“އަޒް.. އަހަންނަށް ހަމަ އެންމެ ފުރުސަތެއް ދީ.. ރިއާންއަށް ވުރެ މާ ލޯބި ދީގެން މާ އުފަލުގަ އަހަރެން އަޒް ގެންގުޅޭނަން.. އެއްފަހަރު އަހަރެންގެ އަތުން އަޒް ބީވެގެން ގޮއްސި.. ދެވަނަ ފަހަރަށް އަޒް ބީވެގެން ދާތަން ބަލާކަށް އަހަންނަކަށް ކެތެއް ނުވާނެ.. އިންޝާﷲ އަހަރެން އަދި ކޮންމެވެސް ދުވަހަކުން އަޒްގެ ލޯބި ކާމިޔާބުު ކުރާނަން..” ޔައިލްގެ އަޑުގައި ވީ ޔަގީންކަމެވެ.
“އަޒްގެ ފިރިމީހާގެ މަޤާމު ފުުރައިލުމުގެ ނަސީބު އަހަންނަށް މިންވަރު ކުރައްވައިފި ނަމަ ދުވަހެއްގެ ކޮޅުން ވެސް އަޒް ޝަކުވާ ކުރިޔަކަ ނުދޭނަން.. އެހައި ވަރަށް އަހަރެން އަޒް ދެކެ ލޯބިވޭ..” ޔައިލްގެ ދުލުން ބުނެލި އެ ލަފްޒުތައް އަޒަލްގެ ކަންފަތާ ހަމައަށް ނުފޯރިޔަސް، އެ ކޮޓަރީގެ ދޮރުމަތީގައި ހުރި ޒާރާގެ ކަންފަތަށް ފޯރިއެވެ. އެއާއެކު ޒާރާގެ ދެލޯ ބޮޑުވެގެން ދިޔަ އިރު، އަނގަމަތީގައި އަތް އަޅައިލެވުނީ ޤަބޫލު ނުކުރެވިފައި ހުރެއެވެ.
ނަމަވެސް ދެވަނަ ސިކުންތުގައި ޒާރާގެ ތުންފަތަށް ވެރިވި ފުޅާ ހިނިތުންވުމުން އޭނާ އުފާވެފައި ހުރި މިންވަރު ހާމަވެގެން ދިޔައެވެ. ޔައިލްއަށް ހިލަމެއް ވެސް ނުވާނެހައި މަޑުން ކޮޓަރީގެ ދޮރު ލައްޕައިލުމަށް ފަހު ޒާރާ މިސްރާބު ޖެހީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރިއަށް ވަން އިރު، ފާޚާނާއިން ނުކުތް އަފާން ފެނި ޒާރާ ވަގުތުން ގޮސް އަފާންގެ ގައިގައި އޮޅުލައިގަތެވެ.
“ހޫމް ހޫމް.. މިރޭ މާބޮޑަށް އަހަރެން ދެކެ ލޯބިވާ ރެޔަކީތަ..؟ ކިހިނެއްތަ ވީ..؟” ޒާރާ އުޅުނު ގޮތުން ހިނިއައިސްފައި ހުރެ، އަފާން އަހައިލީ ޒާރާގެ ގައިގައި ދެއަތް ވަށައިލަމުންނެވެ.
“އަފާން.. އަހަރެމެންގެ ދަރިންކޮޅު ވެސް ބޮޑެތި ވަނިއްޔޭ..” އަފާންގެ ގައިން ދޫކޮށްލަމުން ޒާރާ ބުނެލީ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހިނިތުން ވަމުންނެވެ. އެއާއެކު އަފާން ނޭނގިފައި ހުރެ، ތިބުނީ ކީކޭ ހެއްޔޭ އަހައިލިއެވެ.
“އަހަރެމެންގެ އަޒްއާ ޔައިލް އުޅެނީ ލޯބީގެ ގޮތުން ގުޅިގެން..” ޒާރާ ބުނެލި ވާހަކައިން އަފާންގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ.
“އޭނ..؟ ކީކޭ..؟ ހަމަ ޔަގީންތަ..؟ އެކަމް.. އެކަމް ކިހިނެއް ޒާއަށް އެނގުނީ..؟ އެކުދިން ބުނީތަ…؟” އަފާން ހުރީ ޤަބޫލު ކުރަން ދަތިވެފައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އެވަރަށް އެމީހުން އެދެކުދިން އަޅުވާ ކިޔާ އިރުވެސް ޔައިލްއާއި އަޒަލް އެކަމަށް އިންކާރުކޮށްކޮށް ތިއްބާ އެފަދަ ޚަބަރެއް ލިބުމުން ވާނީވެސް އެހެންނެވެ.
“އަހަންނަށް ދެންމެ އަޒްގެ ކޮޓަރި ކައިރިން ލާފަ ދިޔަ އިރު ޔައިލް ބުނި ވާހަކަ އަޑު އިވުނީ.. ޔައިލްގެ ދުލުން ބުނީ އަޒްއާ ކައިވެނި ކުރަން ވަރަށް ބޭނުމޭ.. އަޒް ދެކެ ވަރަށް ލޯބިވެޔޭވެސް.. މަ އޭރުވެސް ބުނީމެއްނު އަފާން ކައިރި ހާސްވާ ވަރުގެ ކަމެއް ނުވެޔޭ އަޒް އަކަށް.. ޔަގީނޭ މި ހުރިހާ ދުވަސް ވީ އިރުވެސް މިކަން ކަން މި އުޅެނީ..” ޒާރާ ދެއްކި ވާހަކަތައް އަފާންގެ ތޫނު ސިކުނޑިއަށް ވެސް ޤަބޫލު ކުރެވުނެވެ.
