ވިހަ ލޯބި – 1
އެއާޕޯޓްގެ ހަލަބޮލި މާހައުލުން ނިކުމެ، ކާރެއްގެ އިންތިޒާރުގައި ފޮއްޓެއް ހިފައިގެން ހުރި ޒީކްގެ މޫނު މަތިން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. އޭނާގެ ދޮން ނިތްކުރީގައި ބަބުޅަމުން ދިޔަ ދާތައް އަތުގައި އޮތް ޓިޝޫކޮޅުން ފުހެލަމުން އަތުކުރީގައި އަޅައިފައިވާ ގަޑިއަށް އަވަސް ނަޒަރެއް ހިންގައިލިއެވެ. މެންދުރުން އަނބުރާ 3 ޖަހައިފައިވާ ތަން ފެނުމާއިއެކު އޭނާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.
ޖިންސް ޖީބުގައި އޮތް ފޯނު ނަގަން ޒީކް ހަރަކާތްކޮށްލި ވަގުތަކީ ކާރެއް ބަރުގޮނު އަޅައިލި ވަގުތެވެ. ސިހިފައި ބަލައިލި ޒީކްއަށް ކުރިމަތީގައި އޮތް ރޭންޖް ރޯވަރ ފެނުމާއިއެކު ކުޑަކޮށް ރުޅިއާދެވުނެވެ. އެވަގުތު ކާރުގެ ދޮރު ހުޅުވައިލައިފައި ނިކުތީ ޒުވާނެކެވެ. ބަލާ ބެލުމަށް ހަތާވީސް ވަރަކަށް އަހަރު ވެދާނެއެވެ. އަވިއައިނަކުން ދެލޯ ފަރުދާކޮށްލެވިފައިވީއިރު، ބަލައިލަން ނުހަނު ހިތްގައިމެވެ. އެ ކަސްރަތީ ހަށިގަނޑަށް ކުޑަކޮށް ހިފައިލައިފައިހުރި ހުދު ގަމީހާއިއެކު އަޅައިފައިވާ ޓައީއިންނާއި ލައިގެން ހުރި ފަޓުލޫނުންވެސް އެ ޒުވަނާ އެ އައީ އޮފީހުގެ މަސައަކަތެއްގައި ވަރަށް ބުރަކޮށް އުޅެފައިކަން އެނގެއެވެ.
“އުޝާން. ކިހާ އިރެއްވެއްޖެ މިހާރު އަހަރެން މިތާ ހުންނަތާ؟” ޒީކް ހިތްހަމަނުޖެހިފައި ބުނެލިއެވެ.
“މިހާރު ބޭރުން އައި ފަހުން ދޮންބެ ކިޔުންވެސް ހުއްޓާލީ ދޯ؟ އޯކޭއޭ ދެން. ބޭރުގަ އުޅެފަ އައި ކުދިންވީމަ ދެން ނިކަން ފޮނިވާނެ.” ސަކަގޮތަކަށް އެހެން ބުނަމުން އުޝާން ޒީކް ކައިރީގައި ހުރި ފޮށި ހިފައިގެންގޮސް ކާރުގެ ޑިކީއަށްލިއެވެ.
ތުން އަނބުރައިލަމުން ޖަވާބުދިނުމެއްނެތި ޒީކް ގޮސް އިށީނީ ކާރުގެ ކުރީ ސީޓްގައެވެ. ފޮށި ލައިފައި އުޝާން ޑްރައިވާރ ސީޓްގައި އިށީންއިރުވެސް ޒީކްގެ ރުޅި މަޑުވާކަށް ނޫޅުނެވެ. މިތަން ފެނިފައި އޭނާގެ ގާތަށް އައީ ލާނެތް ހިންޏެކެވެ.
“ތިހާ ރުޅި ނާދެބަލަ ޒީ. އެ އަހަރެން މަޖަލަކަށް ބުނި އެއްޗެކޭ. އޮފީސްތެރެ މިއަދު އެހާ ހަލަބޮލިކޮށް އޮތީމަ ލަހުން އާދެވުނީ.” ކާރު ދުއްވައިލަމުން އުޝާން ބުނެލިއެވެ.
