Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންލޯބި

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 7)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
April 27, 2025 4 Mins Read
0 Comments

ފިނި ކޮޓަރީގައި، ޑުވޭ ދަށުގައި ނިދާ ހަރުދަނާވެފައި އެ އޮތީވެސް ހަމަ ކިފްލުއެވެ.އެނދުގެ ތިރީގައި ކާޕެޓް މަތީ ބަނޑު ޖަހާލައިގެން ޗަންކީވެސް އޮތެވެ.އެކަމަކު ކޮޓަރި ދޮރުމަތީގައިވެސް ހުއްޓި އެހުރީ ހަމަ ކިފްލުއެވެ.އެނދުމަތީގައި އެ އޮތީ ކިފްލު ވިއްޔާ ކޮޓަރި ދޮރުމަތީގައި އެ ހުރީ ދެން ފަހެ ކާކު ހެއްޔެވެ؟ ހަމަ ކިފްލުގެ ސޫރައެވެ. ތަފާތެއް ނެތެވެ. ސުވާލަކީ އެތަނުން ހަގީގަތުގައި ކިފްލުއަކީ ކޮބައި ހެއްޔެވެ؟

****

ކިފްލުމެންނަށް ސައި ތައްޔާރުކުރުމުގައި އަދާރާއާއި ސިޔާމާ އަވަދިނެތި އުޅުނެވެ.ޙުއްބާއަށް އެންމެ ކަމުދާ ކުޅި ބޯކިބާ ފިހަން ލައިފައި ސިޔާމާ ސަންބޯސާގެ މަސްގަނޑު މޮޑެން ފެށިއެވެ.އޭރު އަދާރާ އުޅެނީ ޗޮކްލެޓް ކޭކެއް އަޅާށެވެ.

****

އޭރުވެސް އަދާރާގެ ސިކުނޑީގައި ރަސްކަން ކުރަމުން ދިޔައީ ރޭގައި ކިފްލު އައިސް ދެއްކި ވާހަކަތަކެވެ. ހަމަ އެހާ އަވަހަށް ކިފްލުގެ ހިތުގައި އޭނާއަށްޓަކައި އެފަދަ އިހުސާސްތަކެއް އުފެދި ދާނެ ބާވައެވެ؟ކިފްލު އެ ދެއްކި ވާހަކަތައް ފަހެ ގަބޫލުކުރަން ކުރަން ވެދާނެ ބާވައެވެ؟ކިފްލުއަކީ ކިފްލުއެވެ.އެކަމަކު އޭނާއާއި ދޭތެރޭ އިހުސާސްތަކެއް ނުވާނަމަ ހަމަ އެހާ ވަރަށް ކިފްލުގެ ހިތް ތެޅިދާނެ ހެއްޔެވެ؟ ނޫނީ އެއީ ފާރުމަތިން ފުންމާލައިގެން ދުވެފައި އައިމާ ވެފައި ހުރި ގޮތެއް ކަން ނޭނގެއެވެ.

****

އެ ޚިޔާލުތަކުން ގަޔާނުވި ވަރުން އަދާރާއަށް ތުންކޮޅު އޫކޮށްލެވުނެވެ. ކިފްލު ބުނި ކޮންމެ ބަހަކީ ތެދަކަށް ވާނެ ނަމައޭ އަދާރާގެ ހިތަށް އެރުމުން ޚުދު އޭނާވެސް ހައިރާންވިއެެވެ.އަނެއްކާ އޭނާވެސް ހަމަ ކިފްލު ފަދައިން ’ފޯލް‘ ވަނީ ނޫންބާއެވެ؟ހިތަކީ ވެސް މީ ހާދަ ފާޑެއްގެ އެއްޗެކެވެ.

****

ސައި ހަދާ ނިންމައިލެވުނު އިރު ހަތަރު ގަޑި ބައިވަނީއެވެ.ކިފްލުމެނަށް ސަޔަށް ދައުވަތު ދީފައި އޮތީ ފަހެއް ޖަހާއިރަށެވެ.މޭޒުމަތި ތައްޔާރުކޮށް ނިންމާލައިފައި އަދާރާ އަވަސްވެގަތީ ކިފްލުމެން އަންނަން ވާއިރަށް ފެންވަރައި ތައްޔާރުވެލާށެވެ. އޭރު ސިޔާމާވެސް ފެންވަރަށް ދަނީއޭ ކިޔާ ކޮޓަރިއަށް ވަދެއްޖެއެވެ.

