ވިހަ ލޯބި 4
“ކިހިނެތް އިނގެނީ އަހަރެން މީ ޖިންނިއެއް ނޫންކަން؟” ނުހައިކް ޒީކް އާއި ސަމާސާކޮށްލާ ހިތްވިއެވެ.
“އަހަރެން ބިރެއް ނުގަނޭ. އެހެން ނޫނަސް އަހަރެންނަށް ޔަޤީން ނުހައިކް އުޅޭ ގޮތަކަށް ޖިންނީންނެއް ނޫޅޭނެކަން.” ހަރަމް ބަނެލަމުން ޒީކް ބުނެލިއެވެ.
“ހައު ހޭވް ޔޫ ބީން، ޒިޒީ؟” ޒީކްގެ ވާހަކައަށް ސަމާލުކަން ދިނުމެއް ނެތި ނުހައިކް ސީރިއަސްވެލިއެވެ.
އެއާއިއެކު ޒީކްއަށް ސިފަވީ ފުރާވަރުގައި އޭނާ އާއިއެކު އުޅުނު ނުހައިކްއެވެ. އޭނާއަށް ނުހައިކްދެކެ ލޯބިވެވުނީ ނުހައިކްގެ ހުންނަ މިފަދަ ކުދިކުދި ސިފަތަކާއި ހެދިއެވެ. އެ ދުވަސްވަރުގެ ފޮނި އަދި ހިތިކަން ހަނދާންވުމާއިއެކު ޒީކް ކުޑަކޮށް ހިތުގައި ޖެހުނެވެ. ފަރުވާތެރިކަމާއިއެކު ޒީކްގެ މޫނުގެ ކުލަވަރުތައް ބަލަންހުރި ނުހައިކްއަށް މިކަން ފާހަގަ ނުވެއެއް ނުދެއެވެ. ޒީކް އިސްޖެހި ނަމަވެސް ނުހައިކްގެ އެ ތޫނު ނަޒަރަކުން އޭނާއަށް ސަލާމަތެއް ނުވެވުނެވެ. އެގޮތުގައި ހުރެ މަޑު ހިމޭންކަމެއް އެ ދެ ޒުވާނުންގެ މެދުގައި ވަށައިލިއެވެ.
“ކިހިނެތް ވީ؟ މާ ބޮޑުކަމެއް ލައިގަތީ ތަ؟” މަޑުމައިތިރިކަމާއިއެކު އަނެއްކާވެސް ވާހަކަ ދެއްކީ ނުހައިކްއެވެ.
އިސްއުފުލައިލަމުން ޒީކް ނުހައިކް އާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. އެ ހުރިހާ ބަސްތަކެއް ނުހައިކްގެ އަނގައިން ބޭރުވާ ނަމަވެސް ޒީކްއަކަށް ނުހައިކްގެ ވިސްނުން ހުންނަ ގޮތެއް ދެނެއެއް ނުގަނެވުނެވެ. އެއީ އޭނާ ހެޔޮ ހިތުން ބުނާ ބަސްތަކެއް ނުވަތަ ނޫން ކަމެއްވެސް ނޭނގެއެވެ. އޭނާއަށް އެ ސިކުނޑީގައި އެނބުރެމުން ދާ ޚިޔާލުތަކާއި މެދު ސުވާލު އުފެދުނު ނަމަވެސް މިއިން ދުވަހަކު އެ ޚިޔާލުތަކާއި ހިސާބަކަށް ވާސިލެއް ނުވެވުނެވެ. ޒީކް އޭނާގެ ޚިޔާލުތަކުން ބޭރުވެލަމުން ނުހައިކްއަށް ދޭންވީ ޖަވާބަކާއި މެދު ވިސްނަން ފެށިއެވެ.
“އަހަރެން… ނޫން، އެއްވެސް ކަމެއް ނުވެ. އަހަރެން ހަމަ ރަނގަޅު.” ޒީކް ބުނެލިއެވެ.
