ކީމޭ އަލްވަދާޢު (ތިންވަނަބައި)
ވަރަށް ބޮލަށް ފަސޭހަދޯ މިދިޔަ ދުވަސްތަކުގައި އަހަރެންގެ ޚަބަރެއް ނުވީމަ؟ އަސްލު އަހަރެން އެދުވަހު މީހަކާ އިންނަ ވާހަކަ ބުނީ މަޖަލަކަށް. އަޒޫ ހަދާ އެއްޗެއް ބަލައިލަންވެގެން. އެހެން ހުއްޓާ އަހަރެން އެކްސިޑެންޓެއްވީ. އެހާ ބޮޑުވަރެއް ނުވޭ އެކަމު އަހަރެންގެ އަތް ބިންދައިގެން ދިޔަ.. ދެން ބޯވެސް ފެޅިފައޮތް. އެހާ ބޮޑަކަށް ނޫން.. މިހާރު އަހަންނަށް ފާޑަކަށް ޔަޤީން ވެއްޖެ.. އަޒޫއަށް އަހަންނަކީ އެއްވެސް މީހެއް ނޫންކަން.. ވެދާނެ އަހަރެން މެރީކުރާ ވާހަކަ ބުނީމަ އަޒޫ ޚަބަރު ނުވީކަމަށް.. އަޒޫ.. އަހަރެން ވަރަށް ބޮޑަށް ވިސްނާފައި ގޮތެއް މިނިންމީ.. އަހަރެން ގޮސްދާނަން އަޒޫގެ ލައިފްއާއި ދުރަށް.. އެކަމަކު އެއީ ޝަރުތެއްގެ މަތީން…”
މެސެޖްކިޔާ ނިންމާފައި އަހަރެން ރިޕްލައި ދިނީމެވެ. “އެއީ ކޮން ޝަރުތެއް؟”
= = = =
އަހަރެން ރިޕްލައި ކުރިތާ ފަސްވަރަކަށް މިނެޓް ފަހުން ދިޔާން ޓައިޕްކުރަން ފެށިއެވެ. “ހެހެ.. ސޮރީ.. ރިޕްލައި ލަސްވީމަ! ކަމަކާއިމެދު ވިސްނާލެވުނީ.. އަހަރެން މިހާރު މިނިންމީ އެއްވެސް ޝަރުތަކާއި ނުލައި އަޒޫއާއި ދުރަށް ދާން.. އަހަންނަށް ވަރަށް އުނދަގޫވާނެ.. އެކަމަކު އައި ވިލް ޓްރައި މައި ބެސްޓް.. އިރާދަކުރެއްވިއްޔާ ދެން އަހަރެން ދުވަހަކުވެސް އަޒޫއާއި އުނދަގުލެއް ނުކުރާނަން.. މިހުރިހާ ދުވަހު އަހަރެންގެ ފަރާތުން އެއްވެސް އުނދަގުލެއް ވެފައިވާނަމަ ނިހާޔަތަށް މަޢާފަށްއެދެން… ނިންމާލުމުގެ ކުރިން އަދި އެއްފަހަރު ބުނެލާނަން.. އެމް ވެރީ ސޮރީ ބަޓް އައި ސްޓިލް ލަވް ޔޫ ސޯ މަޗް.. ހިތް ހެޔޮކުރާތި.. އަބަދުވެސް ހެޔޮ ދުޢާ ކޮށްދޭނަން އިންޝާ ﷲ!.. ސަލާމް..”
