ކަތި ފިޔަވަޅު 2
އަހަރެން ދޮރާއި ދިމާއަށް ބަލައިލީ ދޮރު ހުޅުވާލި އަޑު އިވުމުންނެވެ. އެތެރެއަށް ވަދެގެން އައި މީހާ ފެނި އަހަރެންނަށް ކޮޅަށް ތެދުވެވުނެވެ. އަނގަމަތީގައި އަތް އަޅާލެވުނީ ލޮލަށް ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވުމުންނެވެ.
މުށިކުލައިގެ ފަން އިސްތަށިގަނޑު އޮތީ ނިންމައްޗަށް ދޫކޮށްލެވިފައެވެ. ދޮން ރީތި މޫނެކެވެ. ކަޅުކުލައިގެ އަސަރުގަދަ ކަޅިރަވައެކެވެ. ހިތްތައް ކަތިލާ ފަދަ ފުރިހަމަ ހިނިތުންވުމެކެވެ. ބިޔަ ވަރުގަދަ ހަށިގަނޑެކެވެ. ލައިފައިވާ މަޑުނޫކުލައިގެ ގަމީސް ގަޔަށް ހިފާލައިފައި ހުރުމުން ވަރަށް ފިރިހެންވަންތައެވެ. ބަލާ ބެލުމަށް ހީވަނީ ބޭރު ކުއްޖެއް ހެންނެވެ. ބޮޑަށް ވައްތަރީ ކޮރިއަން މޮޑެލަކާއި އެވެ.
“ހައި. ލަމްޔާ ރައިޓް. އައިމް ޖިން އޫކް. ޔޫކޭން ކޯލް މީ ޖިން.” އޭނާ ސަލާމަށް އަތް ދިއްކޮށްލިއެވެ. އަހަރެން އެ އަތުގައި ހިފާލީމެވެ. އެ ބާރުގަދަ މުލައްދަނޑީގެ އިޙްސާސް ކުރެވި އެ މޫނު ކައިރިން ފެނުމުން ހީވީ ކަރަންޓް އޮއެވަރެއް ހަށީގައި ދަތުރު ކޮށްލި ހެންނެވެ. ހިތް އަވަސްވެ ދާ ހިއްލާގޮތް ވިއެވެ. އެކަން އޭނާއަށް ނޭނގި ހުރިއްޔާ ރަނގަޅެވެ.
ހަސްފަތާލުގައި އަމަލު ކުރަން ޖެހޭ އުސޫލުތަކާއި ގަވާއިދުތައް ކިޔައިދިނީ އޭނާއެވެ. އެހެނިހެން މުހިންމު މައުލޫމާތު ދިނުމަށް ފަހު އޭނާ އަހަރެންނަށް ޚާއްޞަ ކުރެވިފައިވާ ކެބިނަށް ގެންގޮސް ދިނެވެ.
“މި ތަނުގައި ލަމް މަސައްކަތް ކުރާނީ. މި އޮތީ ޑޮކްޓަރ ކޯޓު. އޯކޭ ދޯ މި ބަހުން ވާހަކަ ދެއްކިޔަސް.” މިފަހަރު އޭނާ ވާހަކަ ދެއްކީ އޭނާގެ އަމިއްލަ ބަހުރުވައިންނެވެ. ޑްރާމާ ބަލާބަލާ އަހަރެންނަށް އެ ބަސް ދަސްވެފައި ހުރިކަން ރަނގަޅެވެ. ކެބިނުގެ ކުޑަ ކަބަޑަކުން އޭނާ ނެގީ ހުދުކުލައިގެ ކޯޓެކެވެ. އޭނާ އަހަރެންގެ ގާތަށް އައިސް އެ ކޯޓު ލައްވައިދިނެވެ. އަހަރެންނަށް ދީވާނާވެފައިވާ މީހެއް ފަދައިން އެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. އެއަށްފަހު އޭނާ އަހަރެންގެ ފޯނު އަތުލިއެވެ.
“މި އަހަރެންގެ ނަންބަރު. ފްރެންޑްސް.” ޖާދޫވީ ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން އޭނާ ބުނެލިއެވެ. އަހަރެން ގޮނޑީގައި އިށީނީ ޖިން ދިއުމުންނެވެ. މޭގައި އަތް އަޅާލަމުން ދެލޯ މަރާލީމެވެ. އެވަގުތު ހިތަށް ސިފަވީ ޖިންއެވެ. އަނެއްކާ އަހަރެންނަށް މިވަނީ ކިހިނެއް ހެއްޔެވެ؟ ފުރަތަމަ ނަޒަރުން ލޯބި ވެވުނީ ހެއްޔެވެ؟
ފުރަތަމަ ދުވަސް ކަމުން އަހަރެންނަށް ބަލި މީހަކު ބަލާކަށް ނުޖެހުނެވެ. ހަސްފަތާލުގެ މުވައްޒަފުން ވަރަށް ހިތްހެވެވެ. މީހުންނާއި ގުޅުން ބަދަހިކޮށްލަން އުނދަގޫ ކަމަކަށް ނުވިއެވެ. ގެއަށް ދިޔައީ ވަރަށް ހިތްހަމަޖެހިގެންނެވެ. ދުވަސް އެހާ ފުރިހަމަވީ ޖިންގެ ސަބަބުންނެވެ. އޭނާގެ ކެބިން އަހަރެންގެ ކެބިނާއި ޖެހިގެން ހުރިކަމީ ވެސް ނަސީބެކޭ ހިތަށް އެރިއެވެ.
