ހިތް އެދޭ މަންޒިލަކީ… 3
“ލައި އެއްބަސްވާނެ ކަމުގެ ޔަގީންކަން ލިބެންދެން އަހަރެން ރަސްމީކޮށް ނާހަ މި ހުންނަނީ… އެކަމަކު ދެން ބޭނުން އެންމެ ސިކުންތެއް ވެސް ލަސްކުރާކަށް.. ލައި ނޫން އެހެން ކުއްޖަކު އަހަރެންގެ އަނބިމީހާގެ މަގާމަށް ގެންނާކަށް އަހަރެން ދުވަހަކުވެސް ބޭނުމެއް ނޫން.. އަހަރެންގެ ހިތް އަބަދުވެސް އެދޭ މަންޒިލަކީ ތީ.. އަހަރެން ވަރަށް ލޯބިވޭ ލައި.. އަބަދުވެސް ލައި އުފަލުގައި ބަހައްޓަން އަހަންނަށް ކުރެވުނު ކޮންމެ ކަމެއް ވެސް ކުރާނަން.. ލައި.. މުޅި އުމުރަށް އަހަރެންގެ ހައްގަކަށް ވެދޭނަންތަ..؟” ޔާނިއުގެ ކޮންމެ ޖުމުލައަކާއި އެކުގައި ލައިނީގެ އެސްފިޔަތައް ފޫއަޅުވައިލާފައި ފައިބަމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. އަވަސްއަވަހަށް ލައިނީ ބޯޖަހައިލުމާއި އެކު ޔާނިއުގެ ތުންފަތުގައިވީ ހިނިތުންވުން ފުޅާވިއެވެ. ލައިނީގެ ވައަތު ކަށިއިނގިލީގައި އެ އަނގޮޓި އަޅުވައިލުމަށް ފަހު ޔާނިއު އެ އަތުގައި ތުންފަތް ޖައްސައިލަމުން ބޮސްދިނެވެ. ޔާނިއުގެ ތުންފަތުގެ ހޫނު ބީހިލުން އޭނާގެ ގަނޑުފެންކޮޅެއްހައި ފިނި އަތްތިލައަށް އިިހުސާސް ކުރެވުމާއި އެކު، ލައިނީގެ ދެލޯ މެރިގެން ދިޔައީ އެ ހޫނުގައި ވިރިގެން ދާން އެ ހިތް އެދުނު ވަރުންނެވެ.
“އަހަރެން ބޭނުމެއް ނޫން އެންމެ ދުވަހެއް ވެސް ލަސް ކުރާކަށް.. އަހަރެން ބޭނުމީ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން..” ތެދުވެފައި އެ އަތުގެ ތެރެއަށް ލައިނީ ގެންނަމުން ޔާނިއު ހާމަކޮށްލީ އެ ހިތުގެ އެދުމެވެ.
“އަހަރެން ވެސް..” ޔާނިއުގެ ތަނަވަސް މޭތެރޭގައި ބޮނޑިވެލަމުން ލައިނީ ލަދުން ހުރެވެސް އޭނާ ބޭނުންވާ ގޮތް ހާމަކޮށްލިއެވެ. އެ ވަރުގަދަ ދެ އަތުގެ ތެރެއިން އޭނާއަށް އިހުސާސް ކުރެވެމުން ދިޔައީ ހިމާޔަތާއި ރައްކާތެރިކަމެވެ. ނިމުމެއް ނުވާ ލޯތްބާއި އޯގާތެރިކަމެވެ.
*** ** ***
“ކުޑާ.. މި ގަމީސްތަ..؟ އެހެންނޫނީ މި ގަމީސްތަ ލާންވީ..؟” ދެއަތުން ދެ ގަމީސް ހިފައިގެން ހުރެފައި ލިވްޔާ އަހައިލީ ލާނެ އެއްޗެއް ނޭނގުމުންނެވެ. މިއަދަކީވެސް ކޮންމެވެސް އޮފީހެއްގެ ޖޮން އިންޓަވިއުއެއް އޮވެގެން އެތަނަށް ދާން ލިވްޔާ ތައްޔާރު ވަމުން ދިޔަ ދުވަހެކެވެ.
“ބްލޫ ގަމީސް..” އިރުކޮޅަކު ވިސްނައިލުމަށް ފަހު ލައިނީ އިޚްތިޔާރު ކުރީ ލިވްޔާގެ ކަނާއަތުގައި އޮތް ފެހިކުލައިގެ ގަމީހަށެވެ.
“އަހަރެން ކަޅުވީމަ ބްލޫއެއް އަހަންނަކާ ނުގުޅޭނެ.. ގްރީން ގަމީސް ލާނީ..” ލައިނީ ބުނި ގަމީސް ލިވްޔާއަކަށް ކަމަކު ނުދިޔައެވެ. އެއާއެކު ލައިނީ ދެފަރާތަށް ބޯހޫރުވައިލަމުން ހިތާހިތުން ލިވްޔާއަށް ކުދިކިޔައިގަތީ ކޮންމެ ކަމެއްގައިވެސް ލިވްޔާ އޭނާގެ ޚިޔާލު ހޯދާފައި އެއާ ދިމާ އިދިކޮޅަށް ކަންތައް ކުރާތީއެވެ.
ފާޚާނާއަށް ވަދެފައި އެއްޗެހި ބަދަލުކޮށްލައިގެން ލިވްޔާ ނުކުތް އިރު ލައިނީ އިނީ ޔާނިއުއާ ގުޅައިގެންނެވެ. އެހެންކަމުން ލައިނީއަށް އުނދަގޫ ކުރުމެއް ނެތި ލިވްޔާ އަތްމަތި އަވަސްކޮށްލަމުން ތައްޔާރުވާން ފެށީ ގަޑިޖެހެން ނުހަނު ކައިރިވެފައި ހުރުމުންނެވެ.
