
އެވަގުތު ކައިލްގެ ފޯނު ރިންގުވާން ފެށުމުން ބަލާލިއިރު އެއީ އޮފީހުން ކޮންމެވެސް ކަމެއް ޖެހިގެން އައި ކޯލެކެވެ. ނަމަވެސް ވަގުތުގެ ގޮތުން ކައިލް އެކޯލު ކަނޑާލި އެވެ. އާއިލާއަށް އެންމެ ފުރިހަމައަށް ވަގުތު ދިނުމުގެ ގޮތުންނެވެ. ނަމަވެސް ހުއްޓާނުލާ ތިން ހަތަރު ފަހަރު ގުޅަން ފެށުމުން ކައިލަށް ވިސްނުނީ އެއީ ވަރަށް މުހިއްމު ކޯލެއް ކަމެވެ. އެހެންކަމުން ކޯލު ނަގައިގެން އެންމެނާއި ތަންކޮޅެއް ދުރަށް ދިޔަ އެވެ. ކަނޑުން ފެންނަ މަންޒަރުތަކަށް ބަލަމުން ކައިލް ވާހަކަދައްކަމުން ގެންދިޔަ އެވެ. އޭރު ޖެހެމުންދާ ފިނިފިނި ރޯޅިތައް ދިޔައީ އޭނާގެ ރާޅުބާނީ އިސްތަށިގަނޑާއި ކުޅެމުންނެވެ.
ގާތްގަނޑަކަށް ވިހި ވަރަކަށް މިނިޓްވަންދެން ވާހަކަ ދައްކަން ހުރުމަށްފަހު ފޯނު ކަނޑާލައިފައި ކައިލް އެނބުރި ހިނގާގަތްތަނާ ފެނުނު މަންޒަރަކުން އޭނާގެ ހައިރާންކަން އެތަށް ގުނައަކަށް އިތުރުވި އެވެ. އެތަނުގެ ތެރޭގައި ހުރި މޭޒެއް ދޮށުގައި ތިބި ޕާޓޭން ހެން ހީވާ މީހުންގެ ތެރެއިން އެކަކު އޭނާގެ ލޮލުގައި އަޅައިގަތެވެ. ހަމަ އެވަގުތު އެމޫނު އޭނާއަށް ނަގައިނަގެވުނެވެ. އެއީ އޭނާގެ ކޮއްކޮ ރައްޓެހިވެގެން އުޅޭ ކުއްޖާކަން އޭނާއަށް ޔަޤީންވީ، ފުދޭވަރަކަށް ކޮއްކޮއާއިއެކު އެކުއްޖާ ގެއަށް އައިސްލައި އުޅޭތަން ފެނިފައިވާތީ އެވެ. ނަމަވެސް އޭރު އޭނާ ހީކުރީ އެއީ އަޚުލާޤު ރަނގަޅު ކުއްޖަކަށް ވާނެ ކަމަށެވެ. އެހެނަސް މިހާރު އެކުއްޖާގެ ހަޤީޤީ ސިފަ އެހުރީ އޭނާގެ ކުރިމަތީގައި ފެންނާށެވެ. ލޮލަށް ފެންނަ ފެނުމެއް ބަދަލެއް ނުކުރެވޭނެ އެވެ. ބަދަލު ކުރެވޭނަމަ މިހާރު ކައިލް އެމަންޒަރު ބަދަލު ކުރީހެވެ.
ކައިލް މަޑުމަޑުން ގޮސް އެމީހުން ދައްކާ ވާހަކަ އަޑު އިވޭ ހިސާބުގައި މަޑުކޮށްލި އެވެ. އޭނާގެ ހުޝިޔާރުކަމުން އެމީހުންނަކަށް އޭނާ ފެންނަ ގޮތެއް ނުވި އެވެ.
“މޯޑް ތިއުޅެނީ އެ ރަނިކަމަނާ ނުފެނިގެންތަ.” އެތަނުން އެކަކު ހީގެންފައި ބުނި އަޑު އިވުނެވެ.
“ހޫމް… މިހާރު ރަނިކަމަނާ ތަންކޮޅެއް ފަލަހެން ހީވޭ. އެކަމަކު އޭނަ މިހާރު ވަރަށް ނުފެނޭ ވިއްޔަ.” ‘މޯޑް’ ބުނި އަޑު އިވުނެވެ.
