ރޭފަނާ – 5
ޖަހާލި ވަރުގަދަ ގުގުރިޔަކާއެކު އުމްނިއްޔާއަށް ހޭލެވުނެވެ. ކައިރީގަ އޮތް އާދިލްއަށް ބަލާލުމަށްފަހު އޭނާގެ މޫނުގައި ފިރުމާލިޔެވެ. ލޯބިވާ ފިރިމީހާ ބޮލުގައި ފިރުމާލުމަށްފަހު ފެންފޮދެއްބޯން އުމްނިއްޔާ ތެދުވެގެން ބަދިގެ ފަޅިޔަށް ދިޔައެވެ. ބަނޑިޔަލުން ފެންފޮދެއް ނަގައިގެން ކުޑަދޮރުން ބަލަން ހުއްޓާ ޖަހާލި ގުގުރިޔާއެކު ވިދާލި ވިދުވަރުން ކުރިމަތީ ހުރި ގަސްތަކުގެ ތެރެއިން ބިޔަވެގެންވާ އެއްޗެއް ފެނިގެންދިޔައެވެ. އެ އެއްޗެއް އިނީ ދެފައި ވައްކޮށްލައިގެންނެވެ. ހީވާގޮތުން އެސޮރު ދަނީ އެއްޗެއް ކަމުންނެވެ. އުމްނިއްޔާ ބަލަން ހުއްޓާ އެސޮރު ބޯ އުޑާ ދިމާލަށް އުފުއްލާލި ވަގުތު ޖަހާލި ވިދުވަރަކުން ފެނިގެންދިޔައީ އެސޮރު އަނގައިގަ އިންސާނެއްގެ ފައި ވާތަން ފެނުނެވެ. އުމްނިއްޔާ އަތުން ފެންތަށި ދޫވެ ބިންމައްޗަށް ވެއްޓިއްޖެއެވެ. އެ އަޑަށް އެއްކަލަ އެތި އުމްނިއްޔާގެ ގެޔާ ދިމާލަށް ބޯ އަނބުރާލާފިޔެވެ. މަޑު މަޑުން ކޮޅަށް އެސޮރު ތެދުވިއިރު މުޅި ގައި ހުރީ ކެހެރިން ފުރިފައެވެ. ދެ އަތުގެ ނޭފަތިތައް ދިގުވެފައި ތޫނެވެ. ދެ ލޯ ރީނދުލެވެ. ދެ ފައި ހުރީ ބަނޑި ބަނޑިލާފައެވެ. އުމްނިއްޔާ މަޑު މަޑުން އަވަސް އަވަހަށް ގޮސް އާދިލްއަށް ގޮވިޔެވެ. އަދި އަންނަމުންދިޔަ ނުރައްކާގެ ވާހަކަ ބުނެލިޔެވެ. އުމްނިއްޔާ ބޮލުގައި އާދިލް ފިރުމާލިޔެވެ. ހާސް ނުވުމަށް ބުނުމަށްފަހު އެނދުން ތެދުވެގެން ގޮސް ބަދިގެންއިން އެންމެ ބޮޑު ދެ މަސްކަނޑާ ވަޅި ނެގުމަށްފަހު އަންނަމުންދިޔަ ނުރައްކަލާ ކުރިމަތިލާން އާދިލް ނިކުތެވެ. އާދިލް ފެނުމާއެކު ފުރޭތަ މަޑުކޮށްލިޔެވެ. އެހިނދު ވަރުގަދަޔަށް ވިދާލާ ގުގުރާލިޔެވެ.
