ހިތް ބޭނުމޭ ދުލުން 13
ރާޝިދާ ގޮވައިގެން ކޮޓަރިން ނުކުތް މައިރާ ސޯފާގައި އިށީދެގެން އިން އައިޒަން ދައްކާލިއެވެ. ރާޝިދާގެ މޫނުމައްޗަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. އަވަސް ހިގުމެއްގައި ގޮސް އައިޒަން އިށީދެގެން އިން ސޯފާ ކައިރީ މަޑުކޮށްލުމަށްފަހު ސަލާމަށް އަތް ދިއްކޮށްލިއެވެ. އަދި އެއީ ރީޝަމްގެ މަންމަ ކަމުގައި ބުނެލިއެވެ. އެވަގުތު ރީޝަމްވެސް އައިސް ރާޝިދާގެ ގާތު މަޑުކޮށްލިއެވެ. “މަންމާ! މި ރީޝް ވަގު ދޯ.. އަހަރެމެންނަށް އަންގާވެސް ނުލާ ވިއްޔަ ދޯ ކަމެއް ކުރާ އިރުގަ.. ޔަގީނުން ވިއްޔާ މިއަދުވެސް މި ސޮރު ގޮވައިގެން އެ ވަނީ މަޖުބޫރުވެގެން..” ރީޝަމްއާ ދިމާލަށް ބަލައިލަމުން ދިމާކުރާ ކަހަލަ ރާގެއްގައި މައިރާ ބުނެލިއެވެ. “ދެން ދޮންތީ.. ތިވަރަށް ދިމާނުކޮށްބަލަ..” ރީޝަމް ލަދުގަނެފައި ހުރެ ބުނެލިއެވެ. އައިޒަން އިނީ އެ އުފާވެރި މަންޒަރު ބަލަން ހެވިފައެވެ.
**********************
ކޮޓަރިން ނުކުމެގެން އައި ރިލްހާއަށް ގޭތެރޭގައި މިންނާއާ އެކު އިން ފިރިހެންހެން ކުއްޖާ ފެނި ކޮން ކުއްޖެއްތޯ މިންނާ ގާތު އަހާލިއެވެ. “ރިލް މީ މަންމަގެ ހުރި ހަމައެކަނި އެއްބަނޑު އެއްބަފާ ކޮއްކޮގެ ދަރިފުޅު.. މަންމަ މި ސޮރާ ބައްދަލުނުވެގެން އުޅޭތާ އެތައް އަހަރެއް ފަހުން މި ސޮރު މި ފެނުނީ..” ރިލްހާއާ ދިމާލަށް ބަލާލަމުން މިންނާ ބުނެލިއެވެ. ރިލްހާވެސް މާއިންއަށް ހިނިތުންވުމެއް ދިނުމަށްފަހު ދިޔައީ ބަދިގޭގައި ނުނިމި ހުރި މަސައްކަތްތައް ކޮށްލުމަށެވެ. “މާއިން ދަރިފުޅާ.. ދޮންތަ މިއަދު މިވާހަކަ ކިޔައިދޭން މިއުޅެނީ މީ ކޮންމެހެންވެސް ދަރިފުޅަށް އެނގެން ޖެހޭނެ މުހިއްމު ވާހަކައެއް ވީމަ..” މިންނާ އޭނާގެ ވާހަކަ ފެށިއެވެ.