“އޭތް އޭނައަށް ކުއްޖަކުވެސް ލިބިއްޖެޔޭ.” ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ. އެވަގުތު އެހެން މީހަކު ކޮންމެވެސް އެއްޗެކޭވެސް ބުންޏެވެ. އެއާއިއެކު މޯޑު މޭޒުގައި ވަރަށް ބާރަށް ޖެހި އެވެ.
“މަ ކުރިންވެސް ބުނިން ދޯ އެއީ މީހެއްގެ އަތްބެކޭ. ކޮން ނަމެއްތަ ރަނިކަމަނާއަށް ކިޔަނީ؟” އެހެން މީހަކު އެހި އެވެ.
“ނީލެއްތޯ ނީމެއް ތޯއްޗެއް.” ކުރިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
“ނީމް ކިޔަނީ…! އެނގިއްޖޭ! ދެން މައިތިރިވެގެން ތިބެބަލަ!” މޯޑް ބުންޏެވެ.
އެތަނުގައި ހުރި ޕްލާސްޓިކު ގަހެއްގެ ނިވަލުގައި ހުރި ކައިލަށް ނުހުރެވިގެން އެދިމާއަށް ބަލާލެވުނެވެ. އެއާއިއެކު އެމީހުންގެ މޫނުތައް ނުހަނު ގާތުން އޭނާއަށް ފެނުނެވެ.
“އޭތް ކޯއްޗެއްތަ މާވަރަކަށް ތި ހޯދަނީ؟؟” އެތަނުން ‘މޯޑު’ ގެ އަޑުން ވާހަކަ ދެއްކި މީހާ ކައިލް ފެނުމާއިއެކުހެން ހަޅޭއްލަވައިގަތެވެ. ކައިލަށް އެމީހާގެ މޫނަށް ބަލާލެވުނެވެ. ދުރުން ފެންނައިރު އޭނާ ރަޔާނާއި ނުހަނު ވައްތަރެވެ. ނަމަވެސް ރަނގަޅަށް ބެލުމުން ތަފާތުތަކެއް ފާހަގަ ވެއްޖެ އެވެ. ރަޔާނަށް ވުރެން ހަންގަނޑު ދޮން، މޫނުވެސް މާބޮޑަށް ހަތަރެސްކަން ކަން ފާހަގަ ވެއެވެ. ރަނގަޅަށް ބެލުމުން އެއީ ރަޔާނެއް ނޫންކަން ޔަޤީން ކަމާއިއެކުވެސް މީހަކަށް ބުނެވިދާނެ އެވެ.
“ކޮން ނީމެއްގެ ވާހަކަތަ ކަލޭމެން ތިދައްކަނީ؟” ރުޅި ކޮންޓްރޯލު ކުރަމުން ކައިލް އެހި އެވެ.
އެވަގުތު އެތަނުން އެކަކު ވަރަށް ހުތުރު ބަހުން އެމީހުން ދައްކާ ވާހަކައާއި އޭނައާއި އޮތީ ކޮން ގުޅުމެއް ހެއްޔޭ އެހި އެވެ. އެވަގުތަކީ ކައިލްގެ ރުޅި ކޮންޓްރޯލުން ނެއްޓި ވަގުތެވެ. އޭނާ ގޮސް މޯޑްގެ ގަމީހުގެ ގިރުވާނުގައި ހިފައި ދަމާގަތެވެ.
