ރޭފަނާ – 4
ނަށަމުންދިޔަ ރަކީ ހުއްޓިލާފިޔެވެ. އޭނާގެ ބޯ މަޑުމަޑުން ފަހަތަށް އަނބުރަންފަށާފިޔެވެ. ބޯ އެނބުރިގޮތަށް ބުރަކަށީ މައިބަދަޔާ ހަމަޔަށް އަނބުރާލިޔެވެ. ދެ ލޯ ބޮޑުކޮށްލައިގެން ހުރެ ގަސްތަކުގެ ތެރެޔަށް ނަޒަރު ހިންގާލިޔެވެ. ގަސްތަކުގެ ތެރޭގައި ބިރުން ތުރުތުރުއަޅާ އޮތް ރަށުގެ މުސްކުޅިޔަކު ފިލާ އޮތެވެ. އޭނާއަކީ އެރަށުގައި ދިރިއުޅޭ އެންމެ ދުވަސްވީ އެކަކެވެ. ފެނުނު މަންޒަރު އޭނާ އޮތީ ގުޑާލަންވެސް ނުކެރިފައެވެ. މިހެން އޮއްވާ ރަކީ އައި ގޮތަށް އެމީހާގެ ކަނދުރައިގައި ހިފާ ގަސްގަނޑުތެރެއިން ނެރެ ތުނޑިމައްޗަށް ހޫރުވާލިޔެވެ. އަދި މަރާލެވިފައިވާ ފުރޭތަގެ ބޯބުރި އޭނާ ކައިރިޔަށް ހޫރުވާލިޔެވެ. ރަކީގެ ބިރުވެރި ހިނިތުންވުން ފެނިފައި އެމީހާ ގަޔަށް ކުޑަކަމުވެސް ގޮސްފިޔެވެ. އެމީހާ ތެޅިފޮޅިގަތުމަށްފަހު އާދޭސްކުރަންފެށިޔެވެ.
މުސްކުޅިޔާ : ރަކީ އަހަރެން ދޫކޮށްލާ. އަހަރެންނަކަށް ނުފެނޭ އެކައްޗެއްވެސް
ރަކީ : ކަލޭ ތި ހަދަނީ ސީދާ ދޮގުކަން އެނގޭ. ކަލޭ ކީއްކުރަން މިތަނަށް އައީ
މުސްކުޅިޔާ : (ބިމުގައި ބޯ ޖަހައިގެން އޮވެ އިސްއުފުލާލާފައި) ކަލޭ މަރާލަން
ކުއްލިޔަކަށް މުސްކުޅި މީހާގެ އަނގަ ހުޅުވާލާފައި ދިގު ދުލެއް ބާރު ދުވެލީގައި ދޫކޮށްލިޔެވެ. އެ ދުލުގެ ކޮޅުގައި ތޫނު ކައްޓެއް އިނެވެ. ބާރުމިނުގައި ދިޔަ ގޮތަށް ރަކީގެ ކަނައަތު މެޔަށް ހެރި ފޫއަޅުވާލާފިޔެވެ. ރަކީ ހައިރާވެފައި ހުއްޓާ އެ ދޫ އަނބުރާ ގެނެސް ބިމުގައި އެ ދުލުން ތަޅަމުން އެއްކަލަ މުސްކުޅި މީހާ ހަތަރެސްފައި ޖަހައިގެން އޮތެވެ. ރަކީއަށް ލިބުނު ގެއްލުމުން އޭނާ އެއްކަކޫމައްޗަށް ތިރިވެ ޒަޙަމްގައި އަތް އަޅައިގެން މުސްކުޅި މީހާއާ ދިމާލަށް ބަލަހައްޓައިގެން އިންދާ ވަރުގަޔަށް ގުގުރަމުންދާ ވިދުވަރުތަކުގެ ތެރެއިން އެމީހާގެ ސިފަ ބަދަލްވާތަން ފެންނަންފެށިޔެވެ. އެމީހާގެ ބުރަކަށީގެ މެދުން ތޫނު ކަށިތަކެއް ނުކުމެއްޖެއެވެ. އަދި އެމީހާގެ އަތުގެ އޮޅަންބަށިންވެސް ދެ ތޫނު ކަށި ނުކުމެއްޖެއެވެ. މީހާގެ ދެލޮލުގެ ކުލަ ރީނދޫކުލަޔަށް ބަދަލްވެއްޖެއެވެ. ދަތްތައް ދިގުވެ ތޫނުވެއްޖެއެވެ. ފައިގެ ފުންނާބުންވެސް ވަރުގަދަ ދެ ކަށި ނުކުމެއްޖެއެވެ. ރަކީ ކުރިމަތިގައި މިހާރު އޮތީ ވަރަށްވެސް ނުރައްކާތެރި ފުރޭތައެކެވެ. ސަބަބަކީ އެސޮރުގެ ކޮންމެ ކައްޓަކީވެސް ވިހަ ކައްޓެކެވެ. ރަކީ ގަޔަށް ހެރުނު ކަށީގެ ސަބަބުން އޭނާ ހަށިގަނޑު ދަނީ ތުރުތުރު އަޅަމުންނެވެ.