*** 22 އަހަރު ކުރި ***
އަމްނާ އާއި މިންނާ ދިރިއުޅެމުން ދިޔައީ މާލޭގައި ހުރި އެ ދެކުދިންގެ ބައްޕަގެ ގޭގައެވެ. މައިންބަފައިން އެދެކުދިން ޒުވާން އުމުރަށް އެޅިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ކާރު އެކްސިޑެންޓްއެއްގައި ނިޔާވުންވީ ބަރުދާސްތު ނުކުރެވޭ ވަރުގެ ހިތަމައެއް ކުރިމަތިވީ ކަމަކަށެވެ. ޅައުމުރުގައި ހުރި ހަމައެކަނި ކޮއްކޮގެ ޒިންމާ އޭނާ އެކަނި ނެގުންވީ މިންނާއަށް ކުރަން ޖެހުނު އެންމެ އުނދަގޫ ކަމަކަށެވެ. އެހެންކަމުން އޭނާ އޭރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަބުދުއްﷲ އާ ކައިވެނިކޮށް ހަޔާތެއް ފެށީ އަބުދުއްﷲ އަކީ މަޑުމައިތިރި، ރަނގަޅު އަހްލާގެއްގެ ވެރި މީހަކަށް ވުމާއެކު މިންނާއާ އޭނާގެ ކޮއްކޮގެ ޒިންމާ އެންމެ ފުރިހަމައަށް ނަގާނެ ކަމުގެ އުންމީދު އޮތީމައެވެ. ހަމައެހެންމެ އަބުދުއްﷲ އަކީ ރާއްޖެތެރެ ރަށެއްގެ މީހަކަށް ވުމާއެކު މިންނާއާ ކައިވެނިކޮށް އުފާވެރި ހަޔާތެއް ވޭތުކުރުމުގެ އުންމީދުގައި އޭނާވެސް މާލެ ބަދަލުވީއެވެ. އުފާވެރި ކަމާއެކު ދުވަސްތައް ހޭދަވަމުން ގޮސް 5 އަހަރު ހޭދަވެގެން ދިޔައިރު އަމްނާވެސް ހުރީ އޭނަގެ އަމިއްލަ ދިރިއުޅުމެއް ފަށާވަރު ވެފައެވެ. އެގޮތުން ފާއިޒްއާ އިނުމަށް އަމްނާ، މިންނާ ގާތުން ހުއްދަހޯދަން އާ ދުވަހަކީ މިންނާގެ ހިތަށް ވަރަށް ބޮޑު އުފާވެރިކަމެއް ގެނުވި ދުވަހެކެވެ. ލޯބިވާ ކޮއްކޮ ބޮޑުވެ ރަނގަޅު ބައިވެރިޔަކު އޭނާގެ ހަޔާތަށް ހޯދުމަކީ އަބަދުވެސް މިންނާ ދެކެމުން އައި ހުވަފެނެވެ. ނަމަވެސް މިންނާއަށް ނޭނގުނު ކަމަކީ އޭނާގެ ކޮއްކޮގެ ދިރިއުޅުން އެ ވެއްޓުނީ ހޫނު އަލިފާނުގެ ތެރެއަށް ކަމެއެވެ. އެ ކައިވެނީގެ ސަބަބުން ކޮއްކޮގެ ހަޔާތް ފުޑުފުޑު ވެގެން ދާނެކަމެވެ. ލޯބިވާ ކޮއްކޮ މުޅި އުމުރަށް އަލްވަދާއު ކިޔުމަށް އެ ކައިވެނި ވެގެން ދާނެކަން އެނގުނު ނަމަ އެ ކައިވެނި ކުރިޔަކަ މިންނާ ނުދިނީހެވެ.