“ކައިލް!! ކީއްތިކުރަނީ؟؟”
ނީމްގެ އަޑަށް ކައިލްގެ ހަރަކާތްތައް ހުއްޓުނެވެ. އަވަސްއަވަހަށް އެމީހާގެ ގިރުވާނުން އަތް ދޫކޮށްލުމަށްފަހު ނީމް ހުރި ދިމާއަށް އެނބުރުނެވެ. އެވަގުތު އެތަނުން އެކަކު މަޑުމަޑުން މޯޑް ގައިގައި ކޮށްޓައިލި އެވެ. މޯޑް ދެލޯ ބޮޑުކޮށްލަމުން ނީމާއި ދިމާއަށް ބަލާލިއިރު ހީވަނީ ދަހިވެފައިވާ މިޔަރެއް ހެންނެވެ. ނީމާއިއެކު ސުޖާޢު އާއި ދާނިޔާވެސް ހުއްޓެވެ. އެއާއިއެކު ހުރިހާ އެންމެނަށް ލަދުވެތިކަމާއިއެކު އިސްތިރިކޮށްލެވުނީ ސުޖާޢު ފެނުމުންނެވެ. ދާނިޔާއަށް މޯޑް ފެނުނީ އެވަގުތު އެވެ. ފުރަތަމަ ނަޒަރުން ރަޔާނާއި ވައްތަރުވި ނަމަވެސް އެހާ ކައިރިން ފެނުމުން އެހަށިގަނޑުގައި ހުރި ތަފާތުތައް ފެނުނެވެ. ހަމަ އެއާއިއެކު ރަޔާނަށް ޝައްކު ކުރެވުނީތީ ދާނިޔާ ވަރަށް ދެރަވި އެވެ.
“ކައިލް ކީއްކުރަނީ މިތަނުގަ؟” ސުޖާޢު އެއްސެވި އެވެ.
ކައިލް އިރުކޮޅަކު އިސްޖަހާލައިގެން ހުއްޓެވެ. އިރުކޮޅެއް ފަހުން އެގުރޫޕާއި ދިމާއަށް ކަޅިއެއް އެއްލުމަށްފަހު ދުރަށް ބަލާލި އެވެ.
“އެބަ އަންނަން…” މިހެން ބުނެފައި ކައިލް ސުޖާޢުމެން ތިއްބެވި ދިމާއިން ތިރިއަށް ފޭބެން އޮތް ސިޑިއާއި ދިމާއަށް މިސްރާބު ޖެހި އެވެ. އަދި ސުޖާޢު ކައިރިންލާފައި ދިޔަ ވަގުތު މި ވާހަކަ ފަހުން ކިޔާދޭނަމޭ ސުޖާޢު ގާތު ބުންޏެވެ.
………….
“އެހެންވީމަ އެމީހުން ދިޔައީ ނީމަށް ފާރަލަމުން ދޯ.” ސުޖާޢު ނިތްކުރިއަށް ރޫއަރުއްވަމުން ބުނުއްވި އެވެ. “މަހެއްވަރު ވާނެޔޭ ތިބުނީ.”
“އާން… ބައްޕާ. މިއީ އަޅުގަނޑަށް ފަހުމްވި ވަރަކީ…” ކައިލް އިސްޖަހަލައިގެން އިނދެ ބުންޏެވެ. ދެބަފައިން ތިބީ ސުޖާޢުގެ އޮފީސްތެރޭގަ އެވެ.
“ދެން ނީމް އެކަހަލަ އެއްވެސް ވާހަކައެއް ދަރިފުޅުގާތު ދެއްކިތަ؟” ސުޖާޢު މިހެން އެއްސެވުމުން ކައިލް ކުޑަކޮށް ވިސްނާލުމަށްފަހު ނޫނެކޭ ބުންޏެވެ.
“އެހެންވީމަ ބޮޑަށް ލަފާކުރެވެނީ ނީމަކަށްވެސް ތިއިން ކަމެއް ނޭނގޭކަން. އެހެން ނޫންނަމަ ނީމަށް ބަދަލު އަންނަކަން ދަރިފުޅަށްވެސް ފާހަގަ ވީހެއްނު.” ސުޖާޢު ލަފާކޮށްލެއްވި އެވެ. “ދެން ދަރިފުޅު އެކަމާ ނުވިސްނާ އިނގޭ..! އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ދެން ރަނގަޅުވާނެ. މީގެ ދެތިން މަސްކުރިން މިކްޔާލްމެންގެ ޚަބަރެއްވެސް ވެލި. އެކަމަކު މިހާރަކަށްއައިސް ވަރަށް ޚަބަރު ނުވޭ. ދަރިފުޅުވެސް އުޅޭއިރު ބަލައިގެން އުޅެއްޗޭ އިނގޭ. ނީމަށް މިހާރު ދޭ އަހައްމިއްޔަތުކަން ކުރިއަށް ވުރެން އިތުރު ކުރާތި…!”
