ޝެރިން (28 ވަނަ ބައި)
“މިހާއިރުވާއިރު ދެވެންވާނެ… އެކަމަކު އަދިވެސް މިމަގު ނިމޭކަށް ނުވޭތަ…؟” މިކްޔާލް ޝައްކެއްގެ މަތީގައިހުރެ އެހި އެވެ.
“ނޫނޭ… ހަމަ ރަނގަޅަށް މިދެވެނީ…” ޔައިން ޔަޤީން ކަމާއިއެކު ބުންޏެވެ. “އަހަންނާ ދިމާވި މިތާ މަސައްކަތް ކުރާ ކުދިންތައް ބުނި ދިމާމީ… އެކުދިން ބުނި ގޮތުން ނަމަ ދެން ގާތްގަނޑަކަށް ގަޑިއިރެއްގެ ހިނގުން އޮތީ ކުރިއަށް…”
“ގަޑި އިރެކޭ؟” ޝެރިން މާނޭވާ ލަމުން އެހި އެވެ.
އެވަގުތު އެމީހުންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ކުރިމަތިން މަގު ބެދިފައިވާ މަންޒަރު ފެނުމުންނެވެ. ކުރިމަތީގައިވާ މަގު ވަނީ ބޮޑެތި ހިލަ ތަކަކުން ބައްދާލާފަ އެވެ. ކުރިއަށް ދެވެން އޮތީވެސް މަތީގައިވި ކުޑަކުޑަ ބާގަނޑުންނެވެ. އެތަނުން އިރުގެ އަލި ފޭދިގެން އާދެ އެވެ.
“މަގު މިއޮތީ ބަންދުވެފަ އެއްނު… ދެން ކިހިނެތް ހަދާނީ؟” ޝެރިން އެހި އެވެ.
“އެހެރަ ފެންނަނީ އިރުގެ އަލިތަ؟” މިއޮއްހާއިރު އެއްޗެކޭ ނުބުނެ ހުރި ޖޭޑް އެހެން ބުނުމުން މަތިން އެފެންނަ އައްޔަކީ އިރުގެ އަލިތޯ އެންމެނަށްވެސް ވިސްނަން މަޖުބޫރު ވެއްޖެ އެވެ. ސަބަބަކީ މިތަނުން ނިކުމެވެން އަދި ގަޑިއިރެއްގެ ހިނގުން އޮތުމުންނެވެ. އަދި މީގެ އިތުރުން ބިންގަރާހަކުން އިރުގެ އަލިކަން ފެނުމަކީ މުސްތަހީލް ކަމެކެވެ. އެއީ ބިންގަރާހަކީ ބިމުގެ އަޑީގައިވާ ތަނަކަށްވީމަ އެވެ. “މަށަކަށް ހިއެއް ނުވޭ އެއީ އިރުގެ އަލި ހެންނެއް…”
“ދެން އެއީ ކޮން އައްޔެއްތަ؟” މިކްޔާލް އެހި އެވެ.
“އެފަރާތުގަ މީހުން އުޅެނީ ކަންނޭނގެ… އެތަނުން އެއަލި ވަނީ އެހެންވެ؟” މާޔަޤީން ނޫން ގޮތަކަށް ޔައިން މިހެން ބުންޏެވެ. މިކަމާ އެހެންމީހުން ކުޑަކޮށް ޚިޔާލު ތަފާތުވި އެވެ. މިފަދަ ހަޑިވެފައިވާ ގިނަދުވަސްވީ ތަނެއްގައި މީހުން އުޅޭނެ ކަމަކަށް އެމީހުންނަކަށް އެއްބަހެއް ނުވެވުނެވެ.
“ކޮބާ ޝެރިން؟” ޔައިން ކުއްލިއަކަށް މިހެން ބުނުމުން އެންމެންގެ ސަމާލުކަމަށް އެކަން ގެނަ އެވެ. އެވަގުތު ޝެރިން ގޮވުމުން އެންމެން އެދިމާއަށް ދިޔަ އެވެ. ޝެރިން ހުރީ އެހިލަ ތަކުގެ ކައިރީގަ އެވެ. މައްޗަށް ބަލަހައްޓައިގެންނެވެ.