އަމްނާ ފައިޒްއާ އިނދެގެން ފާއިޒްގެ ގެއަށް ބަދަލުވީ ދެމީހުންވެސް އެގޮތް ބޭނުންވެގެންނެވެ. ދެމީހުން އިނދެގެން ދިރިއުޅުނީ ވަރަށް ވެސް އުފާވެރި ދިރިއުޅުމެކެވެ. ނަމަވެސް ކައިވެނި ކުރިތާ މާ ގިނަ ދުވަހެއް ނުވަނީސް އަމްނާ ބަލިވެއިނުން ވެގެން ދިޔައީ ފާއިޒް މުޅިން ބަދަލުވި ކަމަކަށެވެ. ބޭރުގައި ހޭދަކުރާ ވަގުތުތައް ގިނަވެ ގެއަށް އަންނަލޭ ލަސްވެގެން ދިޔައެވެ. މިހެން މިކަން ވަމުން ދިޔުމުގެ ސަބަބުން އަމްނާގެ ޝަކުވާތައް އިތުރުވެ ފާއިޒްގެ ރުޅި ގަދަވަމުން ދިޔައެވެ. އެގޮތުން އެރޭވެސް ވެގެން ދިޔައީ ފާއިޒް ގެއަށް އައުން ލަސްވެގެން ދިޔަ ރެޔަކަށެވެ. އަމްނާ އޭނާގެ ހިތުގައި އުފެދެމުން ދިޔަ ޝަކުވާތައް ފާއިޒްގެ ކުރިމަތީ ބަންޑުން ކޮށްލީ ހިތަށް ކެތްނުކުރެވިގެންނެވެ. ނަމަވެސް ފާއިޒްގެ ދުލުން އިވިގެން ދިޔައީ އެ ވާހަކައެއް އިވިދާނެ ކަމަށް އަމްނާ ދުވަހަކުވެސް އުންމީދު ކުރި ވާހަކައެއް ނޫނެވެ. ފާއިޒް ދެވަނަ ކައިވެންޏެއް ކުރަން ބޭނުން ވާކަމަށް ބުނުން ވެގެން ދިޔައީ އަމްނާގެ ހިތުގެ ހިނގުން ހުއްޓިގެން ދިޔަ ކަމަކަށެވެ. އޭނާގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހިގެން ދިޔަ ކަމަކަށެވެ. އެކަން ނުކުރުމަށް އާދޭސް ކޮށްކޮށް ހުއްޓަ ޝަރުމީލާ ގެނެސް ގެއަށް ވެއްދުން ވެގެން ދިޔައީ އެތައް ގޮތަކުން އަމްނާއަށް އިތުރަށް ވޭން ލިބުނު ކަމަކަށެވެ. ނަމަވެސް އަމްނާ ދިޔައީ ލިބެން އުޅޭ ދަރިފުޅަށްޓަކައި އޭނާއަށް ކެތްކުރެވުނު އެންމެ މަތީ ދަރަޖައަކަށް ކެތްކުރަމުންނެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އަމްނާގެ ބަނޑަށް ނުވަމަސް ފުރިއްޖެއެވެ. މިންނާ ހޮސްޕިޓަލަށް ދިޔައީ ފާއިޒް ގުޅާފައި އަމްނާ ހޮސްޕިޓަލަށް ގެންދިޔަ ވާހަކަ ބުނުމުންނެވެ. އޭނާ ޝަރުމީލާ ގޮވައިގެން އިންޑިޔާއަށް ފުރަން އެއަރ ޕޯޓަށް ގޮސްހުރި ވާހަކަ ބުނީ އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތިއެވެ.
މިންނާ ފިރިމީހާއެކު ގޮސް ހޮސްޕިޓަލަށް ވަން ވަގުތަކީ އަމްނާގެ އެހީތެރިޔަކަށް ގޮވާލި ވަގުތެވެ. މިންނާ ދުވެފައި ގޮސް ނަރުސް ކުއްޖާ ކައިރީގައި ހުއްޓިލިއެެވެ. “އައިއޭމް ސޮރީ.. އަހަރެމެންނަކަށް އަމްނާ ސަލާމަތެއް ނުކުރެވުނު.. އިރާދަކުރެއްވީތީ ދަރިފުޅުގެ ހާލު ރަނގަޅު..” ނަރުސް ކުއްޖާ މިންނާގެ ކޮނޑުގައި އަތް ޖައްސާލަމުން ބުނެލިއެވެ. ލިބުނު ކުއްލި ހަބަރުން މިންނާ ހުރީ ބުނަންވީ އެއްޗެއް ހަނދާނެ ގޮތެއް ނޭނގިފައެވެ. ކައިރީގައި ހުރި ފިރިމީހާ ގައިގައި ބައްދާލުމަށްފަހު ހަޅޭލަވަން ފެށީ މޮޔަވެފައި ހުރި މީހަކު ހެންނެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ ފައބަމުން ދިޔައިރު ހިތް ވަނީ ކުދިކުދި ވެފައެވެ. ހުރި ހަމައެކަނި ކޮއްކޮގެ ވަކިވުން ވެގެން ދިޔައީ ހިތަށް ކެތްކުރަން ދަތި އަނިޔާއެއް ލިބިގެން ދިޔަކަމަކަށެވެ. އެވަގުތު ނަރުސް ކުއްޖަކު ނުކުމެ އަމްނާ މިންނާއަށް ހަވާލުކޮށްދިނުމަށް އެދި ދީފައިވާ އެއްޗެއް ކަމަށް ބުނެ ސިޓީ އުރައެއް ދިނެވެ. މިންނާ އެ ސިޓީއުރަ އޭނާގެ ދަބަހަށް ލީ މިވަގުތު އެސިޓީ ކިޔާނެހާ ހިތްވަރު އޭނާގެ ނެތީމައެވެ.
ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ގޮސް ހަފްތާއެއް ވޭތުވެގެން ހިނގައްޖެއެވެ. ކުޑަކުޑަ ދަރިފުޅަށް 7 ދުވަސް ވުުމުން މާއިންގެ ނަމުން ނަން ދިނީ އެއީ އަބަދުވެސް އަމްނާ ދެކެމުން އައި ހުވަފެނަކަށް ވީތީއެވެ. ލިބޭ ފުރަތަމަ ދަރިފުޅަށް މާއިން ކިޔުމަކީ އަބަދުވެސް އަމްނާގެ އުންމީދެވެ.
މާއިން އެނދުގައި ނިދާލާފައި އޮތްއިރު 3 އަހަރުގެ މާއިޝް، މާއިން ކައިރީގައި އޮށޯވެލައިގެން އޮތެވެ. ނަމާދުކޮށްލުމަށްޓަކައި ވުޟޫ ކޮށްލައިގެން ނުކުތް މިންނާ ކޮޓަރިން ބޭރަށް ނުކުތީ މީހަކު ދޮރުގައި ބެލް އަޅާ އަޑު އިވުމުންނެވެ. މިންނާ ގޮސް ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރި ފާއިޒް ފެނި އުޅުނީ އަވަހަށް ދޮރު ލައްޕާލުމަށެވެ. ނަމަވެސް ފާއިޒް ދޮރު ކޮށްޕާލުމަށްފަހު އެތެރެއަށް ދެމި ގަނެއްޖެއެވެ. “ކޮބާ އަހަރެންގެ ދަރިފުޅު.. ބަލަ އަހަރެން ކަލެއަށް އަހަރެންގެ ދަރިފުޅު ބަލާކަށް ހަވާލެއް ނުކުރަމޭ..” ފާއިޒް ރުޅިއައިސް ހުރެ ބުނެލިއެވެ. “އެ ދަރިފުޅު އަހަރެން ކަލޭ ކަހަލަ މީހެއްގެ އަތް މައްޗައް ދޫކޮށްލާނެހެން ހީވޭތަ؟ އަހަރެންގެ ކޮއްކޮ އަހަންނަށް ހަވާލުކޮށްފަ އެދިޔަ އަމާނާތް އަހަރެން ރައްކާތެރިކަމާއެކު ބަލާނަން.. އެ ދަރިފުޅު ހެޔޮގޮތުގައި ބަލާ ބޮޑުކުރުމަކީ ކޮއްކޮގެ ވަސިއްޔަތް.. އެކަމު ކަލެއާ އެނުބައި ނުލަފާ އަންހެނާ ކަިރީގައި ހުރެ މާއިން ރަނގަޅު ގޮތުގައި ބޮޑުވުމަކީ ނުވާނެ ކަމެއް..” މިންނާ ރުޅި އައިސް ހަޅޭލަވާގަތެވެ. ދޮރުމަތީގައި އެ މަންޒަރު ބަލަން ހުރި މާއިޝް ކުުއްލިއަކަށް ރޯން ފެށިއެވެ. އެވަގުތު ފާއިޒް ކޮޓަރިއަށް ވަދެ ނިދާފައި އޮތް ތުއްތު ތުއްތު ދަރިފުޅު ނަގާ އެގޭން ނުކުނަން ދިޔައެވެ. މިންނާ މާއިޝްގެ ގައިގައި ބައްދާލައިގެން ރޯން ހުރީ ދެން އިތުރަށް މިވަގުތު އޭނާއަށް ކުރެވޭނެ ކަމެއް ނެތީމައެވެ.
