Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންމަޖާލޯބި

ކިމޭ އަލްވަދާޢު [5 ވަނަ ބައި]

Blossom
Blossom Level 1100 Login
March 31, 2025 6 Mins Read
2 Comments

ހަމައެވަގުތު މަންމަ، ކާފަ އަހަރެންދެކެ ލޯބިވާވަރު ހާމަކޮށްދިނުމަށް ކިޔައިދިން ވާހަކައެއް މަތިން ހަނދާންވިއެވެ. އެވާހަކަ ހަނދާންވާ ކޮންމެ ފަހަރަކު އަހަރެންގެ ދެލޮލުން ކަރުނަ ހިލެއެވެ. ކާފަ ހަމަ އަސްލުވެސް އެދުވަހު އެގޮތަށް ކަންތައް ކުރިހެއްޔެވެ؟ ސުބުޙާނަﷲ! ކޮންފަދަ މަތިވެރި ލޯތްބެއް ހެއްޔެވެ؟

އެއީ އަހަރެންގެ އުމުރުން 4 ވަރަކަށް އަހަރުގައި ހިނގިކަމެކެވެ. އަވައްޓެރި ގެއެއްގެ ކުއްޖަކު ގޮނޑިއަކާއި ބޯޅައެއް ހިފައިގެން ކުޅެން އުޅުނެވެ. އަހަރެންވެސް އެކުއްޖަ އާއިއެކު ބޯޅަ ކުޅެން ބޭނުންވެގެން އެކުއްޖާގެ ކައިރިއަށް ދިޔުމުން އެކުއްޖާ އަހަރެން ކޮއްޕާލިއެވެ. އަދި އަހަރެންގެ އަތުގައި އިން ބޯޅަ އަތުލިއެވެ. އަހަރެން އެކަމާ ދެރަވެގެން ރޯން އިންތަން ކާފައަށް ފެނުނީއެވެ. ކާފަ އައިސް އަހަރެން އުރާލާފައި ބުނިކަމަށްވެއެވެ. “ދަރިފުޅާ! ދަރިފުޅު ތިއުޅެނީ ބޯޅައަކާއި ގޮނޑިއެއް ނުލިބިގެންތަ؟ ދަރިފުޅު ހާސްނުވޭ! ކާފަ ދަރިފުޅަށް ގޮނޑިއަކާއި ބޯޅައެއް ގެނެސްދީފާނަން!” ކާފަ އެހެން ބުނެފައި ހަމަ އެދުވަހު، އެވަގުތު ކާފަގެ ރަޙުމަތްތެރި އިބްރާހިމްބެގެ ދޯނީގައި ކުޅުދުއްފުއްޓަށް ދާން ފުރިއެވެ.

ކާފަ ކުޅުދުއްފުށީން އައިއިރު ކާފަ އަހަންނަށް ލޯބިލޯބި 30 ކުދި ގޮނޑިއާއި 10 ބޯޅަ ގެނެސްދިންކަމަށް މަންމަމެން ބުނެއެވެ. މިހާރުވެސް ގޭގައި އޭގެ ގޮނޑިކޮޅެއް އެބަހުއްޓެވެ. އަހަރެން އެންމެ ގޮނޑިއަކާއި އެންމެ ބޯޅައަކަށް ރޯލިކަމަށްޓަކައި ކާފަ އެގެނެސްދިނީ އޭގެ ކިތައް ގޮނޑިހެއްޔެވެ. ކިތައް ބޯޅަ ހެއްޔެވެ. ކާފަގެ އެމަތިވެރި މާތް ފުން ލޯބީގެ އަގު އަހަރެން އަދާކޮށްދޭނީ ކިހިނަކުން ހެއްޔެވެ؟

