ހިތް އެދޭ މަންޒިލަކީ… 5
ނަސީބު ރަނގަޅު ކަމުން ހަމަ ނުކުތުމާއި އެކު ވަރަށް ފަސޭހައިން ޓެކްސީއެއް އަތުޖެހިއްޖެއެވެ. ޓެކްސީއަށް އަރާފައި ދާންވީ އެޑްރެސް ބުނެލުމާއި އެކު ޑްރައިވަރު އޭނާގެ ދަތުރު ފެށިއެވެ. ދާން ބޭނުންވީ މަންޒިލަށް ދެވެންދެން ލިވްޔާ ދެން ކުރި ކަމަކީ އިންޓަވިއުގައި ކުރާނެ ކަމަށް ލަފާކުރެވޭ ބައެއް ސުވާލުތަކަށް ދޭނެ ޖަވާބުތައް ހިތުގައި ރާވައިލުމެވެ.
ބޭނުންވީ މަންޒިލަށް ވާސިލްވެވުމުން ލިވްޔާ ޑްރައިވަރަށް ފައިސާ ދައްކާފައި ކާރުން ފޭބިއެވެ. އެއަށްފަހު ކުރިމަތިން ފެންނަން ހުރި ބާރަ ބުރީގެ އިމާރާތަށް ބަލައިލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. ލައިގެން ހުރި ބްލައުސް ރަނގަޅު ކޮށްލަމުން ތިމަންނައަށް މިކަން ވާނެޔޭ ހިތަށް އަރުވައިލަމުން ލިވްޔާ “އޭ.އާރް މެމޯރިއަލްސް”ގެ އިމާރާތަށް އަށް ވަންނަން ދިޔަ އިރު، އެ ހިތަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ވެރިވެފައި ވިއެވެ.
ބިލްޑިންތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއި އެކުވެސް ލިވްޔާ އާޝޯޚުވެގެން ދިޔައީ ތަނުގެ ރީތިކަމާއި ފުރިހަމަ ކަމުންނެވެ. ގްރައުންޑް ފްލޯރގެ ކަނާތް ފަރާތުގައި ރިސެޕްޝަން މޭޒު ހުރި އިރު، ވައަތް ފަރާތުގައި އިށީންނަން ޚާއްސަ ކުރެވިފައިވާ ގޮނޑިބަރިތަކެއް ހުއްޓެވެ. ހުރިހައި ބިތެއްގައި ބިއްލޫރި ދޮރުތައް ބަރިބަރިއަށް ޖަހާފައިވީ އިރު ޝާހީކަމުގެ އެފަދަ ދެވަނައެއް ނުވާހެން ހީވެއެވެ. ކަނޑުނޫކުލަ އާއި މަޑުނޫކުލައިގެ އިިތުރުން ހުދުކުލައިގެ އެކިއެކި ފަރުމާތައް ބަލައިލި ކޮންމެ ދިމާއަކުން ފެންނަން ހުރި އިރު، ތަން ފަރުމާކުރި އާކިޓެކްޗަރުންގެ މަސައްކަތަށް ސާބަސްދޭހައި ވެޔޭ ލިވްޔާގެ ހިތަށް އެރިއެވެ. ވަކި ހިސާބަކުން ފެށިފައި އޮތް ހަނި ދިގު ގޯޅިއެއް ކަހަލަ ކޮރިޑޯގެ ނިމޭ ހިސާބުގައި ތިން ލިފްޓު ހުރި އިރު، ލިފްޓުތަކުން މީހުން ހުސްވާ އިރެއް ނުދެއެވެ.
އިރުކޮޅަކު އާގަމަވެފައި އެކި ދިމަދިމާއަށް ކަޅި އުކަން ހުރި ލިވްޔާ ހަމަބިމަށް އާދެވުނު މީހަކު ފަދައިން ދެފަރާތަށް ބޯހޫރުވައިލިއެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ހަލުވި ފިޔަވަޅުތަކަކާ އެކީ ރިސްޕްޝަން މޭޒު ދޮށުގައި ހުއްޓިފައި އިންޓަވިއުއާ ބެހޭ ސުވާލުތައް ކޮށްލިއެވެ.
“އިންޓަވިއު އޮތީ ހަތްވަނަ ފްލޯގެ ރޫމް ނަމްބަރ ސާދައިގަ..” ހިތްހެޔޮ ހިނިތުންވުމަކާއި އެކު ރިސެޕްޝަންގައި އިން ކުއްޖާ ބުނެލުމުން ލިވްޔާ އެކުއްޖާއަށް ހިނިތުންވުމެއް ދީފައި އަވަސް ހިނގުމެއްގައި ހިނގައިގަތީ ލިފްޓުތަކާ ދިމާއަށެވެ.
