މިއީ އަޅުގަނޑު ކުރިން މި ސައިޓަށް ލިޔެފައިވާ ވާހަކައެކެވެ. އެއްކޮށް ނިންމާނުލެވި ހުއްޓާލެވުނީތީ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށްއެދެމެވެ.
1 ވަނަ ބައި
އިރުއޮއްސެމުން އައިރު ކަޅު ވިލާތަކުން އުޑުމަތި ބައްދާލާ ވިއްސާރައިގެ ކުލަވަރު ވަނީ ދައްކާލައިފައެވެ. އިރުގެ ގަދަ އަލިން ދުނިޔެ މަޙްރޫމްވެ އަންދިރި ކަމުގެ ސާލެއް އޮޅާލިއިރު މަގުތައްމަތިން ފެނުނީ އާދަޔާޙިލާފު ހަލަބޮލިކަމެކެވެ. ހިނދެއް ހިނދަކަށް ވައިގަދަ ވަމުން ދިޔައިރު ގަސްތައް ވަޔާހޫރެމުން ދިޔައީ މާހައުލު އިތުރަށް ހަލަބޮލި ކުރުވަމުންނެވެ. އިސާހިތަކު ވާރޭގެ ހިތްގައިމު ޝަބްނަމް ތިކިތަކުން ބިންގަނޑު ތެންމާލީ މާހަލުގެ ފިނިކަން އިތުރު ކުރުވަމުންނެވެ.
ކުއްލިއަކަށް ވިދާލި ވިދުވަރާއެކު ފިހާރައެއްގެ އަސްކަނި ދަށުގައި ހުރި ނާޔާގެ މޭގަނޑު ހީވީ އަތަށް އައި ހެންނެވެ. ފަޅި ސިކުންތު ކޮޅަކަށް ނަމަވެސް ނާޔާގެ ހިތުގެ ހިނގުން ހީވީ މަޑުޖެހެލިހެންނެވެ. ބިރުން ދެލޯ ބޮޑުވެފައި ހުރި ނާޔާ އަށް ހަމަ ބިމަށް އާދެވުނީ އައިނައި ތަނެއް ނޭންގި އޭނާ ގައިގައި އައިސް ޖެހިގަތް ޒުވާނާގެ ސަބަބުންނެވެ. ” ވަޓް ދަ ހެލް.. ދެލޯ ނެތީތަ އައިސް ގަޔަށް ތިއެރީ” އަރައިގަތް ރުޅިން ނާޔާ އެ ޒުވާނާ އާ ދިމާލަށް ހަޅެއް ލަވައިގަތެވެ. ވާނީ ވެސް އެހެނެއްނޫން ހެއްޔެވެ. މިހާރު އެފިހާރަ ދަށުގައި ހުންނަތާވެސް ގަޑި އިރެއްވަރުވެދާނެއެވެ. ގެއަށް ނައިސް ލަސްވެގެން ނާޔާގެ އެންމެ ގާތް އެކުވެރިން ގުޅާ ގުޅާ ފޯނު ވެސް ލޯޑު ބޮޑުވެގެން އޮތީ އައި.ސީ.ޔޫ އަށް ލާވަރު ވެފައެވެ. ނަމަވެސް ނަގާ ޙިޔާލު ނުކުރީ މިވަގުތަށް އެމީހުނާއި ބަހުސް ކުރަން ހަދައިގެން ބޯގޮވުން ނޫން ކަމެއް ނުވާނެތީއެވެ.
” އޯ ހެލޯ.. އެކްސްކިއުޒް މީ މެޑަމް.. ބަލަ ތިކުއްޖާ ވެސް ނުޖެހޭ ދޯ މިވެހޭހާ ވާރޭގަ މިތާ ހުންނާކަށް.. މިއޮއް ބޮޑު މާލޭގައި މި ނޫން ފިހާރައެއް ނެތީތަ؟ ނޫނީ މިހާރު މި ރާއްޖޭގެ ފިހާރަތަކުގައި ހުންނަ ކުޑަތަކުގެ އަގުމާބޮޑީތަ؟ އޮއްހޯ މިހާރު މާ ސުވާލު ގިނަ ވެއްޖެ ދޯ؟ އޯކޭ އޯކޭޭޭ ދެން ނުކުރާނަމޭ ސުވާލެއް.. އެނީވޭސް ހާދަ ވައްތަރޭ ވިއްސާރަ ވީމަ ގެއަށް ނުދެވިފަ ހުރި ވައްތަރު.. އެއޮތީ މަ ކާރު.. ޑްރޮޕެއް ދެންތަ؟
ޒުވާނާ ވެސް ނާޔާ އަށް ވުރެ ބާރަށް ހަޅެއްލަވައިގަތް ނަމަވެސް ފަހު ޖުމްލަ ބުނެލީ ފޮނިވެލާފައި އެއްބުމަ ހިއްލާލަމުންނެވެ.
” ހަހް ނުގޮތަކަށް އަމިއްލަ މީހާގެ ކާރު އިސްތިހާރު ކޮށްލީތަތި؟ ބުނަން މި މާލޭން އަރާނެ ކާރެއް ނުލިބުނަސް ތި ފޮނިބޮޑު މީހާގެ ކާރަކަށް ނާރާނަން.. އެހެންނޫނަސް ކާކުތަ އަމިއްލަ ކާރެއް އޮއްވާ އައިސް ހިޔާވާން ފިހާރައެއްގެ ހިޔަލަށް ވަންނާނީ؟ މަށަށް ހިއެއްނުވޭ ތި ސޮރު ހަމަ ހެނެއްވެސް ” ރުޅިން ރަތް ވެފައި ހުރި ނާޔާ ކިޔައިގަތެވެ. ” ދެން ތިބުނީ މަމީ ބޯހަމަ ނުޖެހޭ މީހެކޭތަ؟އަދި ބުނަން މަށެއް ވެސް ކޮންމެހެން ނޫޅެން ތި ކުއްޖާ މަ ކާރަށް އަރުވާ ހިތަކުންނެއް..” ދެރަނުވާން ވެގެން ޒުވާނާ ވެސް ކުދިކިޔައިގަތެވެ..
ރުޅިން ރަތް ވެފައި ހުރި ނާޔާ ތެމުނަސް ހެޔޮ ކަމުގައި ، ގެޔާ ދިމާލަށް މިސްރާބު ޖެހިއެވެ. ދަމުންވެސް ވައްތަރެއް ޖައްސާލާނަމޭ ހިތާ ނާޔާ ފަސްއެނބުރި ޒުވާނާ އާ ދިމާލަށް ބަލައިލިއެވެ. އެވަގުތު ނުހަނު ބޮޑަށް ހީލައިގެން ނާޔާ އާ ދިމާ ބަލަހައްޓައިގެން ހުރި ޒުވާނާގެ ރީތި ހިނިތުންވުން ފެނިފައި ބޭއިހްތިޔާރުގައި ނާޔާ އަށް ވެސް ހިނިތުންވެލެވުނީ މީހެއްގެ މަތިން ހަނދާން ވާފަދަ ގޮތަކަށެވެ. އެއާއެކު ނާޔާގެ ލޮލަށް ކަރުނަ ޖަމާވާ ގޮތް ވިއެވެ. ނަމަވެސް ހިތަށް ވެރިވި އަސަރުތައް ނުހަނު ކުޅަދާނަ ކަމާއެކު ފޮރުވާލުމަށްފަހު ޒުވާނާ އާ ދިމާލަށް ވައްތަރެއް ޖައްސާލާފައި ކުރިއަށް ދުއްވައިގަތެވެ. އެއާއެކު އެ ޒުވާނާ ވެސް ބޮލުގައި އަތްފުނާ އަޅާލަމުން ކާރާ ދިމާލަށް މިސްރާބުޖެހިއެވެ.