ދިޔާންގެ ރިޕްލައި ކިޔާފައި އަހަރެންނަށް ބުނަންވީ ކީކޭކަމެއް ވެސް ނޭނގުނެވެ. ދިޔާން ކިޔާ ނުކިޔާއެއް މިހާރު އަހަންނަކަށް ފަހުމެއް ނުވެއެވެ. ކުރިން ބުނީ އަހަރެން ދޫކޮށްލާފައި ދުވަހަކުވެސް ނުދާނެ ވާހަކައެވެ. މިހާރު އެކިޔަނީ އެހެން ލަވައެކެވެ. ދާނީ ޝަރުތެއްގެ މަތިންނެޔޯލައެވެ. ދެން އެބުނީ އެއްވެސް ޝަރުތަކާއި ނުލައި ދާ ވާހަކައެވެ. ދިޔާން އަސްލު އެބުނަން އުޅެނީ ކީކޭ ހެއްޔެވެ؟
އިރުކޮޅަކުން މަންމަ އަހަންނަށް ގޮވަމުން އައިސް ކޮޓަރިއަށް ވަނެވެ. “ޕިސް..ޕިސް.. ދަރިފުޅާ އަޒްވާ! ދަރިފުޅު އުދި ބަތްތެލި އަނދާ ހުލިވެއްޖެ! ބަދިގެއިން ދުން އަރާތީ މިދިޔައީ ބަދިގެ ބަލައިލަން ވެގެން.. ދިޔައިރު ކަމަކުދާކަށް ނެތް. މަންމަގެ ބަދިގެ ކިރިޔާ ސަލާމަތުން ހުރިކަން..”
“އޭނނ! އަޅުގަނޑު ކޮންއިރަކު މިއަދު ބަތް….. ހިހި ސޮރީ… ހަނދާންނެތުނީ…” މަންމަ ބުނީ ކީކޭކަން ފަހުމްވުމުން އަހަރެން ފާޑަކަށް ރަކިވިއެވެ. “މިހާރު ކޮން އިރެއް މަންމަ އަޒްވާ ގާތު ބަތް އުދަން ބުނިތާ؟ ހަނދާންނެތުނީޔޯ! ހަނދާންވާނެތަ؟ އަބަދު ތިއިންނަނީ ތިޔަ ލެޕްޓޮޕެއް ދޮށުގައި.. މިހާރު ތިސޮރާއި އިންނަން ވެއްޖެއެއްނު؟” މަންމަ އެންމެ ފަހުން އެބުނި ވާހަކައަކުން އަހަރެންގެ ހިތް ބިރުން ހުއްޓުނު ކަހަލައެވެ. ސިހިފައި އަހަންނަށް އަހައިލެވުނެވެ. “ކޮ.. ކޮން ސޮރެއް؟”
“މީނދަ ފެންނަ ލެޕްޓޮޕް ގަނޑެއްނު؟ މިސޮރާއި އިންނަވަރު ވެއްޖެއޭ.. އަބަދު އެ ދޮށުގައި…” އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. އަހަރެން ހީކުރީ ހުރިހާކަމެއް މަންމައަށް ފަޅާއެރީކަމަށެވެ. އެހެން ވެއްޖެއްޔާ އަހަރެންގެ ޒަމާން ދިޔައީއެވެ. މަންމަ އިތުރު އެހެން ސުވާލެއް ކޮށްފާނެތީ އަހަރެން އަވަހަށް ކޮޓަރިން ނިކުމެފައި ބަދިގެއަށް މިސްރާބުޖެހީމެވެ.
ބަތް އުދާފައި އައިސް އަހަރެން އަނެއްކާވެސް އިންސްޓާރ ބަލައިލީމެވެ. ދިޔާން އިތުރު މެސެޖެއް ކޮށްފައެއް ނެތެވެ. ކޮންމެވެސް ރިޕްލައިއެއް ދޭން ޖެހޭނެއޭ ހިތައި އަހަރެން ދިޔާންގެ ޗެޓް ހުޅުވައިލީމެވެ. އަދި މެސެޖެއް ލިޔެފައި ފޮނުވައިލީމެވެ. ދިޔާން އޮފްލައިންގަ ކަންނޭނގެއެވެ. މެސެޖް ސީންއެއް ނުކުރެއެވެ. އޮލް ވާ އިރަކުން މެސެޖް އަންނާނެތާއެވެ. ލެޕްޓޮޕް ލައްޕާލުމަށްފަހު އަހަރެން ދެން އަވަސްވެގަތީ މަޣްރިބް ނަމާދު ބަންގި ގޮވަން ވާއިރަށް ވުޟޫކޮށް ނަމާދަށް ރެޑީވުމަށެވެ.
