އެންމެން ވެސް މަޖާ ވާހަކަތަކުގައި ތިބެގެން ކައި ނިންމައިލި އިރު އުފާވެރިކަން ވެރިނުވާ އެއްވެސް ހިތެއް ނެތެވެ. ޝަޔާމް އެހައި އަވަހަށް އެ ޢާއިލާގެ އެންމެންގެ ހިތުން ވެސް ޖާގައެއް އަތުލައިފިއެވެ. އެ ހަރުދަނާ ޝަޚުސިއްޔަތާއި، ޒިންމާދާރު ކަމާއި، މަޑުމައިތިރި މިޒާޖުގެ ސަބަބުން ޔައިނާ އާއި މިލާނަށް ވެސް ޝިޔަލް ނުހަނު ކަމުދިޔައެވެ. ޝަޔާމް ޔަލީންއާ ދޭތެރޭގައި ކަންތައް ކޮށްދޭ ގޮތާއި، ޔަލީންއާ ދިމާއަށް ބަލައިލާ ގޮތުން އެކަނިވެސް، ޔައިނާއާއި މިލާނަށް ޝަޔާމް ޔަލީން ދެކެ ވާ ލޯބި ދޭހަވިއެވެ. ޝަޔާމް އެމީހުންގެ ދަރިފުޅު ރަނގަޅަށް ބަލައިދޭނެ ކަމާއި މެދުގައި، އެ ހިތްތަކުގައި އޮތް ޔަގީންކަން އިތުރުވިއެވެ.
ކެއުމަށް ފަހު ޔަލީން އާއި ޝަޔާމް ބެލްކަންޏަށް ނުކުމެލީ އެކަނިވެލުމަށެވެ. ރެއިލިން ކައިރި ދެމީހުން ތިބި އިރު، އެދެމެދުގައި ތަފާތު ވާހަކަތައް ދެކެވެމުން ދިޔައެވެ.
“ޔަލް.. މަންމަ އެބަ ގޮވާ..” ޔައިލް އެތަނަށް އައިސް ހުއްޓިލަމުން ބުނުމާއި އެކީ، ޝަޔާމް ގާތު އެބަ އަންނަމޭ ކިޔާފައި، އެތެރެއަށް ވަންނަން ހިނގައިގަތެވެ.
“ޝަޔާމް..” ޔަލީން ދިޔުމާއި އެކު ޔައިލް އޭނާ ދައްކަން ބޭނުންވި ވާހަކަ ފެށިއެވެ.
“އަހަރެންގެ ހުރީ އެންމެ ކޮއްކޮ އެއް.. ޔަލް ދެކެ އަހަރެން ހިތާ ފުރާނައިން ލޯބިވަން.. އެ ކޮއްކޮއަށް ލިބޭ ކޮންމެ ހިތާމަ އަކީ އަހަންނަށް ވެސް ލިބޭ ހިތާމައެއް.. ދުވަހެއްގެ ކޮޅުން ވެސް ޔަލީން ހިތުގަޖެހޭ ފަދަ ކަމެއް ނުކުރައްޗޭ.. ކިތަންމެ ގަދަވެލާފަ މަޖާކޮށް އުޅުނަސް ޔަލް ވަރަށް ސެންސިޓިވް ވާނެ.. އަހަރުމެން ޔަލް ބޮޑުކުރީ ވަރަށް ލޯބިން.. ޝަޔާމް ވެސް ހަމަ އެހައި ލޯބިން ޔަލް ގެންގުޅޭނެ ކަމަށް އަހަރެން އުއްމީދު ކުރަން.. އަހަރެންގެ ހުރި ހަމައެކަނި ކޮއްކޮ އަހަރެން ޝަޔާމްއާ މި ހަވާލު ކުރަނީ ވަރަށް އިތުބާރު ކޮށްފަ.. އެ އިތުބާރު ގެއްލޭ ފަދަ ކަމެއް ނުކުރާނެ ކަމަށް އުއްމީދު ކުރަން..” ޔައިލް ދެއްކި ކޮންމެ ވާހަކައެއް ޝަޔާމް ދިޔައީ ކަނުލައި އަޑު އަހަމުންނެވެ.
“ދޮންބެ ހާސްނުވޭ.. އަހަރެން ވެސް ޔަލް ދެކެ ވަރަށް ވަރަށް ލޯބިވޭ.. ޔަލްއަށް ލިބޭ ކޮންމެ ދެރަ އަކީ އަހަންނަށް ވެސް ލިބޭ ދެރައެއް.. އިރާދަ ކުރެއްވިއްޔާ ދުވަހަކުވެސް ޔަލް ހިތުގަޖެހޭ ފަދަ ކަމެއް ނުކުރާނަން.. ވަރަށް ލޯބި ދީގެން، އެހާ ލޯބިން ޔަލް ގެންގުޅޭނަން..” ޝަޔާމް ޔަގީންކަން ދިނެވެ. އެއާއެކު ޔައިލްގެ ހިތަށް ލިބުނު ފިނިކަމުން ޝަޔާމް ގައިގައި ބައްދައިލާފައި، ޢާއިލާއަށް މަރުޙަބާ ކިޔެވެ. ދުވަހަކުވެސް އެއްބަނޑުއެއްބަފާވަންތަ ކަމުގެ ލޯބި އިހުސާސް ކުރެވިފައި ނުވާ ޝަޔާމްއަށް ޔައިލްގެ ފަރާތުން އެ ލޯބި އިހުސާސް ކުރެވުމުން، އިންތިހާއަށް އުފާވިއެވެ.
