
އަނިޔާ… 10 ވަނަ ބައި….
އޭރުވެސް ހުޝާމް ހުރީ އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އަހަރެން ތަފާތު ކަމުން ކަމަށްވެސް ވެދާނެއެވެ. އެކަމަކު ހަމަގައިމުވެސް ހުޝާމްވެސް ހުރީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ކުރީގަ ނުލާހިކު ރަނގަޅު ހަށިގަނޑެއް ލިބިފައިވީ އިރު މިހާރު ވަނީ ހިކިފައެވެ. ލޯވަޅުވަދެފައެވެ. އަހަރެން ގޮސް ހުޝާމްގެ ކުރިމައްޗަށް ހުއްޓުނީމެވެ. “ޝާމް އިޒް ދެޓް ޔޫ… ވަޓް ހެޕެން ޓު ޔޫ…” ހުޝާމް ވާހަކަ ދެއްކިއެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭގުނެވެ. ނަމަވެސް އަހަރެންގެ ލޯ ފެންކަޅިވިކަން އަހަރެންނަށް އެގުނެވެ. “އިޓްސް ގުޑް ޓު ސީ ޔޫ” ހުޝާމް ބުނެލިއެވެ. އަދި އަތްދިއްލީ ސަލާމް ކޮށްލުމަށެވެ. އަހަރެން އެއަތުގައި ހިފާލީމެވެ. އަދި ހުޝާމްގެ ގައިގައި ބައްދާލީމެވެ.
އަހަރެން އަބަދުވެސް ހުޝާމް ދެކެނީ އަހަރެންގެ ބޭބެއެއް ގޮތަށެވެ. “އިޓްސް ރިޔަލީ ގުޑް ޓު ސީ ޔޫ ބްރޯ” އަހަރެން ބުނެލީމެވެ. އަހަރެންގެ އަތުގައި ހިފަހައްޓާލައިގެން ހުޝާމް ގޮޑީގައި އިށީދެލިއެވެ. “ކިހިނެއްވެފަތަ ޝާމްއަށް ތިހުރީ…. ވަޒީފާ ގެއްލުނީމަ ޝާމްއަށް އެގުނީ ތިހެން އުޅެންތަ” އަހަރެންގެ ބޮލުންފެށިގެން ފަޔަށް ނަޒަރު ހިންގާލަމުން ހުޝާމް ބުނެލިއެވެ. އަހަރެންގެ ކައިރިއަށް ހިނިއައެވެ. އެއީ ހުޝާމް އެހުރި މަގާމުގައި ހުރެގެން އަހަރެންނާއި މެދު ވިސްނީމައެވެ. އަހަރެން ހުޝާމްއާއި ދިމާލަށް ބަލާލީމެވެ. “އަހަރެންގެ ބައިވަރު ސުވާލު އިބަހުރި” އަހަރެން ވާހަކަ ދެއްކީމެވެ. ހުޝާމްގެ މޫނުމަތީގަ ކުޅެލީ ހިތި ހިނިތުންވުމެކެވެ. “އަހަރެންނަށް މީގެ ކުރިން އެއްވެސް މީހަކު ބައްދަލުކުރަން ޕޮލިހުން ހުއްދަދީފައެއް ނުވޭ… ދެން ކިހިނެއް ޝާމް” ހުޝާމް ބެލީ އަހަރެން ދައްކަން އައި ވާހަކަ ނުދައްކާވޭތޯއެވެ. ” އަދިވެސް ޕޮލިހުންނާއި އަހަރެން ގުޅުން އޮވެއޭ” އަހަރެން ބުނެލީމެވެ. “ކީއްވެ ހުޝާމް… ކޮބާ ބޭނުމަކީ” އަހަރެންނަށް އެންމެ އުދަގޫ ކުރާ ސުވާލް އަހަރެން ހުޝާމްއާއި ކުރީމެވެ. މިފަހަރުވެސް ހުޝާމް ހިނިތުންވެލީ ކުރިންފަހަރު ހީލި ގޮތަށެވެ.
