Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް ބޭނުމޭ ދުލުން 15

🌻LamHaa🌻
🌻LamHaa🌻 Level 110 Stories
March 25, 2025 5 Mins Read
2 Comments

ގަޑިން މެންދަމު 2 ޖަހައި ހިނގައްޖެއެވެ. މިޝްޔާގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އޭނާ އިރުކޮޅަކު އޮށޯވެގެން އޮތުމަށްފަހު ތެދުވީ ދެ ފިކުރެއްގައި ހުރެފައެވެ. ޝިމާން މިރޭ ބުނެލި ވާހަކަ އަދިވެސް މިޝްޔާގެ ކަންފަތުގައި ހަރުލާފައި ހުއްޓެވެ. ވާހަކައެއް ބުނަން ބޭނުންވާ ކަމަށް ބުނެ ބެލްކަންޏަށް ނުުކުމެލަދިނުމަށް އެދުނީ ވަރަށް އުންމީދާއެކުގައި ކަން މިޝްޔާއަށް އެވަގުތުވެސް ޝިމާންގެ މޫނަށް ބަލައިލުމާއެކު ފަހަގަވެގެން ދިޔައެވެ. ނިދަންލާ ހެނދުމުގެ މަތިން ޖެކެޓެއް ލުމަށްފަހު ބުރުގަލެއް އަޅާލައިގެން ގޮސް ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ކަހާލިއެވެ. އެވަގުތު އޭނާގެ ކަންފަތުގައި ޖެހުނީ ހިތްގައިމު ލޯބީގެ ލަވައެއްގެ އަޑެވެ. ސިކުންތުކޮޅަކަށް ނަމަވެސް މިޝްޔާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔައީ އޭނާގެ ލޮލުގެ ކުރިމަތީ ސިފަވެގެން ދިޔަ ހިތްގައިމު މަންޒަރަކުންނެވެ. ނަމަވެސް އެ ހިނިތުންވުން ގެއްލި އެ ލޮލަށް ކަރުނަތައް ބޮނޑިވެ ގަންނަން ގިނައިރެއް ނުނެގިއެވެ. އެ ރީތި ލޯ ކަރުނައިގެ މުތީ ތަކުން ފޯވެގެން ދިޔައީ ބަސްބުނާހާ ހިދުކޮޅެއްގެ ތެރޭގައެވެ.

މިޝްޔާ ނުކުންނާނެ ކަމަށް އިންތިޒާރުގައި ގިޓައެއް ހިފައިގެން ހުރި ޝިމާންއަށް ކިޔަމުން ދިޔަ ލަވަ މަޑުޖައްސާލެވުނީ މިޝްޔާގެ ހިލަމެއް ވެލިހެން ހީވުމުންނެވެ. ނަމަވެސް މިޝްޔާގެ އެއްވެސް އިޝާރާތެއް ނުވުުމުން އުންމީދު ކަނޑާލުމަށްފަހު ކޮޓަރިއަށް ވަނީ މާޔޫސްވެފައި ހުރެގެންނެވެ. އޭނާ މިރޭ އުންމީދުކޮށްގެން ހުރީ ފަހަކަށް އައިސް އޭނާގެ ހިތުގެ ކަނެއްގައި އުފެދެމުން ދިޔަ ޖަޒުބާތުތައް މިޝްޔާއާ ހިއްސާކޮށް މިޝްޔާގެ ހިތުގައި އޭނާއަށް ހާއްސަ މަގާމެއް ދެވިފައި ވޭތޯ ޔަގީންކުރުމަށެވެ. ނަމަވެސް މިޝްޔާގެ ހަބަރެއް ނުވުމުން އުންމީދުގެ ހުޅުކޮޅު ކަނިވެގެން ހިނގައްޖެއެވެ.