ހަތްވަނަ ފްލޯއަށް އެރުމާއި އެކު ލިވްޔާ އަވަސްވެގަތީ ސާދަ ވަނަ ރޫމް ހޯދުމަށެވެ. ދެތިން މިނެޓު ތެރޭ އެ ރޫމް ފެނުމާއި އެކު ލިވްޔާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ކުރިމަތީގައި ހުރި ގޮނޑިބަރިން ގޮނޑިއެއްގައި އިށީނދެލިއެވެ. ވަށައިގެން ބަލައިލި އިރު ގޮނޑިބަރީގައި ހައެއްކަ މީހުން ތިބި އިރު މި އެންމެން ވެސް އައިސް އެ ތިބީ އިންޓަވިއުއަށް ކަން ޔަގީން ވިއެވެ. އެހެނަސް އެމީހުންނަށް މާ ބޮޑު ސަމާލުކަމެއް ނުދީ ލިވްޔާ ފުން ނޭވާތަކެއް ދޫކުރަން ފެށީ އަމިއްލަ ނަފްސު ހަމައަކަށް އެޅުވޭތޯއެވެ.
“އައިޝަތް ލިވްޔާ އަނީސް..” ސާދަވަނަ ރޫމްގެ ދޮރު ކައިރި ހަރުކޮށްފައި ހުރި ސްޕީކަރުން ލިވްޔާއަށް އޭނާގެ ނަން ގޮވައިލި އަޑު އިވުމުން އަވަސްއަވަހަށް ތެދުވިއެވެ. ރޫމަށް ވަނުމުގެ ކުރިން އަދިވެސް އެއްފަހަރު ލައިގެން ހުރި ބްލައުސް ރީތިކޮށްލާފައި ފުން ނޭވާއެއް ދޫކޮށްލިއެވެ. އަމިއްލަ ނަފްސު ތައްޔާރު ކަމަށް ވިސްނައިދެމުން ލިވްޔާ އެ ކެބިންގެ ތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާ އެކު ފެނުނު ސޫރައަކުން ދެލޯ ބޮޑުކޮށްލެވުނެވެ.
“ޔާންބޭ..” މޭޒުދޮށުގައި އިން ޔާނިއު ފެނިފައި ލިވްޔާ ގޮވައިލީ ގަބޫލު ނުކުރެވިފައި ހުރެއެވެ. މިތަނުން ޔާނިއު ފެނިދާނެ ކަމަކަށް އޭނާ އެއްގޮތަކަށް ވެސް ހިއެއް ނުކުރެއެވެ.
“އަނހަ ލިވީ.. އާދޭ އާދޭ.. އަވަހަށް އިށީނދޭ..” ލިވްޔާއަށް ފުޅާ ހިނިތުންވުމެއް ރައްދު ކޮށްލަމުން ޔާނިއު ގޮވައިލުމާއި އެކު ލިވްޔާ އައިސް ޔާނިއުގެ ކުރިމަތީގައި އިށީން އިރު އެ ތުންފަތް ފަޅުފިލުވައިލެވިފައިވަނީ ހިތްގައިމު ހިނިތުންވުމަކުންނެވެ.
“ޔާންބެ ވޯރކް ކުރަނީ މިތާތަ..؟ އެކަމް ކުޑާ ބުނި ޔާންބެގެ ފެމިލީ ބިޒްނެސްއެއްގައޭ ވޯރކް ކުރަނީ..” ލިވްޔާ އަހައިލީ ގަބޫލު ނުކުރެވިފައި އިނދެއެވެ.
“ކުޑާ އެބުނީ ރަނގަޅަށޭ.. ފެމިލީ ބިޒްނެސްއެއްގަ ވޯރކް ކުރަނީ.. މީ އެ ބިޒްނެސް އަކީ..” ގޮނޑީގައި ލެނގިލަމުން ޔާނިއު ބުނެލުމާއި އެކު ލިވްޔާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
“ޔާންބެގެ ލޭޓް އަންކަލްގެ ބިޒްނެސް އަކީ މީތަ..؟” ލިވްޔާ އަދިވެސް އިނީ ގަބޫލު ނުކުރެވިފައެވެ. “އޭ.އާރް މެމޯރިއަލްސް” ފަދަ ރާއްޖޭގައި މިވަގުތު އެންމެ ކުރީގައި ނަން ހިނގާ އެއް ކުންފުންޏަކީ ރޭގައި ލައިނީ ދެއްކި ވާހައިގެ ތެރެއިން ބުނި ކުންފުނިކަން އޭނާއަށް މި އެނގުނީ އަދި ކިރިޔާއެވެ.