“އެހެންވީމަ މިއަދުވެސް އަހަރުމެން ކައިރި ޔައިލް ބުނަން އުޅުނީ އެ ވާހަކަ ދޯ..؟ އަޒަލް އައީމަ ޔައިލްއަށް ނުކެރިގެން ނުބުނެ މަޑުކުރީ.. ފަހަކަށް އައިސް އެހައި ބޭރަށް ދާ އިރު ކޮންމެ ދުވަހަކުވެސް އަހައިލީމަ ބުނާނެ ޔައިލްއާ އެކީއޭ.. ޔައިލްއަށް ފަހުން ފަހުން އައިސް މިގެއަށް އަންނަން ވެސް ނުކެރެނީ އެކަމާ ލަދުން ދޯ..؟” ފާއިތުވެދިޔަ ހައެއްކަ މަހުގެ ތެރޭގައި އަޒަލްއާއި ޔައިލްއަށް އައިސްފައިވީ ބަދަލުތައް އަފާންއަށް ގުޅުވައިލެވުނީ ވެސް އެކަމާއެވެ.
“އަޅޭ ޒާ.. އަހަރެން ވަރަށް އުފާ ވެއްޖެ! އަހަރުމެންގެ ދަރިފުޅަށް ޔައިލް ކަހަލަ ކުއްޖަކު ހަޔާތުގެ ބައިވެރިއަކަށް ލިބުނީމަ.. އެކަމަކު އަޒަލް އަޅެ ސިއްރު ނުކޮށް އަހަރުމެން ކައިރި ބުނި ނަމަ ދޯ؟ ޔައިލްއަކީ ހަމަ ޔައިނާއާ މިލާންއެކޭ އެއްފަދައިން އަހަރުމެން ވެސް ބަލައި ބޮޑުކުރި ކުއްޖެއް ވިއްޔަ.. އަޒްއަށް އެނގޭނެ އަހަރެން ހަމަ ގަބޫލު ވާނެކަން..” އަފާންއަށް ޝަކުވާކޮށްލެވުނީ އެހައި ދުވަސްވީ އިރުވެސް އަޒަލް އޭނާ ގާތުގައި އެ ވާހަކަ ނުބުނުމުންނެވެ.
“ދެން އަފާންން! އަޒަލް ވެސް އެހައި ސީރިޔަސްކޮށް އުޅޭ އިރު ލަދު ގަންނާނެ އެއްނު.. އެވަރު ކަންތައް ވެސް ވާނެޔޭ.. ދެން އަޅައިނުލާބަލަ.. އަހަރެން ބޭނުމީ މި ވާހަކަ އަވަހަށް ޔައިނާމެންނާ ހަމައަށް ގެންދަން..” ޒާރާ އެހެން ބުނުމުން އަފާންއަށް ވެސް އެގޮތް ކަމުދިޔައެވެ.
“މާދަމާ މެންދުރު ކެއުމަށް ދައުވަތު ދީ.. އެގަޑީގަ އަހަރެން ބްރޭކަށް އަންނާނަން.. އަޒްވެސް އާރޫވެސް އެގަޑީގަ ގެޔަކު ނޫޅޭނެއެއްނު..” އަފާން ދިން ޚިޔާލު ޒާރާއަށް ކަމުދިޔައެވެ. އަދިވެސް އޭނާ އުފާވެފައި ހުރި ވަރުން ދެފައި އެއްތާކު ޖަހައިގެން ހުންނަން އުނދަގޫ ވަނީއެވެ. އުފާވެރިކަމާ އެކު ޒާރާ އަނެއްކާވެސް އަފާންގެ ގައިގައި އޮޅުލައިގަތީ، އަޒަލްއާއި ޔައިލްގެ ކައިވެނި އަވަސް މުސްތަގުބަލެއްގައި ދުށުމުގެ ފޮނި އުއްމީދުގައެވެ.
ނަމަވެސް، ޔައިލް ބުނި ވާހަކައިގެ އެއްބައި އަޑު އިވުނު ޒާރާއަށް ހަގީގަތް ނޭނގުމަކީ ކާކުގެ ނަސީބެއް ކަމެއް ނޭނގއެވެ. ކޮންމެއަކަސް، މިހާރު އެންމެންނަށް ވެސް ހީވާނީ އަޒަލްއާއި ޔައިލްގެ މެދުގައި ގުޅުމެއް އޮންނަ ހެންނެވެ. ހަގީގަތް އެންމެންގެ ލޯމައްޗަށް ކަޝްފު ވެގެން ދާނީ ކޮން އިރަކު، ކިހިނެއް ކަމެއް ވެސް ނޭނގެއެވެ.