ލައިގެން ހުރި ފެހި ގަމީހާއި ހުދުކުލައިގެ ބެލްސް ރީތިކޮށްލަމުން ލިވްޔާ އެ އޮމާން މޫނުމަތި ފަޅުފިލުވައިލީ ލުއި މޭކަޕަކުންނެވެ. މޫނުގެ ކުލައާ ގުޅޭ ފައުންޑޭޝަންއަކުން އެ އޮމާން ހަންގަނޑުގެ ވިދުވަރު އިތުރަށް ގަދަކޮށްލި އިރު، އެ ދިގު އެސްފިޔަތަކުގައި މަސްކަރާ އަޅައިލުމުން އެ ދެލޮލުގައިވީ ސިހުރުވެރިކަން ކުރިއަށްވުރެ އިތުރުވީހެން ހީވެއެވެ. މުށިރަތްކުލައިގެ ލިޕްސްޓިކަކުން އެ ބޯ ތުންފަތް ފަވައިލި އިރު، ލިވްޔާގެ ރީތިކަން ދެގުނަވެފައިވާ ފަދައެވެ.
މޭކަޕްކޮށް ނިމުމުން އަވަސް ހަރަކާތަކާ އެކީ ބުޅި އިސްތަށިގަނޑު ހުޅިއެއް ޖަހައިލާފައި ޝޯލް އަޅަން ފެށިއެވެ. ރީތި ގޮތަކަށް ޝޯލް އަޅައި ނިންމައިލުމަށް ފަހު ގަޔަށް ސެންޓުކޮޅެއް ބުރުވައިލާފައި މިއަދު އަރަން ނެގި ހައިހީލްއަށް އަރައިލިއެވެ. އެއަށްފަހު އެނދުމަތީގައި އޮތް ދަބަހާއި ފައިލް ހިފައިގެން ކޮޓަރިން ނުކުންނަމުން ލައިނީ ގާތު މި ދަނީއޭ ބުނެލިއެވެ.
ލިވްޔާއަށް މަގުމައްޗަށް ނުކުމެވުނީ އެންމެ ހޫނުގަދަ ވަގުތުގައެވެ. ޓެކްސީއެއް އަތުޖެހޭތޯ ދިހަވަރަކަށް މިނެޓު އެ ދިލަ އަވިގަނޑުގެ ތެރޭގައި ހުރުމަށް ފަހު ވެސް ކާމިޔާބުވާ ގޮތް ނުވުމުން ލިވްޔާ ރުޅިއައެވެ. ދެމުން ދިޔަ ދިލަ އަވިން މީހާ އެކުގައި ފިއްސަމުން ދިޔަ އިރު، އޮހޮރެން ފެށި ދަލުން މީހާގެ ތާޒާކަން ގެއްލުވާލައިފިއެވެ. އަރައިގަތް ރުޅިން އިތުރަށް މަޑުކުރުމެއް ނެތި ކަންމަތީ ފިހާރައަކުން ފިނި ބުއިމެއް ގަނެގެން ލިވްޔާ އޭނާގެ އިންޓަވިއު ހަމަޖެހިފައިވާ ބިލްޑިންއަށް ދިޔުމަށް ހިނގައިގަތް އިރު ރުޅި އައިސްގެން އެ ދެ ބުމަ ވެސް ވަނީ ގޮށްޖެހިފައެވެ. ކަންތައް ވަމުން މިދާ ގޮތުން ހަމަޖެހިގެން އިންޓަވިއު ދެވޭނެކަމެއް ނޭނގެއޭ ލިވްޔާގެ ހިތަށް އެރީ ކިތައް ފަހަރު ކަމެއް ވެސް ނޭނގެއެވެ.
އެއް އަތުން ދަބަހާއި ފައިލު ހިފައިގެން ހުރެ، އަނެއް އަތުން ދަޅު ބޮމުން ކުރިއަށް ހިނގަމުން ދިޔަ ލިވްޔާ ދިޔައީ މަގުމައްޗަށް މާ ބޮޑު ސަމާލުކަމެއް ދިނުމެއް ނެތިއެވެ. ދުވާރުމަތިން ހިނގާފައި ދިޔަ އިރު އޭނާއަށް ކުރިއަށް ބެލެނީ ވެސް މަދު ފަހަރަކުއެވެ. ނުހަނު ކައިރީގައި ޕާކު ކޮށްފައި އޮތް ކާރުގެ ދޮރު އެވަގުތު އޭނާއާ ދިމާއަށް ހުޅުވުނުކަން ލިވްޔާއަށް ނޭނގުނީ އެހެންވެއެވެ.
“އައްދިއްޔޯއި!” ހުޅުވުނު ކާރުގެ ދޮރުފަތް އޭނާގެ ބަނޑާ ދިމާލުގައި ޖެހުމާއި އެކު ވީ ތަދުން ލިވްޔާއަށް އިސްކުރެވުނީ ރުޅިއެވެ. ބަނޑުގައި އަތް އަޅައިގެން ހުރެ އެ އަމަލު ކުރި މީހަކީ ކާކުތޯ ބަލައިލަން ލިވްޔާގެ ދެ ކަޅި ހަރަކާތް ކުރި އިރު އެ ދެލޮލުގައި ވަނީ ނުރައްކާތެރި ނަޒަރެކެވެ.
އެވަގުތު ކާރުން ފޭބި ރައިހާން ވެސް އަވަސްއަވަހަށް ކުރިމައްޗަށް ބަލައިލީ ކާރުގެ ދޮރުފަތް ޖެހުނީ ކާކުގެ ގައިގައިތޯ ބެލުމަށެވެ. އެއާއެކު ކުރިމަތީގައި ރުޅިން ފިހިފިހި ހުރި އަންހެން ކުއްޖާ ފެނިފައި ރައިހާންއަށް އޭނާގެ ހުނުން ކޮންޓްރޯލް ކުރަން ދަތިވިއެވެ. އެ ދެލޮލުގައި އަނގުރު އަލިފާން ފަދަ ރުޅިވެރިކަން ވިދަމުން ދިޔަ އިރު، ދެކޯ ފުފިފައި ވީ ގޮތުން ރައިހާންއަށް މަޖާވީއެވެ.
“ޔޫ! ދުއްވަން ނޭނގެންޏާ ކާރަށް ނާރަ ހުރީމަ ވީނު!” ރައިހާންއާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ލިވްޔާ ބުނެލި އިރު އެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ނަފްރަތާއި ރުޅިވެރިކަމެވެ. ލިވްޔާ އޭނާގެ ކުރިމަތީގައި އަޑު އުފުލުމުން ހިނިތުންވުމަކުން ދެމިފައިވީ ރައިހާންގެ ތުންފަތުން ވަގުތުން ހިނިތުންވުން ފިލައި ދިޔައެވެ.