“އަސްލުވެސް ޝާމް ކީއްވެ އުޅެން ފެށިގޮތެއްތީ… އަހަރެންނަށް ޔަގީން ޝާމްގެ މަންމަ ނުލާހިކު ދެރަވާނެކަން” ހުޝާމް އަހަރެން ދައްކާ ވާހަކައަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ އަނެއްކާވެސް އޭނަ ބޭނުންވާ މައުލޫއަށް ވާހަކަ ފެއްޓިއެވެ. “އަހަރެންގެ މަންމަ ދެރަވަނީ އަހަރެން މިހެން އުޅޭތީއެއް ނޫން. ހުޝާމް ތިކުރި ކަމަކުން. އަހަރެން މަންމަ ދެކުނީ ތީވެސް ދަރިއެއް ކަމަށް. ވިސްނަބަލަ ހުޝާމްގެ ޕޭރެންޓުން ދެރަވާނެ ވަރު” އަހަރެންނަށް ރުޅި އާދެވުނެވެ. “އެމީހުންނެއް ނެތެއްނުން” ހުޝާމް ބުނެލިއެވެ. އަހަރެން ހުޝާމް އާއި ދިމާލަށް ބަލާލީމެވެ. “އެމީހުންނެތީމަތަ ހުޝާމް ތިހެން ތި ހެދީ. ކޮބާތަ ސަބަބަކީ. އަހަރެންނާއި އެންމެ ފަހަރަކު ވާހަކަ ދެއްކިނަމަ…” އަހަރެން ބުނީމެވެ. “ކޮން ކަމެއް ކުރެވޭނީ… ޝާމް ބުނެބަލަ… ކީއްކުރެވޭނީ…. އެމީހުން ގެނެވޭނެތަ… އަހަރެންގެ ބައްޕަ ގެނެވޭނެތަ… އަހަރެންގެ މަންމަގެ ލޮލުން ފޭބި ހުރިހާ ކަރުނައެއް އަބުރާ ގެނެވޭނެތަ… ނޫނީ އަހަރެންގެ މަންމަ ގެނެވޭނެތަ” ހުޝާމް އަޑުގައިވަނީ ހިތާމައެވެ. “އަހަރެންނަށް ކުރެވޭނެ ކަމެއް އެގުނީހީ ބުނި ނަމައެއްނުން. އަހަރެންނަށް” “ޝާމްއަށް އެއްވެސް ކަމެއް ނުކުރެވޭނެ… ނުވެސް ކުރެވުނު… އަދި ދުވަހަކުވެސް ކުރެވޭނެ ހެނެއް ހިޔެއްވެސް ނުވޭ… ” އަހަރެންގެ ވާހަކަ މެދު ކަނޑާލަމުން ހުޝާމް ވާހަކަ ދެއްކިއެވެ. “އެންމެ ކުޑަމިނުން އަހަރެންގެ ބައްޕައަށް އިންސާފުވެސް ހޯދައިނުދެވުނު” ހުޝާމް ބުންޏެވެ. ” ހުޝާމްގެ ބައްޕަ މަރާލި މީހުން ހޯދަން އޭރުވެސް ޑިޕާޓްމެންޓް މީހުން މަސައްކަތްކުރި…” އަހަރެން ބުނީމެވެ. “އަހަރެންގެ ބައްޕަ އެކަންޏެއް ނޫން… ޝާމްގެ ބައްޕަވެސް… ޝާމް ތިހެން ބުނީމަ އަހަރެން ވީ ގަބޫލު ކުރަން… އަހަރުމެން އާންމު މީހުންގެ ކަމެއް ވެއްޖެނަމަ ޕޮލިހުން މަސައްކަތް ކުރާގޮތް އަހަރެންނަށް އޮޅުވައެއް ނުލެވޭނެ” ހުޝާމް ބުނެލިއެވެ.
އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. ހަގީގަތުގައި އަހަރެން ބުނާނެ އެއްޗެއްވެސް ނެތީމައެވެ. “ޝާމް އަށް އެގޭތަ އަހަރުމެންގެ ބައްޕަމެން މަރުވީ ޕޮލިހުން އެބުނާ ގޮތަކަށް ނޫނޭ” ހުޝާމް އަހަރެންގެ މޫނަށް ބަލާލަމުން ބުނެލިއެވެ. އަހަރެން ހައިރާން ކަމާއި އެކު ހުޝާމްއާއި ދިމާލަށް ބަލާލީމެވެ. “އާ… އަސްލު އެއީ ބަޔަކު ރާވައިގެން ކޮއްފައިވާ ކަމެއް… އެމީހުން އެންމެ ފުރަތަމަ ދުއްވާލީ އަހަރެންގެ ބައްޕަ… ދެން ޝާމްގެ ބައްޕަ….” ހުޝާމް ބުނެލިއެވެ. “ކީކޭތަ ތިކިޔަނީ” އަހަރެންނަށް ހުޝާމް ކިޔަން އުޅެނީ ކީކޭކަމެއް ނޭގުނެވެ. އަހަރެންނަށް އެގިފައިވާ ގޮތުގައި އަހަރެންގެ ބައްޕައަށް ހަމަލާދިނީ އެއީ އެހެންމީހެއްކަމަށް ހީކޮށެވެ. “އަހަރެން މިކިޔަނީ ރަނގަޅަށް… ބައްޕަ މަރުވުމުން އަހަރެންގެ މަންމަ އަހަރެންނަށް ކިޔައިދިނީ” ހުޝާމް ބުނެލިއެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭގުނެވެ. އެހެންވާނީ ކިހިނެއް ހެއްޔެވެ. އަހަރެން އެވާހަކަ އަހަރެންގެ އިސްވެރިން ކައިރީގައި އަހާ ކޮންމެ ފަހަރަކު އެމީހުން ބުނަނީ އެއީ އެހެންމީހަކަށް އަމާޒުކޮށް ދެވިފައިވާ ހަމަލާއެއް ކަމެވެ. ނަމަވެސް އެވަގުތު އަހަރެންގެ ބައްޕައަށް އެތަނަށް ދެވުމުން ބައްޕައަށް އެހަމަލާ އެރީއެވެ. “އަހަރެންގެ ބައްޕަ އާއި ޝާމްގެ ބައްޕައަކީ ސަރުކާރުގެ ވަރަށް ބޮޑު މައްސަލައަކަށް ވިޓްނެސްއެއްގެ ގޮތުން ގެނެވުނު ދެފަރާތް… ނަމަވެސް އައިޑެންޓިޓީ ހާމަނުވާގޮތަށް އެމީހުންގެ ހެކިބަސް ނެގީ… ޕޮލިހުން އެމީހުންނަށް ދޭންޖެހޭ ވަރަށް ސެކިއުރިޓީއެއް ނުދޭ… އެމައްސަލައިގެ އަނެއްފަރާތުގައި ތިބީ ރާއްޖޭގެ އެންމެ ކުރީގަ ތިބި މީހުން… ބައްޕަމެން އެމީހުންނާއި ދެކޮޅަށް ހެކިބަސްދިނީ… އެއީ ވީގޮތަކީ… އެމީހުންގެ މީހުން ބައްޕަމެން ދުއްވާލީ… އޭރުން އެމީހުންނާއި ދެކޮޅަށް ހެކިބަސް ދޭނެ މީހެއް ނުހުންނާނެ އެއްނުން” ހުޝާމް ވާހަކަ ދެއްކިއެވެ.