“މި ދޮންބެގަނޑު ނުބައިކަން ބަލާބަލަ! ހަދާ ބޮޑު ދޮގު! މަންމަ ބުނި ނުވެސް ގޮވަމޭ.. އަހަރެން ފޮނުވައިލާފަ ޝަޔާމް ބިރުގަންނުވާލީ ދޯ ތި..؟” އެވަގުތު އެތަނަށް އައި ޔަލީން ޔައިލްއާ ދިމާއަށް ކުދި ކިޔައިގަތެވެ.
“ސާބަހޭ ދައިތަގަނޑާ.. ދޮންބެ ޝަޔާމްއާ ކުޑަ ވާހަކައެއް ދައްކައިލީއޭ.. މި ދަނީއޭ ދެން..” ޔަލީންއަށް ލޯ އަޅައިލަމުން ޔައިލް ބެލްކަނިން ނުކުންނަން ދިޔައެވެ.
“ޔަލްގެ ދޮންބެ ވަރަށް ލޯބިވޭ ޔަލް ދެކެ.. އަހަރެން ގާތު ދެންމެ އެ ބުނީ ދުވަހަކުވެސް ޔަލްއަށް ދެރަ ގޮތެއް ނުހަދައްޗޯ..” ޔައިލް ބުނި ވާހަކަތައް ޝަޔާމް ޔަލީންއަށް ކިޔައިދިނެވެ.
“ދޮންބެ އަބަދުވެސް ވަރަށް ޕްރޮޓެކްޓިވް ވާނެ.. އެހެންވެ ބައެއް ފަހަރު ރުޅި ވެސް އާދޭ.. އެކަމަކު އެނގޭ އެއީ އަހަރެން ދެކެ ލޯބިވާތީ ކަން..” ޝަޔާމްގެ ކޮނޑުގައި ބޯ އަޅައިލަމުން ޔަލީން ބުނެލިއެވެ.
“ޔަލީންގެ ފެމިލީ ހާދަ ސަޅިއޭ.. އަހަރެން ވަރަށް ލައިކް ވެއްޖެ..” ޔަލީންގެ ބޮލުގައި ބޯ ޖައްސައިލަމުން ޝަޔާމް ބުނެލިއެވެ.
“އަހަރެން ދެކެ ލައިކްވާ ވަރަށް ވުރެ ބޮޑަށް އެކަމް ލައިކް ނުވައްޗޭ ކޮންމެސް..” ޔަލީންގެ ވާހަކައިން ޝަޔާމްގެ ލުއި ހުނުން އެތަނުގައި ގުގުމައިލުމާއި އެކު ޔަލީންއަށް ވެސް ހިނިތުން ވެވުނެވެ.
“އަހަރެންގެ ފެމިލީ ވެސް ޝަޔާމް ދެކެ ވަރަށް ލައިކް ވޭ.. ބައްޕަމެން ވާހަކަ ދެއްކި ގޮތުން އެކަނި ވެސް އެނގޭ ޝަޔާމް ވަރަށް ކަމުގޮސްފިކަން.. ދެން އެހެން ނޫނަސް އަހަންނަށް މާ ކުރިން ވެސް އެނގޭ އެމީހުންނަށް ޝަޔާމް ކަމުދާނެކަން.. ތިހާ ޕަރފެކްޓް މީހަކު ދެކެ ލައިކް ނުވާނީ ކާކުތަ..؟” ޔަލީންގެ ތަޢުރީފުން ފިރިހެނެއް ނަމަވެސް ޝަޔާމް ލަދުގަތެވެ.
“ތިވަރަށް ގޯނި ފުލަށް ނުލިޔަސް ހެވޭ ދެން..” ޔަލީންގެ ނޭފަތުގައި ހިފައިލަމުން ޝަޔާމް ބުނެލީ ލާނެތް ރާގަކަށެވެ.
“ދެން ކޮން އިރަކުންތަ ޝަޔާމްގެ ބައްޕަ ގާތު އަހަރެމެންގެ ވާހަކަ ބުނަނީ..؟” ޔަލީންގެ ސުވާލުން ޝަޔާމްއަށް ވެސް ވިސްނައިލެވުނެވެ. މިހާރުވެސް ބައްޕަ ގާތު ބުނަން މާ ލަސްވެއްޖެޔޭ ޝަޔާމްގެ ހިތަށް އެރިއެވެ.
“އަހަރެން މާދަމާ ބައްޕައާ މި ވާހަކަ ދައްކާނަން.. އޯކޭތަ..؟” ޝަޔާމް އަހައިލުމާއެކު ޔަލީން އުފާވެފައި ބޯޖަހައިލިއެވެ. ޝަޔާމް ވެސް ހިނިތުންވަމުން ޔަލީންގެ ނިތުގައި ބޮސްދިނެވެ.
ޔަލީން ގާތުގައި ވަޢުދު ވީ ފަދައިން، އޭގެ އަނެއް ދުވަހު ޝަޔާމް އޭނާގެ ބައްޕަ ގާތު ޔަލީންގެ ވާހަކަ ދެއްކިއެވެ. އޭނާގެ ހޮވުމާއި ދޭތެރޭގައި ބައްޕަ އެއްވެސް ވަރަކަށް ޝައްކު ނުކުރީތީ، ޝަޔާމް އުފާވިއެވެ. ހެޔޮހިތުން ދަނބިދަރިފުޅެއްގެ ގޮތުގައި ޔަލީންއަށް މަރުޙަބާ ކީތީ، ޝަޔާމް ވަރަށް ހިތްހަމަޖެހުނެވެ. ދެން އޮތީ، ޝަޔާމްގެ ބައްޕަ ޔަލީންގެ ޢާއިލާ އާއި ބައްދަލު ކުރުމެވެ.