“އޯ ހެލޯ! ކޮބާތަ މަށަށް ކާރު ދުއްވަން ނޭނގިފަ؟” އަތުގައި ލެވުނުހައި ބާރެއް ލާފައި ކާރުގެ ދޮޮރުފަތް ޖަހަމުން ރައިހާން ވެސް ބުނެލީ ރުޅިއައިސް ރަތްވެފައި ހުރެއެވެ.
“ދުއްވަން އެނގޭ ނަމަ ކާރުގެ ދޮރުފަތް ހުޅުވައިލާ ގޮތަށް މީހުންގެ ގަޔަކަށް ނޫން ދޯ ދޮރުފަތް އަރުވައިލާނީކީ؟” ދެލޯ އިތުރަށް ހަނިކޮށްލަމުން ލިވްޔާ ބުނެލި އިރު، އިންޓަވިއުއަށް ދާން ޖެހޭ ގަޑި ކުޑަތަންވަމުން ދިޔަކަން ވެސް ހަނދާން ނެތް ފަދައެވެ. އެއަށްވުރެ ބޮޑަށް ރުޅިވެރިކަން ވަނީ އެ ނަފްސުގެ ހަމަޖެހުން ނަގައިލާފައެވެ.
“ބަލަ އަހަރެން ދޮރުފަތް މި ހުޅުވީ ހުޅުވަން ޖެހޭ ގޮތަށް! މަގުމައްޗާވީ ފަޅި ނޫން އަނެއް ފަޅިއަށް ދޮރު ހުޅުވާކަށް ނޫންތަ އޮންނަނީ؟ ދުވާރު މަތިން ހިނގަން ބުނެފަ އޮންނާތީ ނަމަކަށް ދުވާރު މަތިން ހިނގާ މީހުންނަށް ވާނީ ތިހެން! އައިސް ދުވާރުމަތިން މަގަށް ވެއްޓޭ ހިސާބަކުން ނޫން ދޯ ހިނގަން ޖެހެނީކީ؟” ރައިހާން ވެސް ދޫކުރާކަށް ގަސްދެއް ނުކުރިއެވެ. ދުވަހަކުވެސް އޭނާގެ ކުރިމަތީގައި މީހަކު އެގޮތަށް އަޑުއުފުލައިލާފައި ނުވާ އިރު، މިއަދު ނުވެސް ދަންނަ އަންހެން ކުއްޖަކު އެކަން ކުރުމުން އޭނާގެ ޝަޚުސިއްޔަތަށް ވެސް ހުތުރު ވެއްޖެއެވެ.
“ކީއްތަ ވާނީ ދެން އެކަން އެގޮތަށް ވީމަ މައާފަށް އެދެން ވެސް؟” ލިވްޔާ ހުރީ ވަލުގެ އަނެއް ކޮޅުގައި ގަދަޔަށް ހިފާލައިގެންނެވެ.
“އޭ މިހިރަ މޮޔަ އަންހެން ކުއްޖާ! އެނގޭތަ އަހަރެން މީ ކާކުކަން ފާޑުފާޑަށް ވާހަކަ ތި ދައްކަނީ؟ މައާފަށް އެދެންވީ އަހަންނެއް ނޫން ތިކުއްޖާ!” ރައިހާން ބޭނުންވީ ލިވްޔާއަށް އޭނާއަކީ ކިހައި ވަރެއްގެ މީހެއްކަން އަންގައިލާށެވެ. ދެން ދުވަހަކުވެސް އޭނާއާ ދިމާއަށް ބަލައިލަން ވެސް ނުކެރޭ ވަރު ކޮށްލާށެވެ.
“އަހަންނަށް ހެޔޮ ތީ ކޮންމެ މީހަކަސް! އެކަމަކު ތީ ވަރަށް ފޮނި ބޮޑާ ކިބުރުވެރި މީހެއް! ޔޫ ޑިޒަރވް ދިސް!” އަތުގައި އޮތް ސްޕީޑް ދަޅު ރައިހާންގެ ގަޔަށް ޖަހަމުން ލިވްޔާ އެންމެ ފަހު ޖުމުލަ ބުނެލިއެވެ.
ލިވްޔާގެ އެ އަމަލު ނަގައިގަންނަން ރައިހާންއަށް އިރުކޮޅެއް ނެގިއެވެ. ހިއްސުތައް މަސައްކަތް ކުރަން ފެށުމާއި އެކު ރައިހާންގެ ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލައެވެ. ތެމިފައިވީ އޭނާގެ ހުދު ގަމީހަށް ނަޒަރެއް ދިނުމަށް ފަހު އެ ނަޒަރު ލިވްޔާއަށް އަމާޒު ކޮށްލި އިރު އެ ދެ އަތް ވަނީ މުއްކެވިފައެވެ. ފާޅުވާން ހުރި ކަތުރު ކަށިގަނޑަށް އިތުރަށް ބާރުކޮށްލަމުން ރައިހާން ލިވްޔާ ކައިރިއަށް ފިޔަވަޅެއް އަޅައިލިއެވެ.
ރައިހާންގެ ދެލޮލުން ފެންނަމުން ދިޔަ ރުޅިވެރިކަމުގެ ސަބަބުން ލިވްޔާއަށް ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އިހުސާސް ކުރެވުނު ނަމަވެސް ލިވްޔާ ބެލީ އެކަން ފޮރުވާފައި ގޮތުގައި ހިފެހެއްޓޭތޯއެވެ. ރައިހާން ކައިރިއަށް އަޅައިލި ފިޔަވަޅާ އެކުގައި ލިވްޔާ ވެސް ދެބުމަ ގޮށްޖަހައިލަމުން އިސްއުފުލައިލާފައި ބަލައިލީ ސީދާ ރައިހާންގެ ކަނޑެއް ފަދަ ފުން ދެ ލޮލަށެވެ. އެހިނދު އެ އަސަރުގަދަ ދެލޮލުގެ ތެރެއިން ވިދައިލި ވިދުވަރަށް ގެއްލިފައި ފަޅި ސިކުންތަކަށް ހުރެވުނު ނަމަވެސް، ލިވްޔާ ނިކަން އަވަހަށް އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލައިފިއެވެ.
“ވަޓް ދަ ހެކް ޑިޑް ޔޫ ޖަސްޓް ޑޫ؟” ރައިހާންގެ އަޑު ނުކުތީ މަޑުން ކަމުގައިވީ ނަމަވެސް އެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ހަރުކަށިކަމެވެ.