އަހަރެން ލިބިގެންދިޔައީ ހައިރާން ކަމެވެ. އެއީ މީގެ ކުރިން އެކަހަލަ ކަމެއް އަހަރެންނަށް އަޑުއިވިފައި ނުވާތީއެވެ. “ޝާމްއަށް އަހަރެން މިދައްކާ ވާހަކަ ގަބޫލު ނުކުރެވެއްޏާ ޝާމްގެ މަންމަ ކައިރީގައި އަހާބަލަ” ހުޝާމް ބުނެލިއެވެ. “އެކަމަކު ކީއްވެ އެހަތަރު މީހުން މެރީ… ކިހިނެއް… ކީއްވެ އެކަހަލަ ހިޔާލެއް އައީ” އަހަރެން އެންމެ ބޭނުންވާ ސުވާލުގެ ޖަވާބު ނުލިބޭތީ އަނެއްކާވެސް އެސުވާލު ކުރީމެވެ. އެވަގުތު އަނެއްކާވެސް ހުޝާމްގެ މޫނު މަތީގައި ކުޅެލީ ހިތި ހިނިތުންވުމެވެ. “އަހަރެންގެ މަންމަ އަހަރެންނަށް އެވާހަކަތަށް ކިޔައިދީނީ ސުރެއް އަހަރެން އައީ އެމީހުންގެ ކިބައިން ބަދަލު ހިފާނެ ހުރިހާ ގޮތަކަށް ވިސްނަމުން… އަހަރެންގެ މަންމަ އެންމެފަހުން ބަލިވިއިރުވެސް އެތަށް ފަހަރަކު ކޯޓަށް އަދި ޕޮލިހަށް ދިޔަ އެމައްސަލައިގައި ހައްޔަރުވެފައި ތިބީ ކިއްތައް މީހުންތޯ ބެލުމަށް… އެމައްސަލައިގެ ތަހްގީގު ކުރިއަށްދަނީ ކިހާވަރަކަށްތޯ ބެލުމަށް… ނަމަވެސް ވީ ފައިދާއެއް ނެތް…. އެވޭނުގަ އެކަމުގައި އުޅެން ހަދައިގެން އަހަރެންގެ މަންމަވެސް މަރުވީ… އަހަރެންނަށް އޭރުގައި ހަތަރު މީހަކު ހައްޔަރު ކުރި ވާހަކަ އޮތީ އަޑުއިވިފައި… އެހެންވެ ޕޮލިހުންގެ މީހަކާއި ގުޅިގެން އެއީ ކޮންބައެއްތޯ ބެލީ… އެމީހުން އެގުނީމަ އަހަރެން އެމީހުންގެ ދުވަސް ދުއްވާލީ” ހުޝާމް އެހެން ބުނެލިއިރު ހީވަނީ އެކަމާއި އޭނަ ފަހުރުވެރި ވާހެންނެވެ. “އަހަރެން މެރި މީހުން އެއީ އަހަރެންގެ ބައްޕަގެ ދުވަސް ދުއްވާލި މީހުންނަކީ… އެމީހުން އެކަމަށް އެއްބަސްވި…. ކޮންމެ މީހަކުވެސް… އެމީހުން އެއީ ޝާމްގެ ބައްޕަ މަރާލި މީހުން…” ހުޝާމް ވާހަކަ ކިޔައިދެމުން ދިޔައެވެ. “އަހަރެން ވީޑިއޯ ކުރިން… އެމީހުން އެކަމަށް އެއްބަސް ވި..” ހުޝާމް ބުނެލިއެވެ.