“ޒިޒީ، ދޮގު ހަދަނީ ތަ؟” ނުހައިކްގެ އެ ސުވާލުން ޒީކް ސިހުނު ނަމަވެސް އެކަން މާ ބޮޑަށް މޫނު މަތިން ނުދައްކައި ދެފަރާތަށް ބޯ ހަލުވައިލިއެވެ.
ނުހައިކް އަނގައިން ނުބުނެ މާ ގިނައިރުވާން ފެށުމާއިއެކު ޒީކްއަށް ހިންދިރުވައިލެވުނެވެ. އޭނާގެ އެ ދޮގު ފަޅައިއަރައިފާނެ ކަމަށް ހީކުރެވުނެވެ. ނަމަވެސް ލުއި ހިނިތުންވުމަކާއިއެކު ނުހައިކް އަނެއްކާވެސް ޒީކްގެ ބޮލުގައި އަތް ބާއްވައިލިއެވެ. ޒީކްއަށް ދެއަތް ކައިރިކޮށްލައި ދެ އަތުގައި ފިރުމައިލެވުނީ އެ ވަގުތު ޖެހުނު ފިނި ވައިރޯޅިން ފިނިވެގެން ކަމެއް ނުވަތަ ނުހައިކްގެ އެ އަމަލުން ކަމެއް އޭނާއަކަށް ނޭނގުނެވެ.
“ޔޫ އާރ ސަޗް އަ ލަޔާރ. އަދިވެސް ތި ކަހަލަ ދޮގު ހަދަން ދޯ؟” އެ ހިނިތުންވުމުގައި ހުރެ ނުހައިކް ބުންޏެވެ.
“ދެން ދޭ ގެއަށް، އެ އެގާރަ ޖަހަނީ. މިތާ މާ ގިނައިރު އުޅެނިކޮށް ޒިޒީ ފިނިވެގެން ބަލިވެދާނެ.” ނުހައިކް އެހެން ބުނަމުން ޒީކްގެ އަތް ތެރެއަށް އޭނާގެ އަތުގައި އޮތް ފިނިފެންމާ ލައިދިނެވެ.
“ސީ ޔޫ އިން ކޮލެޖް، ޒިޒީ.” ޒީކްއަށް ކިރިޔާ އަޑު އިވޭވަރަށް މަޑުމަޑުން އެހެން ބުނެލަމުން ނުހައިކް ހިނގައިގަތީ ޕާރޓީއަށް ވަންނަ ދިމާލަށެވެ.
ފުރަތަމަ ދުވަހު ކޮލެޖްގައި ވީ ގޮތަށް މި ރޭ ވެސް އޭނާ ހުރީ ހުއްޓުން އަރައިފައެވެ. ކަންތައްތައް މާ އަވަހަށް ވެ ދިޔަ ގޮތުން އޭނާއަށް ހުރެވުނީ ހިރިލަންވެސް ނެނގިފައެވެ. ކުޑަ އިރުކޮޅަކަށްފަހު އޭނާ ނުރުހުމުގެ އަޑެއް ލައްވައިލުމަށްފަހު އެއްފައި ބާރަށް ބިމުގައި ޖެހިއެވެ. ކޮންމެ ފަހަރަކުމެ ނުހައިކް އޭނާ ބަސްހުއްޓުވައިފައި ދާ ގޮތް އޭނާއަކަށް އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ. ފުން ނޭވާއެއް ލުމަށްފަހު އޭނާ ބަލައިލީ އަތުގައި އޮތް ފިނިފެން މަލަށެވެ. އެ ފިނިފެން މަލަކީ އޭނާއަށް އެންމެ ކަމުދާ ވައްތަރެވެ. އޭނާގެ ‘ފޭވަރިޓް’ މަލެވެ. އެއްލައިލަން އަތް މަޅައިލި ނަމަވެސް ދެ ވަނަ ސިކުންތުގައި އޭނާ އެ އަތް ތިރިކޮށްލީއެވެ.