ސުޖާޢުގެ ނަޞޭޙަތް އަޑުއަހަމުން ގެންދިޔައިރު ކައިލަށް ވިސްނެމުން ދެވުނީ ނީމާއި ދޭތެރޭގަ އެވެ. އޭނާގެ ލޯބިވާ އަނބިމީހާ ވެސް މިކްޔާލާއި، ޝެރިން ފަދައިން ނުރައްކަލުގެ ތެރެއަށް ވެއްޓެން އުޅެނީބާ އެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެ އެވެ. އޭނާ އެހެން ވިޔަކަ ނުދޭނެ އެވެ. އަދި އޭނާއަށް އޭނާގެ އާއިލާގެ އިތުރު މެމްބަރަކަށް އަނިޔާއެއް ލިބުމަކަށް ފުރުޞަތެއް ނުދޭނެ އެވެ.
“ކައިލް… އަހަރެން އެބަ ވަރަށް ބިރުގަނޭ.” އެރޭ ނިދަން އޮވެފައި ނީމް ކައިލަ ގާތު ބުންޏެވެ. “އެމީހުން ކީއްވެގެންތަ އަހަރެންގެ ވާހަކަ އެދެއްކީ؟ އަހަންނަކަށް ނުވެސް އެނގޭ އެމީހުންނެއް.”
“އެއީ މިހާރު އުޅޭ މީހުންގެ ގޮތް. އެމީހުންނަށް ރީތި ކުއްޖަކު ފެންނައިރަށް އުޅޭނެ އެގޮތަށް… އިޓްސް ނޯމަލް ދީސް ޑޭސް… މަ މިހިރީނު. އެމީހުންނަށް ނީމް ގައިގަ އިނގިލި ކުރިވެސް ޖައްސައިލިއަކަށް ނުދޭނަން. އޯކޭތަ؟” ކައިލް ކުޑަކޮށް ހީލަމުން އެހެން ބުނުމުން ނީމްވެސް ހިނިތުންވެލަމުން ދެލޯ މަރާލި އެވެ.
……………………………………..
“ކީއްވެ އެކަން އެނގުނު އިރުވެސް ޝެރިނާ ދުރުނުވީ؟” މިކްޔާލް ހުރީ ރުޅިއައިސްގެން ތުރުތުރު އަޅައަޅަ އެވެ.
“އެއީ އަހަންނަށް ވެސް ސިއްރުކޮށްފައު ހުރި ވާހަކަތައް… އަހަންނަށް އެކަން އެނގުނީ އެމީހުން އަހަރެން ގާތު މިއަދު ބުނީމަ… މިހާރު އަހަންނަކަށް އެއްގޮތަކަށްވެސް އެމީހުން އިތުބާރެއް ނުކުރޭ… އަހަރެން އެމީހުންނަށް ޚަރާންކޯރުވީ ހަމަ ކަލޭމެނަށްޓަކާ… އޭރު އަހަންނަކަށް ކުޑަކޮށްވެސް ނޭނގޭ ކަލޭމެންތީ އަހަރެންގެ ބޭބެއާ… ކޮއްކޮ ކަމެއް…. މިއަދު އެނގުނީ… އެމީހުން އަހަރެން ރޮބިންގެ އޮފީހަށް ވެއްދުމުގެ ކުރިން އަހަންނަށް ހުރިހާ ވާހަކައެއް ކިޔާދިނީ. ކޮންމެހެން އަހަންނަށް އެނގިހުރެ އޭނަ ދެކެ ލޯބިވީކީއެއް ނޫން… އެއީ ދެން ނުވާ ކަމެއް ކަމަށް ހީކޮށްލާ…. އައި އެމް ސޯ ސޮރީ.” ޖޭޑް ކިޔާދިނެވެ. އޭރު އޭނާގެ ހިތްވަނީ ދެފަޅި ވެފަ އެވެ. ދުވަހަކުވެސް ޑޮކްޓަރަކަށްވެސް ފަރުވާ ނުކުރެވޭނެ ފަދަ ޒަޚަމްތަކެއް އެހިތުގައި އުފެދިއްޖެ އެވެ. އެހިތަށް ފަރުވާ ކުރެވޭނެ ފަރާތްވެސް އެވަނީ އެކަމުން ބަރީޢަވާން މަޖުބޫރުވެފަ އެވެ.