ހުރި ހާލަތައިގެން ރަކީ ފުރޭތަޔާ ކުރިމަތިލުމަށް ތައްޔާރުވިޔެވެ. އަތުން ވެލި މުށެއް ނަގާ މުއްކަވާލިޔެވެ. އެޔަށްފަހު ފުރޭތަޔާ ދިމާލަށް ދުއްވައިގަތެވެ. ފުރޭތަ ވަގުތުން ރަކީއާ ދިމާލަށް އެއްކަލަ ދޫ ދޫކޮށްލާފިޔެވެ. ރަކީ އެ ދުލުން ރެކިލާފައި މުށުތެރޭގައި އޮތް ވެލިމުށް ފުރޭތަގެ ލޮލާ ދިމާލަށް ބުރުވާލިޔެވެ. އެހިނދު އެސޮރު ލޮލަށް ވެލި ވަނުމާއެކު ދެލޯ މަރާލާފިޔެވެ. އެވަގުތު ބަލާ ރަކީ އެ ފުރޭތަގެ ދުލުގައި ހިފާ ދަމައިގަނެ ބިމަށް އެތައް ފަހަރަކު ޖެހިޔެވެ. އެޔަށްފަހު އެސޮރުގެ ދުލަށް ހިފާ ދަމައި ގަތްގަތީނުން ދޫ ބުރިކޮށްލާފިޔެވެ. އަނގައިން ހޯސްލާފައި ލޭތައް ބުރުވަމުން ފުރޭތަ ތެޅިފޮޅެމުންދެއެވެ. ދޭތެރެޔަކުން އެސޮރު ލޯ ހުޅުވާލާއެވެ. ރަކީ ބަލަން ނުހުރެ ދުވެފައި ގޮސް އެ ފުރޭގެ ބަނޑުދަށުގައި ކޮޅުފައިން ޖަހާ ބަންޑުން ޖަހުވާލިޔެވެ. އެޔަށްފަހު ރަކީގެ ދެ އަތުގެ ނޭފަތިތައް އެ ފުރޭތަގެ މެޔަށް ގަންނުވާލިޔެވެ. އަދި މޭ ދެފަޅިޔަށް ފޭކޮށްލުމަށްފަހު އަތް ގަންނުވާލިގޮތަށް ފުރޭތަގެ ހިތުގައި ހިފާ ފިއްތާލިގޮތަށް ޗަސްކޮށްލިޔެވެ. އެހިނދު އެ ފުރޭތަ މަރުވެއްޖެއެވެ.