އާދިލް : ޙަބަރުދާރު އެންމެ ފިޔަވަޅެއް ކުރިޔަށް އެޅިޔަސް ކަލޭ މަރާލާނަން
ފުރޭތަ : (ބިރުވެރި އަޑަކު ހީލާފަ) ކަލެޔަށް އަހަރެން ބަލިކުރެވޭނެހެން ހީވޭތަ؟ އަހަރެން ކަލޭ ފަދަ ތިން މީހުން މިރޭ މަރާގެން ކައިގެން މިހުރީ. ކަލޭ ޒަޙަމްކޮށްލުމަށްފަހު ކަލޭގެ އަންހެނުން ކަލޭ ބަލަން އޮއްވާ ކަލޭ ކުރިމަތީ މަޑުމަޑުން ކައި ހުސްކޮށްލާނީ އެޔަށްފަހު ފަހަރަކު ދަރިޔަކު އަނިޔާވެރިކޮށް މަރައިގެން ކަލޭ ކުރިމަތީ ކެއުމަށްފަހު ކަލޭ އެންމެ ފަހަށް ކާލާނީ
އާދިލް : (ކަނައަތުގައި އޮތް ވަޅި ފުރޭތަޔާ ދިމާލަށް ދިއްކޮށްލާފައި) މިރޭ ކަލޭ ކޮށާ ކުދިކޮށްލާނަން
އާދިލް ފުރޭތަޔާ ދިމާލަށް ދުއްވައިގަތުމަށްފަހު ދެވަޅިން ހަމަލާތައް ދެމުންގެންދިޔައެވެ. އެ ހަމަލާތައް މަތަކުރަމުން ފުރޭތަދިޔައެވެ. އެއަށްފަހު ފުރޭތަވެސް އާދިލްއަށް ހަމަލާތައް ދޭންފެށިޔެވެ. ހުށިޔާރުކަމާއެކު އާދިލް ހަމަލާތަކުން ރެކެމުންގޮސް ފުރޭތަގެ ފަހަތަށް އަރާ ދެތިން ހަމަލާއެއް ފުރޭތަގެ ބުރަކަށްޓަށްދިނެވެ. އެހިނދު ފުރޭތަގެ ވައަތުން އާދިލް ގައިގާ ޖަހާ ބުރުވާލިޔެވެ. އާދިލް ދިޔަ ގޮތަށް ގަހެއްގައި ޖެހި ބިންމަޗަށް ވެއްޓުނެވެ. އަވަސް އަވަހަށް ތެދުވެ އަނެއްކާވެސް ފުރޭތަޔާ ދިމާލަށް ދުއްވައިގަނެ އެސޮރުގެ އެއް އަތުގައި ވަޅި އަޅުވާލިޔެވެ. ހަމަ އެ ހިނދު ފުރޭތަ އަދިލްގެ ގައިގާ ހިފާ ބިމަށްޖެހުމަށްފަހު ވަކިތަކުން ހަމަލާދޭން މަސައްކަތްފެށިޔެވެ. ނަމަވެސް އެ ހަމަލާތަކުން އާދިލް ރެކިގަތެވެ. ފުރޭތަ ދެކޮޅަށް ބޯހޫރުވާލުމަށްފަހު ދުވެފައި އައިސް އާދިލް މޭމަތީ ބާރަކަށް ޖެހިގަތެވެ. އެހިނދު އާދިލް ވިއްސާންގޮސް ގޭ ބުޑަށް ޖެހުނެވެ. އެހިނދު ގޭތެރޭ ހުރި އުމްނިއްޔާ ދުވަފައި ނުކުމެ ވެއްޓިފައި އޮތް އާދިލް ނަގާދިނެވެ. ދެމަފިރިން ކުރިމަތީ ހުރި ފުރޭތަ މަޑު މަޑުން އެމީހުންނާ ކައިރިޔަށް އަންނަންފެށިޔެވެ. އެހިނދު އާދިލް އުމްނިއްޔާއަށް ގެޔަށްވަދެ ތަޅުލުމަށް އަމުރުކުރިޔެވެ. ކޮންމެ ފަދަ ކަމެއް ވިޔަސް ނުނުކުތުމަށް އެންގިޔެވެ. އަދި އޭނާ މަރުވެއްޖެނަމަ ކުދިންގެ ހައްގުގައި ފަހު ވަގުތާ ޖެހެންދެން ހަނގުރާމަކުރުމަށް އެންގިޔެވެ.
