ރޭފަނާ – 2
ޖެހިގެން އައި ދުވަހެވެ. ރަށުތެރޭ މީހުން ބޮޑުހެނދުނާ ހަލަބޮލިވެއްޖެއެވެ. ވެގެން އުޅޭ ގޮތެއް ހޯދުމަށް އާދިލްވެސް ބަލާލަން ބޭނުންވިޔެވެ. ތުންތުންމަތިން އަޑުއިވެމުންދިޔައީ އެރަށު ސަހަރާ ކަށްވަޅު ކޮނެގެން ގަބުރު ކައިފައި ހުރި ކަމުގެ އަޑެވެ. އެއީ މީގެ ދެތިން ދުވަސް ކުރިން ވަޅުލެވުނު އެރަށު ޒުވާނެއްގެ ގަބުރެވެ. ރަށު ރައްޔިތުން އެއްވެފައިވާ ސަހަރާ ކައިރިޔަށް އާދިލްވެސް ދިޔައެވެ. ސަހަރާގެ ދޮރުކައިރީގައި ޒުވާނާގެ ގަބުރުގެ އިނގިލިތައް އުކާފައި ހުއްޓެވެ. ޒުވާނާގެ ގަބުރުވަނީ ވަޅުލެވުނު މަހާނަ ކައިރިޔަށް އެއްލާލާފައެވެ. އެ ގަބުރުގެ ބޯ އޮތީ ހަށިގަނޑާ ވަކިކޮށްލާފައެވެ. އެއް އަތާ އެއްފައިވެސްމަދެވެ. ހަށިގަނޑުވަނީ ފަޅާލެވިފައެވެ. އެތެރެހަށީ ހުރިހާ ގުނަވަނެއްވަނީ ކައި ހުސްކޮށްފައެވެ. ރަށު ރައްޔިތުންގެ ހިތުގައި މި މަންޒަރު ފެނި ވަރަށް ބޮޑު ބިރުވެރިކަމެއް އުފެދިއްޖެއެވެ. އެއްބަޔަކު ރޮއެ ހޭރެނީއެވެ. އަނެއް ބަޔަކު ބަދުނާމު ކުރަމުންދިޔައީ އާދިލްއެވެ. މިއީ އޭނާގެ ސަބަބުން ލައިގަނެގެން އުޅޭ ކަންތައްގަނޑެއްކަން ބުނަމުންދިޔައެވެ. އާދިލްއަށް އެތާ ހުންނަން ކެތެއްނުވިއެވެ. އިސްޖަހާލުމަށްފަހު އަނބުރާ ގެޔަށް ދިޔައެވެ. ގޮސް ވެގެން އުޅޭ ކަންތައް ލޯބިވާ އަނބިމީހާއަށް ކިޔާދިނެވެ. މިކަމުގެ ސަބަބުން ވަރަށް ބޮޑު މާޔޫސްކަމެއްވެސް އުމްނިއްޔާ ހިތުގައި އުފެދިގެންދިޔައެވެ. ނަމަވެސް ކޮންމެ ކަމަކާވެސް ކުރިމަތިލާން ހުރީ ތައްޔާރަށްށެވެ. ލޯބިވާ ފިރިމީހާ އަތުގައި ހިފާލުމަށްފަހު ހިތްވަރުދިނެވެ.
އެދުވަހަށްފަހު އުމްނިއްޔާގެ ދެމަފިރިންނާ ދަރިންނަށް މަގުމަތީ ހިނގާލަންވެސް ބައެއްފަހަރު ވެގެންދިޔައީ ދަތިކަމަކަށްށެވެ. ރަށު މީހުން އެމީހުންނާމެދު ދެކެމުން އަންނަ ގޮތް ވަރަށްވެސް ތަފާތުވާން ފައްޓާފިޔެވެ. އެކި މީހުން ދައްކަމުންދިޔައީ އެކި ކަހަލަ ވާހަކައެވެ. އުމްނިއްޔާ އޭނާގެ ފިރިމީހާގެ ކަންތައްގަނޑެއް ސިއްރުކުރާކަން އެއްބަޔަކު ކިޔައެވެ. އަނެއް ބަޔަކު އާދިލްއަށް ދިމާވި ކަންތަކުގެ ސަބަބުން އޭނާއަކީ މިހާރު މިނިކާ މީހެކޭވެސްކިޔާއުޅެއެވެ. އަދި އެ ދެމަފިރިންކުރެ އެކަކު ނުވަތަ އެ ދެމަފިރިންގެ ދަރިޔަކު ފެނުނަސް ރަށުގެ ކުދިވެރިންވެސް ގެޔަށްވަދެއެވެ. އެއާއެކު އުމްނިއްޔާއާ އާދިލްއަށް ލިބެމުންދިޔަ ހިތާމަ މާ ބޮޑުވެގެންދިޔައެވެ. އިހުގެ ރައްޓެހިންނާ އެކުވެރިން އަދި އާއިލާ މީހުންވެސް ގެއްލިއްޖެއެވެ. ދަރިންނަށްޓަކައި ދެމަފިރިން އެހެން ރަށަކަށް ބަދަލްވާން ނިންމިޔެވެ. ނަމަވެސް އެ އަތޮޅަކުންނޫނެވެ. ވީހާވެސް ދުރު ހިސާބަކުންނެވެ. ފުރަންވެގެން ތައްޔާރީތައްވެގެން ދަރިންކޮޅު ގޮވައިގެން ނުކުމެގެންދަމުން ހިތާމަވެރި ދެލޮލުން ރަށުތެރެޔަށް އެންމެ ފަހު ފަހަރަށް ދެމަފިރިން ނަޒަރު ހިނގާލިޔެވެ. އެތައް ފޮނި ހަނދާތަކެއް އާލާވެގެންދިޔައެވެ. ދެމަފިރިންނާ ދަރިންކޮޅު ރަށުން ފުރަން ބަނދަރަށް ދިޔަ ވަގުތު އެމީހުންނާ ބައްދަލުކުރަން ރަށުގެ ކަތީބު ސައުދު އަދި ހަރު އުމުރުގެ މީހަކު އެތަނުގައި ހުއްޓެވެ. އެމީހާއަކީ ރަށުގައި ގަދަރުވެރި ވަރުގަދަ މީހެކެވެ. އެމީހާގެ ބަހަކީ އެންމެންވެސް ގަބޫލުކުރާނޭ ބަހެކެވެ. އެމީހާއަކި އެރަށު މަޝްހޫރު ދޮންކާސިމްބެއެވެ. ކަތީބުމެނާ އަރާ ހަމަވުމާއެކު ކަތީބު ދެމަފިންނާ ދިމާލަށް ކަނައަތް ހިއްލާލިޔެވެ.