“ޝެރިން ކީއްކުރަން ތިއުޅެނީ؟” މިކްޔާލް ނުތަނަވަސްވެފައި އެއްސެވެ.
“މިހިރަ ބާގަނޑު…” ޝެރިން މަޑުމަޑުން ބުންޏެވެ. އެވަގުތު އޭނާގެ ދެލޮލުގައި ވިދުވަރެއް ދުވެލި އެވެ. އެއީ ހިތްވަރުގެ ވިދުވަރެކެވެ. އޭނާއަށް ބުނެދޭން ނޭނގޭ ކަހަލަ ހިތްވަރެއް ލިބުނު ކަހަލަ އެވެ. “އަހަރެން މި ބާގަނޑުން އަނެއް ފަރާތުގަ ތިބީ ކޮން ބައެއްތޯ ބަލާނަން.” ޝެރިން އިޝާރާތް ކުރީ ހިލަ ތަކުގެ އެއްފަރާތެއްގައި ހެދިފައިވާ ހުސް ޖާގައަކަށެވެ. އެޖާގަ ކުޑަކަމުން މިކްޔާލްމެންނަކަށް ނުދެވޭނެ އެވެ. ނަމަވެސް ޝެރިންގެ ތުނި ތުނި ހަށިގަނޑު އެބާގަނޑުގެ ތެރެއިން ލާފައި ދިޔުމަކީ އެހާ އުނދަގޫ ކަމަކަށް ނުވާނެ އެވެ.
“ނޫން… ޝެރިން މަޑުކުރޭ….” މިކްޔާލަށް ޖުމުލަ ފުރިހަމަ ނުކުރެވެނީސް ޝެރިން އެބާގަނޑުން އެތެރެއަށް ދެމިގަތެވެ. ޔައިން ބަލާކަށް ނުހުރެ އެބާގަނޑުން އޭނާއަށް ވެސް ހުރަސް ކުރެވޭތޯ އުޅުނެވެ. އެހެނަސް ކާމިޔާބެއް ނުވި އެވެ.
“މަތިން އެރެން އެބަ އޮތް… އަހަރެމެންނަށް މިހެން ތިބެވޭކަށް ނެތް… އޭނައަށް ނުކުމެވޭނީ ކޮންފަދަ މުސީބާތެއްގެ ތެރެއަށް ކަމެއްވެސް އެނގެނީކީއެއް ނޫން…” މިހާރަކަށް އައިސް ނުހަނު ބަސްމަދުވެފައިވާ ޖޭޑް މިހެން ބުނުމުން ޔައިން އޭނާއާއި ދިމާއަށް ބަލާލިއިރު އޭނާގެ ލޮލުން ކުރިން ފެންނަމުން އައި ހަސަދަވެރިކަމެއް ނުފެނުނެވެ. އެކުގައި މަދުނަމަވެސް ދުވަސްކޮޅެއް ހޭދަކޮށްލެވުމުން އޭނާގެ ހިތަށް ހަމްދަރުދީ ވަނީ ކޮން އިރަކު، ކޮން ދޮރަކުން ކަމެއްވެސް ނޭނގެ އެވެ. ނަމަވެސް އެނގޭ ކަމަކީ، އޭނާއަކަށް އޭނާގެ ފުރާނަ ފަދަ ލޯބިވާ ޝެރިނަކަށް ހިތާމައެއް ލިބުމަކަށް ނޭދޭނޭ ކަމެވެ. އަދިވެސް އޭނާ އިންތިހާއަށް ޝެރިނަށް އެދެ އެވެ. ކުޑައިރުއްސުރެން ފެށިގެން އެދެމެދުގައި ވަނީ އެކުވެރިކަމާއި މަޖާ ކަމެވެ. ނަމަވެސް މިހާރު ޙާލަތު ބަދަލު ވެއްޖެ އެވެ. ޔައިނަށް ޝެރިނާއި ދުރުވާން މަޖުބޫރު ވެއްޖެ އެވެ. ޝެރިން ބޭނުން ވަނީ އޭނާއެއް ނޫނެވެ. އެހެން މީހެކެވެ. ނަމަވެސް މި ނިންމުން އޭނާގެ ހިތުގައި ނިންމުނު އިރު ޔައިނަށް ނޭނގި އޮތް ތަންކޮޅަކީ ޝެރިނާއި ޖޭޑަކީ އެއްބަނޑު އެއްބަފާ ދެބެން ކަމެވެ…
“މައްޗަށް އެރޭތޯ ބަލަމާ ހިނގާ…!” މިކްޔާލް މިހެން ބުނުމުން ޖޭޑާއި ޔައިންވެސް އެބުނުމަށް އެއްބަސްވި އެވެ. އެއީ އެހާ އުސް ތަނެއް ނޫނެވެ. އެތަނުގައި ވަނީ އާދައިގެ ކޮޓަރިއެއްގެ އުސްމިނެވެ. އެވަގުތު ފަހަތުން މީހެއްގެ ހިލަމެއް ވުމުން މިކްޔާލާއި، ޔައިން އަދި ޖޭޑްވެސް ފަހަތަށް އެނބުރިލި އެވެ.