**********
2 ވަނަ ބައި
ވަރުބަލި ކަމާއެކު ކޮޓަރިއަށް އައިސް ވަތް ނާޔާ ހުއްޓުންއެރީ ކުރިމަތީ ހުރި ކިންގް ސައިޒް ބޮޑު އެނދުގައި ތިބި އެންމެ ގާތް ތިން އެކުވެރިން ފެނިފައެވެ. އެ ކުދިންގެ މޫނު މަތީގެ އަސަރު ތަކުން ނާޔާ ގެއަށް ނައިސްގެން ކަންބޮޑުވެފައި ތިބިވަރު ހާމަވެއެވެ. ނަމަވެސް ނާޔާ ހަމަ ފެނުމާއެކު ތިން ކުދިން އެއްފަހަރާ މޫނު ކުނި ކޮށްލިޔެވެ. ހީވަނީ ޖޫން ޖުލައިގެ ވިއްސާރަ އަށް އުޑުމަތި ބަނަ ކޮށްލިހެންނެވެ. ނުވާކަމަށް ހަދަމުން ނާޔާ ހިނގައިގަތީ ފާހާނަ އާ ދިމާލަށެވެ. ނަމަވެސް ހުރި ފިޔަވަޅު މަތީ ހުއްޓެން މަޖުބޫރުވީ ބޮލުގައި އައިސް ޖެހުނު ބާލީހުގެ ސަބަބުންނެވެ. ” އޭ ބަލަ ނާޔާ.. ފޯނަށް ކިހިނެއްތަ ހަދައިގެން ތިއުޅެނީ..” އި ވުނީ ނާޔާގެ އެންމެ ގާތް ތިން އެކުވެރިން ކަމުގައިވާ ސާޔާ، ޝިމާ އަދި މީޝާގެ އަޑެވެ.
ފޯނު ތިމީހުނާ ހުރެ އައި.ސީ.ޔޫ އަށް ލާން ޖެހުނީއޭ ބުނެ ، މަގުމަތިން ދިމާވި އެ ފޮނި ބޮޑު ޒުވާނާގެ ވާހަކަ ތިން މީހުނަށް ކިޔައިދިނީމެވެ. ހީކުރި ގޮތާ ހިލާފަށް އެ ތިން މީހުން ފެށީ ހޭށެވެ. ” ނާޔޫ ހޮޓު ސޮރެއް ތަ؟ ” ޝިމާ އަހާލިއެވެ. “މަށެއް ނުބަލަން އެސޮރު ހޮޓު ތޯ އެއް ފިނިތޯއެއް..” އަނގަ އަށް ގޮތެއް ހަދާލަމުން ނާޔާ ބުނެލިއެވެ.” ނާޔޫ ރަނގަޅުވީ ހޭ ޖަހާ އެސޮރު މޫނު މަތީ ލޯބިން ފިރުމާލިނަމަ ، މަށަށް ޔަގީން އޭރުން އެސޮރު ނާޔޫ އަށް ފޯލް ވާކަށް މާގިނަ އިރެއް ނުނަގާނެކަންު.. އޭރުން ނާޔޫ އުޅޭނީވެސް ރީތި ބޮޑު ގަނޑުވަރެއްގަ… އާޗާ މިރޭ ހުވަފެނުގަ ވެސް ޝާންގެ ބަދަލަށް މަގޭ ކޮއްކޮ ތޯ އެއްޗެއް ފެންނާނީ..ު ” އެއްލޯ މަރާ ލަމުން ސާޔާ އޭނާގެ ލާނެއް ރާގުގައި ބުނެލިއެވެ. އެއާއެކު ނާޔާ ދެބުުމަ ގޮށްޖަހާލަމުންާ ސާޔާ އޭ ކިޔާ ބާރަށް ގޮވާލުމާއެކު އަނެއްކާ ވެސް ކޮޓަރީގެ ހަތަރު ފާރު ތެރޭ ގުގުމާލީ އަނެއް ތިން ކުދިންގެ ހުނުމުގެ އަޑެވެ. ” ތިއެއް ނޫނޭ ނާޔޫ ރަނގަޅު ވީހޭ އެސޮރު އަތުން ޗޮކްލެޓެއް ހޯދައިގެން ގެނެސް މަށަށް ދިންނަމަ..މިހާރު އެ ނުކާތާ ވެސް ގަރުނެއް ވަނީ ވިއްޔަ… ” މިހެން ބުނެ ނާޔާގެ ފަރާތުން އައިސްދާނެ ހަމަލާ އަކުން ސަލާމަތް ވުމަށްޓަކައި އެނދުގައި އޮތް ބްލޭންކެޓް ދަށަށް ވަދެ މީޝާ ދެލޯ މަރާލިއެވެ.
ދެކޮޅަށް އެއްޗެކޭ ބުންޔަސް މިމީހުން އަނގައިން ނާރާނެ ކަން އިނގޭތީ ނާޔާ ފެންވެރުމަށްޓަކައި ފާހާނަ އާ ދިމާލަށް ހިނގައި ގަތެވެ. ” ހޭ ޝާނިމް ބުނީ ތި އެންމެން ރެޑީ ވައްޗޯ މާދަން ހަވީރު ބޭރަށް ދާން.. އޭނަ ޓްރީޓް ދޭން ވެގެނޯ..” ސާޔާ ބުނެލިއެވެ.. ” ޔަގީންތާ.. އެކަމު ޅިޔަންބެ ކައިރި ބުނައްޗެ ބިލް ފެނިފަ އަގު ބޮޑު ކަމުން ރޯން ނުފަށައްޗޭ ” ލާނެތް ކަމުން ގޮސް ހައްދުން ނައްޓާފަ ހުންނަ ނާޔާ އޭނާގެ ދެބެންގެ ދެދަރި ދައްތަ އާ ބެހެލިއެވެ.. ދެން ތިބި ދެ މީހުން ވެސް ހިނިގަނޑެއް ޖަހާލުމަށް ފަހު ދާނެ ކަމަށް ސާޔާ ގާތު ބުނިއިރު ސާޔާ ފެނުނީ ނާޔާ އާ ދިމާލަށް ލޯ އަޅާލި ތަނެވެ.