އަށެއް ޖެހުމާއި އެކު އަހަރެން ބެލްކަންޏަށް ނުކުމެލީ ވައި ޖައްސާލާށެވެ. އެތަނުގައި ހުރި އުނދޯލީގައި އިށީންނަމުން ފޯނު ނަގާ ހުޅުވާލީމެވެ. އެ ވަގުތު ޖިންގެ ފަރާތުން މެސެޖެއް އައެވެ. އަހަރެން އުފަލުން ފޮޅުނެވެ. ތެދުވެ ކުޑަކޮށް ހަޅޭއް ވެސް ލަވައިގަނެވުނެވެ. އެއަށްފަހު އެ މެސެޖަށް ރިޕްލައި އެއް ދިނީމެވެ. އެގޮތަށް ދެމީހުން އެކަކު އަނެކަކަށް މެސެޖު ކުރަން އެތައް އިރެއް ވަންދެން އޮތީމެވެ. އޭނާގެ ފްލާރޓީ މެސެޖްތައް ލިބެމުން ދިޔަ ދިޔަހެން އަހަރެންގެ ހިތް ފުރިގެން ދިޔައެވެ. އެކަމުން ޔަގީން ކުރެވުނީ އޭނާ ވެސް އަހަރެންނާއި ރުހޭ ކަމެވެ.
ދުވަސްތައް އޮޔާލަމުން ދިޔަ ވަރަކަށް އަހަރެންނާއި ޖިންގެ މެދުގައި އޮތް ގުޅުން ވެސް ވަރުގަދަވަމުން ދިޔައެވެ. އަހަރެން ހަސްފަތާލަށް ދަނީ ވަރަށް ދާހިތުންނެވެ. މަސައްކަތް ވެސް އޭނާގެ އެހީ އާއި އެކު ފަސޭހަވެގެން ދިޔައެވެ. އޭނާ ރާއްޖޭގައި އުޅޭތާ ތިން އަހަރު ވެއްޖެއެވެ.
“ރީ. އަހަރެންނަށް ހީވަނީ ޖިން ދެކެ ލޯބިވެވިއްޖެހެން.” ބްރޭކް ގަޑީގައި ކެންޓީނުގައި އިނދެ އަހަރެން ވާހަކަ ދައްކަމުން ދިޔައީ އެހެން ޑަކުޓަރެއް ކަމަށްވާ ރީޝާއާއިއެވެ. “ގާރލް. އޭނާ މަތިން ހަނދާން ނައްތާލާ. އޭނާ މިދިޔަ އަހަރު ވައިފް މިރަށަށް ގެނަށް. ލޯބިލޯބި ކޮރެއަން އަންހެނެއް.” ރީޝާގެ ޖަވާބުން އަހަރެންގެ ހިތް މިލައިގެން ދިޔައެވެ. ހިތުގައި ޖެހުނެވެ. ޖިން އަހަރެން ގާތު އެވާހަކަ ނުބުނާތީ ހިތްހަމަނުޖެހުނެވެ.
ބްރޭކް ނުނިމެނީސް އަހަރެން ދިޔައީ ޖިންގެ ކެބިނަށެވެ. އެތެރޭގައި އޭނާ އިނެވެ. އަހަރެން ފެނުމާއި އެކު ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އަހަރެން ފުސްމޫނު ހަދާލީމެވެ.
“ކީއްވެގެންތަ މީހަކާއި އިނދެގެން އުޅޭކަން އަހަންނަށް ސިއްރު ކުރީ. އެހެން މީހެއްގެ ފިރިޔެއްގެ މަޤާމުގައި ހުރެ ކީއްވެގެންތަ ފޯލްސް ހޯޕް ދިނީ.” އަހަރެން ވާހަކަ ދެއްކުމާއި އެކު އޭނާ ކޮޅަށް ތެދުވެއްޖެއެވެ. އަދި އައިސް ނިކަން ލޯބިން އަހަރެންގެ ކޯތާފަތް މައްޗަށް ފައިބަމުން ދިޔަ ކަރުނަތައް ފުހެލިއެވެ. އެއަށްފަހު ކެބިނުގެ ދޮރު ލޮކް ކޮށްލިއެވެ.
“ލަމް ހިތްހަމަ ނުޖެހުނީތަ؟ ސޮރީ. އަހަރެން މީހަކާ އިނދެގެން ހުއްޓެއްކަމަކު މި ހިތް ވަނީ ލަމް އަށް ހިބަ ކުރެވިފައި. އައި ލަވްޔޫ.” އަހަރެންގެ ކޮނޑުގައި ހިފާ މޭޒުމަތީގައި ބައިންދަމުން އޭނާ ބުނެލިއެވެ. އެއާއެކު އަހަރެންގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ގޮތް ނޭނގޭ އުފާވެރިކަމެއް ލިބިގެން ދިޔައެވެ. މި އަޅަން އުޅެނީ ކިހާ ކަތި ފިޔަވަޅެއް ކަން ރެއަކާ ލެވޭ ވަރަށް ވުރެ ބޮޑަށް ލޯބީގައި އަހަރެން ކަނުވެއްޖެއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Mi part Varah reethi Maashaa Allah>>³
Luv at first sight 💕? With even a person who’s married? How great!!
Wait that jin is from Korea dhww!!
Reminds me of Kim Seokjin 🤗
Waiting curiously for the next part!!
143❤️❤️
Yhhh, a very complicated luv story.
Hehe, jin is from korea.
Shukran Your fav bab for your unwavering support. ✨✨