މިޝްކާ (3)
” މެޗުން މޮޅުވީނު. ބުނި ކޮންމެ ކަމެއް ކޮށްދޭގޮތަށްތަ އަދިވެސް ތި އިނީ؟” މިޝްކާގެ ކައިރިޔަށްގޮސް، ކަންފަތް ދޮށުގައި ސިއްރުން ބުނެލީމެވެ.
” އޭ.ކީކޭ؟” ދެލޯ ބޮޑުކޮށްލަމުން މިޝްކާ ބުނެލިއެވެ.
” ސުވާލެއްނު މިކުރީ؟ ކޮބާ ޖަވާބު؟” އަހަރެން އަނހާލީމެވެ.
” އެބަ ވިސްނަން. ފަހުން ޖަވާބެއް ދޭނަން؟” އެހެން ބުނުމަށްފަހު މިޝްކާ އެތަނުން ދުރަށް ހިނގައިގަތެވެ.
މެޗު ނިންމާފައި ޓީމު ހުރިހާ ކުދިން ދިޔައީ ހަވީރު ސައިބޯށެވެ. ސައި ބޮއެ ނިމިގެން އެންމެން ދިޔައީ ރަށުފަންނަށް މޫދަށް އެރޭށެވެ. އަހަރެން މޫދަށް އެރޭ ހިތެއްނުވިއެވެ. އެހެންވެ އެތަނުގައި ހުރި ޖޯއްޔެއްގައި އިށީނދެގެން ހުރީއެވެ. އަހަރެންގެ ހިތުގައި ވަނީ އެންމެ ނަމެކެވެ. މިޝްކާއެވެ. ހިތަށް އަރަނީ މިޝްކާ އެހެން ބުނީ ސީރިއަސްކޮށް ނޫންބާވައެވެ. ނުވަތަ ހިތްވަރު ދިނުމުގެ ގޮތުންނޫންބާވައެވެ. އަހަންނަކަށް ނޭނގެއެވެ.
” ހާދަ ވަރަކަށް ތި ވިސްނަނީ؟” މޫދުން އަރައިގެން އައިސް އަހަރެންގެ ކައިރީގައި އިށިންނަމުން ޒިހާން ސުވާލުކޮށްލިއެވެ.
” ނުވިސްނަން.” ކުރު ޖުމްލައަކުން އަހަރެން ނިންމާލީމެވެ.
” އޯކޭވާނެ ނުބުންޏަސް. އެކަމަކު އެބަ ހީވޭ ސިއްރުން ކަމެއް ހިންގާހެން. އަހަންނަށް ފެނުނޭ؟” ޒިހާން ހެމުން ބުނެލިއެވެ.
އަހަރެން އަޅައެއް ނުލަމެވެ. ޒިހާން އަކީ އަހަންނާއި އެއްކުލާހެއްގައި ކިޔަވަމުންދާ، އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ގިނަ ކަންކަން އަހަރެން ޒިހާން އާއި ހިއްސާކުރަމެވެ. އެކަމަކު ހުރިހާ ކަމެއް ނޫނެވެ. އެއްވެސް މީހަކާއި ޙަޔާތުގެ ހުރިހާ ކަމެއް ހިއްސާކުރާކަށް ނުވާނެއެވެ. މައިން ބަފައިން ފިޔަވައެވެ. ރައްޓެހިންނަކީ ތަފާތު ބަޔެކެވެ. މޫސުމަށް ބަދަލުވާ ބަޔެކޭވެސް މީހުން ކިޔާތީ އަޑު އަހަމެވެ. ވީއިރު، ބަހެއް ބުނަން ވާނީ ވިސްނާފައެވެ. އަނެއްކޮޅުން އަހަރެން މިޝްކާޔާއި ވާހަކަ ދެއްކިކަން ޒުހާން އަށް އެއޮތީ އެނގިފައެވެ. އެއީ މައްސަލައެއް ނޫނެވެ. އަހަރެންގެ ހިތް ސާފެވެ. މިޝްކާގެ ހިތުގައިވަނީ ކޯއްޗެއްކަން އަދި އަހަންނަށް ނޭނގެނީއެވެ. އެހެނަސް، އަދި ލަހެއްވެސް ނުވެއެވެ. ޙަޔާތުގެ މައިދާނަށް އަހަރެމެން