އަހަރެން ސިހުނީ ޖަނަން ތަންކޮޅެއް ބާރަށް އަހަންނަށް ގޮވައިލުމުންނެވެ. “ކޮޔާ އަޒޫ ރޮނީތަ؟” އަހަރެން ދެއަތުން ލޯ ފުހެލުމަށްފަހު ހީނލީމެވެ. “ހިހި.. ނޫނޭ! އާފުރުނީނު. ހީވޭ ލޮލަށް އެއްޗެއް ވެއްޓުނުހެންވެސް.. އެކަމު މިހާރު ރަނގަޅު” އެހެން ބުނެފައި އަހަރެން ކާފަ ކައިރީ އިށީނީމެވެ. ކާފައާއި އެތައް ވާހަކައެއް ދައްކަމުން ދިޔައިރު ވަގުތު ހިނގައި ދިޔަގޮތްވެސް ނޭނގުނެވެ. “އަސްތާ ދަރިފުޅާ! ބަންގި ގޮވަން އެއުޅެނީ! އަވަހަށް ދޭ ނަމާދުކޮށްލަން! ކާފަވެސް މިދަނީ! ޖަނަން އަދި އައިސްލަންވާނެ އިނގޭ!” ގަޑި ބަލައިލަމުން ކާފަ އަވަސް އަވަހަށް އިންތަނުން ތެދުވެ ހިނގައިގަތެވެ. ޖަނަންވެސް ކާފައާއި ސަލާމްކޮށްލާފައި އަދިވެސް އަންނާނަމޭ ބުނެފައި އަހަންނާއިއެކު ގެއަށް ދާން ހިނގައިގަތެވެ. ގެއިން ނުނިކުމެވެނީސް ކާފަ އަހަންނަށް ގޮވާފައި އަތުގެ އިޝާރާތުން އައުމަށް ބުންޏެވެ. އަހަރެން ދިއުމުން ކާފަ އަހަރެންގެ އަތަށް 100 ރުފިޔާ ލައިދިނެވެ. “އަން ދަރިފުޅާ! ދެކުދިން ކޮންމެވެސް އެއްޗެއް ގަނެލާ އިނގޭ! އެއްވެސް މީހަކަށް މިނުދައްކާތީ” އަހަރެން ކާފައަށް ބަލައިލިމަށްފަހު އެރުފިޔާގައި ހިފަން ދެކޮޅު ހެދުމުން ކާފަ ބުންޏެވެ. “ދެން މީގަ ހިފާބަލަ! އެހެންނޫނީ ކާފަ ވަރަށް ދެރަވާނެ! ދެކުދިންނަށޭ މީ!” ކާފަ އެހެން ބުނުމުން އަހަންނަށް އިތުރަށް ދެކޮޅު ހަދާކަށް ނުކެނުރެވެ. ކާފަގެ ގައިގައި އަހަރެން ބައްދާލުމަށްފަހު ބުނީމެވެ. “ލަވް ޔޫ ކާފާ! ތީ ހަމަ ބެސްޓް!” ކާފަވެސް ހީނލުމަށްފަހު ލަވް ޔޫ ޓޫ އޭ ބުނެލިއެވެ.

ކާފަގެ ގެއިން ނިކުމެފައި ޖަނަން އެއްސެވެ. “ކާފައަށް އިނގިރޭސި އެނގޭތަ؟” އަހަރެންގެ އަތުގައި އޮތް 100 ރުފިޔާ ދައްކާލުމަށްފަހު އަހަރެން ބުނީމެވެ. “ހުމްމް.. މަ ދަސްކޮށްދިނީއޭ އެއަށް ޖަވާބު ދޭނެ ގޮތް.. ބަލާބަ ކާފަ އަހަރެމެން ދެމީހުނަށް ދިން ހަދިޔާއެއް.. ހިހި”

