Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދޭ މަންޒިލަކީ… 9

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
November 21, 2025 9 Mins Read
3 Comments

ލިވްޔާ މަޑުމަޑުން އޭނާގެ ގައިގައި އޮޅިފައިވާ ބޮކިފަތި ނިއުޅުވައިލަން މަސައްކަތް ކުރަމުން ދިޔުމާއި އެކު ރައިހާން މަޑުޖެހިލިއެވެ. ފަރުވާތެރިކަމާއި އެކު ލިވްޔާގެ މޫނަށް ރައިހާން ނަޒަރު ހުއްޓައިލި ނަމަވެސް ލިވްޔާއަށް އެކަން ރޭކައިނުލީ އެހެން ކަމަކަށް ސަމާލުކަން ދީގެން ހުރުމުންނެވެ. ދެމީހުންނަށް އެކަކުގެ ނޭވާ އިހުސާސްވާހައި ކައިރީގައި ތިބެވުނު ދަނޑިވަޅުގައި ކައިރީގައި ހުރި ތަނބުގައި އެލުވާފައި ހުރި ހުދުކުލައިގެ ތުނި ފޮތިގަނޑު ވެއްޓި، ދެމީހުން އެކުގައި މުޅި ދުނިޔެއަށް ފަރުދާ ކޮށްލީ ދެމީހުންނަށް ވަކިން ފުރުސަތެއް ދޭން ކަންނޭނގެއެވެ.

ބޯމައްޗަށް ފޮތިގަނޑު ވެއްޓުމާއި އެކު ލިވްޔާއަށް ސިހިފައި ރައިހާންއަށް ބަލައިލެވުނެވެ. އޭރުވެސް ރައިހާން ހުރި ގޮތަށް އޭނާއަށް ބަލަހައްޓައިގެން ހުރުމުން ލިވްޔާގެ ހިތުގެ ތެޅުން ބާރުވެލިއެވެ. ލިވްޔާގެ މޫނަމައްޗަށް އަންނަހާ ކުލަވަރެއް ދެކެން ހުރި ރައިހާން ހީވަނީ އެ މޫނުގެ ކޮންމެ ސިފައެއް ހިތުގައި ރައްކާކޮށްލަން އުޅޭހެންނެވެ. އެ ތޫނު ނަޒަރު ލިވްޔާގެ މުށިކުލައިގެ ފުން ދެލޮލަށް ހުއްޓުމާއި އެކު ރައިހާންގެ ދެލޮލުގައިވީ ވިދުވަރު ވެސް ތަފާތު ވެލައިފިއެވެ. އެކަކު އަނެކެއްގެ ލޮލަށް ގެއްލިފައި ތިބި ރައިހާން އާއި ލިވްޔާއަށް އެތަނުގައި ވަމުންދާ އެއްވެސް ކަމެއް ރޭކައިނުލާ ފަދައެވެ.

“ރައިހާން..” ލިވްޔާގެ ދެތުންފަތް ފޫއަޅުވައިލާފައި ރައިހާންގެ ނަން ވައިއަޑުން ނުކުތް ވަގުތު ރައިހާންއަށް ދެލޯ މަރައިލެވުނެވެ. އިޚުތިޔާރަކައި ނުލައި ރައިހާންއަށް އިތުރަށް ލިވްޔާއާ ގާތް ވެވުނު އިރު، އެ ހިތުގެ ތެޅުން އަވަސްވެލައިފިއެވެ. ރައިހާން އިތުރަށް ގާތްވުމާއި އެކު ލިވްޔާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނު އިރު، މުޅި މީހާގެ ގައިގައި މަޑު ތުރުތުރެއް އުފެދިއްޖެއެވެ. ރައިހާން ގާތު ދުރުވާން ބުނަން ބޭނުންވި ނަމަވެސް ލިވްޔާއަށް އެ ހިތްވަރެއް ނުކުރެވުނެވެ.

އެވަގުތު އެތަނަށް އައި ޔާނިއު އާއި ލައިނީއަށް ހުދުކުލައިގެ ތުނި ފޮތިގަނޑުގެ ތެރެއިން އެކަކު އަނެކަކުގެ ނޭވާ އިހުސާސްވާހައި ކައިރީގައި ތިބި ރައިހާން އާއި ލިވްޔާ ފެނުމުން، ދެލޯ ބޮޑުވިއެވެ. އެކަކު އަނެކަކަށް ދެމީހުން ވެސް ބަލައިލި އިރު، ދެ ތުންފަތް މަތީގައި ވެސް ލާނެތް ހިނިތުންވުމެއް ކުޅެލާފައި ވިއެވެ. ލައިނީ ގާތު އެއްވެސް އަޑެއް ނުލެއްވުމަށް އިޝާރާތް ކުރަމުން ޔާނިއު މަޑު ފިޔަވަޅުތަކެއްގައި ގޮސް، ރައިހާން އާއި ލިވްޔާގެ ފަރުދާއަކަށް ވެފައިވީ ފޮތިގަނޑުގައި ހިފައި ދަމައިގަތެވެ.

ލިބުނު ކުއްލި ސިހުމާއި އެކު ރައިހާން އާއި ލިވްޔާއަށް ހަމަބިމަށް އާދެވުނު ފަދައެވެ. ތިބެވުނު ގާތްކަށް އިހުސާސްވީ ހިނދު ދެމީހުން ވެސް ނޭވާއެއް ލާހައި މަދު ވަގުތުކޮޅެއްގެ ތެރޭގައި އެކަކު އަނެކަކާ ދުރުވެލައިފިއެވެ. އަތުގައި އޮތް ބޮކިފައްޗަށް ސަމާލުކަން ދެމުން ރައިހާން ނުވާކަމަށް ހެދުނު އިރު، ލިވްޔާ ވެސް ދެއަތް މުއްކަވައިލަމުން އެހެން ދިމާއަށް ބަލަން ފެށިއެވެ.

