ވިހަ ލޯބި 5
“ސާބަސް މަލްއަށް. ޔާނިއު. ދެން އެކުވެރިއަކު ލިބުނަސް އެހެން އިނދެފަ ގޮސްފި. ތިމަންނަ ރައްޓެއްސަކު އެކޮޅުން ފެނިއްޖެ އޭ ކިޔައިފަ.” ޒީކް ބުނެލިއެވެ.
“މަލްވެސް ބުނި މަލްއަށް ރީތި މީހަކު ފެނުނޭ ކިޔައިފަ. ކާކުތަ އެއީ؟” ދެންވެސް ވާހަކަ ދެއްކީ ޒީކްއެވެ.
“ވަރަށް ރިޗް މީހެއް ހެން ހީވަނީ.” އުޝާން މަތިން ހަނދާންވުމާއިއެކު މަލްކާގެ ކޮލަށް ރަތް ކުލަ ފާއްދައިލިއެވެ.
“އަޅެ، މަލްގެ ހިތް އަތުލި ތި މީހާގެ ނަން ބުނެބަލަ.” ލާނެތް ގޮތަކަށް ޒީކް ކިޔަން ފެށިއެވެ.
“އުޝާން.” މަލްކާގެ ދުލުން ބޭރުވި ނަން އަޑު އިވުމާއިއެކު ޒީކްއަށް ކައިރީގައި ހުރި ފެން ތަށީގައި ޖެހި އޭގައި ފެންތައް ނުވެރުނީ ކިރިޔާއެވެ.
“އަޅެ، އޭނަ ހާދަ ރީއްޗޭ! އަދިވެސް އެ ރޭގެ މަތިން ހަނދާން އެބަ ހުރި.” މަލްކާގެ ވާހަކަ ކުރިއަށް ގެންދިޔައިރު ޒީކްއަށް ވެ ދިޔަ ގޮތް ފެނުނުހެން ހިޔެއް ނުވެއެވެ.
“އުޝާން އޭ؟” މަލްކާއަށް ޒީކް އާއި ދިމާލަށް ބަލައިލެވުނީ އޭނާ އެހެން ބުނުމުންނެވެ.
“ކިހިނެތް ވީ؟ ޒީ ދަންނަ މީހެއް ތަ އެއީ އަނެއްކާ؟” މަލްކާ ދެލޯ ބޮޑުކޮށްލަމުން އަހައިލިއެވެ.
“މަލް، އެއީ އަހަރެންގެ ބޭބެއެއް. އޯ އެމް ޖީ. ކިހިނެތް މީޓް ވީ؟” ޒީކް މަލްކާގެ ވާހަކައަށް ޝައުޤުވެރިވެލަމުން ހަމަޖެހިލިއެވެ.
އެންމެ ފަހުން މަލްކާ އެ ރޭގެ ހުރިހާ ވާހަކައެއް ޒީކްއަށް ކިޔައިދިނެވެ. ހޮސްޕިޓަލަށް ދިޔަ އަސްލު ސަބަބާއިއެކުވެސް މެއެވެ.
“ޔޫ ހޭވް އިންސޮމްނިޔާ؟” ޒީކްއަށް އެހެން އެހުމާއިއެކު މަލްކާ ބޯ ޖަހައިލިއެވެ.
“އާނ، އަހަރެން އެ ރޭ ދިޔައީ ބޭސް ހުސްވީމަ. އަލުން ބޭސް ނަގަން. ޑޮކްގެ ލަފާ ހޯދަންށާ އެއްކޮށް.” މަލްކާ ބުންޏެވެ.
“އޯހް. އަޅޭ. މަލް، ރަނގަޅަށް ކައިގެން އުޅެއްޗޭ.” ޒީކް މަލްކާގެ ހާލަށްޓަކައި ހަމްދަރުދީވިއެވެ.