އަހަރެންގެ އަތުގައި އޮތް ރުފިޔާ ޖަނަން ނެގިއެވެ. “އެހެންވެ ދޯ ގޮވީ.. އެއްޗެއް ދިންހެން ހީވި.. އެކަމަކު ދިން އެއްޗެއް ނުއެއްފެނޭ ވިއްޔާ! ވާއޮ! އަޒޫ ހާދަ ލަކީއޭ! ﷲހުމްމަ ބާރިކް! އަހަރެންވެސް ހިތައްއަރާ އަހަރެންގެ ވެސް ތިހާ ލޯބި ކާފައެއް ހުންނަނަމައޭ! މަ ކާފަ ނުވެސް ފެނެ މަށަށް.. އެއްވެސް ކާފައެއް!” އަޒޫގެ ލޯ ފެންކަޅިވިއެވެ. “ދެރަ ނުވޭ ޖަނަން! އަހަރެންގެ ކާފައަކީވެސް ހަމަ ޖަނަންގެ ކާފައޭ! ޖަނަންގެ އަސްލު ކާފަވެސް ޖަނަންދެކެ ލޯބި ވާނެޔޭ! އެކަމަކު ޖަނަންގެ ކާފަމެން ދުނިޔޭގައި ނެތުން އެއީ ޖަނަން ނަސީބު ދެރަވެގެން ވީކަމެއް ނޫން އިނގޭ! އިންޝާ ﷲ އަދި ޖަންނަތުން ދިމާވާނެ! އަހަރެމެން ޖެހޭނީ ދުޢާކުރަން” ޖަނަން ހިނިތުންވެލުމަށްފަހު އަހަރެންގެ ގައިގައި ބައްދާލީ ޝުކުރިއްޔާއޭ ބުނާ ފަދަ ގޮތަކަށެވެ.

މެންދުރުގެ ކެއުމަށްފަހު އަހަރެމެން ދެމީހުން ކޮޓަރީގައި އޮލަ ވާހަކައެއްގައި ތިއްބާ މީރާން ޖަނަންގެ ފޯނަށް ގުޅިއެވެ. ޖަނަން އަވަސްއަވަހަށް ފޯން ނަގާފައި މީރާންޢާއި ވާހަކަދައްކަން ފެށިއެވެ. ދެމީހުންގެ ވާހަކަ ހޫނުވަމުން ހޫނުވަމުންގޮސް އެންމެފަހުން ޖަނަން ފޯން ކަނޑައިލިއެވެ.

“ވަރަށް ފޫހިވޭ!” ފޯނު އެނދުމައްޗަށް ހޫރާލަމުން ޖަނަން ބުންޏެވެ. “މިހާރު ކިހިނެއްވީ؟” އަހަރެން އަހާލީމެވެ. “އެއުޅޭ މީރާންގަނޑު ރަށުގަ ނެތޯ! އިއްޔެއޯ ރަށުން ބޭރަށް އެދިޔައީ.. އަނެއްހެން ހަމަ ރަށަކަށް ޖައްސާލީޔޯ..  މަ މިރަށަށް އަންނަ އަޔަސް މީރާންއަކާއި ދިމާނުވޭ!” މޫނުކުނިކޮށްލަމުން ޖަނަން ބުންޏެވެ.

“އެހެންތަ؟ ޖަނަން ބުނިންތަ މީރާން ގާތު މިރަށަށް އަންނަ ވާހަކަ؟ ހަމަ ގައިމުވެސް ބުނިނަމަ މީރާން ނުދާނެ.. ވަރަށް ޔަޤީން އެއްޗެއް މިބުނީ.. ތީ ޖަނަން އަމިއްލައަށް ބުއި ބޮނޑިއެއް! މިކަމުގައި މީރާންގެ ކުށެއް ނެތް!” އަހަރެން އެހެން ބުނުމުން ޖަނަން ކަޑަވެފައި ބޯކަހާލިއެވެ. “ޔާ.. އަސްލު ނުބުނަން.. ސަޕްރައިޒެއް ދޭން ވެގެން އުޅުނީ.. މަށަށް ކިހިނެއް އެނގޭނީ މިހެންވާނެކަމެއް؟”