****

ކަޅު ކުލައިގެ އަބާޔާއަކާއި އެކު އަދާރާ އެޅީ ކަޅު ކުލައިގެ ތިން މުށް ޝޯލެކެވެ.މޭ މަތި ރަނގަޅަށް ނިވާ ވާނޭހެން ރީތި، ސާދާ ސްޓައިލަކަށް ޝޯލް އަޅައިލި  އިރު  ރީތި ކަމުން  އޭނާ ހީވާނީ އަބާޔާ އިޝްތިހާރަކަށް ތައްޔާރުވެލައިގެން އިން މޮޑެލްއެއް ހެންނެވެ.ކަޅު ޝޯލްގެ ތެރެއިން އެ ދޮން މޫނު ސިފަ ކުރެވެނީ ކަޅު ވިލާ ތަކެއްގެ ތެެރޭގައި ރަސްކަން ކުރަމުން ދިޔަ ބުރު ހަމަ ހަނދެއް ފަދައިންނެވެ.

****

ތައްޔާރުވެ ނިމިގެން އަދާރާ ލޯގަނޑުން ފަރި ބަލައިލިއެވެ.މޭކަޕެއް ބޭނުން ނުވާ އެ ސާފު މޫނުން ފެންނަނީ ތާޒާ ކަމެވެ.ދަތް ދޮޅީގައި އިން ކަޅުތިލަ ފެނި އެހެން ފަހަރު ތަކާއި ޚިލާފަށް އޭނާގެ ތުންފަތްމައްޗަށް މިފަހަރު ވެރިވީ ހިނިތުންވުމެކެވެ. ކޮންމެ ސިފައެއްގައި ވިޔަސް އެ ކަޅުތިލަ އޭނާގެ ހަނދާނަށް ގެނުވީ ކިފްލުއެވެ. ކިފްލު ހަނދާނަށް އައުމަކުން މިފަހަރަކު ކުރިން އެކުރެވުނު އުނދަގޫ އިހުސާސްތަކެއް އޭނާއަކަށް ނުކުރެވުނެވެ. ބަދަލުގައި އޭނާގެ ހިތުގެ ހިނގުން ވީ ބާރެވެ. އޭނާއަށް މިވަނީ ކިހިނެއް ހެއްޔެވެ؟ އަދާރާ ހިނިއައިސްފައި ހުރެ ދެފަރާތަށް ބޯ ހޫރައިލިއެވެ.

****

ކިފްލުމެންގެ އިންތިޒާރުގައި ތިއްބައި ސަލާމް ގޮވައިލި އަޑު އިވުމުން އަދާރާ ސަލާމް ބަލައިގެންފައި،ކާގެއިން ބޭރަށް ނުކުތެވެ. ގެއާއި ކާގެ ބައި ވަކިން ހުންނާތީ އޭނާ ދިޔައީ ކިފްލުމެން ގޮވައިގެން އަންނާށެވެ. އޭރު ސިޔާމާ ސަޔާއި ކޮފީ ތައްޔާރުކުރަން އުޅެއެވެ.

****

އަދާރާ ފެނުނު ހާއިރަކަށް ޙުއްބާ ފުޅާ ހިނިތުން ވުމަކާއިއެކު އަވަހަށް އައިސް ދެއަތް ހުޅުވައިލާ، އޭނާއާއި ކަރާއި ކަރު ޖައްސައި ސަލާމް ކޮށްލިއެވެ.އޭރު ކިފްލު ޙުއްބާގެ ފަހަތުން ވަރަށް ހިނިއައިސްފައި ހުރެ އާދެއެވެ.މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއި ހުދުކުލައިގެ ފަޓުލޫނެއްގައި ކިފްލު ހުރި އިރު އޭނާ ވަރަށް ސްމާޓް ކަމަށް ދައްކައެވެ.ދައަތް ޖީބަށް ޖަހާލަައިގެން ހިނގާލައިފައި އައި އިރު ރަންވޭތަކުގައި ހިނގާ  ފިރިހެން މޮޑެލުންނަށް ދޫ ނުކުރެއެވެ.އޭނާ އައިސް ޙުއްބާގެ ފަހަތުގައި ހުއްޓުނު އިރު އަދާރާއަށް ހުރެވުނީ އޭނާ ލައި ލައި ހުރި ނޭވާވެސް ހިފަހައްޓާލައިގެންނެވެ.

****

ސިޔާމާ ކާގެ ދޮރު މައްޗަށް ނުކުމެ އަވަހަށް އަންނާށޭ ބުނެ ހިނިތުންވެލިއެވެ.އަދާރާ އެއް ފަރާތަކަށް ޖެހިލުމުން ފުރަތަމަ ހިނގައިގަތީ ޙުއްބާއެވެ. އަދާރާ އާއި ސަލާމް ކުރި ބީދައިން އޭނާ ގޮސް ސިޔާމާ އާއި ސަލާމް ކޮށްލިއެވެ.