ނިކުންނާނީ އަދި އަހަރު ތަކެއް ފަހުންނެވެ. އަދި ވަރަށް ކަންކަން ދިމާވާނެއެވެ. ލައްކަ މަންޒަރު ފެންނާނެއެވެ. ސްކޫލު ދައުރަކީ އެހެން ކަހަލަ ދައުރެކެވެ. ވަރަށް ގިނަ ރައްޓެހިން ތިބޭނެއެވެ. އެކުގައި ސަކަރާތްޖަހާ މަޖާކުރާނެއެވެ. ޙަޤީޤީ ރައްޓެހިން އެނގި ދަސްވާނީ ސްކޫލު ދައުރު ނިމުމުންނެވެ. ޙަޤީޤީ ދިރިއުޅުމާއި ކުރިމަތި ލުމުންނެވެ. އެދުވަހަކުން ކަމެއް ޖެހޭއިރު، އެހީގެ އަތެއް ދިއްކޮށްލަން ތިބޭނީ، އަހަރެން ދެކޭ ގޮތުގައި ހަޤީޤީ ރައްޓެހިންނެވެ. މީހުން ބުނާތީ އަޑު އަނހަމެވެ. އެއީ މިޒަމާނުގައި ވަރަށް މަދު ބަޔެކެވެ.
” ދެން ހިނގާ ގެޔާއި ދިމާލަށް ދަމާ. އިރުކޮޅަކުން މަޣްރިބް ނަމާދަށް ބަންގި ގޮވާނެ. ނަމާދަށް ނުގޮސްފިއްޔާ މަންމަ މިރޭ ކާކަށް ނުދޭނެ.” ޒިހާންގެ ކޮނޑުގައި ޖަހާލަމުން އަހަރެން ބުނީމެވެ.
ގެއަށް އައިސް ފެންވަރާލައިގެން ނަމާދަށް ދިއުމަށް އަހަރެން ތައްޔާރު ވީމެވެ. ގެއިން ނިކުތްތަނާހެން ފޯނަށް މެސެޖެއް އައެވެ.
” ކުޅުން ވަރަށް ފުރިހަމަ. ޝުކުރިއްޔާ.” މިޝްކާގެ މެސެޖު ފެނުމުން އަހަރެންގެ މޫނުމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.
އަހަރެން އެ މެސެޖަށް ރިޕްލައެއް ނުކުރަމެވެ. މަންމަމެން ފޯން ދީފައި އޮންނަނީ ކޮންމެހެން ކުރަންޖެހޭ މުހިއްމު ކަންކަމަށެވެ. ބޭނުންހާ ވަރަކަށް ފޯނަށް ރުފިޔާއެއް އަޅައެއް ނުދެއެވެ. ހުރިހާ ގެއެއްގައި ވައިފައި ހުރެއެވެ. ކަމެއް ޖެހުމުން ގުޅޭނެ ކިތައްމެ ގޮތެއް އޮވެއެވެ. އަހަރެން މަޑުމަޑުން ގޮސް މިސްކިތަށް އެރީމެވެ. ޖަމާޢަތަށް ލައްވާލިއެވެ. ނަމާދުކޮށް ނިމިގެން އަވަސްއަވަހަށް ގެއަށް ގޮސް ފެށީ ޤުރުޢާން ކިޔަވާށެވެ. އަހަރެންގެ މައިން ބަފައިންނަކީ ވަރަށް ބޮޑަށް ދީނީ ކަންކަމަށް ބާރު އަޅާ ބަޔެކެވެ. އެހެންވެ، އަހަރެންގެ ގައިގައިވެސް އެސިފަ ދަނީ ހަރުލަމުންނެވެ. އަހަރެންގެ މައިން ބަފައިން ދައްކާ ނަމޫނާގައި ހިފައިގެން ކުރިޔަށް ދެވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރަމެވެ. މައިން ބަފައިން ބުނަނީ، އަދި ބުނާނީ ތެދެވެ. ދަރިޔަކަށް އެންމެ ހެޔޮ އެދޭނީ، އެދަރިއެއްގެ މައިން ބަފައިންނެވެ. މިޙަޤީޤަތް އޮޅުވައެއް ނުލެވޭނެއެވެ.