މިޝްޔާގެ ލޮލުން ދިޔައީ ހުއްޓުމެއްނެތި ކަރުނަ ފައިބަމުންނެވެ. މިރޭ އޭނާގެ މާޒީ އަލުން ހީވީ ކުރިމަތީގައި އިޔާދަވެގެން ދިޔަހެންނެވެ. އޭނާއަށް ވެގެން ވަންޏާ ދުވަހަކުވެސް އެ ކަޅުމާޒީގެ ދުވަސްތަކާއި ކުރިމަތިލާކަށް ބޭނުމެއް ނޫނެވެ. އެއީ އޭނާގެ ހަޔާތަށް ނޭނގިހުއްޓާ ބިންދާލި ގަދަފަދަ ރާޅެކެވެ. ރީޝަމް ނޫން އެހެން އެއްވެސް މީހަކަށް ނޭނގޭ އެ ސިއްރު މިޝްޔާ ބޭނުންވަނީ މުޅި އުމުރަށްވެސް ސިއްރެއްގެ ގޮތުގައި އޮވެ ނިމިދާށެވެ. ހިތްހަމަޖެހޭ ވަރަށް ރޯލުމަށްފަހު މިޝްޔާ ތެދުވެ ފާހަނާއާ ދިމާލަށް ހިނގައިގަތީ މޫނުދޮވެލުމަަށެވެ. މާދަން އޭނައަށްް ޝިމާންގެ ސުވާލުތަކަށް ޖަވާބުދާރީ ވާން ޖެހޭނެކަން އެނގުމުން ބޮލުގައި ކުޑަކޮށް ޖަހާލެވުނެވެ.

************************

ފަތިހުގެ އަރާމު ވަގުތު ނިދިފައި އޮތް މަލްޝާއަށް ހޭލެވުނީ ފޯނުން އިވެމުން ދިޔަ އެލާމްގެ އަޑަށެވެ. އެލާމް ނިއްވާލުމަށްފަހު ބޮޑަށް ގައިމަތީ އަޅާފައި އޮތް މަޑު ކުއައިލްޓުގެ ތެރޭ ބޮޑިވެލީ ތެދުވަން ބޭނުންނުވެފައި އޮވެގެންނެވެ. ނަމަވެސް އެގޮތުގައި އޮއެވުނީ މަދު ސުކުންތުކޮޅަކަށެވެ. ތެދުވެ ފޯނު ނަގާ ގަނޑި ބަލާލުމަށްފަހު ފާހަނާއާ ދިމާލަށް ދުއްވައިގަތީ ކޮލެޖަށް ދާންޖެހޭ ވަގުތު ކުޑަތަންވެފައި ވާތީ ފެނުުމުންނެވެ.

ކޮޓަރީގައި ރީތިވާން ހުރި ރީޝަމް ގޮސް ދޮރު ހުޅުވާލީ ދެތިންފަހަރު މީހަކު ދޮރުގައި ޖަހާލުމުންނެވެ. ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރި މަލްޝާ ފެނި ދެފަރާތަށް ބޯ ހޫރާލެވުނީ ކަންތަކާ ޖެހުނީއޭ ހިތަށް އެރުމުންނެވެ. “ސާބަސް މަންޖެއަށް.. އަދިވެސް ރީތިވެ ނުނިމެޔޭ..” މަލްޝާ އުނަގަނޑުގައި އަތް އަޅުވާލައިގެން ހުރެ އައިސް ރީޝަމް ގާތު ހުއްޓިލިއެވެ. “ކޮން ސާބަހޭ އޭ ކިޔާކަށް.. ބަލަ އަދި ބައި ގަޑިއިރު އެބަ އޮތޭ ގަޑި ޖެހެން.. ޔަގީނޭ ތިޔައީ ނުބައި ކޮން ގަޑި ބަލައިގެންކަން..” ރީޝަމް ފޯނުނަގައި ގަޑި ދައްކާލަމުން ދެފަރާތަށް ބޯ ހޫރާލިއެވެ. މަލްޝާއަށް ވެސް އޭނާގެ މޮޔަކަން ވިސްނި ޗުސްތަޅާލެވުނެވެ. “ސައިވެސް ނުބޮއެ ދޯ ތިއައީ.. ހިނގާ އަވަހަށް ސައި ބޯން ދާން ގަޑި ޖެހެން ވާއިރަށް..” ރީޝަމް ތައްޔާރުވެ ނިމި ކޮޓަރިން ނުކުނަމުން ބުނެލިއެވެ.