“އޯކޭ ދެން. އަހަރެން ރުޅިއެއް ނާންނަމޭ. ތިހާ ފައްކާ ވަޒީފާގަ އުޅޭ މީހުން ބިޒީވާނެކަން އެނގޭ.” ޒީކް ސީޓްގައި ލެނގިލަމުން ލޯ މަރައިލިއެވެ.
އުޝާން ޖަހައިލީ ހިނިގަނޑެކެވެ. އެއަށްފަހު ދާންވީ މަންޒިލަށް ދެވެންދެން އެދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ.
އުމުރުން ނަވާރަ އަހަރު ފުރެން ގާތްވެފައިވާ ޒީކްއަކީ އޭނާގެ މައިންބަފައިންނަށް ލިބިފައިހުރި ހަމައެކަނި ދަރިފުޅެވެ. އެހެންކަމުން އޭނާ ބޮޑުވެގެން އައީ މައިންބަފައިންގެ ލޯތްބާއި ރައްކާތެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގެންނެވެ. ކިޔަމަންތެރިކަމާއި ވިސްނުންތޫނުކަން އަށަގަނެފައިވުމުގެ އިތުރަށް ޒީކްވެފައިވަނީ ކަންކަމާއިމެދުގައި ވަރަށް ބޮޑަށް ވިސްނާ ކުއްޖަކަށެވެ.
ހުޅުމާލޭގައިހުރި ދެބުރިއަށް ނަގައިފައިވާ ގެއެއްގެ ކައިރިއަށް މަޑުކޮށްލުމަށްފަހު އުޝާން އާއި ޒީކް ކާރުން ފޭބިއެވެ. އުޝާން ފޮށި ނެގުމާއިއެކު ދެމީހުންވެސް އެތެރެއަށް ވަނުމަށް ހިނގައިގަތެވެ. ގޭޓުން އެތެރެއަށް ވަނުމާއިއެކު ފެންނަނީ ގޭގެ ދެކޮޅުގައިހުރި އެކިއެކި ތަފާތު ބާވަތްތަކުގެ މާގަސްތަކުން ޒީނަތްތެރިކޮށްފައިވާތެނެވެ. ގޭގެ ދޮރާށްޓާއި ހިސާބަށްގޮސް ގޭތެރެއަށް ވަތްއިރު ދުވަން ފެށި ކާތަކެތީގެ މީރުވަހުން ޒީކްގެ ކުޅު ދިޔައިވެގެން ދިޔައެވެ.
“މްމްމްމްމްމް.. ހާދަ މީރުވަސް ދުވާ އެއްޗެކޭ ނާއްތަ އެ ކައްކަނީ. ކޯއްޗެއްތަ އެ ކައްކަނީވެސް؟” ދެލޯ މަރައިލައި ފުން ނޭވާއެއް ލުމަށްފައި ޒީކް އަހައިލިވެ.
“ޒީ ދޭބަލަ އަމިއްލައަށް ބަލައިލަން. ޒީ އަންނާތީވެ މަންމަ މެންދުރުވެސް ނުކައްކާ މި ގަޑީގަ އެ ކައްކަނީ. އަހަރެން ހުނަން ޖެހުނީ މެންދުރުވެސް ހުސް ބަނޑާ.” މޫނަށް ގޮތެއް ހަދައިލަމުން އުޝާން ބުނެލިއެވެ.
“އަހަރެން ދެކެ ލޯބިވާވަރެއްނު އެ ފެންނަނީ.” ޒީކް ފޮނިވިތަން ފެނުމާއިއެކު އުޝާން ދެކޮޅަށް ބޯހޫރުވައިލުމަށްފަހު ދިޔައީ ޒީކްގެ ފޮށި އޭނާ ހުންނަން ހަމަޖެހިފައިވާ ކޮޓަރިއަށްލުމަށެވެ.
އުޝާން ދިއުމާއިއެކު ޒީކް ބަދިގެ އާއި ދިމާއަށް މިސްރާބު ޖެހިއެވެ. ދޮރަށް ފުރަގަސްދީގެން ކެއްކި ވައިޓް ޕާސްތާކޮޅު ތައްޓަކަށް އަޅަންހުރި ނާޒިމާ ފެނުމާއިއެކު ދިޔަގޮތަށް ގޮސް ބައްދައިލިއެވެ. ސިއްސައިގެން ދިޔަ ނާޒިމާއަށް އެ ބައްދައިގަތީ ކާކުކަން އެނގުމާއިއެކު ވީ އަމަށަކު އުފަލެއް ނޫނެވެ.