“ލޯބިވާއޭ.. ތީއޭ މި ހިތް އެދޭ މަންޒިލަކީ..” ޔާނިއު ކިޔައިލި ލަވައިގެ ކަޑިން ލިވްޔާއަށް ވުރެ ބޮޑަށް ރަައިހާން ރަކިވިހެން ހީވެއެވެ. ތިރީ ތުންފަތުގައި ދަތް އަޅައިލަމުން ރައިހާން ދުރު ބަލައިލި އިރު، ލިވްޔާ ވަގުތުން އިސްދަށަށް ޖަހައިފިއެވެ.

“ކޮންމެހެން މާ ނުވާ ކަމަށް ހެދޭނެ ކަމެއް ނެތް.. ކީއް ކުރަން ދެމީހުން ފޮތިގަނޑު ދަށަށް ވަދެ ތިބީ..؟” ޔާނިއުގެ ލާނެތް ސަމާސާތަކުން ދެމީހުންގެ މޫނުމަތީގައިވީ އަސަރުތައް އިތުރަށް ރަކިވެލައިފިއެވެ.

“ޔާން.. ނުވެޔޭ އެއްވެސް ކަމެއް..” ކިރިޔާ އަޑު އިވޭ ވަރަށް ރައިހާން ބުނެލުމާއި އެކު ލިވްޔާ އޭނާގެ ތުންފަތުގައި ދަތް އަޅައިލިއެވެ.

“ކަމެއް ނުވާ ކަމެއް ނޭނގެ އާނ.. ދެން ބުނަންވީ..! ކޮން ކަމެއްތަ ދެމީހުން.. މާ ވަރަށް އެކަކު އަނެކަކު ދެކެ ރުޅިއައިސްގެން އުޅޭ ދެމީހުން ކަމަށް ހެދިފަ އެންމެ ފަހުން ހިތާވަނީ ދޯ؟” ޔާނިއުގެ ބަސްތަކުން ރައިހާން ވަގުތުން ދެލޯ ބޮޑުކޮށްލަމުން ދެފަރާތަށް ބޯހޫރުވައިލިއެވެ.

“ނޫނޭ ދެން ޔާން! އެއީ ކުޑަ އެކްސިޑެންޓެއް ހިނގީ.. ނުވޭ އަނެއްހެން އެއްވެސް ކަމެއް.. ދެން އެހެންނޫނަސް ލިވްޔާ އެއީ އަހަރެންގެ ޓައިޕް ނޫން ކަން ވެސް އެންމެ ރަނގަޅަށް އެނގޭނީ ޔާންއަށް..” ރައިހާން އެންމެ ފަހު ޖުމުލަ ބުނެލީ ވައްކަޅިން ލިވްޔާއަށް ބަލައިލަމުންނެވެ.

“ދެން ޔާން އެދެމީހުންނާ ދިމާ ނުކޮށްބަލަ.. ކުރަން އައި ކަންތައް ކޮށްބަލަ އަވަހަށް.. ގަޑި ޖެހެންވާ އިރަށް ހުރިހައި ކަމެއް ނުނިމިއްޖެއްޔާ ރަނުގެ އަޑު ބޮޑުކޮށްލާނަން..” ލައިނީގެ ޖުމުލައިން އެތަނުގައި ތިބި އެންމެންގެ ގާތަށް ހިނި އައި އިރު ޔާނިއު ހިނި އައިސްފައި ހުރެ ދެފަރާތަށް ބޯހޫރުވައިލިއެވެ.

“ލައި ކިތަންމެ ބޮޑު އަގެއް ކިޔަސް އަހަނަށް ހެޔޮ.. ލައި އަހަރެންގެ ހައްގަކަށް ވަނިކޮށް އަހަރެންގެ އަތުގަ ހުރި ހުރިހައި އެއްޗެއް ދޭން ޖެހުނަސް އަހަރެން މިހުރީ ތައްޔާރަށް..” ލައިނީގެ އަތުގައި ހިފައި އޭނަޔާ ދިމާއަށް ދަމަިއލަމުން ޔާނިއު ބުނެލި ބަސްތަކުން ލައިނީ ވަގުތުން ލަދުން އިސްދަށަށް ޖެހި އިރު ރައިިހާން އާއި ލިވްޔާ ކައިރިޔަށް ހިނި އައެވެ.

“އޯކޭ ދެން ތިވަރަށް މާނުފޮޅުވިޔަސް.. ދެން އިހަށް ވާން އުޅޭ އަންހެނުން ގައިން ދޫކޮށްލާފަ މިކަމާ އުޅެންވީނު ދޯ..؟” ލާނެތް ހިނިތުންވުމަކައި އެކީ ރައިހާން ދިމާކޮށްލުމުން ޔާނިއު ބޭނުން ނުވެ ހުރެފައި ވެސް ލައިނީގެ ގައިން ދޫކޮށްލިއެވެ.

ރައިހާން އާއި އެކީ ޔާނިއު ދިޔުމާއި އެކު ލައިނީ ލިވްޔާ ގާތަށް ޖެހިލިއެވެ. ދެއަތްދެއަތާ މޮޑެން ހުރި ކޮއްކޮގެ މޫނަށް ފަރުވާތެރިކަމާ އެކީ ނަޒަރެއް ދެމުން ލައިނީ ހިނިތުންވެލިއެވެ.

“ލިވީ ރެން ދެކެ ލައިކް ވޭ ދޯ..؟” ލައިނީގެ ސުވާލާ އެކީ ލިވްޔާ ވަގުތުން ދެލޯ ބޮޑުކޮށްލަމުން ދެފަރާތަށް ބޯހޫރުވާލައިފިއެވެ.