*** ** ***
“އަހަރުމެންގެ ދަރިން އަސްލުވެސް ވަރަށް ނަސީބުގަދަ ދޯ ޔައި..؟ އެހާ ލޯބިވާ ބައިވެރިންތަކެއް އެކުދިންނަށް އެ ލިބުނީ..” މިލާން ވާހަކަ ދައްކަމުން ދިޔައީ ކައިރީގައި އިން ޔައިނާ އާއެވެ.
“އަސްލުވެސް.. އަހަރެން ހާދަ އުފާވޭ.. އަޒް ވެސް ޔައިލް އަށް އެހާ ރަނގަޅު.. އަނެއްކޮޅުން ޝަޔާމް ހުންނަނީ ޔަލީންއައިގެން އަވަދިވެފަ.. ރޭގަވެސް އުޅުނު ގޮތް ދުށީމެއްނު..” ޔައިނާ ވެސް ހުރީ ދަރިންގެ ހޮވުމާއި މެދު އިންތިހާއަށް އުފާވެފައެވެ.
“އަސްލު އަހަރުމެންގެ ކުދިންނަށް ރަނގަޅު ބައިވެރިން އިޚްތިޔާރު ކުރަން އެނގުނީ އަހަރެމެން ދެއްކި ނަމޫނާއިން.. އިރާދަކުރެއްވިއްޔާ އަހަރެމެެންގެ މާމަކާފަ ދަރީންނަށް ވެސް ފެންނާނީ ހަމަ އެކަހަލަ ނަމޫނާއެއް..” ޔައިނާގެ ގައިގައި އަތް ވަށައިލަމުން މިލާން ބުނެލިއެވެ. އެއާއެކު ޔައިނާ ވެސް ހިނިތުންވަމުން މިލާންގެ ކޮނޑުގައި ބޯ އަޅައިލީ ހަގީގަތުގައި ވެސް ހިތްހަމަޖެހިފައި ހުރެއެވެ.
އެހެނަސް، އެ އުފާވެރިކަން ކުޑަކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވިއްސިވިހާލިވެގެން ހިނގައިދާނެ ކަމަށް އެކަކަށް ވެސް ހީކުރެވިފައި ނެތުމަކީ ކުރެވޭ ވަރަށް ބޮޮޑު ކުށްހީއެކެވެ. އެތައް އަހަރެއް ކުރީގެ މާޒީގެ ހިޔަނި، ދަރީންގެ ޙަޔާތަށް އެޅިދާނޭ ކަމަށް ހީކުރެވޭނީ ވެސް ފަހެ ކިހިނަކުން ހެއްޔެވެ؟
*** ** ***
ކޮލެޖުން ނިމުނު ގޮތަށް ޒައުލް އާރާ އަށް ގުޅައިލިއެވެ. އެހެނަސް އާރާ ނިމޭނީ އަދި ގަޑިއެއްހައި އިރު ފަހުން ކަމަށް ބުނުމުން ޒައުލް ދިޔައީއެވެ. ގެއަށް ދާން އުޅެފައިވެސް، ޒައުލް ވިސްނުން ބަދަލުކޮށްލީ އޭނާ ހިތުއަޅައިގެން އުޅުނު ކަންތައް މިއަދު ކުރުމަށް ނިންމަމުންނެވެ. ސައިކަލުގެ މިސްރާބު ބަދަލު ކޮށްލި އިރު، އޭނާގެ މަންޒިލަކަށް ވެފައިވަނީ އަފާންގެ ގެއެވެ.
ސައިކަލު ޕާކު ކޮށްލުމަށް ފަހު ޒައުލް ގޮސް ގޭގެ ދޮރުގައި ޓަކި ޖަހައިލިއެވެ. ދޮރު ހުޅުވި ޒާރާ ހިނިތުންވެލާފައި ޒައުލް ގާތު އެތެރެއަށް ވަންނާށޭ ބުނެލިއެވެ. ޒައުލް ވެސް ގަދަ ކަމުން ހިނިތުންވެލާފައި އެތެރެއަށް ވަން އިރު، އަފާން ކޮބައިތޯ އަހައިލިއެވެ.
“ތުއްތު ވީ ފާހަނައިގަ.. ދެންމެ އޮފީހުން އެ އައީ.. ޒައުލް ސައިބޯން ވީނު..” ޒާރާ ޖަވާބު ދިނެވެ.
“ނޫން ތުއްތު ދައްތާ.. މި އައީ ތުއްތުއާ ތުއްތު ދައްތައާ ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެގެން..” ޒައުލް ބޭނުންވީ ސީދާ މަޢުޟޫޢު އަށް ދާށެވެ.
“އެހެންވީރު މިތާ އިށީނދެލާ.. އެބަ އަންނަން ތުއްތުއަށް ގޮވައިލާފަ..” ޒާރާ ދިޔައީ އަފާންއަށް ގޮވާށެވެ. ބޮޑު ކަމެއް ވެގެން ނޫނީ ޒައުލް އެގޮތަށް އެމީހުންނާއި ވަކިން ބައްދަލުކޮށް، ވާހަކަ ދައްކަން ބޭނުން ނުވާނެކަން ޒާރާއަށް ޔަގީން ވެއެވެ.
ފަސްވަރަކަށް މިނެޓު ފަހުން ޒާރާ އަފާން ގޮވައިގެން އައުމުން ޒައުލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ދެމީހުން އައިސް ޒައުލްގެ ކުރިމައްޗަށް ވާ ގޮތަށް ސޯފާގައި އިށީނުމުން، ޒައުލް ބަލައިލީ ސީދާ ދެމީހުންގެ ލޮލަށެވެ.