ގަޑިއިރެއް ވަރު ވަންދެން ފާހާނައިގައި އުޅުމަށްފަހު، ނާޔާ ކޮޓަރި ތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ކަންފަތުގައި ޖެހުނީ ދައްތަ ސާޔާގެ އަޑެވެ. ” އަޅެފަހެ ފާހާނައިގެ ޓައިލްސް ތައް ބަދަލު ކޮށްފަތަ ތިޔަ ނުކުތީ ..” “ބޭކާރު ވާހަކަ ނުދައްކާ ޅިޔަންބެ އާ ވާހަކަ ދެއްކޭތޯ ބަލާބަލަ..” ނާޔާ ވެސް ސާޔާ ބުނެލި ރާގަށް ބުނެލިއެވެ.” ސާބަހޭ ހަމަ ނުހުރެވޭ ދޯ ޝާން އާ ނުބެހިއެއް..” އަނގައަށް ގޮތެއް ހަދާލަމުން ސާޔާ ކުސްތަޅައިގަތެވެ.
ނަމަވެސް ސާޔާ ބުނި އެއްޗަކަށް ސަމާލުކަން ނުދީ ނާޔާ ފެނުނީ އެނދަށްއަރާ އޭނާގެ ޖާގައިގައި ހަމަޖެހިލުމަށްފަހު ދެލޯ މަރާލި ތަނެވެ. އެއައްފަހު ލެޕްޓޮޕުން ސީރީސްއެއް ބަލަން ތިބި ޝިމާ އަށާ މީޝާ އަދި ކައިރީގައި ފޯނުން ޝާނިމްް އާ ވާހަކަ ދައްކަން އޮތް ސާޔާ އަށް އަޑުއިވޭ ވަރަށް ގުޑްނައިޓް އޭ ބުނެލުމަށްފަހު ނިދީގެ ފޮނި މިރުކަން ހާސިލް ކުރުމައިގެން އުޅެގަތެވެ.ނަމަވެސް އުޅެޅެވެސް ނާޔާ އަށް ނިދޭ ގޮތެއް ނުވިއެވެ. މިހާރު ނިދަން އެރިފަހުންވެސް ދެގަޑިއެއްހާއިރު ވެދާނެއެވެ. އޭރު ސީރީސް ބަލާ ނިންމުމަށްފަހު މީޝާ އާއި ޝިމާ ވެސް އޮތީ ނިދަންއަރައެވެ.ސާޔާ ވެސް މެއެވެ.
ފުން ނޭވާއެއްލުމަށްފަހު ނާޔާ އޭނަ ކާއިރީ ނިދާފަ ތިބި ތިން އެކުވެރިންނަށް ބަލައިލިއެވެ. އެ ތިން މީހުންނަކީ އަނދިރިވެފައިވާ ނާޔާގެ ހިތްދަތި ހަޔާތަށް އަލިކަން ގެނެސްދިން ތިން އެކުވެރީންނެވެ. މީހުންގެ ދޮގު ބަސްތަކުން ނާޔާ ރައްކާތެރި ކޮށްދިން ހެޔޮ މިތުރުން ތަކެކެވެ. އެކަމަށްޓަކާ ނާޔާ އަބަދުވެސް އެތިން އެކުވެރިން ނަށް ޝުކުރު އަދާކުރާނެއެވެ. ނާޔާގެ ދުޢާ އަކީ އަބަދުވެސް އެ ތިން އެކުވެރިންނަށް އުފާވެރި ބާއްޖަވެރި މުސްތަގްބަލަކާ ހަޔާތެއް މިންވަރުކުރެއްވުމެވެ.
އެންމެން ތެރޭ ސަކަރާތް ޖަހާ އުޅުނަސް ނާޔާ އަކީ ބަލި ހިތެއްގެ ވެރިއެކެވެ. ދުނިޔެއަށް ވެސް ސިއްރުން މި ނާޒުކު ކުއްޖާކުރާ ހިތާމަ ދެނެވޮޑިގަންނަވާނީ ހެއްދެވި ފަރާތެވެ. ފުރާވަރުގައި ވެވުނު ލޯބި އުމުރުން އެންމެ ސޯޅަ އަހަރުގައި ބީވެގެން ދިޔައީ އެކަމަށް ނާޔާ އުންމީދުވެސް ނުކޮށް ހުއްޓައެވެ. ނަމަވެސް އެ ޙިޔާލުތައް އެއްފަރާތް ކޮށްލާ ކިޔެވުމަށްޓަކައި ވަގުތު ހުސްކުރީ ނިޔާވެފައިވާ ލޯބިވާ މައިންބަފައިންގެ ހުވަފެންތަކުގައި ހަޤީޤީ ކުލަ ޖެއްސުމަށްޓަކައެވެ. ނަތީޖާ އެއްގެ ގޮތުން އޯ ލެވެލް އިން ނާޔާ ގަދަދިހައެއްގެ އެއް ވަނަގައި ހިމެނުނެވެ. ނަަމަވެސް ހިތާމައަކީ އެތައް ބައެއްގެ ލޯބި ނާޔާ އަށް މިލްކުކުރެވުނު އިރުވެސް އެ ހިތުގެ ވެރިޔާގެ ހިތް މިލްކު ނުކުރެވުނު ކަމެވެ. އެހެންނަމަވެސް ހަޤީޤަތަކީ ، މިއަދު ނާޔާގެ އުމުރުން އަށާރަ އަހަރު ވިއެއްކަމަކު އެ ނާޒުކު ހިތުގައި އަދިވެސް ރަސްކަން ކުރަމުން ދަނީ އެލޯބި ކަމެވެ. އަދިވެސް އިންތިޒާރު ކުރެވެނީ އެލޯތްބަށެވެ. އައިޒަން އާއެކު ހޭދަވި ކޮންމެ ވަގުތެއް އަދިވެސް ތާޒާ ކަމާއެކު ނާޔާގެ ސިކުނޑީގައި އެބަހުއްޓެވެ. ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް އެހަނދާން ތަކުން ނާޔާގެ ބަލިކަށި ހިތް ރޮއްވާލިއެވެ. ދެތުންފަތް ފޫއަޅުވާލާފައި ނިކުތް ހިމޭން ގިސްލުމުގެ އަޑު ބޭރުވިޔަ ނުދިނުމަށްޓަކައި ނާޔާ އޭނާގެ މޫނު މަތީ ބާލީސް އަޅާ ބާރު ކޮއްލިއެވެ.