“ދެން ކުޑާ ދައްކާ ވާހަކަ.. އެކަހަލަ އެއްވެސް ކަމެއް ނުވޭ.. އަހަރެމެން މަސައްކަތް ކުރަން ތިއްބާ އެ ފޮތިގަނޑު ވެއްޓުނީއޭ.. އެހެންވެ…” ވީ ގޮތް ކުރު ގޮތަކަށް ކިޔައިދިނުމަށް ފަހު ލިވްޔާ އަވަސްއަވަހަށް ހިނގައިގަތުމުން ލައިނީގެ ހިނިތުންވުން އިތުރަށް ފުޅާވިއެވެ. ލިވްޔާ ކިތަންމެ ސިއްރު ކުރަން އުޅުނު ނަމަވެސް ރައިހާން އާއި ލިވްޔާގެ މެދުގައި ކޮންމެވެސް ކަމެއް ވެއްޖެކަން ލައިނީއަށް ޔަގީނެވެ.

އެދުވަހުގެ ހަވީރު ރަން ކިޔުމުގެ ޙަފްލާ ކުރިޔަށް ދިޔަ އިރު، އެންމެން ވެސް ތިބީ ކަޅާއި ހުދު ކުލައިގެ ހެދުމުގައެވެ. ޔާނިއު އާއި ލައިނީގެ އެދުމުގެ މަތިން ރަންކިޔުމުގެ ހަފްލާ ބޭއްވުނީ ވަރަށް ކުޑަ ގޮތަކަށެވެ. ހަމައެކަނި އާއިލާ މީހުންނަށާއި އެންމެ ގާތް ރައްޓެހިންނަށް ބޭއްވުނު އެ ހަފްލާގައި، ދެފަރާތުގެ އާއިލާގެ އިތުރުން ދެން ބައިވެރިވީ ޔާނިއު އާއި ލައިނީގެ ގާތް ދެތިން ރަހުމަތްތެރިންނެވެ.

ލިވްޔާއަށް ތާއްޔާރުވެގެން ގެއިން ނުކުމެވުނު އިރު ގަޑި ޖެހެން ވަރަށް ކައިރިވެއްޖެއެވެ. ގަޑި ޖެހުމުގެ މާ ކުރިން އަނީސް ގޮވައިގެން ލައިނީ އާއި ޔާނިއު ރަން ކިޔުމުގެ ހަފްލާ އޮންނަ ތަނަށް ދިޔުމުން ދެން ގޭގައި ހުރީ ލިވްޔާ އެކަންޏެވެ. އަވަސް އަވަހަށް ތައްޔާރުވެގެން ގެއިން ނުކުމެފައި ލިވްޔާ ޔާނިއުއަށް ގުޅައިލީ އޭނާ ބަލައި އައިސްދެވޭނެތޯ އެހުމަށެވެ.

“ލިވީ.. ޔާންބެ ވަރަށް ބިޒީ މިވަގުތު.. އެކަމް އެކަނި ނާންނައްޗޭ.. މަޑު ކުރޭ.. ރެން ފޮނުވަން އެބަ..” އެއްފައްޗަކަށް ހުރިހައި ވާހަކަތަކެއް އަމުނައިލާފައި ޔާނިއު ފޯނު ކަނޑައިލީ، ދެކޮޅަށް އެއްޗެކޭ ބުނަން ލިވްޔާއަށް ފުރުސަތު ދިނުމެއް ނެތިއެވެ.

“އާހްގްގް!!” ޔާނިއު ފޯނު ކަނޑައިލުމާއި އެކު ލިވްޔާ ރުޅިއައިސްފައި ހުރެ ބިންމަތީގައި ފައި ތަޅައިގަތެވެ. އެހެނަސް ކިތަންމެ ރުޅިއައި ނަމަވެސް، މިވަގުތު އެނޫން ގޮތެއް ނެތްކަން ލިވްޔާއަށް ވެސް އެނގެއެވެ. ލޯބިވާ ދައްތައަށް ޓަކައި، ދައްތަގެ ޚާއްސަ ދުވަހަށް ޓަކައި މިފަހަރު މި އުނދަގުލަށް ކެތް ކޮށްލާނީއޭ ހިތަށް އަރުވައިލަމުން ލިވްޔާ ރައިހާން އަންނާނެ ވަގުތަކަށް އިންތިޒާރު ކުރަން ފެށިއެވެ.

އިރުކޮޅެއް ނުވެ ލިވްޔާގެ އިންތިޒާރަށް ނިމުމެއް އައީ ކުރިމައްޗަށް ހުއްޓައިލި ކަޅުކުލައިގެ ކާރު ފެނިފައެވެ. ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލަމުން އޭނާއަށް ނަޒަރެއް ދިން ރައިހާން ފެނި ލިވްޔާ ލޯ އަޅައިލިއެވެ.

ލިވްޔާ ލޯއަޅައިލުމުން އެއް މިޔަކަނިް ހިނިތުންވަމުން ރައިހާން ފުންކޮށް ލިވްޔާއަށް ބަލައިލިއެވެ. ކަޅުކުލައިގެ ދޫ ބަޓަރފްލައި އަބާޔާއެއް ލައިގެން ހުރި އިރު، އަޅާފައި ހުރީ ވެސް ހަމަ ކަޅު ކުލައިގެ ޝޯލްއެކެވެ. އަދި ދުވަހަކުވެސް ކަޅުކުލައިގެ ހެދުމެއް ލިވްޔާ ލައިގެން ހުއްޓައި ނުދެކޭތީ، ރައިހާންއަށް އިރުކޮޅެއް ވާންދެން ބަލަހައްޓައިގެން ހުރެވުނެވެ. ގަޔަށް ދޫކޮށް، ދިގުކޮށް ހެދުން ލުމުން ލިވްޔާއާ މާ ގުޅެޔޭ ރައިހާންގެ ހިތަށް އެރީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. އެހެން ފަހަރުތަކާ ޚިލާފަށް އެ މޫނުގައި މާ ބޮޑު މޭކަޕެއް ކޮށްފައި ނެތުމުން ރައިހާންއަށް ދެލޯ ހަނިކޮށްލެވުނެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް މިއަދު ލިވްޔާގެ ފަރާތުން ފެންނަމުން ދިޔަ ސާދާކަން އެ ހިތާ ހަމައަށް ވާޞިލް ވެއްޖެއެވެ.