މަލްކާ ހިނިތުންވެލަމުން އަނެއްކާވެސް ބޯ ޖަހައިލިއެވެ. އެއާއިއެކު ދެ ޒުވާނުންގެ ވާހަކަ އަނެއްކާވެސް ބަދަލު ވީ އުޝާންގެ ވާހަކައަށެވެ. ޒީކްއަށް އުޝާންގެ އެ އަމަލުތަކާއި ދޭތެރޭ ކިތަންމެ ހައިރާންވިކަމުގައި ވިޔަސް އެކަން ފާޅެއް ނުކުރިއެވެ. ދެ ޒުވާނުންވެސް ރަނގަޅަށް ކައިގެން ނިކުތް އިރު ހުރީ ދިހައެއް ޖަހައިފައެވެ. ހަމަ ނިކުތުމާއިއެކު މަލްކާ އޭނާގެ އާއިލާ މީހަކާއި ބައްދަލުކޮށްލަން މާލެ ދާން ޖެހޭކަމަށް ބުނެ، ދިޔައީއެވެ.
އެ ކެފޭއަކީ ގެއާއި މާ ދުރު ނޫން ތަނެއްކަމުން ޒީކް ދާ ހިތްވީ ހިނގައިފައެވެ. އޭނާ ހިނގަމުން ދިޔަ މަގުމަތީގައި އަނދިރި ގޯޅިގަނޑެއް ކުރިމަތިން ހުރަސްކޮށްލެވުނެވެ. އެވަގުތު ބުޅަލެއްގެ ގޮވުމުގެ އަޑަށް އޭނާ ހުއްޓުނެވެ. ޒީކްއަކީ ބުޅަލާއި ނުހަނު ދޯޅު ޒުވާނެއްކަމުން އެ ބުޅާ ދެކިލުމަށް ދާ ހިތްވިއެވެ. އެއްވެސް ވިސްނުމެއް ފިކުރެއް ނެތި އޭނާ އެ އަނދިރި ގޯޅިއަށްވަނެވެ. ތަންކޮޅެއް އެތެރޭގައި އިން ހުދު ބުޅާ ފެނުމާއިއެކު ފޯނުން ފްލޭޝްލައިޓް ދިއްލައިލުމަށްފަހު އެ ދިމާލަށް ހިނގައިގަތެވެ. ބުޅަލާއި ހިސާބަށް ދެވުމާއިއެކު އުޑުފައިން އޭނާ އިށީނެވެ.
އެ ވަގުތެވެ. ބިރެއް ފެނުނު ފަދައިން ބުޅާ ކުއްލިއަކަށް ޒީކްގެ ކަނާތްފަޅިން ބާރަށް އޭތި ދިޔައީއެވެ. ވާނުވާ ނޭނގިފައި ހުރެ ތެދުވެލަމުން އެތަނުން ދިއުމަށް ޒީކް އެނބުރެލިއެވެ. ކުރިމަތިން ފެންނަމުން ދިޔަ ތިން ފިރިހެނުން ފެނިފައި އޭނާ ގަންނަން ފެށީ އަމަށަކު ބިރެއް ނޫނެވެ.
“ކައެމެންނަށް އެބަ ފެނޭތަ އެބަ މިހިރަ ރީތި މަންޖެ.” މެދުގައި ހުރި މީހާ އެހެން ބުނިއިރު އޭނާ އެ ހުރީ މަސްތުގެ ހާލަތުގައިކަން ޒީކްއަށް ދެނެގަނެވުނެވެ.
“ވަރަށް ފައްކާ ގޮލައެއް ވައްތަރު ޖަހާ.” ކައިރީގައި ހުރި މީހާ ދެ ފަރާތަށް ހެލެމުން ބުންޏެވެ.
“މަ ބޭނުން އެ ގޮލާ ޓްރައި ކޮއްލަން.” އެންމެ ފަހަށް ހުރި މީހާ އެހެން ބުނުމާއިއެކު އެންމެންގެ ހިނިގަނޑުން މުޅި އެ ގޯޅިތެރެ ގުގުމައިލިއެވެ.