އައު ދުވަހަކަށް އިރުއެރީ އެކިމީހުންގެ ހަޔާތުގައި އެކިކުލަ ޖައްސަމުންނެވެ. އެއްބައި މީހުންގެ ހަޔާތަށް ބަހާރު މޫސުން އައިއިރު، އަނެއްބައި މީހުންގެ ހަޔާތަށް ވަނީ ހަރީފު މޫސުމުގެ ކުލަތައް ދައްކާލާފައެވެ. ފިރޯޒުކޮޅެއް ފަދަ ސާފު އުޑު މަތީ ދަތުރުކުރަމުންދިޔަ މާޝްމެލޯ ކޮޅު ތަކެއްފަދަ ހުދު ވިލާތަކަށް ބަލަހައްޓައިގެން ހުރި ޝާނިމް މޫނުމަތީ ވަނީ އަންހެން ކުދިންގެ ހިތްތައް ކަތިލާ ފަދަ ރީތި ފިރިހެންވަންތަ ހިނިތުންވުމެކެވެ. ހުދުކުލައިގެ އަތްދިގު ޓީޝާޓަކާ ޓޭން ކުލައިގެ ސޯއްޓެއްގައި ހުރިއިރު ފިރިހެންވަންތަ ކަމުގެ އިންތިހާއެވެ. އެތައް އަންހެން ކުދިންނެއްގެ ހިތުގެ ރާޖާކަމުގައި ވެފައިވާ ޝާނިމްގެ ޒުވާން ހިތް ފަތަހަކުރުމުގައި ކާމިޔާބު ހޯދުނީ ޝާނިމްގެ އަނދިރިވެފައިވާ ހަޔާތައް އަލިކަން ގެނެސްދިން ހުޅުކޮޅު ކަމުގައިވާ، އެ ހިތުގެ ރާނީ ސާޔާ އަށް އެކަންޔެވެ. ސާޔާ އަކީ ޝާނިމްގެ މުޅި ދުނިޔެ ކަމުގައި ވަނީ ވެފައެވެ. އެ މައުސޫމު ކަމާއި ނިޔަނެތިކަން ޝާނިމްގެ ހިތް ފަތަހަ ކުރުމުގައި ކާމިޔާބު ހޯދިއިރު ، އެ ލޯބި ލޯބި ހީލުމުގެ އަޑު އަދިވެސް ޝާމިންގެ ކަންފަތުގެ ހިނދުރީގައި ހަރުލާފައި ހުރި ކަހަލައެވެ. އެއާއެކު ޝާމިންގެ ތުންފަތް މައްޗަށް ވެސް ރީތި ހިނިތުންވުމެއް ވެރިވިއެވެ. ހިޔާލީ ދުނިޔެއެއްގައި އުދުހެމުން ދިޔަ ޝާނިމްއަށް ހޭވެރި ކަމެއްވީ ފަހަތުން މީހަކު އައިސް އޭނާގެ ފިރިހެންވަންތަ ބިޔަ ހަށިގަނޑުގައި ހިފައިގަތުމުންނެވެ.
*********
3 ވަނަ ބައި
އަވަސް އަވަހަށް ޝާނިމް އަށް ފަހަތް ބަލައިލެވުނީ ސިހުނުވަރުންނެވެ. އޭރު ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިކުރުވައިގެން ޝާނިމްގެ ދެބެންގެ ދެދަރި ކޮއްކޮ ޒީވާން ހުއްޓެވެ.” އޭ އޭ.. ހޭލާ ހުރެވެސް މިހާރު ހުވަފެން ބަލަނީތަ؟ ޔަގީނޭ ތި ހުވަފެނުގައި ފަހަރި މިހާރު ހުރީ ތި އަތު ތެރޭގަކަން.. ހައްހައްހައް…” އޭރު އެމީހުންގެ ފަހަތުގައި ދެޖީބަށް އަތް ޖަހާލައިގެން ފުންހިނިތުންވުމަކާއެކު ، އެމީހުންގެ އެންމެ ގާތް އެކުވެރިޔާ އަޔާން ވެސް ހުއްޓެވެ.” ސާބަހޭ ވާން.. ހަމަ ނުހުރެވޭ ދޯ މައިތިރި ވެގެންނެއް.. ބަލާބަ ޔާން ވެސް އެހުރީނު މަޑުން” ރަކިވިކަން ނުދެއްކުމަށްޓަކައި ޝާނިމް ޒީވާންގެ ކަންފަތުގައި ހިފާ އަނބުރާލިއެވެ. އޭރު އަޔާން ޝާނިމް އޭނައަށް ތަޢުރީފްކޮށްލުމުން ފޮނިވެފައި އެއްބުމަ އަރުވާލަނީއެވެ.
ޒީވާން އަކީ ޝާމިން އާ އަޔާން އާ ޙިލާފަށް ސަކަ މިޒާޖެއްގެ ޒުވާނެކެވެ. ޝާނިމް އެކޭ އެއްފަދައިން ޒީވާން އާއި އަޔާން އަކީ ވެސް އަންހެންކުދިންގެ ހިތްތައް ފަތަހަ ކުރުމުގައި ކާމިޔާބު ހޯދާ ޒުވާނުންތަކެކެވެ. އެހާމެ ފިރިހެންވަންތަ ވެފައި ބަލައިލަން ހިތްގައިމު ގޮތެއް ތިން ޒުވާނުންގެ ވެސް ހުރެއެވެ. ” ހޭ ކޮބާ ޔާޝް؟ އޭނަ އައިއްސިދޯ އިއްޔެ؟ ރޭގަ ގުޅިޔޭ.. ބުނީ އިއްޔެ އަންނަން އުޅެފަވެސް ނާދެވުނީ ކޮންމެވެސް އަންހެން ކުއްޖަކާ މަގުމަތިން ފައިޓް ކުރަން ހަދައިގެނޯ..” ޒީވާން ހިނިގަނޑަކާ އެކު ބުނެލިއެވެ. އެއީ އަބަދުވެސް ހާލެއް ނޫންހޭ ބުނެ ޝާނިމް އޭނާގެ ކައިރީ ތިބި ދެ އެކުވެރިންގެ ކޮނޑަށް އަތް ވައްޓާލުމަށް ފަހު އެތެރެއަށް ވަނުމަށް މިސްރާބު ޖެހިއެވެ.
ޝާނިމް، ޒީވާން، އަޔާން އަދި އިޔާޝް އަކީ ފެށުނީއްސުރެ ވެސް އެންމެ ގާތް އެކުވެރީންނެވެ. ހަތަރު ކުދިންގެ މައިންބަފައިންނަކީ ވެސް ގާތް އެކުވެރިން ތަކަކަށް ވެފައި އެކުވެރި ބައެއް ކަމުން ހުރިހާ އެންމެންގެ މެދުގައި ވެސް އޮންނަނީ އާއިލީ ކުލުނު ޖެހިފައެވެ. ހަތަރު ކުދިންނަކީ ވެސް މާލެއަށް އުފަން މާލެ ބަޔަކަށް ވުމުން ކޮންމެ ބައެއްގެ ވެސް އަމިއްލަ ގެދޮރު މާލޭގައި ހުރެއެވެ. ހަތަރު ކުދިންގެ ބައްޕަ އަކީ ވެސް މާލޭގައި ނަންހިނގާ މަޝްހޫރު ހަތަރު ވިޔަފާރިވެރިންކަމުން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނޯވެއެވެ. ނަމަވެސް ލިބިފައިވާ ތަނަވަސްކަމުގެ ސަބަބުން އެއްވެސް ވަރަކަށް ބޮޑާވެގަތުމަކީ އެމީހުންގެ އެސޫލެއް ނޫނެވެ. އޭގެ ބަދަލަށް އެންމެން ވެސް ބަލަނީ ލިބިފައިވާ މިންވަރަށް ޝުކުރުކޮށް، ލިބިފައިވާ ނިޢުމަތުން އެހެން މީހުންނަށް ހޭދަކުރެވޭތޯއެވެ.