“ޔެސް ރަނގަޅަށް ތިބުނީ.. ޔާންބެގެ ލޭޓް އަންކަލް ފެށި ވިޔަފާރި މިހާރު އެންމެ އިސްކޮށް ކުރިއަށް ގެންދަނީ ރެން.. އަސްލު ޔާންބެ ވެސް އަންނާނީ ރެންގެ ފަހަތަށް.. ލިވީއަށް ނޭނގޭތަ..؟ އޭ އާރް މެމޯރިއަލްސްގެ ގޮތުގަ މި ކުންފުންޏަށް ނަން ދިނީވެސް ރެން.. އޭ އަކީ ރެންގެ ބައްޕަ، އަހުމަދު އަފާފް.. އާރް އަކީ ރެންގެ މަންމަ ފާތިމަތު ރާއިދާ.. ރެންގެ ޕޭރެންޓްސް ނިޔާވުމަށް ފަހު އެމީހުންގެ އިނީޝިއަލްސް ލައިގެން ކޮމްޕެނީގެ ނަން އޭ.އާރް މެމޯރިއަލްސްއަށް ބަދަލު ކުރީ ރެން.. އެއީ ރެންގެ ޕޭރެންޓްސްގެ ހަނދާނެއްގެ ގޮތުގަ..” ޔާނިއު ކިޔައިދެމުން ދިޔަ އިރު ޝައުގުވެރިކަމާއި އެކީ އަޑު އަހަން އިން ލިވްޔާއަށް އަނެއްކާވެސް ރައިހާންގެ ވާހަކަ އިވުމުން އަސަރު ކޮށްފިިއެވެ. އެހެން މީހުންގެ ކުރިމަތީގައި ކިތަންމެ ރުޅިގަދަވެގެން ކިތަންމެ ހަރުކަށިކޮށް އުޅުނަސް، މައިންބަފައިންނަށްޓަކައި އެ ހިތުގައިވާ ލޯތްބާއި ކުލުނު މިއަދު ލިވްޔާގެ ކުރިމަތީގައި ކަޝްފުވެގެން ހިނގައްޖެއެވެ. ރައިހާން އަކީ ކިތަންމެ އަސަރެއް ނެތް ގޮތަކަށް އުޅޭ މީހަކަށް ވީ ނަމަވެސް، އެ ހިތުތެރޭގައި ފަރުދާކުރެވިފައިވާ އެތައް ހާސް އިހުސާސްތަކަކާއި އަސަރުތަކެއް ވާކަން މިއަދު ލިވްޔާއަށް އެނގިއްޖެއެވެ.
“އޯކޭ ލިވީ.. ހިނގާ ފަށަމާ.. ރެޑީތަ..؟ ވަރަށް ވިސްނައިގެން ސީރިޔަސްކަމާ އެކީ ޖަވާބު ދެއްޗޭ އިނގޭ.. ވަކި ލިވީއޭ ކިޔާފަ ޔާންބެ އެއްވެސް ތަފާތެއް ނުކުރާނަން.. ސޯ ޔޫ ހޭވް ޓު ޓްރައި ޔުއަރ ބެސްޓް..” އަތުގައި ހުރި ކަރުދާސްތައް އެއްކޮޅު ކޮށްލަމުން ޔާނިއު ބުނެލުމާއި އެކު ލިވްޔާ މޭޒުމަތީގައި އޮތް ދެއަތް ޖޯޑުކޮށްލަމުން އިންޓަވިއުއަށް ތައްޔާރު ވެލިއެވެ.
އިންޓަވިއު ކުރެވެމުން ދިޔަ އިރު ޔާނިއު ކުރި ކޮންމެ ސުވާލަކަށް ލިވްޔާ ޖަވާބު ދެމުން ދިޔައީ ނުހަނު ހިކުމަތްތެރިކަމާއި ކެރުންތެރިކަމާ އެކީއެވެ. ވާހަކަ ދައްކައިލާ އިރު އަޑުގައި އެކުލެވިގެންދާ ރާގާއި، އަތަށް ގެންނަ ހަރަކާތްތަކުން އަޑު އަހާ މީހާގެ ސަމާލުކަން ނުހަނު ފަސޭހައިން ލިވްޔާ ދަމައިގަނެއެވެ. އިންޓަވިއު ނިމުނު އިރު މިހާތަނަށް އިންޓަވިއު ދިން ބައިވެރިންގެ ތެރެއިން އެންމެ ރަނގަޅު ހުށައެޅުމެއް ދެއްކި ކުއްޖަކީ ލިވްޔާކަމާއި މެދުގައި ޔާނިއުގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ.
އިންޓަވިއު ނިންމައިލާފައި ތެދުވި ލިވްޔާ ޔާނިއުއަށް ހިނިތުންވުމެއް ރައްދު ކޮށްލަމުން ހިނގައިގަތީ އެ ކެބިންއިން ނުކުންނާށެވެ. ލިވްޔާ ދޮރު ހުޅުވައިލި ވަގުތު ބާރުމިނުގައި އައި ޒުވާނާ ވެސް ދޮރު ހުޅުވައިލަނީއެވެ. ދެމީހުންގެ އަވަސް ހަރަކާތާއި އެކު މިފަހަރުވެސް ލިވްޔާ އެ ޒުވާނާގެ ގައިގައި ޖެހިފައި ވެއްޓެން ދިޔައެވެ. އެހެނަސް އިއްޔެއެކޭ އެއްފަހައިން މިއަދު ބާރުގަދަ ދެ އަތަކުން އޭނާގެ އުނަގަނޑުގައި ދެއަތް ވަށައިލުމުން ލިވްޔާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
އަތުތެރޭގައި އޮތް ފަތްމިންޏެއް ފަދަ އަންހެން ކުއްޖާގެ މޫނުން ރައިހާންގެ ނަޒަރު ސިކުންތަކަށް ވެސް ކަސިޔާނުވެގެންނެއް ނުދެއެވެ. އެ ފުން ދެލޮލުގެ ތޫނު ނަޒަރު އެ މައުސޫމު މޫނަށް ހުއްޓިފައިވީ އިރު، އެ ދެލޮލުން ފެނިލި އަސަރުގަދަ ޖާދޫގައި އަނެއްކާ ވެސް ރައިހާން ޖެހިއްޖެއެވެ.