ފެންނަމުން ދިޔައީ އަޖައިބެއް ފަދަ މަންޒަރެކެވެ. ބޮޑު މާލަމެއް ކަހަލަ ތަނެކެވެ. އެތަނުގެ އުސް މިނުގައި އެންމެ ދިހަ ވަރަކަށް ފޫޓު ހުރި އިރު އެ ހޯލު ނިމިފައިވަނީ ވަރަށް ރީތިކޮށް ހަދާފައިވާ ފާރަކާއި ހަމައިންނެވެ. އެފާރުގައި ދަގަނޑު ހިލި ހިލާ ޖަހާފައިވާ ދޮރެއް ހުއްޓެވެ. ޝެރިން ހުރި ހިސާބުން އެހިސާބަށް ގާތްގަނޑަކަށް ސަތޭކަ ފޫޓު ހުންނާނެ އެވެ. މަގު އެހާވެސް ދިގެވެ. އެތަނުގެ ވަށައިގެން ޖަހާފައި ހުރި އުއްބައްތިތަކުން މިއީ މީހަކު އުޅޭ ތަނެއްކަން ދޭހަވެ އެވެ. އުއްބައްތި ތަކުގެ ދޮން ކުލައިގެ އަލިން މުޅިތަނަށް ވެރިވެފައިވަނީ އާދައާއިޚިލާފު އަލި ކަމެކެވެ. ކުރިން ހިލަ ތަކުގެ މަތިން ފެނުނު އަލި ކަމަކީ މި އުއްބައްތި ތަކުގެ އަލިތައް ކަން އެވަގުތު ޝެރިނަށް އެނގުނެވެ.
ލަސްކުރަން ހަދައިގެން ލަނޑެއް ލިބިދާނެތީ ޝެރިން ނިންމީ އަވަހަށް މިކްޔާލްމެން ގާތަށް ދިޔުމަށެވެ. ކުރިމަތިން އެފެންނަ ދޮރަކީ ހިލިހިލާ އަޅާފައިވާ ދޮރެއްކަމުން އެދޮރު ހުޅުވަން މަސައްކަތް ކުރުމަކީ ބޭކާރު ކަމެއްކަން އޭނާއަށް ހީކުރެވުނެވެ. އެހެންކަމުން އެނބުރި އައިކޮޅަށް އެނބުރިލި ތަނާ އެތަނަށް ފާޑެއްގެ ގުޑުމެއް އަރާ އިޙުޞާޞެއް އޭނާއަށް ކުރެވުނެވެ. ހިނދެއް ހިނދެކަށް އެގުޑުން ބާރުވަމުން އަންނަކަން ޝެރިން ފާހަގަ ކުރި އެވެ. މިއީ ކޮންކަމެއްބާއޭ ޝެރިން ހިތަށްއެރި އެވެ. ބިންހެލުމެއްބާ އެވެ؟ އެފަދަ ޒަލްޒަލާއެއް އަތުވެއްޖެ ނަމަ ޝެރިންގެ ދުވަސް ދާނެ އެވެ. އަދި މިތާ ތިބި އޭނާގެ ބޭބެމެންވެސް ސަލާމަތެއް ނުވާނެ އެވެ. ނަމަވެސް މިއީ ބިންގަރާހެކެވެ. ބިންގަރާހަކަށް ބިންހެލުމުގެ އަސަރެއް އެހާ ބޮޑަކަށް ނުކުރާނެ އެވެ. ނަމަވެސް މިއީ ކޮންކަމެއް ހެއްޔެވެ؟