********************
“ދަރިފުޅާ ދޮންތައަށް މަޢާފުކޮށްދީ.. ކޮއްކޮގެ އެ ވަސިއްޔަތް މި ދޮންތައަކަށް ފުރިހަމައެއް ނުކޮށް ދެވުނު.. ދޮންތައަކަށް ތި ދަރިފުޅު ބަލާކަށް ފުރުސަތެއް ނުލިބުނު.. އަހަންނަށް އެކަން ނުކުރެވުނީ އެ ޝަރުމީލާއާ ހެދި.. އެ އަންހެނާ ފާއިޒް ކައިރީ ކިޔައިގެން މާއިން ގެންދިޔައީ.. އެނާ އަބަދުވެސް އަމްނާއާ މެދު ހަސަދަަވެރިވޭ.. ކޮއްކޮ މަރުވީވެސް އާދައިގެ މަރަކުން ނޫންކަން އަހަރެންނަށް އަބަދުވެސް އެނގޭ.. އެ ޝަރުމީލާ ހޮސްޕިޓަލުގެ ބަޔަކަށް ލާރި ދީގެން އެ ކުއްޖާ ފަކީރު މަރާލީ.. އަހަރެންގެ ކޮއްކޮގެ އެއްވެސް ކުށެއްނެތި.. ކޮއްކޮ މަރާލި ގާތިލަށް އަހަރެން ދުވަހަކުވެސް މަޢާފެއް ނުކުރާނަން.. ޝަރުމީލާއަށް ވެސް.. ކޮންމެވެސް ދުވަހަކުން ކޮއްކޮގެ މަރުގެ ސިއްރުވެސް ހާމަވާނެ.. އެއްވެސް ކަމެއް ތާއަބަދު ސިއްރެއްގެ ގޮތުގައެއް ނޯނާނެ..” މިންނާ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. “އަހަރެން ކޮއްކޮއަށް އިންސާފު ހޯދަދޭނަން.. އެކަމަކު އަހަންނަށް އެ ނުބައި އަމަލު ހިނގިމީހުން އެ ކުރި ކަންތައް ސިއްރެއްގެ ގޮތުގައި ބާއްވަން މި ވަނީ މަޖުބޫރުވެފަ.. މާއިޝްއަށްޓަކައި.. އަހަރެންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅަށްޓަކައި.. ޝަރުމީލާއަށް އޭނާ ކުރި އެ ނުބައި އަމަލު އަހަރެންނަށް އެނގޭކަން އިނގުނު ދުވަހު އައިސް އަހަރެންނަށް އިންޒާރު ދިނީ އެ ވާހަކަ ފަޅާއަރުވާލާ ދުވަހަކުން ބަޔަކު ލައްވާ މާއިޝްގެ ދުވަސް ދުއްވާލާނެކަމަށް ބުނެ.. އަހަރެންނަށް އަހަރެންގެ ކޮއްކޮގެ ފުރާނައެކޭ އެއްފަދައިން ދަރިފުޅުގެ ފުރާނަވެސް ވަރަށް މުހިއްމު..” މިންނާއަށް އޭނާގެ ވާހަކަ އިތުރަކަށް ކުރިއަކަށް ނުގެންދެވުނެވެ. އޭނާގެ އަޑުބެދި ރޯންފެށުނެވެ. މާއިން އިނީ އިވުނު ވާހަކަތަކުގެ ސަަބަބުން ބުނަންވީ އެއްޗެއް ނޭނގިފައެވެ. އޭނާގެ ބައްޕަ މިވީ ކޮންކަހަލަ މީހަކަށް ހެއްޔެވެ؟ އޭނާއަށް ބައްޕަ ހާދަ ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި އެބަހުއްޓެވެ. މަންމައާ ބެހޭ ގޮތުން އެހާ ބޮޑު ދޮގެއް ބައްޕަ އޭނާ ގާތު ހެދީ ކީއްވެ ބާއެވެ؟ މާއިންގެ ސިކުނޑި ސުވާލުތަކުން ފުރި ބާރުވަމުން ދިޔައެވެ.