“ތުއްތު ދައްތަ ބުނި ޒައުލް ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެގެންނޯ.. އަނެއްކާ ނާޗަރަންގީއެއް ކުޅެލައިގެން ބައްޕައަށް ބަސްޓު ވީތަ..؟” ލާނެތް ރާގެއްގައި އަފާން އަހައިިލީ، މީގެ ކުރިން ވެސް ޒައުލް ސިޔާސަ ކަމެއް ކޮށްލައިގެން އަޒާން ރުޅި އަންނަ އިރު، އެންމެ ފުރަތަމަވެސް އެހީއަކަށް އެދެން އަންނާނީ އަފާން ކައިރިއަށް ކަމަށް ވާތީއެވެ.
“ނޫނޭ ތުއްތު.. ވަރަށް ސީރިޔަސް ކަމެއް..” ޒައުލްގެ އަޑުގައިވީ ސީރިޔަސް ކަމުން އަފާން އާއި ޒާރާގެ ހިތް ވެސް ނުބައި ގޮތަކަށް ތެޅިލިއެވެ. އަބަދުވެސް ލާނެތް މޫޑެއްގައި ހުންނަ ޒައުލް މިހައި ސީރިޔަސް ކޮށް ވާހަކަ ދައްކާނީ ވަރަށް ބޮޑު ކަމެއް ވީމައިކަން ދެމީހުންނަށް ވެސް ޔަގީން ވެއެވެ.
“އާރާއަށް ހަގީގަތް ކިޔައިދޭނީ ކޮން އިރަކުން..؟” ޒައުލް ކުރިމަތި ކުރުވި ސުވާލުން އަފާން އާއި ޒާރާގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ. ނޭނގޭ ބާރުމިނެއްގައި ދެ ހިތް ވެސް ތެޅެން ފެށި އިރު، އެކަކު އަނެކަކަށް ބަލައިލިއެވެ.
“ކޮން ހަގީގަތެއް..؟” އަފާން އަހައިލީ ފަހަރެއްގައި ޒައުލް އެ ދައްކަނީ އެހެން ވާހަކައަކަށް ވެދާނެ ކަމަށް ބެލެވުނީމައެވެ. އެހެނަސް، މި އޮތީ ހަގީގަތާ ކުރިމަތިލާން ޖެހޭ ވަގުތު އައިސްފައި ކަމަށް އަފާންގެ ހިތުގެ ކަނަކުން އިންޒާރު ދެމުން ދިޔައެވެ.
“އާރާ އަކީ ކާކުގެ ދަރިއެއް..؟” ދެން ޒައުލް ކޮށްލި ސުވާލުން އެތަނުގައި ހީވީ ބޮމެއް ގޮއްވައިލެވުނު ހެންނެވެ. ޒާރާ އަފާންގެ އަތުގައި ހިފައި ބާރުކޮށްލި އިރު، އެ ދެލޯ ފެންކަޅި ވެއްޖެއެވެ. އަފާން ވެސް ހުއްޓުން އަރާފައި އިން ގޮތަށް އިނދެވުނީ، އެހައި ދުވަސް ވާންދެން ފޮރުވައިގެން އުޅުނު ކަމެއް ޒައުލްއަށް އެނގުނީ ކިހިނެއް ބާވައޭ ހިތަށް އަރާފައެވެ.
“ތި ހިތަށް އަރަނީ އަޅުގަނޑަށް އެނގުނީ ކިހިނެއް ބާވައޭ ދޯ..؟ އެރޭ މަންމަގެ ކައްކާ ފޮތް ބަލަން ދިޔަ އިރު، އާރޫ ބޭރަށް ދިޔައީ އަޅުގަނޑު ގާތު އެ ފޮތް ގެނެސްދޭށޭ ބުނެފަ.. އެ ފޮތް އޮތް ވަތްގަނޑު ތެރެއިން ފެނުނީ ނޯޓުކޮޅެއް.. ސިޓީއެއް..” ޒައުލްއަށް ވެސް ވާހަކަ ދައްކަން އުނދަގޫ ވިއެވެ. މި ހިތި ހަގީގަތުން އޭނާގެ ހިތް ހަލާކުވީ އިރު، އަދި އާރާއަށް ކިހައި ވަރެއް ވާނެ ބާވައޭ ޒައުލްގެ ހިތަށް އެރިއެވެ.
“ހުރިހާ އެއްޗެއް ކިޔައިދީ ތުއްތު.. ޕްލީޒް..” އަފާންގެ އަތުގައި ހިފައިލަމުން ޒައުލް އެދުނީ އާދޭހުގެ ރާގަކަށެވެ. އެއާއެކު އަފާން ޒާރާއަށް ބަލައިލީ ކަރުނަވީ ދެލޮލުންނެވެ. ޒާރާވެސް އަފާންއާ ހަތަރުކަޅި ކޮށްލަމުން، ލަސްލަހުން ބޯޖަހައިލީ ހަގީގަތް ހާމަކުރަންވީ ވަގުތު މި ޖެހުނީއޭ ބުނާ ފަދައަކުންނެވެ. ޒާރާގެ ހުއްދަ ލިބުމާއި އެކު، އަފާން އޭނާގެ އަތުތެރޭގައިވީ ޒާރާގެ އަތަށް ބާރުކޮށްލަމުން، ފުން ނޭވާއެއ ދޫކޮށްލިއެވެ.
“އާރާ އަކީ އަހަރުމެންގެ ކުއްޖެއް ނޫން.. އެއީ ޒާރާގެ ކޮއްކޮ ޒާޔާއަށް ކައިވެނީގެ ބޭރުން ލިބުނު ދަރިއެއް..” އަފާންގެ ދުލުން އިވިގެން ދިޔަ ހިތި ހަގީގަތާއި އެކު ޒާރާއަށް ދެލޯ މަރައި ބާރުކޮށްލެވުނީ، އެއީ އަޑު އަހަން ބޭނުން ނުވާ ވާހަކައެއް ފަދައިންނެވެ.