“ރައިހާން..” ނުހަނު ކައިރިން އިވިލި މިޔުޒިކެއް ފަދަ އަޑުން ރައިހާންގެ ގައިގައި ވާހައި ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔަ ފަދައެވެ. އެ ރީތި އަޑުން އޭނާގެ ނަން އެހައި ފުރިހަމަކޮށް ކިޔައިލުމުން ރައިހާންގެ ހިތަށް ކޮންމެވެސް އަސަރެއް ކޮށްފިކަން ޔަގީނެވެ.
މޭޒުދޮށުގައި އިން ޔާނިއު އިނީ ކުރިމަތިން ފެންނަމުން ދިޔަ “ރޮމޭންޓިކް” ވަގުތުކޮޅަށް ހެކިވާށެވެ. އެއްފަހަރު ރައިހާންގެ މޫނަށް، އަނެއް ފަހަރު ރައިހާންގެ އަތުތެރޭގައިވީ ލިވްޔާގެ މޫނަށް ނަޒަރު ބަދަލު ކުރަމުން ދިޔަ އިރު އެ ތުންފަތް މަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ.
“އެހެމް އެހެމް.. ކޮބާ ދެން ދޫކޮށްލަންވީނު.. ވާ ވަރަށް ބެއްދިފަ ކަންނޭނގެ މިހާރު ހުންނާނީ..” ދެމީހުން އެކަކު އަނެކަކުގެ އަތުތެރޭގައި ތިބޭތާ މިނެޓެއް ވަރު ވުމުން ޔާނިއު ކަރުކެހިލާފައި ބުނެލިއެވެ.
ޔާނިއުގެ އަޑު ކަންފަތުގައި ޖެހޭ އިރަށް ހަމަބިމަށް އާދެވުނު މީހަކު ފަދައިން ރައިހާންގެ އޭނާގެ ދެލޯ ބޮޑުކޮށްލިއެވެ. އަތުތެރޭގައި އެ އޮތީ ލިވްޔާކަން އެނގުމާއި އެކު ރައިހާންގެ ހައިރާންކަން އިތުރުވީ އިރު ވަގުތުން ލިވްޔާގެ އުނަގަނޑުގައި ވަށައިލެވިފައިވީ ދެއަތް ދޫކޮށްލާފައި ދުރަށް ޖެހިލައިފިއެވެ.
ރައިހާންގެ އޭނާގެ ގައިން އަތް ވަކިކޮށްލުމާއި އެކު ލިބުނު ސިހުމުގައި ވެސް ލިވްޔާ ބިންމަތީގައި ދެފައި ހަރުކުރެވޭތޯ ބެއްޔެވެ. އެހެނަސް ކުރީ ފަހަރާ ޚިލާފަށް މިފަހަރު އެކަމުގައި ލިވްޔާ ނާކާމިޔާބުވިއެވެ. ބިންމަތީގައި ޖެހުނު ގޮތަކުން އުނަގަނޑަށް އެރި ތަދާއި އެކުގައި އެތަނުގައި އަތް އަޅައިލަމުން ލިވްޔާއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ.
ލިވްޔާ ވެއްޓުމާއި އެކު ރައިހާންގެ ގޮށްޖެހިފައިވީ ދެބުމަ ވަގުތުން ސީދާ ވެލައިފިއެވެ. ވެއްޓި ޖެހުނު ގޮތުން ލިވްޔާއަށް ތަދުވުމާއި އެކު ރައިހާންއަށް ލިބުނީ އުފަލެއް ފަދައެވެ. ހިތަށް ލިބުނު ހަމަޖެހުމާއި އެކު ހަށަން ބަނދެލި އިރު އެ ތުންފަތަށް ވެރިވެފައި ވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. އިރުކޮޅެއް ނުވަނީސް ހުނުން ހިފަހައްޓައިނުލެވިގެން ރައިހާން ބާރުބާރަށް ހޭން ފެށުމާއި އެކު ތަދުވެފައި އޮތް ލިވްޔާއަށް ރައިހާންއަށް ބަލައިލެވުނީ ރުޅިއައިސް ރަތްވެފައެވެ. ދާދި ދެންމެއަކައި ޖެހެންދެން އެ ހިތުގައި ރައިހާންއަށް ޓަކައި އޮތް ހަމްދަރުދީ ވަދެ ފިލީ ކޮންތަނަކަށް ކަމެއް ވެސް ނޭނގެއެވެ. ރައިހާންއަށްޓަކައި ވީ ދެރައިގެ ބަދަލެއްގެ ގޮތުން ރައިހާން ކުރެން މައާފަށް އެދި، އެކުވެރިކަން ބަދަހިކުރަން ބޭނުން ވެގެން އުޅުނު ލިވްޔާގެ ވިސްނުން ބަދަލުވީ ކުއްލިއަކަށެވެ. މިހައި ބޮޑާ، ކިބުރުވެރި، އެހެންމީހުންގެ އިހުސާސްތަކަށް ގަދަރު ކުރަން ނޭނގޭ މީހަކަށްޓަކައި ހަމްދަރުދީ ވުމަކީ ބޭކާރު ކަމެކޭ ލިވްޔާގެ ހިތަށް އެރިއެވެ.