މާނޭވާ ލާ ހާލު ރަކީ ތެދުވެގެން ފަހަތަށް ޖެހުނެވެ. އަދި މަރުވެފައިވާ ފުރޭތައަށް ބަލަހައްޓައިގެން ހުއްޓެވެ. މިހެން ހުއްޓާ ރަކީގެ ވައަތުގައި މީހަކު ހިފާފިޔެވެ. ވައަތަށް ކަޅި އެއްލި ވަގުތު ވަރުގަދަ ގުގުރިއަކާއެކު ވިދުވަރެއް ވިދާލާފިޔެވެ. އެހިނދު ވިދުވަރާއެކު އަލިވެގެންދިޔައީ ރަކީ އަތުގައި ހިފައިގެން ހުރީ ކަތީބުގެ މޫނެވެ. އެހިނދު ކަތީބު ރަކީގެ ވައަތުގައި ހިފާ ދަމައިގަތްގޮތައް ރަކީ އޮނަގަނޑުމަތީ ވަރުގަދަ އެތިފަހަރެއް ފައިން އެޅިޔެވެ. ރަކީ ވަރަށް ދުރަށް ބުރުއްސާންގޮސް ބިމަށް ޖެހުނެވެ. ކެއްސަމުން މާނޭވާލަމުން ތެދުވެ ބަލާލިއިރު ވައަތު އަތެއް ނެތެވެ. ކަތީބު މަޑު ހިނގުމެއްގައި ރަކީގެ ވައަތް ހިފައިގެން އަންނަމުންދާތަން ފެނިގެންދިޔައެވެ. އެ އަތުން ހޯސްލާފައި ލޭތައް ފައިބަމުންދިޔައެވެ. ރަކީ ބަލަން އޮއްވާ ކަތީބު އަތުގައި އޮތް ރަކީގެ އަތުގެ ފަހަރަކު އިނގިއްޔެ އުފުރަމުން ކަލާމުންދިޔައެވެ. ކަތީބު އައިސް ރަކީއާ ފަސްފޫޓު ދުރުގައި މަޑުކުރުމަށްފަހު ބޮޑުކޮށް އަނގަ ހުޅުވާލިޔެވެ. އެ އަނގައިގާވާ ދަތްތައް އެހާމެ ތޫނެވެ. ރަކީގެ އަތް އަނގައި ތެރެޔަށްލާ ހަފާލުމަށްފަހު ދިރުވާލިޔެވެ. އެޔަށްފަހު ވަޔެއްލިޔެވެ.
ކަތީބު : (ބިރުވެރި އަޑަކުން) ކަލޭ އަހަރެންގެ މީހުން މަރައިފި. މިރޭ އަހަރެން ކަލޭ މަރާލާނަން
ރަކީ : (ކޮޅަށް ތެދުވެ ވައަތު ކޮނޑުގައި އަތް އަޅާލައިގެން ހުރެ) އަހަރެން މަރުވެގެންދާނީ ކަލޭވެސް މަރާލާފައި
ކަތީބު : ކަލޭ ގައިތެރޭގައި ތިޔަ ރޫހާނީ ބާރު ނެތްނަމަ މިއަދު ކަލޭ އެއްވެސް މީހަކަށް ނުވީސް.
ރަކީ : ތެދެއް. އެކަމުވެސް އަހަރެން ކަލެޔާ ކުރިމަތިލާން ޖެހިލުމެއް ނުވާނަން
ކަތީބު : ބުނެބަލަ ރަކީ. ކަލެޔަށް އަހަރުމެން އެންމެ ހިފެހެއްޓޭނެތަ. އަދި ބާކީ އެބަތިބި އެތައް ބަޔަކު އަހަރުމެންގެ. ކޮންމެ އިންސާނެއްގައިގަ އަހަރުމެން ވަކި އަޅައިފިނަމަ އެމީހަކު އަހަރުމެންގެ މީހަކަށް މަޑުމަޑުންދާނީ ބަދަލްވަމުން. އެގޮތުން މިހާރުވެސް ބަޔަކުވަނީ ބަދަލުވެފަ. އެމީހުން އެދަނީ އެމީހުންގެ އާއިލާއާ ދަރިންތައް ކަރުއަޅައިގެން ކަމުން. މިރޭ މިރަށު ބޮޑު ބަޔެއްދާނީ ހުސްވެގެން އަދި ކުރިޔަށް އޮތް ހަފްތާތެރޭ މުޅި ރަށް ބަދަލްވެގެންދާނީ އަހަރުމެންގެ ރަށަކަށް
ރަކީ : ކަލޭމެނަށް ހަލާކުހުރި. ކަލޭމެން އެންމެން ގަތުލްނުކުރާނެ އެއްގޮތްވެސް ނޯންނާނެ.