*** ** ***
ކޮލެޖުން ނުކުތް ޔަލީނަށް މިފަހަރުވެސް ފޯނު ކަނޑައިލަން ޖެހުނީ އާރާ އޭނާގެ ފޯނަށް ޖަވާބު ނުދިނުމުންނެވެ. މިހާރު އޭނާއަށް އާރާއާ ދިމާނުވާތާ ހަފްތާއެއް ވަނީއެވެ. އެންމެ ގާތް އެކުވެރިޔާ ކުއްލިއަކަށް އޭނާއާ ދޭތެރޭގައި ބަހައްޓަމުން ދިޔަ ދުރުކަމުނން ޔަލީންގެ ހިތަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. ނަމަވެސް ކަމަކާ ނުލައި އާރާ އެހެން ނުހަދާނެކަން ޔަލީނަށް ޔަގީން ވެއެވެ. އެހެންކަމުން ޔަލީން ވިސްނީ ޒައުލްއާ ވާހަކަ ދައްކައިގެން، ޒައުލްގެ އެހީއާއެކީ އާރާއަށް އައިސްފައިވީ ބަދަލު ހޯދާށެވެ. ފަހަރުގައި އާރާއަށް ކަމެއް ދިމާވީ ކަމަށްވެސް ވެދާނެއެވެ. އެހެންވެއްޖެ ނަމަ އާރާއަށް އެހީވެދީ، ގާތުގައި ހުރުމަކީ އޭނާގެ ޒިންމާއެކެވެ.
އާރާ ފޯނު ނުނެގުމުން ޔަލީން ދެން ގުޅީ ޔައިލްއަށެވެ. ނަމަވެސް ޔައިލްގެ ފޯނު ނިވާލާފައި އޮތުމުން ޔަލީން ދެން ގުޅަން ޖެހުނީ މިލާންއަށެވެ. މިލާންގެ ފޯނު ރިންގުވެލާފައި ކެނޑުމުން މިލާން ވެސް ނުހަނު ބުރަކޮށް އުޅެނީކަން އެނގުނެވެ. ޒައުލް މާ ކުރިން ގެއަށް ދިޔުމުން ޔަލީން ޒައުލްއަށް ގުޅަން ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނަ ނިންމީ އެކަނި ހިނގައިލާފައި ދާށެވެ.
ޑިޔުޓީ ނިންމައިލާފައި ގެއަށް ދާން ވެގެން ސައިކަލުގައި ވިލާ ކޮލެޖު ކައިރިން ލާފައި ދިޔަ ޝަޔާމަށް ވަށައިގެން ނަޒަރު ހިންގައިލެވުނީ ގަސްތަކައި ނުލައެވެ. ކުރިން ވެސް އެތަނުން ޔަލީންއާ ދިމާވެފައި ވާތީ ޔަލީން ކިޔަވަނީ މިތަނުގައި ކަން އޭނާއަށް އެނގެއެވެ. އިޚުތިޔާރެއް ނެތި އޭނާއަށް ވަށައިގެން ބަލައިލެވުނީ ޔަލީންގެ ހިލަމެއް ވޭތޯއެވެ. އެ ޚިޔާލުގައި އިނދެ އޭނާއަށް ސައިކަލު ވެސް މަޑުކޮށްލެވުނެވެ. އެހެނަސް ޔަލީންގެ ނިޝާނެއް ވެސް ފެންނަން ނެތުމުން ޝަޔާމް ޖެހުނީ މާޔޫސްކަމާ އެކީ ކަރު އެލުވައިލާށެވެ.
ކީއްވެ ކަމެއް ނޭނގުނެވެ. ޔަލީން ނުފެނި ދެތިން ހަފްތާ ވެފައިވާ އިރު، އެކަމުގެ ސަބަބުން އޭނާގެ ހިތަށް ބަޔާން ކުރަން ދަތި އުނދަގޫ ތަކެއް ވަމުން ދިޔައެވެ. ކޮންމެ ދުވަހަކު ޑިޔުޓީއަށް ދާން ގެއިން ނުކުމެފައި، ދިހަވަރަކަށް މިނެޓު މަޑުކޮށްލަނީ ކުރިން ޔަލީން އާއްމުކޮށް އޭނާއާ އެތަނުން ދިމާކުރާތީއެވެ. އަދި ޑިއުޓީ ނިންމައިލާފައި ނުކުންނަމުން ވެސް މަގުމަތީގައި މަޑުކޮށްލަނީ ކޮންމެވެސް ދިމާއަކުން ޔަލީންގެ ހިލަމެއް ވޭތޯއެވެ. އެހެންނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ޝަޔާމް ޖެހެނީ ބަލި ގަބޫލު ކުރާށެވެ.
ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ޝަޔާމްގެ އޭނާގެ ހިތުގެ އެދުންތައް ފަރުދާކޮށްލަން މަސައްކަތް ކުރިއެވެ. ސައިކަލު ދުއްވައިލި ވަގުތު އޭނާގެ ދެލޯ ކުޑަކޮށްލެވުނީ ދަންނަ ވައްތަރު ޖަހާ ކުއްޖަކު މަގުމަތިން ހިނގައިލާފައި ދާތަން ޔަގީން ކޮށްލާށެވެ. އެހެންކަމުން ސައިކަލުގައި ގޮސް ތަންކޮޅެއް ކައިރިވެލުމާއެކު ޝަޔާމްގެ ހީ ޔަގީނަށް ބަދަލުވެގެން ދިޔައެވެ. ނޭނގޭ ސަބަބަކާ ހުރެ އެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އިރު ޝަޔާމް ސައިކަލުގައި ގޮސް ޔަލީންގެ ކުރިމައްޗަށް ހުއްޓައިލިއެވެ.
