ހިތް އެދޭ މަންޒިލަކީ… 11
އިރުކޮޅެއް ފަހުން ރިއާ ލިވްޔާއާ ވާހަކަ ދައްކަމުން ދިޔަ އިރު، ދާދި ދެންމެއަކު އެ ތުއްތު މޫނުމަތިން ފެނުނު ލަދުވެތިކަމުގެ ބަދަލުގައި މިހާރު ފެންނަން ހުރީ އެކުވެރިކަމެވެ. އެ މައުސޫމު އަޑުން އެތައް ވާހަކަތަކެއް ލިވްޔާއަށް ކިޔައިދެމުން ދިޔަ އިރު ޝައުގުވެރިކަމާ އެކީ އެ ވާހަކަތައް އަޑު އަހަން އިން ލިވްޔާ އިނީ ހީލަހީލައެވެ.
އެވަގުތު އޮފީހުން ގެއަށް އައި ރައިހާންއަށް ދެލޯ ހަނިކޮށްލެވުނީ ފެންޑާގެ ސޯފާގައި ހީހީފައި ވާހަކަ ދައްކަން ތިބި ލިވްޔާ އާއި ރިއާ ފެނުމުންނެވެ. ރައިހާންއަށް ކުއްލި ހައިރާން ކަމެއް ލިބުނީ ރިއާ އަކީ ދުވަހަކުވެސް އެހައި ފަސޭހައިން މީހަކާ ގާތްވާ ކުއްޖަކަށް ނުވާތީއެވެ. އެހެނަސް ލިވްޔާއާ އެކުގައި އެހައި ގާތްކޮށް ރިއާ އުޅޭ ތަން ފެނުމުން ރައިހާންގެ ލޭ ކެކިގަތެވެ. ލިވްޔާ ރިއާއާ ގާތް ވުމަކީ އެއްގޮތަކަށް ވެސް އޭނާ ބޭނުންވާ ގޮތެއް ނޫނެވެ.
“ރިއްކޮ!” ރައިހާން ގޮވައިލުމާއި އެކު ރިއާ ވަގުތުން އަޑު އައި ދިމާއަށް ބަލައިލިއެވެ. ދޮރުމަތީގައި ހުރި ރައިހާން ފެނިފައި ރިއާ ވަގުތުން ހީގަންނަމުން ދުވެފައި ގޮސް ރައިހާންގެ ފައިގައި އޮޅުލައިގަތެވެ.
“ދޮންބޭ!” ރައިހާން ރިއާގެ ކުޑަކުޑަ ހަށިގަނޑު އުރައިލާފައި އެ ތަނަވަސް މޭގައި ޖައްސައިލުމާއި އެކު ރިއާ ހެމުން ރައިހާންއަށް ގޮވައިލިއެވެ.
“ލައްބަ ދޮންބެގެ ޕްރިންސެސް.. ދޫނި ކައިފިންތަ..؟” ރައިހާން އަހައިލީ ރިއާ ކޮންމެ ދުވަހަކު ވެސް އިރު އޮއްސޭ އިރަށް ރޭގަނޑުގެ ކެއުން ކާތީއެވެ.
“ޔެސް! ކައިފިން.. ހޯމްވޯކް ވެސް ހަދައިފިން.. ލިވީ ދައްތަ ހެލްޕްވީ ރިއްކޮއަށް!” ލިވްޔާއާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ރިއާ ބުނެލުމާއި އެކު ރައިހާންއަށް ދަތްކުނޑި ވިކައިލެވުނެވެ.
“ކީއްވެ ދޮންބެ އަންނަން ދެން މަޑު ނުކުރީ..؟” އެހައި އަވަހަށް ރިއާ އޭނާއަށް ދޭ ސަމާލުކަން ލިވްޔާއަށް ދޭހެން ހީވެ ރައިހާން ހިތުގައި ޖެހުނެވެ. ލިވްޔާއަށް ޓަކައި އެ ހިތުގައި އޮތް ރުޅިވެރިކަމުގެ ސަބަބުން ރިއާގެ ސަމާލުކަން ލިވްޔާއަށް ދިނުމަކީ ވެސް އޭނާއަށް ބަރުދާސްތު ކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ.
“ރިއްކޮ ނިދި އައީމަ އަވަހަށް ހޯމްވޯކް ފިނިޝް ކުރަން ވެގެން.. އެ ދައްތަ ވަރަށް ނައިސް.. އެހެންވެ ރިއްކޮ އެ ދައްތަ ކައިރިޔަށް ދިޔައީ..” ރައިހާންގެ މޫނުމަތީގައިވީ ކުލަވަރު ނޭނގި ރިއާ އެ މައުސޫމު ހިތުގައިވީ އިހުސާސްތައް ބަންޑުން ކޮށްލިއެވެ.
“ދެން ދުވަހަކުން ދޮންބެ އަންނަން ދެން ޕްރިންސެސް މަޑު ކުރައްޗޭ އިނގޭ..؟ ދެން އަވަހަށް ދޭ ނިދަން ރެޑީވާން.. މާދަން ސްކޫލް ވެސް އޮންނާނެ އެއްނު..” ރިއާގެ ކުޑަކުޑަ ހަށިގަނޑު ތިރީގައި ބަހައްޓަމުން ރައިހާން ބުނެލިއެވެ.
“ގުދްނައިތް ދޮންބޭ..” ރައިހާންގެ ކޮލަށް ދޮނެއް ދެމުން ރިއާ އޭނާގެ ތުއްތު ބަހުރުވައިން ބުނެލިއެވެ.
“ގުޑްނައިޓް ޕްރިންސެސް..” ރިއާގެ ކޮލަށް ދޮނެއް ދެމުން ރައިހާން ވެސް ރޭގަނޑުގެ ތަހުނިޔާ ކިޔައިލިއެވެ. އެއާއެކު ރިއާ ހިނިތުންވެފައި ދުވެލާފައި ގޮސް ލިވްޔާގެ ކައިރީގައި ހުއްޓިފައި ލިވްޔާއަށް ވެސް ރޭގަނޑުގެ ތަހުނިޔާ ކިޔައިލިއެވެ. އޭނާގެ ކުދިކުދި ފިޔަވަޅުތަކުގައި ގޮސް ރިއާ ކޮޓަރިއަށް ވަނީ އޭގެ ފަހުންނެވެ.