“ކޮބާ! ދެންވެސް އަވަހަށް ސޮރީ ބުނޭ! މިދެމީހުން އަބަދު ޒުވާބުގަ! މަ އަދި ރިއުއަކާއި ޒުވާބެއް ނުކުރަން ހިހި” ޖަނަންގެ ފޯނު ދިއްކޮއްލަމުން ފޮނިވެލާފައި އަހަރެން ބުނީމެވެ. އަހަރެން ބުނީކީ މުޅިއަކުން ދޮގެއްވެސް ނޫނެވެ. ރިއުމާންއާއި ކުދިކުދި ކަންތަކާއި ދެބަސްވާ ފަހަރު ފަހަރު އަޔަސް އަހަރެމެން އަދި ޒުވާބެއް ނުކުރަމެވެ. ދެމީހުންވެސް ވާހަކަދައްކައިގެން ކަންކަން ހައްލުކުރަނީއެވެ. އަހަރެން ހީކުރިގޮތާއި ޚިލާފަށް ރިއުމާން ވަރަށް ރަނގަޅެވެ. ވަރަށް ކެއާރކުރެއެވެ.

ފޯން ހިފައިގެން ޖަނަން ބޭރަށް ނިކުތުމުން އަހަރެން ފޯން ނަގާފައި ރިއުމާންއަށް ގުޅާލީމެވެ. ފުރަތަމަ ރިންގާއިއެކު ރިއުމާން ފޯން ނެގިއެވެ. “ހެލޯ އަޒޫ! އަހަރެން މިހުރީ އަޒޫގެ އިންތިޒާރުގައި.. ގުޅަން އުޅެނިކޮށް ތިގުޅީ! ކިހިނެއްތަ ދޫނީގެ ޙާލު؟ ވަރަށް މިސްވޭ…” ފުރަތަމަ ވާހަކަދެއްކީ ރިއުމާންއެވެ.

“ހެހެ އެހެންތަ؟..މިސް ޔޫ ޓޫ.. އަޒޫވެސް ބަރާބަރު ހަމަ. ރިއޫ ކިހިނެއްތަ؟ މިއުޅޭ ޖަނަން އައިސްގެން އޭނާގެ ބީއެފްއަށް ގުޅައިގެން އުޅޭތީ މިސްވެގެން މިގުޅާލީ ހަމަ..” ރަކި ހީނލުމަކަށްފަހު އަހަރެން ޖަވާބު ދިނީމެވެ.

“އެހެންތަ؟ އެޖަނަންވެސް އައީދޯ! އެހެންވެތަ އެހާ އުފަލުން ތީނީ؟ އަޒޫ ކައިރިއަށް އަހަރެން ގެންދާނީ ކޮން ދުވަހަކުންތަ؟” ރިއުމާން އަހާލިއެވެ.

“ޔާ! ވަރަށް އުފަލުން މީނީ ޖަނަންއާއި ދިމާވީމަ! ހާދަ ދުވަހެއް ވެއްޖެއޭ މިހެން ދިމާނުވާތާ.. ދެން ރިއޫ ދޯ.. އަދި އަޒޫއަކަށް ނުކެރޭނެ ރިއޫއާއި މީޓްކުރާކަށް.. އަދި ކިރިޔާ މަންތެއް ވާން އުޅެނީ ރިލޭޝަންއަށް” ގޮނޑީގައި ރީތިކޮށް ހަމަޖެހިލުމަށްފަހު އަހަރެން ބުނީމެވެ. “ހެހެ.. އެހެންތަ؟ އެކަމަކު އަހަރެން ބޭނުން މިހާރުވެސް އަޒޫއާއި މީޓްކުރަން.. އެކަމަކު އަޒޫއަށް އަދި ނުކެރެންޏާ ބޭނުންނޫން. އަޒޫ ރެޑީވި ދުވަހަކުން ބުނޭ އިނގޭ! އޭރުންދޯ ތިރަށަށް ޖައްސާލަންވެސް އެނގޭނީ..” ރިއުމާން ބުންޏެވެ.

އަހަރެމެންގެ ވާހަކަ އެހިސާބަށް ދިޔަތަނާ ކޮންމެވެސް މީހަކު އައިސް ދޮރު ހުޅުވައިލިއެވެ. ސިއްސައިގެން ގޮސްފައި އަހަރެން ކަންފަތާއި ފޯނު ދުރުކޮށްލުމަށްފަހު ފޯނާކުޅެން އިންކަމަށް ހެދިގެން އިނީމެވެ.

