ރޭފަނާ – 3
ދުވަހުގެ އިރުއެރީ ރަށަށް އުފާވެރި ޙަބަރަކައިގެންނެވެ. އަތޮޅުގައި ހުރި އެންމެ ވަރުގަދަ އެއް ފަންޑިތަވެރިޔަކު ރަށަށް ޒިޔާރަތްކުރާކަމުގެ ޙަބަރު މުޅި ރަށުގައި ފެތުރިގެންގޮސް އޭނާއަށް މަރުހަބާ ކިޔުމުގެ ކަންތައްތައް ފޯރިޔާއެކު ދިޔައީ ތައްޔާރުކުރެވެމުންނެވެ. އެއްބަޔަކު އޭނާއަށް ހާއްސަކޮށްގެން ގިޑިގެއެއް ހެދިޔެވެ. އަނެއް ބަޔަކު އޭނާގެ ގިޑިގޭގައި އިނުމަށް ކުޑަ ތަޙްތެއް ތައްޔާރުކުރުމުގައި އުޅުނެވެ. އަންހެންވެރިން ކެއްކުމުގައި އަވަދިނެތިއުޅުނެވެ. އުމްނިއްޔާވެސް މިކަމުގައި ބައިވެރިވެ ކުދިންކޮޅު ގޮވައިގެން އަވަދިނެތި އުޅުނެވެ. އާދިލްވެސް ރައްޔިތުންނާއެކު މަސައްކަތުގައި ބައިވެރިވެގެންއުޅުނެވެ. މެންދުރު ބާރަ ޖަހަންވާއިރަށް އެންމެން މަސައްކަތްތައް ނިންމާ ފަންޑިތަވެރިޔާގެ އިންތިޒާރުގައި ބަނދަރުމަތީ މާފަތިތައް ހިފައިގެންތިއްބެވެ. މާކަށް ގިނައިރެއްނުވެ ރިޔާނެގި ދޯންޏެއް ދުރުން އަންނަތަން ފެނިގެންދިޔައެވެ. އެ ދޯނި ރަށާ ގާތްވިއިރު އޭގައި ފެންނަން އިނީ އެންމެ މީހެކެވެ. އެއީ އަތޮޅަށް މަޝްހޫރު ރަކީބެއެވެ. ރަކީބެގެ ދޯނި އައިސް ބަނދަރަށް ވަނުމާއެކު ރައްޔުތުން ބޮޑުބެރުޖަހަންފަށާފިޔެވެ. އަދި ބޮޑުބެރުގެ ނެށުންތައް ބަނދަރުމަތީ ފެށިގެންދިޔައެވެ. ދޯނި ބަނދަރުކުރުމަށްފަހު ރަށަށް ފޭބިވަގުތު އަންހެންވެރިން އައިސް ރަކީބެގެ ކަރުގައި މާފަތިތައް އަޅުވާލިޔެވެ. އެޔަށްފަހު އިއްޒަތިގައި ބޮޑުބެރުގެ ނެށުންތަކާއެކު ރަކީބެ ގިޑިގެޔަށް ގެންދެވުނެވެ. އަދި އޭނާއަށް ހެދުނު ތަޙްތުގައި ބޭންދުނެވެ. އެއަށްފަހު ކާންހެދި ސާމާނު ގެނެސް ކުރިމަތީގައި ބެހެއްޓުނެވެ. ރަކީބެ ކައި ނިންމާލުމަށްފަހު ތެދުވިޔެވެ. އަދި ރައްޔިތުންނަށް ޝުކުރު އަދާކުރިޔެވެ. އެޔަށްފަހު އޭނާއަށް ޙާއްސަކުރެވިފައިވާ ގެޔަށް ގެންދެވުނެވެ. އެ ގެ ހުންނަނީ ކަތީބު އުޅޭ ގެޔާ ތަންކޮޅެއް ދުރުގައެވެ.
ދަތުރު ވަރުބަލި ފިލުވާލުމަށްފަހު ރަކީބެ ރައްޔިތުންގެ ކަންތައްތަކުގައި އަވަދިނެތި އުޅުނެވެ. ކޮންމެ ރައްޔިތަކުވެސް ރަކީބެ ކައިރިޔަށް އަންނަނީ މުހިންމު ކަމަކު އެދިގެންނެނެވެ. ރަކީބެއަކީ ހިތްހެޔޮމީހެއްކަމުން އެއްވެސް ރައްޔިތަކު އަތުން އެއްވެސް އަގެއް ނުނަގައެވެ. ރައްޔިތުންގެ ތެރެއިން މިގޮތައް އައި މީހަކު ރަކީބެއާ ރަށުގައި މީގެ ކުރިން ހިނގި ކަންތަގަނޑު ހިއްސާކޮށްލިޔެވެ. އޭނާގެ ވާހަކަ އިވިފައި ރަކީބެ ވަކި ހައިރާނެއްނުވެއެވެ. ރަކީބެއަކީ އެތައް ކަމަކާ ކުރިމަތިލާފަހުރި މީހަކަށްވާތީއެވެ.