ކުއްލިއަކަށް ކުރިމައްޗަށް ހުއްޓުނު ސައިކަލު ފެނުމާއެކު ޔަލީން ދިޔައީ ސިއްސައިގެންނެވެ. ދެވަނަ ސިކުންތުގައި ސައިކަލުގައި އިން ޝަޔާމް ފެނުމާއެކު ޔަލީންގެ ދެލޯ ބޮޑުވިއެވެ. ދެތިން ފަހަރަކު އެސްފިޔަ ޖަހައިލެވުނީ މިއީ އޭނާގެ ލޮލަށް ފެންނަ ދަޅައެއް ނޫން ކަން ޔަގީން ކުރުމަށެވެ.
“މިހާ ލަސްވީމަ އެކަނި ކީއްވެ ތި ދަނީ..؟ މި ގޯޅިތަކުން ހިނގާ އިރު އެހައި ސޭފްއެއް ނުވާނެ..” މަޑުމައިތިރި ކަމާއެކު ޝަޔާމް ބުނެލި ވާހަކައިން ޔަލީންގެ ލޯލިތައް ކޮޅަށް ޖެހުނެވެ. އެއްޗެކޭ ބުނަން ބޭނުންވި ނަމަވެސް އެ ހިތްވަރެއް ޔަލީނަކަށް ނުކުރެވުނެވެ.
“އަހަރެން ދެކެ ރުޅިއައިސްގެންތަ އަނގައިން ވެސް ނުބުނަން ތި ހުންނަނީ..؟” ޝަޔާމްގެ އަޑުގައިވީ އަސަރަކުން ޔަލީނަށް އިސްއުފުލައިލާ ޝަޔާމްއަށް ބަލައިލެވުނެވެ. ހަތަރުކަޅި ހަމަވީ ވަގުތު ޝަޔާމްގެ ލޮލުން ތަފާތު ވިދުވަރެއް ފެނިލިހެން ޔަލީނަށް ހީވީ ކީއްވެ ކަމެއް ނޭނގެއެވެ.
“އަރާ ސައިކަލަށް.. އަހަރެން ގެއަށް ލައިދީފާނަން..” ޔަލީންގެ ފަރާތުން އިޝާރާތެއް ނުވުމުން، ބުނަން ނުބުނަން ހުރެފައި ވެސް ޝަޔާމް ބުނެލިއެވެ. އެއާއެކު ޔަލީންގެ ސިހުން ވީ އިތުރެވެ.
“އަހަރެން ނޫޅެމޭ ޔަލީނަށް ގޮތެއް ހަދާކަށް.. މިހައި ލަސްވީމަ އަންހެން ކުއްޖަކު އެކަނި ދާކަށް ނުވާނެ.. މި ޔުނީފޯމު ލައިގެން ހުންނަ ހިނދު އަހަރެންގެ ޒިންމާއެއް އެންމެނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ..” ޝަޔާމް އެންމެ ފަހު ޖުމުލަ ބުނެލީ އޭގައި އެއްވެސް ބުރަދަނެއް ނެތް ފަދައިންނެވެ. އޭނާ ޔަލީން ގެއަށް ލައިދޭން ބޭނުން ވަނީ އެ ސަބަބާ ހުރެ ނޫން ކަން ވަރަށް ރަނގަޅަށް އެ ހިތަށް އެނގެއެވެ. އެހެންނަމަވެސް މިވަގުތު ހިތުގައި އޮތް ގޮތަށް ބުނަން ޝަޔާމް ފަސްޖެހުނެވެ.
އަރަން ނާރަން ހުރެފައި ވެސް ޔަލީން ޝަޔާމްގެ ސައިކަލަށް އެރީ ޝަޔާމް އޭނައަށް ދެރަ ގޮތެއް ނުހަދާނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ. ޝަޔާމްއާ ދޭތެރޭގައި ހުސް ޖާގައެއް ބޭއްވުމަށް ފަހު ޔަލީން ހަމަޖެހިލާފައި، ދާންވީ އެޑްރެސް ބުނެލިއެވެ.
ދުވަސްކޮޅަކަށް ފަހު ޔަލީންގެ އަޑު އިވުނު އިރު އެ އަޑުގައި ކުރިން ހުންނަ އުޖާލާކަމާއި އުފާވެރިކަމުގެ ކަންފުޅެއް ވެސް ފާހަގަ ވާން ނެތެވެ. ނަމަވެސް އެކަމަށް އެއްޗެކޭ ނުބުނެ ޝަޔާމް ސައިކަލު ދުއްވައިލިއެވެ. ޔަލީން ބުނި ހިސާބަށް ދެވެން ދެން ވެސް އެދެމެދުގައިވީ މަރުފަދަ ހިމޭން ކަމެކެވެ. އިސްވެ އެއްޗެކޭ ބުނަން ދެމީހުން ވެސް ބޭނުންވި ނަމަވެސް، އެ ހިތްވަރު އެކަކަށް ވެސް ނުކުރެވުނެވެ. ދިހަ މިނެޓުގެ ހިމޭން ދަތުރަކަށް ފަހު، ޝަޔާމް ސައިކަލު ހުއްޓައިލީ ޔަލީންގެ ގޭ ކުރިމައްޗަށެވެ.
“ޝުކުރިއްޔާ” ސައިކަލުން ފޭބުމަށްފަހު ހަމައެކަނި އެހެން ބުނެލާފައި، ގޭތެރެއަށް ވަންނަން އުޅުނު ޔަލީންގެ ފިޔަވަޅުތައް ހުއްޓުނީ ޝަޔާމް ގޮވައިލުމުންނެވެ. އެއާއެކު ނުކެރި ހުރެފައިވެސް ޔަލީން ޝަޔާމްއާ ކުރިމަތިލިއެވެ.