އުމްނިއްޔާ ގެޔަށް ވަނުމުން އާދިލް ތެދުވިޔެވެ. ދެކޮޅަށް ބޯހޫރުވާލުމަށްފަހު ދެ ވަޅި ސީދާކޮށްފައި ފުރޭތަޔާ ދިމާލަށް ދުއްވައިގަތެވެ. އެ އައިގޮތައް ފުރޭތަޔާ ގާތްވިތަނުން އެއްވަޅި ފުރޭތަގެ މެޔާ ދިމާލަށް އެއްލިޔެވެ. އެ ވަޅި ދިޔަގޮތައް ފުރޭތަގެ މެޔަށް ހެރުނެވެ. ހަމަ އެހިނދު ފުރޭތަ އެ ވަޅިޔަ ބަލަން ހުއްޓާ އާދިލް އައިގޮތަށް ފުރޭތަގެ ފަލަމަސްގަނޑަށް ވަޅި ކޮށްޕާލުމަށްފަހު ދުރަށް އަވަސް އަވަހަށް ޖެހިގަތެވެ. އެހިނދު ފުރޭތަ އެއްފައި މައްޗަށް ތިރިވެއްޖެއެވެ. ދަނޑިވަޅު ބަލާފައި އާދިލް ދުވެފައި އައިސް ފުންމާން އަރާ ފުރޭތަ ބޮލާ ދިމާލަށް ވަޅި އަމާޒުކޮށްލުމަށްފަހު ދެއަތުން ވަޅީގައި ބާރަށް ހިފާ މުއްކަވާވިޔެވެ. އެޔަށްފަހު ވަޅި ޖަހަން މަސައްކަތްކުރަނިކޮށް ފުރޭތަގެ އެއް އަތުން އާދިލް ކަރުގައި ހިފިޔެވެ. ހިފުމަށްފަހު ދެފައި މައްޗަށް ތެދުވިޔެވެ އެޔަށްފަހު އާދިލް ބަނޑުގައި ވަރުގަދަ ފަސް އެތިފަހަރު ގޮއްމުއްކަވާފައި ފުރޭތަ އެޅިޔެވެ. އެހިނދު އާދިލްގެ ހަށިގަނޑުން ފުރާނާ ހީވީ ވަކިވެގެންދިޔަހެނެވެ. ނަމަވެސް ހިތްވަރުކޮށްފައި ކޮޅުފައި ފުރޭތަގެ މެޔަށް ހެރިފައި އިން ވަޅީގައި ޖެހި ޖެހީނުން އެސޮރުގެ މެޔަށް ފުންކޮށް ވަޅި ވައްދާލާފިޔެވެ. ވީ ތަދުން ފުރޭތަ އަތުން އާދިލް ދޫވެގެން ވެއްޓިއްޖެއެވެ. ކެއްސަމުން އަވަސް އަވަހަށް ނޭވާލާ ހާލު އާދިލް ފުރޭތަޔާ ދުރަށް ޖެހިގަތެވެ. އެޔަށްފަހު ނޭވަޔެއް ލެވުމުން އަނެއްކާވެސް ފުރޭތަޔާ ދިމާލަށް ދުއްވައިގަނެ ވަޅިން އެތައް ހަމަލާއެއް އެސޮރު ހަށިގަނޑަށް ދިންތަނުން ވަރުގަދަ އެތިފަހަރެއް ޖެހި ޖެހީނުން އާދިލް ބުރުވާލާފިޔެވެ. އާދިލް ދިޔަގޮތަށް ގޭގެ ފާރު ފަޅާލުމަށްފަހު އެތެރެޔަށް ޖެހުނެވެ. އެހިނދު އުމްނިއްޔާއާ ކުދިންތައް އަޑުން އަޑުނަގާ ރޯންފެށިޔެވެ. މަޑު ހިނގުމެއްގައި ލޭތައް އޮހޮރޭ ހާލު އެއްކަލަ ފުރޭތަ އައިސް ފަޅައިގެން ގޮސްފައި އިން ފާރުގަ ދެ އަތް ވިއްދާލާ އެސޮރުގެ ބޯ އެތެރެޔަށް ވައްދާލިޔެވެ. އެހިނދު ބާރު ގުގުރިޔަކާއެކު ވިދާގަތެވެ. ވެހެމުންދިޔަ ބޯ ވާރޭގެ ތިކިތައް އެސޮރުގެ ތެމިފައިވާ ބޮލުން މުޅި ގޭތެރެޔަށް ތަޅަމުންދެއެވެ.
