ހިތް އެދޭ މަންޒިލަކީ… 10
ލިވްޔާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރި ރައިހާންގެ އަތް މުއްކަވައިލިލެއް ބާރުކަމުން އަތުގެ ހުޅުތަކަށް ހުދުކުލަ ފާއްދާލައިފިއެވެ. ދެދަތްޕިލަ ޖައްސައި ބާރުކޮށްލަމުން، ކަތުރުކަށިގަނޑަށް ވާންކޮށްލި އިރު، އެ ދެލޮލުލުގައި ވިދަމުން ދިޔައީ ނަފްރަތުގެ އަނގުރު އަލިފާނެވެ.
“ލިވްޔާ.. ޔޫ ވިލް ޕޭ ފޯރ ދިސް…” ރައިހާންގެ ހިތުގައި އެވަގުތު ވީ ހަމައެކަނި ޢަޒުމަކީ އެއީއެވެ. ބިރެއް ނެތި އޭނާގެ ކުރިމަތީގައި ގަދަކަން ދައްކައިލާފައި އެ އުޅޭ ބޭކާރު އަންހެން ކުއްޖާގެ ދިރިއުޅުން ނަރަކައަކަށް ހަދައިލުމެވެ.
*** ** ***
ލޯގަނޑު ކުރިމަތީގައި ހުދުކުލައިގެ ބޮޑު ކައިވެނީގެ ހެދުމުގައި އިން ލައިނީ ވައްތަރީ ޕަރީއަކާއެވެ. މޭކަޕުން ފަޅުފިލުވައިލެވިފައިވާ އެ ރީތި، ދޮންދޮން މޫނުމަތިން މަދުވަނީ އުފާވެރި ހިނިތުންވުމެއް އެކަންޏެވެ. ދެއަތްދެއަތާ މޮޑެމުން ދިޔަ އިރު ލައިނީ އިނީ ކައިވެނި ކުރެވޭ ވަގުތު ކުޑަތަންވަމުން ދާތީ ނިކަން ހާސްވެ، ބިރުގަނެފައިކަން ބަލައިލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ.
“ކުޑާ.. ނަރވަސް ވެފަ ދޯ..؟” ލައިނީގެ ކައިރީގައި އިށީންނަމުން ލިވްޔާ އަހައިލުމާއި އެކު ލައިނީ ބޯޖަހައިލިއެވެ.
“އަހަންނަކަށް ނޭނގެ މިވަގުތު ކުޑާ ފީލް ވާނެ ގޮތެއް.. އެއީ ކުޑާ ތި އިން ކަހަލަ މަގާމަކަށް އައުމުގެ ނަސީބެއް އަދި އަހަންނަކަށް ނުލިބޭ.. އެކަމް ކުޑާ.. ބިރުނުގަނޭ.. އިރާދަކުރެއްވީތީ ކުޑާގެ ކައިވެނި ކުރެވެން ތި އުޅެނީ ވަރަށް ރަނގަޅު މީހަކާ.. ޔާންބެ ކަހަލަ ރަނގަޅު މީހަކު ލިބުމަކީ ކުޑާއަށް ލިބުނު ނަސީބެއް ހަމަ.. ކުޑާ ބިރުގަނެ ހާސްވާން ވީ އެއްވެސް ސަބަބެއް ނެތް..” ލިވްޔާގެ ބަސްތައް އަޑުއަހަން އިން ލައިނީ ފުން ނޭވާއެއް ދޫކޮށްލަމުން ބޯ ޖަހައިލިއެވެ.
“އައި ނޯ.. ޔާން އެއީ އަސްލުވެސް އަހަރެންގެ ނަސީބު… އެކަމް.. ބިރުގަންނަނީ.. ޔާންއަށް އެންމެ ރަނގަޅު އަނތްބަކަށް ނުވެވިދާނެތީ އަހަރެން ހާސްވަނީ..” ލައިނީ ބުނެލި އިރު އެ އަޑުގައި ވަނީ ހާސްކަމުގެ ސާލެއް އޮޅިފައެވެ.
“ކަމޯން ކުޑާ.. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވިޔަސް ޔާންބެގެ ނަޒަރުގަ ކުޑާ އަބަދުވެސް ވާނީ އެންމެ ރަނގަޅު ވައިފްއަށް.. އެހައިވެސް ބޮޑަށް ކުޑާ ދެކެ ޔާންބެ ލޯބިވޭ.. އެހެންނޫނަސް ކުޑާ އަކީ ހަމަ އެންމެ ބެސްޓް ވައިފްއަށް ވާނެ ކަމާއި މެދު އަހަރެން ޝައްކެއް ނުކުރަން..” ލިވްޔާގެ ޖުމުލަތަކުން ލައިނީ ހިނިތުންވެލާފައި ލިވްޔާއަށް ބަލައިލީ ޝުކުރުވެރިކަމުގެ ނަޒަރަކުންނެވެ.
“މިއަދު މަންމަ ހުރި ނަމަ ދޯ..؟” ލައިނީގެ އަޑު ކުރަކިވެފައިވީ އެ ސުވާލުގައިވީ ޝަކުވާގެ އަސަރުންނެވެ.
“މަންމަ އަބަދުވެސް ވާނީ އަހަރެމެންނާ އެކީ.. މަންމަ މިއަދު ހުރި ނަމަ ހިތަށް އަރާނެ މަންމަގެ ދޮށީ ދަރިފުޅު ހާދަހާ ރީއްޗޭ..” ހިނިތުންވަމުން ލައިނީގެ ކޯތާފަތުގައި އިނގިލިތައް ބީއްސައިލަމުން ލިވްޔާ ބުނެލިއެވެ.