އަރާމުކޮށް ކިންގް ސައިޒް ބޮޑު އެނދުގައި ނިދާލާފައި އޮތް އިޔާޝް އަށް ހޭލެވުނީ މޫނުގައި ފިނި އެއްޗެއް ޖެހުމުންނެވެ. ލޯ ކުޑަކޮށްލަމުން ބަލައިލިއިރު ކައިރީ ތިބި އެންމެ ގާތް ތިން އެކުވެރިން ފެނި ދުމެއްޖަހާފައި ތެދުވިއެވެ. ވާނީ ވެސް އެހެނެއް ނޫން ހެއްޔެވެ. މިހާރު އެ ތިން އެކުވެރިން ނުފެންނަތާ ވެސް ދެއަހަރު ވިއްޔެވެ. މާލެއިން އޯލެވެލް ހެދުމަށްފަހު އޭލެވެލް ހެދުމަށްޓަކައި މެލޭޝިޔާއަށް ދިޔައީ މައިންބަފައިންގެ އެދުމުގެ މަތިންނެވެ. ތެދުވި ގޮތަށް ލަހެއްފަހެއް ނުކޮށް އިޔާޝް ފެނުނީ ތިން އެކުވެރިން ގައިގައި އެއްފަހަރާ ބައްދައިގަތްތަނެވެ. އެއާއެކު އެ ބޮޑު ކޮޓަރި ތެރޭ ގުގުމާލީ ހަތަރު ޒުވާނުންގެެ ހުނުމުގެ އަޑެވެ. ” އޭއޭ ބްރޯ ދޫކޮށްބަލަ ދޯ.. މިހާރު ވާވަރަށް ހަގް ކުރެވިފައޭ ހުންނާނީ އަނެއްކާ މަ ބިޓު ކަޓާފާނެ ބްރޯ ތިހެން އުޅެންހަދައިގެން….” ޒީވާން އޭނާގެ ލާނެތް ރާގުގައި އިޔާޝް އާ ދިމާލަށް ބުނެލިއެވެ. އެއާއެކު އިޔާޝް ޒީވާންގެ ބޮލުގެ ދަށްފުށުގައި އަތުން ޖަހާލިއެވެ.
“ވާން ގެ ބިޓެއް ހުންނަނަމަ ވެސް ރަނގަޅޭ ތިހެން ކިޔަން.. ދެންވެސް ތިހެން ނުބުނައްޗޭ އިނގޭ ދެންމެ ވެސް ކިރިޔާ ހާރޓް އެޓޭކެއް ނައީ ވާން ބިޓެއް ހުންނަނީ ކަމަށް ހީކޮށް..”
އެއްލޯމަރާލަމުން ދެރަވެފައިވާކަން އަޑުން ދައްކަމުން އިޔާޝް ޒީވާން އާއި ދިމާލަށް ބުނެލިއެވެ. ލާނެތް ކަމުގެ އިންތިހާއެވެ.” ސާބަހޭ މިތިބަ ދެމީހުނަށް..މި ދެމީހުން އެއްތަން ވެއްޖެއްޔާ މި ނޫން ކަމެއް ނޯންނާނެ..” ދެފަރާތަށް ބޯހޫރާލަމުން އަޔާން އާއި ޝާނިމްް އެއްފަހަރާ ކަހަލަ ގޮތަކަށް ކުރިމަތީ ތިބި އިޔާޝް އަށާއި ޒީވާންއަށް ބުނެލިއެވެ. އެއާއެކު އިޔާޝް އާއި ޒީވާން ހިނިގނޑެއް ޖަހާލުމަށް ފަހު ތިމީހުނަށް މިހެން އުޅެން ނުކެރެނީ ނޫންހޭ ކިޔާ ދިމިާކޮށްލިއެވެ.” ދެން އޯކޭ އޭ.. ހަވީރަށް ރެޑީވައްޗެ ތި އެންމެން މަ ހަރަދުގައި ބޭރަށް ކާންދާން..” މިހެން ބުނެ ޝާނިމް ފޯނެއްގައި ހުރެގެން ބޭރަށް ނިކުތެވެ.
ހަވީރުގެ ހިތްގައިމު ވަގުތެވެ. މަގުތަށް މަތިން ފެންނަނީ ހަލަބޮލި ކަމެވެ. ދުއްވާ އެއްޗެހީގެ ގިނަކަމުން މަގުތައްމަތި ވަނީ ފުރި ބާރުވެފައެވެ. ހިނގާބިނގާވެ އުޅޭ މީހުންގެ އަދަދުވެސް ވަގުތުގެ ގޮތުން ވަނީ އިތުރު ވެފައެވެ. ” ނާޔާ އަވަސް ކުރާށޭ… އަދި އަވަސް މީހެއް ކަމަށް އެންމެން ރީތިވެ ނިމުނު އިރުވެސް ހުރިއްޔޭ.. މިހާރު ޝާންމެން ވެސް އެބަތިބި ތިރީގަ.. އަވަސް ކޮށްގެން އާދޭ އަހަރެމެން ތިން މީހުން މިދަނި ތިރިއަށް..” މިހެން ބުނެ ސާޔާ ، މީޝާ އަދި ޝިމާ ލިފްޓަށް އަރަން ހިނގައިގަތެވެ.
ގޭގެ ދޮރުން ނިކުމެގެން އަންނަ ސާޔާ ފެނި ޝާނިމް ހުރީ ތަލިން ކުޅުހިކިފައެވެ. އެހާވެސް އެހިތުގެ ރާނީ މިއަދު ލޯތްބެވެ. ކަޅުކުލައިގެ ފައިތިލަ އާއި ހަމައަށް އަރާ ހެދުމަކާއެކު އަޅާފައި ހުރި ރަތްކުލައިގެ ޝޯލް އިން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. ކޮށްފައިވާ ލުއި މޭކަޕް އިން އެ ވަށް މޫނު ކޮޅު ވަނީ އިތުރަށް އުޖާލާވެފައެވެ. ސާޔާގެ ހާލަކީތޯއެވެ. ގެއިން ނިކުތީންސުރެ ޝާނިމްގެ ތޫނު ނަޒަރު އޭނައަށް ހުއްޓިފައިވާކަން އިނގޭތީ ސާޔާ ހުރީ އިސައުފުލާ ބަލައިލަން ނުކެރިފައެވެ. ލަދުން ގޮސް ސާޔާގެ މޫނުމަތި ހީވަނީ ދޮންވެ ފައްކާވެފައި އިން ޖަންބެއްހެނެވެ. އެތައްފަހަރަކު ބިން ފަޅާ އަޑިއަށް ދެވޭނެ ނަމައޭ ސާޔާގެ ހިތަށް އެރިއެވެ.
ޒީވާން ތޯއެވެ. ޝިމާ ފެނިފައި އެ ސޮރު ހުރީ އަނގަ ހުޅުވާލި ގޮތަށް ލައްޕާލަން ނޭންގިފައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. ކަކުލާ ހިސާބަށް ހުރި ރަތްކުލައިގެ ހެދުމަކާ އެކު ލައިފައި ވަނީ ކަޅުކުލައިގެ ލެގިން އެކެވެ. އަޅާފައި ހުރި ކަޅުކުލައިގެ ޝޯލްއިން އެ ދޮން މޫނު މަތި އިތުރަށް ދޮންކަމަށް ދައްކައެެވެ. ބޭއިޙްތިޔާރުގައި ޒީވާން އަށް އޭނާގެ ގަޔާ ދިމާލަށް ބަލައިލެވުނެވެ. ނޭނގި ނަމަވެސް އޭނާއަށް ވެސް ލެވިފައި ހުރީ ރަތް ކުލައިގެ އަތްދިގު ގަމީހަކާ ކަޅުކުލައިގެ ޖިންސް އެކެވެ. އެއާއެކު ޒީވާން މޫނު މައްޗަށް މައުނަވީ ހިނިތުންވުމެއް ވެރިވި އެވެ.