ލޯކުރިމަތިން ރިއާ ގެއްލުމާއި އެކު ރައިހާން ދެން ބަލައިލީ ލިވްޔާއަށެވެ. ދެމީހުންގެ ނަޒަރު ބައްދަލުވީ ހިނދު ދާދި ދެންމެއަކު ރައިހާންގެ މޫނުމަތީގައިވީ ހިނިތުންވުން ފަނޑުވެ، ނަފްރަތާއި ނުތަނަވަސްކަން އެ ރީތި މޫނުމަތީގައި ރަސްކަން ކުރަން ފަށައިފިއެވެ. އަތަށް ތަދުވާހައި ބާރަށް ދެއަތް މުއްކަވައިލަމުން ރައިހާން އޭނާގެ ފިޔަވަޅުތައް ލިވްޔާއާ ދިމާއަށް އަޅަން ފެށިއެވެ.
“ކީއް ކުރަން މިހާރު ރިއާ މާ ގާތްކޮށްގެން ތި އުޅެނީ..؟” ލިވްޔާގެ މޫނާ ޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓިފައި ރައިހާން އަހައިލި އިރު އެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ނުރައްކާތެރިކަމެވެ.
“ކަމެއް ކުރަންތަ އަހަރެން މި އުޅެނީ..؟ ރިއާ އެ ފިލާވަޅު ހަދަން ނޭނގިގެން އައީމަ އަހަރެން އެހީވީ..” ލިވްޔާ ވެސް ލޯއަޅައިލަމުން ރައިހާންއަށް ރައްދު ދިނެވެ.
“އަހަރެން ބޭނުމެއް ނޫން ރިއާ ލިވްޔާއާ ގާތް ވާކަށް.. ކާކަށް އެނގެނީ ކޯޗެއް ހާސިލް ކުރަން ކަމެއް ރިއާ ގާތްކޮށްގެން ތި އުޅެނީ..” މޭމަތީގައި ދެއަތް ހުރަސްކޮށްލަމުން ރައިހާން ބުނެލުމާއި އެކު ލިވްޔާއަސް ދަތްކުނޑި ވިކައިލެވުނެވެ. ރައިހާން އޭނާއާއި މެދުގައި އެހައި ގޯސްކޮށް ދެކެނީ ކީއްވެގެން ހެއްޔެވެ؟
“އަހަންނަކީ އަހަރެންގެ އަމިއްލަ އެދުމަށޭ ކިޔާފަ ކުޑަ ކުދިންނަށް ދެރަ ދޭނެހައި ނުބައި މީހެއް ނޫނޭ.. ރައިހާން ހީކުރަނީ އަހަންނަކީ ކިހައި ފެންވަރެއްގެ މީހެއް ކަމަށްތަ..؟” ލިވްޔާގެ އަޑުގައި ވެސް ވީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.
“އަހަރެން ދެކެނީ ތީ އިންސާނަކު ވެއްޓޭނެ އެންމެ ދަށު ދަރަޖައަށް ވެއްޓޭނެ މީހެއްގެ ގޮތުގަ.. އަހަންނަށް ޔަގީން އަހަރެންގެ އާއިލާ މީހުންނާ މާ ގާތް ވާން ވެގެން ތި އުޅެނީ ކޮންމެވެސް އަމިއްލަ އެދުމެއް އޮވެގެން ކަން.. ބުނޭ ރަނގަޅަށް! ކޯޗެއް ބޭނުން ވެގެން ތި އުޅެނީ؟ ފައިސާތަ؟ އާނ ތިކަހަލަ ގޮތެއް ފޮތެއް ނެތް އަންހެނުން-” ރައިހާންއަށް އެހިސާބަށް ބުނެވުނުތަނާ ކޯތާފަތަށް އެރި ހޫނު ހަމަލާއިން ވަގުތުން ބަސް މެދުކެނޑުނެވެ. އިރުކޮޅަކު ގަބޫލުނުކުރެވި ހުރެފައި ރައިހާން އޭނާގެ އަތްތިލަ ކޯތާފަތުގައި ޖައްސައިލާފައި ކުރިމަތީގައި ހުރި ލިވްޔާއަށް ބަލައިލީ ރުޅިން ފިއްސައިލާ ފަދަ ނަޒަރަކުންނެވެ.
“ޔޫ ބި*” ދަތްކުނޑި ވިކައިލަމުން އޭނާއަށް އަމާޒުކޮށް ރައިހާން ބުނެލި ލަފްޒުން ލިވްޔާގެ ރުޅިގަނޑު އިތުރަށް ކެކިގަތް ފަދައެވެ.
“ޑޯންޓް ޔޫ ޑެއަރ، އޭ***” ރައިހާންގެ މޫނުމަތީގައި ޝަހާދަތް އިނގިލި ހޫރައިލަމުން ލިވްޔާ ބުނެލި އިރު އެ ދެލޮލުގައި ވިދަމުން ދިޔައީ ރުޅިއާއި ހިތާމައިގެ ކަރުނަތަކެވެ. އެހެނަސް އެ ކަރުނަތަކުން ރައިހާންގެ ހިލަ ހިތަށް އަސަރެއް ނުކުރި އިރު، އެ ހިތަށް ލިބުނީ ހަމަޖެހުމެވެ.
“އަހަންނާ ދިމާއަށް ހިތުހުރިހާ އެއްޗެއް ކިޔުމުގެ އެއްވެސް ހައްގެއް ރައިހާންއަކަށް ނޯންނާނެ!” ލިވްޔާގެ އަޑު އިހުނަށްވުރެ ވެސް ބާރުވިއެވެ.
“ތި އަޑު މަޑުކުރޭ އިނގޭ!” ޝަހާދަތް އިނގިލި ދިއްކޮށްލަމުން ރައިހާން ބުނެލީ އިންޒާރުދޭ ރާގަކަށެވެ.
“ނުކުރާނަން! ރައިހާންއަކަށް ނޭނގޭނެ އަހަރެން ކަންތައް ކުރާނެ ގޮތާ ނުކުރާނެ ގޮތެއް! މި ހުރިހާ ދުވަހަކު ވާ ވަރަށް އަހަރެން ދެރަކޮށްލައި ރުޅިއަރުވައިލަން އުޅެވިއްޖެ އެއްނު.. އެކަމަކު މިފަހަރު ތި ދަނީ މާ މައްޗަށް!” ލިވްޔާގެ އަޑު ހިނދަކަށް ވުރެ ހިނދެއް ބާރުވަމުން ދިޔުމާއި އެކު ގޭގައި އުޅޭ އެހެން މީހަކަށް އެ އަޑު އިވިދާނެތީ ރައިހާން ކަންބޮޑުވިއެވެ. އެއާއެކު ކަތުރުކަށިގަނޑަށް ވާންކޮށްލަމުން ލިވްޔާގެ އަތުގައި ހިފައި ދަމަމުން ގޮސް ރައިހާން އޭނާގެ ކޮޓަރިއަށް ވަދެފައި ދޮރު ޖެހީ ލިވްޔާ އެ އަތުތެރެއިން މިންޖުވުމަށް ގަދަ ހަދަހަދައި ހުއްޓައެވެ.