“އައްދޭ އައްދޭ! ހާދަ ސިހުނީ! ވައްކަމެއް ކުރަނީތަ؟” ދޮރު ލައްޕައިލަމުން ދިމާކުރާ ފާޑަކަށް ޖަނަން އެއްސެވެ.

“މަ ހީކުރީ މަންމަ ކަމަށޭ! އެހެންވެ! ރިއޫއަށް ގުޅައިގެން މިހުރީ..” ވައި އަޑަކުން އަހަރެން ބުނީމެވެ.

“އެނގޭމަށަށް.. ހުރިހާ ދަތެއް ފެންނަވަރަށް ހެވިފަވިއްޔާ އިނީ މަ އައި އިރު” އަހަރެންގެ ގައިގައި ޖަހާލަމުން ޖަނަން ބުންޏެވެ. “ޝްޝްޝް،، ވެއިޓް..” އިޝާރާތުން އިހަށް ވާހަކަމަޑުކޮށްލުމަށް އަހަރެން ޖަނަން ގާތު އެދުނީމެވެ.

“ހައި… ޖަނަން އައީ… ހީކުރީ މަންމަކަމަށް..ހިހި” ކަންފަތުގައި ފޯނު ޖަހާލުމަށްފަހު އަހަރެން ބުނީމެވެ.

“އޯކޭ! ސަލާމް ބުނައްޗޭ އިނގޭ! އަޒޫ މަންމަ އަހަންނަށް އޯކޭ ނޫން ދޯ… ތިހާ ވަރަށް މަންމައަށް ސިއްރުކުރަން ތިއުޅެނީ…” ރިއުމާން ދެރަވެލާފައި ބުންޏެވެ. “ހިހި.. ނޭނގެ! އަދި ކުރީކޮޅުވީމަ ބުނަން ނުކެރެނީ.. އަދި ބުނާނަމޭ.. މަންމަވެސް އޯކޭވާނެ އަދި އިންޝާ ﷲ! ދެރަނުވައްޗޭ އިނގޭ”

ރިއުމާން ދެރަވުމުން އަހަރެންވެސް ދެރަވިއެވެ. “އޯކޭ! އަޒޫ!… ލަވް ޔޫ އިނގޭ! ދާން ޖެހިއްޖެ.. ބްރޭކް ގަޑި ނިމުނީ.. މިރޭ ގުޅާނަން އިނގޭ.. ނުނިދައްޗޭ!” ރިއުމާން ބުންޏެވެ. އަހަރެން މަޑުމަޑުން ލަވްޔޫ ޓޫ އޭ ބުނެފައި ފޯން ބޭއްވީމެވެ.

“ތީ ހަމަ އަޒޫތަ؟ މަ ހަމަ ހައިރާންވެއްޖެ! ފިރިހެން ކުދިންނަށް އެހާ ރޫޑްކޮށް ވާހަކަދައްކާ ކުއްޖާ ވިއްޔާތީ.. އަނެއްކާ އަޒޫ މަންމަ އޭނައަށް އޯކޭވެސް ނޫނެއްނު.. ތިކަން އަޒޫ މަންމައަށް އެނގިޖެއްޔާ ކިހާ ދެރަވާނެ.. އޭނަ އެއްކަލަ ފަހަރު، އެންމެ ފުރަތަމަ އަޒޫއަށް ވާހަކަ ދެއްކިއިރު އަޒޫގެ މަންމައަށް ސަލާމް ބުނަން ބުނީމަ މަންމަ ބުންޏެއްނު އެއީ އެހާ ރަނގަޅު ކުއްޖެއްނޫނޭ! އޭނައާއި ވާހަކަ ނުދައްކައްޗޭ!” ޖަނަން ހީވީ އަހަރެން ފޯނު ބާއްވާނެ ވަގުތަކަށް ބަލަބަލަ އިންހެނެވެ. ފޯނު ބޭއްވުމާއިއެކުހެން ޖަނަންގެ ވާހަކަފޮށި ހުޅުވިގެން ދިޔައެވެ.