*************************

މިޝްޔާ ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ ދެ ވިސްނުމެއްގައެވެ. ބޭރަށް ނުކުތުމުން ޝިމާންގެ ސުވާލުތަކާއި ކުރިމަތިލާން ޖެހޭނެކަން އެނގޭތީވެ ސިކުނޑިވީ ހާސްކަމެއްގެ ތެރޭގައެވެ. އެހެންނަމަވެސް އޭނައަށް ކޮޓަރިން ނުނިކުމެ ވާން ނެތް ކަން އެނގުމުން އެންމެފަހުން ޝިމާންގެ ސުވާލުތަކަށް ދޭނެ މޮޅު ޖަވާބެއް ސިކުނޑި ތެރޭގައި ރާވާލުމަށްފަހު ކޮޓަރިން ނުކުމެ ސިޑިއާ ދިމާލަށް މިސްރާބު ޖެހިއެވެ. ނަމަވެސް މިޝްޔާއަށް ސިޑީގެ ދެތިން ހަރުފަތް ގިރާނުކުރެވި އުޅެނިކޮށް ފަހަތުން ޝިމާން ގޮވާލި އަޑު އިވުނެވެ. ތުންފަތުގައި ދަތް އަޅާލައިގެން ހުރެ މިޝްޔާ ފަހަތަށް އެބުރިލީއިރު ޝިމާން އޭނާއާ އެއްވަރުކޮށްފިއެވެ. ހީކުރި ގޮތާއި ހިލާފަށް ޝިމާން ރޭގެ އެއްވެސް ވާހަކައެއް ނުދެއްކުމުން މިޝްޔާ ހީކުރީ ޝިމާން ދެން އިތުރަށް އެ ވާހަކަ އޭނައާ ނުދައްކާނެ ކަމަށެވެ. “ކޮންކަމަކާ މާ ހާސްވެފަ ތިހުރީ..” މިޝްޔާ ފުން ނޭވާއެއް ދޫކޮށްލި ތަން ފެނުމުން ޝިމާން އަހާލިއެވެ. މިޝްޔާއަށް ޝިމާން ބުނި އެއްޗެއް ސާފު ނުވުމުން ބުމަ އަރުވާލިއެވެ. “މިޝް މާ ހާސްވެފަ ހުރިހެން ހީވާތީވެ މި އަހާލީ..” ޝިމާން، މިޝްޔާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. މިޝްޔާގެ މޫނަށް ޖަންބުކުލަ ވެރިވެގެން ދިޔައީ ޝިމާން ބަލަހައްޓައިގެން ހުއްޓައެވެ. ޝިމާންއަށް މިޝްޔާ ހުރީ ހާސްވެފައިކަން އެނގުމުން އޭނާ ލަދުގަތީއެވެ. ޝިމާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ އެ މޫނުގައިވީ ލަދުވެތިކަން ފެނިފައެވެ.

ދެމީހުން ގޮސް ކާގެޔަށް ވަންއިރު ޒިޔާނާއާ ޒަރާ ސައި ތައްޔާރުކޮށް ނިންމާލަނީއެވެ. “ކޮބާ ދެކުދިން އާދެ އަވަހަށް ސައިބޯން.. މިޝްޔާ ކޮލެޖަށް ދާ ގަޑިވެސް އެބަ ޖެހޭނު.. ޝިމާން ދަރިފުޅު ދައްޗޭ އެ މަންޖެ ކޮލެޖަށް ލައިދޭން..” ޒިޔާނާ ޝިމާންގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. “ދޮންދައްތާ.. ތިހެން ނުބުންޏަސް މަ މިޝް ކޮލެޖަށް ލައިދޭން ދާނަމޭ ކޮންމެ ދުވަހަކުވެސް..” ޝިމާން ތުންދަމާލަމުން ރާގުލާފާއި ބުނެލިއެވެ. “ހޫން ދެން އަވަސް ކޮށްލައިގެން ދޭ ދެކުދިން..” ޒިޔާނާގެ ތުންފަތްމަތީގައި ވީ ހިނިތުންވުމެކެވެ. ޝިމާން ދުލުން ނުބުންޏެއްކަމަކު އޭނާގެ ވާހަކަ ހުންނަ ގޮތުންނާއި ޝިމާންގެ މިޒާޖަށް އައިސްފައިވާ ބޮޑު ބަދަލުންވެސް ޒިޔާނާއަށް ވަރަށް ރަނގަޅަށް ޝިމާންއަށް މިޝްޔާ ކަމުގޮސްފިކަން އެނގުނެވެ. އޭނާގެ ދައްތައަށްޓަކައި ވީ ވައުދު ފުރިހަމަކޮށް ދެވިއްޖެކަން އެނގުމުން ހިތަށް ބަޔާންކުރަން ދަތި އުފަލެއް ލިބިގެން ދިޔައެވެ.