“އެކަމަކު އެމީހުން މެރުމުން ހުޝާމްއަށް ލިބުނީ ކޮން އެއްޗެއް… ބައްޕަވެސް މަންމަވެސް އެބުރިއެއް ނައަންނާނެ… ހުޝާމްއަށް ހަމައެކަނި ލިބުނީ މިގޮޅި… އަޅެ އަހަރެންނާއި ވާހަކަ ދެއްކި ނަމަ” އަހަރެން ބުނީމެވެ. ހަގީގަތުގައިވެސް އަހަރެން ދެރަވެއްޖެއެވެ. ހުޝާމްއަށް އެހުރިހާ އެއްޗެއް އެގިހުރެ އަހަރެންނަށް އެއްވެސް އެއްޗެއް ނުބުނެދިނީމައެވެ. “ކޮން އެއްޗެއްހޭ ލިބުނީ… ޝާމްއަށް ނޭގުނަސް އަހަރެންނަށް އިންސާފު ލިބިއްޖެ…. ޝާމް ކައިރީގައި ހުރިހާ ވާހަކަ އެއް ބުނުމުން ކޮންފައިދާއެއް ވާނީ… އޭރުން އަނެއްކާވެސް ޕޮލިހުން ކައިރީގައި ބުނެގެން އަނެއްކާ އެތަށް ދުވަހެއް…. އެހެންނޫނަސް އެމީހުންނަށް އެކަންތަށް ނުވުމުން އަހަރެން އެކަންތަށް ކުރީ… ޕޮލިހުން އެމީހުން ހިފަހައްޓާފަވެސް ދޫކޮއްލީ އެއީ ކޮންމެވެސް ގޭންގްއެއްގެ މީހުންނަށް ވީމަ… އެގޭންގްގެ ބޮޑަކީ ކޮންމެވެސް މަތީ ވަޒީފާއެއް އުޅޭ ސަރުކާރު މީހެއް… އެމީހެއް ބުނީމަ އެމީހުން ދޫކޮއްލީ… ޝާމް ކައިރީގައި ބުނީމަ އެމީހުންނަށް އެގޭނެ ޝާމްވެސް މިހާރު އެކަން ތަހްގީގް ކުރަން އުޅޭކަން… އޭރުން އަނެއްކާ އެގްރޫޕް އެހެން މީހެއް ފޮނުވައިގެން ޝާމްގެ ދުވަސް ދުއްވާލާނީ… އެއީ އޭ މިތަނުގައި ވާ ގޮތަކީ” އަބަދުވެސް ހުޝާމް ވާހަކަ ދައްކާނީ އެގޮތަށެވެ. ޕޮލިހުންގެ ފަރާތުން އެއްވެސް ކަމެއް ނުވާ ވާހަކައެވެ. އެމީހުންނާއި ހެދި ނުބައި ކަންތައްތަކަށް މަގުފަހިވާ ވާހަކައެވެ. އަހަރެންނަށް އެއްވެސް ވާހަކައެއް ނުދެއްކުނެވެ.
ހުޝާމް އަހަރެންނާއި މެދުގައި ވިސްނާގޮތަށް އޭނަގެ އަމިއްލަ ނަފްސާއި މެދުގައި ވިސްނާލިނަމަތާއެވެ. “އެގޭތަ ޝާމްއަށް އަހަރެންނަށް ކޮންމެ ރެއަކު ހުވަފެނުން ބައްޕަ ފެނޭ… އެހުރިހާ ލޭތަކާއި އެކު އަހަރެންގެ ކައިރިއަށް އައިސްފައި އެމީހުންގެ ކިބައިން ބަދަލު ހިފުމަށް ބުނޭ… އަހަރެން އެކަން ކޮށް ނިކުނީމަ އެހުވަފެންވެސް ފެނުން ހުއްޓުނީ” ހުޝާމް ބުނެލިއެވެ. އަހަރެންގެ ހިތުގައި ހުޝާމްއާއި ދޭތެރޭގައި ހަމްދަރުދީ އުފެދުނެވެ. ބައްޕަ މަރުވުމުން ހުޝާމްއަށް އަސަރުކޮއްފައިވަނީ ކިހާ މިންވަރަކަށްކަން އަހަރެންނަށް އިހްސާސް ކުރެވުނެވެ. “ހުޝާމް ދެންމެ ބުނެފީމެއްނުން ވީޑިއޯ ކުރީމޭ… ކޮންތާކު އެހުންނާނީ” އަހަރެން އަހާލީމެވެ. “ބޭނުމަކީ ކޮބާ… މިހާރު އެވީޑިއޯތަށް ބޭނުންކުރަނީ ކީކުރަން… އެމީހުންނަށް އަހަރެން އަދަބު ދީފިން” ހުޝާމް ފަރުވާކުޑަ ރާގަކަށް ބުނެލިއެވެ. “އެހެންނޫނަސް މިހާރު އެ ވީޑިއޯ ބެލި އެކޭ ކިޔާފަ އަހަރެންނަށް ލިބޭ އަނިޔާ ކުޑައެއް ނުވާނެ” ހުޝާމްގެ ވާހަކަ ހުރީ އަހަރެން އެހާ ހިތްހަމަޖެހޭގޮތަކަށް ނޫނެކެވެ. “ތި އަނިޔާއެއް ނުލިބުނީސް ދޯ އަހަރެންނާއި އެންމެ ފަހަރަކުވެސް ޝެއަރ ކޮއްލި ނަމަކައެއް. ދެން ވެސް އަހަރެންނަށް ވެވުނު ވަރަކުން ހުޝާމްއަށް އެހީވަން އުޅޭއިރު ކޮންމެވެސް އެއްޗެކޭ ކިޔާތި… މިހާރު އެމީހުންނާއި ހުޝާމް އާއި ހުރި ތަފާތަކީ ކޮބާ…. އެމީހުން މީހުން މެރި އެކޭ ކިޔާފަ ހުޝާމް ނުޖެހޭ އެމީހުން މަރާކަށް” އަހަރެންގެ ރުޅި ކޮންޓްރޯލް އިން ނެއްޓިއެވެ.