ޚިޔާލުތަކުން ރައިހާންއަށް ބޭރުވެވުނީ ލިވްޔާ ކާރަށް އެރުމަށް ފަހު ދޮރު ޖެހި އަޑު އިވުމުންނެވެ. ވަގުތުން ރައިހާން ކަރުކެހިލަމުން މަގުމައްޗަށް ނަޒަރު ހުއްޓައިލިއެވެ.

ރައިހާން ކާރު ދުއްވައިލުމާއި އެކީ ލިވްޔާ ވައްކަޅިން ރައިހާންއަށް ނަޒަރު ހުއްޓައިލިއެވެ. ކަޅު ގަމީހަކާއި ކަޅު ފަޓުލޫނުގައި ރައިހާން ހުރި އިރު އިންތިހާއަށް ރީތިވެފައި ފިރިހެންވަންތަވީ ނަމަވެސް އެކަން ޤަބޫލު ކުރާކަށް ލިވްޔާގެ ހިތް އެއްބަހެއް ނުވިއެވެ. އެ ހިތުގައި ރައިހާންއަށް ޓަކައި އަބަދުވެސް ވާނީ ރުޅިވެރިކަމާއި ނަފްރަތެވެ. އެނޫން އިހުސާސަކަށް ދުވަހަކުވެސް ރައިހާންއަށް ޓަކައި އޭނާގެ ހިތެއް ނުހުޅުވޭނެއެވެ.

“ކަޅު ކުލަ ހަމަ އެއްގޮތަކަށް ވެސް ނުގުޅޭ.. މިއަދު މޭކަޕް ނުކޮށް ހުރީމަ ހީވަނީ ވެސް މައްޔިތެއްހެން.. ކިރިޔާވެސް މީހާ ރީތިހެން ހީވަނީ މޭކަޕް ކުރީމަ ދޯ އަސްލު..؟” ކާރުތެރޭގައިވީ ހަމަހިމޭންކަން ފޫދުއްވައިލަމުން ރައިހާން ބުނެލި ބަސްތަކުން ލިވްޔާގެ ރުޅިގަނޑު ކެކިގެން ފަދައެވެ. އެހެނަސް ދެއަތް މުއްކަވައިލަމުން ލިވްޔާ އަމިއްލަ ނަފްސު ކޮންޓްރޯލް ކޮށްލީ އެއްޗެކޭ ނުބުނެ ވޭތޯއެވެ.

“މިއަދު ދެން އަނގައިން ވެސް ނުބުނަންތަ ތި އިންނަނީ..؟ ނޫނީ އަހަރެންގެ ކުރިމަތީގަ ތީ އެއްވެސް ބާރެއް ނެތް ކުނޑިފުށެއްކަން އަމިއްލައަށް ވިސްނުނީމަ ހަނުހުރީތަ..؟” ރައިހާންގެ ކޮންމެ ވާހަކައަކުން ލިވްޔާގެ ލޭ ކެކެމުން ދިޔަ ފަދައެވެ.

“ކިހައި ދެރަ ކަމެއް މީ ދެން ރައިހާން؟ މަ ވެސް ނުބެހެމެއްނު!” ލިވްޔާގެ ރުޅިގަނޑު ފަޅައިގެން ދިޔުމާއި އެކު ރައިހާންގެ މޫނުމައްޗަށް ކާމިޔާބީގެ ހިނިތުންވުމެއް ވެރިވިއެވެ. ލިވްޔާ ދެރަކޮށްލައި، ރުޅިއަރުވައިލެވުނީތީ އޭނާ އަމިއްލަ ނަފުސާއި މެދުގައި ފަޚުރުވެރި ވިއެވެ.

“އަދި ތިހާ ރުޅި އަންނާކަށް ނުވޭނު.. އަސްލު ބުނެބަލަ.. ކިތަންމެ ވަރަކަށް މޭކަޕް ކުރިޔަސް މީހާ ރީތި ނުވާނެކަން އެނގޭތީތަ މޭކަޕް ނުކޮށް މިއަދު ތި އައީ..؟” ރައިހާންގެ ވާހަކަތަކުން ރުޅި އާއި އެއްވަރަށް ލިވްޔާގެ ހިތަށް ދެރަ ވެސް އިހުސާސް ކުރެވެމުން ދިޔައެވެ. އަމިއްލަ ނަފްސަށް އޮތް އިތުބާރު ގެއްލި، އަމިއްލަ މީހާގެ މައްޗަށް އޮތް ބާރު ދޫވާހެން ހީވާން ފެށިއެވެ. އެހެނަސް ލިވްޔާ ކެތް ކުރިއެވެ. ރައިހާންގެ އެ ރަހުމެއް ނެތް ބަސްތަކުން އެ ހިތަށް ކުރި އަސަރު މޫނުމަތިން ނުދައްކާ ވޭތޯ ބަލަމުން ދިޔަ އިރު، އެކަމުގައި ލިވްޔާ ކާމިޔާބު ވެސް ވިއެވެ.

