Skip to content
އެސްފިޔަ

ހިތް އެދެ ޔާރާ ތިއޭ – 01

7 އަހަރު ފަސް

ފަތިހުގެ ހިތްގައިމު ވަގުތެވެ. މުޅި ޖައްވުގައި ރޭގައިވެހުނު ވާރޭގެ ތެތް ފިނިކަން ހިފައިލައިފައި ހުއްޓެވެ. ގަސްތަކުގަޔާއި މާތަކުގައި ރޭގަ ވެހުނު ވާރޭގެ ކަނިތައް، ޝަބްނަމް ތިކިތަކެއް ފަދައިން ހަރުލާފައި ހުއްޓެވެ. ގަސްތަކުގެ ކުލަ އިހުނަށްވުރެ ފެހިކަން ގަދަހެން ހީވެއެވެ. އިރު އޭގެ ރަން ދޯދިތަކުން ދުނިޔެ އަލިކުރަމުން ދިޔައެވެ. ދޫނި ސޫފާ ސޫފި ދިޔައީ އޭގެ ނަލަ އަޑުތަކުން ލަވަ ކިޔަމުންނެވެ. ދޭތެރެއަކުން ކޮވެއްޔެއް ނުވަތަ ކާޅެއް ގޮވާ އަޑު އިވިލައެވެ.

މެޑޯވިއުގެއިން ކުދިވެރިން އިސްކޫލަށް ގެންދަން ތައްޔާރުވާ އަޑުތައް އިވެމުން ދިޔައެވެ. އިރުއިރުކޮޅާ “އަވަސްކުރޭ އަވަސްކުރޭ” ގޮވާ އަޑުއިވެއެވެ. ގޭގައި ދޮރުގައި ހަރުކުރެވިފައިވާ ބެލްގެ އަޑަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ. އަރީޝާ ދޮރުގެ ފަހަތުގައި ހުރި މީހަކީ ކާކުތޯ ބެލުމަށް ދޮރުގައިވި ސީސީޓީވީ ކެމެރާ ޗެކް ކޮށްލިއެވެ. އެއާއެކު އޭނާގެ މޫނަށް ހައިރާންކަމުގެ ކުލަވަރުގެ އިތުރުން އުފާވެރިކަމުގެ ކުލަ އަރައިގެން ދިޔައެވެ. ވާނިވެސް އެހެނެއްނުން ހެއްޔެވެ؟ އެދޮރުގެ ފަހަތުގައި އެހުރީ އޭނާގެ ލޯބިވާ ދޮށީ ފިރެހެން ދަރިކަމަށްވާ ކައިލްއެވެ.

ނަވާވީސް އަހަރުގެ ކައިލް ކަޅުކުލައިގެ އާދައިގެ ޓީޝާޓްއަކާއި ފަޓުލޫނުގައި ހުރިއިރު ފެންނަމުން ދިޔާއި ވަރަށް ސްމާޓްކޮށްށެވެ. ފުލުސް ޓްރޭނިންގެ ސަބަބުން ކޮންމެވެސް ވަރަކަށް ޓޭންވެފައި ހުރުމުން ނުހަނު ފިރެވެންވަންތަކަމަށް ދައްކައެވެ. ޓްރޭނިންގެ ސަބަބުން އޭނާގެ ހަށިގަނޑުގައި ހުރި މަސްތައްވަނީ ތަރުތީބުން އެތުރިފައެވެ. ކަޅުކުލައިގެ ބުޅިކަމަށްދާ އިސްތަށިކޮޅު ހުރީ ކުރުކޮށް ކޮށާލެވިފައެވެ. ކަޅުކުލައިގެ ދަބަހެއް ހިފައިގެން ހުރެ ކުރިމަތީ ހުރި އޭނާގެ ލޯބިވާ މަންމައަށް ބަލައިލަމުން ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