” އޭ ބްރޯ ތި އަނގަ ލައްޕަބަލަ މި ތަނުން ކާރެއް އައިސް އަނގައަށް ވަދެދާނެ.. ދެން ވެސް ތިހާ ޑްރާމާ ބޮޑު ނުކޮށް ގޮސް އިންނަން އަހާބަލަ..” ޝިމާ އަށް ގެއްލިފައި ހުރި ޒީވާންއަށް ހޭވެރި ކަމެއްވީ އިޔާޝްގެ ލާނެތް އަޑު އޭނާގެ ކަންފަތް ދަށުގައި ޖެހުމުންނެވެ. އެއާއެކު ތެޅިގަނެފައި އިޔާޝް އާއި ދިމާއަށް ލޯ އަޅާލުމަށްފަހު ޝިމާއަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެއާއެކު ޝިމާވެސް ލަދުރަކި ގޮތަކަށް ހީލުމަށްފަހު އިސްދަށަށް ޖަހާލިއެވެ. އެ ހިނިތުންވުން ފެނި ޒީވާންގެ ހިތް ހީވީ އާސްމާނުގައި އެދުހެން ފެށިހެންނެވެ. ބޭއިޙްތިޔާރުގައި ހިތާވީ ފަޅީގައި ފިރުމާލެވުނެވެ.
މިއެންމެންނާ ޙިލާފަށް މީޝާ އާއި އަޔާން ފެނުނީ އެކަކު އަނެކަކަށް ބަލައިލާ ހިނިތުންވެލި ތަނެވެ. އަޔާން ފެނުނު ހިނދު މީޝާގެ ހިތުގެ ހިނގުން އަވަސްވު ނަމަވެސް އެކަން ހަމައަކަށް އަޅުވާލީ ދެވަނަ ފަހަރަށް ލޯބީގައި ނާކާމިޔާބު ނުވުމަށެވެ. ދެވަނަ ފަހަރަށް އެވޭން ތަހައްމަލް ކުރާނެހާ ހިތްވަރު އެ ހަށިގަނޑުގައި ނެތުމުންނެވެ.
އަވަސް އަވަހަށް ފައިވާނުގެ މަޅިގަނޑު އަޅުވާލުމަށްފަހު ނާޔާ ލިފްޓާ ދިމާލަށް ދުއްވައިގަތެވެ. މިހާރު އެންމެން ތިބޭނީ ލަސްވެފަކަން އެނގި ނާޔާ މާ ބޮޑަކަށް ހާހެއް ނުވެއެވެ. ސަބަބަކީ އޭނާ ނުލާ އެ މީހުން ނުދާނެކަން ނާޔާ އަށް ޔަގީންވާތީއެވެ. ގްރައުންޑް ފްލޯ އަށް ލިފްޓު ހުއްޓުމާއެކު މީހުން ތަކު ތެރޭން އަވަސް އަވަހަށް ނާޔާ ބޭރަށް ދެމިގަތެވެ. އެވަގުތު ފޯނަށް މެސެޖެއް އައި އަޑު އިވިގެން ފޯނު ނަގާ ހުޅުވާލުމަށްފަހު އެއަށް ބަލަހައްޓައިގެން ހުރެ ކުރިޔަށް ހިނގައިގަތެވެ.
ފޯނަށް ބަލަހައްޓައިގެން ހުރެ ކުރިޔަށް ހިނގަމުން ދިޔަ ނާޔާއަށް ކުއްލި ސިހުމެއް ލިބުނީ މީހެއްގެ ގައިގައި އޭނާ ލައިގަތުމުންނެވެ. އަވަސް އަވަހަށް މާފަށް އެދުމަށްޓަކައި ކުރިމަތީ ހުރި މީހާއާއި ދިމާލަށް ނާޔާ އިސްއުފުލާ ބަލައިލިއެވެ. އެއާއެކު ދަންނަ މީހެއްހެން ހީވެގެން ނާޔާ ކުރިމަތީ ހުރި ޒުވާނާގެ މޫނަށް ފުން ނަޒަރަކުން ބަލައިލިއެވެ. ސިކުންތު ކޮޅެއް ތެރޭ އެއީ ކާކުކަން ނާޔާގެ ސިކުނޑިއަށް ނަގައިގަތެވެ. އެއާއެކު ދެލޯ ބޮޑުކޮއްލާ ދަތްކުނޑި ވިކާލަމުން ނާޔާ އެ ޒުވާނާއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. ” ޔޫ… އެގެއިންންންންންން…” އަޑަށް ބާރުލަމުން ނާޔާ ހަޅެއްލަވައިގަތެވެ.
************
4 ވަނަ ބައި
ޒީވާން އާއި ދިމާކުރަން ހަދައިގެން އިޔާޝް އަށް އެންމެ ފަހުން ކުރިމަތިލާން ޖެހުނީ ޒީވާންގެ އަތުގެ ހޫނު ހަމަލާ އަކާއެވެ. އެއަށްފަހު ވެސް އިޔާޝް އޭނަގެ ހުނުން ނުހުއްޓުމުން ޒީވާން ދެވަނަ ހަމަލާއެއް އިޔާޝް އަށް ދިނުމައްޓަކައި ތައްޔާރު ވިއެވެ. އެކަމަށް ސަމާލުވެހުރި އިޔާޝް ޒީވާންގެ އަތު ނުޖެހެންވެގެން ކުރިއަށް ދުއްވައި ގަތެވެ. ހެމުން ހެމުން ހުރެ ކުރިއަށް ދުވަމުން ދިޔަ އިޔާޝް މަތަވީ ކުރިމަތިން އައި އަންހެން ކުއްޖެއްގެ ގައިގައި ޖެހިފައެވެ. އެއާއެކު އެ ސޮރުގެ ލާނެތް ހުނުމުގެ އަޑު ވަގުތުން ކެނޑިގެން ދިޔައެވެ. ކުރިމަތި ނުބަލާ ފޯނަށް ބަލަހައްޓައިގެން ހުރެ ކުރިއަށް ހިނގަމުން އައި ނާޔާ ވެސް ހުއްޓުން އެރީ އޭނާގެ ހަށިގަނޑު މީހެއްގެ ގައިގައި ޖެހިފައި މަތަވުމުންނެވެ.
އިޔާޝް އޭނާގެ ގައިގައި ޖެހުނު މީހާގެ ކިބައިން މާފަށް އެދުމަށްޓަކައި އިސްއުފުލާ ކުރިމައްޗަށް ބަލާލިއެވެ. ނަމަވެސް އެސޮރުގެ މޫނުމަތީގައިވި ސީރިއަސްކަން ކެނޑި ވަގުތުން އެ މޫނުމައްޗަށް ލާނެތްކަން ވެރިވެގެން ދިޔައީ ކުރިމަތީ އޭނާ އާ ދިމާލަށް ލޯއަޅައިގެން ހުރި އަންހެން ކުއްޖާ ފެނިފައެވެ. އެއީ ކުރީ ދުވަހު ވާރޭ ތެރެއިން ފެނުނު އަންހެން ކުއްޖާކަން ނަގައިގަތުމަށްޓަކައި އެސޮރަށް ސައިންޓިސްޓެއްގެ ހަރުދަނާ ސިކުނޑިއަކަށް ބޭނުމެއް ނުވިއެވެ.