ޒީކްއަށް މި ހުނުންތައް އަޑު އިވުނީ ބިރުވެރި ހޮނު ގުގުރިއެއް ފަދައިންނެވެ. ބިރުން ގޮސް އޭނާ ރޫރޫ އަޅަން ފެށިއިރު ދެން ވާނެ ގޮތް ހިތަށް އެރުމުން އޭނާއަށް ރޮވެން ފެށިއެވެ. ހަދާނެ ގޮތް ހުސްވެފައިހުރެ އޭނާ އަތުގައި އޮތް ފޯނަށް ބަލައިލިއެވެ. އެ ވަގުތު މެދުގައި ހުރި މީހާ އޭނާ ގެ ފޯނު ޖަހިގަތެވެ. ފޮނު ވިއްސައިގެން ގޮސް ފޯނު ވެއްޓުނުއިރު އޭގެ ދުވަސްވަނީ ގޮސްފައެވެ. ދެން އެ މީހުންގެ އަމާޒު ފަތްގަނޑަކަށް ހެދީ ޒީކްއެވެ. ގޯޅި ތެރެ ހިމަވެފައި، ދާނެ އެހެން ދިމާލެއް ނެތުމުން ޒީކް ހުރީ އެތާ ތާށިވެ، ގޮތް ހުސްވެފައެވެ.
އެކުވެރިންތަކަކާއިއެކު ކުޅުނު ފުޓުބޯޅަ މެޗެއް ނިންމައިލުމަށްފަހު ނުހައިކް ހުޅުމާލޭގެ މަގުމަތީގައި ހިނގައިމުން ދިޔައީ މިރޭގެ ކޮއްތުގެ ގޮތުގައި ހަދައިލައިގެން ކާނެ އެއްޗެއް ގަތުމަށެވެ. ހުޅުމާލެ އޭނާ އައީވެސް އޭނާގެ އެކުވެރިން ކިޔާވަރުން ބޮލަށް އުނދަގޫ ވެގެންނެވެ. އެހެން ހިނގައިފައި ދަނިކޮށް ކުއްލިއަކަށް އަނދިރި ގޯޅިގަނޑަކުން ހުދު ކުލައިގެ ބުޅަލެއް ނިކުތްތަން ފެނުނެވެ. ނުހައިކް އެ ދިމާލަށް ހިނގައިގަތް ވަގުތު އޭތި އަނެއްކާވެސް ދުވެފައި ދިޔައީ އެހެން ދިމާލަކަށެވެ. އޭތި ދިޔަގޮތުންވެސް އޭތި ބިރުގަނެފައިވާ ވަރު ނުހައިކްއަށް ދެނެގަނެވުނެވެ.
ވީ ގޮތް ބަލައިލުމުގެ ނިޔަތުގައި ނުހައިކް އެ ގޯޅިގަނޑުގެ އެތެރެ ބަލައިލިއެވެ. ތަންކޮޅެއް ދުރުން ފުރަގަސްދީގެން ހުރި ތިން މީހަކު ފެނުނެވެ. އެއްފަރާތަކަށް އެއްލައިލެވިފައިވާ ފޯނު ފެނުމާއިއެކު ކޮންމެވެސް ނުބައެއް މިތާ އުޅޭކަން އޭނާއަށް ހީވަން ފެށިއެވެ. ދާން ބޭނުންކަމުގައި ވިޔަސް ހިތުގެ ގޮވުމަށް އިޖާބަ ދީ، އޭނާ އެތާ މަޑުކޮށްލިއެވެ. ކުއްލިއަކަށް މެދުގައި ހުރި މީހާ ކުރިއަށް ޖެހިލައި ކޮއްލި ކަމަކުން މަޑު ހަޅޭކެއްގެ އަޑު ނުހައިކްގެ ކަންފަތުގައި ޖެހުނެވެ. މަގުމަތީގެ ޓްރެފިކްގެ ސަބަބުން މަގު މައްޗާއި ހިސާބަށް އެ އަޑެއް ނުފޯރިއެވެ.