“އެދުވަހު ވީ ކަންތަކަށް.. އަހަންނަށް މައާފު ކޮށްދޭތި.. އެދުވަހު އަހަންނަށް ޔަލީންއާ ދިމާއަށް ބުނެވުނީ ބުނެގެންވާ ވަރުގެ އެއްޗެއްސެއް ނޫން.. ވަރަށް ބޮޑަށް ސޮރީ..” ހިތްވަރުކޮށްލާފައި ޝަޔާމް މައާފަށް އެދުމުން ޔަލީނަށް ލިބުނީ ސިހުމެކެވެ. އަނެއްކާ ހޭލައި ހުއްޓާ އޭނާއަށް ހުވަފެން ފެންނަނީ ބާވައެވެ؟ ނޫނީ އޭނާގެ ކަންފަތަށް ހަގީގަތެއް ނުވާ އަޑުތައް އިވެނީބާވައެވެ؟
“ޔަލީން.. ޔަލީން..” ޔަލީންގެ ފަރާތުން ޖަވާބެއް ނައުމުން ޝަޔާމް އަނެއްކާ ވެސް ގޮވައިލިއެވެ. އެއާއެކު ކަންފަތަށް އިވިގެން ދިޔަ އަޑުން ޔަލީނަށް ހަމަބިމަށް އާދެވުނެވެ.
“އަސްލު މިކަމުގަ ކުށްވެރިވަނީ ޝަޔާމްއެއް ނޫން.. އަހަރެން.. އެންމެ ފުރަތަމަ ދުވަހު ވެސް ޝަޔާމް ނޫނެކޭ ބުނީމަ އަހަރެން ނުވާނެ ފަހުން ޝަޔާމްގެ ފަހަތުން އެގޮތަށް އުޅެގެންނެއް.. އަހަންނަށް ވެސް ހެދުނު މިސްޓޭކެއް އެއީ.. އަންހެނަކަށް ވެހުރެ ވަރަށް ހަޑި އުޅުމެއް އެއީ އަސްލު.. އެކަން މިހާރު އަހަންނަށް ވިސްނޭ.. އެކަމަށް ޓަކައި އަހަރެންގެ ފަރާތުން ވެސް ސޮރީ.. ގެއަށް ލައިދިނީތީ ޝުކުރިއްޔާ..” ބުނަން ބޭނުންވީ ވާހަކަތައް ބުނުމަށް ފަހު، ޝަޔާމަށް އެއްޗެއް ބުނާނޭ ފުރުސަތެއް ނުދީ ޔަލީން ގެއަށް ވަދެގެން ދިޔުމާއެކު ޝަޔާމަށް ސައިކަލުގެ ހުންގާނުގައި އަތުން ޖަހައިލެވުނެވެ.
ޔަލީންގެ ޖަވާބުން އޭނާގެ ހިތަށް ތަސައްލީއެއް ލިބިގެން ނުދިޔައީ ކީއްވެގެން ކަމެއް ޝަޔާމަކަށް ނޭނގުނެވެ. އަމިއްލަ ނަފްސާ އޭނާއަށް ސުވާލު ކޮށްލެވުނެވެ. އޭނާ ބޭނުންވީ ޔަލީން އޭނާގެ ހަޔާތުން ދުރަށް ދިޔުމަށެވެ. ޔަލީންގެ ސޫރަ ދުވަހަކުވެސް ނުފެނުމެވެ. އެހެންނަމަވެސް، އިއްޔެ އެދުނު ގޮތަށް މިއަދު ކަންތައް ވުމުން ވެސް އެ ހިތުގައި ތަފާތު ރާގެއް ކުޅެވެމުން އެ ދަނީ ކީއްވެގެން ބާވައެވެ؟ ޤަބޫލު ކުރަން ބޭނުން ނުވިޔަސް، ޔަލީން އޭނައާ ދޭތެރޭގައި ބަހައްޓަމުން ދިޔަ ދުރު ކަމުން އެ ހިތަށް ހަމަޖެހުމެއް ނުލިބެނީ ކީއްވެގެން ބާވައެވެ؟
*** ** ***
ޖެހިގެން އައި ދުވަހުގެ މެންދުރު ވަގުތު އަފާންގެ ދެމަފިރިންނާއި މިލާންގެ ދެމަފިރިން އަފާންގެ ގޭގައި ތިބީ މެންދުރުގެ ކެއުމަށް އިންސާފު ކުރާށެވެ. އެންމެން ވެސް ތަފާތު ވާހަކަތައް ދައްކަމުން ދިޔަ އިރު ދޭތެރެ ދޭތެރެއިން އަފާންއާއި ޒާރާގެ މެދުގައި ސިއްރު ނަޒަރުތަކެއް ބަދަލު ކުރެވެމުން ދިޔައެވެ. ދެމީހުންވެސް ތިބީ ޔައިނާއާއި މިލާން ގާތު އެ ވާހަކަ ބުނަން ރަނގަޅު ފުރުސަތަކަށް ބަލަބަލައެވެ.
“އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފަ އެބަ އޮތް..” އެންމެ ފަހުން ނީނދެވިގެން ޒާރާ އެހެން ބުނެލުމުން އެންމެންގެ ނަޒަރު ޒާރާއަށް ވަގުތުން ހުއްޓުނެވެ. ވަގުތުން އަފާންއަށް ޕިސްޕިސް ތަޅައިލެވުނީ ޒާރާގެ އަނގަގަދަ ކަމުން ސިއްރެއް ވެސް ނުހިފެހެއްޓޭނެޔޭ ކިޔާފައެވެ. އެއާއެކު ޒާރާ ދެބުމަ ގޮށްޖަހައިލަމުން އަފާންގެ ގައިގައި ބޮނޑިއެއް އަޅައިލުމާއެކު މިލާންއާއި ޔައިނާގެ ހުުމުގެ އަޑު އެތަނުގައި ގުގުމައިލިއެވެ.
“ސާބަހޭ ޒާއަށާ އަފާންއަށާ.. މި މީހުންގެ ދަރިން ބޮޑެތިވާ އިރުވެސް މި މީހުން އަދިވެސް މި އުޅެނީ ކުޑަ ކުދިން އުޅޭހެން.. ހޫމް ޒާ ދެން ވެސް ތި ބުނަން އުޅޭ ވާހަކައެއް ބުނެބަލަ..” ޔައިނާ ބުނެލީ އަފާންއަށާ ޒާރާއަށާ ދިމާކޮށްލުމަށެވެ.
“ޔައީ.. މިލާން.. އަހަރުމެންނަށް ވެސް މި ކަންތައް ގަނޑު އެނގުނީ ރޭގަ.. ހަމަ އެނގުނުހާ އިރަށް އަހަރެމެން ނިންމީ ތިމީހުން ކައިރީގަ ބުނަން..” އަފާން އެހެން ބުނުމާއި އެކު ޔައިނާއާއި މިލާން ތިބީ އެއީ ކޮން ވާހަކައެއް ކަން އެނގުމަށް ކެތްމަދު ވެފައެވެ.
“އަހަރުމެން ވެސް ދެން އާއިލާ ވަނިއްޔޭ ޔައީ!!” ޒާރަ އެހެން ބުނުމާއެކު، އެ ބުނި އެއްޗެއްގެ މާނަ ފަހުމުވާން ޔައިނާއަށް އިރުކޮޅެއް ނެގިއެވެ.
“ވަޓް؟! ތި ބުނީ.. ތި ބުނީ.. އަހަރެމެންގެ ޔައިލްއާ… ޒާމެންގެ އަޒްއާ…؟” ޤަބޫލު ނުކުރެވިފައި އިނދެ ޔައިނާ އެހެން އަހައިލުމުން އަފާންއާއި ޒާރާ އެކުއެކީގައި ބޯ ޖަހައިލިއެވެ. އެއާއެކު ޔައިނާއާއި މިލާންގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިގެން ދިޔަ އިރު، އެކަމާ އުފާނުވާ އެކަކު ވެސް ނެތެވެ.
“މަށަށް މާ ކުރިން ވެސް އެނގޭ ތިކަހަލަ ކަމެއް އުޅޭކަން..” މިލާން ބުނެލި ވާހަކައިން ދެން ތިބި އެންމެންނަށް ލިބުނީ ސިހުމެކެވެ.
“މި އަހަރުގެ ކުރީކޮޅު އެއީ.. މަ ޔައިލް ގާތު އެއްޗެއް ބުނަން ވެގެން އެ ކޮޓަރިއަށް ވަން އިރު ޔައިލް ކޮޓަރީގަ ނެތީމަ މަ ބަލައިލީ އެ ކޮޓަރި ބެލްކަނި.. ދެން އޭރު މި ސޮރު ދީވާނާއެއް ހެން އިނދެގެން މި ކިޔަނީ އަޒް ދެކެ ލޯބިވާ ވާހަކައާ އަޒް ބޭނުންވާ ވަރާ މާތްކަލާކޯ ދެން އަހަންނަކަށް ނޭނގެ.. ލޯބިން ގޮސް ފިދާވެފަ އެރޭ މަގޭ ދަރި އިނީ..” މިލާން ދެއްކި ވާހަކައިން އެންމެން ކައިރިޔަށް ވެސް ހިނި އައި އިރު، ޔައިނާ ގާތު އެ ވާހަކަ ނުބުނީތީ ޔައިނާ ޝަކުވާ ކޮށްލިއެވެ.
“އަހަރެން ބޭނުން ނުވީ ޔައިލް އަމިއްލައަށް އިސްވެ ނުބުނަނީސް އެހެން އެއްވެސް މީހެއްގެ ގާތު ނުބުނަން.. އެހެންނޫނަސް ދަރިންގެ ކަންކަމުގެ ތެރެއަށް އަހަރުމެން ވަންނަނީ ކީއް ކުރަން..؟” މިލާން ބުނެލި ވާހަކައާއި އެއްބަސް ވުމުގެ ގޮތުން އެންމެން ވެސް ބޯ ޖަހައިލިއެވެ.
“އެކަމަކު މިފަހަރު އަހަރެމެން މީގެ ތެރެއަށް ވަދެގެން ނޫނީ މިކަން ވާކަށް ނެތް.. އެ ދެކުދިން ކައިވެނީގެ ހިޔާލެއް ކުރާ ކަމެއް ވެސް ނޭނގޭ.. މިހާރު އެތިބީ ފަންސަވީސް އަހަރު ވެފަ.. މަށަށް ފެންނަނީ ދުރުދުރުން ކައިވެނީގެ ވާހަކަ ދައްކައިގެން ވިޔަސް އެކަން ކުރުވަން ދެން..” އަފާން ބުނެލި ވާހަކައަށް މިލާން ވެސް ތާއީދު ކުރިއެވެ. ވަގުތުން އެ އެންމެން ވެސް އެ ކައިވެނީގެ ކަންތައް ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާތައް ކުރަމުން ދިޔަ އިރު، ހަގީގަތް ފަރުދާވެފައި އޮތް ކަމުގެ ކުޑަވެސް ހިލަމެއް އެއިން އެކަކަށް ވެސް ނުވެއެވެ. ހުރި އެންމެ ދޮށީ ދަރިފުޅުގެ ކައިވެނި، އެންމެ ގާތް އެކުވެރިންގެ ދަރިފުޅާ ކުރެވޭތީ، އަފާންގެ ދެމަފިރިންގެ އިތުރުން މިލާންގެ ދެމަފިރިންނަށް ވެސް ލިބިފައި ވަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.