“ދެން ކޮބާތަ އަހަރެމެންގެ ހަޤީޤީ މައިންބަފައިންނަކީ؟” ޝެރިން ކުރެހިފައިވާ އަޑަކުން މިހެން ބުނުމުން މިކްޔާލާއި ޖޭޑްވެސް އެކަކު އަނެކަކާއި ދިމާއަށް ބަލާލި އެވެ. ޖޭޑް އޭނާގެ ބޮލުގެ އިޝާރާތުން ނޭނގެއޭ ބުނެލި އެވެ.
މިކްޔާލާއި، ޖޭޑް އަދި ޝެރިން ތިބީ ވަކި ތަނެއްގައި ބަންދުކޮށްފަ އެވެ. އެއީ ހަމަ ކުރިންވެސް ތިބި ކަހަލަ ތަނެކެވެ. އެލްމިނިއަމް ފޮއިލުން ހަދާފައިވާ ބޮޑު ތަނެކެވެ. ކުޑަދޮރުތައް ގާތްގަނޑަކަށް ތިރީހަކަށް ފޫޓު އުހުގައި ހުރިއިރު ކުޑަދޮރުތަކުގެ ގިނަކަމާއި، ފުޅާކަމުން ތަނަށް ފުދޭވަރަކަށް އަލިވެ އެވެ. ތަނުގެ ބިންމަތީގައި ވަނީ ހުއި ތަކެކެވެ.
……………………………..
ވަގުތު އޭގެ ވާޖިބު އެންމެ ފުރިހަމައަށް އަދާކުރަމުން ގެންދިޔަ އެވެ. ދުވަސްތައް ހަފްތާ ތަކަކަށް، ހަފްތާތައް މަސްތަކަކަށް، އަދި މަސްތައް އަހަރުތަކަކަށް ބަދަލު ވެއްޖެ އެވެ. މިހާރު ޝެރިނަކީވެސް ސަތާރަ އަހަރުވެފައިވާ ފަތްމިންޏެއް ފަދަ ކުއްޖެކެވެ. އެދިގު އިސްތަށިގަނޑު ފަންވެފައި ވަރުގަދަ އެވެ. ފިޔާތޮށި ފިނިފެންމަލެއްފަދަ ދެތުންފަތުގައި ހިނިތުންވުމެއް ނެތަސް އެރީތިކަމަކަށް ކުޑަވެސް ފަނޑުކަމެއް ނާދެ އެވެ.
މިކްޔާލާއި ޖޭޑް އަދި ޝެރިން އެތަނުގައި ތިބޭތާ މިއީ ހަތަރުވަނަ އަހަރެވެ. މިކްޔާލަށް ހަތާވީސް އަހަރު ވީއިރު ޖޭޑަށް ވިހި އަހަރު ފުރިއްޖެ އެވެ. މިވީހާ ދުވަހު ސަލާމަތްވޭތޯ ލައްކަ މަސައްކަތް ކުރެވިއްޖެ އެވެ. ފުރާނަ ނަގާ އަތްމައްޗަށް ލައިގެން އެތަކެއް ހަނގުރާމައެއް ކުރެވިއްޖެ އެވެ. ނަމަވެސް ކާމިޔާބުގެ އައްސޭރިއަކަށް ވާސިލު ނުވެނުނު ތާނގައި، އެހިސާބަށް ދެވޭނެ މަގެއްވެސް ފެންނަ ގޮތެއް ނުވި އެވެ. މިތަނުގެ ސެކިއުރިޓީ ވަރުގަދަ ކަމުންނާއިއެކު، މި ތިބެވުނީ އިމާރާތުގެ ކޮންކޮން ހިސާބެއްގައި ކަމެއް ނޭނގުމުންނެވެ.