އަނެއްކޮޅުން ޔާނިއު ހުރީ ރައިހާން އެގޮތަށް ހޭން ފެށުމުން ކޮންމެވެސް ވަރަކަށް ހައިރާންވެފައެވެ. އޭނާގެ ބޮޑުބޭބެއާއި ބޮޑުދައިތަގެ ވަކިވެދިޔުމަށްފަހު ރައިހާން އެފަދަ ގޮތަކަށް ހެވުނު މަންޒަރު ޔާނިއު އެ ދުށީ އަދި އަލަށެވެ. ހަގީގީ ހިނިތުންވުމަކުން އެ ތުންފަތް ފަޅުފިލާފައި ވާ އިރު، އެ ފިރިހެންވަންތަ ރީތި ހުނުމުގެ އަޑު އެ އިވިލީ ގާތްގަނޑަކަށް ފަސް އަހަރު ފަހުންނެވެ. ރައިހާންގެ އެ އުފާވެރިކަން ފެނިފައި ޔާނިއުއަށް އެއްމިޔަކަނިން ހީލެވުނީ އެހައި ދުވަސްކޮށްފައި ކޮއްކޮގެ މޫނުމަތިން އެ އުޖާލާކަމާއި ހިތްހަމަޖެހުން ފެނުނީތީ އުފާވެ ހުރެއެވެ.
“ވަޓް ދަ ހެކް އިޒް ރޯންގް ވިތް ޔޫ ބާ*ޓާރޑް؟!” އުނަގަނޑަށް ވަމުން ދިޔަ ތަދާއި އެކުގައިވެސް ތެދުވަން މަސައްކަތް ކުރަމުން ރައިހާންއާ ދިމާއަށް ލިވްޔާ ހަޅޭލަވައިގަތްލެއް ބާރުކަމުން ޔާނިއު ވެސް ކަންފަތުގައި އަތް އަޅައިލިއެވެ. ލިވްޔާގެ އަޑު ބާރުވެގެން ދިޔުމާއި އެކު ރައިހާން ވެސް ހުނުން ހުއްޓައިލާފައި ލިވްޔާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އެ މޫނުމަތިން ފެނުނު ނުރައްކާތެރި އަސަރުތައް ރައިހާންއަށް ސިފަވީ ބޮޑު ޖޯކެއް ފަދައިންނެވެ.
“މައި ބޭޑް.. ތިކުއްޖާ ބަރުކަމުން އަހަންނަށް ނުހިފެހެއްޓުނީ..” ދެއަތް މައްޗަށް ނަގާފައި އަމާން ދައްކައިލަމުން ރައިހާން ބުނެލި ވާހަކައިން ލިވްޔާގެ ރުޅިގަނޑު ފަޅައިގެން ދިޔަ ފަދައެވެ.
“މިނެޓެއް ވަންދެން އަހަރެން ހިފަހައްޓައިގެން ހުރި އިރު ބަރެއް ނުވޭ ދޯ..؟” ތެދުވެފައި ހަށިގަނޑު ސީދާކޮށްލަމުން ލިވްޔާ އަހައިލި އިރު އެ ދެލޯ ވަނީ ހަނިކޮށްލެވިފައެވެ.
“އަންނަ ބާރުމިނުގަ އައިސް ދޮރު ހުޅުވާކަށް ނުޖެހެ ދޯ ތިކުއްޖާއެއް..؟” ރައިހާން ވެސް ނިތަށް ރޫއަރުވައިލަމުން ވާހަކަ ދެއްކިއެވެ.
“އޭ އަހަންނަށް ކިޔަނީ ތިކުއްޖާއެއް ނޫން.. އަހަރެންގެވެސް ނަމެއް އޮވެޔޭ.. އެހެންނޫނަސް ބޭރުން ވަދެގެން އަންނަ މީހާ ޖެހޭނީ ދޮރުގަ ޓަކި ޖަހާފަ ދޯ ވަންނަން..” ލިވްޔާ ވެސް ވަކި ދޫކުރާކަށް ގަސްތެއް ނުކުރިއެވެ. ލިވްޔާގެ ދުލުން ބުނަމުން ދިޔަ ކޮންމެ ލަފްޒަކާއި އެކީ ރައިހާންގެ ރުޅިގަނޑު ދިޔައީ އިތުރަށް ކެކެމުންނެވެ.
“ބަލަ މީ އަހަރެންގެ ކޮމްޕެނީއެކޭ! މިތަނުގަ ހުރިއްޔާ ހުރިހައި އެއްޗަކީ ވެސް އަހަރެންގެ އެއްޗެހި.. އަހަރެންގެ ތަނަކަށް އަހަރެން އައިސް ވަންނަން އެހެން މީހެއްގެ ހުއްދަ ހޯދަން ޖެހޭކަމެއް އެނގިފަކައި ނެތް! އެހެންނޫނަސް އަހަރެންގެ އޮފީހުގަ ތިކުއްޖާ ކީއްތަ ތިކުރަނީ؟” ކުރިމަތީގައި މިހުރި އަންހެން ކުއްޖާ އޭނާ ކަންތައް ކުރަންވީ ގޮތް ކިޔައިދެމުން ދިޔުމަކީ ރައިހާންއަށް ބަރުދާސްތު ކުރެވުނު ކަމަކަށް ނުވިއެވެ.