މީހުންނާ ބައްދަލްކޮށް ނިންމާލިއިރު ހަވީރު ފަހެއްޖަހާފިޔެވެ. ރަކީބެ ބޭނުންވީ ރަށުތެރޭގައި ހިނގާލަންދިޔުމަށްށެވެ. ރަށުތެރޭގައި ހުރި އާސާރީ ދެތަނެއް ބަލާލުމަށް ރަކީބެހުރީ ވަރަށް ބޭނުންވެފައެވެ. އެހެންކަމުން އެންމެ ގާތުގައި އިންތަން އިނީ ކަތީބު އުޅޭ ގޭ ކައިރިވުން އެދިމާލަށް މިސްރާބުޖެހިޔެވެ. ކަތީބުގެ ގޭކައިރިޔާ އަރާ ހަމަވިއިރު އޭނާގެ ދެ އަވަށްޓެރިން ގޭ ދޮރުމައްޗަށް ނުކުމެތިއްބެވެ. އެމީހުން ރަކީބެއަށް ހަނާއަޅާލިޔެވެ. ރަކީބެވެސް އެމީހުންނަށް ހަނާއަޅާލިޔެވެ. އެޔަށްފަހު ރަކީބެގެ ކަންތަކާގެން ކުރިޔަށްދިޔައެވެ. އާސާރީ ތަނަށް ގޮސް އެތަން ބަލާލާ ނަދުރެއްބުނެފައި ދެން އިން ދިމާލަށް ހިނގާގަންނަން އެނބުރު ވަގުތު ކުރިމަތީހުރީ ހިނިތުންވުމަކާގެން ކަތީބެވެ. ކަތީބަށް ރައްދުގައި ރަކީބެ ހިނިތުންވެލިޔެވެ.
ކަތީބު : ކީއްކުރަން އައިސް އުޅޭ މީހެއްތޯ ތިޔައީ؟
ރަކީބެ : އަހަރެންނަށް ކިޔަނީ ރަކީބެ. މިރަށަށް ހަމަ ދަތުރުވަރެއްގައި ދެދުވަހަށް އައިސްލީ
ކަތީބު : އެހެން. ކޮންދިމާލަށްދާން ތިޔަ ގޮސްލަނީ ދެން
ރަކީބެ : މި ގޮސްލަނީ ދެވަނަ އާސާރީތަން ބަލާލަން
ކަތީބު : އިރުއޮއްސެންވެެސް ގާތްވަނީނު
ރަކީބެ : މިއީ ނާމާން ރަށެއްތަ އަނެއްކާ؟
ކަތީބު : ނޫން. އަހަރެން ޔަގީންކަންދެން މިއީ ނާމާން ރަށެއްނޫންކަން
ރަކީބެ : ވަރަށް އުފާވެއްޖެ. ދެން ގޮސްލީ
ކަތީބު : އެންމެ ރަނގަޅު
ރަކީބެ އޭނާގެ މަޑު ހިނގުމުގައި ކަތީބު އުޅޭ ސަރަހައްދު ދޫކޮށް ހިނގަމުންދިޔައެވެ. މިސްރާބުހުރީ ރަށުގެ ތުނޑިޔާ ދިމާލަށްށެވެ. އެތަނުގައި އިން އާސާރީތަން ބަލާލަންހުރީ ވަރަށް ބޭނުންވެފައެވެ. ރަކީބެގެ ހިނގުމުގައި ގޮސް ރަށުގެ ތުނޑިޔަށް ދެވުނުއިރު އިރުއޮއްސެނީއެވެ. އާސާރީތަން ބަލާލުމަށްފަހު އެތަނަށް ނަދުރެއްބުނެ ރަކީބެ ގެޔަށްދިޔައެވެ.