އެއްދުވަހެއްގެ ހެނދުނުގެ ވަގުތު ޝެރިންމެން ތިބި ތަނަށް މިތަނުގެ ގާޑެއް އައިސް، އެމީހުން ދެކިލަން މީހަކު އައިސްހުރި ވާހަކަ ބުނުމަށްފަހު އެނބުރި ގޮސްފި އެވެ. އިރުކޮޅެއްފަހުން އެތަނުގެ ތެރެއަށް އެވަނީ ބޮލުގެ އިސްތަށިގަނޑު އެއްކޮށްހެން ނުރަވެފައިވާ މުސްކުޅި އަންހެނެކެވެ. ލައިގެން ހުރީ އެންމެ ކުރީގައި ޖަރުމަން މީހުން ލާކަހަލަ ބޮޑު ތިރިއެއް ލާފައިވާ ހެދުމެކެވެ. އަޅައިގެން ހުރި ދެރަދެރަ ތާކިހަލުންނާއި، ހެދުމުގެ އެކި ތަންތަނުގައި ޕެޗު ހަރުކޮށްފައި ހުރުމުން އެއީ ވަރަށް ފަޤީރު އާއިލާއަކުން އައިސް ހުރި މީހެއްކަން ދޭހަވެ އެވެ. ޝެރިންމެން އެމުސްކުޅި އަންހެން މީހާއާއި ދިމާއަށް ސުވާލުގެ ނަޒަރަކުން ބަލަން ފެށި އެވެ. އެމީހުންނަކަށް އެއީ ކޮންތާކުން އައި ކާކުކަމެއް އެއްގޮތަކަށްވެސް ނޭނގުނެވެ.
ހުރިހާ ގާޑުން އެތަނުން ބޭރަށް ނިކުތުމުން އެ މީހާ އޭނާގެ ތާކިހަލާއި އިސްތަށިގަނޑު ނަގަމުން ޝެރިންމެންނާއި ދިމާއަށް ބަލާލި އެވެ. އެވަގުތު ލިބުނު އުފަލާއި ހައިރާން ކަމުން ޝެރިންމެންނަށް ބަސްހުސްވެފައި ހުރެވުނެވެ.
“ޔައިން…؟؟” އެންމެފަހުން ޝެރިނަށް އެހުނެވެ. އޭނާ ހުރީ ހަމަ އަޖައިބުވެފަ އެވެ. ވާނީވެސް އެހެންތާ އެވެ. ޔައިންމެން ވެސް ވަނީ އޭނާއެކޭ އެއްފަދައިން ހައްޔަރުކޮށްފަ އެވެ. އެމީހުން ސަލާމަތްވީ ކިހިނެތް ހެއްޔެވެ؟
“ޔައިން؟ ކިހިނެތް ސަލާމަތްވީ؟ އަނެއްކާ ކޮންކަހަލަ އެއްޗެއް ލައިގެން ތިހިރީ…؟” ޝެރިނަށް ޔައިން ހުރިގޮތް ފެނުމުން ހެވުނެވެ.
“ޝްސްސް… އެއްވެސް ޝައްކެއް ވިޔަ ނުދޭތި އެނގޭ… އަހަރެން މިއައީ ޚަބަރެއް ހިފައިގެން. ރާނީ އާ ދެން ތިބި ގާޑުން އަދިވެސް ތިބީ ހައްޔަރުގަ. އަހަރެމެން ގެނައި ސާމާނުގެ އެހީގަ އެތަނުން ނިކުމެވޭނެ ގޮތަށް ބިމުއަޑިން މަގެއް ކޮނުނީ…. މިތަނުގެ ގާޑުން ދުވަސްދުވަހުން އަހަރެމެން ތިބޭ ތަނުގެ ތެރެއަށް ވަދެ އަހަރެމެން ކުރާކަންތައްތައް ބަލަމުން ދާތީ، އެމީހުންނަށް ޝައްކުވިޔަ ނުދިނުމަށް މިކަން މަހެއްހާ ދުވަހަށްވެސް ގިނަ ފަހަރަށް މެދުކަނޑާލަމުން ގެންދިޔައިން… އެހެންވެ މިކަމަށް ހަތަރު އަހަރު މިނެގީ… އަހަރެމެންނަށް މިތިބެވެނީ މިއިމާރާތުގެ އަޑީގައި ވާ ބިންގަރާހެއްގަ.” ޔައިން ކިޔާދިނެވެ.