ހެނދުނުގެ ވަގުތެވެ. ބަދިގެ ތެރޭގައި އަހަރެން މަންމައާއި އެކީ ހެނދުނު ސައި ތައްޔާރުކުރަން އުޅެނިކޮށް މީހަކު ސަލާމްގޮވައިލި އަޑު އިވުނެވެ. އެއީ ވަރަށް ދަންނަ އަޑެކެވެ. އަހަރެން ބޭރަށް ނިކުމެފައި ސަލާމް ބަލައިގަތީމެވެ. ކުރިމަތީގައި ދަތްކޮޅު އަތަށް ނަގައިގެން ހެވި ދިއްލިފައި ޖަނަން ހުއްޓެވެ. އުފަލުންގޮސް އަހަންނަށް އަޑުގެ ނެތްތަނަށް ހަޅޭލަވައި ގަނެވުނެވެ. ދުވެފައި ގޮސް ޖަނަންގެ ގައިގައި ބައްދައިގަތީމެވެ. އަހަރެން ހަޅޭލަވައިގަތް އަޑަށް މަންމަވެސް ރިހަ ތެއްޔަށް ލާން ގެންގުޅޭ އުނދުޅި ހިފައިގެން މަގޭ ދަރިޔާއޭ ގޮވަމުން ބޭރަށް ނިކުތެވެ.
“އަހަ! ޖަނަން ދޯ! ސާބަސް…. ތިދެމީހުނަށް! މަންމަގެ… މޭގަނޑު… ކިރިޔާ އަތަށް…. ނައީ! ތިހާ ވަރަށް ހަޅޭލަވަން ޖެހޭތަ ދަރިފުޅާ؟” މަންމަ ހާސްވެފައި ހުރިވަރުން ވާހަކަ ދެއްކުން އިރުވެސް މާނޭވާ ލެވެމުން ދިޔައެވެ. މޭމަތީގައި އަތް އަޅައިގެން ހުރެ، ކުޑަކޮށް ހަމަޖެހިލުމަށްފަހު މަންމަ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. “ޖަނަން ކޮން ދަތުރެއް؟ ކޮން އިރަކު އައީ؟ ބުނެވެސްނުލާ ވިއްޔާ ތިފުއްމާލީ މިގޭ ދޮށަށް! މަންމަވެސް އައިތަ؟ ސައިބޮއެގެން އިނގޭ ދާންވާނީ..”
މަންމަ އެއްފަހަރާ ސުވާލު ފަތިވަރެއް އަމުނާލުމުން އަހަރެންގެ ގާތާށް ހިނިވެސް އައެވެ. ” ޕިސް ޕިސް މަންމާ! އިހަށް ޖަނަން ހަމަ ޖެހިލަންދެން މަޑުކޮށްލަބަ. އަދި ނުވެޔޭ ޓެސްޓު ޕޭޕަރު ހަވާލުކުރާކަށް” އަހަރެން އެހެން ބުނެފައި ޖަނަންގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަނީމެވެ. “އުހުން! އިޓްސް އޯކޭ ޒައިއްތާ! އަޅުގަނޑު ވަރުބައްޔެއް ނޫން.. މީ ހަމަ މަންމަގެ ރައްޓެއްސަކު ކޮންމެވެސް ދިވެހި ބޭހެއް ކުރަންވެގެން މިރަށަށް ޖައްސާލި ޖައްސާލުމެއް. ބޮޑުބެ ލޯންޗުގައި ވިއްޔާ އެމީހުން އައީ… އަޅުގަނޑު މި އަޒްވާގަނޑު ކައިރިއަށް އަންނަ ހިތުން މަންމަ ކައިރީ ރޮއެގެން މިއައީ.. ހާލަކުން ފަހަރަކުވިއްޔާ މި އާދެވެނީވެސް… މަންމަ ނާދެ..” ސިޓިންގރޫމް ސޯފާގައި އިށީންނަމުން ޖަނަން، މަންމަގެ ސުވާލުތަކަށް ޖަވާބުދިނެވެ.
