޮންކާސިމްބެ ނަގާ ބިމަށް ޖެހިޔެެވެ. އަދި މުއްކަވާފައި ކުއްލި ހަމަލާއެއް ދޮންކާސިމްބެ މޫނަށްދެނިކޮށް ދޮންކާސިމްބެ އެ ހަމަލާއިން ރެކިގަނެ ދުރަޖެހި މާނޭވާލާންފެށިޔެވެ. މިހިސާބުން އޭނާގެ ފުރިހަމަ ބާރު ބޭނުންކުރަން މަޖުބޫރުވެއްޖެކަން އެނގުނެވެ. ދޮންކާސިމްބެ ކޮޅަށް ތެދުވެ ގައި ފޮޅާލުމަށްފަހު ސިފަ ބަދަލްކުރަން ފެށިޔެވެ. އެ ފުރުސަތުދީގެން ބަކުރުބެ ދުރުގައި ބަލަން ހުއްޓެވެ. ފެނިގެންދިޔައީ ދޮންކާސިމްބެގެ ބޮލުން ވަރުގަދަ ކަށިތައްފެޅިތަނެވެ. އަތުން ތޫނު ދިގު ދެކަށި ނެރެލާފިޔެވެ. އަދި ބުރަކަށިންނާ މޭމަތިން ކުލަ ބަދަލްކޮށް މުޅި ގައި ލޮނދިކޮށްލާފިޔެވެ. ހަމުގެ ކުލަ ނޫކޮށް ދެ ލޮލުގެ ކުލަ ރީނދުވެ ދަތްތައް ތޫނުވެ ނުކުމެލާފިޔެވެ. އަތްތިލައިގެ ނިޔަފަތިތައް އެއްވެ ތޫނު ފިޔަައަކަށް ބަދަލްވެއްޖެއެވެ. ފައިގެ އިނގިލިތައްވެސް އެއްވެ ތޫނު ފިޔަތަކަށް ބަދަލްވެ ފައިންވެސް ތޫނު ކަށި ނުކުމެއްޖެއެވެ. އަނގައިގެ ތެރެއިން ދިގު ހަރު ދުލެއް ނުކުމެ ބިންމަތީ ބާރަށް ދެތިން ފަހަރު ޖަހާލިޔެވެ. ދެން ފެނިގެން ދިޔައީ ފަހަތުން ވަރުގަދަ ކަށިފެޅި ނިގުލެއް ނުކުތްތަނެވެ. ސިފަ ބަދަލްވިތާ ވީ ސިކުންތުކޮޅެކެވެ. ބަކުރުބެ ފެންނާކަށްނެތެވެ. ފެނިގެން ދިޔައީ މުއްކަވާފައިވާ ވަރުގަދަ އަތެއް އައިސް ދޮންކާސިމްބެ މޫނުމަތި ޖެހުނުތަނެވެ. ޖެހުމާއެކު ވިއްސާގެން ގޮސް ތިން ހަތަރު ރުކެއް ފޫއަޅުވާލާފަ ގޮސް ބިމަށް ޖެހުނެވެ. ހަމަ އެޔާއެކު ހަތަރެސްފައި ޖަހާފައި ތެދުވެ ދިމަ ދިމާލަށް ބަލަންފެށިޔެވެ. މިހެން އޮށްވާ ދެން އައީ ހީނުކުރާފަދަ ވަރުގަދަ ހަމަލާއެކެވެ. މައްޗަށް ބަލާލެވުނު ހިނދު ބަކުރުބެ ކޮނޑަށް ރުކެއް ލައިގެން ފުންމާން އެ އައި ގޮތަށް އައިސް ދޮންކާސިމްބެ ބުރަކަށްޓަށް އަރުވާލިގޮތަށް ބިމާ ހަމަކޮށްލާފިޔެވެ. އެހިނދު އަނގައި ލޭތައް ބުރަ ބުރައިގެންދިޔައެވެ. ހަމަލާ އަރުވާލުމަށްފަހު ވަރަށް ހަމަ ޖެހިލައިން ދެ އަތް ފުރަގަހަށްލައިގެން މަޑު ހިނގުމެއްގައި ބަކުރުބެ ދަމުން ބަސްކިޔަންފެށިޔެވެ.
ބަކުރުބެ : ފުރިހަމަ ބާރު؟ ހެ ހެ ކޮންފަދަ ބާރެއް.