“ދެލޯ ނެތީތަ ތިހެން ތި އެހީ؟ ނޫނީ ހިއްސު ކެނޑުނީތަ؟ އައި ޖަސްޓް އެކްސިޑެންޓަލީ ސްޕިލްޑް މައި ޑްރިންކް އޮން ޔޫ!” ދަތްކުނޑި ވިކައި ބާރުކޮށްލަމުން ލިވްޔާ ބުނެލި އިރު “އެކްސިޑެންޓަލީ” އެ ލަފްޒަށް އިތުރު ބާރެއް ލީ ރައިހާންއަށް ޖެއްސުމަށެވެ.
“ޔޫ އާރ ގޮއިންޓު ރިގްރެޓް ދިސް! ޔޫ ވިލް ޕޭ ފޯރ ދިސް ޔޫ ޑަމްބް ގާރލް!” ލިވްޔާގެ މޫނާ ޖެހޭނުޖެހޭ ހިސާބުގައި ޝަހާދަތް އިނގިލި ހަރަކާތް ކޮށްލަމުން ރައިހާން ބުނެލި އިރު، އެ އަޑުގައިވީ އަސަރަކުން ޚުދު ލިވްޔާގެ ގައިންވެސް ހީބިހި ހިލުވައިލިއެވެ.
“އައި ކާންޓް ވެއިޓް ޓު ސީ ވަޓް ޔޫލް ޑޫ.. ގުޑް ލަކް ޔޫ އިންފިޔުރޭޓިން ޕީސް އޮފް ޝިޓް!” ރައިހާންގެ މޫނާ ޖެހޭނުނެހޭ ހިސާބަށް އޭނާގެ މޫނު ކައިރިކޮށްލަމުން ލިވްޔާ ބުނެލި އިރު އެ އަޑުގައި ވަނީ ނުގުޑާނެ ފަދަ އަޒުމަކާއި ހަރު ކަމެކެވެ. ލިވްޔާ އެންމެ ފަހުން ބުނެލި ޖުމުލައާއި އެކު އެ މޫނަށް އެޅިގެން ދިޔަ ލިވްޔާގެ ހޫނު ނޭވާގެ އިހުސާސާއި އެކުވެގެން ރައިހާންގެ ދެލޯ ބޮޑުވެގެން ދިޔައީ ލިވްޔާގެ ދުލުން ނުކުތް ބަސްތައް ގަބޫލު ނުކުރެވިފައެވެ. އެ ވަރުގަދަ ހަށިގަނޑު އެކީ ހަރުދަނޑިވެގެން ދިޔަ އިރު ގަބު އަރާފައި ހުރެވުނީ ލިވްޔާ އޭނާއާ މުޚާތަބުކޮށް ބުނި ބަސްތައް ކަންފަތް ދޮށުގައި ހުއްޓުމެއް ނެތި ގުގުމަމުން ދިޔައީތީއެވެ. ކުރިމަތީގައި ހުރި ގޮތްނޭނގޭ އަންހެން ކުއްޖާ އޭނާ ފަހަނައަޅައި ދިޔުމަށް ހިނގައިގަތް އިރުވެސް ރައިހާންއަށް ޖެހި ބުދެއްހެން ހުރެވުނީ ދެންމެ ވީ ކަންތައް ގަބޫލު ކުރަން ދަތިވެފައެވެ. އެހައި ބޭއަދަބީކޮށް ހަޔާތުގައި ފުރަތަމަ ފަހަރަށް މީހަކަށް އޭނާގެ ކުރިމަތީގައި ބަސް ބުނަން ކެރުނީތީ ރައިހާން ހައިރާންވިއެވެ. އަދި އެކަމަށް ފުރުސަތު ދެވުނީތީ އަމިއްލަ ނަފްސަށް މަލާމާތް ވެސް ކުރެވުނެވެ.
ހިއްސުތައް މަސައްކަތް ކުރަން ފެށުމާއި އެކު ރައިހާން ފަސްއެނބުރި ބަލައިލިއެވެ. އޭރު ލިވްޔާ އެ މަގުން ކަނާތް ފަރާތުގައި އޮތް ގޯޅިއަށް އަޅަނީއެވެ. ލޯކުރިމަތިން އެ އަންހެންކުއްޖާ ގެއްލިގެން ދިޔުމާއި އެކު ރައިހާން ދަތްކުނޑި ވިކައިލަމުން އަތް މުއްކަވައިލި އިރު އަތްދިގު ގަމީހުގެ އަތުކުރި އުޅަނބޮއްޓާ ހަމައަށް އޮޅާފައި ވުމުން އެ ވަރުގަދަ އަތުގެ ނާރުތައް ހުރީ ފާޅުވާށެވެ. ކަތުރުކަށިގަނޑަށް ވެސް ވާންވެލާފައި ހުރި އިރު އެ ދެލޯ ވިދަމުން ދިޔައީ އަނގުރު އަލިފާން ފަދަ ރުޅިވެރިކަމުންނެވެ. ރުޅި އައިސްފައި ހުންނަ އިރު ރައިހާން ކިތަންމެ ނުރައްކާތެރި ކަމަށް ދެއްކިޔަސް، ރައިހާންގެ ކިބައިން ފާޅުވާ ފިރިހެންވަންތަ އަދާތަކުން އެ ފުރިހަމަކަން އިތުރުކުރުވާ ފަދައެވެ.
ލޯކުރިމަތިން ލިވްޔާ ގެއްލުމާއި އެކު ހަށިގަޑު ތެރޭގައި ކެކެމުން ދިޔަ ރުޅިވެރިކަމުގެ ހޫނު އަލިފާނުގެ ގޮށްމުށުގެ ހަމަލާއެއް ރައިހާންއަށް ދެވުނީ އޭނާގެ ކާރަށެވެ. އިނގިލިތަކުގެ ހުޅުތަކަށް ތަދުވާނެހައި ބާރަށް ކާރުގައި ގޮށްމުށުން ޖެހި ނަމަވެސް، އެ ތަދު ރައިހާންއަށް އިހުސާސް ކުރެވުނުހެން ހީނުވެއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލުމަށްޓަކައި ފުންކޮށް ދެތިން ނޭވާ ދޫކޮށްލި ނަމަވެސް ރައިހާންގެ ރުޅިގަނޑު މައިތިރިވާ ގޮތެއް ނުވިއެވެ.