މަންމަ ކުޑަކޮށް ޖަނަންއަށް ވާހަކަ ދައްކާލަން އިނދެފައި ކާގެއަށް ސައި ރެޑީކުރަން ދިޔައެވެ. ޖަނަން ފޫހިވެދާނެތީ އަހަރެން ޖަނަން ގާތުގައި މަޑުކޮށްލީއެވެ. “އަޒޫ މިއަދު ފިހާރައަށް ނުދާ ދުވަހަކީތަ؟ މަ މިއަދު ފިހާރަދޮށަށް ދިޔައިރު ކައުންޓާރ ދޮށުގައި އަޒޫގެ ބައްޕަ އިނީ.. އެހެންވެ މިއައީ މިގެއަށް” ޖަނަން އަހާލިއެވެ.
“އާނ! މިއަދުމީ އަހަރެންގެ އޮފް ދުވަހޭ! ނަސީބެއްނު މިއަދު ޖަނަންއަށް އާދެވުންކަން… ދެން މިއަދު ދާންތަ ތިއައީ އަނެއްކާ؟ ކޮން އިރަކުއޯ ފުރަނީ” ހިތާހިތުން ޖަނަންގެ ފުރުން ލަސްވުމަށް އެދި ދުޢާ ކުރަމުން އަހަރެން އަހާލީމެވެ. އަހަރެން ބޭނުންވަނީ ދެތިން ދުވަހު ޖަނަން މިރަށުގައި މަޑުކުރާށެވެ.
” މިއައީ ދެދުވަހަށް! އެހެންވެ އެއްނު ބެކްޕެކް ހިފައިގެން މިއައީ.. ބޮޑުބެވެސް މިދެދުހު ލޯންޗް މާލެ ނުދާގޮތަށް އޮތީމަ.. އެހެންނޫނީ މަ މިއަދު ހުންނާނީ ރަށުގަ ވިއްޔާ.. އެމް ސޯ.. ސޯ.. ހެޕީ އަޒޫ ގާތު 2 ދުވަހު މަޑުކުރެވޭތީ” ޖަނަން އުފަލުން ފޮޅިފަ އިނދެ ވާހަކަ ދައްކަމުން ދިޔައެވެ. ޖަނަން މަޑުކުރާ ގޮތަށް އައީތީ މާތް ﷲ އަށް ޙަމްދުކުރެވުނު އަދަދެއްވެސް އަހަންނަކަށް ނޭނގެއެވެ.
” ހެހެ.. ވާއޯއޯ.. މީޓޫ… އަލްޙަމްދުލިﷲ! ދެން ދޭބަލަ ރީތިކޮށް ރެޑީވެލައިގެން އަންނަން.. މަ ބަނޑުހައިވެސް ވެއްޖެ.. ޖަނަންއާއެކީ ސައިބޯހިތުން ގޮސް.. އެކަމު މީގެ އިރުކޮޅެއް ކުރިންނޭ މަ އެއްޗެއް ކެއީ”
އަތުގެ އިޝާރާތުން ކޮޓަރި ދައްކާލަމުން އަހަރެން ބުނީމެވެ.