“އެކަމަކު ދުވަހަކުވެސް ތުއްތު ދައްތަގެ ސިބްލިންގްއެއް ހުންނަ ވާހަކަ އެނގިފަކާ ނެތް..” ޒައުލް ހުރީ ހުރިހައި ކަމެއް އޮޅުންފިލުވުމަށް އަތުކުރި އޮޅާލައިގެން ހެން ހީވެއެވެ.
“އަޒް ލިބުމަށް ފަހު ޒާރާއަށް އިތުރު ކުއްޖަކު ލިބޭނެ ކަމުގެ އުއްމީދު ޑޮކްޓަރުން ގެއްލުވައިލި.. އަހަރުމެން ވަރަށް މަސައްކަތް ކުރިން.. ރާއްޖޭން ބޭރަށް ވެސް އެތައް ފަހަރަކު ދިޔައިން ބޭސް ކުރަން.. އެކަމަކު ކާމިޔާބުވާ ގޮތެއް ނުވި.. އެހެން ތިއްބާ.. އަހަރުމެންނަށް ލިބުނީ ވަރަށް އެހެން ކަހަލަ ޚަބަރެއް..” އެހައި ހިސާބަށް ކިޔައިދިނުމަށް ފަހު އަފާން އަނެއްކާވެސް މަޑުކޮށްލީ، އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލުމަށެވެ.
“ޒާރާގެ މަންމަ އަހަރުމެންނަށް ގުޅާފަ ބުނަނީ ޒާރާގެ ކޮއްކޮ ޒާޔާ ބަލިވެ އިން ވާހަކަ.. ފުރަތަމަ އަހަރުމެންނަށް ވެސް ގަބޫލު ކުރަން އުނދަގޫވި.. ޒާޔާ އަކީ އަބަދުވެސް ވަރަށް ބަސްއަހާ، މަޑުމައިތިރި ކުއްޖެއް.. އެހެންވެ އަހަރެމެން އަމިއްލަޔަށް ޒާޔާ ގާތުގަ އެހީ.. އެދުވަހު ޒާޔާ ރޮއެރޮއެފަ އަހަރުމެންނަށް ކިޔައިދިން އެއީ އޭނާގެ ކުށެއް ކަމަށް.. އޭރު އޭނަ އެންމެނަށް ސިއްރުން ރައްޓެހި ވެގެން އުޅުނު ކުއްޖާ އޭނާ ގާތު އެކަން ނުކޮށްފި ނަމަ ރުޅިވާނެ ކަމަށް ބުނި.. އޭނަ ދެކެ ވެވުނު ލޯތްބެއްގެ ސަބަބުން ޒާޔާއަށް އުނދަގޫވީ ނޫނޭކޭ ބުނަން.. އެކަމަކު އެ ފާފައަށް އަރައިގަނެވުނު ފަހުން އެކަމާ ޒާޔާ ހިތާމަ ނުކުރާ އެންމެ ދުވަހެއް ވެސް ނުވޭ.. ބަލިވެ އިންކަން އެނގުމުން އެ ފިރިހެނާ ވެސް ފިލީ.. ޒާޔާ މުޅިން އެކަނިވީ.. މުޅި ދުނިޔެއަށް ބިކަވީ.. ރަށު މީހުންގެ މަލާމާތާއި ފުރައްސާރައިގެ ޝިކާރައަކަށް ވީ.. އެންމެންގެ ނުރުހުމުގެ އަމާޒުފަތްގަނޑަކަށް ވީ..” އަފާންގެ ވާހަކަތަކުން ޒާރާއަށް ގިސްލަގިސްލާފައި ރޮވެން ފެށުނީ އެދުވަސްކޮޅު ލޯބިވާ ކޮއްކޮ އުޅުނު ހާލު ހަނދާން ވުމުންނެވެ.
“އެހެނަސް ޒާޔާ ތައުބާވި.. އާރާ އެބޯޓް ކޮށްލެވެން އޮއްވައިވެސް ޒާޔާ ނިންމީ އެ ދަރިފުޅު ދުނިޔެއަށް ގެންނަން.. ފާފަ މައްޗަށް ފާފަ ކުރަން ޒާޔާ ބޭނުން ނުވީ.. އެކަމަކު ރަށު މީހުން އެއްޗެހި ކިޔާ ވަރުން ޒާޔާއަށް ރަށުގައި އުޅެން ވެސް އުނދަގޫވި.. އެހެންވެ ޒާޔާގެ ބަނޑަށް ފަސްމަސް ވީތަނާ އަހަރުމެން އޭނަ މާލެ ގެނައީ.. އޭރުވެސް ޒާޔާގެ ކަމަކީ އަބަދު ރުއިން.. އެއްޗެއް ކެވެނީކީ ނޫން.. ދުވަހަކަށް ވުރެ ދުވަހެއް ޒާޔާގެ ހާލަތު ދިޔައީ ދަށް ވަމުން..” އަފާން ކިޔައިދިން ވާހަކަތަކުން ހިތަށް ކުރި ފުން އަސަރުން ޒައުލްގެ ހިތަށް ވެސް އުނދަގޫ ވަމުން ދިޔައެވެ. އަފާންގެ ކޮނޑުގައި ބޯ އަޅާލައިގެން އިން ޒާރާ އޭރުވެސް ދިޔައީ ގިސްލަގިސްލާފައި ރޮމުންނެވެ.