“ކިހިނެއް ވެގެންތަ ތި އުޅެނީ؟!” ރައިހާން އޭނާގެ އަތުން ދޫކޮށްލުމާއި އެކު އަތުގައި ފިރުމަމުން ލިވްޔާ އަނެއްކާ ވެސް ހަޅޭލަވައިގަތެވެ.
“ދެން ހަޅޭލަވާނެ ވަރަކަށް ލަވާ.. ބޭރުގަ އެވައްތަރަށް އަޑުނަގައިގެން އުޅޭ އިރު ގޭގަ އެހެން މީހުން އުޅޭކަން ވެސް ހަނދާން ނެތީތަ..؟” ލިވްޔާ ގާތަށް ފިޔަވަޅެއް އަޅައިލަމުން ރައިހާން ބުނެލިއެވެ.
“އަބަދުވެސް ކަންތައްތަކާ ދޭތެރޭ ވިސްނަން ޖެހެނީ އަހަރެންތަ..؟ ކީއްވެތަ އެންމެ ފަހަރަކު ވެސް ރައިހާން ނުވިސްނަނީ..؟ އަހަންނާ ދިމާއަށް އެހައި ހުތުރު އެއްޗެއްސަށް ގޮވައި އިރު އަހަރެން ވީ ހެވި ދިއްލިފަ އަތް ޖަހަން ހުންނަން..؟” ވޭނާއި ނަފްރަތު އެކުވެގެން ލިވްޔާއަށް ވާހަކަ ދައްކަން ވެސް އުނދަގޫ ވިއެވެ.
“އަހަންނަށް އެނގޭ ރައިހާން އަހަރެން ދެކެ ވަރަށް ރުޅި އަންނަ ކަން.. އެކަަކު އޭގެ މާނައެއް ނޫން ރައިހާން ބޭނުންހައި ގޮތަކަށް އަހަންނާ ދޭތެރޭ ކަންތައް ކުރެވޭނެޔެކޭ.. ޖަނަވާރަކު ވެސް ނުވެއްޓޭނެ ފެންވަރަށް އަހަރެން ވައްޓައިލާށެކޭ! އަހަންނަކީ އެހައި ގޯސް މީހެއް ނޫނޭ!” އައި ރުޅީގައި ރައިހާންގެ ގަމީހުގެ ގިރުވާނުގައި ހިފައި ތަޅުވައިގަންނަމުން ލިވްޔާ ޝަކުވާކުރިއެވެ.
“އަހަރެން ކަޅު ވީމަ، އަހަރެން ހުތުރު ވީމަ، އެކަމުން ރައިހާންއަށް ކޮން އުނދަގުލެއްތަ ވަނީ..؟ އަހަރެން އުފާވީމަ، އަހަރެން ހިނިތުންވީމަ، އެކަމުން ރައިހާންއަށް އުނދަގޫ ވަނީ ކީއްވެތަ..؟ ކީއްވެގެންތަ އަހަރެން ދެކެ ތިހައި ރުޅިއެއް ތި އަންނަނީ؟” ރައިހާންގެ ގަމީހުގެ ގިރުވާނުން ދޫކޮށްނުލައި ހުރެ ލިވްޔާ ބުނަމުން ދިޔައެވެ.
އިރުކޮޅަކު ލިވްޔާ ބޭނުން އެއްޗެއް ކިޔަން ފުރުސަތު ދީގެން ހުރުމަށް ފަހު ރައިހާން ކުއްލިއަކަށް އޭނާގެ ގިރުވާނުގައި ހިފަހައްޓާފައިވީ ލިވްޔާގެ އަތް ނައްޓުވައިލުމަށް ފަހު، އޭނާގެ އެއް އަތުން ލިވްޔާގެ ދެއަތް ގައިދު ކޮށްލާފައި ގެންގޮސް ފާރުގައި ޖެއްސިއެވެ. އޭނާގެ ބުރަކަށި ފާރުގައި ޖެހުނުލެއް ބާރުކަމުން ލިވްޔާގެ އަނގައިން އަޑެއް ވެސް ބޭރުވިއެވެ.
“އަހަންނަކަށް ނޭނގެ.. އަހަންނަކަށް ނޭނގެ ލިވްޔާ ދެކެ އެހައި ރުޅި އާދެވެނީ ކީއްވެގެން ކަމެއް.. ކީއްވެތަ ލިވްޔާ އަހަރެންގެ ދިރިއުޅުމަށް އައީ..؟ ކީއްވެތަ އަހަންނަށް އަބަދު އަބަދު ލިވްޔާ ފެންނަނީ..؟ އޮފީހުގަ ވެސް ގޭގަ ވެސް.. ކީއްވެގެންތަ އަހަންނަށް ލިވްޔާގެ ކިބަިއން ސަލާމަތް ނުވެވެނީ..؟ ކީއްވެތަ މިހާރު އަހަރެންގެ އާއިލާ ވެސް ލިވްޔައާ އެހައި ގާތްވަނީ..؟” ދަތްކުނޑި ވިކާލައިގެން ހުރެ ރައިހާން ބުނަމުން ދިޔަ ކޮންމެ ލަފުޒަކާއި އެކު ލިވްޔާގެ އަތަށް ބާރު ކުރަމުން ދިޔަ ވަރުން ލިވްޔާއަށް ތަދު ވެސް ވަމުން ދިޔައެވެ.
“ލިވްޔާ ފެނުނީމަ.. އަހަރެންގެ މުޅި ދުވަސް ޚަރާބުވޭ.. ހިތަށް އަރާ ދުވަހަކު ތި ސޫރަ ދެކެން ނުޖެހޭނެ ނަމައޭ.. އަހަރެން.. އަހަރެން ވަރަށް ވަރަށް ރުޅި އާދޭ! އިންތިހާއަށް ނަފްރަތު ކުރަން!” ދަތްތަކަށް ތަދުވާ ވަރަށް ދެދަތްޕިލަ ޖައްސައި ބާރުކޮށްލަމުން އެހެން ބުނެފައި ރައިހާން ލިވްޔާގެ އަތުން ދޫކޮށްލިއެވެ. ލިވްޔާއަށް ފުރަގަސް ދެމުން ރައިހާން ދެތިން ފަހަރަކު ފުން ނޭވާއެއް ދޫކޮށްލީ އަމިއްލަ ނަފްސު ހަމައަކަށް އެޅުވުމަށެވެ.