އެ މީހާ އެއްފަރާތަކަށް ޖެހިލުމާއިއެކު ނުހައިކްއަށް ވީ ގޮތް ފެނުނެވެ. އަންހެން ކުއްޖެއްގެ އިސްތަށިގަނޑުގައި ބާރަށް އަތް މުއްކަވައިގެން ހުރި އެ މީހާ ހުރީ ހޭށެވެ. އަނދިރި އެޅިފައިވުމާއިއެކު އަދިވެސް އޭނާއަކަށް އެ އަންހެން ކުއްޖާގެ މޫނު ފެންނަވަރެއް ނުވިއެވެ. ނަމަވެސް ލައިގެން ހުރި ޓީޝާޓްއިންނާއި ލެގިންގްސްއިން އެއީ ކާކުކަން ދެނެގަންނާކަށް ނުހައިކްއަކަށް މާކަ އުނދަގުލެއް ނުވިއެވެ. އެއީ ކާކުކަން އެނގުމާއިއެކު ނުހައިކްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާގެ ލޭ ކެކިގަތެވެ.
އެއްކޮނޑުގައި އެލުވައިލައިފައި އޮތް ދަބަސް އެއްފަރާތަކަށް ޖެހުމަށްފަހު ދެލޮލުން އަލިފާންކަނި ބުރާ ހާލު އޭނާ އެ މީހުންނާއި ދިމާލަށް ދާން ފެށިއެވެ. ޒީކްގެ ޓީޝާޓް އާއި ދިމާލަށް އަތް ގެންދިޔަ މީހާއަށް އެ ހިސާބަށް އަތް ނުގެންދެވެނިސް ނުހައިކް ދިޔަ ގޮތަށްގޮސް އޭނާގެ އަތުގައި ހިފައި އެ މީހާގެ ފަހަތަށް އަތް ގެނަސް އަނބުރައިލިއެވެ. ވީ ތަދުން އެ މީހާ ވޭނީ އަޑެއް ލައްވައިލިއެވެ. ދެން ތިބި ދެމީހުންނަށް ހޭވެރިކަން ވީ ދެނެވެ. އެމީހުންގެ އިތުރުން އެހެން މީހަކު ހުރިކަން އެނގުމާއިއެކު އެއްކަލަ މީހާ ޒީކް އެއްފަރާތަކަށް ކޮއްޕައިލިއެވެ.
ނަސީބު ދިމާކުރިގޮތުން ޒީކް ޖެހުނު ގޮތުން މާ ބޮޑު އަނިޔާއެއް ނުލިބެއެވެ. ވާނުވާ ޒީކްއަށް ނަގައިގަނެވުނުއިރު އެ މީހުންގެ އަމާޒުފަތްގަނޑަކަށް ނުހައިކް ހަދައިފިއެވެ. ދެއަތަށް ހެލެމުން އެތަނުން އެކަކު ނުހައިކް އާއި ދިމާއަށް މުއްކަވައިލައިފައިވާ އަތެއް އެއްލިއެވެ. ފަސޭހަކަމާއިއެކު ނުހައިކް އެ ހަމަލާއިން އަރައިގަތެވެ. ދެން ހުރި މީހާ އެއްލި އަތުން ސަލާމަތްވި ނަމަވެސް އޭނާގެ ފަހަތުގައި ހުރި މީހާ ފައިން ނުހައިކްގެ ބުރަކަށީގައި އަޅައި ކޮއްޕައިލިއެވެ. ބެލެންސް ކަޓައިގެން ގޮސް އޭނާ ވެއްޓުނީއެވެ.
“ނުހައިކް!” އެވަގުތުގެ ބޭނުން ހިފައި އެ އެންމެންވެސް ނުހައިކްގެ ގައިގެ އެތަން މިތަނުގައި ތަޅަން ފެށުމާއިއެކު ޒީކްއަށް ހަޅޭލަވައިގަނެވުނެވެ.