ޖެހިގެން އައި ދުވަހު ހެނދުނު ރަކީބެ ތުނޑީކޮޅު މޫދަށް އެރިލަންދިޔައެވެ. އެއިރުގައި އޮތީ އުޑުމަތި ބަނަވެ ކަޅުކޮށްލާފައެވެ. މޫދަށް އެރެން ދިޔަ ވަގުތު ކަތީބުއާ އޭނާގެ އަވަށްޓެރިން ތުނޑީކޮޅުން އަންނަތަން ފެނިގެންދިޔައެވެ. އެމީހުން އަރާ ހަމަވުމުން ރަކީބެ ހިނިތުންވެލިޔެވެ. ރައްދުގައި އެމީހުންވެސް ހިނިތުންވެލިޔެވެ. ރަކީބެ ދިޔަގޮތަށް ގޮސް މޫދަށް އެރިލިޔެވެ. އިސާހިތަކު ގަދަވަޔާއެކު ވިއްސާރައޮއްސާލާފިޔެވެ. ރަކީބެ ތަންކޮޅެއް ފުނަށްގޮސް މޭމައްޗާ ހަމަޔަށް އެރިލިތަނުން އިރުކޮޅެއްނުވެ ރަކީބެ ފައިގާ އެއްޗެއް ހިފާ ދަމައިގަނެފިޔެވެ. ރަކީބެ ސިއްސައިގެންގޮސް ތިރިޔަށް ބަލާލިއިރު ރަތް ކުލައިގަ އޮތް ބޯވައެއް ރަކީބެ ފައިގައި އޭގެ ފައިތައް ތަތްކޮށްގެން ދަމަމުންދެއެވެ. ރަކީބެ ބަލަން ނުހުރެ އެ ބޯވައިގެ ބޮލުގައި ހިފާފިޔެވެ. އެބޯވައިގެ ބޮލުގަ ހިފުމުން އެބޯވަ ފެނުންމައްޗަށް މަޑުމަޑުން އަރަންފަށާފިޔެވެ. އެހިނދު ގުގުރާ ވިދާވެސްގަނެފިޔެވެ. ބޯވަ ފެނުންމައްޗަށް އަރަމުން ދިޔަވަގުތު ފައިތައް އިތުރަށް ދިގުވެ ފަލަވަމުންދިޔައެވެ. އެ ބޯވްގެ ބޯ މިހާރު ހުރީ ރަކީބެގެ އިސްކޮޅާ އެއްވަރަށް އުފުލިފައެވެ. އޭގެ ރީނދޫ ދެލޯ ބޮޑުކޮގެން ރަކީބެއާ ހަތަރުކަޅި ހަމަކޮށް ބަލަހައްޓައިގެންއިނެވެ. އޭގެ ފައިތައް އެއްފައި އަނެއްފަޔާ އެއްވެއްޖެއެވެ. އަދި ފައިތަކުން ހަށިގަނޑެއް އުފެދި ދެ އަތްވެސް ނިކުމެއްޖެއެވެ. ކޮންމެ އަތެއްގައި ދިހަ އިނގިލި ދިގު ނޭފަތިތަކާއެކު ހުއްޓެވެ. ކުރިމަތިން ނުރައްކާ ފެންނަން ހުއްޓަސް ރަކީބެ ހުރީ ވަރަށް ހަމަޖެހިލާގެންނެވެ. ބާރަށް ވިދާ ގުގުރަމުންދިޔަ ވަގުތު ކުއްލިޔަކަށް ބޯވަ ސިފައިގާ ހުރި ފުރޭތަ ދެއަތުން ރަކީބެއަށް ހަމަލާދޭން މަސައްކަތްފެށިޔެވެ. އެހިނދު ރަކީބެ ހުށިޔާރުކަމާއެކު ރެކެމުންދިޔައެވެ. މިހެންގޮސް ލިބުނު ފުރުސަތެއްގަ އެފުރޭގެ އަތުގައި ހިފާގެންފިޔެވެ. ނަމަވެސް ލޮނދިކަމުން އަތުން ކެހިގެންދިޔައެވެ. އަނެއްކާވެސް ފުރުސަތައްކަށް ރަކީބެ ކެތްތެރިވިޔެވެ. އެއިރު ދެތިން ހަމަލާއެއް ރަކީބެގެ މެޔަށް އަރާ ލޭވެސް މޫދަށް ފައިބަމުންދެއެވެ. މިހެން ހުއްޓާ ލިބުނު ފުރުސަތެއްގާ ރަކީބެ ފުރޭތަގެ ބޮލުގައި މުއްކަވާފައިޖެހިޔެވެ. އެހިނދު ފުރޭތަ ބޮލަށް އެނބުރުން އަރާގެން އެސޮރު ފަހަތަށް ޖެހެންފެށިޔެވެ. މި ދަނޑިވަޅު ބަލާފައި ރަކީބެ ބާރު މިނުގައި އައިސް ފުރޭތަ ކޮނޑުމައްޗަށް ނަގާ ތުނޑިމައްޗަށް ހަމަޔަށް ހޫރުވާލިޔެެވެ. އެޔަށްފަހު ދުވެފައި އައިސް ފުރޭތަ ބަނޑުން ބާއްވާ ދެއަތް ބިންދާލާފިޔެވެ. އަދި އަނބުރާލުމަށްފަހު އެސޮރުގެ ދެލޮލަށް މުއްކަވާފައި ވެލި ނަގާ އޮއްސަމުންދިޔައެވެ. އެއަށްފަހު ރަކީބެގެ ބޮޑުވައި ދެ އިނގިލި ގަންނުވާލިގޮތަށް ދެލޯ ހަލާކުކޮށްލާފިޔެވެ. އެހިނދު ރަކީބެ ގަޔަށް އެސޮރު އަނގައިން ކަޅު ދެލި ބުރުވާލިޔެވެ. އެންމެ ތަންފުކެއްވެސް ދުލެއްނުކޮށް ރަކީބެ ދިޔައީ އެފުރޭތަ މަރާލުމުގެ މަސައްކަތްކުރަމުންނެވެ. އެންމެ ފަހަށް ރަކީބެ މުންޑުދަށުގައި އަބަދުވެސް ރައްކާކޮށްގެން ގެންގުޅޭ ފިޔޮއްސެއްނެގިއެވެ. ނެގިގޮތައް ފުރޭތާގެ ބޮލަށް އެތައް ހަމަލާއެއްދެމުންގޮސް އެސޮރު މަރާލާފިޔެވެ. ފުރޭތަ މަރާލުމަށްފަހު ރަކީބެ ކޮނޑުމައްޗަށް ފުރޭތަ ލައިގެން ގެންގޮސް ފުންދިމާލަކަށް ބަލާފަ އެއްލާލިޔެވެ. ފުރޭތަގެ މަރުވެފައިވާ ހަށިގަނޑު މާކަށް ދުރަށް ނުދަނީސް މިޔަރުތައް އަރާ އެހަށިގަނޑު ކައި ހުސްކޮށްލާފިޔެވެ. މި މަންޒަރު ބަލަން ހުރެ ގަޔަށް ބުރާފައިވާ ކަޅު ދެލިތައް ރަކީބެ ދިޔައީ ދޮންނަމުންނެވެ.