ރައިހާންގެ ކޮންމެ ޖުމުލައެއް ރުވާފައި ދިޔަ ތީރެއް ފަދައިން ހެރުނީ ސީދާ ލިވްޔާގެ ހިތަށެވެ. އެހެން ފަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް އެއިން އެއްވެސް ލަފުޒަކުން ހިތަށް އަސަރު ކުރިޔަ ނުދޭން ހިތުއަޅައިގެން ހުރި ނަމަވެސް، މިފަހަރު އެކަމުގައި ލިވްޔާ ވީ ނާކާމިޔާބެވެ. ރައިހާން އޭނާ ދެކެ އެހައި ރުޅި އައުމަށް އޭނާއަށް ކުރެވުނު ކުށަކީ ކޮބައިތޯ އަމިއްލަ ނަފްސާ ސުވާލު ކުރެވުނު އިރު އެ ހިތް ކުދިކުދިވެއްޖެއެވެ. އިސާހިތަކު އެ ދިގު އެސްފިޔަތައް ފޫއަޅުވައިލާފައި ފައިބައިގަތް ކަރުނަތަކުން އެ އޮމާން ކޯތާފަތް ތެމިއްޖެއެވެ.
“ނުުކުމޭ!” ދޮރާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ރައިހާން ބުނެލި އިރު އެ އަޑުގައި ވަނީ ހަރުކަށިކަމެވެ.
“ރަ- ރައިހާން..” އެއްޗެކޭ ބުނަން ލިވްޔާ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވީ ރައިހާން ފަސްއެނބުރި އޭނާއަށް ބަލައިލި އިރު، އެ ދެލޮލުގައިވީ ރުޅިވެރިކަން ފެނިފައެވެ. ހިނދުކޮޅަކު ކަރުނަވީ ދެލޮލުން ރައިހާންއަށް ބަލަހައްޓައިގެން ހުރުމަށް ފަހު ލިވްޔާ ލަސްލަހުން އޭނާގެ ފިޔަވަޅުތައް ދޮރާ ދިމާއަށް އަޅަން ފެށިއެވެ. ކޮޓަރިން ނުކުތުމުގެ ކުރިން އަދި އެއްފަހަރު ރައިހާންއަށް ބަލައިލުމަށް ފަހު، ލިވްޔާ ކޮޓަރިން ނުކުމެފައި ދޮރު ލައްޕައިލީ ރައިހާންގެ ފަރާތުން އޭނާ ބޭނުންވާ ފަދަަ އިޝާރާތެއް ނުވާނޭކަން ޔަގީން ވީމައެވެ.
ލިވްޔާ ނުކުތުމާއި އެކު ރައިހާން ފުން ނޭވާއެއް ދޫކޮށްލަމުން އަތް މުއްކުވައިލާފައި ފާރަށް އެތިފަހަރެއް ވީއްލައިލިއެވެ. އެ އަމަލު ދެތިން ފަހަރަކު ތަކުރާރު ކުރި އިރު، އަތުގެ ހުޅުތަކަށް ވަމުން ދިޔަ ތަދުވެސް އޭނާއަށް އިހުސާސް ނުކުރެވޭ ފަދައެވެ. ދެއަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފައި ބާރުކޮށްލަމުން ރައިހާން ދެކަކޫ މައްޗަށް ތިރިވިއެވެ. އުމުރުން ވީހައި ދުވަހެއްގައި މިހައި ރުޅި އާދެވުނު ދުވަހެއް އޭނާ ހަނދާނެއް ނުވެއެވެ. ބުނެވުނު އެއްޗެއްސާއި، ލިވްޔާގެ ފަރާތުން އިވުނު ބަސްތަކާ ދޭތެރޭގައި ވިސްނައިލެވުމުން ހިތުގެ ކަނެއްގައި ރިސްލައިލި ނަމަވެސް، ރައިހާން އެ އިހުސާސް ނިކަން އަވަހަށް ފަސްއަޅައި ފޮރުވާލައިފިއެވެ. ހިތަށް ވެރިވަމުން ދިޔަ މައްސުނި އިހުސާސްތަކުގެ ސަބަބުން މީހާ އިތުރަށް ބަލިކަށިވުން ނޫން ކަމެއް ނުވިއެވެ.
އިރުކޮޅަކު ރައިހާންގެ ކޮޓަރީގެ ދޮރުމަތީގައި ހުރެފައި ލިވްޔާ ލަސް ފިޔަވަޅުތަކެއްގައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެއާއެކު އޭނާގެ ދެތުންފަތް ފޫއަޅުވައިލާފައި ބޭރުވި ގިސްލުމުގެ އަޑު ބާރުވަމުން ގޮސް ބާރަށް ރޮވެން ފެށުމާއި އެކު، ލިވްޔާ ފާރުގައި ބުރަކަށި ޖައްސައިލާފައި، ތިރީގައި އިށީނެވެ. ދެކަކޫ ގެނެސް މޭގައި ޖައްސައިލާފައި ކަކޫ ތެރޭގައި މޫނު ފޮރުވައިލަމުން ލިވްޔާ ގިސްލަގިސްލާފައި ރޮމުން ދިޔަ ނަމަވެސް، އެ އަޑު އަހާފައި އޭނާއަށް ހަމްދަރުދީގެ އަތެއް ދިއްކޮށްލާނެ އެކަކު ވެސް ނެތެވެ.
އެރޭ އެކުގައި ދެމީހުންނަށް ވެސް ހޭދަވީ އެފަދަ ގޮތަކަށެވެ. ހިތުގައިވީ ހަގީގީ އިހުސާސްތައް ދެނެގަންނަން ރައިހާން މަސައްކަތް ކުރަމުން ދިޔަ އިރު ލިވްޔާގެ މުޅި ރޭ ހޭދަވީ ފާއިރުވެ ދިޔަ ދުވަސްތަކުގައި ރައިހާންގެ ފަރާތުން ފެނުނު ކޮންމެ އަމަލަކާއި، އެ ދުލުން ބުނި ކޮންމެ ބަހަކާއި މެދުގައި ވިސްނާ، ކަރުނަ އޮހޮރުވުމުގައެވެ. އެ ހިތުގައި ވެސް އިންތިހާ ދަރަޖައިގެ ހައިޖާނުގަނޑެއް އުފެދިފައިވީ އިރު، އެކަން ހައްލު ކުރާނެ ގޮތެއް އެކަކަށްވެސް ނުވިސްނުނެއެވެ. އެކަމުގެ ރުޅި ވެސް ދެމީހުންނަށް އާދެވެނީ އެކަކު އަނެކަކު ދެކެއެވެ.