“އާނ އޯކޭ ދެން ނިންމައިލާ! ލިވީ ދެން ދޭ އަވަހަށް.. ރެން އާދޭ މިތާ އިށީންނަން.. ދިހައެއް ޖެހުމުގެ ކުރިން އިންޓަވިއު ނިންމަން އެބަޖެހޭ.. އަދި އެބަ ތިބި ފަސް ކުދިން.. އަވަސް ކުރޭ..” ކުރިމަތީގައި ނިއުޅެމުން ދިޔަ ފޯރިގަދަ ކޯޅުންގަނޑު ބަލަން ކިތަންމެ ބޭނުންވީ ނަމަވެސް ވަގުތާއި ހާލަތު އެކަމަށް ތަން ނުދޭތީ ޔާނިއު އެކަންތައް ހުއްޓުވިއެވެ.
ޔާނިއުގެ ބުނުމަށް ދެކޮޅު ނަހަދަން ހުރި ލިވްޔާ އަލިފާނުން ފިއްސައިލާ ފަދަ ހޫނު ނަޒަރެއް ރައިހާންއަށް ހަދިޔާކޮށްލުމަށް ފަހު އެ ކެބިންއިން ނުކުމެގެން ދިޔައީ ރައިހާންގެ ކޮނޑުގައި ޖެހިގަނެފައެވެ. ލިވްޔާގެ އެ އަމަލުން ލިބުނު ކުއްލި ސިހުމާއި އެކު ހައިރާންވެ ހުރެވެސް ރައިހާން ފަހަތް ބަލައިލި އިރު ލިވްޔާ ނުކުމެފައި ދޮރު ޖަހައިފިއެވެ.
“ދެޓް ޑަމްބް ގަރލް.. ވަޓް ޑަޒް ޝީ ތިންކް އޮފް ހަރސެލްފް؟ އޭނަ ހިތުން އޭނައަކީ ކާކުތަ..؟” އެނބުރި ޔާނިއުއާ ދިމާއަށް ބަލައިލަމުން ރައިހާން ލިވްޔާއަށް އެތިވަރު ގޮވައިގަތެވެ.
“އާނ އޯކޭ.. ދެން ނިންމައިލާ ރެން.. އާދޭ.. އަވަސް ކުރޭ..” ޔާނިއުގެ އަޑުގައި ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެއް އެކުލެވިގެން ދިޔުމާއި އެކު ރައިހާން އަނގަ ބަންދުކޮށްލަމުން ގޮސް ޔާނިއުގެ ކައިރީގައި އިށީނެވެ.
އިންޓަވިއުގެ ދެން އޮތް ބައި ކުރިޔަށް ގެންދިޔައީ ދެމީހުން އެކުގައެވެ. ހަމަ ކޮންމެ މީހެއްގެވެސް ކޮންމެވެސް އުނިކަމެއް ފެނިގެން އެހިސާބުން ރައިހާން އިންޓަވިއު ނިންމައިލައެވެ. ކަމުނުދާ ކަމެއް މީހެއްގެ ކިބައިން ފެނިއްޖެ ނަމަ އިތުރަށް އިންޓަވިއު ކުރިޔަށް ގެންދިޔުމަކީ ވަގުތުތަކެއް ބޭކާރުކޮށްލުން ކަމުގައި ރައިހާން ދެކެއެވެ. ރައިހާންގެ ގޮތް ރަނގަޅަށް އެނގޭތީ ޔާނިއު އެކަމާ އެއްޗެއް ނުބުނި ނަމަވެސް އިނީ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައެވެ.
“ލިވީ އިންޓަވިއު ކުރި އިރު ރެން މިތާ ހުރި ނަމަ.. ޝީ ވޯޒް ގްރޭޓް! އަހަންނަށް އެންމެ ރަނގަޅު ކުއްޖަކަށް ފާހަގަވީ ލިވީ..” އިންޓަވިއުއަށް އައި އެކި މީހުންގެ ވާހަކަތައް ދައްކަމުން ގޮސް ޔާނިއު ބުނެލީ ސީދާ ރައިހާންގެ މޫނަށް ބަލައިލަމުންނެވެ. ލިވްޔާގެ ނަން ހަމަ ބުނުމާއި އެކު ރައިހާން ދެލޯ ހަނިކޮށްލަމުން ނިތަށް ރޫގިނަކޮށްލި މަންޒަރު ޔާނިއު ދުއްޓެވެ.
“އަހަރެން ބޭނުމެއް ނޫން އޭނައަށް މި ވަޒީފާ ދޭކަށް..” ރައިހާން އޭނާގެ ބަސް އިއްވައިލުމާއި އެކު ޔާނިއުއަށް ރައިހާންގެ އަސަރެއް ނެތް ފަޅު މޫނަށް ބަލައިލެވުނެވެ.