“ދެޓް ގަރލް.. ކާކުތަ އެއީ މާ ފުއްޕާފަ އައިސް މަށާ ދިމާކުރަން.. އައިލް މޭކް ހަރ ލައިފް އަ ލިވިން ހެލް..” ރައިހާން ބޮޑަށް ހީވީ އަމިއްލަ ނަފްސަށް ވައުދެއްވީ ހެންނެވެ. އެހެނަސް މިއަދު އެ ގޮތް ނޭނގޭ އަންހެން ކުއްޖާގެ ދިރިއުޅުން ހަލާކުވާން އެދުނު ރައިހާން، މާދަމާ އެ ކުއްޖާގެ އުފަލަށްޓަކައި ފުރާނައިން ގުރުބާން ވާން ވެސް ތައްޔާރަށް ހުންނަން ޖެހިދާނޭކަން ރައިހާންއަށް ނުވިސްނުނީއެވެ. ވިސްނޭނީވެސް ކިހިނަކުންހެއްޔެވެ؟ ނަން ވެސް ނޭނގޭ އެ ގޮތްނޭނގޭ ނުދަންނަ އަންހެން ކުއްޖާއާއި މެދުގައި އެ ހިތުގައި ރޯވަމުން ދަނީ ނަފްރަތުގެ ހޫނު އަލިފާނެވެ.
ވަކި ހިސާބަކަށް ގޮސްފައި ގަޑި ބަލައިލި އިރު ދެގަޑި ބައިވެސް ވެފައި ހުރިތަން ފެނުމުން ލިވްޔާ ބިންމަތީގައި ދެފައި ތަޅައިގަތެވެ. އިންޓަވިއު ފެށޭ ގަޑި އަކީ ދޭއް ޖަހާއިރެވެ. ގަޑި ޖެހިގެން ގޮސް ބައިގަޑި އިރު ވާ ފަހުން ގޮސް އިންޓަވިއު ކުރުމަށް އެދި އާދޭސް ކުރާ ކުއްޖަކަށް ވަޒީފާ ދޭކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ.
“މީ ހުސްވެސް އެ ފޮނިބޮޑު ފިރިހެނާގެ ކަންތައް!” ރުޅިއައިސް ރަތްވެފައި ހުރި ލިވްޔާއަށް އިނގިލި ދިއްކުރެވުނީ ދެންމެ ދިމާވި ގޮތްނޭނގޭ ފިރިހެނާއަށެވެ. ނަން ވެސް ނޭނގޭ އެ ފިރިހެނާއާއި ދިމާއަށް ހިތުގައި އޮތްހައި ނުބައި ބަހެއް ވިއްޔާ ރައްދު ކުރަމުން ލިވްޔާ މިސްރާބު ޖެހީ ގެއަށް ދިޔުމަށެވެ.
“ކޮބާ ކިހިނެއް އިންޓަވިއު ދިޔައީ..؟” ލިވްޔާ ގޮސް ގެއަށް ވަނުމުން ސޯފާގައި އިން ލައިނީ އަހައިލިއެވެ.
“ޑޯންޓް އީވެސް އާސްކް! ފާޑެއްގެ ފޮނިބޮޑު ބޮޑާ ފިރިހެނަކާ ޖެހިގެން އޭނަޔާ ޒުވާބު ކުރަން އުޅެން ހަދައިގެން ގަޑި ޖެހުނު އިރުވެސް އަހަރެން ހުރީ މަގުމަތީގަ..” އައި ގޮތަށް އައިސް ސޯފާމައްޗަށް ވެއްޓިގަންނަމުން ލިވްޔާ އެތިވަރު ގޮވައިގަތެވެ. އޭރުވެސް ދެބުމަ ގޮށްޖަހާލައިގެން ދެލޮލަށް އަލިފާން ކުލަ އަރުވައިގެން ލިވްޔާ އޮތީ އެ ފިރިހެނާއަށް ހިތުން އެތައް ބަދުބަހެއް ރައްދު ކުރަމުންނެވެ.
“ސާބަހޭ.. ކޮން ފެންވަރެއްގެ ކާކާ ޒުވާބު ކޮށްލާފަ މިހާރު ތި އައީ..؟ ވެދާނެ މިއުޅޭ ޕާޓޭ މީހަކަށް ވެސް.. ދެނަ ޔަގީން ލިވީއަށް ހަމަޖެހިލައިގެން އުޅެވުނަ ވެސް ނުދޭނެކަން..” ހުރި ހަމައެކަނި ކޮއްކޮގެ ސަލާމަތާ ދޭތެރޭ ލައިނީ ހާސްވަނީ އިންތިހާއަށެވެ.
“ޕިސް.. ޕާޓޭއެއް ނޫން.. ފާޑެއްގެ ހުދު ގަމީސްގަނޑެއް ލާފަ ވަރަށް ރަސްމީކޮށް ހުރީ.. ތަނެއްގެ ބޮޑެއްހެން ހީވަނީ.. ދެން ތަނެއްގެ ބޮޑަކަސް މަށަށް ކޮން ކަމެއް..؟ އޭނަ ފުރަތަމަ ވެސް ބަލައިނުލައި ކާރުގެ ދޮރުފަތް މަގޭ ގަޔަށް އަރުވާލީމަ މަ ރުޅި އައީ..” ލިވްޔާގެ އަޑުގައިވީ ރުޅިވެރިކަން އަދިވެސް ފިލައި ނުދެއެވެ.
“ސާބަހޭ ލިވީ.. އެވަރު ކަންތަކާ ނުދަންނަ މީހުންނާ ޒުވާބު ކުރާ އެއްޗެއް ނޫނޭ..” ލިވްޔާ އުޅެމުން ދިޔަ ގޮތުން ހިނިއައިސްފައި އިނދެ ލައިނީ ބުނެލިއެވެ.