ލިވްޔާ އެއްޗެކޭ ނުބުނެ އަނެއް ފަރާތަށް މޫނު އަނބުރައިލުމުން ރައިހާންގެ ތުންފަތް މަތީގައި ދުވެލީ ބޮޑާ ހިނިތުންވުމެކެވެ. ލިވްޔާ ދެރަވީކަން އެނގުމުން އެ ހިތަށް ލިބުނު ހަމަޖެހުން ދެގުނަވީ ފަދައެވެ. ލިވްޔާ އާއި މެދުގައި އެ ހިތުގައި އޮތް ރުޅިވެރިކަން ކުރިލައި ހެދެމުން ދިޔަ އިރު، އެ ހިތުގައި އުފެދެމުން ދިޔަ އެހެން ގޮތްނޭނގޭ އިހުސާސަކާ އެކީ ރައިހާން ބޯގޮވައިފިއެވެ. އަމިއްލަ ނަފްސު މޭރުންކޮށްދޭން އުޅެމުން ދިޔަ ހަގީގަތާ ކުރިމަތިލާނެ ގޮތެއް ނޭނގުމުން އެ ރުޅި ވެސް އޭނާ ބާލަމުން ދިޔައީ ކައިރީގައި ހުރި، އޭނާ އެންމެ ނަފްރަތު ކުރާ އަންހެން ކުއްޖާއަށެވެ.

މަންޒިލާ ހަމައަށް ދެވެންދެން ވެސް ދެން އެދެމެދުގައި ވީ މަރުފަދަ ހަމަހިމޭން ކަމެވެ. ރައިހާން ހަމަޖެހިލާފައި މަގަށް ނަޒަރު ހުއްޓާލައިގެން ދިޔަ އިރު، ލިވްޔާ ދިޔައީ ރައިހާންގެ ބަސްތަކާއި މެދުގައި މާ ބޮޑަށް ނުވިސްނާ ވޭތޯ ބަލަމުންނެވެ. އެކަހަލަ ބޭކާރު މީހަކު ބުނެލާ ދެތިން ޖުމުލައަކުން އޭނާ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލިއްޖެ ނަމަ، އެއީ އަމިއްލަ ނަފްސަށް ވެސް ކުރެވޭ މަލާމާތެއް ކަން ލިވްޔާ އޭނާހެ ހިތަށް ވިސްނައިދެމުން ދިޔައެވެ.

ޔާނިއު އާއި ލައިނީގެ ރަންކިޔުމުގެ ޙަފްލާ ނިމިގެން ދިޔައީ އެއްހާސް ރުފިޔާ އެގާރަ ލާރީގެ ރަނަން ރަން ކިޔިގެންނެވެ. ރަންކިޔުމުގެ ޙަފްލާއަށް ފަހު، އެ ހަފްލާގައި ބައިވެރިވީ މީހުންނަށް ކުޑަ ސައެއް އޮތެވެ. ޔާނިއު އާއި ލައިނީގެ ވަކިވަކި ފޮޓޯތައް ނަގަމުން ދިޔަ ވަގުތު ލިވްޔާ ކޯކު ތައްޓެއް ހިފައިގެން ގޮސް ރެއިލިން ގާތުގައި ހުއްޓުނެވެ.

“ތި ބޯކަށް ނުވާނެ.. އަނެއްކާ ފަލަވެއްޖެއްޔާ ކިހިނެއް ހަދާނީ..؟ މިހާރު ވެސް ހުތުރު ކަމުން ބަލައިލަން ނުކެރޭ..” ފަހަތުން އިވުނު ރައިހާންގެ އަޑުން ލިވްޔާއަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. ރައިހާންގެ އެފަދަ ޖުމުލަތަކުން އޭނާ ދެރަވާ ވަރު އެނގޭނީ ހަމަ އޭނާއަށެވެ. އެހެނަސް އެ ވާހަކަ ބުނެގެން އެ ހިތުގެ ބަލިކަށިކަން ރައިހާންގެ ކުރިމަތީގައި ހާމަ ކުރުމަކީ ލިވްޔާ ބޭނުންވާ ގޮތެއް ނޫނެވެ.

“ބަލަން ނުކެރެންޏާ ނުބަލަ ހުރީމަ ވީނު.. އަހަރެން ނުބުނަން ރައިހާން ގާތު އަހަންނަށް ބަލާށެކޭ..” ދެލޯ ހަނިކޮށްލަމުން ލިވްޔާ ބުނެލި އިރު އަޑުގައި ވަނީ ނުރުހުމުގެ އަސަރުތަކެވެ.

“އޯހ.. ހާދަ ރުޅިއެއް.. އަސްލު ދެރަވީ ދޯ..؟” ލިވްޔާއާ ނުހަނު ކައިރީގައި ހުއްޓިފައި ލިވްޔާގެ މޫނު ފެންނާނެހެން ރެއިލިންގައި ލެނގިލަމުން ރައިހާން ބުނެލި އިރު އެ ދެ އަތް ވަނީ ބަނޑުމަތީގައި ހުރަސްކޮށްލެވިފައެވެ.

“ތިކަހަލަ ބޭކާރު މީހުން ދައްކާ ބޭކާރު ވާހަކަތަކުން އަހަރެން ދެރަވާނެ ކަމަށް ހީނުކުރައްޗޭ..” އަލިފާނުން ފިއްސައިލާ ފަދަ ނަޒަރެއް ރައިހާންއަށް ދެމުން ލިވްޔާ ބުނެލިއެވެ.

“އެހެންވީރު ލިވްޔާ ދެރަކޮށްލެވެން ދެން އަހަރެން މިކަހަލަ އެއްޗެހި ބުނާނަން.. އަހަރެން ފަހަތަށް ޖެހޭނެ ކަމަށް ހީނުކުރައްޗޭ!” ދާދި ދެންމެއަކު އެ މޫނުމަތީގައިވީ ލާނެތް ހިނިތުންވުން ފަރުދާކޮށްލަމުން ރައިހާން ބުނެލި އިރު މިހާރު އެ ތޫނު ދެލޮލުގައިވީ އަނދިރިކަމެވެ.