ދޮންކާސިމްބެ : (ކެއްސަމުން އަނގައިން ލޭފައިބާ ހާލު) ކަލޭ….. ކަލޭ… އަހަރެންނަށް މަލާމާތްކުރަނީތަ؟
ބަކުރުބެ : (ފުންނޭވާއެއްލާފަ މައްޗަށް ބަލާލާފަ) މިރެޔަކީ ހާދަ ރީތިރެޔެކޭ. ކަލޭގެ ކަންތައް މިރޭ ނެތްނަމަ އަހަރެން އިންނާނީ ތަރިގުނަން
ދޮންކާސިމްބެ : (ތެދުވެ ރުއްގަނޑު އެއްލާލާފަ) މިހިރަ ފެންނަ އިންސާނާ
ދޮންކާސިމްބެ ދުވެފައި އައިސް ބަކުރުބެއާ އަރާ ހަމަވިތަނުން ބަކުރުބެ އެނބުރުގޮތަށް އަތު މުށުތެރޭ އޮތް ދޮންވެލިތަކެއް ދޮންކާސިމްބެ ލޮލަށް ޖެހިޔެވެ. އެޔަށްފަހު ދޮންކާސިމްބެގެ ވައަތުގައި ހިފިގޮތަށް ދެ އަތުން ނުކުމެފައި އިން ކަށިތައް ބިންދާލާފިޔެވެ. އަދި ހަމަ އެގޮތަށް ކަނައަތުގެ ކަށިތައްވެސް ބިންދާލިޔެވެ. އެޔަށްފަހު ބަނޑުގައި ވަރުގަދަ އެތިފަހަރެއް އަޅާ ތިރިކޮށްލުމަށްފަހު ބުރަކަށީގައި ހުރި ކަށިތައް ބިންދާލިގޮތަށް އެއްފައިގަހިފާވެސް ބިންދާލިޔެވެ. ދޮންކާސިމްބެ ފިރުކެންފެށިޔެވެ. މޫދާ ދިމާލަށްދާންފެށިޔެވެ. ނަމަވެސް ވަކި ހިސާބަކަށް ދިޔުމުން ފެނުނީ ވަށާ އަލިފާނެވެ. ދެވޭނެ ގޮތެއް ނެތި ބަކުރުބެއާ ކުރިމަތިލާން މަޖްބޫރުވެއްޖެއެވެ. ނަމަވެސް ފަހަތަށް ނޭނބުރެވެނީސް ދޮންކާސިމްބެގެ ނިގުލުގައި ހިފާ ބަކުރުބެ ދަމައިގަނެ އެތައް ފަހަރަކު ބިމަށް ނަގާ ޖެހުމަށްފަހު ދުރަށް ހޫރުވާލިޔެވެ. ހޫރާލި ދޮންކާސިމްބެ ގޮސް ބިމަށް ބާރަކަށް ޖެހުނުގޮތަށް މައިތިރިވެއްޖެއެވެ. މަޑު ހިނގުމެއްގައި ބަކުރުބެ އައިސް ދޮންކާސިމްބެ ގައިމަތީ އިށީނދެލިޔެވެ. އެޔަށްފަހު ރާ އެޅުމަށް ބޭނުންކުރާކަހަލަ ވަޅިޔެއް ނެގިގޮތަށް ދޮންކާސިމްބެ ކަރަށް ގަންނުވާލިޔެވެ. އެހިސާބުން ދޮންކާސިމްބެ ހަރަކާތް ހުއްޓިއްޖެއެވެ. ބަކުރުބެ ތެދުވެ ހިނިތުންވެލައިގެން ހުރެ ހިނގަމުންދަނިކޮށް ފަހަތުން އަޑުތަކެއްކިޔާ އަޑުއިވުނެވެ. ފަހަތަށް ނަޒަރު ހިނގާލިއިރު ދޮންކާސިމްބެ ހަށިގަނޑަށް އެކި ގޮތްގޮތްވަމުންދެއެވެ. ދެން