“މަންމަ ބުނާނެ މަންމަގެ ހަގު ދަރިފުޅު ވެސް ވަރަށް ރީއްޗޭ.. އަސްލުވެސް.. ލިވީ ވަރަށް ރީތި މިއަދު..” ލިވްޔާގެ އަތުގައި ހިފަހައްޓައިލަމުން ލައިނީ ލޯބިވާ ކޮއްކޮއަށް ތަޢުރީފު ކޮށްލިއެވެ.
“އެކަމް މިއަދު އެންމެ ރީތީ ހަމަ ކުޑާ.. ހީވަނީ ހަމަ ޕަރީއެއް ހެން.. މާޝާﷲ.. ޔާންބެއަށް ކުޑާ ފެނިފަ ހަމަ ހޭނެތޭނެ!” ލިވްޔާ ސަމާސާކޮށްލުމާއި އެކު ލައިނީގެ މޫނަށް މަޑު ރަތްކުލައެއް ފާއްދައިލި މަންޒަރު ފެނިފައި، ލިވްޔާ އަނެއްކާ ވެސް ހެމުން ލައިނީއަށް ތަޢުރީފުކޮށްލިއެވެ.
*** ** ***
ކައިވެނި ކުރެވޭ މޭޒުދޮށުގައި އިށީނދެގެން އިން ޔާނިއުއަށް އިރުއިރުކޮޅާ ދޮރާ ދިމާއަށް ބަލައިލެވެނީ އޭނާގެ ވާން އުޅޭ އަނބިމީހާ ފެނިލާތޯއެވެ. ކައިވެނީގެ ބޮޑު ހެދުމުގައި ހުންނަ އިރު އެ ހިތުގެ ރާނީ ހާދަ ރީތިވާނެޔޭ ޔާނިއުގެ ހިތަށް އެރީ އެންމެ ފަހަރަކު ނޫނެވެ.
“ޔާން.. ހަމަ ކެތް ނުލަވާފަ ދޯ..؟” ޔާނިއުގެ ބުރަކަށީގައި ޖަހައިލަމުން ރައިހާން ދިމާކޮށްލުމާއި އެކު ޔާނިއު ރައިހާންއަށް ލޯއަޅައިލިއެވެ.
“މަ ބަލާނަމޭ ރެން މީހަކާ އިންނަ ދުވަހަކުން އުޅެނީ މިހެން ނޫންތޯ..” ޔާނިއު ވެސް ވަކި ދުލެއް ނުކުރެއެވެ.
“ދެން އަހަންނާ ދިމާއަށް ލޯއެޅުން ހުއްޓައިލާފަ އަލުން އެދިމާ ބަަލައިލަބަލަ.. އެހެރަ އަންނަނީ ތި ނުފެނިގެން އުޅޭ ޕަރީ..” ރައިހާން ހަމަ ބުނުމާއި އެކު ޔާނިއުގެ ނަޒަރު އެދިމާއަށް ދަތުރު ކޮށްލިއެވެ.
ކައިވެނީގެ ބޮޑު ހެދުމުގައި ހުރެ ލިވްޔާއާއި އެކުގައި ފަރި ހިނގުމެއްގައި އެދިމާއަށް އަންނަމުން ދިޔަ ލައިނީ ފެނިފައި ޔާނިއު ލާން އުޅުނު ނޭވާ ވެސް އަރުގައި ތާށިވީ ފަދައެވެ. ލައިނީ އައިސް އޭނާގެ ކައިރީގައި ހުރި ގޮނޑީގައި އިށީން އިރު ވެސް ޔާނިއުއަށް ކަޅިޖަހައިނުލައި ބަލަން އިނދެވުނީ، އެ ހިތުގެ ރާނީ ފުރިހަމަކަމުންނެވެ. ޔާނިއުގެ އެ ތޫނު ބެލުމުން ލަދުން ވިރިވިރި އިން ލައިނީ އިނީ އިސްއުފުލައި ބަލައިލަން ވެސް ނުކެރިފައެވެ.
ކައިވެނީގެ ޚުތުބާ ފެށުމާއި އެކު އެދެމީހުންގެ ކައިރީގައި ތިިބި ރައިހާން އާއި ލިވްޔާ ދުރަށް ޖެހިލިއެވެ. ދެމީހުން އެކުގައި ގޮސް ފަހަތުގައި ހުއްޓިގެން ތިބި އިރު ދެމީހުން ވެސް ފޯނުގައި އެ މަންޒަރު ރައްކާ ކުރަމުން ދިޔައެވެ.
ނުބަލަން ހުރި ނަމަވެސް އިރުއިރުކޮޅާ ލިވްޔާގެ ނަޒަރު ދިޔައީ ރައިހާންއަށް އަމާޒު ވަމުންނެވެ. ހުދުކުލައިގެ ގަމީހަކާއި އެކު ކްރީމް ކުލައިގެ ފަޓުލޫނެއް ލާފައި ހުރި އިރު، ކަރުގައި ކައިވެނީގެ ކުލަ ކަމުގައިވާ ފެއްސަކަށްދާ ކުލައެއްގެ ޓައީއެއް އަޅާފައި، ޖީބުގައި ހުދު މަލެއް ޖަހާފައި އިނުމުން ރައިހާންގެ ރީތިކަމަށް އިތުރު ދިރުމެއް ގެނެސްދޭ ފަދައެވެ. ލައިގެން ހުރި ހުދުކުލައިގެ ގަމީސް އެ ވަރުގަދަ ހަށިގަނޑަށް ހިފައިލާފައި ހުރި އިރު، މީހާގެ އިސްކޮޅާއި ހަށިގަނޑުގެ ވަރުގަދަކަމުގެ ފުރިހަމަކަން ދައްކުވައިދެމުން ދިޔައެވެ. ކަނދުރާއާ ހަމައަށް ދިގުކޮށްފައި އޮތް އިސްތަށިގަނޑު ވެސް ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައި އޮތުމުން އެހެން ދުވަސްދުވަހާ ތަފާތުހެން ހީވެއެވެ.