ކުއްލިއަކަށް މަތިން ހިރަފުސް ފައިބަން ފަށައިފި އެވެ. ސިއްސައިގެން ގޮސް ޝެރިން މަތި ބަލާލި އިރު ކަމަކު ދާކަށް ނެތެވެ. ކުރިމަތީގައި ހުރި ހިލަތަކަށް ގުޑުން އަރައިގެން، މަތީގައި ޖަހާފައި ހުރި ސިމެންތި ކޮޅުތައް ނެއްޓެމުން ދަނީ އެވެ. އެގޮތަށް ހިލަތައް ގުޑެންޏާ، އެ ބޮޑެތި ހިލަތައް ޝެރިން ހުރި ފަރާތަށް ފައިބާ ގަތުމަކީ ދުރުކަމެއް ނޫނެވެ. އިސާހިތަކު މާ ބޮޑަށް ހިލަތަކަށް ގުޑުން އަރަން ފަށައިފި އެވެ. އެވަގުތު ގުޑިލާން ވެސް ނޭނގިފައި ހުރި ޝެރިނަށް ހަރަކާތް އަތުވެއްޖެ އެވެ. ދެފަޔަށް ބާރުލާފައި ދުއްވާގަތީ އެހިލަތަކާ ވީހާވެސް ދުރަކަށް ދިޔުމަށެވެ. ޝެރިންގެ މިސްރާބު ހުރީ ހިލި ހިލާ ޖަހާފައިވާ ދޮރާއި ދިމާއަށެވެ. އެހިލަތަކާއި ސަތޭކަ ފޫޓު ދުރުގައި ހުރި އެދޮރާއި ހަމައިން މަގު ބަންދުވާނެ އެވެ. ނަމަވެސް ހިލަތަށް ބޮޑުވެފައި މަދުކަމުން ސަތޭކަ ފޫޓު ދުރަކަށް ނާންނާނެކަން ޝެރިނަށް ޔަޤީންވި އެވެ. އޭނާގެ ފަހަތުން ހިލަތައް ވެރެމުން އަންނަ އަޑުފައްގަނޑު އިވެމުން ދިޔަ އެވެ. ޝެރިނަށް ދޮރާއި ހަމައަށް އާދެވުނީ ހަމަ ކިރިޔާ އެވެ. އޭރު ގެންފައި ހުރި ބިރެއްގެ ބޮޑުކަމުންނާއި، ދުވެވުނު ބާރު ކަމުން ޝެރިނަށް މަތިނޭވާ ލެވެނީ އެވެ.
މިހާ ހަމައަށް އައިސް އެނބުރިލި ހިނދު ޝެރިންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާ އެވެ. އޭނާއަށް ބަލާލެވުނު ހިނދު ހިލަ ތަކުގެ ތެރެއިން ބޮޑު ހިލަ ގަނޑެއް އޭނާއާއި ދާދި ކައިރިއަށް މަތަ ވަނީ އެވެ. ޝެރިނަށް ކުޑަ ތަންކޮޅެއް ލަސްކުރެވުނު ނަމަވެސް އެހިލަތަކާއިއެކު އޭނާ ޗިސްޗިސްވީހެވެ. މޭގައި އަތް އަޅާލައިގެން ކުޑައިރުކޮޅަކު ހުރެލުމަށްފަހު ފުންނޭވާއެއް ލީ ހަމަޖެހެވޭތޯ އެވެ. އޭރުވެސް ކުރިމަތީގައިވާ ހިލަތަކުން އެރި ހިރަފުސްގަނޑު ތުންޏެއް ނުވެ އެވެ. ޗެންޗޭނު ޖަހާފައިވާ ދޮރަށް އަވަސް ނަޒަރެއް ހިންގާލުމަށްފަހު ޝެރިން ކުރިއަށް ހިނގާގަތީ އޭނާގެ ބޭބެމެން ތިބި ޙާލެއް ބެލުމަށެވެ. ހިރަފުސްގަނޑު ނުދަނީސް ޝެރިން އެތަނުގެ ތެރެއަށް ވަދެގަތީ އޭނާގެ ބޭބެމެން ތިބި ޙާލެއްވެސް ނޭނގޭތީ އެވެ.