************************

ދަތުރަށް ތައްޔާރުވުމުގައި މިންނާ އަވަދިނެތި އުޅުނެވެ. ޒީޔާނާއަށް ގުޅާ މިޝްޔާއަށް ސަޕްރައިޒެއް ދޭން މެލޭޝިޔާއަށް ދާން އުޅޭ ވާހަކަ އެންގިއެވެ. އެކަން އެނގުމާއެކު ޒިޔާނާ ފުރަތަމަވެސް އެދުނީ މެލޭޝިޔާއަށް އައިސް އެގޭ ނޫން އެހެން ތަނެއްގައި ހުރެގެން ނުވާނެކަމުގައެވެ. މިންނާމެންވެސް ހިތުން ރުހުމުން ޒިޔާނާގެ އެ އެދުމާއި އެއްބަސްވިއެވެ. ރަޔަންވެސް އޭނާގެ ދޮންތި ކައިރިއަށް ދެވެންް އުޅޭކަން އެނގުމުން އެ ކުއްޖާގެ ޅަ ބަހުރުވައިން ދަނީ ކޮންއިރަކުންތޯ އިރުއިރުކޮޅުން ރިލްހާ ގާތު އަހާލައެވެ.

މާއިންވެސް އޭނަގެ ބައްޕަގެ ހުއްދަ ލިބުމާއެކު މިންނާމެންނާ އެކީ ދިއުމަށް ޓިކެޓު ހަމަޖެއްސިއެވެ. ދަނީ ކޮންބަޔަކާއެކުތޯ ސުވާލުކުރުމުން މާއިން ދޮންތަ މިންނާއާ ބައްދަލުވިގޮތާއި އޭނާއަށް ހުރިހާ ހަގީގަތެއް މިންނާ ކިޔާދީފިކަމަށް ބުނެލިއެވެ. ވަގުތުން ފާއިޒް ބޭނުންވީ މިންނާ ގާތުން މައާފަށް އެދޭށެވެ. މާއިން ފާއިޒް ބޭނުންވި ގޮތަށް މިންނާއަށް ގުޅައިދިނެވެ. ފާއިޒް އޭނާއަށް ކުރެވުނު ކަންތަކާއި މިއަދު ދެރަވެ ހިތާމަ ކުރާކަމަށް ބުނެ އެތައް ފަހަރަކު މިންނާގެ ގާތުން މައާފަށް އެދުނެވެ. މިންނާވެސް ހިތުން ރުހުމުން ފާއިޒްއަށް މައާފުދިނެވެ. އަދި މިންނާ ބޭނުންކަމަށް ވަނީނަމަ މާއިން މިންނާ ގާތު އެގޭގަ ގެންގުޅެން ގެންދިޔަސް އޭނަގެ އެއްވެސް މައްސަލައެއް ނެތް ކަަމަށް ބުންޏެވެ. ނަމަވެސް މިންނާ ބޭނުންވީ ފާއިޒް އެކަނިވީ ދުވަހު އެ ދަރިފުޅު ފާއިޒްގެ ގާތުގައިި ބަހައްޓާށެވެ. މިހާރު އޭނައަށް ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި މާއިންއާ ބައްދަލު ކުރެވޭނެތީވެސް މެއެވެ.

**********************

ކޮލެޖަށް ދިއުމަށްޓަކައި މިޝްޔާ ކާރަށް އެރުމާއެކު ޝިމާން ކާރު ދުއްވާލިއެވެ. ދުއްވަމުން ދިޔަ ވަގުތު ޝިމާން އިރުއިރުކޮޅުން މިޝްޔާގެ މޫނަށް ބަލައިލައެވެ. އެއިން ކޮންމެ ފަހަރަކު މިޝްޔާ އިންނަނީ އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެންނެވެ. ޝިމާން އެންމެފަހުން އޭނާގެ ވާހަކަ ފެށިއެވެ. “މިޝް ކީވެތަ ރޭގަ އަހަރެން ބުނީމަ ނުނިކުތީ.. އަހަރެން ވަރަށް އިންތިޒާރު ކުރިން..” ޝިމާން ކުރި ސުވާލާއެކު މިޝްޔާއަށް ހީވީ އޭނާގެ ދުލުގައި މީހަކު ހިފެހެއްޓި ހެންނެވެ. ފޯނުވެސް އަތުން ދޫވެގެން ދިޔައެވެ. ނަމަވެސް ހުޝިޔާރުކަމާއެކު ޝިމާން މިޝްޔާގެ ފޯނު ހިފެހެއްޓިއެވެ. “އަހަރެ.. އަހަރެންނަށް ނިދުނީ ރޭގަ.. ސޮރީ..” މިޝްޔާއަށް ވާހަކަ ދެއްކުނީ އަޅައަޅައި ގަންނަމުންނެވެ. “އެހެންތަ.. ތިހެން ވީއިރު މިރޭ 2 ގަ މިޝް މަށާ މީޓް ކުރަންވީނު..” ޝިމާން، މިޝްޔާގެ މޫނަށް ބަލައިލިއެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގުމުން މިޝްޔާއަށް ބޯ ޖަހާލެވުނީއެވެ. “އަހަރެން އަންނާނަން އިނގޭ ނިމޭ ގަޑީގަ ބަލާ..” ޝިމާން ކާރު ކޮލެޖުގެ ކުރިމައްޗަށް މަޑުކޮށްލަމުން ބުނެލިއެވެ.