ހުޝާމް އެއްވެސް އެއްޗެއް ނުބުނެ އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. “ޕްލީޒް ދެންވެސް ތި ވީޑިއޯއެއް ހުރި ތަނެއް ބުނޭ… ހެޔޮނުވާނެ… އަހަރެންނަށް އަދިވެސް ހުޝާމްއަށް އެހީއެއް ވެވިދާނެ” އަހަރެންގެ އަޑު މަޑުކޮއްލަމުން ބުނެލީމެވެ. “އަހަރެންގެ ކޮޓަރީގެ. ޑްރެގަންގެ ތެރޭގައި” ހުޝާމް ބުނެލިއެވެ. “ހުޝާމް އެންމެ ފަހަރަކު އަހަރެންނާއި ވާހަކަ ދައްކާލިނަމަ ތި ޑިސިޝަން ނެގުމުގެ ކުރިން” އަހަރެންނަށް އަނެއްކާވެސް ބުނެވުނެވެ. “ނަމަ އަކު ދެން ކެއްކޭނެ ރިހައެއް ނެތެއްނުން ޝާމް… އެހެންވީމަ ތިހެން ދެން ނުކިޔަމާދޯ… އަހަރެން މިނެގުނު ޑިސިޝަންއާއި ދޭތެރޭގައި ދެރައެއް ނުވޭ… އެހެންނޫންނަމަ އަހަރެން އަމިއްލައަށް ޕޮލިހުންގެ ބެލުމުގެ ދަށަކަށް ނައީމުސް… އަހަރެން ބޭނުންވި ކަންތަށް ވެއްޖެ… ޝާމްވެސް ދެން އަހަރެންނާއި ދޭތެރޭގައި ނުވިސްނާ” ހުޝާމް ބުނެލިއެވެ. އެވަގުތަކީ ސެލްގެ ދޮރުގައި މީހަކު ޓަކި ޖަހާލި ވަގުތެވެ. ދެމީހުންނަށް އެއްފަހަރާ ގޮތަކަށް އެދިމާލަށް ބަލާލެވުނެވެ. އޭރު ފާރިޝް އެތެރެއަށް ވަންނަނީއެވެ. “ޓައިމް އަޕް” އަތުގަ އޮތް ގަޑި ދައްކާލަމުން ފާރިޝް ބުނެލިއެވެ. އަހަރެން ހުޝާމް އާއި ދިމާލަށް ބަލާލީމެވެ. ވާހަކައިގައި ތިބެވުނީމަ ގަޑިދިޔަގޮތެއްވެސް ނޭގުނެވެ. އަހަރެން ހުޝާމްއަށް ސަލާމް ކޮށްލުމަށް އަތްދިއްކޮށްލީމެވެ. އަހަރެންގެ އަތުގައި ހިފާލަމުން ހުޝާމް ހިނިތުންވެލިއެވެ. “އިޓްސް ރިއަލީ ނައިސް ޓު ސީ ޔޫ” ސަލާމް ކޮށްލަމުން ހުޝާމް ބުނެލިއެވެ. އެވަގުތު ފާރިޝް އައިސް އަހަރެންގެ އަތުގައި ބިޑިއަޅުވާލިއެވެ. އަދި އަހަރެން މަޑުމަޑުން އެތަނުން ނިކުތީމެވެ.