ފުރޭތަ : (ކުދިންތަކާ އަދި އުމްނިއްޔާއާ ދިމާލަށް ބޯ އަނބުރާލާފައި) މިރޭ މިއީ އަހަރެންގެ ބަނޑު ފުރާލެވޭނެ ރެޔެއް.
އާދިލް : (ކެއްސަމުން އަނގައި ލޭތައް ފައިބާ ހާލު ތެދުވެ) މޮޔަ ވާހަކަ ނުދައްކާ. މިއީ އަދި އަހަރެންގެ ނިމުމެއްނޫން.
ފުރޭތަ : (ހިނިގަނޑެއް ޖަހާލާފަ) ކަލޭ ތިޔައީ އަހަރުމެންގެ މީހެއް އެހެންވެ މިއަދު ކަލޭ ގައިގާ ތިހާ ބާރު ހުންނަނީވެސް. ކަލޭގެ އަންހެނުންނާ ދަރީންނަށް އަދި ނޭންގޭ ދޯ؟ ކަލޭ މަޑު މަޑުން ތި ދަނީ ބަދަލްވަމުން. ކަލޭވަނީ މިރަށު ދޮން ކާސިމްބެ މެރުމުގައި ޝާމިލްވެފައެއްނޫންތަ؟
އާދިލް : (އުމްނިއްޔާގެ ހައިރާންވެފައިވާ މޫނާ ދިމާލަށް ބަލާލާފަ) އަހަރެން އަންހެނުންނާ ދަރީން ކުރިމަތީ އަހަރެން ދޮގެއް ނުހަދާނަން. ކަލޭ ތިޔަބުނަނީ ތެދަށް. ނަމަވެސް އަހަރެން ހަމަ ހޭގަ ހުއްޓަކައި އަހަރެން ކަލޭމެންގެ މީހަކަށް ބަދަލްވިޔަސް އަހަރެންގެ އަނބިދަރީންނެއް ނުކާނަން. އަހަރެން އެމީހުންނަށް ފުރިހަމަ ރައްކާތެރިކަން ދޭނަން. އެއީ އަހަރެންގެ ލޯބިވާ އަންހެނުންނާ އިން އިރުގައިވެސް އަހަރެން ވެފައި ވާނެ ވައުދެއް. ވީމާ އުމްނިއްޔާ އަހަރެންނަށް އިތުބާރު ކުރާނެ ކަމަށް އަހަރެން އުންމީދުކުރަން
އުމްނިއްޔާ : މަރު ދުވަހާ ޖެހެންދެން އިތުބާރު ކުރާނަން
އުމްނިއްޔާ ބުނެލި ބަސްތަކުން އާދިލްއަށް ހިތްވަރު ލިބިގެންދިޔައެވެ. ގޭތެޔަށް ވެއްޓިފައި އޮތް ދަލަކާއި މަސް ހިފަން ބޭނުން ކުރާ ދަގަނޑެއް ނެގުމަށްފަހު ފުރޭތަޔާ ދިމާލަށް ދުއްވައިގަތެވެ. ދިޔަ ގޮތަށް ފުރޭތަގެ މޫނުމައްޗަށް ދާ ހޫރުވާލިޔެވެ. ދެ ދާ ދިޔަ ގޮތަށް ފުރޭތަ ގަޔަށް ވެއްޓިޖެއެވެ. އެހިނދު އެސޮރު ތެޅި ފޮޅެން ފަށާފިޔެވެ. ދަނޑިވަޅު ބަލާ އާދިލް ދުވެފައި ދިޔަ ގޮތަށް ފުރޭތަ ބަނޑުގައި ކޮޅުފައިން ޖަހާ ގޭން ބޭރުކޮށްލާފިޔެވެ. އަދި ހަމަ އައި