ފެންނަމުން ދިޔަ އަނިޔާވެރި މަންޒަރާއިއެކު ޒީކްގެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް އޭގެ މަޤާމް ދޫކޮށް ފައިބަން ފެށިއެވެ. ދެއަތަށް ބޯހޫރުވަމުން ތެދުވަން މަސައްކަތްކުރަން ފެށި ޒީކްއަށް ހުއްޓެވުނީ ނުހައިކްގެ ހަމަލާތައްވެސް އޭނާއަށް ވީ ވަރަކުން އެ މީހުންނަށް ކުރަން ފެށުމުންނެވެ. މަދު މިނެޓުކޮޅަކަށްފަހު ކުއްލިއަކަށް އިވެން ފެށި ޕޮލިސް ސައިރެންތަކުގެ އަޑުތަކާއިއެކު އެންމެންވެސް ހުއްޓުމަކަށް އަންނަން ފެށިއެވެ.
ބިރެއް ފެނުނު ފަދައިން ސަލާމަތްވުމުގެ ނިޔަތުގައި އެ ތިން މީހުން އެސްފިޔަ ޖަހައިލާހާ ހިނދުކޮޅެއްގެ ތެރޭގައި ދުވެ، ރައްކާވެއްޖެއެވެ. ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ނުހައިކް އޮތީ ހިރިލަންވެސް ނުކެރިފައެވެ. ދުވަމުން ކަހަލަ ގޮތަކަށް ގޮސް ނުހައިކްގެ ކައިރީގައި އުޑުފައިން އިށީން ޒީކް މަސައްކަތް ކުރަމުން ދިޔައީ ރުއިމުގެ އަޑު ކޮންޓްރޯލް ކުރެވޭތޯއެވެ. ލަސްކުރުމެއް ނެތި ނުހައިކްގެ ގައިގެ އެތަން މިތަނަށް އަނިޔާ ލިބިފައިވޭތޯ ޒީކް ޗެކުކުރަން ފެށިއެވެ. ގައިގެ އެކި ތަންތަން މަށައިގެން ދިއުމުގެ އިތުރަށް ބޭރުފުށުން އިތުރު އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަން ފެނުމުން ޒީކްއަށް ހަމަޖެހެވުނެވެ.
“ނުހައިކް، އާރ ޔޫ އޯކޭ؟” ރުއިމުގެ ސަބަބުން ކުރަކިވެފައިވާ އަޑާއިއެކު ޒީކް އަހައިލިއެވެ.
ބޯ ޖަހައިލަމުން ނުހައިކް މަޑުމަޑުން ތެދުވެލިއެވެ. ނުހައިކް އާއިއެކު ކަންބޮޑުވެފައި ވާ މޫނަކާއިއެކު ޒީކްވެސް ތެދުވެލިއެވެ. ރިއްސާ ދެތިން ތާކު ފިރުމައިލުމަށްފަހު ނުހައިކް ދެން ބަލައިލީ ޒީކްއަށެވެ. ކުޑަ ހިނދުކޮޅަކު އެ ގޮތުގައި ޒީކް އާއި ދިމާލަށް ބަލަހައްޓައިގެން ނުހައިކް ހުއްޓެވެ. ނުހައިކްގެ ނިތްކުރީގައި ދިޔައި އެއްޗެއް ހޭކިފައި ހުރިހެން ހީވުމާއިއެކު ޒީކްގެ އަތް އެ ދިމާލަށް ގެންދިޔައެވެ. އުނދަގުލާއިއެކު އެތަނުގައި އަތް ލެވުމާއިއެކު އެއީ ލޭކަން ޒީކްއަށް ދެނެގަނެވުނެވެ.
“ނުހައިކް! ތި އޮތް ލޭ އަންނަނީ!” ޒީކްގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.
“ޒިޒީ، މި ގޯޅިއަށް ވަނީ ކީތްކުރަން؟” ހިއްސު ކެނޑިފައިވާ މީހެއް ފަދައިން ނުހައިކްއަށް އެ ތަދު އިހުސާސްވިހެނެއް ހިޔެއް ނުވެއެވެ.