****

’ލޭޑީޒް ފަސްޓް.‘ ކިފްލު ވަންނަންދެން އަދާރާ މަޑުކުރަން ފެށުމުން އަދާރާއާއި ތަންކޮޅެއް ކައިރިއަށް ޖެހިލަމުން ކިފްލު ބުނެލިއެވެ. އޭރު ޙުއްބާއާއި ސިޔާމާ އެ ދެމީހުން އާންމުކޮށް ވާހަކަދައްކާ އުސޫލުން ވާހަކަދައްކަމުން ކާގެ ތެރެއަށް ވަދެއްޖެއެވެ.

****

ކިފްލު ބޭނުންކޮށްފައި ހުރި ސެންޓުގެ ވަސް އަދާރާގެ ނޭފަތުގައި ޖެހިލުމުން މިފަހަރު އޭނާއަށް ދެލޯ މަރައިލެވުނެވެ.ހާދަ ފިރިހެންވަންތަ ވަހެކެވެ.އަދާރާއަށް ނޭފަތް އެތެރެއަށް ދަމައިލެވުނީ ބޭއިޚުތިޔާރުގައެވެ.އެކަން ކިފްލުއަށް ފާހަގަ ކުރެވިދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ.

****

’ އައި ކެން ޓެލް ޔޫ ލައިކް އިޓް. ޑޯންޓް ޔޫ.؟‘ ކިފްލު ހީލަމުން އަހައިލިއެވެ.

’އޭނ!‘ ވަގު ހިފުނު ފަދައަކުން އަދާރާ ސިހުނެވެ.

ކިފްލު އާއި ހަތަރުކަޅި ހަމަވިއިރު އޭނާ ބަލަން ހުރި ގޮތުން އަދާރާ ރަކިވިއެވެ. އިސާހިތަކު އޭނާގެ މޫނަށް ލޭ ކުލަ ފާއްދާލައިފިއެވެ.

****

’ޔޫ ލުކް ސޯ ބިއުޓިފުލް.‘ ކިފްލު ޖެހިލުމެއްނެތި ބުނެލިއެވެ.

’އަމްމް..ތޭންކްސް…ޔޫ ޓޫ އަ އަހް..‘ ބުނެވުނު އެއްޗެއް އަދާރާއަަށް ރެއަކާލީ ކިފްލުގެ ހިނިތުންވުން ފުންވެލިތަން ފެނިފައެވެ.ހަމަ ރަނގަޅަށްވެސް އޭނާއަށް ކިފްލު ރީއްޗޭ ބުނެވުނީ ހެއްޔެވެ؟ ގަތް ލަދުން ވަގުތުން ޣައިބު ވެވޭނެ ނަމައޭ އެވަގުތު އެނާގެ ހިތަށް އެރިއެވެ.

****

’މީހަކު ރީއްޗޭ ބުނުމަކީ ގޯހެއް ނޫނޭ. އަދާރާ ލަދު ނުގަނޭ.އިޓްސް އޮންލީ ނެޗުރަލް.‘ ކިފްލު ވަރަށް ހަމަ ޖެހިލާފައި ދެކޮނޑު އަރުވައިލަމުން ބުނެލިއެވެ.

****

’ކޮބާ އެ ދެމީހުން މިހާރު.އަދާރާ..ކިފްލު..އާދޭ އަވަހަށް ސައިބޯން.ސައިތަށި ހިހޫ ވަނީ މިއޮއްގެން.‘ ސިޔާމާ އަޑު ހަރުކޮށް ގޮވައިލިއެވެ.

****

އަދާރާއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ސިޔާމާގެ އަޑު އިވި އެ ދެމީހުންނަށްވެސް ހަމަ ބިމަށް އާދެވުނެވެ.

****

’މި ދެކުދިން މިހާރު ވަރަށް ގުޅާލައިފިހެން ހީވަނީ.ކުޑަ އިރު އަހަރެމެން މިކޮޅުގައި އެ އުޅުނު އިރު އެކަމަކު ކިފްލު އެހާ ތޮޅޭނެ އަދާރާއާ. އަބަދު ރޮއްވާލާފައި ހުންނާނީ. ދޯ ސިޔާ.‘ ޙުއްބާ އިނގިރޭސި ބަހުން ބުނެލިއެވެ. ސިޔާމާ އެއްބަސްވުމުގެ ގޮތުން ހެމުން ބޯޖަހައިލިއެވެ.

****

ކިފްލުއާއި ޙުއްބާ ސަޔަށް އިންސާފު ކުރަން ފެށުމުން އަދާރާ ތަށިމައްޗަށް އެހީވާން ތެދުވިއެވެ.އެކަމަކު ހަމަ ހިލާ ޙުއްބާ އެގޮތަކާ ގަބޫލެއް ނުވިއެވެ.އޭނާ ކުރު ނުކޮށްގެން އެންމެ ފަހުން ސިޔާމާއާއި އަދާރާއަށް ޖެހުނީ އެމީހުންނާއި އެކު ސައި ބޯށެވެ.