“އަހަރެން ދެރަކޮށްލަން ތިބޭފުޅާގެ އަގުހުރި ވަގުތުގެ ތެރެއިން މިނެޓެއް ނަމަވެސް ހުސްކޮށްދޭކަމަށް ޓަކައި ހަމަ ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ބުނެލަން ބޭނުންވަނީ.. އެކަމަކު އަހަރެން ވެސް ފަހަތަށް ޖެހޭނެކަމަށް ހީނުކުރައްޗޭ!” ލިވްޔާގެ ބަސްތަކުން ރައިހާންގެ ދެލޯ ހަނިވެގެން ދިޔަ އިރު، އެ ކަތުރުކަށިގަނޑަށް ވާންވެލައިފިއެވެ. ދެއަތް މުއްކަވައިލަމުން ލިވްޔާގެ މޫނަށް ނަޒަރު ހުއްޓައިލި އިރު އެ ހިތުގައި ލިވްޔާއަށް ޓަކައި ރޯވެފައިވީ ނަފްރަތުގެ އަލިފާންގަނޑުގެ ހުޅުގަނޑު އިތުރަށް ބޮޑުވިހެން ހީވެއެވެ.

“ޗެލެންޖް އެކްސެޕްޓެޑް!” އޭނާގެ ބަރު، ފިރިހެންވަންތަ އަޑުން ރައިހާން އެހެން ބުނެލި އިރު އެ މޫނުމަތީގައިވީ ނުރައްކާތެރި އަސަރު ލިވްޔާގެ ހިތާ ހަމައަށް ވާޞިލް ވުމުގައި ވީ ނާކާމިޔާބެވެ. ރައިހާންގެ ބަހުން ލިވްޔާ ދެލޯ އަޅައިލަމުން ރައިހާންއާ ދުރަށް ދިޔުމަށް ހިނގައިގަތް އިރުވެސް ރައިހާންގެ ނަޒަރު ވަނީ އޭނާއަށް އަމާޒުވެފައެވެ.

“ލިވްޔާ ލިވްޔާ ލިވްޔާ.. އަދި ތި އުޅެނީ އަހަރެން މީ ކާކު ކަން ނޭނގިގެން.. އައިލް މޭކް ޔޯރ ލައިފް އަ ލިވިން ހެލް..” އަމިއްލަ ނަފްސަށް އިވޭ ވަރަށް ރައިހާން ދުލުން އެ ލަފްޒުތައް ބޭރުކޮށްލި އިރު އެ ކަތުރުކަށިގަނޑަށް ވަނީ ވާން ވެފައެވެ. ދެ ދަތްޕިލަ ޖައްސައި ބާރުކޮށްލައިގެން ހުރި އިރު އެ ހިތް ދިޔައީ ލިވްޔާއަށް ޓަކައި ނަފްރަތުން އަނދަމުންނެވެ. ލިވްޔާގެ އެންމެ ހިނިތުންވުމަކުން ވެސް އޭނާގެ މުޅި ދުވަސް ޚަރާބުވެއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އެހެނަސް ބޭނުންވަނީ ވީ އެންމެ ބޮޑަކަށް ލިވްޔާ ދެރަކޮށްލާށެވެ. އެ ހިތުގައި ލެވުނުހައި އެންމެ ފުނަކަށް ކޫރުމެއް އަޅުވައިލާށެވެ. އެހެނަސް، ކުޑަކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވެސް ކަންތައްތައް ބަދަލުވެގެން ހިނގައިދާނެކަން ރައިހާންއަށް ނުވިސްނުނީއެވެ.

*** ** ***

އޭގެ ތިން ދުވަސް ފަހުން އޮތް ޔާނިއު އަދި ލައިނީގެ ކައިވެންޏަށް ތައްޔާރުވުމުގައި އެންމެން ވެސް އުޅެމުން ދިޔައީ ހޭބޯނާރައެވެ. އެކަމުގައި އެންމެ އިސްކޮށް އުޅެމުން ދިޔަ ރައިހާން އާއި ލިވްޔާ ކޮންމެ ދުވަހެއް ހެން އެކީގައި ހޭދަކުރަނީ ކައިވެނީގެ ހުރިހައި ކަމެއް ވެސް އެންމެ ފުރިހަމައަށް ކުރެވޭތޯ ބަލަމުންނެވެ. އެހެނަސް އެއްވެސް ކަމެއްގައި ދެމީހުންގެ ޚިޔާލު އެއްގޮތް ވުމަކީ ވަރަށް ނާދިރު ކަމަކަށް ވަނީ ވެފައެވެ.

“ސްޓޭޖް ފަހަތުގަ މި މާތައް ހިއްޕީމަ ފޮޓޯއަށް ރީތިވާނެ..” ކައިވެނި ކުރާ ތަން ޒީނަތްތެރިކުރަމުން ދިޔަ ވަގުތު އެތަނުގައި ހުރި ރައިހާން ގާތު ލިވްޔާ ބުނެލިއެވެ.

“ނޫނެކޭ.. އޭރުން މާ ހަޑިވާނެ.. ބެކް ރީތި ވާނީ ޕްލެއިންކޮށް ބެހެއްޓީމަ.. ދަ ލައިޓްސް އެންޑް ޑިޒައިންސް ޝުޑް ބީ އިނަފް.. ތި މާތައް ކޮންމެހެން ތިތަނަށް އަރުވާނެ ކަމެއް ނެތް..” ރައިހާން ހަމަ ހިލާ އެއްބަހެއް ނުވިއެވެ.

ރައިހާންގެ ބަސްތަކަށް ލޯއަޅައިލަމުން ލިވްޔާ ދަތްކުނޑި ވިކައިލީ އިންތިހާއަށް ހިތްހަމަ ނުޖެހިފައި ހުރެއެވެ. ރައިހާން ބޭނުންވާ ގޮތަށް ހެން ހުރިހައި ކަމެއް ވަމުން ދިޔަ އިރު އެކަމުގެ ސަބަބުން ލިވްޔާގެ ހިތުގައިވާ ރުޅިވެރިކަން ދިޔައީ އެތައް ގުނައެއް އިތުރުވަމުންނެވެ.