“ބޭބޭ! ޔާލް ބޭބޭ…! ކޮންތާކު ތިހިރީ…؟ އަޅެ… އާދެބަލަ! ޔާލް ބޭބޭ!!” ޝެރިނަށް ރޮވިއްޖެ އެވެ. އެވަގުތު ކުއްލިއަކަށް ބިރުގަންނަ ކަހަލައިގެ އެކަނިވެރި ކަމެއް އޭނާއަށް އިހުޞާސް ކުރެވެން ފެށިއްޖެ އެވެ. ނަމަވެސް އޭނާ ހިތްވަރު ކުރި އެވެ. އޭނާއަކީ ކުޑަކުއްޖެއް ނޫނެވެ. އޭނާއަށްވެސް ހިތްވަރު ކުރެވޭނެ އެވެ. ވަގުތުން ކުރިއަށް ހިނގަން ފެށި އެވެ. އޭރު ވަށައިގެންވާ ފުސްކަން ދިޔައީ ހިނދެއް ހިނދަކަށް ތުނި ވަމުންނެވެ. އެހެންކަމުން އޭނާއަށް ތަންތަން ފެންނަ ވަރުވެސް ވެއްޖެ އެވެ. ނަމަވެސް މިކްޔާލްމެންގެ އެއްވެސް ހިލަމެއް ނުވި އެވެ. ކުޑަމިނުން އަޑެއް ބަޑެއްވެސް ނީވުނެވެ. ޝެރިންގެ ހިތަށް ފަތުރާލި ސާލެއްހެން ބިރުވެރިކަން ފެތުރިގެންފި އެވެ. އަތުގައި ޓޯޗެއް ނެތުމުން ކުރިއަށް ދިޔުމަކީ ކިހާ އުނދަގޫ ކަމެއްކަން ޝެރިނަށް އެނގުނީ އުއްބައްތި ތަކުގެ އަލި ނުފޯރާ ފަށަށް ދެވުމުންނެވެ.
“ޔާލް ބޭބޭ!! ތިހެން ނުހަދާ އާދެބަލަ! މިހާރު މިތަނުން މިއުޅެނީ ނިކުމެވޭ ކައްނު! ދެން… ކޮންތާކުތަ ތިހުރީ؟ ޔައިން!! އެކަކުވެސް ނެތީތަ… ޖެ-ޖޭޑް ވެސް…” ކުއްލިއަކަށް ޖޭޑްގެ މަތިން ހަނދާންވުމުން ޝެރިންގެ އަޑު މަޑުވި އެވެ. މިއޮއް ހުރިހާ ދުވަހު ޖޭޑް އުޅުނީ ޝެރިންގެ ހަށިފާރަވެރިއެއްގެ ގޮތުގަ އެވެ. ކޮންމެ ފަދަ ދަނޑިވަޅެއްގައިވެސް ޝެރިން ސަލާމަތް ކުރުމަށްޓަކައި އޭނާ ޖާނުން ފިދާވެ އެވެ. ނަމަވެސް ކުއްލިއަކަށް ޙާލަތު ބަދަލު ވެއްޖެ އެވެ. މިހާރު އެދެމެދުގައި ވަނީ ބީރައްޓެހިކަމާއި ނުތަނަވަސް ކަމުގެ ބޯ ފާރެކެވެ. އޭނާއަކަށް އަދިވެސް ޖޭޑަކީ އޭނާގެ ބޭބެކަމެއް ޤަބޫލުކުރަން ފަސޭހައެއް ނޫނެވެ. މިއީ ދުވަހެއްގެ ކޮޅުންވެސް އޭނާ ބޭނުންވި ގޮތެއް ނޫނެވެ. އަދި ވެދާނެކަމަށް ހީކުރި ގޮތެއްވެސް ނޫނެވެ.