ފެނިގެންދިޔައީ މަޑުމަޑުން އަޑުތަކެއް ކިޔަމުން ދޮންކާސިމްބެ ކޮޅަށް ތެދުވިތަނެވެ. ދެން ފެނިގެން ދިޔައީ ދޮންކާސިމްބެ ދެ ކޮނޑުން ކުޑަ ދެ ބިރުވެރި ސިފަޔެއް ލިބިފައިވާ ބޯތަކެއް ފާޅުވިތަނެވެ. އަދި މޭމަތިން އަނގަޔެއް ފާޅުވެ ހުޅުވާލިޔެވެ. ހަންގަނޑު ހަރުވެއްޖެއެވެ. ބިންދާލި ފަޔާ އަތްތައްވެސް ރަނގަޅުކޮށްލާފިޔެވެ. އަތުގެ ވަކިތައް ދޮންކާސިމްބެގެ ކަކުލާ ހަމަޔަށް ދިގުކޮށްލާފިޔެެވެ. މޫނުގެ ސިފަ އިތުރަށް ބިރުވެރިކޮށްލާފިޔެވެ. އަނގަ ކަންފަތާ ހަމަޔަށް ދަމާލާފިޔެވެ. ތޫނުވެގެންވާ ދަތްތައް ފާޅުވެއްޖެއެވެ. ދެލޮލުގެ ކުލަ ރަތްވެއްޖެއެވެ. ބުރަކަށި ފަޅާ ދިގު ވަކިތަކެއް ލިބިގެންވާ އަތެއް ފާޅުވެއްޖެއެވެ. އަދި އޮނަގަނޑުތައް ފަޅާފައި ދެ އަތެއްވެސް ނުކުތެވެ.
މިހާރު ބަކުރުބެ ކުރިމަތީ އެހުރީ ވަރުގަދަވެގެންވާ ފުރޭތަޔެއްކަން ބަކުރުބެއަށް އެނގުނެވެ. އެޔާ އެކަނި ކުރިމަތި ނުލެވޭނެކަން އެނގުނެެވެ. އެހެން ކަމުން އޭނާގެ މީހުން ހާޒިރުވުމަށް ގޮވާލުމާއެކު ފަސް ޒުވާނަކު ގަސްތަކުތެރެއިން ނުކުމެގެން އައިސް ދުރުގައި ދެފައި ވަށްކޮށްލައިގެން އިށީނެވެ. އަދި ކިޔެވެލި ކިޔަވަންފެށިޔެވެ. އެއާއެކު ބަކުރުބެ ރާއެޅުމަށް ބޭނުންކުރާ ވަޅި ބިންމައްޗަށް ޖެހުމަށްފަހު ލައިގެން ހުރި ގަމީސް ބާލާ އެއްލާލިޔެވެ. އެއަށްފަހު ވެއްޔަށް ކިޔަވާފަ ނަގާ ގައިގާ އުނގުޅާލުމަށްފަހު ކުރިމަތިން ހުރި ފުރޭތަޔާ ދިމާލަށް ދުއްވައިގަތެވެ. ފުރޭތަޔާ އަރާ ހަމަކުރުމަށްފަހު ފުލު ފުލުން މުއްކަވާ ހަމަލާތައް އެސޮރު ގަޔަށް އަރުވާލަމުންދިޔައެވެ. ނަމަވެސް ފުރޭތަޔަށް އެއްވެސް ކަމެއްވާހެނެއް ހިއެއްނުވިޔެވެ. ހުރި ގޮތަށް ހުރި ފުރޭތަ އަތުން ބަކުރުބޭގައިގަ އެޅީ އެންމެ އެތިފަހަރެކެވެ. އެޔާއެކު ބަކުރުބެ ވިއްސާގެން ގޮސް ބިމަށް ބާރަށް ޖެހުނެވެ. އަވަސް އަވަހަށް ތެދުވެ ބަލާލިއިރު ފުރޭތަ ފެންނާކަށްނެތެވެ. ފުރޭތަ ހުރީ އެއްކަލަ ޒުވާނުންތަކުގެ ފަހަތުގައެވެ. ކޮންމެ ޒުވާނެގައިގަ ވަކި އެޅިގޮތައް ޒަޙަމްކޮށްލުމަށްފަހު ފުރުތަމަ ޒުވާނާ ކަރުގައި ހިފާ ނެގިގޮތައް އެ ޒުވާނާގެ މެޔަށް ވަކިތައް ހަރާތުމަށްފަހު ހިތް ބޭރަށް ނެރެލިޔެވެ. އެޔަށްފަހު ހިތް ކާލުމަށްފަހު ޒުވާނާގެ ހަށިގަނޑު ދަމައި ގަތްގަތީނުން ދެބުރިކޮށްލުމަށްފަހު ދެކޮޅަށް އެއްލާލިޔެވެ. ދެވަނަ ޒުވާނާ ނެގުމަށްފަހު ފުރޭތަގެ ދެއަތުން އެޒުވާނާ ބޮލުގައި ހިފާ ފިއްތާލި ފިއްތާލީނުން ބޯ ޗަސްކޮށްލިޔެވެ. އަތި ތޫނު ވަކިތަކުން ހަށިގަނޑު ކޮށާ ކުދިކޮށްލިޔެވެ. ތިންވަނަ ޒުވާނާ ފިރުކިފައި ދަނިކޮށް ފުރޭތަ އައި ގޮތަށް ޒުވާނާ ބުރަކަށްޓަށް ވަކިތައް ވައްދާލުމަށްފަހު ހިއްލާލިޔެވެ. އެޔަށްފަހު އެ ވަކިތަކުން ޒުވާނާގެ ހަށިގަނޑު ދެފަޅިޔަށް އިރާލިޔެވެ. ހަތަރުވަނަ ޒުވާނާއާ ދިމާލަށް ފުރޭތަ އައިގޮތަށް އޭނާ ބޮލުގައި ހިފާ އުފުއްލާލުމަށްފަހު ހަތަރުކަޅި ހަމަކޮށްލިޔެވެ. އެޔަށްފަހު ޒުވާނާގެ ދަތްދޮޅި ދަށުން ވަކިތައް ވައްދާލިޔެވެ. އަދި ފުރޭތަގެ އަނެއް އަތުން ޒުވާނާގެ ބަނޑަށް ހަމަލާދީ ގޮހޮރު ދަމައިގަތެވެ. އެޔަށްފަހު ޒުވާނާގެ މަރުވެފައިވާ ހަށިގަނޑު ދުރަށް އެލާލުމަށްފަހު ގޮހޮރު އަނގަޔަށް ލައިގެން ހަފަމުން ފަސްވަނަ ޒުވާނާއާ ދިމާލަށް އައިސް ހުއްޓުނެވެ. ބަކުރުބެ ބަލަން އޮއްވާ އެ ޒުވާނާ ނެގިގޮތަށް ބަކުރުބެއާ ދިމާލަށް އަނބުރާލުމަށްފަހު އެ ޒުވާނާ ކަރުގައި ދަތް އެޅިގޮތަށް ލޭތައް ބޮއެ ހުސްކުރަންފެށިޔެވެ. މީހާގެ ހަށިގަނޑުން ލޭ ހުސްވެ ކަށިކޮޅަކަށްވުމުން ބޮލުގައި ހިފާ ކަނދުރާއިން ބިންދާލުމަށްފަހު ބޯ ވަކިކޮށްލިޔެެވެ. އެޔަށްފަހު ޒުވާނާގެ ހަށިގަނޑު ހަފައިގެން ކައި ހުސްކުރުމަށްފަހު ފުރޭތަ އަތުގައި އޮތް ޒުވާނާގެ ބޯ ބިންމައްޗަށް ވައްޓާލިގޮތަށް އެޔަށް ފައިން އަރާ ފުނޑުކޮށްލިޔެވެ. އެޔަށްފަހު ބިރުވެރި އަޑަކުން ހެމުން ތުން ފުހެމުން ފުރޭތަ ބަކުރުބޭއާ ދިމާލަށް އަންނަންފެށިޔެވެ.