މޫދުން އެއްގަމަށް އެރުމަށްފަހު ރަކީބެގެ ޒަޙަމްތައް ބެއްދުމަށްޓަކައި އޭނާގެ މަސައްކަތް ފެށިޔެވެ. ރުއްގަލު ކުނޑި ހެދުމަށްފަހު ލިބިފައި ހުރި ޒަޙަމްތަކުގައި އުނގުޅާލިޔެވެ. އެޔަށްފަހު ޓީޝާޓް މަތިން ވައްޓާލުމަށްފަހު ރަށުތެރެޔަށް ހިނގާގަތެވެ. ރަށުތެރެޔަށް އަރައިގެން އައިސް ރަކީބެ އޭނާގެ ގެޔަށްވަނެވެ. ވަނުމަށްފަހު ތެމިފައި ހުރި އެއްޗެހި ރޯނުގައި އެޅުވުމަށްފަހު އާ ގަމީހަކާ މުންޑެއް އަނދެލައިގެން ގޮސް އޭނާގެ އެނދުގައި އިށިނިޔެވެ. އިށީނުމަށްފަހު އޭނާއާ އެކު ގެނައި ސާމާނުތަކުގެ ތެރޭގައި އޮތް ފޮތެއް ނެގިޔެވެ. އެނަގާ އޭގާ ލިޔުންތަކެއްް ލިޔުމަށްފަހު އެ ފޮތް އެނދުދަށަށްލިޔެވެ. އެޔަށްފަހު ގޮސް ބަނޑިޔާއިން ފެން ތައްޓެއްް ނަގައިގެން އައިސް މުޅި ގެ ވަށައިގެން ފެން ބުރުއްސާލިޔެވެ. ދެން ދިޔަގޮތައް އޭނާ ގެނައި ކަތިވަޅިޔެއް ތޫނުކޮށް ނިންމާލިޔެވެ. އެޔަށްފަހު ދެފައި ވައްކޮށްލައިގެން ގޭގެ މެދުގައި އިށީނދެލިޔެވެ. އަދި ކިޔެވެލިތައް ކިޔެވުމަށްފަހު ތެދުވެގެން ގެއިން ނުކުތީ ފެން އަޅާފައި ހުރި ކުޑަ ބަނޑިޔަލެއް ހިފައިގެންނެވެ. ނުކުމެ ގެޔާ ކޮންމެވެސް ވަރަކަށް ދުރަށް ގޮސް ގެ ވަށާގެން ފެންއަޅާލިޔެވެ. އެޔަށްފަހު ގެޔަށް ވަދެ ފެންބަނޑިޔާ ބެހެއްޓުމަށްފަހު ގެއިން ނުކުމެ ރައްޔިތުންނާއެކީ ވަގުތު ހޭދަކުރުމަށްފަހު އެމީހުން ބޭނުންވާ ކަންތައްތައްކޮށްދިނެވެ. އެޔަށްފަހު ރަކީބެ ގޮސް އޭނާގެ ކުޑަ ދޯންޏަށް އެރުމަށްފަހު ތުނޑީކޮޅަށް ދޯނި ގެނެއެވެ. ގެނެސް ބޭއްވުމަށްފަހު ރަށަށް އެރިޔެވެ. އެއިރު އިރުއޮއްސި އަނދިރިވެއްޖެއެވެ. ތޫނު ކޮށްފައިވާ ކަތިވަޅިއާއި ކުޑަ ފެން ބަނޑިޔާއަށް ފެން އަޅާ ނަގައިގެން އައިސް ދެފައި ވަށްކޮށްލައިގެން ގޭގެ މެދުގައި އިށީނުމަށްފަހު ކިޔެވެލިތައް ނުހުއްޓާ ކިޔަމުންދިޔައެވެ.