އަނދިރިގަނޑުގައި އެތަށް އިރަކު އުޅުމަށްފަހު، އުއްބައްތިތަކުގެ އަލިން އަލިވެފައިވާ ހިސާބަށް އައީ ނާއުންމީދު ވެފައިހުރެ އެވެ. އަނެއްކާވެސް މިއަނިޔާވެރި ތަނުގައި އެކަނިވެރިވީ އެވެ. ކުރިން ތަހައްމަލު ކުރި ބިރުވެރި ދުވަސް ތަކާއި އަނެއްކާވެސް ކުރިމަތި ލާން ޖެހުމަކީ ގާތް ކަމެކެވެ.
ޝެރިން މަޑުމަޑުން ހިނގާލާފައި ގޮސް އެއްކަލަ ދޮރުގެ ކައިރިއަށް ހުއްޓުނެވެ. ދެން ފެނުނީ އެތަނުގައި އިށީންއިން ތަނެވެ. ދެކަކޫ މަތީ ދެއަތް އަޅުވާލައިގެން އިން އިރު އެމައުސޫމް މޫނުމަތިން ފެންނަމުން ދިޔައީ ވޭނާއި ހިތްދަތި ކަމެވެ. އޭނާ ލޯބިވާ އެންމެންވެސް އެތިބެނީ އޭނާއާއި ދުރުގަ އެވެ. އޭނާ ދެކެ އެންމެ ލޯބިވި ޖޭޑްގެ ލޯބިންވެސް މިހާރު އެވަނީ މަޚުރޫމް ވެފަ އެވެ. ނޫނީ ދެން އެއަށް ކިޔާނީ އެއްބަނޑު އެއްބަފާވަންތަ ކަމުގެ ލޯތްބެވެ. އިރުކޮޅަކުން ފެނުނީ ޝެރިންގެ ރަތްވެފައިވާ ކޯތާފަތް މައްޗަށް ޝަބްނަމް ތިއްކެއްހެން ކަރުނަ ތިއްކެއް ވެއްޓުނު ތަނެވެ. އެތަނުގައި އެކަނި މާއެކަނި އެތައް އިރަކު އިނުމަށްފަހު ޝެރިން ކުއްލިއަކަށް ތެދުވެއްޖެ އެވެ. ދެން އިތުރަށް އެންމެ ކަރުނަ ތިތްކެއް ވެސް ވައްޓާ ނުލުމަށް އަޒުމް ކަނޑައަޅައިގެން ތެދުވި ހެންނެވެ. އޭނާގެ ކައިރީ ހުރި ދޮރަށް ވަރަށް ފުންކޮށް ބަލާލި އެވެ. ފިސާރި ވަރުގަދައަށް ޗޭނު އަޅުވާފައިވާ ދޮރެކެވެ. ޝެރިން ތަޅުގައި ހިފާލީ ކޮންމެހެން އެދޮރު ހުޅުވޭނޭ ކަމަކަށް ހީކޮށްގެނެއްވެސް ނޫނެވެ. ނަމަވެސް އޭނާ ތަޅު އަނބުރާލި ތަނާ އެދޮރު ނުލާހިކު ފަސޭހައިން ހުޅުވިއްޖެ އެވެ. އެވަގުތު އެ ޗެންޗޭނު ތަކަކީ އަސްލު ޗޭނުގަނޑެއް ނޫންކަން ޝެރިނަށް އެނގުނެވެ.