ގޮތަށް ފުރޭގެ މޭމަތީ ބާރަކަށް ކޮނޑުން ޖެހިގަނެ ފުރޭތަ ވައްޓާލާފިޔެވެ. އެޔަށްފަހު ފުރޭތަ ދެ ލޮލަށް ދަގަނޑު ހަރާލާފިޔެވެ. އަދި ފުރޭތަގެ ބޮލުގައި ނުހުއްޓާ ދަގަނޑުން ތަޅަމުންޔައެވެ. އެހެން ތަޅަމުން އެ ފުރޭތަގެ މެޔަށް ދަނގަނޑު ހަރަމުންވެސްދެއެވެ. އެންމެ ފަހަށް ފުރޭތަ އަޅާ ވޭނުން ހަޅޭއްލަވަމުންދަނިކޮށް އާދިލް އެ ފުރޭތަގެ އަނގަޔަށް ދަގަނޑު ގަންނުވާލިގޮތަށް ބޮލުގެ ނާށިގަނޑު ފަޅާލުމަށްފަހު އަނެއް ފަރާތުން ނެރެލިޔެވެ. އެހިނދު ފުރޭތަގެ ފުރާނަ އޭގެ ހަށިގަނޑާ ވަކިވެއްޖެއެވެ. މާނޭވާ ލާ ހާލު ފަހަތަށް ޖެހެމުންގޮސް އާދިލް ވެއްޓެން ފަށާފިޔެވެ. އެހިނދު އުމްނިއްޔާ ދުވެފައި އައިސް އާދިލް ގައިގާ ހިފަހަށްޓާ އުމްނިއްޔާގެ އުނގުގާ އާދިލްގެ ބޯ ބާއްވާލިޔެވެ. އެހިނދު ދެމަފިރިންގެ ދަރިންތައްވެސް ރޮމުން ދުވެފައި އައިސް ދެމަފިރިން ވަށާލާ އާދިލްއާ އުމްނިއްޔާ ގައިގާ ބައްދަންފައްޓާފިޔެވެ. މިހެން ތިއްބާ ގަސްގަނޑުތެރެއިން ފުރޭތަޔެއް ނުކުމެ ކުދިން ތަކާ ދިމާލަށް ދުއްވައިގަނެފިޔެވެ. އާދިލް ގައިގާ ތެދުވާނެ އެއްވެސް ހިތްވަރެއް ނެތިފައި ބަލަހައްޓައިގެން ޖެހުނީ އޮންނަންށެވެ. ކުދިންނާ އާދިލް ފުރަގަހަށްލާ ދިފާއުކުރަން ތެދުވީ އުމްނިއްޔާއެވެ. ބާރަކަށް ދުވަމުން އައި ފުރޭތަ އުމްނިއްޔާއާ އަރާ ހަމަވަނިކޮށް އެސޮރު ގެ ބޯ ހަށިގަނޑާ ވަކިވެގެން ވެއްޓިއްޖެއެވެ. ވީ ކިހިނެއް ކަމެއްވެސް ނޭނގިފައި ތިއްބާ ބޮޑު ކަޅު ހިޔަންޏެއް ފާޅުވިޔެވެ. އެ ހިޔަނީގެ ބޮލުގައި ވަރުގަދަ ދެ ދަޅު އިނެވެ. ތޫނުވެގެންވާ ވަކިތަކެއްވެސް އެ ހިޔަންޏަށް ލިބިގެންވެއެވެ. އެ ހިޔަނި އުމްނިއްޔާއާ އާދިލްއަށް އިޝާރާތަކެއް ކޮއްލުމަށްފަހު ގެއްލިއްޖެއެވެ. މިހިސާބުން އުމްނިއްޔާ އަވަސް އަވަހަށް އާދިލް ނަގާން ގެޔަށް ވަދެ ފަރުވާކުރަންފެށިޔެވެ.