” އަޅޭ ދަރިފުޅާ މަންމަ ކައިރީގަ ބުނެވެސް ނުލާ ތިއައީ.. ކިރިޔާއެއްނުން މަންމައަށް އުފަލުން ހާޓު އެޓޭކެއް ނުލިބުނީ. ” އަރީޝާ ކޮލްގެޓް އިސްތިހާރު ކުރަމުން ބުންޏެވެ. މަންމަގެ ޑްރާމާ ބޮޑުކަން ފެނި ކައިލް ލުއި ގޮތަކަށް ހީލިއެވެ. ” މާފްކުރޭ މަންމާ.. ސަޕްރައިޒްއެއް ދޭންށޭ ނުބުނީ.. އެކަމަކު ދެން މަންމައަށް ހާޓް އެޓޭކެއް ޖެހިދާނެ ނެތީ ދެންފަހަރަކުން ބުނާނަން.. ” ކައިލް ސަމާސާ ރާގަކަށް ބުނެލިއެވެ. އަރީޝާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ތިކިތައް ފައިބައިގަތެވެ. އޭނައަށް ކައިލް މިފެނުނީ ޓްރޭނިންއަށް ދިޔަތާ އަހަރެއް ފަހުންނެވެ. މަންމަގެ ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަ ތިކިތައް ފެނި ކައިލްގެ މޫނަށް ސީރިއަސްކަން ވެރިވެގަތެވެ. ” މަންމާ ކީއްވެ ތި ރޮނީ.. އަޅުގަނޑަށް ގޯސްކޮށް އެއްޗެކޭ ބުނެވުނީތޯ؟ މަންމާ އަޅުގަނޑު ވަރަށް ދެރަވޭ މަންމަ ތިހެން ރޯތަން ފެނުނީމަ.. އަޅުގަނޑަށް މާފުކުރޭ ” ކައިލް ވަރަށް ލޯބިން އަރީޝާގެ ކަރުނަ ތިކިތައް ފޮހެލިއެވެ.

އަރީޝާ ކައިލްގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ” ނޫނޭ ދަރިފުޅާ.. ދަރިފުޅު ގޯސްކޮށް ކަމެއް ނުކުރޭ.. މަންމަގެ ކައިލް ނުފެންނަތާ މާ ގިނަ ދުވަސްވީމަ މަންމަގެ މިހިތަށް ކެތްނުވީ.. ދެން މަންމަ ދޫކޮށް އެހާ ގިނަދުވަހަށް ދުރަށް ނުދައްޗޭ.. ” އަރީޝާ ކައިލްގެ ބޮލުގައި ފިރުމައިލަމުން ބުންޏެވެ. ކައިލްވެސް އޭނާގެ ދެއަތް މަންމަގެ ހަށިގަނޑުގައި ވަށާލިއެވެ. ” މަންމައަށް އެނގެއެއްނުން އަޅުގަނޑު ގަސްތުގައި ދުވަހަކުވެސް މަންމަ ދެރަކުރަން ބޭނުން ނުވާނެކަން.. އެކަމަކު އަޅުގަނޑުގެ ވަޒީފާގެ ގޮތުން އަޅުގަނޑަށް މަންމައާ ދުރުގައި އުޅެން މަޖުބޫރުވާ ފަހަތުރައް އާދޭ.. އެކަމަކުވެސް ދެން އެހާ އަވަހަށް މަންމައާ ދުރަކަށް ނުދާނަން.. މަންމައަށް އެނގެއެއްނުން އަޅުގަނޑު މި ވަޒީފާއަށްވަނީ ކިޔާއަށް އިންސާފު ހޯދައިދޭންކަން… އަޅުގަަނޑު ކިޔާރާއަށް އިންސާފު ހޯދައިދީފައި ނޫނީ ދުލެއް ނުކުރާނަން.. އިންޝާ ﷲ ވަރަށް އަވަހަށް ކިޔާރާއަށް އިންސާފު ލިބޭނެ.. ” އަޒުމާއިއެކު ކައިލް ބުނެލިއެވެ.

އޭރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ އިންސާފަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކުރަން އޭނަ ޖެހިލުންނުވާނެކަން އަންގައިދޭ އަސަރެވެ. ކައިލްގެ މޫނަށް އަރީޝާ ބަލައިލަމުން ހިނިތުންވެލިއެވެ. އޭނާގެ އުންމީދަކީ ނަބައި ނުލަފާ މުޖުރިމުންގެ ކިބައިން ގެއްލިގެން ދިޔަ އޭނާގެ މައުސޫމު އަންހެން ދަރިފުޅުގެ ފުރާނައަށް އޭނާގެ ފިރެހެން ދަރިފުޅު އިންސާފު ހޯދައިދިނުމެވެ. ” ކައިލްއަށް ތިކަންވާނެ އިންޝާ ﷲ.. ” އަރީޝާ ކައިލްއަށް ހިތްވަރު ދިނުމުގެ ގޮތުން ބުނެލިއެވެ. ކައިލް ހިނިތުންވަމުން ބޯޖަހައިލިއެވެ. ” ދެން އަޅުގަނޑު އެހާ ގިނަ ދުވަސްކޮށްފަ އައީމަވެސް، ބަރު ދަބަސްތަކާއެކީ ބޭރުގަ ކޮޅަށް ބަހައްޓަނީތަ؟ ” އެއްމިޔަކަނުން ހީލަމުން ކައިލް ސަމާސާކޮށްލިއެވެ. ” ނޫނޭ ނޫނޭ އަވަހަށް ވަދޭ ދަރިފުޅާ.. ” އަރީޝާ ފަހަތަށް ޖެހެމުން ކައިލްއަށް ވަންނަން ތަން ދައްކަމުން ބުންޏެވެ.

**

ކޯޓުދޮށުގައި މީހުންވަނީ ބައިބަޔަށް އެއްވެފައެވެ. މިއަދުވެސް ކާމިޔާބުކަމާއިއެކު މައިރީންވަނީ ނުހައްގުން އަނިޔާ ލިބުނު ފަރާތައް އިންސާފު ހޯދައިދީފައެވެ. ދޮރުން ނިކުމެވުންއިރު އެކިއެކި ޖާރނަލިސްޓުންނާއި ނޫސްވެރިން ހުއްޓެވެ. މައިރީން ނުކުތުމާއިއެކު މައިރީންގެ ގާތަށް އެންމެން އެއްބޮޑިވެގަތެވެ. އަދި ތާފާތު ސުވާލުތައް ކުރަން ފެށިއެވެ. “އައިޝަތު މައިރީން ރިޔާޒް ތީ މިހާރު ޒުވާނުންގެ ތެރޭގައި މަގުބޫލު ލޯޔަރެއް.. މައިރީންގެ ކޭސްތައް ފުރިހަމަ ކަމާއިއެކު ކާމިޔާބުކުރުމުގެ ސިއްރަކީ ކޮބައިތޯ؟ ” މައިރީން އެ ސުވާލު ކުރި މީހައަށް ބަލައިލިއެވެ. އޭރު އެމީހަ ހުރީ ލާނެތް ހިނިތުންވުމެއް ވެރިކޮށްގެންނެވެ.

“އާދެ އަޅުގަނޑުގެ ކާމިޔާބީގެ ސިއްރުކަމުގައި ވެފައިވަނީ ތެދުވެރިކަމާއި އިހްސާންތެރިކަން ހިމެނޭ ގޮތަށް މަސައްކުރުން.. އަޅުގަނޑު ގަބޫލު ކުރާގޮތުގައި ދޮގުވެރިކަމާއި ހިޔާނާތުން ފުރިފައިވާ މީހުން އަވަހަށް ނޫނީ ލަހުން ނަމަވެސް އެމީހުންގެ އަމަލުތައް ފަޅާއަރާނެ.. އަޅުގަނޑުގެ ހިތްވަރެއްކަމުގައި ތިބޭފުޅާ އާއި އަޅުގަނޑުގެ އާއިލާވޭ..” މައިރީން ހީލަމުން އޭނާގެ އެންމެ ގާތް އެކުވެރިޔާ އައިނާއަށް ޖަވާބުދިނެވެ. އައިނާއަކީ މިހާރު ނަން މަޝްހޫރު ނޫހެއް ކަމުގައިވާ ‘ކޮކާ އެމް ވީ’ގެ ޖާރނަލިސްޓްއެކެވެ. މައިރީން އެކި ޖާރނަލިސްޓުންގެ ސުވާލުތަކަށް ޖަވާބުދެމުން އޭނާގެ އިންތިޒާރުގައި މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އޮތް އޭނާގެ ދޮންބެ މަޔާންގެ ކާރަށްއެރިއެވެ.