“ބަނޑަށް އަށް މަސް ވީތަނާ ދެން ޒާޔާ ކުރަން އުޅުނީ އަހަރުމެން ހީވެސް ނުކުރާ ކަހަލަ ކަމެއް.. އެދުވަހު ޒާރާއަށް އެވަގުތު ޒާޔާގެ ކޮޓަރިއަށް ނުދެވުނު ނަމަ ޒާޔާ އަމިއްލަ ފުރާނަ ނަގައިލީސް..” ޒާރާއަށް މޭމަތީގައި އަތް އަޅައި ބާރުކޮށްލެވުނީ އެދުވަހުގެ ހަނދާންތައް އަނެއްކައިވެސް އޭނާ ވަށައިލުމުންނެވެ. އެދުވަހު ހިތުގައިވީ ބިރުވެރިކަން އަނެއްކާ ވެސް އިހުސާސް ކުރެވެމުން ދިޔަ ފަދައެވެ. އެއްބަނޑުއެއްބަފާ ހުރި ހަމައެކަނި ކޮއްކޮ، އަމިއްލަ ފުރާނަ ނަގައިލަން އުޅުނު މަންޒަރު މިއަދުވެސް ޒާރާއަށް އުނދަގޫ ކުރަމުން ދިޔައެވެ.
“ޒައުލްއަށް ޒާރާގެ ވަތްގަނޑުން ތި ފެނުނު ނޯޓްކޮޅަކީ އެދުވަހު ޒާޔާ އެކަން ކުރުމުގެ ކުރިން އަހަރުމެންނަށް ލިޔެފަ އޮތް ނޯޓުކޮޅެއް.. އޭގަ އޮތީ އިތުރަށް މީހުންގެ މަލާމާތާ ކުރިމަތިލާނެ ހިތްވަރު ނެތް ކަމަށް ބުނެފަ.. އަދި މުޅި އާއިލާގެ ހިތާމައިގެ ސަބަބު ކަމުގައި ވީތީ މައާފަށް އެދިފަ.. އެންމެން ޒާޔާ ބާކީކޮށްލައި، ބިކަކޮށްލި އިރު، އަހަރެމެން ވީ އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އޮތް.. ޒާޔާގެ ދަރިފުޅު ސަލާމަތް ކޮށްދިނުމަށް އެދިފަ ވެސް އޮތް.. އަދި އެ ދަރިފުޅު އަހަންނާ ޒާރާއާ ހަވާލު ކަމަށް ބުނި.. އޭނާގެ ދަރިފުޅު އަަހަރުމެންގެ އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލައި، ބޮޑުކޮށް، ހަރުދަނާ ކުއްޖަކަށް ހަދައިދިނުމަށް އެދުނު.. ނަސީބު ދިމާކުރި ގޮތުން އެދުވަހު އަހަރެމެންނަށް ޒާޔާ ސަލާމަތް ކުރެވުނު.. އޭނަ ހަމައަކަށް އެޅުނީ އަހަރެމެން ވަރަށް ނަސޭހަތް ދީގެން.. ވަރަށް ވާހަކަ ދައްކައިގެން..” އަފާން ކިޔައިދެމުން ދިޔައެވެ.
“ވިހަން ދީފަ އޮތް ތާރީޚުގެ ހަފްތާއެއްހައި ދުވަސް ކުރިން ޒާޔާ ލޭބަރ އަށް ދިޔަ.. އެކަމަކު މާބަނޑު ދުވަސްވަރު ޒާޔާ އުޅުނު ގޮތުންނާ، ދިމާވި ކަންތައްތަކުން ވިހަން ވަރަށް އުނދަގޫވި.. އާރާ ނެގުނީ ވެސް އޮޕަރޭޝަން ކޮށްގެން.. އާރާ ވިހޭތާ ފަނަރަ މިނެޓު ވެސް ނުވެ ޒާޔާ އަހަރުމެންނާ ވަކިވީ.. ދުނިޔެ ދޫކުރުމުގެ ކުރިން އޭނާ އެދުނީ އެންމެ ކަމަކަށް.. އެއީ އޭނާގެ ދަރިފުޅު ރަނގަޅަށް ބަލައިދިނުމަށް.. ދަރިފުޅަށް އާރާގެ ނަމުން ނަން ދިނީ ވެސް ޒާޔާ.. އެއީ އަހަރެންގެ ނަމާ ޒާރާގެ ނަމާ އެއްކޮށްލާފައި، ޒާޔާ ދިން ނަމެއް.. އަހަރުމެންގެ އަމިއްލަ ދަރިއެއް ގޮތަށް، އަޒަލްއާ އެއްވެސް ތަފާތެއް ނުކޮށް، އާރާ ބަލައިދިނުމަށް އަހަރެމެން ގާތު ޒާޔާ ވަޞިއްޔަތް ކުރި.. މިއަދާ ހަމައަށް ވެސް އަހަރެމެން މި ދަނީ ޒާޔާގެ އެ އެދުން ފުރިހަމަ ކޮށްދެމުން..” އުނދަގުލާއި އެކުގައި ނަމަވެސް އަފާން އޭނާގެ ވާހަކަ ކުރިއަށް ގެންދަމުން ދިޔައެވެ.