ބިރުވެރި ނާމާން ރެޔަކަށްފަހު ޖެހިގެން އައި ދުވަހު އިރު އަރާފިޔެވެ. ޒަޙަމްވެފައިވާ އާދިލް ދެލޯ ހުޅުވާލިއިރު މޭމަތީގައި ބޯ އަޅާލައިގެން ނިދިފައި އުމްނިއްޔާ އޮތެވެ. އަދިލްގެ އަތުން މަޑުމަޑުން އުމްނިއްޔާ ބޮލުގައި ފިރުމާލިޔެވެ. އެހިނދު އުމްނިއްޔާއަށް ހޭލެވިއްޖެއެވެ. ލޯބިވާ ފިރިމީހާ ކޯތާފަތުގައި ބޮސްދީ ފިރުމަންފެށިޔެވެ. އެޔަށްފަހު ކުދިންތަކަށް ގޮވާ ގެނެސް ކައިރީ ބޭތިއްބުމަށްފަހު ބޭރަށް އުމްނިއްޔާ ނުކުތެވެ. މަރުވެފައި އޮތް ދެ ފުރޭތަ އަދިވެސް ބިންމަތީގައި އޮތެވެ. މި މަންޒަރު ދައްކަން އުމްނިއްޔާ ބޭނުންވިޔެވެ. އެތެރެޔަށްގޮސް އާދިލް ނަގައިގެން އައިސް އެ މަންޒަރު ދެއްކުމަށްފަހު އެންމެ ބޮޑަށް ހުރި ކުއްޖާ ކަތީބުއާ ރަށު ރައްޔިތުން ބަލާ ފޮނުވިޔެވެ. ހިނދުކޮޅެއްތެރޭގައި ކަތީބުއާއެކު ރައްޔިތުން އަތުވެއްޖެއެވެ. އެ މީހުންތެރޭގައި ދޮންކާސިމްބެވެސް ހުއްޓެވެ. އާދިލް ދޮން ކާސިމްބެއާ ދިމާލަށް އެތައް އިރެއްވަންދެން ބަލަން ހުއްޓެވެ. ޝައްކުތަކެއް މައްޗަކު ނޫނެވެ. ޔަގީންކަމާއެކުގައެވެ. އެއީ ހަމަ ސީދާ ދޮންކާސިމްބެ ސިފަ ޖެހުގެންވާ ފުރޭތައެކެވެ. ދޮން ކާސިމްބެގެ ނަޒަރު އާދިލްމެންގެޔާ ދިމާލަށް ހުއްޓުނެވެ. އަދި ކުރިޔަށް މަޑުން ހިނގާފައި ކަތީބު ގޮވައިގެން އަތުވެއްޖެއެވެ.
ދޮންކާސިމްބެ : ކަލޭމެން ދެމަފިރިން މިވަރު ކަމެއް ހިނގި އިރުގައި ކީއްވެ ރައްޔިތުންނަށް ނުގޮވީ؟
އާދިލް : ދޮންކާސިމްބެ މޮޔަތަ؟ މިފަދަ ދަނޑިވަޅެއްގައި އަހަރެންގެ އާއިލާ އަހަރެން ދިފާއުކުރަން ޖެހޭނެ. ރައްޔިތު މީހާއަށް ގޮވިޔަސް ގިނަ މީހުން ވަންނާނީ އެނދުދަށަށް.