ޒީކް ބޭނުންވީ އަވަހަށް އެ ޕާރޓީއިން ދާށެވެ. އެހެންކަމުން އަލްޔާއަށް އަވަސް މެސެޖެއް ފޮނުވައިލުމަށްފަހު ޓެކްސީއެއްގައި އޭނާ ގެއަށް ދިޔައީއެވެ. ދިޔަ ގޮތަށް ގޮސް އޭނާ ފުރަތަމަ ކުރި ކަމަކީ އެ ގޭގައި އެއްލައިނުލައި ހުސްވެފައި ހުރި ފެންފުޅިތަކުން ފުޅިއެއް ނަގައި މެދުން ބުރިކޮށްލީއެވެ. އަދި ފިނިފެން މާ އެއަށް ލީއެވެ. އެއިރު ނާޒިމާ އޮތީ ނިދައިފައެވެ. އުޝާން ގެއަކު ނެތެވެ. އެ ފުޅިބުރި ހިފައިގެން ޒީކް ގޮސް ވަނީ ކޮޓަރިއަށެވެ. އަދި އޭނާގެ ކިޔަވާ މޭޒުގެ އެންމެ ބިތްދޮށުގައި އޭތި ބެހެއްޓިއެވެ.
އެގާރަ ޖަހައިފިއެވެ. އައިޖީއެމްއެޗްއިން ނިކުމެ، ކާރެއް ލިބޭތޯ އަތް އުކައުކާ ހުރި މަލްކާ ވަނީ ހީކަރުވައިގަނެފައެވެ. އޭނާ ޕާރޓީއަށް ނުދިޔައީ މިރޭ ޑަކުޓަރަށް ދައްކަން ޖެހޭތީކަން ޒީކްގެ ގާތުގައި ނުބުނީ ޒީކް މާ ބޮޑަށް ހާސްވެދާނެތީއެވެ. ކާރެއް އަތު ނުޖެހޭނެހެން ހީވެ، އަތް ތިރިކޮށްލަން އުޅުނު ވަގުތު ‘ރޭންޖް ރޯވާ’ އެއް ކައިރިކޮށްލައިިފިއެވެ. އެ ވަގުތު ވީ ވާރޭ އޮއްސައިލި ވަގުތަށެވެ. އެހެންކަމުން މަލްކާ ދޮރު ހުޅުވައި، އަވަހަށް ފަހަތު ސީޓަށް ދެމިގަތެވެ.
“ހުޅުމާލެއަށް ދަތުރުކޮށްދެން ތަ؟” ދޮރު ލައްޕައިލަމުން މަލްކާ ސުވާލުކޮށްލިއެވެ.
“އަހަރެންގެ ވެސް މަންޒިލަކީ އެއީ.” ފިރިހެންވަންތަ އަޑުގެ ވެރިޔާއަށް ބަލައިލި މަލްކާގެ އަނގައިގައި އޮތް ބަސް ހުއްޓުނެވެ.
ހުދު ގަމީހަކާއި ޓައީއެއް އަޅައިގެން ހުރި އެ ޒުވާނެކެވެ. މާ ދޮން ނުވިކަމުގައި ވިޔަސް ރީއްޗެވެ. ލައިގެންހުރި ގަމީސް ހަށިގަނޑަށް ކުޑަކޮށް ހިފައިލައިފައި ހުރި ގޮތުން ޝަޚުސިއްޔަތު ވަރުގަދަކަން ދައްކައިދެއެވެ. ލޯގަނޑުން މަލްކާ އާއި ދިމާލަށް އެ ތޫނު ދެލޮލުން ބަލައިލިއެވެ.
“ކޮން ހިސާބަކަށް ދާން ވީ؟” އޭނާ ވާހަކަ ދެއްކިއެވެ.