“އަހަރުމެންނަށް އިތުރު ކުއްޖަކު ލިބެން ނެތް ދުނިޔޭގައި، ހަގު ދަރިއެއްގެ މަޤާމު ފުރައިލަދިނީ އާރާ.. އެންމެ ފުރަތަމަ އާރާ އަހަރެންގެ އަތުތެރެއަށް ލީ ދުވަހު ވެސް އާރާ އާއި މެދު އަހަރެންގެ ހިތް ލޯބިން ފުރިގެން އައި.. މިއަދާ ހަމައަށް ވެސް އެ ލޯބި ހަމަ ދެގޮތެއް ނުވެ އާރާ ދެކެ އަހަރެން ވޭ.. ދުވަހަކުވެސް އަހަރެންގެ އަތުން އެ ދަރިފުޅު ބީވެގެން ދާކަށް ނޭދެން.. އަޒް ދެކެ ލޯބިވާ ވަރަށް، އަހަރެން އާރޫ ދެކެ ވެސް ލޯބިވޭ.. އެ ލޯބިލޯބި ހީލުންތަކާ، މަޑުމައިތިރި މިޒާޖާ، އަހަންނާ ދިމާއަށް ބައްޕާއޭ ކިޔައި ގޮވައިލާ ކޮންމެ ފަހަރަކު ވެސް އަހަރެންގެ ހިތް އުފަލުން ފުރިގެން ދޭ.. އަހަންނާ ލޭގެ ގުޅުމެއް ނެތަސް އެއީ ހަމަ އަހަރެންގެ ދަރިއެއް.. ދުވަހަކުވެސް ނުބުނާނަން އެއީ އަހަރެންގެ އުފަން ދަރިއެއް ނޫނެކޭ..” ހިތަށް ކުރި ފުން އަސަރުން، އިތުރަށް ވާހަކަ ނުދެއްކިގެން އަފާން ދެއަތުން މޫނު ފޮރުވައިލިއެވެ. އިރުކޮޅެއް ނުވެ އަފާންގެ މަޑު ގިސްލުމުގެ އަޑު ވެސް އިވެން ފެށުމާއި އެކު، ޒައުލްއަށް ވެސް ރޮވުނެވެ. ސޯފާއިން ތެދުވެ، ދެއަތުން މޫނު ފުހެލާފައި، ފަހަތަށް އެނބުރު ޒައުލްގެ ދެލޯ ބޮޑުވީ، ދޮރުމަތީގައި ރޮވިފައި ހުރި އާރާ ފެނިފައެވެ.
“އާރޫ..” ޒައުލްގެ ދެތުންފަތް ފޫއަޅުވައިލާ އާރާގެ ނަން ކިޔައިލުމާއި އެކު، އަފާން އާއި ޒާރާއަށް ސިހިފައި ބަލައިލެވުނެވެ. އެވަގުތު ދޮރުމަތީގައި ރޮވިފައި ހުރި އާރާ ފެނިފައި ދެމީހުންގެ ހިތް ވެސް ޒަޚަމް ވިއެވެ. އެ ދަރިފުޅުގެ ކަރުނައިގެ ސަބަބަކީ އެދެމީހުން ކަމުގައި ހިތަށް އެރުމުން، ދެ ހިތަށް ވެސް އިންތިހާއަށް އަސަރު ކުރިއެވެ.
“ދަރިފުޅާ އާރޫ..” އާރާއާ ގާތަށް ފިޔަވަޅެއް އަޅާފައި އަފާން ގޮވައިލުމުން ވެސް އާރާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވުމުން އަފާން މާޔޫސްވިއެވެ.
“ނަވާރަ އަހަރު.. ވިހި އަހަރު ވަނީ.. އަހަރެންގެ އަސްލު މަންމަ ވެސް އަހަންނަށް ނޭނގޭ.. ކީއްވެ ނުބުނީ..؟” އާރާގެ އަޑުގައިވީ ޝަކުވާގެ އަސަރުން ޒާރާ އާއި އަފާންގެ ހިތަށް އަސަރު ކުރިއެވެ.
“މަންމަމެން ތިބީ ދަރިފުޅު ގާތު ބުނަން.. ރަނގަޅު ވަގުތަކަށް ބަލާ.. މީ މަންމަމެން ދަރިފުޅަށް މިކަން އެނގެން ބޭނުންވި ގޮތެއް ނޫން.. ގަބޫލު ކުރޭ ދަރިފުޅާ..” އާރާގެ އަތްތިލައިގައި ހިފައިލަމުން ޒާރާ ބުނެލި އިރު، އެ އަޑު ވަނީ ރުއިމުގެ ސަބަބުން ކުރަކި ވެފައެވެ.
މަޑުމަޑުން ޒާރާގެ އަތުތެރޭގައި އޮތް އޭނާގެ އަތް އާރާ ދަމައިގަތީ ޝަކުވާގެ ނަޒަރެއް ޒާރާއަށާއި އަފާންއަށް ދިނުމަށް ފަހުގައެވެ. ނަވާރަ އަހަރު ވާންދެން އުފަން މައިންބަފައިންގެ ގޮތުގައި ދެކިގެން އުޅުނު މީހުންނަކީ އޭނާގެ އަސްލު މައިންބަފައިން ނޫންކަން އެނގުމުން އެ ހިތަށް ފުން އަސަރުތަކެއް ކޮށްފިއެވެ. އޭނާ އަކީ ކައިވެނީގެ ބޭރުން ލިބުނު ކުއްޖެކެވެ. ނަހަލާލު ކުއްޖެކެވެ. އެހާ ހަޑި ނަމެއް މިއަދު އޭނާގެ ބޮލުގައި އެޅިއްޖެޔޭ ހިތަށް އެރުމުން އާރާއަށް ގިސްލަގިސްލާފައި ރޮވެން ފެށުނެވެ. އިތުރަށް އެތަނުގައި ހުންނަން ކެތް ނުވުމުން އާރާ ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖެހީ، ޒައުލް ގޮވަގޮވައި ހުއްޓައެވެ.