ކަތީބު : ދަރިފުޅާ ރުޅިމަޑުކުރޭ. މިވީ ކަންތައް މިރަށުން އެއްވެސް ވަރަކަށް ބޭރުވިޔަދީގެންނުވާނެ. އެހެންނޫނީ ކަމާބެހޭ ފަރާތްތަކާ އެކި ރަށްރަށުގެ މީހުން އަހަރުމެންގެ މައްޗަށް އެތައް ތުހުމަތެއްކޮށް ރަށްވެސް އެކަހެރިކޮށްލާނެ
އާދިލް : އަހަރެން ހުރެދާނަން އަނގަމަޑުންލައިގެން. ނަމަވެސް ދެން ތިބި މީހުންނަށް ތިބެވޭނެތަ؟
ކަތީބު : (ރައްޔިތުންނާ މުޙާތަބު ކުރަމުން) އޭ ކުދިންނޭ. މިކަމުގެ އެއްވެސް ވާހަކައެއް ތިޔައިން ކުއްޖަކު މިރަށުން ބޭރުވިޔަނުދޭތި. އަހަރެން މިކަމަށް ހައްލެއް ގެންނާނަން. އަހަރެން މިދަނީ ފަންޑިތަވެރިން ގެނެއުމަށް ސިޓީލިޔަން ވީމާ ތިކުދިން އެއްވެސް ގޮތަކަށް ހާސްނުވާތީ ވީ އެންމެ އަވަހަކަށް ފަންޑިތަވެރިން މިރަށަށް ގެނެސް މިކަން ނިންމާލާ ރަށުގެ ނާމާންކަން ފިލުވާލާނަން
އުމްނިއްޔާ : ރަކީ އެބައުޅުވައެއްނޫންތޯ ރަށުގަ. ކޮބާތޯ އޭނާ
ކަތީބު : ރަކީ ވަނީ އިއްޔެގެ ވަގުތެއްގައި ފުރައިގެން ގޮސްފައި
ކަތީބުގެ ބައްދަލްވުން ނިންމާ ރައްޔިތުން ވެގެން މަރުވެފައިވާ ފުރޭތަތައް ކޮށާ ކުދިކުރުމަށްފަހު ވަޅުލިޔެވެ. އެޔަށްފަހު ރައްޔިތުންގެ އެހީގައި އާދިލްގެ ގެ ހެދުމަށް ނިންމިޔެވެ. އަދި ލިބިފައި ހުރި ޒަޙަމްތަކަށް ފަރުވާ ކުރުމަށް އެންމެ މޮޅެތި ހަކީމުންއައެވެ. ދުވަސް ނިމުމާއެކު އެންމެންވެސް ނިދަންވަދެއްޖެއެވެ. ނަމަވެސް ބައެއް ގޭގޭ މީހުން ރަށުތެރެ ފޯރިމެރުމަށްޓަކައި ނުކުމެއުޅެއެވެ. މިގޮތުން އާދިލްވެސް އޭނާގެ ޒަޙަމްތަކާއެކު ފޯރިމެރުމަށްޓަކައި ގޭދޮރުކައިރީ އިށީންދެލައިގެންއިނެވެ. އޭނާގެ ނަޒަރު ހުރީ ކުރިމަތީ ހުރި ވަލަށްށެވެ. އަޒުމްހުރީ ފުރާނައިން ގުރުބާންވެގެންވެސް އާއިލާ ސަލާމަތްކުރުމެވެ. މިހެން އިންދާ އާދިލްގެ ކައިރީ މީހަކު އިންހެން އިހުސާސްވެގެން ބަލާލިޔެވެ. ނަމަވެސް މީހަކު ފެންނަންނެތެވެ. ވަލާ ދިމާލަށް ނަޒަރު ހިނގާލިއިރު ބިންމަތީ ދެފައި ވަށްކޮށްލައިގެން އާދިލްމެންގޭ ކުރިމަތީގައި އިނީ ޒުވާން އެހެނަސް ބިރުވެރި ސިފަޔެއްގައި އިން މީހެކެވެ. އެމީހާގެ ދެލޯ ރަތެވެ. އަތުގެ އިނގިލިތައް ދިގުވެފައި ނޭފަތިތައް ތޫނެވެ. ރަތް ހަމެއް އޭނާއަށްވަނީ ލިބިފައެވެ. ބޮލުގެ އިސްތަށިގަނޑު ދިގެވެ. އަދި ބޮލުން ކުޑަ ދެ ދަޅު ފަޅާފައިވެއެވެ. އޭނާގެ އަނގައިގެ ތުންފަތްވަނީ ދެ މިޔަކަނާ ހަމަޔަށް ދަމާލާފައެވެ. އޭނާ އާދިލްއަށް އިހްތިރާމް އަދާކުރުމުގެ ގޮތުން އެއް އަތް ނަގާލިޔެވެ.