އަހަރެން ހީކުރީ ހުޝާމްއާއި ވާހަކަ ދައްކަން ޗާންސް ލިބުމުން އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބޭނެ ކަމަށެވެ. އަހަރެންގެ ހިތުގައި އުފެދިފައިވާ ސުވާލްތަކުގެ ޖަވާބު ލިބޭނެ ކަމަށެވެ. ނަމަވެސް އަހަރެންނަށް ވެގެން ދިޔައީ އިތުރު އުދަގޫ ތަކެކެވެ. ހިތުގައި ފުނިޖެހި އުތުރިގަތީ އެތަށް ސުވާލުތަކެކެވެ. “އަހަރެން ދެން ދޫކޮއްލާނީ ކޮންއިރަކުން” އަހަރެން ފާރިޝްއާއި ސުވާލު ކުރީ އަހަރެންގެ ގޮޅިއަށް އަހަރެން ލީމައެވެ. “މިހާރު މިބަލަނީ … ވީހާވެސް އަވަހަކަށް ޝާމްގެ ކަންތަށް ނިމޭނެ” ފާރިޝް ބުނެލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ގޮސް އެނދުމަތީގައި އިށީދެލީމެވެ. “ޝާމް އާޔޫ އޯކޭ” ފާރިޝްއަށް އަހަރެންނަށް ކަމެއްވެފަ ހުރިކަން އެހާއަވަހަށް އެގުނީމަ އަހަރެން ހައިރާންވެސް ވިއެވެ. އަހަރެން ރައްދުކޮއްލީ ހިނިތުންވުމެކެވެ. އޭގެ މާނަ ފާރިޝް ބޭނުން ގޮތަކަށް ނަގަންވީއެވެ. އިރުކޮޅަކު އަހަރެންނާއި ދިމާލަށް ބަލަންހުރެފައި ފާރިޝް ދިޔައީއެވެ. ފާރިޝް ދިއުމުން އަހަރެން އެނދުގައި ޖައްސާލީމެވެ. އަހަރެންގެ ކަންފަތުގައި އޭރުވެސް ގުގުމަމުންދިޔައީ ހުޝާމްގެ ވާހަކައެވެ. ހުޝާމް އެދެއްކީ ތެދު ވާހަކަ ކަމުގައި ވާނަމަ އަހަރެންގެ އިސްވެރިން އަހަރެންނަށް ދޮގުހެދީ ކީއްވެ ހެއްޔެވެ. އަހަރެންނަށް އެއްވެސް އެއްޗެއް އެމީހުން ކިޔައިދޭން ބޭނުން ނުވީ ކީއްވެ ހެއްޔެވެ.
ފާރިޝް ދިޔަތާ ތިރީސް މިނެޓްފަހުން ދެޕޮލިހުން އަތުވެއްޖެއެވެ. “ޝާމް ދޫކޮއްލުމަށް އަންގައިފި. ލިޔުމުގައި ސޮއިކޮއްލާފަ ދާންވީ” އެއްކުއްޖަކު ގޮޅީގެ ދޮރު ހުޅުވާލަމުން ބުނެލިއެވެ. އަހަރެން ހަމަޖެހިލަމުން އެމީހުންނާއި އެކު ދިޔައީމެވެ. ބޭނުންވީ ވީ އެންމެ އަވަހަކަށް ގޮސް މަންމައާއި ބައްދަލު ކުރާށެވެ. އެކަމުގެ ހަގީގަތް ބަލާށެވެ. އެމީހުން ދެއްކި ތަނެއްގައި ސޮއިކުރުމަށްފަހު އަހަރެން ދަބަސް ހިފައިގެން އެތަނުން ނިކުތީމެވެ. ސައިކަލް ނެތުމުން އަހަރެން ޓެކްސީއެއް ހުއްޓުވުމަށްފަހު އެރީމެވެ. އަދި ގޭގެ ނަން ބުނީމެވެ.
ގެއަށް ވަންއިރު ކޮއްކޮ ސިޓިންރޫމްގައި އިށީދެލައިގެން އިނެވެ. މަންމަ އުޅުނީ ކޮޓަރީގައެވެ. އަހަރެން ވަތްއަޑަށް ކޮއްކޮ ބަލާލީއެވެ. އަދި ދުވެފައި އައިސް އަހަރެންގެ އަތުގައި ހިފިއެވެ. “ދޮންބެ އޯކޭތަ… މަންމަގެ ރައްޓެއްސަކު ގުޅާފަ ބުނި އެއާޕޯޓުން ދޮންބެ ހައްޔާރު ކުރި ވާހަކަ. އެއީ ތެދެއްތަ.. ކީއްވެ ހައްޔަރު ކުރީ.. ކިހިނެއްވީ” ކޮއްކޮގެ ހުރިހާ ސުވާލަކާއި އަހަރެން ކުރިމަތި ލާން ޖެހޭނެކަން އަހަރެންނަށް ކުރިވެސް އެގެއެވެ. ނަމަވެސް އަހަރެން ހުރީ އެހުރިހާ ސުވާލަކަށް ޖަވާބު ދެވޭ މޫޑެއްގައެއް ނޫނެކެވެ. ”މަންމަ ކޮބާ” އަހަރެން އަހާލީމެވެ. އަހަރެން އެހެން އަހާލި ވަގުތަކީ މަންމަ ކޮޓަރިން ނިކުން ވަގުތެވެ. އަހަރެން އެހެން އަހާލިގޮތުން ކޮއްކޮއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެގުނެވެ. އަހަރެންގެ އަތުން ދޫކޮއްލުމަށްފަހު އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. މަންމައަށް އަހަރެން އެހެން އެހި އަޑު އިވުނެވެ. އެހެންކަމުން ކޮޓަރިން ނިކުންގޮތަށް ވަރަށް ހިތްހަމަނުޖެހިފައި އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އެއީ މަންމަ މިހާރު އަހަރެންނާއި ދިމާލަށް ބަލާގޮތެވެ. ކިތައްމެ ދެރަވި ނަމަވެސް އަހަރެން އެކަންތަކެއް ނުދައްކަމެވެ. މަންމަގެ ކުރިމައްޗަށް އަހަރެން ހުއްޓެލީމެވެ. “މަންމާ ބައްޕަ މަރުވި އިރުގައި ބައްޕަގެ ހެކިބަސް ނެގީ ކޮންމައްސަލައަކަށްތަ” އަހަރެން ވަރަށް މަޑުން އަހާލީމެވެ. އަހަރެން ކޮންމެ ގޮތަކަށް ހުއްޓަސް މަންމައަށް އަހަރެން އަބަދުވެސް އިހްތިރާމް ކުރަމެވެ.