“މައިވެސް މިހާރު ވެއްޖެއެއްނުން ކާރުގެ ލައިސެންސް ނަގަން.. އަމިއްލަ ކާރެއް އޮންނައިރުވެސް ދޮންބެ މިޖެހެނީ ބޭފުޅާ ކޯޓުން ގެއަށް ގެންގޮސްދޭން..” މަޔާން ސަމާސާ ރާގަކަށް ބުންޏެވެ. “ލައިސެންސް ނެގުމަކީވެސް ބޮޑުކަމެކޭ.. ކަމާކަން ފަށައިގެން މައިއަށް އިނދެވޭތަ ޓެސްޓަށް ދަސްކުރާހެން އެއެއްޗެއް ދަސްކުރަން.. ދެން ދޮންބެއަށް އުނދަގޫވަންޏާ ނާއިބެ ކައިރީ ބުނެފާނަމޭ ބަލާ އަންނަން.. ވަރަށް ފޫހިވޭ..” މައިރީން ކޯފުއްޕާލުމަށްފަހު މޫނު އަބުރައިލީ ރުޅިއައިކަމަށް ހެދޭށެވެ. “ފުއްޕިކޮށްޔާ އަދި ނުވޭނުން ތިހާ ފުއްޕާކަށް ދޮންބެ މަޖަލަކަށްބުނި އެއްޗެކޭ.. ދޮންބެއަކަށް އުނދަގުލެއް ނުވެއޭ އެކަމް މައިވެސް ތީ ކާރާއި ސައިކް ދުއްވާ ހިއްވާ ކުއްޖެއްނުން އެހެންވެ ބުނެލީ.. ދެން މި ކޯ އެހާވަރަށް ނުފުއްޕަބަ ދޯ.. ލޯޔަރަކޯ މީ…” މަޔާން ހިނިގަނޑެއް ޖަހައިލަމުން މައިރީންގެ ކޮލުގައި ހިފައިލިއެވެ. “އޯކޭ އޯކޭ ދެން މައިގެ ކޮލުގެ ދުވަހެއް ނޫން ދުއްވާލާނީ..” މައިރީން އަވަހަށް މަޔާންގެ އަތް ދުރުކޮށްލިއެވެ. އެކަހަލަ މިކަހަލަ ސަކަރާތެއްގައި ތިބެގެން މަޔާން މައިރީން ގެއަށްލައިދިނެވެ.

“މައި ގޮސްލާ ދޮންބެ ޖެހޭ ފްރެންޑްއަކާ މީޓްކޮށްލަން.. މަންމަ ކައިރީ ބުނައްޗޭ ދޮންބެ މިއަދު ބޭރުންނޭ ކާނީ..” މަޔާން ކާރުގެ ކުޑަ ދޮރުން ބޯދިއްކޮށްލަމުން މައިރީންގެ ގާތުގައި އެދުނެވެ. މައިރީން އާއެކޭ ބުނުމަށްފަހު އެޕާރޓްމަންޓްއަށް ވަނުމަށްޓަކައި ލިފްޓަށް އެރިއެވެ. ލިފްޓް ލެއްޕުމުގެ ކުރިން ބައިވަރު ޕޭޕަރުތަކެއް ހިފައިގެން ހުރި ޒުވާން ކުއްޖެއް ތެޅެމުން ފޮޅެމުން ލިފްޓަށް އަރަންއައެވެ. “ޕިސް ޕިސް އައީ.. ” މައިރީން އަތުން ނިތްކުރީގައި ޖަހައިލަމުން ބުންޏެވެ. އެއާއިއެކު އައިނާ ކުޑަކޮށް ބޯކަހައިލަމުން ހިނިގަނޑެއް ޖަހައިލިއެވެ. “ދެން ކީއްތަ ކުރާނީ އެ އުޅޭ ޔަޝާލްގަނޑުވެސް ކޮންޕެނީ ސީއީއޯއަށް އެހައްދުވަހަކު ޖޮއިންވީ ގޮތަށް އެންމެންގެ ބޮލަށް ބައިވަރު މަސައްކަތް ޖަހާފަ ބޮޑުގޮޑީގަ އެ އިންނަނީ.. ހުވާ މިބުނީ އޭނަ އުޅޭ ގޮތުން ދަތްކޮޅު ދާހާވޭ.. އާން އެހެންޏަ ހީވަނީ މީނައަށް ވުރެ ރީތި މީހަކު ދުނިޔޭގަ ވެސް ނޫޅޭހެން.. ބޮޑު އީގޯއެއް އޮންނަ މީހެއް ހަމަ ތެދެއް މިބުނީ.. ” އައިނާ ލިޕްޓަށް ވަދެގެން ކުދިކިޔަން ފެށިއެވެ.