ވައްކަޅިން ދަތުރު ކުރަމުން ދިޔައީ ލިވްޔާގެ ނަޒަރު އެކަންޏެއް ނޫނެވެ. ނުވާކަމަށް ހެދެމުން ރައިހާން ވެސް އިރުއިރުކޮޅާ ލިވްޔާއަށް ބަލަމުން ދިޔަ އިރު މިއަދު ލިވްޔާ ދެރަކޮށްލަން ނުވަތަ ލަދުގަންނަވައިލަން ބުނާނެ ލަފްޒެއް ވެސް އެ ތޫނު ސިކުނޑިއަކަށް ނުވިސްނުނެވެ. އޮލިވް ގްރީން ކުލައިގެ ފައިތިލަޔާ ހަމައަށް އަރާ ހެދުމާއި ހަމަ އެކުލައިގެ ޝޯލްއެއްގައި ހުރި އިރު، ބުރުގާގެ ދަށުން ފެންނަން އޮތް ރަން ފަށާއި އެކު އަަތާއި ފައިގައި އަޅާފައި ހުރި ރަން ގަހަނާއިން ލިވްޔާގެ އަނދިރި ކުލައިގެ ހަމުގެ ރީތިކަން އިތުރުކޮށްދެއެވެ. އުނަގަނޑާ ދިމާލުން އެ ހެދުން ގަޔަށް ހިފައިލާފައިވާ ގޮތުން އެ ރީތި ހަށިގަނޑުގެ ބައްޓަން ހާމައަށް ވީތަން ފެނި، ރައިހާންއަށް ހިންދިރުވައިލެވުނީ ގަސްތަކައި ނުލައެވެ.
“އަނބި ގަބޫލުކޮށްފިން..” ދެމީހުންނަށް ވެސް ހަމަބިމަށް އާދެވުނީ ޔާނިއުގެ ދުލުން ބޭރުވި އިގުރާރުގެ ޖުމުލައިންނެވެ. އެއާއެކު ޔާނިއު އާއި ލައިނީ އެކަކު އަނެކަކަށް ބަލައިލާފައި ހިނިތުންވެލި ގޮތުން ރައިހާން އާއި ލިވްޔާގެ ހިތް ވެސް ފުރިގެން އައެވެ. ރައިހާންއަށް އޭނާގެ ބޭބެ އަބަދުވެސް އެހައި އުފާވެރިކަމުގައި ލައްވާތޯ ދުޢާ ކުރެވުނު އިރު ލިވްޔާ ވެސް އޭނާގެ ދައްތައަށް ޓަކައި އެދެވުނީ އެފަދަ އުފަލަކަށެވެ.
ވަލީމާގެ ކަންތައް ކުރިޔަށް ދިޔަ ވަގުތު ހުރިހައި ކަމެއް ހަމައަކަށް އެޅުވުމުގައި އުޅުނީ ރައިހާން އާއި ލިވްޔާއެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް މިއަދު އެދެމީހުންގެ ކިބައިން ފެނުނީ މަޑުމައިތިރިކަމެވެ. ކޮންމެހެން ބުނަން ޖެހޭ އެއްޗެއް މެނުވީ ދެމީހުންކުރެ އެކަކު ވެސް ނުބުނެއެވެ. ދެމީހުން ވެސް ދެމީހުންގެ މަސައްކަތުގައި ޝާމިލްވެ އުޅުނު އިރު، ދޭތެރެއަކުން އެދެމެދުގައި ބަދަލުކުރެވޭ ސިއްރު ނަޒަރުތަކުގެ ހަގީގަތް އެތަނުގައި ދެން ތިބި އެކަކަށް ވެސް އެނގުމެއް ނުވެއެވެ.
ރައިހާން އާއި ލިވްޔާއަށް އަލަތު ކައިވެނީގެ ޖޯޑާއި އެކުގައި ފޮޓޯއެއް ނަގާނޭ ފުރުސަތު ވެސް ލިބުނީ ޕާޓީއަށް އައި މެހެމާނުންތައް ހުސްވުމުންނެވެ.
“ޔާންބެ ކުޑާއަށް ދުވަހަކުވެސް ދެރަ ގޮތެއް ނުހަދައްޗޭ.. އެދުވަހަކުން އަހަރެން އަސްލުވެސް ވަރަށް ވަރަށް ދެރަވާނެ..” ޔާނިއުއާ ސަލާމްކޮށްފައި މަރުހަބާ ކިޔައިލަމުން ލިވްޔާ ބުނެލި އިރު އެ އަޑުގައި ވަނީ މަޑުމޮޅިކަމެވެ.
“ލިވީ ހާސްނުވޭ.. ކުޑާއަށް ދުވަހަކު ދެރަ ގޮތެއް ވާތަން ބެލުމަށް ވުރެ ބޮޑަށް ޔާންބެ ކުޑާ ދެކެ ލޯބިވޭ..” ލައިނީގެ ދެލޮލަށް ބަލައިލަމުން ޔާނިއު ބުނެލި ބަސްތަކުގައިވީ ހަގީގަތް ލިވްޔާ ހޯދީ ޔާނިއުގެ ދެލޮލުން ލައިނީއަށް ޓަކައި ފެނުނު ސާފު، ސީދާ ލޯބިންނެވެ. އެދެމީހުން އެކަކު އަނެކަކަށް ބަލައިލާ ގޮތާއި، ރައްދުކޮށްލާ ހިނިތުންވުންތަކުން އެކަނި ވެސް އެދެމެެދުގައިވާ ވަރުގަދަ ލޯބި ބަލައިލި ކޮންމެ މީހަކަށް ވެސް ދޭހަވާނެއެވެ. ހިތާހިތުން އެފަދަ ނަޞީބެއް އޭނާއަށް ވެސް މިންވަރު ކުރައްވާތޯ ލިވްޔާއަށް އެވަގުތު ވެސް ދުޢާ ކޮށްލެވުނެވެ.