*** ** ***
ޖެހިގެން އައި ދުވަހު އޮފީހަށް ދާން ތައްޔާރުވެގެން ލިވްޔާ ނުކުތް ވަގުތު ރައިހާން ވެސް ނުކުންނަނީއެވެ. ލިވްޔާގެ ނަޒަރު ވަގުތުން ރައިހާންއަށް އަމާޒުވީ ނަމަވެސް ރައިހާން ލިވްޔާ ފެންނަ ކަމަސް ވެސް ހަދައިނުލައި ނުކުމެގެން ދިޔައީއެވެ. ގޮތް ނެނގޭ އިހުސާސެއް ހިތަށް ވެރިވުމާއި އެކު އިރުކޮޅަކު ރައިހާން ނުކުތް ދޮރަށް ބަލަހައްޓައިގެން ހުރުމަށް ފަހު ލިވްޔާ ވެސް ގެއިން ނުކުތެވެ. ގޯތިތެރެއިން ލާފައި މައި ގޭޓުން ނުކުތް އިރު ރައިހާންގެ ކާރު ދުއްވައިލަނީއެވެ. އެއާއެކު ފުން ނޭވާއެއް ދޫކޮށްލަމުން ލިވްޔާ ޓެކްސީއެއް އަތުޖެހޭތޯ އުޅެގަތެވެ.
އޮފީސް ތެރޭގައި މަސައްކަތް ކުރި ވަގުތު ދެމީހުން އެކަކު އަނެކަކަށް ސިއްރު ނަޒަރުތަކެއް ބަދަލު ކޮށްލުން ފިޔަވައި އެދެމެދުގައި އިތުރު އިޝާރާތެއް ނުކުރެވެއެވެ. ކުޑަމިނުން ވާހަކަ ވެސް ނުދައްކާ އިރު، ދެމީހުން ވެސް ބަލަމުން ދިޔައީ ވީހާ ވެސް ބޮޑަށް އެކަކު އަނެކަކާ ދުރުގައި އުޅެވޭތޯއެވެ. ރައިހާންގެ ލޮލުން އޭނާއަށް ޓަކައި ފެންނަމުންދާ ނަފްރަތާއި ރުޅިވެރިކަމުގެ ސަބަބުން ލިވްޔާއަށް ހަތަރުކަޅި ހަމަކޮށްލަން ވެސް ނުކެރެއެވެ.
ކުރަން ހުރި މަސައްކަތްތައް ނިމިގެން ލިވްޔާއަށް ގެއަށް ދާން ނުކުމެވުނު އިރު ރައިހާން އަދިވެސް އޭނާގެ ކެބިންގައި އިނެވެ. މުޅި ދުވަހު އެއްކޮށް ކެއުމެއް ބުއިމެއް ވެސް ނެތި ރައިހާން މަސައްކަތުގައި އިނުމުން ލިވްޔާ ރައިހާންއާއި މެދުގައި ކަންބޮޑުވީ ނަމަވެސް ލިވްޔާ ނިކަން އަވަހަށް އެ އިހުސާސްތައް ފަސްއަޅައި ފޮރުވައިލުމަށް ފަހު އޮފީހުން ނުކުންނަން ހިނގައިގަތެވެ. ރައިހާން އޭނާއަށް އެހައި ނަފްރަތު ކުރާ އިރުވެސް އޭނާއަށް ރައިހާންއާ މެދުގައި ވިސްނޭތީ ލިވްޔާއަށް އަމިއްލަ ނަފްސު ދެކެ އިންތިހާއަށް ރުޅި އާދެވުނެވެ.
ލިވްޔާއަށް ކޮމްޕެނީ ބިލްޑިން އިން ބޭރަށް ނުކުމެވުނު އިރު ގަޑިން ދިހައެއް ވެސް ޖަހައިފިއެވެ. އެއާއެކު ޖަހައިލި ގުގުރީގެ އަޑާއި އެކު ލިވްޔާއަށް މައްޗަށް ބަލައިލެވުނެވެ. ވިއްސާރަ ވިލާތަކުގެ ހިޔަނިން ނިވާވެފައިވީ ހަނދުގެ އެއްވެސް ލިސާނެއް ނުފެނުމުން އިސާހިތަކު ވާރޭ ވެހެން ފަށާފާނެކަން ލިވްޔާއަށް އެނގުނެވެ. ޖެހެމުން ދިޔަ ބާރު ވައިރޯޅިތަކުގެ ޝިކާރައަކަށްވެ، މުޅި ހަށިގަނޑަށް ފިނިކަން އިހުސާސް ކުރެވުމާއި އެކު، ލިވްޔާ ތުރުތުރުއަޅައިލިއެވެ.
“ލިވް.ީ” އެވަގުތު ކޮމްޕެނީން ނުކުތް ހަލީމް ގޮވައިލުމުން ލިވްޔާ ސިހިފައި ހަލީމަށް ބަލައިލިއެވެ.
“ހަލީމްބޭ.. މިތާ ކީއް ކުރަނީ..؟” ހިނިތުންވަމުން ލިވްޔާ އަހައިލުމާއި އެކު ހަލީމް ވެސް ހިނިތުންވެލިއެވެ.
“ހަލީމްބެ މި އައީ ރެން ބުނެގެން ޔާން ގެންގުޅޭ ފައިލެއް ގެނެސްދޭން ވެގެން.. މިހާރު މި ދަނީ ހޮސްޕިޓަލަށް ދާން.. ލިވީ އެކަނިތަ ގެއަށް ދަނީ..؟” ހަލީމް އަހައިލުމާއެކު ލިވްޔާ ލަސްލަހުން ބޯޖަހައިލިއެވެ.
“އެކަމަކު ވަރަށް ވިއްސާރަ ކުރަން އެ އުޅެނީ.. މިގަޑީގަ ވަރަށް އުނދަގޫ ވާނެ ކާރެއް ހޯދަން.. ކިހިނެއް ލިވީ ދާނީ..؟” ހަލީމްގެ އަޑުގައިވީ ކަންބޮޑުވުމެވެ.