ގަޑިން މެންދަމު ބާރަ ޖަހާ ބޮޑުވެއްޖެއެވެ. މީހުންތައް ނިދާ ހަމަހިމޭންވެއްޖެއެވެ. ވިއްސާރައިގެ ވިލާތައް އުޑުމަތި ފުރާލާފިޔެވެ. ވާރޭގެ ކަނިތައް ފުރާޅުތަކުގައި މަތީ ޖެހެމުންދާއަޑު ގަދަވެ ވައި ބާރުވެ ވިއްސާރަ ގަދަޔަށް ވެހެން ފައްޓާލާފިޔެވެ. ދޭތެރެޔަކުން ގުގުރާ ވިދާލައެވެ. ކިޔަވަން އިން ރަކީބެ ކަންފަތުގައި ވެހެންމުންދިޔަ ވާރޭގެ އަޑުގެ އިތުރުން ފުރާޅުމަތީ ބަރަވެލި ދުވާ އަޑުފަދަ އަޑުތައް އިވެންފަށާފިޔެެވެ. އެހިނދު ރަކީބެ އަންނަން އޮތް ނުރައްކަލާ ކުރިމަތިލުމަށް ތައްޔާރުވެލިޔެވެ. އޭނާގެ ކިޔެވުން ވަރުގަދަކުރިޔެވެ. އިރުކޮޅަކުން ގޭގެ ފާރުތަކުގައި އެއްޗެއް ކޭއްތޭއަޑު އިވެމުންދިޔައެވެ. ބައެއް ފަހަރު ފުރާޅުގައި މީހަކު ގޮއްމުއްކަވައިފަ ޖަހާ އަޑުކަހަލަ އަޑެއް އިވެއެވެ. ނާމާން ބިރުވެރި އަޑަކުން ރެކީބެގެ ނަން ގޮވާލަމުންދެއެވެ.
ބިރުވެރި އަޑު : ރަކީ….. ރަކީ….. ކަލޭ ކީއްކުރަން މިރަށަށް އައިސް ތިޔައުޅެނީ؟
ރަކީ : އަހަރެން ކުރަން އައި ކަމެއް ކަލޭމެން ބަލަނީ ކީއްކުރަން؟
ބިރުވެރި އަޑު : މިއީ އަހަރުމެންގެ ރަށް. އަހަރުމެންގެ ކާނާވަނީ މިރަށުގައި. މިރަށުގެ މީހުންނަކީ އަހަރުމެންގެ ކާނާ. ކަލޭ މިރަށުން މިރޭ ނުފައިބައިފިނަމަ ކަލޭވެސް އެ ކާނާގައި ހިމެނޭނެ
ރަކީ : ކަލޭމެން ކިތައް މީހުން ކައިގެން ތިޔަ ތިބީ މިހާތަނަށް؟
ބިރުވެރި އަޑު : އަހަރުމެން މިހާތަނަށް އަދި ކެއީ މަދު ބަޔަކު.
ރަކީ : ކަލޭމެން އަހަރެން މަރާލަންވެސް އުޅުނީމެއްނު މިޔަދު؟
ބިރުވެރި އަޑު : އާނ އެއީ ކަލެޔަށް ދިން އިންޒާރެއްކަމަށް ބަލާ.
ރަކީ : އަހަރެން ކަލޭމެންދެކެ ބިރެއް ނުގަނޭ. އަހަރެންނަކީ ކަލޭމެންފަދަ އެތައް ބަޔަކާ ކުރިމަތިލާފައި ހުރި މީހެއްް. އަދި އަހަރެންނަށް ކަމެއް ވެއްޖެކަން އެނގިޖެނަމަ އަހަރެންނަށްވުރެ އެތައް ބާރުގަދަ ބަޔަކު ކަލޭމެންގެ ދުވަސް ދުއްވާލަން އަންނާނެ.
ބިރުވެރި އަޑު : (ބިރުވެރި ހިނިގަނޑެއް ޖަހާލާފަ) ތިޔަ ބުނަނީ އުތުރުގެ އެދުރުންގެ ވާހަކައެއްނު
ރަކީ : (ހައިރާންވެފަ) އާނ. އެމީހުންގެ ވާހަކަ ކަލޭމެނަށް އެނގޭތާ އެހެންވީމަ.
ބިރުވެރި އަޑު : (ބިރުވެރި ހިނިގަނޑެއް ޖަހާލާފަ) އެމީހުންނަށް ވީގޮތް ކަލެޔަށް އެނގިއްޖެނަމަ ކަލޭވެސް މިތަނުން ވީހާވެސް އަވަހަކަށް ފައިބާނެ
ރަކީ : އެމީހުންނަކީ އެހާ ފަސޭހައި ބަލިކުރެވޭނެ ބަޔެއްނޫން
ބިރުވެރި އަޑު : ރަނގަޅަށް އަޑުއަހާ….. އެއީ މިކަހަލަ ރެޔެއް ހަމަ. އެމީހުން ކިޔެވެލި ކިޔަވައިގެން އަހަރުމެން ހާޒިރު ކުރުވީ. އެއީ އެމީހުންނަށް ހެދުނު އެންމެ ބޮޑު ގޯސް. އަދި އެވެސް ފަޅުރަށެއްގަ. އެމީހުންގެ ގިނަ މީހުން ނޮޅާ ކުދިކޮށް ކައި ހުސްކުރީ މަދު ވަގުތުކޮޅެއް ތެރޭގަ. އެމީހުންގެ ތެރެއިން ސަލާމަތްވީ އުތުރު ބެއްޔާ ކިޔާ މީހަކާ ރާވެރި އަބޯ ކިޔާ މީހެއް. އެ ދެމީހުންގެ ތެރެއިން ރައިވެރި އަބޯ އެންމެ ފަހުން އަހަރުމެން ވަނީ އަތުލައި ކައި ނިންމާލާފަ ނަމަވެސް އުތުރު ބެއްޔާ އަދި ނުފެނޭ. ވީމާ ކަލޭވެސް މަރުވާން ބޭނުންނެތިއްޔާ މިތަނުން މާދަން އިރު އަރާއިރު ފައިބާ.
ރަކީ : ހަމަ ހިލާ ތިހިނަކުން ނުވާނެ. މިއީ ކަލޭމެންގެ އެންމެ ފަހު ރޭ
ބިރުވެރި އަޑު : މޮޔަ އިންސާނާ. ކަލޭ މިރޭ ވާނީ އަހަރުމެންގެ ކެއުމަށް
އިރުކޮޅަކުން ކުދިގަލުން ހެދިފައިވާ ފާރުގެ ލޯވަޅުތަކުގެތެރެއިން ކަޅު ބަރަވެލިތަކެއް ނުކުންނަންފެށިޔެވެ. އެތައް ބައިވަރު ބަރަވެއްޔެއް ނުކުމެ ގޭތެރެޔަށް އެޅެން ފަށާ އެކި ކޮޅުކޮޅަށް ދުވަންފެށިޔެވެ. މި ބަރަވެރިލިތައް ގޭގެ ކަންކަނާ ދިމާލަށް ދުވަމުންގޮސް އެންމެ ފަހަށް ގޭގެ މެދަށް އެއްވާންފެށިޔެވެ. އެ ބަރަވެލިތައް އެއްވެ އެއްޗެއް އުފެދެން ފައްޓާފިޔެވެ. ފުރުތަމަ އުފެދުނީ ބޮލެކެވެ. އޭތީގެ ބޮލުގެ އިސްތަށިގަނޑު ބުޅިޔެވެ. އަނގައިގެ ދަތްތައް ބޮޑެއްޗެވެ. ފޭރާ ހަތަރު ދަތް ބޭރަށް ފެންނަން ހުއްޓެވެ. އޭތީގެ ދެލޯ ރަތެވެ. ކަޅި އެހާމެ ކަޅެވެ. ދެން އުފެދެންފެށީ ގަޔާ އެކު ހަރުކަން ވަރުގަދަ ހަތަރު އަތެވެ. އަތްތަކުގެ ނޭފަތިތައް ދިގުވެފައި ތޫނެވެ. ހަށިގަނޑު ހަރުވެފައި ވަރުގަދައެވެ. ދެން އުފެދެންފެށީ އެސޮރުގެ ފައިތަކެވެ. އެއީ ހަތަރުފަޔެވެ. ކުރަކަސް ދިގު ނޭފަތިތަކެއްް އެ ފައިތަކަށް ލިބިގެންވެއެވެ. އޭތީ ބަލަން ނުހުރެ ރެކީއާ ދިމާލަށް އަންނަންފެށިޔެވެ. ފުރުތަމަ ފިރުކޭފަދަ ހާލަތެއްގައެވެ. ނަމަވެސް މަޑުމަޑުން ދިޔައީ ދުވެލި ބާރުވަމުންނެވެ. ރަކީ އިންތަނުން ކަތިވަޅި ހިފައިގެން ތެދުވިޔެވެ. އަދި ކުރިމަތީ ހުރި ނުރައްކަލާ ކުރިމަތިލާންފެށިޔެވެ. އެންމެ ފުރުތަމަވެސް އަތުގައި އޮތް ފެންބަނޑިޔާ ފެން ގޮއްޓެއްނަގާ އަންނަމުންދިޔަ ފުރޭތައާ ދިމާލަށް އުކާލިޔެވެ. އެ ފެން ގޮސް ޖެހުމުން އެސޮރު ހަޅޭއްފަޅޭއްޖަހަން ފެށިޔެވެ. ރެކީ ދުވެފައި އައިސް އެ ފުރޭތައާ އަރާ ހަމަކޮށް އެސޮރުގެ އެއްްފައިގައި ކަތިވަޅިން ޖަހާ ޒަޙަމްކޮށްލިޔެވެ. އެހިނދު އެ ފުރޭތަ ތެޅިފޮޅި މުޅި ތަނަށް ލޭތައް ބުރުވަންފަށާފިޔެވެ. ރަކީ ބަލަން ނުހުރެ ދެން ހުރި ފައިތަކަށްވެސް ހަމަލާދޭން މަސައްކަތްކުރަންފެށިޔެވެ. ނަމަވެސް އެ ފުރޭތަގެ އަތްތަކުން ދިޔައީ ދިފާއުވަމުންނެވެ. މިހެން ގޮސް ލިބުނު ފުރުސަތެއްގައި ފުރޭތަގެ ވަކިތަކުން ރަކީގެ އެއް އަތަށް ހަމަލާދީ ޒަޙަމްކޮށްލާފިޔެވެ. ފަހަތަށް ޖެހިލާފައި ލައިގެން ހުރެ ގަމީސް ބާލާފައި އަތުގާ އޮޅާލުމަށްފަހު ބަނޑިޔަލުން ފެންފޮދެއް ބޯލާފިޔެވެ. އެޔަށްފަހު ދެވެފައި އައިސް ފުރޭތައާ ދިމާލަށް ކަތިވަޅި ހިފައިގެން ފުންމާ އެރިޔެވެ. ފުރޭތަގެ މޫނާ ގާތްވުމާއެކު އަނގައިގާ ހުރި