“ތުއްތޫ.. ތުއްތު ދައްތާ.. ދެން އެހާ ބޮޑަށް ނުވިސްނާ.. އާރޫއަށް މިކަން އެނގެން އޮތީމަ މިގޮތަށް މިކަން މި ވީ.. މިވަގުތު އާރޫ މާ ދެރަވެފަ ހުރީމަ އެކަނިވެލަން ބޭނުންވެގެން އެ ދިިޔައީ.. ފަހަރެއްގައިވެސް ތުއްތުމެން ދެކެ ރުޅިއައިސްގެންނެއް ނޫން.. ތުއްތުމެން އާރޫ ދެކެ ލޯބިވާ ވަރަށް ހަމަ އާރޫ ވެސް ތުއްތުމެން ދެކެ ލޯބިވާނެ..” އަފާންގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ޒައުލް ބުނެލިއެވެ. އެއާއެކު އަފާން ގަދަ ކަމުން ހިނިތުން ވެލި އިރުވެސް، އެ ދެލޮލުގައިވީ ކަރުނަތައް ޒައުލް އަކަށް ސިއްރެއް ނުވިއެވެ. އަފާން އާއި ޒާރާއަށް ހަމްދަރުދީގެ ނަޒަރެއް ދިނުމަށް ފަހު، ޒައުލް މިސްރާބު ޖެހީ އާރާގެ ކޮޓަރިއަށެވެ. މިވަގުތު އާރާ އެކަނިކޮށްލަން އެ ހިތް އެއްގޮތަކަށްވެސް ނުރުހުނީއެވެ. އާރާގެ ހިތަށް މިވަގުތު ކުރާނޭ ފުން އަސަރާއި، އެ ނާޒުކު ކުއްޖާ ވާނޭ ދެރަ އަންދާޒާކޮށްލަން ވެސް ދައްޗެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.







Masha allah vrh vrh reethi mi vhk 🥰
When is the next episode?
You r my fav author 💕
Ly❤️
alheyyy mi part kiyaafa rovihjeh 😭
hiyeh nukuranmihn vaane kmkh vs
shayaam eii shiyal ge kuhjeh hen vrh eba heevey
ehn viyas shayaam n yaleen dhuru nukurahchey😭
aaroo ah hadha hurt vaaney dhww n zaul aaroo r eku vaanekan engihje
yail ,zaul n shayaam mn kahala boys hama madhuvaane mihaar😭
masha allah mi part vrh reethi
bashuhtihje kiyaafa
ur so talented
i appreciate ur hard work
adadhuvs alhuganduge spt nayoo ah libeyne
mi site in kiyaa enme reethi vhk mii
tc ly nayoo❤❤❤
maasha allah
finally up vehjje dhww
keep it up nayoo
lysm
Maasha allah mi part ves varah reethi
When next???
Plot vrh salhi
Lysm
Beautiful part….. ❤️❤️❤️❤️💯💯💯💯
When next part???????
What happens next?
Will Ara leave the family???????
Vrh reethi mi part ves when next part
Masha Allah 😍 vrh reethi I think aara dad akee ves shiyal kanne eyrah shayam and aara siblings ah vaane ohh god this is how I think ingey anyways vhk hama habeys 🥰 when’s next curiously waiting for the next part keep it up ❤️
Masha Allah mi part vx vrh reethi ❤️💯
When’s next part???
Curiously waiting for the next part 🙂 ✨
Allahumma Barik!! Mibaives v riithi! Hiivejjeyr kiyamun dhiyairu zaul mn dhekki vaahaka aaroo sh adu ividhaane hn!!
Dhn i think shayam bappage kujjeh hn ee Aaroo!!
V dhigu inthizaarakah fahu mibaives kiyaalan mi libunii .. hehe… ❤️❤️❤️
mi part ves v reethi masha allah
curiously waiting for next part
keep it up
azal and yail dhuru nukurachey
shayaam and yal
aaroo and zaul ves
they all are made for each other
mi part kiyaafa rovijje aaroo ah vaane goih hithah araafa
naseebeh zaul ah hageegah iguni kan
miyee v intresting kamaa eku kiyaala hithun kiyaa vaahaka eh
haadha curious kohlaafa thi nihmaaly
i think shayaam ge dad fenuneema gaboolu nuvaane
i appreciate your hard work
your my fav author
tc
ly naayoo
Mi part ves vrh vrh reethi
Curiously waiting for the next part
BTW when’s next part
Ly
Mi part ves v furihama.
Kon dhuvahakun dhen oiy bai.
Alhugan’dah ves heevanee shayaam and aaru akee siblings hen. Shiyal badhalu hifaalan vegen yaina ge friend zaara kokko preg kohlee.
Oh no, dhen yaleen ah vaanee kihineh, bafaibe ah viyya e fakeeru nolhaalafaane. E shiyal gandah visnuniyya rangalhu.
Vvvv curious veybe mihaaru. Avahah up kohla dheythi 🥺🥺🥺🥺
finally…
mi part vx vrh reethi Masha Allah ❤️❤️❤️
poor aaroo 😭
e fakeerah ehn hadhaakah vx nuvaane ehnu..
haadha hithah thadhu vaane ey…
aharun vx kamehge hageegai inguneema haadha rulhi eh vx dhera vegen aadheyey…
mi bai kiyaafa rovey varun tissue fohtteh in gothah hus vejje loa fuhe fuhe…
nayu thikahala kanthah kuraakah nuvaane ehnu…
cmmnt maa dhigu vejje dhw…
okay vrh salaamey….
lysssm nayaa 💗💗💗
Salhi
heevani aara vaani shayaam ge kokkoyah hen i mean same father kanneyge. ehen viyus yal and shayyam dhuru nukurachey…
Masha Allah Vrh furihama ❤️
Mioh igunee hageegaiy vx. Dhn kihineh baa vaany 🤔
Curiously waiting for the next part
When’s next?!?!
Lysm nayuu ❤️ ❤️ ❤️
Masha Allah Vrh furihama ❤️
Mioh igunee hageegaiy vx. Dhn kihineh baa vaany 🤔
Curiously waiting for the next part
When’s next?!?!
Lysm nayuu ❤️ ❤️ ❤️