އެވަގުތު ލިވްޔާގެ މޫނަށް ވެރިވި ކުލަވަރު ދެކެން ހުރި ރައިހާންގެ ހިތް ވެސް މަޑު ކަފަކޮޅަކަށް ވެގެން ދިޔަ ފަދައެވެ. އެފަދަ ލޯތްބަކަށް އޭނާ ފަދައިން ލިވްޔާ ވެސް ފެންބޮވައިގަނެފައިވާ ވަރު އިހުސާސް ވުމުން ރައިހާންގެ ހިތަށް ވާންވެލިއެވެ. ކޮންމެ ދުވަހަކު، ލިބޭ ހަމަ ކޮންމެ ފުރުސަތެއްގައި ލިވްޔާ ދެރަކޮށްލައި، ރުޅިއަރުވައިލަން ބޭނުން ވާތީ އަމިއްލަ ނަފުސަށް ވެސް ރައިހާންއަށް މަލާމާތް ކުރެވުނެވެ. އެހެނަސް އޭނާއަށް ވެސް އޭނާގެ ހިތް އޮތް ގޮތް ނޭނގެނީއެވެ. އަންނަ ރުޅީގައި ލިވްޔާ ދެރަކޮށްލައި ރޮއްވައިލެވެން ކުރެވެން އޮތް ކޮންމެ ކަމެއް ކުރަން ބޭނުންވީ ނަމަވެސް، މިފަދަ މަދު ދަނޑިވަޅުތަކުގައި ލިވްޔާއަށް ހެޔޮ ވެސް އެދެވެއެވެ. އަމިއްލަ ހިތް މޭރުންކޮށްދޭން މަސައްކަތް ކުރަމުން ގެންދާ ހަގީގަތް ނުވިސްނުމުން އެކަމުގެ ރުޅި ރައިހާންއަށް ކޮންމެ ފަހަރަކު ވެސް ބޭލެނީ އެންމެ ކައިރީގައި ހުންނަ މައުސޫމު އަންހެން ކުއްޖާއަށެވެ.
*** ** ***
ޖެހިގެން އައި ދުވަހު ޔާނިއު އާއި ލައިނީ ރިސޯޓަކަށް ފުރީ ދެމަފިރިންގެ ހަނީމޫން ދަތުރަށެވެ. ދެ ހަފްތާ ވާންދެން އެކޮޅުގައި މަޑުކޮށްލާފައި އައިސް، އޭގެ ފަހުން ލައިނީގެ ބައްޕައަށް ފަރުވާ ކުރަން ބޭރަށް ދާ ގޮތަށް ނިންމީ ޔާނިއު އާއި ލައިނީ ވެސް ބޭނުން ވެގެންނެވެ.
އެހެނަސް ޔާނިއު އާއި ލައިނީ ދިޔުމުން ރައިހާން އާއި ލިވްޔާ ހީވީ ފޫހިވެގެން ގޮސް އަވަދިވާހެންނެވެ. އަބަދުވެސް ކައިރީގައި އުޅޭ ޔާނިއުއާ ނުލައި އޮފީހުގެ އެންމެ ނިންމުމެއް ވެސް ނިންމޭ ކަމަކަށް ރައިހާންއަކަށް ނުވެއެވެ. އަނެއްކޮޅުން ލިވްޔާގެ ޚިޔާލުތައް އަޑުއަހާފައި އޭނާ ހުންނަނީ ބޮލުން ތަރިބުރައިގެން ދާވަރު ވެފައެވެ. ރުޅިއަންްނަ ކޮންމެ ފަހަރަކު ލިވްޔާ ދެރަކޮށްލެވެން ކުރެވެން އޮތްހައި ކަމެއް ރައިހާން ކުރަނީ ލިވްޔާގެ އުފާވެރިކަމުން އޭނާއަށް ގޮތް ނޭނގޭ އުނދަގޫ ކަމެއް އިހުސާސް ކުރެވޭތީއެވެ.
*** ** ***
ޔާނިއު އާއި ލައިނީ އެނބުރި މާލެ އައިސް މަހެއްވަރު ވާންދެން މަޑުކުރުމަށް ފަހު އަނީސް ގޮވައިގެން ބޭރަށް ދާން ފުރަން ތައްޔާރުވާން ފެށިއެވެ. އެކަމުގެ ތެރެއިން ލައިނީ އެންމެ ހާސްްވީ އެމީހުން ފުރުމުން ލިވްޔާ އެކަނި ގޭގައި ހުންނަން ޖެހޭނެތީއެވެ. އެކަމާ ގުޅޭ ގޮތުން ލައިނީ އެންމެ ފުރަތަމަ ޔާނިއުއާ ވާހަކަ ދެއްކީ ފުރަން ތިން ދުވަހަށް ވެފައި އޮއްވައެވެ.