ފެންތައް ފުރޭތަ މޫނަށް ބުރުވާލިޔެވެ. އެޔާއެކު އެސޮރުގެ ދެލޯ ފިހި ދުން އަރަންފެށިޔެވެ. ހަމަ އެވަގުތު ރަކީބެ އެ ފުރޭތަގެ ބޮލުގެ މެދުގައި ކަތިވަޅިން ޖަހާ ހަރުކޮށްލާފިޔެވެ. އަދި އެސޮރާ ހިފުމުގެ ގޮތުން ކަރުގައި އެލިގަނެ ނޭވާ ހާސްކުރުމުގެ މަސައްކަތް ފައްޓާފިޔެވެ. ނަމަވެސް ހިނދުކޮޅެއްތެރޭގައި ރަކީބެގެ ހަށިގަނޑުގައި ހަތަރު އަތުން ހިފިގޮތަށް ބިމާލާ ބާރަކަށް ޖަހާފިޔެވެ. އެހިނދު ރަކީބެގެ އަނގައިން ބައިވަރު ލޭތައް ނުކުމެގެންދިޔައެވެ. ހަމަ އެވަގުތު ފުރޭތަ އައިސް ފައިތަކުން ރަކީބެގެ ހަށިގަނޑަށް ހަމަލާދެމުންދާންފެށިޔެވެ. ހަމަލާތައް ދިނުމަށްފަހު ރަކީބެ ބޮލުގައި ފުރޭތަގެ އަތުން ހިފައި ނެގުމަށްފަހު އަނެއް އަތުން ގޮއްމުއްކަވާ ބާރު އެތިފަހަރެއް އެޅިޔެވެ. އެހިނދު ރަކީބެ ވިއްސާންގޮސް ގޭގެ ފާރު ފަޅާލާފަ ގޮސް ބޭރުތެރޭގައި ހެދިފައި އޮތް ފެންގަނޑަށް ޖެހުނެވެ. އެހިނދު ގުގުރާ ވިދަމުންދެއެވެ. ބޯ ވާރޭ ދަނީ ވެހެމުންނެވެ. ކެއްސަ ކެއްސާ އޮއްވާ އަޑަކުން ބުނެލާއަޑު އިވެއެވެ.
އަޑު : ރަކީ. ވަގުތު ނުޖެހޭތަ އަހަރެންގެ ބޭނުން ހިފާކަށް. ރެކީ އަހަރެން މިހުރީ ތައްޔާރަށް ކަލޭ މަރުވެއްޖެނަމަ އަހަރެންވެސް މަރުވާނެ
ރެކީ : (ކެއްސަމުން) އާނ ވަގުތު އެބަ ޖެހޭ އަހަރެން ބުނަންދެން މަޑުކޮށްލާ
އަޑު : (މަޑު ބިރުވެރި ހިނިގަނޑެއް ޖަހާލާފަ) އަހަރެން މިހުރީ ކެތްމަދުވެފަ
ގޭތެރެއިން ހެދިފައިވާ ބާގަނޑުން ފުރޭތަ ބޭރުތެރެޔަށް ނުކުމެއްޖެއެވެ. އެހިނދު ވަރުގަދަ ބާރު ގުގުރިއަކާއެކު ވިދުވަރެއްވެސް ޖަހާލާފިޔެވެ. ބިންމަތީގައި އޮތް ރަކީގެ ހަށިގަނޑު ގުޑާލިތަން ފެނިގެންދިޔައެވެ. ރަކީ މަޑު މަޑުން ތެދުވެ ދެފައި ވައްކޮށްލައިގެން އިށީނެވެ. މި މަންޒަރު ފެނިފައި ފުރޭތަ ބާރަކަށް އަންނަންފެށިޔެވެ. އެ އައިގޮތަށް ރަކީއާ އަރާ ހަމަކުރުމަށްފަހު ގޮއްމުއްކަވާލާފަ އަތުން ޖަހަން މަސައްކަތްކުރިޔެވެ. ނަމަވެސް އެ އަތް އައިސް ރަކީގެ މޫނާ އަރާ ހަމަވިތަނުން ރަކީގެ އަތްތިލައިން އެސޮރުގެ އަތުގައި ހިފަހައްޓާ ހުއްޓުވާފިޔެވެ. ފުރޭތަ ހައިރާންވެފައި ރަކީގެ މޫނަށް ބަލާލިއިރު އެސޮރު ހިތުގައި ބިރުވެރިކަން އުފެދިއްޖެއެވެ. ރަކީގެ ދެލޮލުގެ ކަޅިވަނީ ހުދުވެފައެވެ. އޭނާގެ ވެފައި އިން ހިނިތުންވުންވަނީ ދެ ލޮލާ ހަމަޔަށް ދަމާލާފައެވެ. ރަކީގެ އަތުން ފުރޭތަ މުއްކަވާފައި ޖަހަން އުޅުން އަތުގައި ހިފިގޮތަށް ބިންދާ ޗަސްކޮށްލާފިޔެވެ. ބިރުން ފުރޭތަ ފަހަތަށް