“ކީއްވެތަ އަބަދު އަހަރެން އެއްޗެކޭ ބުނާ އިރަށް އެކަމާ ދެކޮޅު ހަދަނީ..؟” އެންމެ ފަހުން ކެތް ނުކުރެވިގެން ލިވްޔާ އަހައިލި އިރު އެ އަޑުގައި ވަނީ ޝަކުވާގެ އަސަރެވެ.

“ލިވްޔާ ދޭ ޚިޔާލުތައް އަހަންނަށް ހަމަ އެއްވެސް ގޮތަކަށް ކަމުނުދާތީ..” ޖީބަށް އަތްޖަހައިލަމުން ރައިހާން ބުނެލީ ލިވްޔާއަށް ބަލައިވެސް ނުލައެވެ. އައި ރުޅީގައި ލިވްޔާ ރައިހާންގެ ކޮނޑުގައި ހިފައި އޭނާއާ ދިމާއަށް އަނބުރައިލަމުން، ރައިހާން ގާތަށް ފިޔަވަޅެއް އަޅައިލި އިރު އެ އަތް ވަނީ މުއްކެވިފައެވެ.

“ބުނަންތަ ރަނގަޅު ވާހަކައެއް..؟ އަހަންނަށް އެނގޭ މުއްސަނދިކަމުގެ އަރާމާ އުފަލުގަ އުޅެ ބޮޑެތިވީ ކުދީންނަށް ވެފަ ތިބޭނީ ތިހެންކަން.. އެކަމަކު މިއީ ރައިހާންއާ ބެހޭ ކަމެއް ނޫން! މިއީ ޔާންބެއާ ކުޑާގެ ކައިވެނި.. މި ކައިވެނީގަ ހުރިހައި ކަމެއް ވެސް ހުންނަން ޖެހޭނީ ފުރިހަމައަށް.. އެހެންވީމަ އަހަރެން ދޭ ޚިޔާލުތައް ކަމުނުދެޔޭ ކިޔާފަ އެއާ އިދިކޮޅަށް ކަންތައް ކުރީމަ އެ ޚަރާބު ކޮށްލެވެނީ އަހަރެންގެ ދައްތައާ ރައިހާންގެ ބޭބެގެ ހަޔާތުގަ އަންނަ އެންމެ އުފާވެރި ދުވަސްކަން ހަނދާން ނައްތައިނުލައްޗޭ! ނޮޓް އެވްރީތިންގް އިޒް އެބައުޓް ޔޫ!” ލިވްޔާ އޭނާ ދައްކަން ބޭނުންވި ހުރިހައި ވާހަކަތަކެއް ދައްކާ ނިންމައިލި އިރު ރައިހާން އިރުކޮޅަކު އާގަމަވެފައި ހުރި ނަމަވެސް، އިސާހިތަކު އަނެއްކައި ވެސް މޫނުމައްޗަށް ރުޅިވެރިކަމުގެ އަސަރުތައް ވެރިކޮށްލައިފިއެވެ.

“ކާކުތަ ބުނީ އަހަރެން ލިވްޔާގެ ޚިޔާލުތައް ގަބޫލު ނުކުރަނީ އެއީ ލިވްޔާ ދޭ ޚިޔާލުތަކަކަށް ވީމައޭ..؟ އަހަރެން އެގޮތަށް ކަންތައް ނުކުރަނީ ހަގީގަތުގަ ވެސް ލިވްޔާގެ ވިސްނުން ހަމަ ގޯސްވީމަ.. ވަކި އަހަރެން ބޭނުންވާނެތަ ޔާންގެ ކައިވެނި ހަރާބު ކޮށްލަން..؟” ލިވްޔާއާ އޭނައާ މެދުގައިވީ ދުރުމިން ނައްތައިލަމުން ރައިހާން ބުނެލި އިރު އެ އަޑުގައިވީ ރުޅިވެރިކަމާއި ނަފްރަތެވެ.

“ރައިހާން އަބަދުވެސް ވިސްނާނީ ރައިހާންގެ އުފަލަށް! ރައިހާންގެ ބޭނުމަށް! އަބަދުވެސް ބޭނުންވާނީ ރައިހާންގެ ޕޮއިންޓް ޕްރޫވް ކުރަން.. ރައިހާން ދެކޭ ގޮތް އެއީ އެންމެ ރަނގަޅު ގޮތް ކަމުގަ އެހެން މީހުންނަށް ވިސްނައިދޭން.. އޮފީހުގަ ވެސް އަދި މިތާ ވެސް! ބިކޯޒް ޔޫ އާރ އަ ސްޕޮއިލްޑް ބްރެޓް! ޔޫ ކާންޓް ސްޓޭންޑް ބީންގް ޕްރޫވްޑް ރޯންގް!” ރައިހާންގެ މޫނުމަތީގައި އިނގިލި ހަރަކާތް ކޮށްލަމުން ލިވްޔާ ބުނެލި އިރު، އޭނާގެ ދެ ދަތްޕިލަ ވަނީ ޖައްސައި ބާރުކޮށްލެވިފައެވެ. ލިވްޔާގެ ވާހަކަތަކުން ރައިހާންގެ ރުޅިގަނޑު ފަޅައިގެން ދިޔަ ފަދައެވެ. އެ ވަރުގަދަ އަތުން ލިވްޔާގެ އަތުގެ މުލައްދަނޑީގައި ހިފައި ގެނެސް، އެ ހަށިގަނޑުގައި ލިވްޔާގެ ހަށިގަނޑު ތަތްކޮށްލި އިރު، ރައިހާން ހިފަހައްޓާފައި ހުރިލެއް ބާރުކަމުން ލިވްޔާގެ އަތަށް ތަދުވެސް ވިއެވެ.