“ހަލީމްބެ އެހައި ހާސްނުވޭ.. އަޅުގަނޑު ކޮންމެވެސް ގޮތެއް ހޯދާނަން..” ހަލީމް ހިތްހަމަޖައްސައިދޭން ލިވްޔާ ބުނި ނަމަވެސް ޚުދު އޭނާ ވެސް ހުރީ ގެއަށް ދާނޭ ގޮތަކާއި މެދު ކަންބޮޑުވެފައެވެ. ހަމަ އެވަގުތު ބޭރަށް ނުކުތް ރައިހާން ފެނިފައި ލިވްޔާއަށް ރައިހާންއަށް ނަޒަރެއް ދެވުނީ ގަސްތަކައި ނުލައެވެ.
“އާނ މިވީ މާ ރަނގަޅު ގޮތެއްނު.. ރެން ވެސް އެ ނުކުތީ ގެއަށް ދާން.. ރެން ގެއަށް ދާ އިރު ލިވީ ވެސް ގޮވައިގެން ދޭ..” ރައިހާން ފެނުމާއި އެކު ހިތްހަމަޖެހިފައި ހުރެ ހަލީމް ދިން ޚިޔާލުން ރައިހާން އާއި ލިވްޔާއަށް އެކަކު އަނެކަކަށް ކުއްލި ނަޒަރެއް ދެވުނެވެ.
“ނޫން ހަލީމްބޭ.. އޯކޭ ވާނެ.. އަޅުގަނޑު ގޮސްދާނަން ޓެކްސީއެއް ހޯދައިގެން..” ލިވްޔާ ވަގުތުން އިންކާރު ކުރަން މަސައްކަތް ކުރި ނަމަވެސް ހަލީމް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.
“ނޫނޭ ލިވީ.. މިހައި ލަސްވެފަ ހުއްޓައި ލިވްޔާ އެކަނި ދާކަށް ވެސް ނުވާނެ.. ޔާންބެއާ ކުޑާ ބުނި ލިވީއަށް ވަރަށް ރަނގަޅަށް ބަލައްޗޭ.. ބޭބެ ހިތްހަމައެއް ނުޖެހޭ ލިވީ އެކަނި ދާކަށް.. ރެން.. ލިވްޔާ ގޮވައިގެން ކާރުގަ ދޭ.. އަންކަލް މި ދަނީ ހޮސްޕިޓަލަށް..” އިތުރަށް ދެކޮޅުހަދާނޭ ފުރުސަތެއް ނުދީ، ހަމައެކަނި އެހެން ބުނެފައި ހަލީމް ދިޔުމުން ރައިހާން އާއި ލިވްޔާ އިރުކޮޅަކު ހަދާނެ ގޮތެއް ނޭނގިފައިތިބި ފިޔަވަޅު މަތީގައި ތިބީއެވެ.
އިރުކޮޅެއްގެ ހިމޭންކަމަކަށް ފަހު ރައިހާން ފުން ނޭވާއެއް ދޫކޮށްލަމުން ގޮސް އޭނާގެ ކާރަށް އެރިއެވެ. ކާރު ސްޓާޓް ކޮށްލާފައި ލިވްޔާގެ ކުރިމައްޗަށް ހުއްޓައިލުމަށް ފަހު ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލިއެވެ.
“އަރާ..” ލިވްޔާއަށް ބަލައިލުމެއް ނެތި ރައިހާން ބުނެލީ އެ ލަފްޒު އެކަންޏެވެ. އެ އަޑުގައިވީ ހަރުކަށިކަމާއި ވަރުގަދަ ކަމުން ލިވްޔާއަށް ދެކޮޅު ހަދަން އުނދަގޫވީ ނަމަވެސް ލިވްޔާ ގޮތުގައި ހިފެހެއްޓޯ ބެލިއެވެ.
“ނޫން.. އަހަރެން ޓެކްސީއެއް ހޯދައިގެން ދާނަން.. ރައިހާން ދޭ..” ލިވްޔާ ދެކޮޅު ހެދުމާއި އެކު ރައިހާން ދަތްކުނޑިވިކައިލަމުން ލިވްޔާއަށް ބަލައިލީ ނުރައްކާތެރިކަމުން ފުރިގެންވީ ނަޒަރަކުންނެވެ.
“އަހަރެން ލިވްޔާ އެކަނި މިތާ ބަހައްޓާފަ ގެއަށް ދިޔަކަން އެނގިއްޖެއްޔާ އަންކަލް ރުޅިދުރުވާނީ އަހަރެން ދެކެ.. ލިވްޔާއަށް ކަމެއް ވިޔަސް އެކަމުގެ ޒިންމާ ވެސް އެޅޭނީ އަހަރެންގެ ބޮލުގަ.. ތި އުޅެނީ އަންކަލް އަހަރެން ދެކެ ރުޅިދުރުވާނެ ގޮތެއް ހޯދަން ވެގެންތަ..؟” އަނެއްކާވެސް އެފަދަ ތުހުމަތެއް ލިވްޔާގެ ބޮލުގައި ރައިހާން އެޅުވުމާއި އެކު ލިވްޔާއަށް ރައިހާންއަށް ބަލައިލެވުނީ ޤަބޫލު ނުކުރެވިފައި ހުރެއެވެ.
“ކޮންމެހެން މާ އިނޮސެންޓް ކަމަށް ހެދިގެން އަހަންނަށް ބަލާނެ ކަމެއް ނެތް.. އަރާ ކާރަށް!” ރައިހާން އަމުރުކޮށްލުމާއި އެކު ލިވްޔާ ފުން ނޭވާއެއް ދޫކޮށްލަމުން ކާރުގެ ކުރީ ސީޓުގެ ދޮރުފަތް ހުޅުވައިލާފައި ކާރަށް އެރީ، އިތުރަށް ދެކޮޅު ހަދައިފި ނަމަ ކަންތައްތައް މައްޗަށް ދާނެކަން އެނގޭތީއެވެ. އެ ގޮތަށް ކަންތައް ވާކަށް ލިވްޔާއެއް ނޭދެއެވެ. ރައިހާންގެ ދުލުން އޭނާއަށް އަމާޒުވާ އިތުރު ބަދުބަހަކާ ކުރިމަތިލާނޭ ހިތްވަރެއް އޭނާގެ ބަލިކަށި ހިތަކު ނެތެވެ.