ފޮއްޓަށް އަޅަން ޖެހޭ އަންނައުނުތައް ފަތްޖަހަން އިން ލައިނީ އިސްއުފުލައި ބަލައިލީ ފާޚާނާއިން ނުކުތް ޔާނިއު ފެނިފައެވެ. ދާދި ދެންމެއަކު ފެންވަރާލައިގެން ނުކުތް އިރު އުނގަނަޑުގައި ތުވާލި އައްސައިލާފައި ހުރި އެ ކަސްރަތީ މޭމައްޗާއި، ބަނޑުގައި ގޮޅިގޮޅިއަށް އެތުރިފައިވީ މަސްތަކުގައި ވިދަމުން ދިޔަ ފެންތިކިތަކުން ލައިނީ ބަލިކަށިކުރުވައިފިއެވެ. ތެތްކޮށް އޮތް ފަންފަން އިސްތަށިގަނޑުން ފައިބަމުން ދިޔަ ފެންތިކިތައް އެ ކަނދުރާއާއި ފުޅާ ބާމަތި ތެންމަމުން ދިޔައީ ޝަބްނަމްގެ ތިކިތަކެއް ފަދައިންނެވެ. އެހެން ދިމާއަކަށް ނަޒަރު ބަދަލުކޮށްލަން ވެސް ނޭނގިފައި ލައިނީއަށް އިނދެވުނު އިރު، އަތުގައި އޮތް ޓީޝާޓު ދެއަތަށް ބޮނޑިކޮށްލެވުނެވެ.
އޭނާއަށް އަމާޒުވެފައިވާ ލައިނީގެ ނަޒަރުގެ ތޫނުކަން އިހުސާސްވުމާއި އެކު ޔާނިއުގެ ތުންފަތް ދެމިލީ ލާނެތް ހިނިތުންވުމަކުންނެވެ. ޑްރެސިންގ ޓޭބަލްގައި ލެނގިލަމުން ޔާނިއު ލައިނީއަށް ބަލައިލާފައި އެއްބުމަ އަރުވައިލިއެވެ.
“ފިރިމީހާ ވީމަ ބޭނުން ވަރަކަށް ބެލޭނެތީ އޭގެ ބޭނުން ހިފައިލީ..” އެނދުން ތެދުވަމުން ލައިނީ ބުނެލި އިރު އެ ތުންފަތުގައި ރަކި ހިނިތުންވުމެއް ކުޅެލާފައި ވެއެވެ. ލައިނީގެ ޖުމުލައިން ޔާނިއުގެ ތުންފަތުގައިވީ ހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔަ އިރު އަތުން ލައިނީއަށް އެދިމާއަށް އަންނަން އިޝާރާތް ކޮށްލިއެވެ.
“ބޭނުން ވަރަކަށް ހަމަ ބަލަންވީ.. އައިމް އޯލް ޔޯރސް، ވައިފީ..” ލައިނީ އޭނާގެ ކައިރިއަށް އައުމާއި އެކު އެ އުނަގަނޑުގައި ހިފައިފާ ގެނެސް އެ ތަނަވަސް މޭގައި ތަތްކޮށްލަމުން ޔާނިއު ބުނެލިއެވެ. ރަކިވެފައި ހުރި ލައިނީގެ މޫނުމަތި އިހުނަށްވުރެ ވެސް ބޮޑަށް ރަތްވެލުމާއި އެކު ލައިނީ ޔާނިއުގެ ކަނދުރާގައި މޫނު ފޮރުވައިލަމުން ނޭފަތް ދަމައިލީ، އެ ހަށިގަނޑުން ދުވަމުން ދިޔަ މީރު ވަހުން ލައިނީގެ ރޫހާއި ޖިސްމަށް އާރޯކަން ގެނުވައިދިނީތީއެވެ. ލައިނީގެ ޙަރަކާތްތައް ދެކެން ހުރި ޔާނިއު އިތުރަށް ހިނިތުންވަމުން އިހުނަށްވުރެ ވެސް ބޮޑަށް ލައިނީ އެ ހަށިގަނޑާ ކައިރިކޮށްފައި ފިއްތައިލިއެވެ. ލައިނީގެ ބޮލުގައި ތުންފަތް ޖައްސައިލަމުން އެ ތުނިި ހަށިގަނޑުގައި އެއް އަތް ވަށައިލާފައި، އަނެއް އަތުން ލައިނީގެ އިސްތަށިގަނޑާ ކުޅެލިއެވެ.
“ޔާން..” އިރުކޮޅަކު އެހެން ތިބެތިބެފައި ލައިނީ ޔާނިއުއާ ދުރުވެލަމުން ގޮވައިލިއެވެ. އެއާއެކު ޔާނިއު ލައިނީއާ ދުރުވާން ބޭނުންނުވެ ހުރެވެސް ލައިނީގެ ދެލޮލަށް ބަލައިލީ ކިހިނެއްވީ ހެއްޔޭ އަހާ ފަދައަކުންނެވެ.
“އަހަރެމެން ފުރީމަ ލިވީ ހުންނާނީ ގޭގަ އެކަނި.. އަހަރެން.. އެހައި ހިތްހަމައެއް ނުޖެހޭ..” ހިނދުކޮޅެއްގެ ހަމަހިމޭންކަމަކަށް ފަހު ލައިނީ ބުނެލުމުން ޔާނިއު ވެސް އެކަމާ ދޭތެރޭ ވިސްނައިލިއެވެ.
“އެބަ އޮތް ގޮތެއް..” އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ޔާނިއު ބުނެލުމާއި އެކު ލައިނީ ޔާނިއުއަށް ބަލައިލިއެވެ.
“އަހަރެމެން އަންނަންދެން ލިވީ މިގޭގަ ބަހައްޓަން ވީނު..” ޔާނިއު ދިން ޚިޔާލު ލައިނީއަށް ވެސް ކަމުދިޔައެވެ.
“ޔާންގެ ޕޭރެންޓްސް އޯކޭވާނެތަ..؟” ލައިނީއަށް މުހިއްމުވީ ޔާނިއުގެ އާއިލާ ދެކޭނެ ގޮތެވެ.
“މަންމަމެންނާ މާމަ ވެސް ދޮންތަ ވެސް ހުންނާނީ ވަރަށް އުފަލުންކަން ޔަގީން.. ލިވީގެ އަނގަޔަކާ ހެދި މިހާރުވެސް އެމީހުން ހުންނަނީ ލިވީ ނައިސްގެން..” ލުއި ހުނުމަކާ އެކު ޔާނިއު ބުނެލުމުން ލައިނީ ގާތަށް ވެސް ހިނިއައެވެ.