” ޔޫ އެގެއިންންންންންންން…” ކާކުކަން ފަހުމުވުމާއެކު ނާޔާ އޭނާގެ ކުރިމަތީ ހުރި ޒުވާނާއާ ދިމާލަށް ހަޅެއްލަވައިގަތެވެ. އެއާއެކު އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ތިބި ޝާނިމް، ސާޔާ،ޝިމާ،ޒީވާން އަދި ފޯނުގެ ތެރޭ ބޯ ގާނަމުން ދިޔަ އަޔާން އަދި މީޝާ އަށް ވެސް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ. ކުރިމަތި ބަލާލުމާ އެކު ހަ މީހުންގެ މޫނު މައްޗަށް ހައިރާންކަން ވެރިވެ ދެލޯ ބޮޑު ވެގެން ދިޔައީ ކުރިމަތީ ތިބެ އެކަކު އަނެކަކާ އަރާރުން ވަމުން ދިޔަ ނާޔާ އާއި އިޔާޝް ފެނިފައެވެ.
” ކިހާ ދެރަކަމެއް މަ ނޫން މީހަކު ކަލެއަށް ހަމަ މި އޮށް ބޮޑު މާލޭން ނުފެން ނަނީތަ؟؟ މަގެއްގެ މައްޗަށް ނިކުމެވެން ނެތޭ މި ފިރިހެނާ އާ ހެދި.. ދުވަން ނޭންގެންޏާ ވެސް ނުދުވެ ހިނގާފަ އުޅެބަލަ…” ކުރިމަތީ އޭނާ އާއި ދިމާ ބަލަހައްޓައިގެން ހެވިފައި ހުރި ޒުވާނާ އާ ދިމާލަށް ނާޔާ ކުދިކިޔައިގަތެވެ. ރުޅި އައިސްގެން ގޮސް ނާޔާ ގެ ދޮން މޫނުމަތި ހީވަނީ ދޮންވެ ފައްކާވެފައި އިން ރަތް ޓޮމާޓޯ އެއް ހެންނެވެ. އެހާވެސް އެ މޫނު މަތީގައިވި ރަތްކަން ވަނީ އިތުރުވެފައެވެ. ” އާޗާ މަށަށް ވެސް ހަމަ ބުނެވިދާނެ ތިހެން .. މަންޖެވެސް ފޯނަށް ބަލަހައްޓައިގެން ހުރެ ނުހިނގޭ ކަމުގަ ވަނީ ނަމަ ބޭރަށް ނުނިކުމެ ގޭތެރޭގަ އޮވެބަލަ..” ނާޔާ ބުނެލި ރާގަށް އިޔާޝް ވެސް ބުނެލިއެވެ. އެއާއެކު އިޔާޝްގެ އެ ފަން އިސްތަށިގަނޑުގައި ހިފައި ގަތުމަށްޓަކައި ނާޔާ އޭނާގެ އަތް މަޅާލިއެވެ. ނަމަވެސް އިޔާޝް ދިގުކަމުން ނާޔާ އަށް އެކަން ކުރެވޭ ކަމަކަށް ނުވިއެވެ. ނަމަވެސް ނާޔާ ހިތްވަރު އެލުވާލަން ބޭނުން ނުވުމުން ކޮރާލައިގެން ވެސް އެކަން ކުރެވޭތޯ އުޅޫނެވެ. ނަމަވެސް މިފަހަރު ވެސް ކާމިޔާބު ނުވީ ސާޔާ އައިސް ނާޔާ ހިފެހެއްޓުމުން ނެވެ.
އޭރު ނާޔާ ކުރަން އުޅުނު ކަންތައް ކާމިޔާބު ނުވުމުން އިޔާޝް ބިނދި ބިނދި ފައި ހެނީއެވެ. ” ހޭ ހޭ ސްޓޮޕް އިޓް ގާއީޒް.. ކިހިނެއްތަ މިވަނީ ތި ދެމީހުން އެކަކު އަނެކަކު ދަންނަންތަ؟” ވާނުވާ އެނގެން ބޭނުންވެފައި ހުރި ވަރުން ޒީވާން އެ ދެމީހުންނާ ސުވާލު ކޮށްލިއެވެ. އެއާއެކު ދެން ތިބި ތިން މީހުން ވެސް އެ ދެ މީހުން ގެ މޫނަށް ބަލައިލީ ޖަވާބު ބޭނުމޭ ބުނާ ފަދަ ނަޒަރަކުންނެވެ. “ނޯ”.. “ޔެސް”.. އެކަކު އަނެކަކަށް ލޯ އަޅައިގެން ތިބި ދެމީހުންގެ އަނގައިން ނިކުން މޮޔަ ޖަވާބުން ނުހޭން ތިއްބަސް މިފަހަރު އަނެއް ހަ މީހުން ނަކަށް ނުތިބެވުނެވެ.
” ވަޓް މިހާރު ދެފަހަރަށް އަހަރެމެން ދެމީހުން މި މީޓް ވީ އެ ވަރުން ވެސް ތި ކުއްޖާ ތިބުނީ ނުދަންނަމޭ.. ތިކަހަލަ މޮޔަ ވިސްނުމެއް އެހެން މީހަކަށް ނުދެއްވާށި..” ނާޔާގެ ބޮލުގައި ޖަހާލުމަށް ފަހު އިޔާޝް އޭނާގެ މޫނުމަތީ އަތްފޮހެލުމަށް ފަހު އެހެން ބުނެލީ ނާޔާ “ނޯ” އޭ ބުނުމުން އެކަން ހަޖަމު ނުކުރެވިގެންނެވެ. ” ހަހް ވަޓްއެވާ..” މޫނަށް ވައްތަރެއް ޖައްސާލުމަށް ފަހު ނާޔާ އޭނާގެ ފަރާތުން ރައްދު ބަސް އިޔާޝް އަށް އިއްވާލިއެވެ.
” އޯކޭ އޯކޭ ދެން ތި ދެމީހުން ފައިޓް ކުރާނީ ފަހުން.. މިހާރު ފައިވް ވަނީ އެ.. ހިނގާ ދެންވެސް އަވަހަށް ދެވޭތޯ ބަލަން..” މިހެން ބުނެ ޝާނިމް ސާޔާގެ އަތުގައި ހިފައިގެން ހުރެ ކުރިއަށް ހިނގައިގަތެވެ. އެކަކު އަނެކަކަށް ލޯ އަޅައިގެން ތިބި އިޔާޝް އާއި ނާޔާ ވެސް އެންމެންގެ ފަހަތުން ހިނގައިގަތީ އެ ނޫން ގޮތެއް ނެތިގެންހެން ހީވެއެވެ.