*******************
މެލޭޝިޔާގެ މަގުތައް ވަނީ ކުލަ ބޮކިތަކުން ދިއްލާލާފައެވެ. މިޝްޔާ ރީތިވެލައިގެން ނުކުތީ ޝިމާން ބުނި ބުނުމަކަށް ކާރު ދުއްވާލަން ދިޔުމަށެވެ. ދެކުދިން ކާރުގައި ތިބެ މެލޭޝިޔާގެ މަގުތަކުގައި ދުއްވަމުން ދިޔައީ އެކި ވާހަކަތަކުގައި ހުރެގެންނެވެ. ޝިމާން ވަނީ މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި މިޝްޔާއާ ގާތް އެކުވެރިކަމެއް އުފައްދާފައެވެ.
“މިޝް އަދިވެސް އަހަރެން މިއަދު ކުރި ސުވާލަކަށް ޖަވާބެއް ނުދެމެއްނު.. އެ މާ ބޮޑި ރީތިތަ؟” ޝިމާން މިޝްޔާއަށް އަވަސް ނަޒަރެއް ދެމުން ބުނެލިއެވެ. މިޝްޔާވެސް ލަދުން އިނދެ ބޯ ޖަހާލިއެވެ. ދެކުދިން ކާރުގައި ގޮސް މަޑުކޮށްލީ ޕާކެއްގެ ކައިރިއަށެވެ. އެކި ކުލަތަކުގެ ބޮކިން ޕާކުތެރެ ޒީނާތްތެރި ކުރެވިފައިވީއިރު ވަަރަށްވެސް ފުރިހަމައެވެ. ދެކުދިން ގޮސް ޕާކުތެރޭ ބަހައްޓާފައި ހުރި ބެންޗެއްގައި އިށީދެލިއެވެ. “މާދަމާއަކީ ކޮލެޖު ބަންދު ދުވަހެއްނު.. މިޝް ދާނަންތަ އަހަންނާއެކީ ތަންތަންބަލާލަން.. މިޝް އަދި މެލޭއަށް އައި ފަހުން މާ ގިނަ ތަންތާކަށް ނުދަމެއްނު.. އަބަދު ތިއުޅެނީ ކިޔެވުމުގަ..” ޝިމާން ބުނެލިއެވެ. “މެލޭޝިޔާއަށް މިއައީ ކިޔަވާކަށްނު.. މަންމަ އަބަދުވެސް ދެކެމުން އައި ހުވަފެނެއް އެއީ އަހަރެން ޑޮކްޓަރަކަށްވުން.. ކުރަން މިއައި ކަންތައް ވާނެއެއްނު ދޯ ރަނގަޅަށް ކުރެވޭތޯ މަސައްކަތް ކުރަން..” މިޝްޔާ، ޝިމާންއަށް ހިނިތުންމުމެއް ދެމުން ބުނެލިއެވެ. ޝިމާންވެސް މިޝްޔާއާ އެއްބައިވެލުމުގެ ގޮތުން ބޯ ޖަހާލިއެވެ. ދެކުދިން އެތައް ވާހަކައެއް ދައްކަން ތިބުމަށްފަހު ގެއަށް ދިއުމަށް ކާރަށް އަރާ ނައްޓާލީ ޒިޔާނާ ލަސްވެގެން ޝިމާންގެ ފޯނަށް ގުޅުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.


Mashaa allah vrh salhi
When next???
Thank youu so muchh!
Inshallah nxt part monday or Tuesday ga kiyaalan libeyne
admin pls send next part pls
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Simaan and mish gulhuvachey
They both are made for each other
Haadha curious kohlaafa thi nimaaly
Thank youu so muchh Cutie girl!
Hingaa dhw balamaa mish n shimaan thw gulheny😊
Hehe.. vrh curious hisaabakun dhw e nimuny.. Inshallah vrh avhah nxt part kiyaalan libeyne