” ލޯބީގެ ފެށުމަކީ ނަފްރަތޭ ކިޔާތީ އަހަން.. ” މައިރީން ކަރުކެހިލަމުން ދިމާ ކުރާ ރާގަކަށް ބުންޏެވެ. އެއާއެކު އައިނާ މައިރީންއަށް ލޯއަޅައިލަމުން އޭނާގެ އަތުގައި ވިކައިގަތެވެ. ލިފްޓު ހުޅުވުމާއިއެކު މައިރީން ހެމުން އެޕާރޓްމެންޓަށް ވަންނަން ދުއްވައިގަތީ އައިނާގެ ގާތުން ސަލާމަތް ވުމަށްށެވެ. އައިނާ ބޯހޫރާލަމުން ކޮޓަރިއަށް ވަންނަން ދިޔައެވެ. އޭރު އައިނާގެ މަންމަ އަޔާނާއާއި މައިރިންގެ މަންމަ ޝިޔާނާ ބަދިގޭގައި މެންދުރުގެ ކެއުން މޭޒުމައްޗަށް ނަގަމުން ދިޔައެވެ. ” މަންމާ ދޮންބެ ބުނީ ފްރެންޑަކާއި އެކި ބޭރުންނޯ މިއަދު ކަނީ.. ” މައިރީން ޝިޔާމާއަށް ގޮވައިލަމުން ބުންޏެވެ. ޝިޔާމާ ހޫން އަޅުވައިލަމުން މައިރީންއާއި އައިނާ ގާތު ކާން އައުމަށް އެދުނެވެ.

މައިރީން ކޮޓަރިއަށް ވަނުމަށްފަހު ގޭގައި ލައިގެން އުޅޭ އަތްދިގު ފިޔާތޮށި މަތިކޮޅަކާއި އެކުލައިގެ ހަރުވާޅެއްލިއެވެ. އަދި ކުޑަ ބުރުގަލެއް އަޅައިގެން ނިކުތެވެ. އޭރު އައިނާ އިނީ މޭޒުކައިރީގައި ހުރި ގޮޑިއެއްގައި އިށީދެގެންނެވެ. ” ޕިންކީ ވަޑައިގަންނަވައިފި.. ” އައިނާ މައިރީން ލައިގެން ހުރި މަތިކޮޅާއި ހަރުވާޅަށް ބަލައިލަމުން ބުންޏެވެ. ” އައީ.. ” މައިރީން އައިނާގެ ނަމަށް ދަމައިލަމުން ބުންޏެވެ. އެއާއެކު ޝިޔާމާ، އަޔާނާއާއި އައިނާގެ ހުނުމުގެ އަޑުފެތުރިގަތެވެ.

ކާމޭޒު ފުރިފައިވަނީ އެކި ވައްތަރުގެ ކެއުންތަކުންނެވެ. ތަރުކާރިބަތާއި ޑެވިލްޗިކަންއެވެ. ދެވައްތަރުގެ ސްޕެގެޓީއާއި އޮރެންޖް ޖޫސް އަދި އަނބު ފަންޏެވެ. ކާކޮޓަރިން ދުވާވަހުންވެސް މީހާގެ ބަނޑުފުރިގެންދާނެހެން ހީވެއެވެ. މައިރީންގެ ބައްޕަ ރިޔާޒު އަދި ނާއިން އައުމުން އެންމެން ކާންފެށިއެވެ. ކެއުމުގެ ތެރެއިން އެކިއެކި މައުލޫތަކަށް ވާހަކަ ދެކެވެން ފެށިއެވެ. ” މާކިން މިހާރު ހުންނާނީ ރަނގަޅަށްވެސް ޔޫރަޕް މީހަކަށް ބަދަލުވެފައި ކަންނޭނގެ.. އެހެނެއްނުން ބުނާނީ ކުރިންދުވަހު ވީޑިއޯކޯލް ކުރިއިރު އެސޮރުގެ އިސްތަށިގަނޑު ހީވަނީ ފުރޭންޏެއް ބޭނުންކޮށްގެން ކުލަޖައްސާފަ ހުރިހެން.. އަހަރެން ބޮލަށް ކީއްކޮށްފަހޭ އެހީމަ ބުނަނީ މީ މިތާގެ ސްޓައިލް އޯލަ އެހުރީ ހައިލޭޓާރު ކޮށްފަޔޯ.. މަ ހައިލޭޓަރޭ ބުނީމަ މާއްކޮ ގެންގުޅޭ ހައިލޭޓަރެއް ނަގާ އިސްތަށީގަ ޖައްސަންފެށީ.. އެއިން ވާކަމެއް ހަރާން..” ރިޔާޒު އެހެން ބުނުމާއިއެކު އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