“ދެން އޭނަ ކީއްތަ ވާނީ މައާފަށް އެދެންވެސް.. އެވަރު ވެސް ނުކުރިޔޭ.. އެންމެ ފަހުން ރުޅިއައިސްގެން އަހަރެން އަތުގަ އޮތް ސްޕީޑް ދަޅު އޭނަ ގަޔަށް ޖެހީ.. އަދި ބުންޏޭ ޔޫ ވިލް ޕޭ ފޯ ދިސް އޭ.. ހަހް.. މަށަށް ކޮން ކަމެއް.. ރަނގަޅަށް ބެލިއްޔާ އެއް ކަމެއް ވެސް ނުކުރެވޭ ވަރުގެ ބޮޑު ފިނޑިއެއް އެއީ..” އަނގަޔަށް އެކިއެކި ވައްތަރު ޖައްސަން އިނދެގެން ލިވްޔާ އެ ފިރިހެނާއާ ދިމާއަށް ކުދިކިޔާ އަޑު އަހަން ލައިނީ އިނީ ވަރަށް ވެފައެވެ.
“ދެން އެވަރު ކޮށްފަ ލިވީ ވެސް އޭނަ ކައިރިން މައާފަކަށް ނޭދެންތަ..؟” ލައިނީ އަހައިލުމާއި އެކު ލިވްޔާ އަނގަޔަށް ވައްތަރެއް ޖައްސަމުން ލައިނީއަށް ބަލައިލީ ތިމަންނަ މައާފަށް އެދޭނެހެން ހީވޭހެއްޔޭ އަހާ ފަދަ ގޮތަކަށެވެ.
———
“އާއެކޭ! އެވަރު ކޮށްފަ ވެސް އެ މަންޖެ ކުޑަމިނުން މާފަށް ވެސް ނޭދެ!” ރައިހާން ވާހަކަ ދައްކަމުން ދިޔައީ ކުރިމަތީގައި އިން ޔާނިއުއާއެވެ. މިއަދު މަގުމަތިން ޖެހުނު އަންހެން ކުއްޖާގެ ވާހަކަ ޔާނިއުއަށް ކިޔައިދެމުން ދިޔަ އިރު، ޔާނިއު ހީލަހީލައި އިނީ އެ ވާހަކަތަކުން މަޖާވާ ވަރުންނެވެ.
“ވަރުގަދަ މަންޖެއެއްތާ.. ކޮން ނަމެއްތަ އެ މަންޖެއަށް ކިޔަނީ..؟” ޔާނިއު އަހައިލުމާއި އެކު ރައިހާންގެ އަނގަ ބަންދުވެގެން ދިޔައީ އެވަރަށް ޒުވާބު ކޮށްފައި އައި އިރުވެސް ކުޑަމިނުން އެކުއްޖާގެ ނަންވެސް ނޭނގޭތީއެވެ.
———
“ނޭނގެ އަހަންނަކަށް އޭނައަށް ކިޔާ ނަމެއް.. ނުވެސް އުޅެން ހޯދާކަށް ވެސް.. ހުވާ މި ބުނީ ހާދަ ފޫއްސެއް ވެއްޖެޔޭ..” ލައިނީ ނަން އަހައިލުމާއި އެކު މޫނަށް ފޫހިކަމުގެ ކުލަވަރު ވެރިކޮށްލަމުން ލިވްޔާ ކުސްތަޅައިލިއެވެ.
“ލިވީ އަޑުއަހަންތަ ނަފްރަތަކީ ލޯބީގެ ފެށުމޭ ބުނާ އަޑު..؟ ވެދާނެ އެއްނު އެހެން ކަމަށް ވެސް ތިވީ.. ރީތި ކުއްޖެއްތަ އަނެއްކާ..؟” މޫނުމައްޗަށް ލާނެތް ކަމުގެ ކުލަވަރު ވެރިކޮށްލަމުން ލައިނީ ކޮށްލި ސުވާލާއި އެކީ ލިވްޔާ މޭނުބައި ކުރުމުން މޫނުމައްޗަށް އަންނަ ކުލަވަރެއް ދައްކައިލިއެވެ.
———
“އައްޗީޑި ކޮންތާކުން.. ދުނިޔެއިން ވެސް މަ ނުދެކެން އަދި އެހައި ހުތުރު އަންހެނެއް! އެކަހަލަ މީހަކު ދެކެ އާނ ލޯބި ވެވޭނީ.. ލޯބި ވާނެ މީހުން ހުސްވެގެން ދޯ މަ މި އުޅެނީ..” ޔާނިއު އޭނާއާއި އެ އަންހެން ކުއްޖާ އަޅުވާ ކިޔަން ފެށުމާއި އެކު މޫނަށް ވައްތަރެއް ޖައްސައިލާފައި އޯކާ ދެމެމުން ރައިހާން ކުދިކިޔައިގަތެވެ.
ދެމީހުން ވެސް އެއް ވަގުތެއްގައި އެކަކު އަނެކަކާ ދިމާއަށް ހިތަށް އައިހާ ބަދު ބަހެއް ގޮވަމުން ދިޔަ އިރު، އެ ވާހަކަތައް އަޑު އަހަން ލައިނީ އާއި ޔާނިއު ތިބީ ނޭނގޭ ފޯރިއެއް އަރާފައެވެ. ކޮންމެއަކަސް، ރައިހާން އާއި ލިވްޔާ ދިމާވުމާއި، ރައިހާންގެ ދެބެންގެދެދަރި ބޭބެއަށް ޔާނިއު ވުމާއި، ލިވްޔާގެ އެއްބަނޑުއެއްބަފާ ދައްތައަށް ލައިނީ ވުމަކީ ތަގުދީރުގައި އެދެމީހުން ދިމާވާން އޮތީތީ ލިޔެވިފައި އޮތް ގޮތް ކަމުގައި ނޫނީ ނުވާނެއެވެ. ތަގުދީރުގެ ރޭވުން ހަމަ އެހައިވެސް މޮޅީއެވެ.
*** ** ***
ޖެހިގެން އައި ދުވަހު ލައިނީ ތައްޔާރު ވަމުން ދިޔައީ ޔާނިއުމެން ގެއަށް ދިޔުމަށެވެ. މީހެއް މަހެއް ފަހުން ކުރެވޭ ކައިވެންޏާ ބެހޭގޮތުން ކުރަން ޖެހޭ ބައެއް މަޝްވަރާތައް ކުރުމަށް ޔާނިއު ވަނީ އެގެއަށް އަންނަން ދައުވަތު ދީފައެވެ. ލައިނީ އާއި އަނީސް މީގެ ކުރިން އެގެއަށް ގޮސް އުޅުނު ނަމަވެސް، ލިވްޔާ އެގެއަށް އެ ދަނީ އަދި އަލަށެވެ.