“ހުމްމްމްމް… މާ ހެޕީވެފަ އަދި އިންނާނެ ކަމެއް ނެތް.. އަޒޫ ތިހިރީ ވަރަށް ބޮޑަށް ކުށްވެރި ވެފައި.. ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފައި އެބައޮތް.. އެކަމު އެއީ މިތާކު ނޫން.. ސައިބޮއެގެން ހިނގާ ބީޗަށް ދާން ދޯ”
މޫނު ކުނިކޮށްލަމުން ޖަނަން އެބުނި ވާހަކައިން އަހަރެން ވަރަށް ހައިރާންވިއެވެ. މިހާރު އަނެއްކާ ކިހިނެތްވީ ހެއްޔެވެ؟ އަނެއްކާ އަހަރެން ސިއްރުކޮށްގެން އުޅޭ ކަންތައް އެނގުނީބާއެވެ؟ މަ އަދި މިއުޅެނީ އެވާހަކަ އަދި ނުބުނެވިގެންނެވެ…ޖަނަން އެބުނަން އުޅެނީ ކޮން ވާހަކައެއްބާއެވެ؟
“ޖަނަން.. ކިހިނެތްވީ؟ ކީ..ކީއްވެ ކުށްވެރިވީ؟ ކޮން ވާހަކައެއްތަ؟ މިހާރު ބުނަންވީނު؟ މަ ވަރަށް ނާވަސްވެއްޖެ މިހާރު.. ބިރުވެރި ވާހަކައެއްތަ؟.. ކަމެއް އެނގުނީތަ؟.. މަވެސް އެބައޮތޭ ވާހަކައެއް ބުނަންވެފަ..” ހާސްވެފައި ހުރެ އަހަރެން އަހާލީމެވެ. “ހާދަ ހާސްވީ؟.. އާނ ފާޑަކަށް ބިރުވެރި ވާހަކައެއް. އެކަމަކުވެސް ހަމަ ބީޗަށް ގޮސްފައި ބުނާނީ.. އަޒޫ ތިބުނަން އުޅޭ ވާހަކަވެސް އެތާ ބުނޭ އިނގޭ! މަ މިދަނީ ރެޑީވެލަން”
ޖަނަން ފާހާނާއިން ނިކުތުމުން އަހަރެންވެސް އަވަހަށް ފާހާނާއަށް ވަނީމެވެ. އޭރުވެސް އަހަރެންގެ ހިތް ހާސްވެގެން ހީވަނީ ހަށިފަޅައިފައި ނިކުމެދާނެހެނެވެ. ޖަނަން އެހެން ބުނި އިރު މޫނުމަތިންވެސް ފެނުނީ ސީރިއަސްކަމެވެ. އެހެންވެ ހައްތަހާވެސް ހާސްވަނީއެވެ.
ސައިބޮއެގެން ދެމީހުންވެސް ސައިކުގައި ނައްޓާލީ ބީޗާ ދިމާލަށް ދިއުމަށެވެ. އޭރުވެސް އަހަރެންގެ ކެތްތެރިކަން ކޮޅުންލައިގެން ގޮސް ހީވަނީ މޮޔަވެދާނެ ހެންނެވެ. “ދެން.. ޖަނަން .. އަހަރެން ތިވަރަށް ނުތަޅުވާ ބުނެބަލަ ދޯ.. ކޮން ވާހަކައެއްތަ؟”
“ސާބަސް އަޒޫއަށް! އިހަށް ކެތްތެރިވެބަލަ ދޯ! ރީއްޗަށް ހަމަޖެހިލައިގެން ދައްކާކަހަލަ ވާހަކައެކޭ އެއީ.. ދެންވެސް ހަމަޖެހިލައިގެން އިނދެ ތިދުއްވަބަލަ!” ޖަނަން އަހަރެންގެ ބޮލުގައި އަތުން ޖަހާލުމަށްފަހު ބުންޏެވެ.
10 ވަރަކަށް މިނެޓްގެ ތެރޭގައި އަހަރެމެންނަށް ތުނޑިއާއި ހަމައަށް އާދެވިއްޖެއެވެ. ސައިކަލު އެހިސާބުގައި ހުރި ހިރުނދުގަހެއް ދޮށުގައި ބަހައްޓާފައި އަހަރެމެން ދިޔައީ އެތާކައިރީ ބަހައްޓާފައި ހުރި ބެންޗުތަކުން ބެންޗެއްގައި އިށީންނާށެވެ. ޖެހެމުންދިޔަ ފިނިފިނި ވައިން އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ނަސީބަކުން އެގަޑީގައި އަހަރެމެން ދެމީހުން ފިޔަވައި އިތުރު އެއްވެސް މީހެއް ފެންނާކަށް ނެތެވެ.