ކިޔަވައި ނިމިގެން ފިލާވަޅުތައް ނިންމަން އަހަރެން މަޝްޣޫލުވީމެވެ. ހުރިހާ ފިލާވަޅެއް ގަޑިއަށް ނިންމުމަކީ އަހަރެންގެ އާދައެކެވެ. ފިލާވަޅުތައް ހަދާ ނިމުނުތަނާހެން އަހަރެންގެ ފޯން ރިންގްވާން ފެށިއެވެ.
” އާދެވޭނެތަ މިގެޔަށް. މި އެކަންޓް ފިލާވަޅު ހަދަން ކުޑަ އެހީއެއް ބޭނުން؟” ގުޅާފައި މިޝްކާ ބުނެލިއެވެ.
” އޯކޭތަ އިޝާ ނަމާދު ފަހުން؟” އަހަރެން ބުނީމެވެ.
” އާނ.” މިޝްކާ އެހެން ބުނުމަށްފަހު، އިތުރު ވާހަކަ އެއް ނުދައްކާ ފޯން ކަނޑާލިއެވެ.
އިޝާ ނަމާދު ނިމުނު ގޮތަށް އަހަރެން ދިޔައީ މިޝްކާމެން ގެޔަށެވެ. އެ ގެ ހުންނާނީ އަހަރެންގެ ޔާއި ވަރަށް ކައިރީގައެވެ. ތިން މިނިޓް ތެރޭގައި ހިނގާފައި ދެވޭނެވެ. އަހަރެން ގޮސް އެގެޔަށް ވަން އިރު، މިޝްކާ އިނީ ސިޓިންގ ރޫމްގައި ފޮތްތައް ނަގައިގެން ތައްޔާރުވެގެންނެވެ.
އަހަރެން މަޑުމަޑުން ގޮސް މިޝްކާގެ ކައިރީގައި އިން ގޮނޑީގައި އިށީނީމެވެ.
” ކޯއްޗެއްތަ އުދަނގޫ ވެގެން ތި އުޅެނީ؟” އަހަރެން އަނހާލީމެވެ.
” ބެލެންޝީޓް. އުޅެ އުޅެވެސް ދިމާނުވި. ބޯ ހަކާލު؟” ލުއި ހިނިތުންވުމަކާއިއެކު މިޝްކާ ބުނެލިއެވެ.
” ތީ. މާ ބޮޑު ކަމެއްނޫން. އަދި އެއް ފަހަރަށް ޗެކް ކޮށްލާ. ދެން ބަލާ ކޮބާތޯ މައްސަލަ ޖެހުނު ހިސާބަކީ. ހިސާބު ވީމަ ގިނައިން ހެދި ވަރަކަށް ފަސޭހަ ވާނެ. އެހާ އަވަހަށް ހިތްވަރުދޫކޮށްލާކަށް ނުވާނެ. ތީ އަދި ވަރަށް އާދައިގެ ބެލެންޝީޓެއް. ޙަޤީޤީ ދިރިއުޅުމުގައި އަދި އަންނާނެ ތިޔަށް ވުރެ ބޮޑެ ގޮންޖެހުންތައް. އަދި އެއް ފަހަރު ޓްރައި. ނުވިއްޔާ ބުނޭ. ރަނގަޅު ކޮށްދޭނަން.” އަހަރެން ބޭނުންވީ މިޝްކާއަށް ހެދިފައި އިން ގޯސް، މިޝްކާ ލައްވާ ހޯދާ އެ ރަނގަޅު ކުރާށެވެ.
= ނުނިމޭ=
2 Comments!
Comments are closed.


Mi part ves v reethi masha Allah
Curiously waiting for next part
Mishkaa and ekujja gulhuvachey
They both are made for each other
I appreciate your hard work
Woww Masha Allah 😍 vrh reethi mi part ves when’s next curiously waiting for the next part keep it up 💪🏻 🥳