“ތިވަރަށް ފަރި ނުބެލިޔަސް ކުޑާ ރީއްޗޭ.. ދެންވެސް ހިނގާބަލަ އަވަހަށް ދާން.. މިހާރު ޓެކްސީވެސް އައިއްސި..” އަނީސް އިން ފުރޮޅުލީ ގޮނޑި ދުއްވަމުން އައިސް ކޮޓަރި ދޮރުމަތީގައި ހުއްޓެމުން ލިވްޔާ ބުނެލިއެވެ. އެއާއެކު ލައިނީ ވެސް އަތްމަތި އަވަސް ކޮށްލަމުން ރީތިވެ ނިންމައިލާފައި އެނދުމަތީގައި އޮތް ދަބަހާއި ފޯނު ހިފައިގެން ބޭރަށް ނުކުތެވެ.
ލިވްޔާމެންނަށް ޔާނިއުގެ ގެއަށް ދެވޭ ވަރުވީ ފަނަރަވަރަކަށް މިނެޓުގެ ދަތުރަކަށް ފަހުއެވެ. ފުރަތަމަ އެ ގެ ހަމަލޮލަށް ފެނުމާއި އެކު ލިވްޔާއަށް ހުރެވުނީ އާގަމަވެފައެވެ. އެކި ބުރިބުރިއަށް ނަގާފައި ހުރި އިރު ހަވޭއްޔެކޭ އެއްވެސް ތަފާތެއް ނެތެވެ. ގޭޓާ ހަމައަށް އާދެވުމާއި އެކު ދޮރުވާނު ގޭޓު ހުޅުވައިލިއެވެ. އެއާއެކު ފެނިގެން ދިޔަ ފެހިފެހި ބަގީޗާއިން ލިވްޔާ އާޝޯޚުވާ ވަރު ވިއެވެ. ފެހި ވިނަގަނޑުގެ ސީދާ މެދުން ގެއާ ދިމާއަށް ދެވޭނޭހެން ގާޖަހައިގެން ހަދާފައިވާ މަގުން ހިނގައިލާފައި ދިޔަ އިރު ލިވްޔާގެ ކަޅި އެކި ދިމަދިމާއަށް ދަތުރު ކުރަމުން ދިޔައީ ތަނުގެ ފުރިހަމަ ކަމުން އާޝޯޚުވެފައި ހުރެއެވެ. އެކި ކުލަކުލައިގެ މާމަލުން ދެމުން ދިޔަ މީރު ވަސް ޖެހެމުން ދިޔަ ލުއިލުއި ރޯޅިތަކާ އެކުވެގެން އައިސް ލިވްޔާގެ ނޭފަތު ހިނދުރިއަށް އަސަރު ކުރުމާއި އެކު ލިވްޔާއަށް ހިނިތުންވެވުނީ ހިތަށް ލިބުނު ހަމަޖެހުމަކުންނެވެ.
ގޭގެ ދޮރުގައި ޓަކި ޖަހައިލުމާއި އެކު ދޮރު ހުޅުވީ ޔާނިއުއެވެ. ޔާނިއުގެ ތުންފަތް ވަގުތުން ހިނިތުންވުމަކުން ދެމިލި އިރު އެތެރެއަށް ވަންނާށޭ ބުނެ ޖާގަ ދިނެވެ. އެއަށްފަހު އަނީސް ބައިންދާފައިން އިން ފުރޮޅުލީ ގޮނޑިއާ ހަވާލުވެ، ޔާނިއު އެތެރެއަށް ވަނުމުން ލައިނީ އާއި ލިވްޔާ ވެސް ޔާނިއުގެ ފަހަތުން އެތެރެއަށް ވަނެވެ.
“ހާދަ ރީތި ގެއެކޭ ދޯ މީ ކުޑާ.. ޔާންބެ އެހައި ރިޗް ވާހަކަ ކީއްވެތަ ކުރިން ނުބުނީ..؟” ލައިނީގެ ކަންފަތް ދޮށުގައި ސިއްރުސިއްރުން ލިވްޔާ ބުނެލުމާއި އެކު ލައިނީ ލިވްޔާގެ އަތުގައި ވިކައިގަނެފައި ރީތިކޮށް ހުރުމަށް ބުނެލިއެވެ. ލައިނީގެ އެ ހަރަކާތުން ތަދުވެފައި ހުރި ލިވްޔާ އަތުގައި ފިރުމަމުން ލައިނީއަށް ލޯއަޅައިލިއެވެ.
“އަވަހަށް އާދޭ ދެކުދިން.. އިށީނދޭ ސޯފާގަ.. އަނީސް ކިހިނެއްތަ..؟” އެވަގުތު އެތަނަށް އައި ޔާނިއުގެ ބައްޕަ ހަލީމް ބުނެލީ ހިތްހެޔޮ ހިނިތުންވުމަކާ އެކީއެވެ. ހަލީމްގެ ފަހަތުން އައި ޒީނާ ވެސް އެންމެ ރިތި ހިނިތުންވުމަކާއި އެކު ލައިނީ ގައިގައި ބައްދައިލާފައި މަރުހަބާ ކިޔައިލިއެވެ. ކިތަންމެ މުއްސަނދި ވިޔަސް މިއީ އެއްވެސް ބޮޑާކަމެއް އަދި ކިބުރުވެރިކަމެއް ނެތް، ހިތްހެޔޮ ބައެއްކަން އެމީހުންގެ ޢަމަލުތަކުން ލިވްޔާއަށް ސާބިތުވެއްޖެއެވެ. މިފަދަ ރަނގަޅު ޢާއިލާއެއް ލޯބިވާ ދައްތައަށް މިންވަރުކޮށްދެއްވިކަމަށް ޓަކައި ލިވްޔާ އެވަގުތުވެސް ހިތާހިތުން ޙަމްދު ކުރިއެވެ.
“މިއީތަ ލިވްޔާ އަކީ..؟” ސޯފާގައި އިނދެ އެކި ތަންތަނަށް ކަޅި އެއްލަމުން ދިޔަ ލިވްޔާއަށް އިޝާރާތް ކޮށްފައި ޒީނާ އަހައިލިއެވެ. އެއާއެކު ލައިނީ ލައްބައޭ ބުނެލި އިރު އެ އަޑުގައި ވަނީ މަޑުމައިތިރިކަމާއި ކިޔަމަންތެރިކަމެވެ.