ކަތީބު : ތިޔަ ހުރި ހާލަތުގަ؟ ކަލެޔަކަށް ނުވާނެ
ކުއްލިޔަކަށް ރަކީ އަތުގައި ފޮރުވައިގެން ހުރި ފިޔޮއްސެއް ކަތީބުގެ ކަރާ ދިމާލަށް އެއްލިޔެވެ. އެ ހަތިޔާރު ދިޔަ ގޮތަށް ކަތީބުގެ ކަރަށް ހެރިއްޖެއެވެ. ނަމަވެސް ކަތީބު ހިނިތުންވެލިޔެވެ. ހަތިޔާރުގައި ހިފާ ބޮޑަށް ކަރުތެރެޔަށް ގަންނުވާލަމުން ހެމުންދިޔައެވެ. އެޔަށްފަހު އެ ހަތިޔާރު ދަމައިގަތުމަށްފަހު ބިންމައްޗަށް އެއްލާލިޔެވެ. ދެން ފެނިގެންދިޔައީ ކަތީބުގެ ފަހަތުން ވަރުގަދަ ކަށިފެޅި ނިގުލެއް އަރަމުންދިޔަތަނެވެ. އެ ނިގުލުގެ ކުލައަކީ ރަތްކުލައެވެ. ކަތީ ދެ އަތް ދެކޮޅަށް ދަމާލުމަށްފަހު އުޑާ ދިމާލަށް ބަލަހައްޓާހުރިޔެވެ. އެހިނދު އޭނާގެ ސިފަ ބަދަލްވާންފެށިޔެވެ. ކަތީބުގެ ހަށިގަނޑު ބިޔަވާންފެށިޔެވެ. ލައިގެން ހުރި ގަމީސްވެސް އިރައި އިރައިގެންގޮސް ހަލާކުވެއްޖެއެވެ. ހަމުގެ ކުލަ ރަތަށް ބަދަލްވާންފެށިޔެވެ. ބޮލުގެ އިސްތަށިގަނޑު ފައިބައި ވަރުގަދަ ދެ ދަޅު ބޮލުން ނުކުތެވެ. ފައިގެ ފަލަމަސްގަނޑު ފަލަވެފާ ވަރުގަދަވެގެންދިޔައެވެ. އަތުގެ ނިޔަފަތިތައް ދިގުވެފައި ތޫނުވެއްޖެއެވެ. ދެ ލޯ ރަތްވެފައި ދިއްލާލާފިޔެވެ. މޭމަތިން ވަރުގަދަ ދަތްތަކެއް ލިބިފައިވާ އަނގަޔެއް ހުޅުވާލާ ލައްޕާލަމުންދިޔައެވެ. ކުރިމަތީ ހުރި ވަރުގަދަ ފުރޭތަޔާ ކުރިމަތިލައިގެން ކުރިޔަށް ނުދެވޭނެކަން ރަކީއަށް އެނގުނެވެ. އެހިނދު އޭނާ ގައިތެރޭގައިވާ ރޫހާނީ ބާރާ ވާހަކަ ދައްކަންފެށިޔެވެ.
ރަކީ : ކަލޭގެ ސަލާމަތް ކަލޭ ހޯދާ މި ޙަބަރު އަހަރެންގެ މީހުންނަށް ގެންގޮސްދީ. އެމީހުންގެ ލަޝްކަރައިގެން މިރަށަށް އަރަން ތައްޔާރުވާންބުނޭ. އަދި ކަލޭގެ މީހުން ކައިރީވެސް ބުނާތި ވެވެން އޮތް އެހީއެއްވާން. މިއަދުން ފައްޓާން އަހަރެން ކަލޭ މިނިވަންކޮށްފިން
ރޫހާނީ ބާރު : ރަކީ…. ކަލޭ އަހަރެން ހައްޔަރުކުރީ އަހަރެން އެކި މީހުންނަށް އުނދަގޫކުރަމުންދަނިކޮށް. ކަލޭ އަހަރެން ގެންގުޅެމުންދިޔައީ އޯގާތެރިކޮށް ނުހަނު ހެޔޮކޮށް އަހަރެން ވައުދުވަން ކުރިމަތީ ތިޔަހުރި ފުރޭތަގެ ބޯ އަހަރެން ބުރިކޮށްލާނަންކަން.