“އެކަމް.. އޭރުން ރެން…” ކުއްލިއަކަށް ރައިހާން މަތިން ހަނދާންވުމުން ލައިނީ ބުނެލިއެވެ.
“އޭނަ ބަހައްޓާ.. އަހަރެން ބުނެފިއްޔާ ރެންއަށް ނޫނެކޭ ބުނާކަށް ނުކެރޭނެ.. ލައި މާދަން ބުނޭ ލިވީ ގާތު މިގެއަށް ބަދަލުވާށޭ.. އޯކޭ..؟” ލައިނީގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން ޔާނިއު ބުނެލިއެވެ. ލައިނީ ވަގުތުން ބޯޖަހައިލާފައި ޔާނިއުއަށް ހިނިތުންވުމެއް ހަދިޔާކޮށްލީ އޭނާގެ އާއިލާއާއި މެދު ޔާނިއު އެހައި ރަނގަޅަށް ކަންތައް ކޮށްދޭތީ ހިތުގެ އަޑިން އުފާވެ ހުރެއެވެ. ޔާނިއު ވެސް ލައިނީގެ ހިނިތުންވުން ރައްދުކޮށްލަމުން ލައިނީގެ ނިތުގައި ތުންފަތް ޖައްސައިލާފައި، އިތުރަށް ލައިނީ އެ ހަށިގަނޑާ ކައިރިކޮށްލީ އެ ހިތާއި ހަށިގަނޑު ލައިނީއަށް އެދޭ މިންވަރު ހާމަކުރަމުންނެވެ.
*** ** ***
“ވަޓް؟!” ރައިހާން އާއި ލިވްޔާ އެއްފަހަރާ ހަޅޭއްލަވައިގަތުމުން ޔާނިއު އާއި ލައިނީއަށް ކަންފަތުގައި އަތް އަޅައިލަން ޖެހުނީ ދެމީހުންގެ އަޑު ނުކުތްލެއް ބާރުކަމުންނެވެ.
“އެކަކު ވެސް ދެކޮޅު ހަދަން އުޅޭނެ ކަމެއް ނެތް.. އަހަރެމެން ސިންގަޕޯރއިން އަންނަން ދެން ލިވީ ހުންނާނީ އަހަރެމެން ގޭގަ.. އެންޑް ދެޓްސް ފައިނަލް!” ޔާނިއު ފަހުގެ ނިންމުން އިއްވައިލިއެވެ.
“އެކަމަކު ޔާންބޭ.. އަހަންނަށް އެކަނި އުޅެވޭނެޔޭ! އަހަންނަކީ ދެން މިހާރު ކުޑަ ކުއްޖެއް ނޫނޭ! ކުޑާ ޕްލީޒް!” ލިވްޔާ ވަގުތުން ދެކޮޅު ހެދިއެވެ.
“ލިވީ.. ކުޑާ އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހޭ ލިވީ އެކަނި ބަހައްޓާފަ ދާކަށް.. ބުނީމަ ގަބޫލު ކޮށްބަލަ.. ކުޑާމެން އަންނަންދެން ލިވީއަށް އެގޭގަ މަޑުކޮށްލެވިދާނެ އެއްނު..” ލައިނީ ބެލީ ލިވްޔާ އެއްބަސް ކުރެވޭތޯއެވެ.
“މި އަންހެނާއާ އެއް ފުރާޅެއްގެ ދަށުގަ އުޅެން ޖެހިއްޖެއްޔާ މަގޭ މުޅި ދުވަސް ހަރާބު ވާނެ!” ލިވްޔާއަށް ލޯއަޅައިލަމުން ރައިހާން ބުނެލި އިރު އެ އަޑުގައިވީ ރުޅިވެރިކަން ލިވްޔާއަށް ވެސް ފޯރައިފިއެވެ.
“ރެން.. ލިވީ.. ފަހު ފަހަރަށް މި ބުނަނީ.. މިއީ ފަހުގެ ނިންމުން.. އަހަރެމެން އަންނަން ދެން ލިވީ ހުންނާނީ އަހަރެމެން ގޭގަ.. ދެން ދެމީހުން ވެސް ރީތިކޮށް އެކަކު އަނެކަކާ ހިފައިނުގަނެ ތިބޭނީ.. ތިވައްތަރަށް މާމަ ކުރިމަތީގަ ކޮންމެވެސް ނޫޅޭތި..” ޔާނިއު ބުނެލީ އޭނާ އާއި ރައިހާންގެ މާމަގެ ހަރުކަށި އުސޫލުތައް ރަނގަޅަށް އެނގޭތީއެވެ.
އިތުރު ގޮތެއް ނެތްކަން އެނގުމާއި އެކު ރައިހާން އާއި ލިވްޔާ ބޯޖަހައިލީ ނަފްރަތުގެ ހޫނު ނަޒަރެއް އެކަކު އަނެކަކަށް ހަދިޔާކޮށްލުމަށް ފަހުއެވެ. އެހައި ގިނަ ދުވަސް ވާން ދެން އެކަކު އަނެކަކާ އެއް ފުރާޅެއްގެ ދަށުގައި އުޅޭނީ ކިހިނަކުން ބާވައޭ ދެމީހުންގެ ހިތަށް ވެސް އަރަމުން ދިޔައެވެ. އެހެނަސް ޔާނިއު ބުނީތީ އިތުރު ގޮތެއް ނޯންނާނެކަން ދެމީހުންނަށް ވެސް އެނގެއެވެ.