ޖެހުގަނެފިޔެވެ. ރަކީ އިންތަނުން ތެދުވެގެން ކުރިޔަށް މަޑުމަޑުން އަންނަމުންދިޔައެވެ. ކުއްލިޔަކަށް ފުރޭތަގެ ލޯމައްޗަށް ރަކީ ގެއްލިއްޖެއެވެ. ދެން ފެނުނީ އެސޮރުގެ ފަހަތުގައި ހުއްޓައެވެ. ފަހަތުން އައި ރަކީ ފުރޭތަގެ ދެވަނަ އަތުގައި ހިފާ ބިންދާލާފިޔެވެ. އެޔަށްފަހު ބުރަކަށީ ކޮޅުފައިން ބާރު އެތިފަހަރެއް ޖަހާލިޔެވެ. މި އެތިފަހަރުގެ ބާރުގަދަކަމުން ފުރޭތަ ވިއްސާންގޮސް ރުއްތަކުގައި ޖެހެމުން ގޮސް ވަރަށް ދުރަށް ބިމަށް ޖެހުނެވެ. ފުރޭތަ ޖެހުނު ކޮންމެ ރުކެއް އޮތީ ދެބުރިވެފައެވެ. މާނޭވާލާން އޮތް ފުރޭތަ މަޑުމަޑުން ތެދުވެގެން ތުނޑިޔާ ދިމާލަށް ކޮރުޖަހާ ހާލު ދާންފެށިޔެވެ. އެސޮރު ފަހަތަށް ބަލާލިއިރު ރަކީ މިހިރަގެން އަންނަނީއެވެ. މަޑު ހިނގުމެއްގައި ބިރުވެރި ހިނިތުންވުމަކާއެކުގައެވެ. ޒަޙަމްވެފައިވާ ފުރޭތަ ގޮސް ތުނޑިޔަށް ނުކުމެވުނުތަނުން އެސޮރު ބިންމައްޗަށް ވެއްޓިޖެއެވެ. ބިންމަތީ ފިރުކެމުން މޫދާ ދިމާލަށް ދަނިކޮށް ފަހަތުން އައި ރަކީ އެސޮރުގެ ބުރަކަށިމައްޗަށް ފައިން އަރާފިޔެވެ. ފުރޭތަގެ ސަލާމަތުން އިން ދެ އަތުގައި ހިފާ ބުރަކަށިމައްޗަށް ފައި އަރާންހުރެ ރަކީ އެސޮރުގެ ދެ އަތަށް ދެމި ދެމީނުން ދެ އަތް އުފުރާލާފިޔެވެ. އެޔަށްފަހު އެ ދައަތުން އޮއްސެމުންދިޔަ ލޭތައް ގަޔަށް އޮއްސަން ފަށާފިޔެވެ. ފުރޭތަ އޮތީ ބިރުން ހަދާނެގޮސް ހުސްވެފައެވެ. ދެ އަތް ދުރަށް ހޫރުވާލުމަށްފަހު ފުރޭތަގެ ފައިތައްވެސް އުފުރާލާފިޔެވެ. ބިންމަތީ ވޭނުގައި ތެޅި ތެޅި އޮތް ފުރޭތަގެ ބޮލުގައި އިން ކަތިވަޅި ރަކީ ނެގުމަށްފަހު ފުރޭތަގެ ގައިމައްޗަށް އަރާ އިނދެ އެސޮރު ކަރުގައި ކަތިވަޅި ޖައްސައި ބިރުވެރި އަޑަކުން ހެމުން ފުރޭތަގެ ކަރުގައި ކަތިވެޅި ކާތަންފަށާފިޔެވެ. މަޑު ވޭންދެނިވި މަރަކުން ފުރޭތަ މަރާލުމަށްފަހު ރަކީ ފުރޭތަގެ ބޯ ބުރިކޮށްލާފިޔެވެ. އެޔަށްފަހު މުޅި ހަށިގަނޑު ކޮށާ ކުދިކޮށްލާފިޔެވެ. އަދި ފުރޭތަގެ ބޯބުރި ނަގައިގެން ހުރެ ނަށަމުންދިޔައެވެ.
- – ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.



Salhi when’s next part???? interesting story eh sifakurunthah ves rangalhu
thank you for the sweet comment. it takes time and planning to write another episode so hang in there. there is more to come
Dude you’ve started replying?????
Oh thank god!!!!
You never reply to any of my comments
This Tory is nice