ބަނޑުގައި އަތް ޖައްސާލައިގެން ހުރެ ސިޑިން ފައިބަމުން ދިޔަ ޝައިމާގެ ނަޒަރު ދޮރާ ދިމާލަށް ހުއްޓުނީ ވަދެގެން އާ ޝިމާން ފެނިފައެވެ. ޝިމާންގެ ތުންފަތުގައިވި ހިނިތުންވުން ފެނި ޝައިމާގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވިއެވެ. ޝިމާންއާ ދިމާނުކޮށްލާ ނުހުރެވިގެން ލޯބިވާ ކުއްޖާ ލިބުނީތޯ އަހާލިއެވެ. ވާނުވާ ނޭގިފައި ހުރެ ޝިމާންވެސް ދެ ބުމަ އަރުވާލުމާއެކު ޝައިމާ ހިނިގަނޑެއް ޖަހާލިއެވެ. “ކިތައް ފަހަރުތަ ދޮންތަ ގާތު ބުނަންވީ ތި ސިޑިން އަރާފައިބާ ނުހަދަބަލާށޭ.. ދޮންދައްތަ، ދޮންތަ ތިރީ ކޮޓަރިއަށް ބަދަލުކުރީ ވެސް ވަކި ކަމެއް ވެގެންނު.. ބުނާނަން ދޮންދައްތައާ ހާމްބެ ކައިރީގަ ދޮންތަ ބަނދެފަ ބައިންދާށޭ..” ޝިމާން ހިތްހަމަނުޖެހިފައި ހުރެ ޗުސްތަޅާލިއެވެ. “އޭ ނޫން.. ދެން ނުބުނައްޗޭ.. ޕްލީސް..” ޝައިމާ ދެރަވާކަމަށް ހަދާލަމުން ބުނެލިއެވެ.

ޝައިމާގެ ބަނޑަށް ވަނީ 5 މަަސް ފުރިފައެވެ. ހާނިމް މީގެ އެއް ދުވަސް ކުރިން ޝައިމާ މެލޭޝިޔާގައި ބެހެއްޓުމަށްފަހު މާލެ ފުރީ އޭނާގެ ކޮއްކޮއާ ބައްދަލުކޮށްލަން ދިޔުމަށެވެ. ހަމައެހެންމެ ވަޒީފާއިން ނެގި ޗުއްޓީ ހަމަވެފައިވުމާއެކު ޗުއްޓީ އިތުރުކޮށް ޝައިމާ ވިހަންދެން މެލޭޝިޔާގައި މަޑުކުރުމުގެ ބޭނުމުގައެވެ. ޝައިމާ ހާނިމްގެ ފަހަތުން މާލެ ދާން ބޭނުން ވެގެން އެ ވާހަކަ ޒިޔާނާއާ ސާޖިދު ގާތު ދެއްކުމުން އެކަމަށް އިންކާރު ކުރިއެވެ. ޝައިމާ ވިހައި ގަދަވަންދެން ތިބެން ވާނީ އެދެމަފިރިން ގާތު މެލޭޝިޔާގަ ކަމަށް ބުނެއެވެ. ހާނިމްވެސް އެ ގޮތާއި ރުހި ގަބޫލުވެ މާލެ ދިޔައީ ވަރަށް އަވަހަށް އަންނާނެ ކަމަށް ބުނެއެވެ. ޝައިމާވެސް އެކަމާ އެއްބަސްވީ މިހާރު އެ ހަށިގަނޑުގަ އެހެން ފުރާނައެއް ވާކަން ހަނދާންކޮށްލައިގެންނެވެ.