“ޒީ، ނާއްތަ ދިޔައީ ސިއްސައިގެންނޭ!” ޒީކް އާއި ވީ ފަޅިއަށް އެނބުރެލަމުން ނާޒިމާ ބުނެލިއެވެ.
“ނާއްތަ ސިއްސުވައިލަންވެގެނޭ އެހެން ހެދީ.” ޒީކް ހީގަތެވެ.
“އަދިވެސް މި ކުއްޖާގެ ލާނެތްކަން ނުފިލާ. މިހާރު ނާއްތައަށްވުރެ ވެސް ޒީ ދިގުވެއްޖެ. ނުކަނީތަ މިހާރު؟ ކުރިން ތިޔޮށް ލޯބިކޮށް ޗަބީކޮށް ހުރި ކުއްޖާ މިހާރު ހާދަ ހިކިލައިފައޭ ތި ހުރީ.” ނާޒިމާ ޒީކްގެ ކޮނޑުގައި ފިރުމައިލަމުން ބުންޏެވެ.
“ނޫނޭ ނާއްތާ. ޒީ ކަމޭ. އެ ހީވާ ގޮތް.” ޒީކް ބުނެލިއެވެ.
“އެންމެ ރަނގަޅު. މިހާރު މަންމަގެ ހާލު ރަނގަޅުތަ؟” ނާޒިމާގެ އެ ސުވާލުން ޒީކްގެ ތުންފަތުގައިވި ހިނިތުންވުން ފިލައި ދިޔައެވެ.
“ކުރިއަށްވުރެ ރަނގަޅު މިހާރު. ނާއްތަ، ޒީ މި ދަނީ އިނގޭ ކުޑަކޮށް ފްރެޝްވެލަން. އަންނާނަން އިރުކޮޅަކުން.” ގަދަކަމުން ހިނިތުންވެލުމަށްފަހު ޒީކް އަވަހަށް ބަދިގެން ނިކުމެ، އޭނާގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.
ކޮޓަރިއަށް ވަދެ، އަތުގައި އޮތް ފޮތްބޮނޑި މޭޒުމަތީގައި ބެހެއްޓި ނުހައިކްގެ ފިރިހެންވަންތަ މޫނުމަތީގައި ވަނީ ވަރުބަލިކަމެވެ. ކަންނެތްކަމާއިއެކު ހިނގައިލައިފައިގޮސް ހެދުންވެސް ބަދަލުކުރުމެއްވެތި އޭނާ އެނދަށް ވެއްޓިގަތެވެ. އަދި ދެލޯ މަރައިލިއެވެ. އެހެނެއް ވަކި ގިނައިރަކު ނޯވެވުނެވެ. ރިންގުވަން ފެށި ފޯނުގެ އަޑާއިއެކު އޭނާ ނުރުހުމުގެ އަޑެއް ލައްވައިލިއެވެ. ތެދުވެ، ސައިޑް ޓޭބަލް މަތީގައި އޮތް ފޯނަށް ބަލައިލިއިރު ގުޅަނީ ޔާނިއުއެވެ.
“ކޮން އުނދަގުލެއް ކުރަން މިހާރު ތި ގުޅީ؟ ކަލެއާއި ހެދި މަށަށް ނިދެނީކީވެސް ނޫނޭ.” ފޯނު ނެގުމަށްފަހު ޔާނިއު ވާހަކަދެއްކުމަށް ފުރުސަތު ދިނުމެއްނެތި ހިތްހަމަ ނުޖެހިފައި އޭނާ ބުންޏެވެ.
“ހާދަ ވަރުއަރައިފަ ތި ހުރީ؟ ކޮލެޖުގަ ކަމެއްވީ ތަ؟” ޔާނިއުގެ ބުނި އަޑު އިވުނެވެ.