“ރެން ތިހެން ތި ބުނަނީ ރެންއާ އޭނަޔާ ޕަރސަނަލް ބީފް އޮތީމަތަ..؟ ޕަރސަނަލް ލައިފްއާ ވޯރކް ލައިފްއާ ބާއްވަން ޖެހޭނީ ވަކިން.. ދެތިން ދުވަހަކު ޒުވާބުކޮށްލާފަ އަންނަ ރުޅީގަ ބަދަލު ހިފަން ލިވްޔާއަށް ވަޒީފާ ނުދިނުމަކީ އިންސާފެއް ނޫން.. ލިވްޔާއަށް މި ވަޒީފާ ހައްގު އިރު ވަޒީފާ ނުދިނުމަކީ އޭނައަށް ވެވޭ ބޭއިންސާފެއް..” ޔާނިއު ލިވްޔާ ދިފާއު ކުރުމުން ރައިހާން ކައިރިއަށް އަނެއްކައިވެސް ރުޅި އަންނަން ފެށިއެވެ. އަބަދުވެސް އޭނާ އެދުނު ގޮތަކަށް ކޮންމެ ކަމެއް ވެސް ކޮށްދޭން ހުންނަ ޔާނިއު މިއަދު ލިވްޔާއަށް ޓަކައި އޭނާގެ އެދުންތަކުގައި ކޮޅުފައި ޖެހުމަކީ ރައިހާންއަށް ބަރުދާސްތު ކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ.
“އިންސާފުގެ ވާހަކަ ޔާން ތި ދައްކަނީ ކޮން ހައްގެއް އޮވެގެން..؟ އަހަންނަށް އެބަ އެނގޭ ޔާން ތިވަރަކުން ލިވްޔާއަށް ވަޒީފާ ދޭން ތި އުޅެނީ ކީއްވެގެންކަން.. ލައިގެ ކޮއްކޮއަށް ލިވްޔާ ވީމައެއްނު ތި އުޅެނީ މި ޖޮބަށް އޭނަ ނުނެގިގެން.. ވާން އުޅޭ އަނބިމީހާގެ ކޮއްކޮ ވީމަ ޔާން ތި އުޅެނީ ލިވްޔާއަށް ވަޒީފާ ދޭން.. އެހެންވީމަ އެއީ ދެން ވަޒީފާ ހޯދަން އައިސް ތިބި އެހެން މީހުންނަށް ވެވޭ ބޭއިންސާފެއް ނޫންތަ..؟” ރައިހާން ދެއްކި ވާހަކަތައް އަޑުއަހަން ހުރި ޔާނިއުއަށް ރައިހާންގެ މޫނަށް ބަލައިލެވުނީ ގަބޫލުނުުރެވިފައި ހުރެއެވެ. ދެމީހުން އެކުގައި މި ވިޔަފާރި ފުޅާކުރަން މަސައްކަތް ކުރާތާ ހަތަރު އަހަރުވެފައިވީ އިރުވެސް ޔާނިއު ވިޔަފާރީގައި ގެންގުޅޭ ހަރުކަށި، ހަރުދަނާ އުސޫލުތައް ރައިހާންއަށް ނޭނގެނީބާވައޭ ޔާނިއުގެ ހިތަށް އެރިއެވެ.
“އަހަރެން އިންޓަވިއު ފަށަމުން ވެސް ލިވްޔާ ގާތު ބުނިން ލިވްޔާ ވީމަ ވަކި ތަފާތެއް ނުކުރާނަމޭ.. އަހަރެން ކޮންމެހެން ލިވްޔާއަށް މި ވަޒީފާ ދޭން މި އުޅެނީކީ އެއީ ލައިގެ ކޮއްކޮއަށް ވީމަކައި ނޫން.. މި ވަޒީފާއަށް އެންމެ ގާބިލް ކުއްޖަކީ ލިވްޔާ ކަމުގައި އަހަންނަށް ގަބޫލު ކުރެވޭތީ.. އެހެންނޫނަސް މިހައި ދުވަސްވީ އިރުވެސް މި ކޮމްޕެނީގަ ގިނަ އިންޓަވިއުތައް މި ކުރަނީ އަހަންނެއްނު.. ދުވަހަކުވެސް ހައްގު ނުވާ މީހަކަށް އެއްވެސް މަގާމެއް ދީފަކައި ނޯންނާނެ.. އަހަރެން އަބަދުވެސް ކަންތައް ކޮށްފަ އޮންނާނީ އިންސާފާ އެއްކޮޅަށް.. އެއީ ހައްގުނުވާ މީހަކަށް ވަޒީފާއެއް ދީގެން ކޮމްޕެނީއަށް ލޮސްއެއް ލިބެން އަހަރެން ބޭނުން ނުވާތީ..” ރައިހާންގެ ކުރިމައްޗަށް އަރަމުން ޔާނިއު ބުނެލި އިރު އެ އަޑުގައި ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެއް އެކުލެވިގެން ދިޔައެވެ.