*** ** ***
ކޮލެޖުން ނުކުންނަން ދިޔަ އާރާގެ ފިޔަވަޅުތައް މަޑުޖެހުނީ ފަހަތުން އޭނާއަށް ޔަލީން ގޮވައިލުމުންނެވެ. ދެލޯ މަރައިލަމުން އާރާ އަމިއްލަ ނަފްސު ތައްޔާރު ކޮށްލީ ޔަލީންއާ ކުރިމަތިލާނެ ހިތްވަރެއް ނެތުމުންނެވެ.
“އާރޫ.. ހާދަ ރުޅިއޭ ދޯ މިހާރު.. ކަމެއް ވީތަ މާ ދުރުދުރުން ތި އުޅެނީ؟” ޔަލީން އަހައިލުމާއެކު އާރާ ދެފަރާތަށް ބޯ ހުރުވައިލީ ގަދަކަމުން ހިނިތުން ވަމުންނެވެ.
“ހިނގާބަ އަހަންނާ އެކީ އެއްޗެއް ކައިލަން ދާން.. އެބަ އޮތޭ އާރު ކައިރި ވާހަކައެއް ވެސް ބުނަން ވެފަ..” ޔަލީން އެހެން ބުނުމުން އެކަމަށް އިންކާރު ކުރަން އުޅެފައި ވެސް އާރާ އެއްބަސްވީ ޔަލީނަށް މާ ބޮޑަށް ޝައްކު ވެދާނެތީއެވެ.
އާރާ ގޮވައިގެން ޔަލީން ގޮސް ވަނީ ގާޑެން ރެސްޓޯރެންޓަށެވެ. އެ ރެސްޓޯރެންޓު ތެރެއަށް ހަމަ ވަނުމާއެކު މިއީ ކުރިން ދުވަހު ޔަލީނާއި ޒައުލް އެކުގައި ތިއްބާ ފެނުނު ރެސްޓޯރެންޓުކަން އާރާ ހަނދާންވިއެވެ. ހިތަށް ކިތަންމެ އުނދަގޫވީ ނަމަވެސް އާރާ އެ ހުރިހާ އިހުސާސްތަކެއް ފަސްއަޅައި ފޮރުވައިލީ ނުހަނު ކުޅަދާނަކަމާ އެކީއެވެ. ދެކުދިން އެކުގައި ގޮސް މޭޒެއް ކައިރި އިށީނދެފައި، އޯޑަރު ދިނެވެ. ޔަލީން މިލްކްޝޭކަކަށް އޯޑަރު ކުރި އިރު އާރާ ބޭނުންވީ އޮރެންޖު ޖޫހެކެވެ.
“އާރޫ.. ކުރީ ރޭ ޝަޔާމްއާ ދިމާވި..” ޔަލީންގެ ބުނެލި ވާހަކައިން އާރާއަށް ދެލޯ ކުޑަކޮށްލެވުނެވެ. ނަމަވެސް އޭނާ އެއްޗެއް ނުބުނެ މަޑުކޮށްލައިގެން އިނީ ޔަލީން ވާހަކަ ދައްކާ ނިމެން ދެނެވެ.
“އަހަރެން ކޮލެޖުން އައި ރޭ ދިމާވީ.. އެރޭ ނޭނގެ އޭނައަށް ވެފަ ހުރި ގޮތެއް ވެސް.. ވަރަށް ތަފާތު.. އަހަރެން ގެއަށް ލައިދިނީ ވެސް އޭނަ.. އަދި އެނގޭތަ..؟ އެދުވަހު އަހަންނާ ދިމާއަށް ކިޔުނު އެއްޗެއްސަށް މައާފަށް ވެސް އެދުނު.. އަހަންނަކަށް ނޭނގުނު ބުނާނެ އެއްޗެއް ވެސް.. އެހައި އަވަހަށް ޝަޔާމްއަށް އެހައި ބޮޑު ބަދަލެއް އައީމަ އަހަރެން އިނީ ހަމަ ހައިރާން ވެފަ.. ދެން މަ ވެސް ބުނިން މަށަށް ވެސް އެނގޭ ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ނޫން ކަން.. މަ ވެސް ބުނިން ސޮރީއޭ.. އެކަމް އަޅެ.. އެރޭ އޭނަ ހާދަ ތަފާތޭ އާރޫ.. އެކަމުގެ ފަހުން އަދި އަހަންނަށް އޭނަ މަތިން ހަނދާން ނައްތައިލަން ވަކިން އުނދަގޫ.. ހީވަނީ ކުރިއަށް ވުރެ ބޮޑަށް ގަޔާވެވެނީހެން..” ޔަލީން ދައްކަމުން ދިޔަ ވާހަކައިން އާރާ އިނީ ބަސް ހުއްޓިފައެވެ. މި ފެނުނީ ފަހަރެއްގައި ވެސް ޔަލީންގެ ފަރާތުން ފެނިދާނެ ކަމަށް އާރާއަށް ހީކުރެވިފައިވެސް ވީ ކަމެއް ނޫނެވެ. ޒައުލްއާ ރައްޓެހި ވެގެން އުޅޭ އިރުވެސް، އެ ހިތުގައި ޝަޔާމްގެ ނަން އޮތީ ކީއްވެގެން ބާވައޭ އާރާގެ ހިތަށް އަރަމުން ދިޔައެވެ. ހަމަ ޔަގީނުންވެސް އޭނާގެ އެކުވެރި ޔަލީނަކީ އެހައި ދަށް ފެންވަރެއްގެ ކުއްޖެއް ނޫނެވެ. އިތުރަށް ނީނދެވިގެން އާރާ ނިންމީ ޔަލީން ގާތު ސާފުކޮށް ހުރިހާ ވާހަކައެއް އަހާށެވެ. ޔަލީން އޭނައާއި މެދުގައި ކޮންމެ ގޮތަކަށް ވިސްނިޔަސް ހެޔޮކަމަށް ނިންމާފައެވެ.