“ދެން ޖަނަންވެސް ދޯ! އެންމެ ކުޑަމިނުން އަހަންނަށް ސަޕޯޓްކޮށްލަ ދީބަލަދޯ! މަވެސް ގަސްތުގައި ކުރިކަމެއް ނޫނޭ މީ އޭނާއަށް ފޯލްވުން.. ދެން ހުރެފައި ހަމަ ވީއޭ! އެނގޭ މަންމަ އޯކޭ ނޫންކަންވެސް.. ބައްޕައަށް އެނގިޖެއްޔާ ބައްޕަވެސް ވަރަށް ރުޅިއަންނާނެކަން.. އެކަމަކު މަ ވަރަށް ލޯބިވޭ އޭނަދެކެ.. ހާދަ ރަނގަޅޭ.. ފޭކް ނޫންކަންވެސް އެނގޭ.. އެއީ މިހާރު އޭނަގެ ކޮއްކޮ ލީޝާއާއިވެސް ދޮންތިއާއިވެސް މީޓްކޮށްދޭނަމޭ ބުނި.. އެކަމަކު އެއީ މަންތެއްވީމަ! ބައި ދަ ވޭ، ރިއު ސަލާމް ބުނި” ފޯނުން ޗާޖު ދާން ކައިރިވަތީ ފޯނު ޗާރޖަށް ޖަހާލަމުން އަހަރެން ބުނީމެވެ. “ވަޢަލައިކުމުއްސަލާމް! މަ ސަޕޯޓް ނުކުރަނީކީ ނޫނޭ.. ހައްތަހާވެސް އޭނަ ވީމަ.. ދެން އަނެއް ވާހަކަ..ބަލަ މަށަށް އެނގެޔޭ ލޯބިވާކަން ތިއުޅޭ ފާޑުން.. ރިއުމާން ގުޅައިލާއިރަށް މީހާގެ މޫނު އުޖާލާވެގެން ދިއްލިފަވިއްޔާ ހުންނަނީ.. ދެން މީހާގެ ދެފައިވެސް އޮޅޭވަރުގައި.. ތަނެއްގައި އަޅައިގެންފައި ވެއްޓުނަސް ނޭނގޭ ވަރުވެފައި މީހާ ހުންނަނީ!” ޖަނަން ދިމާކުރަން ފެށުމުން އަހަރެން ލަދުގަތެވެ.

“ބަލާބަލަ! ދޮގެއްތަ މިބުނީ؟ މިހާރުވެސް މީހާ ވިރިގެން ފައިބަނީ ވިއްޔާ!” ޖަނަން އަނެއްކާވެސް ދިމާކޮށްލިއެވެ. “ދެން.. ޖަނަން ޕްލީޒް.. ތިވަރަށް ދިމާ ނުކޮށްބަލަ ދޯ” އެނދުމަތީގައި އޮތް ބާލީހެއް ނަގާފައި ޖަނަންގެ ގައިގައި ޖަހާލަމުން އަހަރެން ބުނީމެވެ.

“ކުރާނެއެއްނު! އަޒޫވެސް މަ މީރާންއާއި ރައްޓެހިވިކަން އެނގުންއިރު ލަދުން އަހަރެން ވިރުވާލިވިއްޔާ! ހޭ! މީރާން ގާތުގައި ސޮރީ ބުނެފައި މިއައީ! މަ ނުބުނީމަ ވަރަށް ދެރަވެފައި ހުރީ.. މަ ކުރިން ބުނިނަމަ މަޑުކޮށްލީމުހޯ ބުނީ” ޖަނަންވެސް ބާލީހެއް ނަގާފައި އަހަރެންގެ ގައިގައި ޖަހާލިއެވެ.

“އޭ! ޔަގީންތަ ތިބުނާ ރިއުމާން ފެމެލީ ގާތު ބުނާނެކަން!” ޖަނަން އަހާލިއެވެ. “ހުމްމް.. ހިނގާ ދޯ ބަލަމާ ދެން!” އަނެއްކާވެސް އަހަރެން ޖަނަންގެ ގައިގައި ބާލީހުން ޖަހާލީމެވެ.