“ދެން ކީއްވެ ދެން ތިބި މީހުން އެތަނުން ނިކުންނަން މަސައްކަތް ނުކުރީ؟” މިކްޔާލް އެހި އެވެ.
“އެމީހުން އެތަނުގައި ތިބީ ބޭބެމެންނަށް އިތުރަށް ވަގުތު ދޭންވެގެން. ވިސްނާލަބަ. އަހަރެމެން އެންމެން އެއްފަހަރާ ސަލާމަތްވެގެން އުޅެންޏާ މިތަނުގެ ގާޑުންނަށް އެކަން އެނގޭލެއް ނުހަނު އަވަސްވާނެ. އެކަމަކު އަހަރެން އެކަނި އެތަނުގައި މަދުވިޔަސް އެހާ ބޮޑަކަށް އެމީހުންނަކަށް ފާހަގައެއް ނުވާނެ. ފާހަގަވިޔަސް ވާނީ އެމީހަކު ގެއްލުނުތާ އެތައް ދުވަހެއް ފަހުން. އެހެންވީމަ މިއީ އަހަރެމެންނަށް ލިބޭ ރަނުގެ ފުރުޞަތެއް…” އަށާރަ އަހަރުގެ ޔައިން މިހެން ބުނިއިރު ހީވަނީ އެކާވީސް ބާވީސް އަހަރުގެ ބޮޑު މީހެއްހެންނެވެ.
“ހޫމް… އެކަމަކު މިއީ ބަހެއް ބުނެލާހާ ފަސޭހަކަމެއް ނޫންކަން ހަނދާން ބަހައްޓަން ޖެހޭނެ… އެންމެ ފުރަތަމަ ބަލަންވީ ބޭރުން އެހީއެއް ލިބޭތޯ… އެހީއެއް ނުލިބިއްޖެއްޔާ އަހަރެމެންނަށް ދެން އޮންނާނީ ބާރުގެ ބޭނުން ކުރެވެން… އެކަމަކު އަހަރެމެންގެ އަތަކު ނެތް ހަތިޔާރެއް….” މިކްޔާލް ބުންޏެވެ.
“ތިކަމާ ހާސްވާނެކަމެއް ނެތް…!” ޔައިން މޭ ފުއްޕާލަމުން މިހެން ބުނިއިރު ހީވަނީ ހަނގުރާމައަކުން ނަސްރު ލިބިފައިވާ ސިފައިންގެ މީހެއް ހެންނެވެ. އޭނާ މިތަނުގައި ދިމާވި ހާދިޘާ ޝެރިންމެނަށް ކިޔާދިނެވެ.
ޔައިން ޖަލުން ފިލިތާ މިވީ ދެތިން މަސް ތެރޭ މި އިމާރާތުގައި ވަރަށް ސިއްރުން އުޅުނީ، މިކްޔާލާއި ޖޭޑް އަދި ޝެރިން ހޯދަން ވެގެނެވެ. މިހެން އުޅެނިކޮށް މިތަނުގައި މަސައްކަތް ކުރާ ކުޑަކުދިން ތަކަކާ ދިމާވި އެވެ. އެކުދިން ފުރަތަމަ ކޮޅު ބީރައްޓެހި ވިޔަސް ފަހުން ފަހުން އޭނާއަށް އިތުބާރު ކުރި އެވެ. ޔައިންވެސް ތަނުގެ މުއައްޒަފުންނަށް ސިއްރިޔާތުގައި މަސައްކަތުގައި ބައިވެރިވަމުން ދިޔަ އެވެ. އެކުދިންނަށް ކަންތައްތައް ފަސޭހަކޮށްދެމުންނެވެ. މިތަނަކީ ކުޑަކުދިންނަށް އަނިޔާ ކުރާތަނެއްކަން އޭނާއަށް އެނގުނީ ކިރިޔާވެސް ގޯސްކޮށް ކަމެއް ކުރެވުނު ނަމަވެސް ފުރާނައަށް ނުރައްކާވާ ކަހަލަ އަނިޔާ މިތަނުން ދޭތަން ޚުދު އޭނާގެ ލޮލުން ފެނުމުންނެވެ. މިހެން އުޅުމުގެ ތެރޭގައި އޭނާގެ އެކުވެރިޔާ ޝެރިން، ވަރަށް ރަނގަޅަށް ދަންނަ ދެކުދިންނާއި ދިމާވި އެވެ. ޔޫކޯ އާއި މިޒޫކީ އެވެ. އެކުދިންގެ ކިބައިން އެނގުނު ގޮތުގައި ޝެރިނަށްވެސް މިތަނުން ވަނީ ވަރަށް އަނިޔާ ކޮށްފަ އެވެ. އަދި އެކުދިންނަށްވެސް ދުވަސްދުވަސް މަތިން އަނިޔާ ލިބެމުން ދެއެވެ. އެންމެ ފަހުން ލިބުނު އަނިޔާގައި އެދެކުދިންގެ ފުރާނަވެސް ނުދިޔައީ ކިރިޔާ ކަމާއި، އެކުދިން ސަލާމަތް ކޮށްދިނީ ޝެރިން ކަން ޔައިނަށް ބުނެދިނެވެ. މިކަންކަމާއި ހެދި ޔައިންގެ ހިތުގައި ބަދަލު ހިފުމުގެ ރޫޙު އާލާވެއްޖެ އެވެ. ކުށެއް ނެތް ތުއްތު ފުރާނަ ތަކަކަށް ކެތްނުވާ ވަރުގެ ބުރަ މަސައްކަތްތައް ޖައްސަމުންދާއިރު އެހަރު ހިލަ ހިތްތަކަކަށް އެކައްޗެއްވެސް ނާރާބާއޭ ޔައިންގެ ހިތަށް އެރި އެވެ.
އެއްދުވަހެއްގެ ދަންވަރުގެ ވަޤުތު ޔައިނާއިއެކު އަބަދުހެން އުޅޭ ފިރިހެން ކުއްޖެއް އޭނާއަށް ގޮވަން ފެށުމުން ޔައިނަށް ހޭލެވުނެވެ. އޭރު ގަޑިން އެއްގަޑި ބައިވެދާނެ އެވެ. ތަން ވަނީ ހަމަ ހިމޭންވެފަ އެވެ. ނަމަވެސް ހުރިހާ ކުދިންހެން ހޭލާ އުޅޭތީ ޔައިންވެސް މިވަނީ ކީއްތޯ ބަލާލަން އެކޮޓަރިން ނިކުތެވެ. އޭރުވެސް ހުރިހާ ކުދިންހެން ނިކުމެގެން ބާރު ހިނގުންތަކެއްގައި ދަމުން ގެންދިޔައީ އެއްދިމާއަކަށެވެ. ހުރިހާ ކުދިންގެ މޫނުމަތިންވެސް ފެންނަމުން ގެންދިޔައީ ކަމަކާއި ބިރުން އުޅޭކަހަލަ ސިފަތަކެކެވެ.
Vrh vrh vrh reethi……love this story… When is the next part???………..waiting……….
oh my goodness..!! alhe vrh dheravey jade n sherin 🙁 awww…hykury mi prt ga bunaane kamah tht they r nt relatd.. aww poor jade n sherin.. alhe i jxt wish they r nt relatd..n cmplt thre luv stry.. 🙁 hehehe anyways vrh salhi ingey stry.. 😉 waitin fr the nxt prt..
ehehe… so huriha emmen vx beynun vany Jayd and Sherin gulhuvan dhw.. hehehe 😀 and anyways thanks so much for the comment Ryyn!! 😉 miss yah!
very very very nice! waiting impatiently fo the nxt prt! luv this stry!
thanks maalu and mice.. 😀 next part as soon as possible ^^
maybe day after tommrrw as usual 😉
Lahka kiyaahithun indhaa minumunee..up kohba nxt part..cant wait..but kehkuran jeheyne dhw…dhen avahah up koba..px plx
awleyyyy faxoo koba aneh part.. avaskohbba ..kyvvetha thihaa lahun up kurany? i hate you.. i hate writers who update slowly.. dhn konmme vex excuse eh dhaahkkachey.. busy oa.. anekahcheko.. foohi..
|