“ޔަލް..” ޔަލީންގެ ވާހަކަ މެދުކަނޑައިލަމުން އާރާ ގޮވައިލުމާއެކު ޔަލީން ހޫމް ލައްވައިލާފައި، ކުރިމަތީގައި ހުރި މިލްކްޝޭކް ތަށި ބޯންފެށިއެވެ.
“ޔަލް ޒައުލްއާ ރައްޓެހިވެގެން އުޅެ އިރުވެސް ޝަޔާމް ދެކެތަ ލޯބި ވަނީ..؟” އާރާގެ ސުވާލުން ހޮޅީގައި ތުން ޖަހައިގެން އިން ޔަލީން ދިޔައީ ކޮށިއަރައިގެންނެވެ. ޔަލީން ހަމައަކަށް އެޅުނީވެސް ހައެއްކަ ފަހަރު ކެއްސައިލާފައި، ފެންފޮދެއް ބޯލި ފަހުންނެވެ. ކަރުކެހެލަމުން ޔަލީން އާރާއާ ދިމާއަށް ބަލައިލީ ދެންމެ އާރާ އެ ކުރި ސުވާލު އަޑު އިވުނީ ރަނގަޅަށް ކަމާއި މެދު އެ ހިތުގައި ޝައްކު އުފެދިފައި ވީތީއެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.







masha allah mi part vs vrh reethi…
haadha interesting kohshey thi ninmaaly…
miah vure dhigu kohlaa dhehche next part…
when next….???
curiously waiting for the next part…
tc ly nayaa
ramadan mubarak
❤️
Thank you dear ❤️
Mi part kuru tha? Konme part ekey egothah around 2000 words hama innaany mi part ga ves.. but yes in sha allah next part dhigu kohleveythoa balaanan 🥰
next part friday ga in sha allah
lym darl ❤️
Ramadan Mubarak to you too ❤️
❤️❤️❤️
Masha Allah 😍 vrh reethi mi part ves ☺️
Sifakurunthah ves baraabaru I love Yuu nayaa vrhh vrhh bodukoh 😭❤️ wanna meet yu one day 🥹🥰🫶🏻 when’s next curiously waiting for the next part keep it up ❤️🔥
aww thank youu lovee ❤️
ahaa alheyyy love you more and moree ❤️
awhh in sha allah adhi eh dhuhukun meet vaane 🥰
next part friday ga in sha allah
Mi part vx varah varah reethi…..
Alhey hageegaii neyngi azal yail innan jehihjehyaa azal rulhi annaany kanneyge yail dheke….
Adhi aaraa vx heekohgen ulhey gotheh dhw🤣🤣🤣
Alhey mi haaru vaguthu gunan fashaifin…..
thank you dear <333
next part reyga submit kohlaifin
Mi part ves v reethi Masha Allah
Curiously waiting for next part
Keep it up
Azal and yail gulhuvachey
Aara and zaul ves
Shayaam and yaleen ves
They all are made for each other
I appreciate your hard work
You’re my fav author
Tc 💓
Ly naayoo❤️
thank youu darling <333
aww that means a lot, jazakillah dear <3
lym<3
V reethi mi part ves
Your my top author in esfiya site nayaa
aww thats soo sweettt
thank you lovee <33
Heyy Nayaa..
Vrh reethi mi part vx maasha allah.. Waiting curiously for the next part💜🦋
thank you maash love <3
next part submit kohlaifin
Salaam hurihaa readers!!
Just wanted to come here and wish you all ramadan kareem. May this holy month of Ramadan bring us all closer to Allah and make our imaan stronger. Let’s all work hard to grow closer to our deen, appreciate all the barakahs we are blessed with, and try our best to become better Muslims. While we are at it, let’s all pray for the safety of our Muslim brothers and sisters in Plaestine. Ya Rabb, make this Ramadan easy for all of us, and grant all of our dua’s. Aameen
Once again, I wish you all a very happy Ramadan Kareem!
maashaa allah amazin story. whwn next part?
ramadhaan mubaarik to you all.
thanks dear <3
next part submit kuri fahun mihaaru 2 dhuvas mi vee.. adhives upload nuvey.. keeh kuraany dho.. hama admin upload kohdhin haa avaheh othy