“ތިޔެއްނޫނޭ އޭނަ އިސްތަށިގަނޑު ބްލީޗްކޮށްފައޯ އެހުރީ..” ޝިޔާމާ ބުންޏެވެ. “އޭނ ކީކޭ ބްލީޗްކޮށްފައޭ؟ އެސޮރުގެ ސިކުނޑި ރަނގަޅުތަ އަނެއްކާ؟” ރިޔާޒު ދެލޯ ބޮޑުކޮށްލަމުން ބުންޏެވެ. “ޕިސްޕިސް ރިޔާޒުބޭ ހައިލޭޓް ކުރާ ވާހަކަ އެބުނީ އެ ހައިލޭޓަރަކުން ނޫނޭ.. އިސްތަށިގަނޑުގައި ބޭނުންކުރާނެ އަދި ވަކި ވައްތަރެއްގެ ހައިލޭޓަރު އަދި ބްލީޗްވެސް..” އައިނާ ހެމުން ބުންޏެވެ. “އެހެންދޯ.. މިޒަމާނުގައި ޒުވާންކުދިން ބޭނުންކުރާ އެއްޗެހި ކިހިނެތް ބޭބެއަށް އެނގޭނީ ދެން.. ” ރިޔާޒު ބޯކަހައިލަމުން ހިނިގަނޑެއް ޖަހައިލިއެވެ.

“މާކިންއެއް ނޫނޭ އަދި އަހަރުންގެ ޒީންވެސް އެހުރީނުން.. މާކިން ހުންނަނީ ރަތުގަ އެމަންޖެ އޭނަ ކުރާ ހުރިހާކަމެއް އަހަރެމެންނަށް އަންގާތީ..” އަޔާނާ ހީލަމުން ބުންޏެވެ. “ނަސީބެއް ޒީންއާ ދެމީހުން ފޮނުވުންކަން.. އެވަރު ފިރެހެން ކުދިން ހަމަމަގުން ކައްސައިގެން ދާނެ އެހައި އަވަހަށް އެކަހަލަ ތަނެއެއްގަ ހުރިއްޔާ..” ޝިޔާމާ ބުނި ވާހަކައަށް އެންމެން އެއްބަސްވިއެވެ. މައިރީންވެސް އެމީހުން ދައްކާ ވާހަކަ އަޑުއަހަންއިނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. shihaamaa ali

    Heyyyyyyy maashhh
    Finally ep one is heree yayyy soo happyy
    As always mi part ves hama vrh vrh reethi.. it feels good to know everyone has achived there dreams.. brooo i need a brother like Kail ISTGG😭
    can’t wait for next eppp
    Ilyyysssmmm🤍🤍

    1. Maash
      shihaamaa ali

      Heyyyyyyy shiherrrrrr…
      Yesss finally this ep is heree..
      Thank you so much.. I’m happy u like ittt..
      Hehe yes they all achieved their dreams..
      Me too darll me too hehe..
      Next ep insha allah Fridayga..
      Love you moreee 💜🦋

  2. aanaa

    Masha allah mi part vs vrh vrh reethi….
    Nuvs engey myhun ulheythy im soo curious…
    Kon irkn 2nd part????
    tcc lyyy💜

    1. Maash
      aanaa

      Thankss darlll.. I’m happy u liked it..
      Adhi engeyne emeehun hehe..
      Next part insha allah Fridayga..
      Tcc love u moreee darling 💜🦋

Comments are closed.