އެއާއިއެކު މަލްކާ ދާންވީ ހިސާބު ބުނެދިނުމަށްފަހު އިސްޖަހައިލިއެވެ. ދުއްވަމުން ދިޔަ ވަރަކަށް ވާރޭ ދިޔައީ ބޯ ކުރަމުންނެވެ. ކާރުގައި އިން ދެ ޒުވާނުންގެ މެދުގައި ވަށައިލައިފައިވަނީ ހިމޭންކަމެވެ. އިރުކޯކޮޅާ ކުރިމަތީގައި އިން ޒުވާނާ މަލްކާއަށް ބަލާކަށް ދެނެހުރިކަމުގައި ވިޔަސް އޭނާ އިސްހިއްލައިލާކަށް ބޭނުމެއް ނުވިއެވެ. އެހެން އިންދައި އޭނާއަށް ނިދުނީއެވެ.
ދާންވީ ހިސާބަށް ދެވުމާއިއެކު އުޝާން ކާރު ހުއްޓައިލިއެވެ. މަލްކާ ފައިބާނެކަމަށް ހީކޮށް މަޑުކޮށްގެންހުރި އުޝާންއަށް ފަހަތް ބަލައިލެވުނީ މަލްކާ ނުފޭބުމުންނެވެ. ލޯބިކޮށް ނިދައިލައިފައި އޮތް މަލްކާ ލޮލުގައި އަޅައިގަތުމާއިއެކު އުޝާންގެ ހިތަށް ގޮތެއް ވެލިއެވެ. އުނދަގޫކުރަން ބޭނުން ނުވިކަމުގައި ވިޔަސް މި ނުދަންނަ އަންހެން ކުއްޖާއަކީ ކާކުކަން ނޭނގޭތީ މަޑުމަޑުން ‘އެކްސްކިއުޒް’ އޭ ބުނެލިއެވެ. ނުހޭލުމުން، ތަންކޮޅެއް ބާރަށް ހަމަ އެހެން ބުނެލިއެވެ.
ސިއްސައިގެން ގޮސް އޭނާއަށް ހޭލެވުނެވެ. ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ ޑްރައިވަރ ސީޓްގައިއިން އުޝާންގެ ކަންބޮޑުވެފައިވާ މޫނެވެ.
“ސޮރީ.” މަޑުމަޑުން އެހެން ބުނެލަމުން މަލްކާ އޭނާގެ އަޅުވައިގެން ހުރި ދަބަހުން ސަތޭކަ ރުފިޔާ ނަގައި، ދިގުކޮށްލިއެވެ.
އެ ސަތޭކަ ރުފިޔާ އާއިއެކު މަލްކާ ގެ ސްޓޫޑަންޓް އައިޑީވެސް ވެއްޓުނެވެ. ރުފިޔާއާއި ދިމާލަށް އަތް ގެންދިއުމެއް ނެތި އުޝާންގެ އަތް ގެންދިޔައީ ސްޓޫޑަންޓް އައިޑީ އާއި ދިމާލަށެވެ. އޭތި ނެގުމަށްފަހު ފަރުވާތެރިކަމާއިއެކު ހިނިތުންވެފައިހުރި މަލްކާގެ ފޮޓޯއަށް ބަލައިލިއެވެ. ކުޑަ ހިނދުކޮޅަކު އެއަށް ބަލަން ހުރުމަށްފަހު ދެން އޭނާގެ ލޯ ގެންދިޔައީ ނަމާއި ދިމާލަށެވެ.
“މަރިޔަމް މަލްކާ މަނިކު.” އުޝާންގެ އަނގައިން މަލްކާގެ ފުރިހަމަ ނަން ނިކުތުމާއިއެކު މަލްކާގެ ގައިން ހީބިހި ނަގައިގަތެވެ.
“މަލްކާ، ވަރަށް ލޯބި ނަމެއް.” އަދިވެސް އެއްފަހަރު އެ ނަން ކިޔައިލަމުން ލުއި ހިނިތުންވުމަކާއިއެކު އުޝާން މަލްކާއަށް އައިޑީ ދިގުކޮށްލިއެވެ.
“ޝުކުރިއްޔާ..” އައިޑީގައި ތުރުތުރު އަޅަމުން ދިޔަ އަތަކުން މަލްކާ ހިފިއެވެ.
އޭނާ ދެން އުޝާންއަށް ބަލައިލުމަށްފަހު ބަލައިލީ އަދިވެސް އުޝާން އާއި ދިމާލަށް ދިގުކޮށްފައި އޮތް އަތުގައި އޮތް ސަތޭކަ ރުފިޔާއަށެވެ. މަލްކާގެ ނަޒަރާއިއެކު އުޝާންގެ ނަޒަރުވެސް ދަތުރުކޮށްލީ އަތާއި ދިމާލަށެވެ.
“ބޭނުމެއް ނޫން.” އުޝާން ބުނެލިއެވެ.
“އޭނ؟” އަޑު އިވުނީ ރަނގަޅަށް ތޯ އަމިއްލަ ނަފުސަށް ސުވާލުކޮށްލަމުން މަލްކާއަށް ބުނެވުނެވެ.
“އަހަރެން ބޭނުމެއް ނޫން. އަހަރެން މީ ޓެކްސީ ދަތުރުކޮށްދޭ މީހެއްވެސް ނޫން މަލްކާ. ހަމަ ހެޔޮ ހިތުން ކޮށްދިން ދަތުރެއް ކަމުގައި ބަލާ. ދެން ދޭ އަވަހަށް. ވާރޭ ވެސް އެ ތުނި ކޮށްލީ.” އުޝާން ބުންޏެވެ.
ރުފިޔާ އަލުން ދަބަހަށްލަމުން މަލްކާ އޭނާގެ ތިރީ ތުންފަތުގައި ދަތް އަޅައިލިއެވެ. ހިތުގައި އޮތް ކަންތައް ކުރަންވީ ތޯ ނުކުރަން ވީ ތޯ ވިސްނަމުން ދިޔައެވެ. އެންމެ ފަހުން ހިތާއި ދެކޮޅަށް ވިޔަސް އެ ކަން ކުރަން ނިންމިއެވެ.
“އަހަރެންގެ ނަން އިނގިފައި ތިއީ ކޮން ނަމެއް ކިޔާ މީހެއް ކަމެއް އަހަރެންނަކަށް ނޭނގެ. ދެޓް އިޒް އަ ބިޓް އަންފެއާރ.” މަލްކާ އެހެން ބުނުމާއިއެކު އުޝާންގެ ތުންފަތުގައި ދުވެލީ ހިނިތުންވުމެކެވެ.
“އުޝާން.” ދެކޮޅު ހެދުމެއް ނެތި ވަގުތުން އުޝާންގެ ނަން ބުނުމުން މަލްކާ ކުޑަކޮށް ހައިރާންވިއެވެ.
ނަމަވެސް، އެ ޒުވާނާގެ ނަން އެނގުމުން ލިބުނު ހިތްހަމަ ޖެހުމުގައި ކުޑަ ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު ކާރުން ފޭބިއެވެ. އުޝާން ބުނި ފަދައިން ވެހެމުން ދިޔަ ވާރޭ ވަނީ ތުނިކޮށްލައިފައެވެ. އެހެންކަމުން މަޑުމަޑުން ދުވެލައިފައި ގޮސް އޭނާގެ ގޭގެ ދޮރު ކައިރީގައި ހުއްޓުނެވެ. އެއިރު ކާރު ދަނީއެވެ. މަލްކާ ކާރު ގެއްލޭ ހިސާބަށް ދަންދެން ބަލަހައްޓައިގެން ހުއްޓެވެ. ގެއަށްވަނީ ކާރު ގޮސް އެކަށް ގެއްލުމުންނެވެ.