“މަ ނިދާ ގަޑި ބަލާފަ ގުޅަންޏާ ރުޅިއަންނާނެ ދޯ؟ ދެންވެސް ބުނެބަލަ ތިބުނަން އުޅޭ އެއްޗެއް.” މޫނު މަތީގައި އެއްއަތް އުނގުޅައިލަމުން އެހެން ބުނިއިރު އެ އަޑުގައިވި ވަރުބަލިކަން ނުހަނު ރީއްޗަށް ފާޅުވޭވޭ ހުއްޓެވެ.
“ވާހަކައެއް އަޑުއިވިގެން.” ޔާނިއުގެ އަޑު ކުއްލިއަކަށް ސީރިއަސްވުމާއިއެކު ނުހައިކްގެ ނިދިއެކަށް ފިލައި ދިޔައެވެ.
“ކޮން ކަހަލަ ވާހަކައެއް؟” ނުހައިކް އެ ސުވާލުކުރިއިރު އޭނާ އެ އަޑު އަހަން އުޅޭ ވާހަކައިގެ ބޮޑުކަން އިހުސާސްކުރެވެމުން ދިޔަ ކަހަލައެވެ.
ކުޑަކޮށް ފެންވަރައިލައިގެން ކޮޓަރިން ނިކުތް ޒީކްގެ ނަޒަރުވަނީ އަތުގައި އޮތް ފޯނަށް ހުއްޓިފައެވެ. އެހެން ހިނގައިފައި ދަނިކޮށް ސިހުނީ މީހެއްގެ ކޮނޑުގައި ޖެހި، އޭނާ އަރިއަޅައިލުމުންނެވެ. އެއާއިއެކު އެ ޖެހުނު މީހާގެ އަނގައިން ނުރުހުމުގެ ބަހެއް ބޭރުވި އަޑު އިވުނެވެ.
“ޕިސް. އަނދިރީތަ؟” އެ އަންހެންވަންތަ އަޑުގެ ވެރިޔާއަށް ބަލައިލި ޒީކްއަށް ވަގުތުން އެއީ ކާކުކަން ދެނެގަނެވުނެވެ.
“އަލްޔާ؟ އަޅޭ. ވަރަށް ބޮޑަށް ސޮރީ.” އަލްޔާ އާއި ދިމާއަށް ހިނގައިގަތް ޒީކްއަށް މަޑުޖެހެވުނީ ބެލުމެއް ނެތި ޗޮކެއް ކަނޑައިލުމަށްފަހު އަލްޔާ ދިއުމުންނެވެ.
“އަޅައިނުލާ. ވަރަށް ގިނަދުވަސްކޮށްފަ ފެނުނީމަ އަލް އެހާ ބީރައްޓެހިކޮށް އެ އުޅެނީ.” މި މަންޒަރު ބަލަން ތަންކޮޅެއް ދުރުގައިހުރި އުޝާން ޒީކްގެ ގާތަށް އައިސްފައި ބުނެލިއެވެ.
“އޯކޭވާނެ.” ޒީކް ދެކޮނޑު އަރުވައިލަމުން ހިނިތުންވެލިއެވެ.
“ބައި ދަ ވޭ، ޒީ މާދަން ކޮލެޖަށް ނިކުންނަން ޖެހޭ އިނގޭ. އަލް ދާނެ ޒީއާ ހަމަ އެއް ކޮލެޖަކަށް. ޒީގެ ފްރެންޑްއެއް ހުރޭތަ އަނެއްކާ އެ ކޮލެޖްގަ؟” އުޝާން އަހައިލިއެވެ.
“ނޫން. ޒީގެ ފްރެންޑްސްކޮޅު ބޭރަށް ދިޔަ ފަހުން ގެއްލުނީ. އަނެއްކާވެސް އަލުން ހޯދަން ޖެހޭނީ.” ބޯ ހޫރުވައިލުމަށްފަހު ހެމުން ޒީކް ބުނެލިއެވެ.
“އެހެން ކިޔައިގެން ދުވަސްކޮޅަކުން ފެންނާނީ ބިޓު ސޮރު ގެއަށް ވައްދާ ތަން.” ނުހައިކް ސަކަ ގޮތަކަށް ހީގަތެވެ.
“އުޝާން!! ދެން ހަމަ! މި ނިމުނީ ދޮންބެ ކިޔުން. ދެން ކިޔާނީ އުޝާން.” އުޝާންއަށް ލޯ އަޅައިލަމުން އޭނާ އަނެއްކާވެސް އައި ރުޅީގައި ގޮސް ވަނީ ކޮޓަރިއަށެވެ.