*************************

ދުނިޔެ މަތި ބަނަކޮށްލާފައި ވީއިރު ދެންމެދެންމެ ވާރޭ އޮއްސާލަފާނެހެން ހީވެއެވެ. ޕޭމެންޓް މަތީގައި މަޑުކޮށްލައިގެން ހުރެ ރީޝަަމް ހަނާއަޅަމުން ދިޔައީ ޓެކްސީއެއް އަތުޖެހޭތޯއެވެ. “މިހުރިހާ ޓެކްސީއެއް ވެސް މިވަގުތު ތަ ހަމަ ފުރެންވަނީ..” ތުންކޮޅު އޫ ކޮށްްލައިގެން ހުރެ ރީޝަމް އެހެން ބުނެލުމަށްފަހު ފޯނު ނެގީ އައިޒަންއަށް ގުޅުމަށެވެ. ދެތިން ރިންގާއެކީ އައިޒަން ފޯނު ނެގުމާއެކު ރީޝަމް އޭނަ ގެއަށް ލާދޭން އައިސްދިނުމަށް އެދުނެވެ. ނަމަވެސް އައިޒަންގެ ފަރާތުން ލިބުނީ ރީޝަމް އުންމީދުކުރި ފަދަ ޖަވާބެއް ނޫނެވެ. އޭނާ މިވަގުތު ހުރީ ގޭގައި ނޫންކަމާއި ވަރަށް މުހިއްްމު ކަމަކު ބިޒީކޮށް އުޅޭކަމަށް ބުނެލިއެވެ. އަދި އެކަމަށް މައާފަށް އެދި އައިޒަންގެ ގާތް ރައްޓެއްސެއް އެބަ ފޮނުވަން ކަމަށް ބުނެލިއެވެ. ރީޝަމް އެއްބަސްވީ އައިޒަންއަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުންނެވެ.

*************************

ފެންވަރާލައިގެން ނުކުމެ އެނދުގައި ޖައްސާލި މިޝްޔާގެ ސިކުނޑިއަށް ހިޔާލުތައް ވެރިވެގެން ދިޔައެވެ. އޭނާގެ ސިކުނޑި ހިސާރުކޮށްލީ މީގެ ކުޑައިރުކޮޅެއް ކުރިން މަލްޝާ ގުޅާގެން ދެއްކި ވާހަކަތަކެވެ. އީނާ، މިޝްޔާ ނުގުޅާތީވެ ދެރަވާ ވާހަކަ މަލްޝާ ގާތު ބުނި ކަމަށާއި ރުޅި އާދެވުނީތީ މައާފަށް އެދެން ބޭނުންވާ ވާހަކަ ބުނިކަމަށް ބުންޏެވެ. ކައިރީގައި އޮތް ފޯނު މިޝްޔާ ނެގީ އީނާއަށް ގުޅާލުމަށެވެ. ނަމަވެސް ހިޔާލު ބަދަލުވެ ފަހުން ގުޅާނީ އޭ ހިތާ ފޯނު ބޭވުމަށްފަހު ދެލޯ މަރާލީ ވަރުބަލިވެފައި ހުރިވަރުން ނިދާލެވޭތޯއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

🌻LamHaa🌻
Follow Me Written By

🌻LamHaa🌻

Level 110 Stories

Other Articles

Previous

ތިޔަ ލޯތްބަށް އެދެވޭތީ… 38

Next

ތިޔަ ލޯތްބަށް އެދެވޭތީ… 39

Next
March 25, 2025

ތިޔަ ލޯތްބަށް އެދެވޭތީ… 39

Previews
March 25, 2025

ތިޔަ ލޯތްބަށް އެދެވޭތީ… 38

2 Comments!

  1. Anonymous says:
    March 25, 2025 at 10:56 am

    Mi episode vess varah reeethi. ❤️
    Dhen oiy part vess avahah kiyaalan libeyne kamah unmeedh kuran 😊

  2. Cutie girl says:
    March 25, 2025 at 11:32 am

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Shaima and haanim v gulhey
    Mish and simaan ves gulhuvachey
    They both are made for each other

Comments are closed.

Next Episodeހިތް ބޭނުމޭ ދުލުން 16←


All Right Reserved!