ޖަނަން ފުރާ ދުވަސް އައިސް ޖެހިއްޖެއެވެ. ރޭއްސުރެއް ޖަނަން ހުންނަނީ ވަރަށް ދެރަވެފައެވެ. ޖަނަން ހީވަނީ ހަމަ ދެންމެ ދެންމެ ބަޑި ފަޅައިގެން ހިނގައިދާނެ ހެނެވެ. އަހަރެންގެ ޙާލަކީވެސް އެޔެވެ. ރޮވޭ ނުރޮވޭ ޙާލުގައިވެސް އަހަރެން މަސައްކަތްކުރީ ނުރޮއެވޭތޯއެވެ. އަހަރެން ރޯން ފަށައިފިއްޔާ ޖަނަންވެސް ރޯނެއެވެ. ޖަނަން ރޯތަން ބަލަން އަހަންނަކަށް ކެތެއް ނުވާނެއެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުމަށްވެސް އަހަރެންގެ ހިތެއް ނޭދެއެވެ. އެއީ މިހާތަނަށް އަހަންނަށް މުޅި ޙަޔާތުގައިވެސް ލިބުނު އެންމެ އަގުބޮޑު އެއް ޖަވާހިރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަހަރެމެންގެ ދެމެދުގައި އޮންނަނީ އެއްބަނޑު އެއްބަފާކަމުގެ ގުޅުމޭވެސް ބައެއް ފަހަރު އަހަންނަށް ހީވެއެވެ. ޖަނަން ހީވަނީ ހަމަ އެއްބަނޑު އެއްބަފާ ދައްތައެއް ހެނެވެ. އެހާވެސް ހެޔޮވެފައި ރަނގަޅެވެ. އަލްޙަމްދުލިﷲ!

އަހަރެން ގޮސް ޖަނަންއާއި ސަލާމްކޮށްލީމެވެ. އެގޮތަށް ސަލާމްކޮށްލެވުނު އަދަދެއްވެސް އަހަންނަކަށް ނޭނގެއެވެ. އެވަރަށް އަހަންނަށް ޖަނަންއާއި ސަލާމްކުރެވުނެވެ. ފުރަން ހަމަޖެހިފައިވާ މީހުންތައް ލޯންޗަށް އަރަންފަށައިފިއެވެ. އަދިވެސް ޖަނަން ހީވަނީ މޮޅިން މޮޅި ސާލު އަޅައިގެން ހުރިހެނެވެ.

“ޖަނަން.. ދެން ދެރަނުވެބަލަ ދޯ! މަ ރޮއްވާލަންތަ ތިއުޅެނީ.. މުޅި އުމުރަށް ދާކަށް ނޫންވިއްޔާ ތިއުޅެނީ.. އިންޝާ ﷲ” ހިތްވަރުކޮށްލާފައި އަހަރެން ބުނީމެވެ. “އަޒޫވެސް ދެރަނުވެބަލަ ދޯ! މި ތިން ދުވަސް ހާދަ އަވަހަކަށޭ މި ނިމުމީ.. އަހަރެން އަޒޫ މަތިން ވަރަށް މިސްވާނެ! ވަރަށް ފޫހިވޭ އެހާ އަވަހަށް ނިމުނީމަ.. އަދި އެއްދުވަހަށް މަޑުކޮށްލާނެނަމަ ދޯ؟” ޖަނަން ޝަކުވާކޮށްލިއެވެ.

“ހުމްމް.. ދެން ތިގޮތަށް މަޑުކުރަން ހަދައިގެން މިކޮޅުގައި އެއްކޮށް މަޑުކުރަން ޖެހޭނީ.. މީރާންއާއި މެރީ ކުރަންވީނު؟” ޖަނަން ހެއްވާލުމަށްޓަކައި އަހަރެން ބުނީމެވެ.