ދޮރު ހުޅުވުނީ ދަބަރު އަޑު ކިޔާފަ އެވެ. ދަގަނޑު ދޮރަކަށް ވުމުން އެދޮރުގައި ހިސާބަކަށް ދަބަރުވެސް ޖަހާފައި ހުއްޓެވެ. ދޮރު ހުޅުވޭއިރު އަޑު ކިޔާތީ ޝެރިން އެހާ ބޮޑަކަށް ދޮރެއް ނުހުޅުވި އެވެ. ހުޅުވިފައިވާ ކުޑަކުޑަ ބާކޮޅުން ޝެރިން އެތެރެ ބަލާލި އެވެ. އެވަގުތު އޭނާއަށް ފެނުނީ ބޮޑު މާލަމެއް ވަރުގެ ކޮޓަރި އެކެވެ. ބަލާބެލުމަށް ވަރަށް ޝާހީ ގޮތެއް އެކޮޓަރީގައި ވިއެވެ. ކޮޓަރީގެ މެދެއްހާ ހިސާބުގައި ކިންގް ސައިޒްގެ އެނދެއް ހުއްޓެވެ. އެނދުގެ މަތީގައި ވަނީ ނުހަނު ސާފުތާހިރު ކަމާއިއެކު ރަޖާ އަޅައި، ބާލީސްތައްވެސް ތަރުތީބު ކޮށްފަ އެވެ. ކޮޓަރީގެ އެއްފަރާތެއްގައި ވަނީ ލިޔާ މޭޒެކެވެ. އެތަނުގެ ކައިރީގައި ގާތްގަނޑަކަށް ފަނަރަ ފޫޓުގެ އުސް ފޮތް އަލަމާރިއެއް ހުއްޓެވެ. ލިޔާ މޭޒުމަތީގައިވެސް ބޯ ބަނޑޭރިގަނޑެއް ލާފައިވާ ގަދަ ރަތް ކުލައެއްގެ ކުޑަ ފޮތަކާއި ލިޔާ ފަތާއި ދެލި ފުޅިއެއް ހުއްޓެވެ. ކޮޓަރީގެ އަނެއް ފަރާތުގައި ހުރީ އަލަމާރި ތަކެކެވެ. މުޅި ކޮޓަރީގެ މައި ކުލައަކަށް ޗޮކުލެޓް ކުލަ ވާއިރު، ޓައިލްސް ތަކުގައިވެސް ވަނީ މަޑު މުށި ކުލައެކެވެ.
ޝެރިން މަޑުމަޑުން އެތެރެއަށް ވަނީ މިތަން އިތުރަށް ބަލާލުމުގެ ބޭނުމުގަ އެވެ. މިއީ ކާކު އުޅޭ ތަނެއްބާ އެވެ؟ ބިންގަރާހެއްގައި މިފަދަ ފުރިހަމަ ކޮޓަރިއެއް ހުރީ ކީއްވެ ހެއްޔެވެ؟ ދެން ޝެރިންގެ ހަނދާނަށް އައީ ޔައިން ބުނި ބަސްތަކެވެ:
“މިއީ އަހަރެމެން ހައްޔަރު ކޮށްފަ ހުރި ތަނުން ފެށިގެން މިހާ ހަމައަށް ކޮނެފަ ހުރި ވަރު… މިތަނުން ފޭބީމަ ދެވޭނީ ބިންގަރާސް މަގުން… ފުދޭވަރަކަށް ދިގުވާނެ އެމަގު… އެހެންވީމަ ފުދޭވަރަކަށް ގިނަ ވަގުތު ހިނގަން ޖެހޭނެ…”
ޔައިން މިހެން ބުނިއިރުވެސް މިތަނުގައި ކޮޓަރިއެއް ހުންނަ ވާހަކައެއް ނުބުނެ އެވެ. ނޫނީ މިތަނުގައި މަސައްކަތްކުރާ ކުދިން ޔައިން ގާތު އެވާހަކަ ނުބުނީ އެވެ. މިއީ ކޮންފަދަ ސިއްރެއް ރައްކާ ކޮށްފައިވާ ކޮޓަރިއެއް ކަމެއްކަންވެސް އެނގެނީކީއެއް ނޫނެވެ…
7 Comments!
Comments are closed.
wowww faxuu this part is also v v v nice.kyp it up….mi vaahaka v interesting………….when is next part…..nxt part miah vure dhigu kodhdheccheyyy…..all the best…
Awesome 😀
yayyyy me first…yayyyy
Wowwwww vrh vrh vrh reethi..
Me first
varah varah reethi nxt prt avaha up kodhibala.. plx….
Hi!! next part tommrrow up kuraanan InshaAllah!!
thanks all very much! 😀