“އޭތް.. އޭތް.. އެތަން ބަލާނީ ފަހުން.. ދެން.. ދެން ތިބުނާ ވާހަކައެއް ބުނެބަލަ ލަސްނުކޮށް” މޫދާ ދިމާލުގައި ފަރިފަރިކޮށް ހިނގަމުން ދިޔަ މާކަނާއަކަށް ގެއްލިފައި ޖަނަން އިނުމުން އޭނާގެ ގައިގައި ކޮއްޓާލަމުން އަހަރެން ބުނީމެވެ.
“އެވާހަކަ ދޯ؟.. ކޮބާ މިހާރު އެއްކަލަ ދިޔާން؟” ޖަނަން އަހާލިއެވެ. އެސުވާލުން އަހަރެންނަށް ފުރަތަމަވެސް ލިބުނީ ހައިރާންކަމެކެވެ. ޖަނަން، ދިޔާންގެ ވާހަކަ ދައްކަންވީ ކީއްކުރަން ހެއްޔެވެ؟ އެވަރަކުން އަހަރެން މިތަނަށް އެގެނައީ އެބުނާ ދިޔާންގެ ވާހަކަ ދައްކަން ހެއްޔެވެ؟ ވަރަށް ފޫހިވެއެވެ. ” ޖަނަން ކީއްކުރަންތަ އޭނަ ތި ހޯދަނީ؟ އޭނަގެ ވާހަކަ ދައްކަންތަ މިތަނަށް ތިއައީ؟ މަށަކަށް ނޭނގެ އޭނަ ވީތަނެއް! އަހަރެން މިދަނީޔޯ ދެން އަޒްވާ ދޫކޮއްލާފައި ދެން އުނދަގޫނުކުރާނަމޯ.. ސޮރީޔޯ…ބްލާ..ބްލާ..ބްލާ… އެހެން ކިޔާފައި ދިޔަ މީހާ ހަބަރެއްވެސް ނުވެ… އޭނަ އުޅޭތަނެއްގައި އުޅެފާނެއެއްނު”.. ހިތްހަމަނުޖެހިފައި އިނދެ އަހަރެން ބުނީމެވެ.
“ހެހެ.. އެހެންދޯ.. ދެން އޭނާ ނުވާނެ ޚަބަރެއް… އޭނަ އެދިޔައީ ދެން.. އޭނާ ނާންނާނެ!”
މަލާމާތުގެ ރާގަކަށް ހީނލުމަށްފަހު އަޒޫ އެހެން ބުނުމުން ބޭއިޚްތިޔާރުގައި އަހަންނަށް ތެދުވެވުނެވެ…”ވަޓް؟ ކީކޭ.. ނާންނާނެޔޭ؟”
(ނުނިމޭ)
3 ވަނަ ބައި ލަސްވީތީ ވަރަށް ބޮޑަށް މަޢާފަށް އެދެމެވެ. ރަމަޟާްން މަހަށްވީތީ ބިޒީވެގެން ލިޔާނެ ވަގުތުނުވީއެވެ. މިފަހަރު 3 ވަނަ ބައި ލަސްވީތީ މިބައި މިގެނެސްދިނީ ތަންކޮޅެއް ދިގުކޮށްނެވެ. މިބައިވެސް ކިޔުންތެރިންނަށް ކަމުދާނެކަމަށް އުއްމީދުކުރަމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


mi part ves reethi dhn in bai avahah gennachey and mihen dhigukoh
Jazakillah khairan.. Zaha
Yes! In shA Allah… Avahah geneveythw mi try kuranii… ❤️🌸