*** ** ***
އޭގެ އަނެއް ދުވަހު އަނީސް ގޮވައިގެން ލައިނީ އާއި ޔާނިއު ސިންގަޕޫރަށް ފުރުމާއި އެކު ލިވްޔާ އެގެއަށް ބަދަލުވިއެވެ. އޭނާގެ އުފާވެރި، އެކުވެރި މިޒާޖާ އެކީ ހަމަހިމޭން ގޭތެރެއަށް ލިބުނު ދިރުމާއި އެކު އެންމެ އުފާކުރީ އައިސާމަނިކެއެވެ. ގިނަ ފަހަރަށް ހަރުކަށިކޮށް އުޅޭ އައިސާމަނިކެ ލިވްޔާ އާއި އެކު އުޅެމުން ދިޔަ ގޮތުން ގޭތެރޭގެ އެންމެން ވެސް ހައިރާން ވިއެވެ. ލިވްޔާ އާއި އެކިއެކި ވާހަކަ ދައްކައި، ހީ ހަދަނީ ގާތް އެކުވެރިއަކު ފަދައިންނެވެ. މާމަގެ ލޯތްބެއް ދުވަހަކުވެސް އިހުސާސް ކުރެވިފައި ނުވާ ލިވްޔާ ވެސް ހެޔޮހިތުން އައިސާމަނިކެއާ އެކުގައި ވަގުތު ހޭދަކުރަނީ ކުރާ ހިތުންނެވެ.
ލިވްޔާ އެގެއަށް ބަދަލުވީ ފުރަތަމަ ދުވަހު ވެސް ގޭގެ އެންމެންނާ ގުޅުން ބަދަހި ވީތަން ފެނި އެކަމާ ހިތްހަމަނުޖެހުނީ ރައިހާންއެވެ. އޭނާގެ އާއިލާއާ ލިވްޔާ ގާތްވުމަކީ ރައިހާން ބޭނުންވާ ގޮތެއް ނޫނެވެ. އެހެނަސް ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތަކުން ލޭ ހޫނުވެފައި ހުންނަ ރައިހާން ޖެހެނީ ރުޅިވެރިކަމާއި އެކުގައި އެ މަންޒަރުތަކަށް ކެތް ކުރާށެވެ.
ލިވްޔާގެ ކޮޓަރި ހުރީ ރައިހާންގެ ކޮޓަރިއާ ޖެހިގެންނެވެ. ހީކުރި ގޮތާ ޚިލާފަށް ރައިހާން އެވަރަކުން އޭނާ ރުޅިއަރުވަން ނޫޅުނީތީ ލިވްޔާ ހިތްހަމަޖެހުނެވެ. އެގޭގައި ހޭދަވީ ފުރަތަމަ ހަފްތާއެއްހައި ދުވަސް ވެއަތު ވެގެން ދިޔަ އިރު، އޭނާ ވެސް ވީ ވަރަކުން ރައިހާންގެ ކުރިމައްޗަށް ނާރާ ވޭތޯ ބަލަމުން ދިޔައީ، ގޭތެރޭގައި އުޅޭ އެންމެންގެ ކުރިމަތީގައި ރައިހާންއާ ހިފައިގަންނަން ބޭނުން ނުވާތީއެވެ.
*** ** ***
އެދުވަހު އޮފީސް ނިންމައިލާފައި ރައިހާންއަށް ވުރެ ގެއަށް އާދެވުނީ ލިވްޔާއަށެވެ. ވަގުތުން ފެނންވަރާ ތާޒާވެލައިގެން ލިވްޔާ ނަމާދުކޮށްލާފައި ކޮޓަރިން ނުކުތީ ފޫހިވާތީއެވެ. އެވަގުތު ގޭތެރެއިން އެއްވެސް މީހަކު ފެންނަން ނެތުމުން ލިވްޔާ ވާހަކަ ފޮތެއް ހިފައިގެން ގޮސް ސޯފާގައި އިށީނެވެ.
“މަންމީ! މަންމީ!” ކުއްލިއަކަށް ރިއާގެ އަޑު އިވުމުން ލިވްޔާ ކިޔަން އިން ފޮތުން ނަޒަރު ވަކިކޮށްލިއެވެ. އެވަގުތު ފޮތަކާ ފަންސޫރެއް ހިފައިގެން ދުވެފައި އައި ރިއާ އެތަނުގައި ހުއްޓުނެވެ. ސޯފާގައި އިށީންދެގެން އިން ލިވްޔާ ފެނިފައި ރިއާ ވަގުތުން ތުންފަތުގައި ދަތް އަޅައިލަމުން ތިރި ބަލައިލި އިރު، އެ މޫނުމަތިން ލަދުގަނެފައި ހުރި އަސަރުތަކެއް ފެންނަމުން ދިޔައެވެ.
“ކިހިނެއްވީ މަންމި ހޯދަނީ..؟” ހިތްހެޔޮ ހިނިތުންވުމަކާއި އެކު ލިވްޔާ އަހައިލީ ރިއާ ލަދުގަނެފައި ހުރިކަން އެނގުމުންނެވެ. ލިވްޔާގެ އަޑު ކަންފަތުގައި ޖެހުމުން ރިއާ ލަދުން ހުރެފައި ވެސް އިސްއުފުލައި ބަލައިލިއެވެ. ލިވްޔާގެ ތުންފަތް މަތީގައިވީ ހިނިތުންވުމުންނާއި އެ އަޑުގައިވީ ހިތްހެޔޮކަމުން ރިއާ މަޑުމަޑުން ހަމައަކަށް އެޅެން ފެށިއެވެ.
“މި.. މި.. ރިއްކޮއަށް.. މި ވޯކް ހަދަން.. ދިފިކަލްތް ވީމަ..” އޭނާގެ ތުއްތު ތުއްތު އަޑުން ރިއާ ބުނެލިލެއް މައުސޫމު ކަމުން ލިވްޔާގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔަ ފަދައެވެ.