ލިވްޔާ އެރުމާއި އެކު ރައިހާން ކާރު ދުއްވައިލިއެވެ. ފުދޭވަރަކަށް ބާރު ދުވެލީގައި ކާރު ދުއްވަމުން ގޮސް، އިރުކޮޅެއް ވެސް ނުވަނީސް ކާރުގެ ފުރާޅުމަތީގައި އޮއްގާތަކެއް ފަދައިން ވާރޭގެ ތިކިތައް ޖެހިގަންނަ އަޑުން ކާރުތެރޭގައިވީ ހަމަހިމޭންކަން ނަގާލައިފިއެވެ. ވާރޭގެ އަސަރު ގަދަވުމާއި އެކު ލިވްޔާގެ ކުރިން ވެސް ފިނިވެފައިވާ ހަށިގަނޑު އިތުރަށް ހަރުދަނޑި ވިއެވެ. ވަގުތުން ލިވްޔާ އޭނާގެ އަމިއްލަ ހަށިގަނޑުގައި ދެއަތް ވަށައިލީ، އިންތިހާއަށް ފިންޏަށް ބަލިވެފައި އިނުމުންނެވެ.
ވަމުން ދިޔަ ފިންޏަށް ކެތް ނުކުރެވިގެން ލިވްޔާ އުޅެމުން ދިޔަ ގޮތް ފެނުމުން ރައިހާންގެ ތުންފަތުގައި ކުޅެލީ މަކަރުވެރި ހިނިތުންވުމެކެވެ. ލިވްޔާގެ ހަށިގަނޑު ތުރުތުރު އަޅައަޅައި އިން އިރު، ފިނީގެ ސަބަަބުން ރަތްވެފައިވާ އެ ބޯ ތުންފަތް ވެސް އިސާހިތަކު ތުރުތުރު އަޅަމުން ދިޔަ މަންޒަރު ފެނިފައި ރައިހާން އޭސީގެ ފިނި އިތުރަށް ގަދަކޮށްލީ ލިވްޔާއަށް އިތުރު ވޭނެއް ދިނުމަށެވެ.
ރައިހާން އޭސީ ގަދަކޮށްލި މަންޒަރު ފެނުމުން ލިވްޔާގެ ދެލޯ ބޮޑުވިއެވެ. ކުރިޔަށްވުރެ ބޮޑަށް ފިނީގެ އަސަރު ކުރަން ފެށުމާއި އެކު ލިވްޔާ ދެއަތް މުއްކަވައިލަމުން ފިންޏަށް ކެތް ކުރެވޭތޯ ބެއްޔެވެ. އެހެނަސް ކުރިޔަށްވުރެ ވެސް ބޮޑަށް ފިނީގެ އަސަރު ގަދަވެ، ކަށިތަކާ ހަމައަށް ފިނިކަން ފޯރުމާއި އެކު ލިވްޔާ އިހުނަށް ވުރެ ބޮޑަށް ތުރުތުރު އަޅަން ފެށިއެވެ. ކިތަންމެ ފަހަރަކު ރައިހާން ގާތު ފިނި މަޑުކޮށްލަދިނުމަށް އެދެން އުޅެފައި ވެސް ލިވްޔާ ކެތްކޮށްލީ، އޭނާގެ ބަލިކަށިކަމަށް ރައިހާން ކުރާނީ މަލާމާތް ކަން އެނގޭތީއެވެ.
އިރުކޮޅެއް ފަހުން ރައިހާން ކާރު ހުއްޓައިލާފައި ލިވްޔާއަށް ފުން ނަޒަރެއް ދިނެވެ. އޭރުވެސް ގައިގައި އަތް ވަށާލައިގެން އިނދެ ތުރުތުރުއަޅަމުން ދިޔަ ލިވްޔާ ފެނިފައި ހިނދުކޮޅަކަށް ރައިހާންގެ ދެލޮލުގައިވީ ވިދުވަރު ތަފާތުވެލިއެވެ. ލިވްޔާގެ ދެލޮލުން ފެށިގެން ތުރުތުރު އަޅަމުން ދިޔަ އެ ރަތްވެފައިވީ ތުންފަތަށް ރައިހާންގެ ނަޒަރު ދަތުރު ކުރުމާއި އެކު ރައިހާންއަށް ހިންދިރުވައިލެވުނެވެ. އިރުކޮޅަކު ލިވްޔާގެ ތުންފަތަށް ނަޒަރު ހުއްޓާލައިގެން އިނދެފައި ރައިހާން މަޑުމަޑުން ލިވްޔާއާ ކައިރިވާން ފެށިއެވެ.
އިސްޖަހައިގެން އިނދެ ފުން ނޭވާތަކެއް ލަމުން ދިޔަ ލިވްޔާއަށް ކުއްލި ސިހުމެއް ލިބުނީ ރައިހާން އޭނާގެ ދަތްދޮޅީގައި ހިފައި އޭނާއާ ހަތަރުކަޅި ހަމަކުރުވުމުންނެވެ. ރައިހާންގެ ކިބަިއން ދުވަހަކު ވާނޭ ކަމަށް ހީކުރެވިފައި ވެސް ނުވާ އިޝާރާތެއް ފެނުމުން ލިވްޔާގެ މުޅި ހަށިގަނޑު ގަނޑުވީ ފަދައެވެ. ހިނދަކަށް ވުރެ ހިނދެއް ރައިހާން އޭނާއާ ކައިރިވަމުން ދިޔުމާއި އެކު ލިވްޔާގެ ތުންފަތުގައިވީ ތުރުތުރުލުން ވީ އިތުރެވެ.
ލިވްޔާގެ ތުންފަތަށް ވެރިވެފައިވީ ރަތްކަމާއި އެކު އެ ތުންފަތުގައިވީ ތުރުތުރުލުން އިތުރުވީ މަންޒަރު ފެނިފައި ރައިހާންއަށް އިތުރަށް ކެތް ކުރަން އުނދަގޫވިއެވެ. ލިވްޔާގެ ދަތްދޮޅީގައިވީ އަތުގެ ބޮޑުވާ އިނގިލިން ލިވްޔާގެ ރަތްވެފައިވީ ތުންފަތުގައި ރައިހާން މަޑުމަޑުން އިނގިލި ހިންގައިލިއެވެ. ރައިހާން އުޅުނު ގޮތުން ހީވީ ނާޒުކު އެއްޗަކަށް ގެއްލުމެއް ލިބިދާނެތީ ނިކަން ބަލައިގެން އުޅުނު ހެންނެވެ.