ފުންނޭވާއެއްލުމަށްފަހު ބަކުރުބެ ދެފައި ވަށްކޮށްލައިގެން އިށީނެވެ. އަދި އާދަޔާޙިލާފު ކިޔެވެއްޔެއް ކިޔަވަންފެށިޔެވެ. ފުރޭތައަށް ބަކުރުބެގެ ފަހަތުން ފެންނަންފެށީ ނޫކުލައިގެ އަލި ގުޅައެއް އަންނަތަނެވެ. އެ އަލިގުޅަ އައިސް ބަކުރުބެ ފުރަގަހުގައި އިނުމަށްފަހު ވަށާ އެނބުރެންފެށިޔެވެ. އެޔަށްފަހު ބަކުރުބެ ގައިތެރެޔަށް އެ އަލިގުޅަ ވަނުމާއެކު ބަކުރުބެ ދެ ލޯ ހުޅުވާލިޔެވެ. އެހިނދު މަޑު ނޫކުލައިގަ ބަކުރުބެގެ ދެ ކަޅި ދިއްލާލާފިޔެވެ. ބިންމަތިން ތެދުވެ ވެލި ފޮޅާލުމަށްފަހު ބަކުރުބެ ފުރޭތައާ ދިމާލަށް އަންނަންފެށިޔެވެ. ފުރޭތަ ލޯމަތިން ކުއްލިޔަކަށް ބަކުރުބެ ގެއްލިއްޖެއެވެ. އިހުސާސްވެގެން ދިޔައީ ފުރޭތަގެ ބުރަކަށްޓަށް އައި ވަރުގަދަ ތެދެކެވެ. އޭއެކެވ. އެއީ ބަކުރުބެ ވަރުގަދަ ހަމަލާއެކެވެ. މުއްކައްވާފައި ޖަހާލި ވަރުގަދަ އެތިފަހަރެކެވެ. ފުރޭތަ ހުރިތަނުން ވިއްސައިގެން ގޮސް ބިމަށް ބާރަކަށް ޖެހުނެވެ. އެ ހިނދު ބަކުރުބެ ދުވެފައި އައިސް ފުންމައިގެން އެރިގޮތަށް މުއްކައްވާފައި ފުރޭތަ މޫނުމަތީ ޖެހިގޮތަށް ބިމުއަޑިޔަށް ވައްދާލިޔެވެ. އެޔަށްފަހު ފުރޭތަގެ މޭމަތީގައި އިން އަނގައިގަ ހިފިގޮތަށް ދެފަޅިޔަށް ދަމާލާފިޔެވެ. އެ ދެމި ދެމީހުން އަނގަ އިރާލިގޮތަށް ދަމައިގަތެވެ. އެޔަށްފަހު ދުރަށް ޖެހިގަތެވެ. ވޭން އަޅަމުން ތެޅި ފޮޅެމުން ރުޅިގަދަވެފައިވާ ފުރޭތަ ތެދުވެ ބަކުރުބެއާ ދިމާލަށް ގޮސް ވަކިތަކުން ހަމަލާތައް ދެމުން ދިޔައެވެ. ދެތިން ހަމަލާއެއް ބަކުރުބެގެ ބުރަކަށްޓަށްށާއި މެޔަށްވެސް އަރާ ލޭތައް ބިންމައްޗަށް ފައިބަމުންދިޔައެވެ. ނަމަވެސް ބަކުރުބެ އެންމެ ތަންފުކެއްވެސް ދޫނުކޮށް ދުވެފައި ގޮސް ފުރޭތަގެ އަތުގައި ހިފާ ބިމަށް ޖަހާ އަތް ބިންދާލުމަށްފަހު ދަމައިގަތްގޮތަށް ލުއްސާލިޔެވެ. އެޔަށްފަހު ފުރޭތަ ދެން އޮތް އަތުގައިވެސް އައިސް އޮޅިގަނެ އަތް ބިންދާލުމަށްފަހު ބާރަކަށް ދަމައިގަތްގަތީނުން އަތް އިރާލާފިޔެވެ. ވޭންއަޅަމުން ހަޅޭއްލަވަމުން ފުރޭތަ އޭގެ ކޮނޑުން ފަޅާފައިވާ ބިރުވެރި ބޯތަކުން އަލިފާންބޯޅަތައް ބަކުރުބޭއާ ދިމާލަށް ދޫކުރަމުންދިޔައެވެ. ބަކުރުބެ އެ ހަމަލާތަކުން ރެކެމުން ދަނިކޮށް އެއް އަލިފާންބޯޅަ އަރާ ބަކުރުބެ ދުރަށް ވިއްސައިގެން ގޮސް ބިމަށްޖެހުނެވެ. އެ ހަމަލާގެ ސަބަބުން ބަކުރުބެގެ ވައަތްވަނީ ފިހިފައެވެ. ނަމަވެސް ހިތްވަރުކޮށް ތެދުވެ ފުރޭތައާ ދިމާލަށް ދުއްވައިގަތެވެ. ދިޔަގޮތަށް އަރާ ހަމަކުރުމަށްފަހު ބަކުރުބެގެ ދެ އަތުން ފުރޭތަގެ ކޮނޑުގައި ފަޅާފައިވާ ދެބޮލުގައި ހިފިގޮތަށް ފިއްތާލި ފިއްތާލީނުން ޗަސްކޮށްލިޔެވެ. އެޔަށްފަހު ފުރޭތަ ބޮލުގައި ބަކުރުބެ ނިއްކުރިން ވަރުގަދަ އެތިފަހަރެއް އަޅާ ބިމަށް ވައްޓާލާފިޔެވެ. އަދި ބަލަން ނުކުރެ އައިގޮތަށް ފުރޭތަގެ ކަނައަތުފައިގެ ކަކުލަށް ފައިން ވަރުގަދަ ހަމަލާއެއްދީ ބިންދާލުމަށްފަހު ވައަތުފައިގަ ހިފިގޮތަށް ބިންދާ ލިއްސާލިޔެވެ. ބިންމަތީ ވޭނުގައި ތެޅި ތެޅި އޮތް ފުރޭތަގެ ސިފަ ދޮންކާސިމްބެއަށް މަޑުމަޑުން ބަދަލްވާންފެށިޔެވެ. އެއްކޮށް ސިފަ ބަދަލްވުމުން ވާހަކަ ދައްކަންފެށިޔެވެ.
ދޮންކާސިމްބެ : ކަލޭ ތިހާ ވަރުގަދައީ ކީއްވެ؟
ބަކުރުބެ : ކަލޭ ހަމަ އެނގެން ބޭނުންތަ؟
ދޮންކާސިމްބެ : އަހަރެން އެހެންނޫނަސް މަރުވަނީ. އަހަރެން ބަލިކުރި މީހާ އަހަރެން ބަލިކުރިގޮތް އެނގެންބޭނުން
ބަކުރުބެ : އެންމެ ރަނގަޅު އެކަމު މިއީ ކަލޭގެ ނިމުން އަންނާނެ ގޮތް…… ފާޅުވޭ މާރިދު
އިސާހިތަކު ބަކުރުބެ ފުރަގަހުން ކަޅު ބިޔަ ހިޔަންޏެއް ފާޅުވިޔެވެ. އެ ހިޔަނީގެ ސިފަ ފެނި ދޮންކާސިމްބެ ތުރުތުރުއަޅަންފެށިޔެވެ. އެއީ ވަރުގަދަ މާރިދެކެވެ. އެސޮރުގެ ބިޔަ ވަރުގަދަ ދެ ދަޅު ބޮލުގައިފަޅާފައިނެވެ. މޫނުމަތި ވަރުގަދައެވެ. ދެ ލޯ ނޫކުލައެވެ. އަނގައިގާ ތޫނު ދަތްތައްވެއެވެ. ހަށިގަނޑު އެހާމެ ވަރުގަދައެވެ. ދެ އަތާ ދެ ފައިގެ އިނގިލިތައް ދިގުވެފައި ތޫނެވެ. ވަރުގަދަ ދެ ފިޔަ ބުރަކަށިން ނުކުމެފައިނެވެ. ހަމުގެ ކުލަ ރަންކުލައެވެ. މާރިދު ފާޅުވުމަށްފަހު އެސޮރު އަނގަ ހުޅުވާލިގޮތަށް ވަރުގަދަ އަލިފާންގަނޑެއް ދުއްވާލިގޮތަށް ދޮންކާސިމްބެ އަނދާލާ އަޅިޔަށް ހަދާލާފިޔެވެ. އެޔަށްފަހު އެ މާރިދު ގެއްލިއްޖެއެވެ.
ހުރިހާ ކަމެއް ނިމުމާއެކު ބަކުރުބެ ބުރަވެގަތީ މަރުވެފައިވާ ޒުވާނުން ވަޅުލުމަށްށެވެ. މި މަސައްކަތުގައި އުޅެނިކޮށް ފެނިގެންދިޔައީ އެރަށާ ދިމާލަށް ދޯނިތަކެއް އަންނަތަނެވެ. އެއީ ބަކުރުބެގެ ފައުޖުކަން ބަކުރުބެއަށް އެނގުނެެވެ. އެއީ ފަންޑިތަވެރިންނެވެ.
- – ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