“އާދޭ ދައްތަ ކައިރިޔަށް.. ދައްތަ ކިޔައިދީފާނަން..” އަތުގައި އޮތް ވާހަކަ ފޮތް ލައްޕައިލަމުން ލިވްޔާ އޭނާގެ އަތް ރިއާއަށް ދިއްކޮށްލިއެވެ. އިރުކޮޅަކު ނުކެރި ހުރެފައި ރިއާ ލިވްޔާގެ އަތުގައި އޭނާގެ ކުޑަކުޑަ އިނގިލިތަކުން ހިފައިލައިމުން، ލިވްޔާގެ ކައިރީ ސޯފާގައި އިށީނެވެ.
ހިނިތުންވަމުން ލިވްޔާ ރިއާގެ ކުޑަކުޑަ ހަށިގަނޑު އޭނާއާ ކައިރިއަށް ދަމައިލާފައި، ރިއާގެ އަތުގައި އޮތް ފޮތަށް ނަޒަރު ހުއްޓައިލިއެވެ. އިރުކޮޅަކު އެ ފޮތަށް ބަލަހައްޓައިގެން އިނުމަށް ފަހު ރިއާގެ ތުއްތު ސިކުނޑިއަސް ވިސްނޭނެހެން ލިވްޔާ އެ ފިލާވަޅު ކިޔައިދޭން ފެށިއެވެ.
ލިވްޔާ ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން އިން ރިއާ ދިޔައީ ލިވްޔާ ކިޔައިދެމުން ދިޔަ ގޮތަށް ފިލާވަޅު ހަދަމުންނެވެ. ހީކުރި ވަރަށް ވުރެ ފަސޭހައިން ފިލާވަޅު ހަދައި ނިމުމުން ރިއާގެ ތުއްތު މޫނުމަތިން ފެންނަމުން ދިޔަ މައުސޫމު ހިނިތުންވުން ފުންވިއެވެ.
“ދެޓްސް އިޓް! ގުޑް ޖޮބް ސްވީޓީ! ހާދަ މޮޅު ކުއްޖެކޭ މާޝާﷲ..” ރިއާގެ ބޮލުގައި ފިރުމައިލަމުން ލިވްޔާ ކޮށްލި ތަޢުުރީފާއި އެކު ރިއާ އިހުނަށް ވުރެ ވެސް ތުއިވެލާފައި “ތެންކްޔޫ” އޭ ބުނެލިއެވެ.
އިރުކޮޅެއް ފަހުން ރިއާ ލިވްޔާއާ ވާހަކަ ދައްކަމުން ދިޔަ އިރު، ދާދި ދެންމެއަކު އެ ތުއްތު މޫނުމަތިން ފެނުނު ލަދުވެތިކަމުގެ ބަދަލުގައި މިހާރު ފެންނަން ހުރީ އެކުވެރިކަމެވެ. އެ މައުސޫމު އަޑުން އެތައް ވާހަކަތަކެއް ލިވްޔާއަށް ކިޔައިދެމުން ދިޔަ އިރު ޝައުގުވެރިކަމާ އެކީ އެ ވާހަކަތައް އަޑު އަހަން ލިވްޔާ އިނީ ހީލަހީލައެވެ.
އެވަގުތު އޮފީހުން ގެއަށް އައި ރައިހާންއަށް ދެލޯ ހަނިކޮށްލެވުނީ ފެންޑާގެ ސޯފާގައި ހީހީފައި ވާހަކަ ދައްކަން ތިބި ލިވްޔާ އާއި ރިއާ ފެނުމުންނެވެ. ރައިހާންއަށް ކުއްލި ހައިރާން ކަމެއް ލިބުނީ ރިއާ އަކީ ދުވަހަކުވެސް އެހައި ފަސޭހައިން މީހަކާ ގާތްވާ ކުއްޖަކަށް ނުވާތީއެވެ. އެހެނަސް ލިވްޔާއާ އެކުގައި އެހައި ގާތްކޮށް ރިއާ އުޅޭ ތަން ފެނުމުން ރައިހާންގެ ލޭ ކެކިގަތެވެ. ލިވްޔާ ރިއާއާ ގާތް ވުމަކީ އެއްގޮތަކަށް ވެސް އޭނާ ބޭނުންވާ ގޮތެއް ނޫނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Lai and yaan vrh cute❤️❤️. I want someone to love me like that.
Alhe Ren Kihineh tha thiulhenee!!! Eh faharu Rangalhu vefa aneh faharu rulhi aissa. Thihen nahadhaba Livi ah. Plzzz!!!
Whn nxt???
Mi part vx varah Reethi Masha Allah..
Allheyyy, Yaan and Lai sooooo Loabi 🥰🤭
Livy ah vx Adhi Livy dheke Ehaa Loabivaane Husband eh Libeyne ey, Ren ehureenun 😅😂
Dhuvahakuves gaboolu nukuraathi ingey ekaku anekaku dheke Loabivaa kmh, 🤦♀️😅
Anekka Livy ah kameh nukollaathi Ria govaigen inthan fenuneema 😅
Appreciate your hard work 😊
When Next??? Curiously waiting for the next part of this Lovely story 😺
Lysm Nayu 💗
Oops sorry raihaan beynun nuviyas eyothii riaa n livy gaaih vefa… ekuhjaa fakeerah gotheh nahaadhi ren…. btw this is so cute 😍 💓 vrh reethi mi part ves mashallah🤍🖤 when is next I hope next part ves vrh avahah kiyaalan libeyne kamah… keep it up
Love you nayaa🤍❤️🖤
alheyy,lai and yaan haadha loabieyy. nayyu ,ren needs to confess livy ah asap, im so so excited edhemeehun fall vaa than balan:)) this partt is outstanding as alwayss
when is the next part? i can barely wait
lysm<33