ރަކީ : ފަހުން ދަރިފުޅާ. ފަހުން. މިހާރު އަވަހަށް ކަލޭ ދޭ އެހެންނޫނީ އަހަރެންނާއެކު ކަލޭވެސް މަރުވާނެ
ރޫހާނީ ބާރު : އަހަރެން މަރުވާނީ ކަލެޔާއެކީ އަހަރެންގެ އެކުވެރިޔަކު ދެންމެ އެ ދިޔައީ ކަލޭގެ ޙަބަރު ހިފައިގެން. އެހެންވީމާ ރަކީ ކަލޭ ތައްޔާރުވޭ މި ފުރޭތަގެ ބޯ ލުއްސާލަން
ރަކީ : ޔަގީން ކަށަވަރު އަހަރެން ތައްޔާރު.
ކުރިމަތީ ހުރި ފުރޭތަ ކުއްލިޔަކަށް އޭގެ ނިގޫ ރަކީއާ ދިމާލަށް ދޫކޮށްލާފިޔެވެ. ޗާބޫކަކުން ތަޅަމުންދާގެން ރަކީއާ ދިމާލަށް ހަމަލާތައް ދެމުންދިޔައެވެ. ރަކީ ރެކެމުން އެކި ދިމަ ދިމާލަށް ދުވަމުންދިޔައެވެ. މިހެން ދަމުންގޮސް ވެލި މުށްތައް ހޮވާ އެޔަށް ކިޔަވާފައި ފުރޭތަޔާ ދިމާލަށް އުކަމުންދިޔައެވެ. އެހިނދު ފުރޭތަޔަށް އެ ވެލިމުއްތަކުން އުނދަގޫވާންފެށުމުން ދުވެފައި ކުރިޔަށް ދިޔަގޮތަށް ރަކީގެ މޭގައި އޭގެ ކޮނޑުން ބާރަކަށް ޖެހިގަތެވެ. އެހިނދު ރަކީ ބުރުއްސާންގޮސް ބިމަށް ޖެހުމުގެ ކުރިން މަތަވެގަނެ ފުރޭތަޔާ ދިމާލަށް ދުވެފައި އައިސް އެސޮރުގެ ފަހަތަށް އެރުމަށްފަހު އެސޮރު ނިގުލުގައި ހިފިޔެވެ. އެޔަށްފަހު ބާރަކަށް ނަގާ ބިމަށްޖެހިޔެވެ. ހަމަ އެ ދަނޑިވަޅު ދުވެފައި އައިސް ފުރޭތަގެ ވައަތުތެރެޔަށް ރަކީގެ ވަކިތައް ވައްދާލިޔެވެ. އަދި އެ އަތް އިރާލާލުމަށްފަހު ލުއްސާލާފިޔެވެ. ހަމަ އެ ދަނޑިވަޅު ފުރޭތަގެ ނިގުލުން ވަރުގަދަ އެތިފަހަރެއް ރަކީގެ މޫނުމަތީ ޖަހާފިޔެވެ. ރަކީގެ ބޮލަށް އެނބުރުން އަރާފައި ހުއްޓާ ފުރޭތަ އައިސް ރަކީ ކަރުގައި ހިފާ ދެތިން ފަހަރަކު ބިމަށް ޖަހާފިޔެވެ. އެޔަށްފަހު ފައިން އެތައް ފަހަރަކު ރަކީގެ ހަށިގަނޑަށް ހަމަލާދެމުންދިޔައެވެ. ދެމުންދިޔަ ހަމަލާތަކުން ރެކިގަނެ ރަކީ ދުވެފައި އައިސް ފުރޭތަ ފުރަގަހަށް އަރާ ކަނދުރާއަށް ވަކިތައް ވައްދާލިޔެވެ. އެޔަށްފަހު ބުރަކަށްޓަށް ހަމަލާދިނުމަށްފަހު ފުރޭތަގެ ނިގޫ ރަކީގެ ވަކިތަކުން ވަކި އަޅިގޮތަށް ބުރިކޮށްލާފިޔެވެ. އަދި ފުންމާން އަރާ ހަމައެކަނި އޮތް އަތުން ފުރޭތަ ކަރުގައި ބައްދާ ނޭވާ ހާސްކުރަންފެށިޔެވެ. މިހެން ހުއްޓާ ރަކީގެ ކަނދުރާތެރެޔަށް ފަހަތުން ވަކިތަކެއް ވަދެއްޖެއެވެ. ފަހަތަށް ކަޅި އެއްލިއިރުގައި ދޮންކާސިމްބެ ހުރީ ފަހަތުގައެވެ. އޭނާގެ އަތުގެ ތޫނު ވަކިތަކުން ރަކީގެ ބުރަކަށްޓަށްވެސް ހަމަލާތައްދިނެވެ. އެހިނދު ރަކީ ޙަބަރު ހުސްވެގެން ވެއްޓިއްޖެއެވެ.