ހަތަރު ފިރިހެން ކުދިން އައީ ސައިކަލުގައި ކަމަށް ވުމުން އެ މީހުން ބޭނުންވާ މަންޒިލަށް ދާން ޖެހުނީ ސައިކަލުގައެވެ. މިކަމުގެ ސަބަބުން އަނެއްކާވެސް ނާޔާ އާއި އިޔާޝް ގެ ރުޅިގަނޑު ހިލިގެން ދިޔައީ ދެމީހުން އެއް ސައިކަލަކަށް އަރަން ޖެހުމުންނެވެ. ސައިކަލުގައި ނާދެވުނު ނަމައޭ އިޔާޝް ގެ ހިތަށް އެރީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ. ނަމަވެސް ގޮތް ދޫކޮށްފައި އަރަން މަޖުބޫރުވީ ޝާނިމް ލަސްވަނީ ކަމަށް ބުނުމުންނެވެ. އޭރުވެސް ނާޔާ ހުރީ ތުންދަމައިގެންނެވެ.
ޒީވާންގެ ސައިކަލު ފަހަތަށް އަރަން ދިޔަ ޝިމާ އަށް ތޫލި އަޑަކުން ހަޅެއްލަވައި ގަނެވުނީ ގާކޮޅެއްގައި އަޅައިގަނެފައި ވެއްޓެން ދިޔުމުންނެވެ. ނަމަވެސް ވެއްޓުމުގެ ކުރިން ކައިރީ ހުރި ޒީވާން ޝިމާގެ އުނަގަނޑުގައި އަތް އަޅުވާލުމަށްފަހު އެ ވަރުގަދަ ދެ އަތުގެ ތެރޭ ޝިމާގެ ތުނިތުނި ހަށިގަނޑު ހައްޔަރު ކޮށްލިއެވެ. ” ކެއާފުލް ބިއުޓިފުލް..” ޒީވާން ގެ އަޑަށް ޝިމާ އޭނާގެ މަރާލެވިފައި ދެލޯ މަޑުމަޑުން ހުޅުވާލިއެވެ. ނަމަވެސް ހަމަ އެސިކުންތުގައި އިސް ޖަހާލަން މަޖުބޫރުވީ ޒީވާންގެ ތޫނު ނަޒަރު އެހާ ގާތުން އެ މޫނަށް ހުއްޓިފައިވުމުން ލަދުގަތްވަރުންނެވެ. ނަމަވެސް ޝިމާއަށް ވީ ގޮތް ފެނި ޒީވާންގެ މޫނު މައްޗަށް ވެރިވީ މައުނަވީ ހިނިތުންވުމެކެވެ.
” އާޗާ.. ކޮންނަމެއް ކިޔާ ފިލްމެއްގެ ސީން އެއްތަ މި ފެންނަނީ…” އެކަކު އަނެކަކު ގެ އަތުތެރޭ ތިބި ޒީވާން އަދި ޝިމާ އަށް ހޭވެރި ކަމެއްވީ އިޔާޝް އެމީހުނާ ދިމާކޮށްލުމުންނެވެ. އެއާއެކު އެ ދެކުދިންނަށް ދުރަށް ޖެހިލެވުނު ގޮތްވެސް ނޭނގުނެވެ. އެދެމީހުނަށް ވީގޮތް ފެނި ދެންތިބި ހަ މީހުންގެ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. ވީގޮތް ރޭކާލުމާ އެކު ޒީވާން އޭނާގެ އިސްތަށިގަނޑުގެ ތެރޭ އަތްހިންގާލިއެވެ. ޝިމާއަށް އިސްޖަހާލެވުނީ ލަދުގަތް ވަރުންނެވެ. އަދި އޭނާގެ ރައްޓެހިން ތިއްބާ އެފަދަ ކަމެއް ވުމުން އެމީހުން ދިމާކޮށްލާނެ ވަރު ހިތަށް އަރާ ޝިމާ އަށް އޭނާގެ ތުންފަތުގައި ދައިގަނެވުނެވެ.
” ޝިމް ހަމަ އެހާ ލަދުގަނޭތަ” ނާޔާ އަށް އޭނާގެ ދޫ ހިމޭނުން ބޭއްވޭ ކަމަކަށް ނުވިއެވެ. ” އާނ އެއީ މަންޖެ އެއް ނޫނޭ އަބަދު ރުޅިދުރުވާކަށް..” އިޔާޝް މިވަގުތުވެސް ބެލީ ނާޔާ އާއި ޖަދަލު ކުރެވޭތޯ އެވެ. އެކަން ވިސްނި ނާޔާ އިޔާޝް އާ ދިމާލަށް ތުން އަނބުރާލިއެވެ. ބާކީ ތިބި ހަ މީހުން ވެސް ދެ އަތަށް ބޯ ހޫރާލުމަށް ފަހު އެމީހުންގެ މަންޒިލަށް ދިޔުމަށް މިސްރާބު ޖެހީ އެ ދެ މީހުން ކިތަންމެ އިރެއް ވިޔަސް އެއްގަލަކަށް ނާރާނެތީއެވެ.
ސައިކަލުތައް ޕާކު ކުރުމަށްފަހު އެންމެން އެކީ މިސްރާބުޖެހީ ޝާނިމްގެ ބައްޕަ އެންމެފަހުން ހުޅުވި ރެސްޓޯރެންޓް ތެރެއަށް ވަނުމަށްޓަކައެވެ. އެންމެންގެ ފަހަތުން ރެސްޓޯރެންޓްގެ މައި ގޭޓުން އެތެރެއަށް ވައިން ނާޔާގެ މަލެއްފަދަ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ކުރިމަތިން ފެނުނު ސޫރައެއްގެ ސަބަބުންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ފެނުނު މަންޒަރުން އެ ހިތްހީވީ ހަންޖަރަކުން ކޮށާ ކުދި ކުދި ކޮށްލިހެންނެވެ. އިޙްތިޔާރަކާ ނުލާ އެ ބޮޑު ދެލޯ ފުރިގެންއައީ އިންޒާރަކާ ނުލައި އެ ނިކަމެތި ހިތުގައި އެޅި ވޭނަށް ކެތްނުކުރެވިގެންނެވެ. މަޑުމަޑުން ނާޔާގެ ދެތުންފަތް ފޫއަޅުވާލާފައި ޝަކުވާގެ ރާގަކަށް ބޭރުވީ ހަމަ އެންމެ ނަމެކެވެ.
” އައިޒަން ”
( ނުނިމޭ )
6 Comments!
Comments are closed.

hello
long time
how are you
mi part ves v reethi masha allah
curiously waiting for next part
keep it up
i appreciate your hard work
Are you euphoria?????
Mi faharu mi vaahaka ehkoh gensdheyne kamah ummeedhu kuran.
thee euphoria tha?
masha allah
vrh reethi
mifahar vhk ehkoh genesdheh chey
waiting for next
❤️
cant wait for the next part girl pls miburu ehkon genesdheythi
kon irakun next part thah up kurany???
vrh kiyaa hithun miulheny 😭
kon irakun next part thah up kurany???
vrh kiyaa hithun miulheny 😭
mifahar mi vhk ehkoh genesdhehchey kurin vs ninmaafa iny vrh curious koh ehnvgn beynunvey mi vhk ehkoh kiyaalan