އަނެއް ދުވަހުގެ ރޭގަނޑުގެ ވަގުތެވެ. ކުޑަ ކެފޭއެއްގެ ތެރައަށް ޒީކް އާއި މަލްކާ ވަނެވެ. އެ ވަގުތަކު ދެ ލޯބިވެރިއަކު ފިޔަވައި އެހެން މީހަކު އެ ކެފޭގެ ތެރެއަކު ނެތެވެ. އެހެންކަމުން ދެ ޒުވާނުންވެސް ގޮސް އިށީނީ ދެ މީހުންނަށް އިށީނދެވޭވަރަށް ހުރި މޭޒެއްގެ ކައިރީގައެވެ. އިރުކޮޅެއް ނުވެ، ވެއިޓަރަކު އައިސް އޯޑަރު ނަގައިގެން ދިޔައެވެ.
“މަލް ކީތްވެތަ ޕާރޓީއަށް ނައީ؟ އަހަރެން ހާދަ ފޫހިވެފައޭ ހުރީ.” ޒީކް ކުސްތަޅަން ފެށުމާއިއެކު މަލްކާއަށް ހެވުނެވެ.
“އާ އެކުވެރިޔަކު ލިބުނު ވާހަކަ ގައިމު ބުނި. ކޮން ނަމެއް ތަ ކިޔަނީ؟ ޔާ..މިނު؟” މަލްކާ އެއްޗެއް ހަނދާންކުރާ ގޮތަކަށް މަތި ބަލަން ފެށިއެވެ.
“ސާބަސް މަލްއަށް. ޔާނިއު. ދެން އެކުވެރިއަކު ލިބުނަސް އެހެން އިނދެފަ ގޮސްފި. ތިމަންނަ ރައްޓެއްސަކު އެކޮޅުން ފެނިއްޖެ އޭ ކިޔައިފަ.” ޒީކް ބުނެލިއެވެ.
“މަލްވެސް ބުނި މަލްއަށް ރީތި މީހަކު ފެނުނޭ ކިޔައިފަ. ކާކުތަ އެއީ؟” ދެންވެސް ވާހަކަ ދެއްކީ ޒީކްއެވެ.
“ވަރަށް ރިޗް މީހެއް ހެން ހީވަނީ.” އުޝާން މަތިން ހަނދާންވުމާއިއެކު މަލްކާގެ ކޮލަށް ރަތް ކުލަ ފާއްދައިލިއެވެ.
“އަޅެ، މަލްގެ ހިތް އަތުލި ތި މީހާގެ ނަން ބުނެބަލަ.” ލާނެތް ގޮތަކަށް ޒީކް ކިޔަން ފެށިއެވެ.
“އުޝާން.” މަލްކާގެ ދުލުން ބޭރުވި ނަން އަޑު އިވުމާއިއެކު ޒީކްއަށް ކައިރީގައި ހުރި ފެން ތަށީގައި ޖެހި އޭގައި ފެންތައް ނުވެރުނީ ކިރިޔާއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.


Heyyyy vrh vrh reethi mi part ves ☺️ when’s next ❤️ curiously waiting for the next part keep it up afshyn my lovs LYSM 🫶🏻
Hey. Thankyouuusoomuchhh! Lyt <33
vrh reethi mi part vs
when next????
Thankyouu! In Sha Allah mi thursday ge kurin kiyaalan libeyne 🙂
Masha Allah mi part vx vrh reethi
When’s next???
thankkyouuuu IA next thursday ga kiyaalan libeyne
i must be using the wrong avas ride then and why is nuhaik always up in zeeks personal place like hello didnt you guys just reconnect after breaking up next part thankoleh dhigu kollachey
idkk haha. ig the reason will be out as the story goes on, no? yess, In Sha Allah