“ތި ކަން ތަ ނުހޯދިގެން ތި އުޅެނީ؟ ތި ލޭ މަނާ ކުރަން އުޅެބަލަ ފުރަތަމަ.” ޒީކްއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
“އަހަރެންނަށް މިތަނަށް މިރޭ ނާދެވުނު ނަމަ އޯ؟ ޒިޒީއަށް އިނގޭތަ ވާނެ ގޮތް؟ ހަމަ އަނދިރި ގޯޅިގަނޑެއް ހުންނައިރަކަށް ޖެހޭތަ ވަންނަން؟ އޭނ؟ ބަލަ ޒީކް އަށޭ މި ވާހަކަ ދައްކަނީ!” ޒީކްގެ ދެ ކޮނޑުގައި ހިފައިލަމުން ނުހައިކް ޒީކް ތަޅުވައިލިއެވެ.
“މި އޮތް ސީރިއަސް ކަންތައް އަތްމަތިވެފައި އޮތްވައި ތީ ހޭ ދައްކަން ޖެހޭ ވާހަކަ އަކީ؟” ޒީކް ލަވައިގަތީ ހަޅޭކެވެ.
އެއާއިއެކު ދެން ދެ މީހުންގެ ދެމެދުގައި ވަށައިލީ ހިމޭންކަމެވެ. އެކަކު އަނެކަކުގެ ފުން ނޭވާތަކާއިއެކު ރުޅިވެރި ނަޒަރަކުން އެކަކު އަނެކަކަށް ބަލަމުން ދިޔައެވެ. ޒީކް ގެ ކޮނޑުން އަތް ނައްޓުވައިލަމުން ނުހައިކް އެއްފަރާތުގައި އޮތް އޭނާގެ ދަބަސް ނެގުމަށްފަހު ފަސް އެނބުރި ޒީކްއަށް ބަލައިލިއެވެ.
“މި ގަޑިއަކީ ޔާނިއު ޖިމަށް ދާ ގަޑި. އަހަރެން ބޭނުމެއް ނޫން އިތުރު އެއްވެސް މީހަކަށް މި ވާހަކަ އަންގާކަށް.” ވަރަށް ނު ރާގަކަށް ނުހައިކް އެހެން ބުނީ އޭނާގެ އެޕާޓްމެންޓަށް އައުމަށް ޒީކްއަށް ދައުވަތު ދޭ ފަދައިންނެވެ.
އަދިވެސް ހަމަ އެ ރުޅިވެރި ނަޒަރާއިއެކު ބަލަހައްޓައިގެން ހުރި ޒީކް ދިޔައީ އެ ފުން ނޭވާތައް ލަމުންނެވެ. ނުހައިކްގެ އެ ބުނުމުގެ ފަހަތުގައި ފޮރުވިފައިވީ މާނަ ނުހަނު ފަސޭހަކަމާއިއެކު އޭނާއަށް ނަގައިގަނެވުނެވެ. އޭނާގެ ހިތް އެދި ގޮވަމުން ދިޔައީ ނުހައިކްގެ އެ ބުނުމަށް އެއްބަސްވުމަށެވެ. ނަމަވެސް ސިކުނޑި ގޮވައި އާދޭސްކުރަމުން ދިޔައީ ހިތުގެ އެ ގޮވުމަށް އިޖާބަ ނުދިނުމަށެވެ. އޭނާ ހުރީ ހަދަންވީ ގޮތެއް ނޭނގިފައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.


V reethi mi part ves!
Keep it up!
When next!
Thank youu
In Sha Allah Sunday or eyge kurin kiyaaalan libeyne kamah mi balanii. 🙂
That’s me inge. Login nuvevi hadhaan nethigen reply dhevuni 😅
Masha Allah mi part vx vrh reethi..
Curiously waiting for the next part..
When’s next part??
Thankyouuu! In Sha Allah v avahah kiyaLan libeyne
mi part ves salhi i like that nuhaik didnt suddenly become a mma fighter when his girl is in danger and he actually endured it all that was sweet of him but he needs to go to hospital
Thankyouuu! Yeah, well it’s ac clear that normal guys can’t actually fight well without any training plus idt Nuhaik goes to gym also 🥲