އިރުގެ ރަން ދޯދިތަކުން މުޅި ފަޒާ އަލިކޮށްލައިފިއެވެ. ކޮވެއްޔާއި ކާޅު ގޮވުމުގެ އަޑުފައްގަނޑު ހުޅުމާލޭގެ ހަލަބޮލި މާހައުލާއި ވަނީ އެކުވެފައެވެ. އުޝާން އާއިއެކު ކާރުގައިއިން ޒީކް އާއި އަލްޔާގެ ދެމެދުގައިވަނީ ހިމޭންކަމެވެ. ވާހަކަދައްކަން ޖެހިލުންވެފައިވާ ފަދައިން ޒީކް ބޭރު ބަލަން އިންއިރު އަލްޔާގެ ނަޒަރުވަނީ ފޯނުގައެވެ.
“ދެން ހަމަ އެކަކުވެސް އަނގައިން ބުނެ ނުލަންތަ އިންނަނީ؟ ލަދަކާއި ހުރެ ތަދެއް ނުފިލާނެ.” ކާރު ތެރޭގައި ވާ ހިމޭންކަން ނަގައިލީ އުޝާންއެވެ.
“ކާކު ބުނީ އަހަރެން ލަދުގަންނަނިއްޔޭ؟” ޒީކްއާއި އަލްޔާއަށްވެސް އެހެން ބުނެވުނީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ.
އެވަގުތު ކޮލެޖާއި ހިސާބަށް އާދެވިއްޖެއެވެ. ފަހަތަށް އެނބުރި ދެ އަންހެން ކުދިންނަށް ބަލައިލަމުން އުޝާން ޕިސް ޕިސް ލައްވައިލިއެވެ.
“އެންމެ ރަނގަޅު. ދެން ޒީވެސް އެއް ގެއަކު އުޅޭއިރު ޖެހޭނެއެއްނު ދެކުދިންވެސް އަލުން ފްރެންޑްވަން. ގައިމުވެސް ކުރިން ދެމީހުން ވަރަށް އަނގަތަޅާ. އަނެއްކާ ކަޒިންސް ވިއްޔަ މީ. ހިލޭ ބަޔެއް ނޫން. ދެންވެސް ގަޑި ނުޖެހެނިސް ވަންނަން ދޭ. އަލް، ޒީއަށް ކުޑަކޮށް ކޮލެޖުތެރެ ޓުއާރ ކޮށްދެއްޗެ.” އުޝާންގެ އެ ބުނުމަށް ބޯ ޖެހުމަށްފަހު ދެކުދިން ކާރުން ނިކުމެ ކުރިމަތިން ފެންނަން ހުރި ބޮޑު ކޮލެޖަށް ކުރިމަތިލިއެވެ.
ކުޑަ ހިމޭންކަމަކަށްފަހު އަލްޔާ އެތެރެއަށް ވަނުމަށް ހިނގައިގަތެވެ. އަތުގައި އޮތް ފޮތްތަކަށް ބާރުކޮށްލަމުން ޒީކްވެސް އޭނާގެ ފަސްފަހަތުން ހިނގައިގަތެވެ. ކޮލެޖަށް ވަތް ހިސާބުން ގިނަ ބައެއްގެ ނަޒަރު ޒީކްއަށް ހުއްޓިގެން ދިޔައެވެ. މިކަމުގެ ސަބަބުން އޭނާ ކުޑަކޮށް ލަދުވެސް ގަތެވެ.
“އަލް. ކީތްވެތަ ކުދިން އަހަންނާއި ދިމާއަށް އެ ބަލަނީ؟” ޒީކް އާއި ދިމާއަށް ވަށްކަޅިން ބަލަން ތިބި ކުދިންތަކަށް ނަޒަރު ހިންގައިލަމުން އަލްޔާ އާއި އެއްވަރުކޮށްލިއެވެ.
“ކޮލެޖްގަ އެންމެ ނަން ހިނގާ ކުދިން ކައިރީގަ ތިބެންނާ ކޮންމެ މީހަކުވެސް ބަލާނެ. ނޫންތަ؟” ފޮނި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން އަލްޔާ ބުނެލިއެވެ.
“ސިންސް ވީ އާރ ލިވިން ޓުގެދަރ، އަހަރެން ކޮންމެހެންވެސް އެބަ ޖެހޭ ޒީ އާ އަލުން ގުޅުން ބަދަހިކުރަން. މި ކޮލެޖުގަވެސް އެހީ ވެދޭން ހުރި ހަމައެކަނި މީހަކީ އަހަރެން. ޒީގެ އެއްވެސް ރައްޓެއްސެއް މި ރާއްޖެއަކު ނެތް. އެހެންވީމަ، އަލުން ފްރެންޑްވީ ކަމަށް ބަލަމާ. ކްލާސްތައް ފެށާނީ ނުވައެއް ޖަހާއިރު. އެހެންމަ އަދި އެބަ އޮތް ދިހަވަރަކަށް މިނެޓް. ކްލާހަށް ދިޔުމުގެ ކުރިން އަހަރެންގެ ފްރެންޑްސް ކޮޅާ ބައްދަލުކުރަން ހިނގާ؟” ޒީކްއަށް އެއްޗެކޭ ބުނެވުމުގެ ކުރިން އަލްޔާ އޭނާގެ އަތުގައި ހިފައި ދަމަމުން ތަންކޮޅެއް ދުރުގައި، އެކަހެރިކޮށްހުރި ބެންޗެެއްގެ ކައިރިއަށް ގެންދިޔައެވެ.
އިށީނދެ ތިބި ދެ ޒުވާނުން ތިބީ އެ ދެކުދީންނަށް ފުރަގަސްދީގެން ކަމުން ޒީކްއަށް އެއިން މީހެއްގެ މޫނު ފެންނަ ގޮތެއް ނުވިއެވެ. އަލްޔާ ދިޔަގޮތަށް ގޮސް ހުދު ކުލައިގެ ޓީޝާޓެއް ލައިގެންއިން ޒުވާނާގެ ކޮނޑުގައި މަޑުމަޑުން ޖަހައިލިއެވެ. އެއާއިއެކު އޭނާ މޫނު އަނބުރައިލިއެވެ.އެ ޒުވާނާގެ މޫނު ފެނުމާއިއެކު ލިބުނު ހައިރާންކަމެއްގެ ސަބަބުން ޒީކްގެ އަތުގައި އޮތް ފޮތްބޮނޑި އަތުން ސޮހިގެން ވެއްޓުނެވެ. އެ ޒުވާނާ ޒީކްގެ މޫނުން ނަޒަރު ވަކިކޮށްލުމެއް ނެތި މަޑުމަޑުން ކޮޅަށް ތެދުވިއެވެ. އޭނާގެ މޫނުމަތިން ހައިރާންވިކަމުގެ އެއްވެސް ނިޝާނެއް ނުފެނުމުން ޒީކްގެ ހައިރާންކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. އެއާއިއެކު އޭނާގެ ކައިރީގައި އިށީނދެއިން އަނެއް ޒުވާނާވެސް ތެދުވެލިއެވެ.
“ނު..ހައިކް؟” ޒީކްގެ ދުލުން ބޭރުވި އެ ނަމާއިއެކު އެ ޒުވާނާ ޒީކްގެ ފައިން ފެށިގެން ބޮލަށް ލަސްލަހުން ނަޒަރު ހިންގައިލިއެވެ.
“ލޯންގް ޓައިމް ނޯ ސީ، ޒީކް.” ދެ ޖީބަށް އަތް ޖަހައިލި ނުހައިކް ޒީކްއަށް ހަދިޔާކޮށްލީ ފަނޑު ހިނިތުންވުމެކެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


First part hama varah furihama!
Keep it up!
Waiting for the next part!
ThankYoususs. IA vrh avahah second part kiyaallan libeyne
nice starting but the arriving to college and everybody is looking at me trope never made sense to me cuz like in college everybody just minds their own business alya seems a bit overconfident tho
Thank youu. Yeah i understand what you’re saying but i think my writing is a bit unrealistic bcz the events thaat happens in this story is far from the reality. And yess Alya is overconfident..! Thanks for the feedback!