މަންމަ ހައިރާން ކަމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އެމޫނު މަތިން ތީ ކޮންކަހަލަ ސުވާލެއްހޭ އަހާލިކަހަލައެވެ. އަހަރެންނާއި ދިމާލަށް ބަލާލުމަށްފަހު މަންމަ އަހަރެންނަށް ފުރަގަސްދިނެވެ. “މަންމާ ޕްލީޒް ބުނެބަލަ… ބައްޕަ ދިން ހަމަލާއަކީ ބައްޕައަށް އަމާޒުކޮށް ދިން ހަމަލާއެއްތަ” އަހަރެން މަންމައާއި ކައިރިވެލަމުން އަހާލީމެވެ. ނަމަވެސް މަންމަގެ އަނގައިން އެއްވެސް ޖަވާބެއް އަޑެއް ނީވުނެވެ. ނަމަވެސް މަންމަގެ ހަށިގަނޑުގައި މަޑު ތުރުތުރު ލުމެއް ވާކަން އަހަރެންނަށް އެގުނެވެ. “އެހަމަލާދިނީ ބައްޕަ ދިން ހެކިބަހާ ގުޅިގެންތަ” މަންމަ އަނގައިން ނުބުނި ކަމުގަވިޔަސް އަހަރެން އަނެއްކާވެސް ސުވާލު ކުރީމެވެ. މިފަހަރު މަންމަގެ ގިސްލުމުގެ އިހްސާސް އަހަރެންނަށް ކުރެވެންފެށިއެވެ. އަހަރެން ކޮއްކޮއާއި ދިމާލަށް ބަލާލީމެވެ. އެވަގުތު ކޮއްކޮ އައިސް މަންމަގެ ގައިގައި ހިފަހައްޓާލިއެވެ. އަހަރެންނަށް ހުރިހާ ސުވާލެއްގެ ޖަވާބު ލިބުނީއެވެ. “ކީއްވެ އަހަރެން ކައިރީގައި ނުބުނީ މަންމާ… ކުރިން އަހަރެން ކައިރީގައި ބުނި ނަމަ…” އަހަރެން ކުޑަ ކުއްޖެއް ފަދައިން މަންމަ ކައިރީގައިވެސް ޝަކުވާ ކުރީމެވެ. އަހަރެން ދެކޭގޮތުގައި އެއީ އަހަރެންނަށް އެގެން ޖެހޭ އެއްޗެކެވެ. އަހަރެންގެ ލޮލުންވެސް ކަރުނަ ފޭދުނެވެ. އެކަރުނަތިކި ވެއްޓުމުގެ ކުރިން އަހަރެންގެ އަތުން ފޮހެލީ އެކަން ކުރި ބައެއް ކިބައިން ބަދަލު ހިފަން ވަގުތުން އަޒުމް ކަޑައަޅަމުންނެވެ. އެކަހަލަ އަނިޔާވެރިން މި ރާއްޖެއިން ފިލުވުމަށް ހިތުގެ އަޑިން ނިންމީމެވެ. ކޮއްކޮ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އިތުރު ސުވާލެއް ނުކުރާށޭ ބުނާގޮތަށެވެ. އަހަރެން ބޯޖަހާލަމުން ގެއިން ނިކުނަން ހިގައިގަތީމެވެ.
އަހަރެން ކިތަށްމެ ހަމަޖެހޭގޮތް ދެއްކި ނަމަވެސް އަހަރެންގެ އެތެރެހަށީގައި އަދަމުންދާ އަލިފާނަށް އެއްވެސް ގޮތެއް ނުވެއެވެ. ގެއިން ނިކުންގޮތަށް އަހަރެންގެ ފޯނުން ފާރިޝްއަށް ގުޅީމެވެ. ފާރިޝްގެ އަސްލު ނަންބަރަށް ގުޅުން އެއީ ރަނގަޅު ކަމެއް ނޫންކަން އެގޭއިރުވެސް މެއެވެ. އަހަރެން ގުޅުމުން ފާރިޝް ފޯނު ބިޒީ ކޮށްލުމަށްފަހު އަހަރެންނަށް ގުޅާ ފޯނުން ގުޅިއެވެ. އަންނޯން އަރާފަ އިންނަ ނަމްބަރުންނެވެ. “ކިހިނެއްވީ އަހަރެންގެ އަނެއް ނަމްބަރަށް ތިގުޅީ” ފާރިޝް އަހަރެން ފޯނު ނެގުމާއި އެކު އަހާލިއެވެ. “އަހަރެން އާދިލްސަރ އާއި ބައްދަލު ކުރަން ބޭނުން” އަހަރެން ހުރީ ފާރިޝްގެ ވާހަކަ އަޑުއަހާ ހިތަކުން ނޫނެކެވެ. “ކީކުރަން… މިގަޑީގަ… މިއީ ހަމަޖެއްސި ގަޑިއެއްވެސް ނޫނެއްނުން. އެހެން ނޫނަސް” “އަހަރެންނަށް އޭނައާއި ބައްދަލު ވާނެ ގޮތް ހަދައިދޭނީތަ.. ނޫނީ އޮފީހަށް އަހަރެން ދާންވީތަ” އަހަރެން ފާރިޝް ވާހަކަ މެދު ކަނޑާލަމުން ބުނެލީމެވެ. އަހަރެން