“ލިވީ.. މިއީ ޔާނިއުގެ ޕޭރެންޓްސް.. ހަލީމްބެއާ ޒީނާއްތަ.. ދެން މިހުރީ ޔާނިއުގެ މާމަ އައިސްތަ.. އައިސްތަ ކައިރި އެހުރީ ޔާނިއުގެ ކަޒިން ދައްތަ ރީންތަ.. ދެން ރީންތަ ކައިރި މިހުރީ ރީންތަގެ ބޭބީ ރިއާ.. ރީންތަ އަދި ހުންނާނެ ރީންތަގެ ހަޒްބެންޑްއާ ކޮއްކޮ ވެސް.. މިގަޑީގަ ނެތް މިތަނަކު..” ލައިނީ ވަކިވަކިން ފަހަރަކު މީހެއް ލިވްޔާއަށް ކިޔައިދެމުން ދިޔައެވެ. ކޮންމެ މީހެއްގެ ނަން ވެސް ލައިނީ ކިޔައިލާ އިރު، އެމީހަކު ހިނިތުންވެލާ ގޮތުން ލިވްޔާގެ ހިތަށް ލިބެމުން ދިޔައީ ބަޔާން ކުރަން ދަތި ފިނިކަމެކެވެ.
“ނާއިފް ވީ އޮފީސް ކަމަކު މިތާ ކައިރި އޮތް ރިސޯޓަކަށް ގޮސް.. ރެން ބުނި މިގަޑީގަ އަންނާނަމޭ.. ކުޑަކޮށް ލަސްވަނީ ކަންނޭނގެ އެކަމް..” އަތުގައި އޮތް ގަޑިއަށް ބަލައިލަމުން ރީނާ ބުނެލީ އޭނާގެ ފިރިމީހާ ނާއިފް އާއި ކޮއްކޮ ރައިހާންގެ ވާހަކައެވެ. އޭރު ރީނާ އާއި ނާއިފްގެ ހަތަރު އަހަރުގެ ދަރިފުޅު ރިއާ އޭނާގެ ގާތުގައި އިސްޖަހާލައިގެން ހުރީ ނުދަންނަ ބަޔަކު ތިބުމުން ކޮންމެވެސް ވަރަކަށް ހާސްވެފައި ހުރެއެވެ.
ލަސްތަކެއް ނުވެ އެދެމެދުގައި ކައިވެނީގެ މަޝްވަރާތައް ކުރެވެން ފެށުމާއި އެކު ޔާނިއު އާއި ލައިނީގެ މޫނުމަތިން އުޖާލާ ހިނިތުންވުމެއް ފެންނަން ފަށައިފިއެވެ. އިރުއިރުކޮޅާ ދެމީހުން ދެމީހުންނަށް ބަލައިލާ އިރު، އެކަކު އަނެކަކުގެ ހައްގަކަށް ވެވޭތީ އުފާވެފައިވާ މިންވަރު ދެމީހުންގެ ލޮލުން ވެސް ހާމަވަމުން ދިޔައެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ކައިވެނި ވީ އެންމެ ކުލަގަދަކޮށް ކުރުމަށް އަތުކުރި އޮޅާލައިގެން ތިބި ހަލީމްއާއި ޒީނާގެ ދެފައި ވެސް އެއްތާކު ނުޖެހެއެވެ.
އިރުގަނޑެއް ވާންދެން އެމީހުންގެ ވާހަކައިގައި ބައިވެރިވާން އިނދެފައި ލިވްޔާ ސޯފާއިން ތެދުވީ ފޯނެއް އައުމުންނެވެ. އެކުގައި ކިޔެވި ކުއްޖަކު ވަޒީފާއެއްގެ ވާހަކަ ދައްކަން ފެށުމާއި އެކު އެތަނުގައި އަޑުގަދަ ކަމުން ލިވްޔާ ނުކުތީ ބޭރަށެވެ. ފޯނުގައި ހުރުމުގެ ސަބަބުން ކުރިއަށް ބަލައިލުމެއް ނެތި، ދޮރު ހުޅުވައިލާފައި ނުކުންނަން އުޅުނު ވަގުތު މީހެއްގެ ގައިގައި ޖެހިފައި ވެއްޓެން ދިޔުމުން ލިބުނު ކުއްލި ސިހުމާއިއެކު ލިވްޔާގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







hi Nayaa, story rythi inge, varah kiya hiyvey, Raihaan and Livy loabi vaa hisaabu kitaa hiy vany mihaaruves, can’t wait…
thank youu mashaaa!!
i also can’t waitt for you guys to read it i was hama screaming and blushing while writing that part hehe
lainy and yaaniu are such a cute couple and i cant wait to see raihaan and livyas future interactions theyre going to be enemies to lovers dhw
dhenn let’s see dho hama raihaan and livya endgame ah nuve ves dhaane ennu🫢
ahahaha heehee halaaku vehje livi n ren ulhunu gothun btw vrh furihama mi part ves i appreciate your good work n when next part kiyaalan libeynii im waiting for next
keep it up
love you nayaa
hehe thank youu dear💕
next part Thursday ga In Sha Allah
love you more darl💕💕
Livi and Ren ulhey gothun hee hee halaaku😂😂
Livi e jehunee Ren gaiga dho. Anihka dhorumathee zuvaabu kuran nufashaifiyya Rangalhu. Curiously waiting. Whn nxt????
Mi part vx varah Reethi Masha Allah..
Liv aaa Ten ulhey goiyy dhw 🤣
Heehee halaaku 🤣😂
Dhorumathin E jehuny ren gaiga dhw??
I can Imagine their reactions. 🤣 Liv aaa ren aaa dhemeehun effaharaa bunaany “You again or Kaleyyy ” Am I right??
Curiously waiting for the next part.
Sorry for the late comment 😔
Lysm Nayu 💗
Mi part vx varah Reethi Masha Allah..
Liv aaa ren ulhey goiyy dhw. Heehee halaaku 🤣
Dhorumathin E jehuny ren gaiga dhw? I can Imagine their reactions. Liv aaa ren aaa dhemeehun effaharaa bunaany “You again or Kaleyyy” Am I right?? 😅
Mi dhemeehun Adhi loabivaane hama yageen.
Curiously waiting for the next part.
Sorry for the late comment 😔
Lysm Nayu 💗
hehe dhen let’s see dhoo
thursday ga In Sha Allah