ރަކީގެ ދެލޯ ހުޅުވެނީ ކިރިޔަ ކިރިޔާއެވެ. ލިބިފައިވާ ޒަޙަމްތައް އެހާމެ ބޮޑެވެ. ގައިން ލޭވެސް ހުސްވާ ހިސާބަށްވަނީ ގޮސްފައެވެ. ރަކީ ލޯ ހުޅުވޭ ކޮންމެ ފަހަރަކު ފެނިގެންދަނީ ދޮންކާސިމްބެ ކަތީބު ސިފައިގައި ހުރި ފުރޭތަ ކައިރީ ހުންނަތަނެވެ. މިހެން އޮށްވާ ބާރު އެތިފަހަރެއް ރަކީ މޫނުމަތީ ދޮން ކާސިމްބެ އައިސް ޖަހާ ހޭލައްވާލާފިޔެވެ. އަދި ދެކަކޫމައްޗަށް ކޮޅަށް ބޭންދިޔެވެ. އެހިނދު ކަތީބު ސިފައިގައި ހުރި ފުރޭތަ މަޑު ހިނގުމެއްގައި އައިސް ރަކީ ކަރުގައި ހިފާ އުފުއްލާލާފިޔެވެ. މަޑުމަޑުން އޭނޭގެ މޭމަތީ ހުޅުވިފައިވާ އަނގަޔާ ރަކީގެ ހަށިގަނޑު ގާތްކުރަންފެށިޔެވެ. ރަކީ ހިނިތުންވެލިޔެވެ. މިއީ އޭނާގެ އެންމެ ފަހު ވަގުތުކަން އެނގުނެވެ. ފަހު ނޭވަޔާ ޖެހެންދެންވެސް އޭނާއަށް ހަނގުރާމަކުރެވިއްޖެއެވެ. ވައަތުން ކުޑަ އިޝާރާތެއް އެންމެ ފަހު ހަރަކާތްގޮތުގައި ކޮށްލާ ގައިތެރޭގާ އިން ރޫހާނީ ބާރު ބޭރުކޮށްލިޔެވެ. އެ ރޫހާނީ ބާރު ފެންކަޅިވެފައި ބަލަހައްޓައިގެން ހުއްޓާ ފުރޭތަގެ އަނގަޔާ ރަކީގެ ހަށިގަނޑި ކައިރިކުރުމަށްފަހު އެންމެ ފުރުތަމެވެސް ރަކީގެ ބޯ އެސޮރު އަނގަޔަށް ލާ ހަފާލުމަށްފަހު ބުރިކޮށްލިޔެވެ. އެޔަށްފަހު އަތް އަނގައިތެރެޔަށް ލާފައި ދަތް އެޅިގޮތަށް ބުރިކޮށްލިޔެވެ. އެޔަށްފަހު އަތް ހަފައިގެން ކާލިޔެވެ. އަދި ހަށިގަނޑު އަނގަޔަށް ލަމުން ހަފަމުން ކަމުންދިޔައެވެ. އެޔަށްފަހު ދެފައި ވަކިކޮށް ދޮންކާސިމްބެ ސިފައިގައި ހުރި ފުރޭތަޔާ ދިމާލަށް އެއްލާލުމަށްފަހު ކަތީބުގެ ސިފަޔަށް ބަދަލްވެލިޔެވެ. އަދި މުޅި ތަން ސާފުކުރުމަށް ދޮންކާސިމްބެއަށް އަމުރުކުރުމަށްފަހު ކަތީބު ގެޔަށް ގޮސްފިޔެވެ.
- – ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