“ހީނުކުރައްޗޭ ލިވްޔާ ބޭނުންހާ ގޮތަކަށް އަހަންނާ ވާހަކަ ދެއްކޭނެޔޭ! ލިވްޔާ ހިތުން ލިވްޔާ ވަރުގެ މީހަކު ނެތް.. މިހާރު ވެސް ލިވްޔާގެ ދިރިއުޅުން އެކީ ބަރުބާދުކޮށްލާނެހައި ބާރު އަހަރެންގެ އެބަހުރި.. މާ މޭފުއްޕާފަ އަހަރެން ކުރިމަތީގަ ތިހެން އުޅެންޏާ ނަތީޖާ މާ ރަނގަޅެއް ނުވާނެ..” ރައިހާން އޭނާގެ ބަރު އަޑުން ދިން އިންޒާރާއެކު ލިވްޔާގެ ގައިގައި ވާހައި ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ.

“ރަ.. ރައިހާން.. ތަދުވޭ އަތަށް…” ރައިހާންގެ އަތުން ސަލާމަތްވާން މަސައްކަތް ކުރަމުން ލިވްޔާ ބުނެލި އިރު، އެ އަޑުގައި ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް އެކުލެވިގެން ދިޔައެވެ.

“ތަދުވޭ ދޯ..؟ ވަރަށް ތަދުވޭ ދޯ އެބަ..؟ ތަދުވާން ބޭނުން ނޫނިއްޔާ ދެން ވެސް އަހަރެން ކުރިމަތީ ފާޑުފާޑު ނުކޮށް ހުންނާނީ!” ލިވްޔާގެ އަތުން ދޫކޮށްލަމުން ރައިހާން ބުނެލީ ދަތްކުނޑި ވިކައިލަމުންނެވެ.

ރައިހާން އޭނާގެ މުލައްދަނޑިން ދޫކޮށްލުމާއި އެކު ލިވްޔާ އޭނާގެ އަނެއް އަތުން ރައިހާން ހިފަހައްޓައިގެން ހުރި އަތުގައި ފިރުމައިލިއެވެ. އިސާހިތަކު ތަދުގެ އިހުސާސް ފިލައިގެން ދިޔުމުން އަނެއްކާ ވެސް ރުޅިން ފިއްސައިލާ ވަރުގެ ނަޒަރެއް ރައިހާންއަށް ދެމުން ލިވްޔާ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. އިރުކޮޅަކު އެގޮތުގައި ރައިހާންއަށް ބަލަހައްޓައިގެން ހުރުމަށް ފަހު ލިވްޔާ ފަސްއެނބުރި ހިނގައިގަތެވެ.

ލިވްޔާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރި ރައިހާންގެ އަތް މުއްކަވައިލިލެއް ބާރުކަމުން އަތުގެ ހުޅުތަކަށް ހުދުކުލަ ފާއްދާލައިފިއެވެ. ދެދަތްޕިލަ ޖައްސައި ބާރުކޮށްލަމުން، ކަތުރުކަށިގަނޑަށް ވާންކޮށްލި އިރު، އެ ދެލޮލުލުގައި ވިދަމުން ދިޔައީ ނަފްރަތުގެ އަނގުރު އަލިފާނެވެ.

“ލިވްޔާ.. ޔޫ ވިލް ޕޭ ފޯރ ދިސް…” ރައިހާންގެ ހިތުގައި އެވަގުތު ވީ ހަމައެކަނި ޢަޒުމަކީ އެއީއެވެ. ބިރެއް ނެތި އޭނާގެ ކުރިމަތީގައި ގަދަކަން ދައްކައިލާފައި އެ އުޅޭ ބޭކާރު އަންހެން ކުއްޖާގެ ދިރިއުޅުން ނަރަކައަކަށް ހަދައިލުމެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

އާއެކޭ ލޯބިވޭ އަސާރަވަނަބައި ( ލިނީ ބައްޕަގެ ވަކިވުމަށް ހަފްތާއެއް ފާއިތުވުން)

Next

އެ ކުޑަ ކުއްޖާ 1

Next
November 21, 2025

އެ ކުޑަ ކުއްޖާ 1

Previews
November 20, 2025

އާއެކޭ ލޯބިވޭ އަސާރަވަނަބައި ( ލިނީ ބައްޕަގެ ވަކިވުމަށް ހަފްތާއެއް ފާއިތުވުން)

3 Comments!

  1. Nai_73 says:
    November 22, 2025 at 8:30 am

    Masha Allah mi part ves Vrh reethi livya and raihaan vrh romantic vaguthu kolheh fothi gandhu therey heydha kohlaifi dhw ren nuvaane dhw livy dhera kohlaakah livy haadha dhera vaane eyy 😥 anyways mi part ves hessa salhi Curiously waiting for the next part when’s next
    Lyyy❤️😘

  2. Shiu says:
    November 22, 2025 at 10:17 am

    Mi part vx varah Reethi Masha Allah..
    Haadha rom ey dhw Livy and Ren 🤭 Yaan vejje viyya E fothigandu dhamaigannan 😅
    Yaan and Lai are the cutest couple 🥰
    Ren nuvaanennu ehn bunaakah, Livy haadha dhera vaane ey 😭 Ethan kolhu kiyamun dhiya iru varah dheravi, Ren egothah buneema💔
    Mi dhemeehun dhuvahakuves kamakaa ebbaheh nuvaane dhw 🤣
    They already have feelings for eachother, Ekam gaboolu kuran beynun nuvany dhw 😅
    When Next?? Curiously waiting for the next part
    Appreciate your Hard work 💗🥰
    Lysm Nayu 💗

  3. Ellly says:
    November 23, 2025 at 7:36 pm

    loveddd itt nayuu..this part ATE hama ,vrh salhi MA:))) when is the next part? cant wait any longer lysm<33

Comments are closed.

Next Episodeހިތް އެދޭ މަންޒިލަކީ… 10←


All Right Reserved!