“އެކަމަކު މިފަހަރު ޔާން ލިވްޔާ ނަގަން ވެގެން ތި އުޅެނީ ހަމަ އެހެންވެ! ޔާންގެ ތި އަމިއްލަ ބޭނުންތަކަށް ލިވްޔާއަށް ވަޒީފާ ދިނީމަ ހުރިހާ ލޮސްއެއް އަންނާނީ އަހަރެންގެ ބިޒްނެސްއަށޭ! އަހަރެންގެ ކޮމްޕެނީގަ ހިނގާނީ އަހަރެންގެ އުސޫލު.. މި ކޮމްޕެނީގަ މަސައްކަތް ކުރާނެ މީހުންނާ ނުކުރާނެ މީހުން އެނގޭނީ އަހަންނަށް!” ކުރިމަތީގައި މިހުރީ އެބުނާ ކާމިޔާބު ވިޔަފާރި އަޑިއަޅައިލި ނާޒުކު ވަގުތު މުޅި ވިޔަފާރި ކޮނޑުމައްޗަށް ލައިގެން އެ ވިޔަފާރި ފުޅާކުރަން އެންމެ ކުރީގައި މަސައްކަތް ކުރި ޔާނިއުކަން ހަނދާން ނައްތައިލާފައި ރައިހާން އެއްޗެހި ގޮވައިގަތެވެ. ރައިހާންގެ ދުލުން ބުނެލި ކޮންމެ ޖުމުލައަކާއި އެކު ޔާނިއުގެ ނިތަށް ރުލެއް އިތުރުވެގެން ދަނީ އެފަދަ ގޮތަކަށް އޭނައާ ދިމާއަށް އިނގިލި ދިއްކުރަން ރައިހާންއަށް ކެރުނީތީ ވެސް ހައިރާންވެ ހުރެއެވެ.
ކުޑައިރުއްސުރެ އަމިއްލަ ވިޔަފާރިއެއް ފެށުުގެ ހުވަފެން ދެކެމުން އައި ޔާނިއު އެ ހުވަފެން ކަފުންކޮށް ވަޅުލާފައި، ލޯބިވާ ބޮޑުބޭބެގެ ހަމައެކަނި ހަނދާން ކަމުގައިވާ “އޭ.އާރް މެމޯރިއަލްސް” ގައި މަސައްކަތް ކުރަން ފެށީ އެއްބަނޑުއެއްބަފާ ކޮއްކޮގެ ގޮތުގައި ދެކެމުން އައި ރައިހާންގެ އެދުމުގެ މަތިންނެވެ. ބިމުއަޑީގައި ވަޅުލެވެމުން ދިޔަ “އޭ.އާރް މެމޯރިއަލްސް” އަލުން ނަގައި ކޮޅަށް ޖެހުމުގައި އެއް އަހަރު ވާންދެން ހޭބޯނާރައި މަސައްކަތް ކުރި މީހަކީ އޭނާއެވެ. ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެއްގެ ގޮތުން އެންމެ އުހުގައި ފިޔަޖަހަމުން ދިޔަ ތަރިއަކަށް އެ ކުންފުނި ވެގެން ދިޔަ އިރު، އެކަމުގެ ހަގީގީ މޭސްތިރިއެއްގެ ގޮތުގައި ލޭބަލްވެގެން ދިޔަ މީހަކީ ރައިހާންއެވެ. އެކަމާ ޔާނިއުގެ އެއްވެސް ޝަކުވާއެއް ނެތެވެ. އެހެނީ އޭނާ އެ ކުންފުންޏަށްޓަކައި ކޮށްދިން ކަމެއް ވިއްޔައި ކޮށްދިނީ ރައިހާންއަށްޓަކައެވެ. ވެލީގެ ދާނުގައި ކަފުން ކުރެވިފައިވާ ލޯބިވާ ބޮޑުބޭބެއާއި ބޮޑުދައިތަގެ ހަނދާނަކަށެވެ. އެހެނަސް އެއިން އެއްވެސް ގުރުބާނީއެއް ރައިހާން ފަދަ ހިލަ ހިތެއްގެ ވެރިއެއްގެ ކުރިމަތީގައި ކުނޑިފުށަކަށް ވެސް ނުވާނޭކަން މިއަދު ޔާނިއުއަށް ރަނގަޅަށް އެނގިއްޖެއެވެ.
“އޯކޭ.. ރެންގެ ބިޒްނެސް.. ރެންގެ ކޮމްޕެނީ.. ހަދަންވީ ގޮތް އެނގޭނީ ރެންއަށް.. ރެންގެ ކޮމްޕެނީގަ ކަންތައް ކުރަން ޖެހޭ ގޮތާ މެދު ފާޑު ކިޔުނީތީ އަހަރެން މައާފަށް އެދެން..” ހަމައެކަނި އެހެން ބުނެލާފައި ރައިހާންއަށް ބަލައިލުމެއް ވެސް ނެތި ޔާނިއު އެ ކެބިންއިން ނުކުމެގެން ދިޔުމާއި އެކު ރައިހާންގެ އެތެރެހަށީގައި އަނދަމުން ދިޔަ ހޫނު އަލިފާނުގެ އެތިފަހަރެއް ވީއްލައިލެވުނީ ކުރިމަތީގައި ހުރި މޭޒަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.







Mee biruveri vaahaka eii noon dhw.
labba this is not
Vrh vrh reethi
thankyouu I
mashallah mi part ves vrh reethi
alhe ren ekm dhww
curiously waiting for next when is next
thankyouu
yeahhh ren is such a red flag here dhoo😬
already submitted the next part
Vrh reethi
raihaan needs to chill man why he treating my yaaniu like that when hes just doing his job just cuz he lost his parents in a traumatic way does not give him the pass to act cruel towards others he seems like a nightmare to work with
trust me, he’s a nightmare to just spend a few minutes with😬
dhen lets see dho vaa gotheh raihaan ge character is gonna be pretty controversial yeahh i mean as of now he is a huge red flag dhoo