****

ސައި ބޮއެ ނިމިގެން ގޭ ސިޓިން ރޫމްގައި އިރުކޮޅަކު ވާހަކަދައްކާލަން ޙުއްބާއާއި ސިޔާމާ މަޑުކޮށްލިއެވެ. އެ ދެމީހުންގެ ހާޒިރުގައި އެހާ ގިނައިން ވާހާކަ ދައްކާކަށް އަދާރާާއި ކިފްލުއަކަށްވެސް ނުކެރުނެވެ. ސޯފާގައި ތިބެން ޖެހުނީ ވެސް ތަންކޮޅެއް ކައިރި ކައިރީގައެވެ. ކިފްލު އައިސް ކައިރީގައި އިށީނުމުން އޭނާއަށް އަސްލު ތެދުވަންވެސް ނުކެރުނީއެވެ.

****

’އެހެމްމްމް‘ ކިފްލު ކަރު ކެހިލުމުން އަދާރާއަށް އޭނާގެ މޫނަށް ބަލައިލެވުނެވެ. އެވަގުތު ކިފްލުގެ ފޯނުގެ ސްކްރީނަށް އޭނާގެ ލޮލުން އިޝާރާތްކޮށްލިތަން އަދާރާއަށް ފެނުނެވެ.ދެން އޭނާ ކޮންމެވެސް އެއްޗެއް ފޯނުގައި ޓައިޕްކޮށްލާފައި އަދާރާއަށް ފެންނާނޭހެން ވަރަށް ’ޑަމީކޮށް‘ ސްކްރީން ދައްކައިލިއެވެ.

****

’ކެން އައި ހޭވް ޔޯރ ނަންބަރ؟‘

ކިފްލުގެ ފޯނުގައި ޓައިޕްކޮށްލާފައި އިން މެސެޖް ކިޔައިލި ގޮތަށް އަދާރާއަށް ބަލައިލެވުނީ ކިފްލުގެ މޫނަށެވެ. އޭރު އޭނާވެސް ހުރީ ކަޅި ޖަހާނުލައި އަދާރާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ.އެހާ ގާތުން ކިފްލުގެ ރީތި ދެލޯ ފެނުމުން ބާރު ސުޕީޑުގައި އަދާރާގެ ހިތް ނެގި ޖެހިފައި ޖެހެން ފެށިއެވެ.މުޅި މީހާ ފިނިވާން ފެށިއެވެ.ކިފްލުގެ އެ ނަޒަރުން އަދާރާއަށް އެ ވަމުންދާ ގޮތްތައް ފަހެ ކިފްލުއަށް ރެއަކާލައި ބާވައެވެ؟

’ކީއް ކުރަން؟‘ އަދާރާ އޭނާގެެ އަމިއްލަ ފޯނުގައި ޓައިޕްކޮށްލާފައި ހަމަ އެ ގޮތަށް ކަންތައް ކުރިއެވެ.

’ ކޮންމެފަހަރަކު ފޭސް ޓު ފޭސް މިހެން ބައްދަލު ނުވިޔަސް ވަރަށް ވާހަކަދައްކަން ބޭނުން އަދާރާއާ. އައި ނީޑް ޓު ޓޮކް ޓުޔޫ.އެވްރީ ޑޭ. އެހެންވެގެން‘ ކިފްލު އެއްލޯ މަރާލާފައި އިން އިމޯޖީ ފަހަތަށް ލާފައި ލިޔެލައިފައި ހުއްޓެވެ.

****

ކިފްލުގެ މެސެޖު ކިޔާފައި އަދާރާގެ އަނގަ ހުޅުވުނެވެ. ކިފްލު ހާދަ ކެރިގެން ބުނަން ބޭނުން އެއެއްޗެއް ބުނެލައޭ އަދާރާގެ ހިތަށް އެރިއެވެ. މިހާ އަވަހަށް ކިފްލު ފާޅުގައި، އޭނާއާއި ’ފްލާޓް‘ ކުރަންވެސް ފެށީ ހެއްޔެވެ؟ އަދާރާއަށް ވީ ގޮތް ފެނި ކިފްލު ގާތަށް އައީ ލާނެތް ހިންޏެކެވެ.

 

ނުނިމޭ.

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ކީމޭ އަލްވަދާޢު (މައާފަށް އެދެމެވެ.)

Next

އަބަދަށް-9

Next
April 27, 2025

އަބަދަށް-9

Previews
April 27, 2025

ކީމޭ އަލްވަދާޢު (މައާފަށް އެދެމެވެ.)



All Right Reserved!