“ދެން އަޒޫވެސްދޯ! އަދި ނުވެޔޭ އިންނާކަށް!” ރަކިވެފައި ޖަނަން އަހަރެންގެ ކޮނޑުގައި ޖަހާލިއެވެ. އެވަގުތު ޖަނަންގެ ބޮޑުބޭބެ ޖަނަންއަށް ގޮވާލާފައި ލޯންޗަށް އެރުމަށް ބުންޏެވެ. ޖަނަން އާއެކޭ ބުނެފައި އަހަރެންގެ ގައިގައި ބައްދާލިއެވެ. “ވަރަށް ވަރަށް ވަރާށް މިސްވާނެ އިނގޭ! އެންމެނަށްވެސް ސަލާމް ބުނެދޭތި.. ހުރިހާ ކަމަކަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭ! ހިތްހެޔޮކުރާތި” ޖަނަން ދެރަވެލާފައި ބުންޏެވެ.

“އަހަރެންވެސް ވަރަށް މިސްވާނެ! ޖަނަންގެ މަންމައަށްވެސް ސަލާމް ބުނެދެއްޗޭ! ނުރޯތި! މިހާރުތީ ބޮޑު ކުއްޖެއްނު ދޯ؟ ދެން އެކޮޅަށް ގޮސްފައި ޚަބަރެއްވާތި..” ޖަނަން ހިނިތުންވެލާފައި ބޯޖަހާލިއެވެ.

ލޯންޗަށް އަރާފައި ޖަނަން އަތް ހޫރާލިއެވެ. އަދި އަތުގެ އިޝާރާތުން ނުރުޔުމަށް ބުންޏެވެ. އަހަރެންވެސް އަތް ހޫރުވާލާފައި އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލީމެވެ. ލޯންޗު ނެރުން ނިކުމެގެން ވަކި ހިސާބަކަށް ދަންދެން އެހުރިގޮތަށް ހުރި ތާނގައި ހުރެވުނީއެވެ. އަހަރެން ސިހުނީ ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނު ނަގާފައި ސްކްރީންއަށް ބަލައިލެވުނެވެ. ގުޅަނީ ކާކުކަން އެނގުމުން އަހަރެންގެ މޯޅިވެފައިވާ ހިތަށް ކޮންމެވެސް ވަރެއްގެ ތާޒާކަމެއް ލިބިގެން ދިޔައެވެ.

{ނުނިމޭ}

މިބައިވެސް ލަސްވިކަމަށްޓަކައި ކިޔުންތެރިންގެ ފަރާތުން މާފަށް އެދެމެވެ. ބިޒީ ދުވަސްކޮޅެއް ވުމުން ވާހަކަ ލިޔަން އެވަރަށް ވަގުތު ނުލިބެނީއެވެ. ހުރިހާ ކިޔުންތެރިންނަށް ވެސް ބަރަކާތްތެރި ޢީދު ދުވަހުގެ ތަހުނިޔާ އަރިސްކުރަމެވެ.. “ޢީދު މުބާރިކް”

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Blossom
Follow Me Written By

Blossom

Level 1100 Login

✨...Stories are how I connect with the world, and I'm so glad to share mine with you..✨

Other Articles

Previous

އެކްޓަރ (ޕާޓް 4)

Next

އަބަދަށްޓަކައި ހިތުގެ ލޯބި 13

Next
March 31, 2025

އަބަދަށްޓަކައި ހިތުގެ ލޯބި 13

Previews
March 31, 2025

އެކްޓަރ (ޕާޓް 4)

2 Comments!

  1. liya says:
    April 2, 2025 at 4:04 am

    mi part ves reethi i dont trust this riumaan and azu is too blindsided by love to listen to their warnings i feel sad for dhaanish too but azu shouldnt be with someone shes not into when next part

  2. liya says:
    April 2, 2025 at 4:05 am

    dhiyaan*

Comments are closed.

Next Episodeކީމޭ އަލްވަދާޢު (މައާފަށް އެދެމެވެ.)←


All Right Reserved!