ރައިހާން އޭނާގެ ތުންފަތުގައި ބީހިލުމާއި އެކު ލިވްޔާގެ ނޭވާ ވެސް ތާށިވީ ފަދައެވެ. ރައިހާންގެ ދެލޮލުން ފެންނަމުން ދިޔަ އަސަރުތަކަށް ގެއްލިފައި ލިވްޔާ ވެސް އިނީ ރައިހާން ހުއްޓުވަން ނޭނގިފައެވެ. އެއަށްވުރެ ބޮޑަށް ރައިހާންގެ އެ ގާތްކަމަށް ލިވްޔާއަށް އެދެވެމުން ދިޔައެވެ.
ލިވްޔާ ލޯ މަރައިލި މަންޒަރު ފެނިފައި ރައިހާންގެ ތުންފަތް ދެމިލީ ހިތްގައިމު ހިިނިތުންވުމަކުންނެވެ. ލަސްލަހުން އިހުނަށްވުރެ ވެސް ބޮޑަށް ލިވްޔާއާ ކައިރިވެލާފައި، ދެލޯ މަރައިލަމުން ރައިހާން އޭނާގެ ތުންފަތް ލިވްޔާގެ ތުންފަތާ ޖެހޭނުޖެހޭ ހިސާބުގައި މަޑުކޮށްލިއެވެ. ކުރިމަތީގައި މި އިނީ ކޮން ކުއްޖެއްކަން ވެސް އެވަގުތު ރައިހާންގެ ފުސްވެފައިވާ ސިކުނޑިއަށް ނަގައިނުގަނެވުނު ފަދައެވެ. އޭނާގެ ހިތުގައި އެވަގުތު ވީ ހަމަ އެންމެ ކަމެކެވެ. އެ ހިތާއި ހަށިގަނޑު ލިވްޔާއަށް އެދެވުނު ވަރެވެ. ލިވްޔާ އެހައި ބަލިކަށިވެފައި އިން ވަގުތު އެ ހަށިގަނޑުގެ ހޫނުކަމުން ލިވްޔާގެ ހަށީގައިވީ ފިނިކަން ވިރުވައިލަދޭން ބޭނުންވީ ވަރެވެ. އެ ރަތްވެފައިވީ، މަޑުމަޑު، ރީތި ތުންފަތް ގައިދުކޮށްލަން އެ ހިތް އެދި ގޮވަމުން ދިޔަ ވަރެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.







Alhe ren heyonuvaane livy ah ehn hadhaakah efakeeru kn kushhehtha othyyy hama aslah vrh rulhi aisin ren dheke but fahun vaane gotheh alhugandakah neynge…. btw mi part ves vrh reethi livy n ren gulhuvahchhe… when is next part. Can’t wait …
Love ya 😘
yeah ren ves ulhey goiy dho.. nayaa ah ves maithiri nukurevey hama.. hehe
tysm darling.. next part Saturday ga In Sha Allah
love you more💕💕
alhey, mihaaru Raihaan dheke hiyhama nujehen fashaifi, he is going too far! Livy ge kusheh nethi ehaa hurt kuraakah nuvaane, Raihaan fall vaa ot he’s gonna fall so hard! e hisaabu kiyaahiy vany. Nayaa, last 2 adhi mi kiyaalevuny, nice story, keep going!!
yeahh ren e ulhey gothakun hurihaa enmen ves hiy hama nujeheyne dho :((
ahaha marsha thi kiyaalan beynun vegen ulhey bai kiyeykah dhen neh maa gina dhuvaheh.. varah avahah ehisaabah dhaane😉
thank you for this comment Marsha!💕💕
Omg!! They are gonna kiss!!??!!!!
i guess we have to wait to find out😉
nayuu ,this is soooo cuteee ,i cant stoppp smilinggg :))) alheyyyy ren is finally making movess haadha curious kohlaafa ey thi ninmaaly, when is the next part? im luvinggg this smm<3 lysm darling<3
ehehehe thankyouu elly💕💕
next saturday ga in sha allah.. lym💕
Oooommmmyyyyy gooodddddd… Are the gonna really kiss???? Or raihaan act kuraneetha??? I dont think he is actingg.. Suppeeerrr curios.. When next??? Tc.. Lyy💞💗
dhen let’s wait for the next part to find out dhoo hehehe
Saturday ga in sha allah
lym💕💕
Ren thihen hadhaafa dhurah jeheynee eh noon ingey. Come on man! Forget everything and kiss her! This episode is fire. I just love it <3
Whn nxt????
ren dhurah ves hama jehidhaane dho eii kaaku.. hehe
thank you so much💕
Saturday ga In Sha Allah
Mihaaru enme await kurevey eh vaahaka akee miee. I just love a good enemies-to-lovers romance. Keep it up Nayaa. And next part ves avahah up kohla dhehcheyy. Thankyou.
awww this is so sweet!! tysm💕💕
yesss next part maadhan submit kohlaanan In Sha Allah ☹️
Girl how ’bout ya changing the cover pic to something captivating
ohh like what? could you maybe give an idea?
Maybe not black and white
Where you can add livy and ren pics in one frame labelling them
And yaan and lynee in the other frame
ohh like what i did with the my previously stories dho.. i thought of trying something new for this story hehe.. maybe will try your idea in the last episode 🥰
Mi part vx Varah Varah Reethi Masha Allah. Sifa kohdhinun is just Masha Allah ❤️
Ren vx ulhey goiyy dhw, 🤦 Nuvaane ennun Livy aaa dhimaalah ekahala ehchehi bunaakah. 😿
Livy fakeeru heekaruvai ganegen ulhey iru vx fini madeh vx nukuri dhw, pis pis, I’m soooo disappointed in you Ren 😔
Alheeyyy, Are dhey gonna kiss, I hope soo. 🤞 Haadha rom eyy dhw , 🤭😳 N ayu Livy and Ren avahakah gulhuvan ulhey,😅
Ren dhn kiss kohfa noony dhuru nuvachey.
Appreciate your hard work 💪😊 When next ??? Curiously waiting for the next part.
Lysm Nayu 💗
thank youuu so much shiu for this long and beautiful beautiful comment!💕
ehehe ren dhen hadhaa gotheh balan jeheynee dhen oiy bayah inthizaaru kohlan dho.. nayaa akah ves neynge ren ge hithuga oiy gotheh bunaakah.. hehe
next part tomorrow in sha allah
lym shiu💕💕
Submitted tha???????????????
i can barelyyy waittt