އާދިލް : ކަލޭ ތިޔައީ ކާކު؟
ބީޒާ : އަހަރެންނަށް ކިޔަނީ ބީޒާ. އަހަރެންނަކީ ކަލޭމެން ސަލާމަތްކުރި މީހާ
އާދިލް : ކަލޭ ތިޔައީ އިންސާނެއްނޫންކަން އެނގޭ ރަނގަޅަށްވެސް.
ބީޒާ : ރަނގަޅު. އަހަރެންނަކީ އިންސާނެއްނޫ އަދި ފުރޭތައެއްވެސްނޫން. އަހަރެންނަކީ ރަކީގެ އެކުވެރިޔާ
އާދިލް : ކޮބާ ރަކީ؟ ރަކީ ކަލޭ ފޮނުވީ ކީއްކުރަން؟
ބީޒާ : ރަކީ ވަނީ ކާލެވިފަ. އޭނާ ފަހު ނޭވާޔާ ހަމަޔަށް ހަނގުރާމަކުރި އަހަރެންނާއެކު. އެކަމު އެންމެ ފަހު ވަގުތު އަހަރެން މިނިވަންކޮށް އޭނާގެ ފުރާނަ ގުރުބާންކުރީ. ރަކީއަކީ ހިތްވަރުގަދަ ބަތޮލެއް. އަހަރެން މި އައީ އަންގަންވާ މީހުންނަށް މިރަށުގެ ކަންތައް އަންގާފަ. އެމީހުން އަންނާނެ މިރަށަށް ހަފްތާއެއްތެރޭގައި. އެއީ މުޅި ރާއްޖޭގައި ތިބި އެންމެ ވަރުގަދަ ފަންޑިތަވެރިން. އެމީހުންނަށް ކަލޭވެސް ރަނގަޅު ކުރެވޭނެ. ނަމަވެސް ވަގުތަށް އާދެވިއްޖެނަމަ. ކަލޭ އަދި އެއްކޮށް ބަދަލެއްނުވޭ. ކަލޭ އެއްކޮށް ބަދަލްވާން އަދި ނަގާނެ ދެ މަސް. އެ ދެ މަހަށްފަހު ކަލޭ ބަދަލްވުމުން ކަލޭގެ ސިކުނޑިވަނީ އެއްކޮށް ހުސް. އެހިސާބުން ކަލޭ ދަނީ ހަމަ ޖެހުނު މީހަކު ކަމުން. އެއީ ކަލޭގެ އަނބިދަރިންވިޔަސް.
އާދިލް : ވީމާ އެންމެ ރަނގަޅު ގޮތަކީ އަހަރެން މިތާ އެކަނި ހުރެ އަނބި ދަރިން އެހެން ރަށަކަށް ފޮނުވާލުންތަ؟
ބީޒާ : ކަލޭ އެމީހުންދެކެ ލޯބިވާނަމަ ކަލޭ އެމީހުން ގޮވައިގެން މިތާކު ނުތިބޭނެ. އަހަރެންނަށް ކަލެޔަށް ރަށްކާތެރިކަމެއް އިތުރަށް ދެވޭކަށް ނެތް. އަހަރެން މި އިއްވީ އަހަރެންގެ ފަހު ބަސް.
އިށީންދެލައިގެން އިން ބީޒާ ހިނިތުންވެލިޔެވެ. އެޔަށްފަހު އާދިލްއާ ހަތަރުކަޅި ހަމަކޮށްލިޔެވެ. އާދިލް ބަލަން އިންދާ ބީޒާ މަޑު މަޑުން ކުނޑިޔަށްވެގެންގޮސް ނިމިއްޖެއެވެ.
- – ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



intresting story
next part genesdheeba dhen pleaseeeeeee