ވާހަކަ ދެއްކިގޮތުން ފާރިޝްއަށް ކަމެއް އެގުނީ ކަންނޭގެއެވެ. “އޯކޭ އަހަރެން ސަރ އަށް ގުޅާފަ އިބަ ގުޅަން ޝާމްއަށް” ފާރިޝް ފޯނު ކަނޑާލިއެވެ. އަހަރެން ގަޑިއަށް ބަލަމުން ދިޔައީއެވެ. އޭރުވެސް އަހަރެން ހުއްޓިލައިގެން ހުރީ ގޭދޮރުމަތީގައެވެ. ފާރިޝް ގުޅީ އޭގެ ދިހަމިނެޓް ފަހުންނެވެ. އެ ދިހަ މިނެޓް އަހަރެންނަށް ވެގެންދިޔައީ ދިހައަހަރަށެވެ. “އޯކޭ ބައްދަލު ވާގޮތް ވެއްޖެ” ފާރިޝް ބުނެލިއެވެ. އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ފާރިޝް ބައްދަލުވާންވި ތަން ބުނެދިނެވެ. އަހަރެން ކާރެއް މަޑުކުރުމަށްފަހު އަވަހަށް އެދިމާލަށް މިސްރާބު ޖެހީމެވެ.
ކާރު އެސަރަހައްދަށް މަޑުކޮއްލުމާއި އެކު އަހަރެން މަޑުމަޑުން ފޭބީމެވެ. ފޭބުމުގެ ކުރިން އަހަރެން އެސަރަހައްދު ހޯދާލީމެވެ. އަހަރެން ދަންނަ އެއްވެސް މީހަކު ހުރިތޯއެވެ. މީހަކު ނެތުމުން ކާރުން ފޭބުމަށްފަހު ފާރިޝް ބުނި އެޑްރެސްއާއި ދިމާލަށް ހިގައިގަތީމެވެ. ފާރިޝް ބުނި ތަނަށް ވަދެވުނު އިރު އެތަނުގައި ބޭރުމީހުންގެ ދެތިން މީހަކު ތިއްބެވެ. “ބޭބެ ކީކުރަން” އެތަނުން އެކަކު އަހަރެން ފެންނަ އިރަށް އަހާލިއެވެ. “މިގޭގަ ހުސްކޮޓަރިއެއް ހުރިތޯ ބެލުމަށް” އަހަރެން ބުނެލީމެވެ. އަހަރެން އެހެންބުނުމާއި އެކު އެމީހާ އަހަރެން ގޮވައިގެން އެތެރެއަށް ހިގައިގަތެވެ. އަދި ހުސްކޮޓަރިއެއް އަހަރެންނަށް ދައްކާލިއެވެ. އަހަރެން އެމީހާއަށް ޝުކުރު އަދާކުރުމަށްފަހު އެކޮޓަރިއަށް ވަނީމެވެ. އެތަނުގައި ހުރީ އެންމެ ހަތަރު ގޮޑިއެވެ. އިތުރު އެއްވެސް އެއްޗެއް އެތަނުގައި ނެތެވެ. އަހަރެން އެތަނުން ގޮޑިއެއްގައި އިށީދެލީމެވެ. ނަމަވެސް އިރުކޮޅަކު އެހެން އިނުމަށްފަހު އެކޮޓަރިތެރޭގައި ހިގަންފެށީމެވެ. އިރުއިރުކޮޅާ އަހަރެންނަށް ގަޑިބަލާލެވެއެވެ.
ނުނިމޭ…..
10 Comments!
Comments are closed.
މި ބައިވެސް ހުރިހާ ކުދިންނަށް ކަމުދާނެ ކަމަށް ހީކުރަން.. ހުރިހާ ކުދިންގެ ހިޔާލުތަކަށް މަރުޙަބާ 🙂
Awesome.. waitin for nxt part..
thnks v bodah lee 🙂
wow v nice mi part ves,
thnks kaila v bodah 🙂
just a wow… vvvvvvvvvvvvv rivethi ingeythoa.. hehe. 😛 v curious vey eba dhen vaane gothakaa dheytherey.. mihaa bodah curious vaa story eh adhi nukiyan.. hehe.. vaahaka hama vvv salhi. keep up the good work fantasy… 🙂
thnks mee bodah igey 🙂 thiha lobi comment eh kohleema v happy vejje 🙂
Very nice story. Dhen vaane gotheh balaa hithun? koniraku aneh part genesdhenee. Plx avahah genesdheebala ?
Varah interesting …. Varah reethi…. Maadhamaa dhigukoh genesdhehchey ingey …. 🙂
this part is also really intresting! dhen oi bai vx kiyaalaafa comment eh kollaanan.. 😀