ކަތީބު : ދަރިފުޅާ ކޮންތާކަށް ދާން ތިޔައުޅެނީ؟
އާދިލް : މި ރަށުން އެއްކޮށް ދާންވެގެން މިދަނީ. މި ރަށު މީހުން އަހަރުމެން ދެމަފިރިންނާ ދޭތެރޭ ދެކޭގޮތުން އެކަމާ ވަރަށް ހިތާމަ ކުރަން.
ދޮންކާސިމްބެ : އާދިލް ކޮއްކޯ. މިރަށަކީ ކަލޭމެން ދެކުދިން ބޮޑުވެގެން އައި ރަށް. ބޭބެގެ ދެލޮލުން ތި ދެކުދިންގެ އުފާވެރި ހަޔާތް މިހުރީ ދެކިފަ. ބޭބެ ނޭދެން ރަށް ދޫކޮށްފާ ދާކަށް އެއްވެސް ހާލެއްގަ؟
އުމްނިއްޔާ : އެކަމު ބޭބޭ. އަހަރުމެންގެ ދަރިންގެ ހައްގުގައި އަހަރުމެން މިރަށުން މި ފައިބަނީ. ވަރަށްވެސް ދެރަ ދޯ އެކުދިންނާ އެއްވެސް ކުއްޖަކު އަދި މީހާކު ނުގުޅޭތީ. އަހަރެންގެ ހިތަށް އެމަންޒަރު ބަލާކަށް ކެތެއްނުވޭ.
ކަތީބު : ބުނަން ދަރިފުޅާ. މީގަ ނެތޭ ތި ދެމީހުންގެ ކުށެއް. އާދިލްއަށް ދިމާވި ކަންތައް އެއީ އެހެން ކަމެއް. މި ރަށުތެރެއިން މި ފެނުން ކަންތަކާ އާދިލްއާ ގުޅުމެއްނުވާކަން ބޭބެ ޔަގީންކަންދެން
ދޮންކާސިމްބެ : އަހަރެން ރަށު ރައްޔިތުންނާ ހޮޅުއަށިން ބައްދަލުކޮށް ތި މައްސަލަ ހައްލުކޮށްދޭނަން. ކަލޭމެން ދެމަފިރިން އަނބުރާ ގެޔަށްދޭ. ކަލޭމެން ދިރިއުޅެންވާނީ މިރަށުގަ. އެހެން އެއްވެސްތާކަށް ގޮސްގެންނުވާނެ. އަހަރެންނާ ކަތީބު ދުނިޔޭގައި ހުރިހާ ހިނދަކު ކަލޭމެނަށް ހިމާޔަތްދޭނަން.
އާދިލް : (އިސްދަށަށް ޖަހާލައިގެން ހުރެ) އެންމެ ރަނގަޅު އަހަރުމެން މަޑުކުރާނަން. އެކަމު ޝަރުތެއްގެ މަތިން.
ކަތީބު : ކޮބާ އެ ޝަރުތަކީ؟
އާދިލް : އަހަރެން ބޭނުން އާމްދަނީ ހޯދަން މަހަށްދާން. އަދި އަހަރެންގެ އާއިލާ ތަފާތުނުކުރާނެކަމުގެ ޔަގީންކަން ބޭނުން
ކަތީބު : ތި ޔަގީންކަން އަހަރެން ދޭނަން
ފުންނޭވާޔެއްލުމަށްފަހު ދެމަފިރިން ދަރިން ގޮވައިގެން އަނބުރާ ގެޔަށް ގޮސްފިޔެވެ. އެހިނދު ކަތީބުއާ ދޮންކާސިމްބެ ގޮސް ރަށު ރައްޔިތުން އެއްކޮށް އެމީހުންނާ ވާހަކަތައް ދައްކަންފެށިޔެވެ. ދެބަސްވުތަކަކާއެކު ހިތްތަކުގައި ނުތަނަވަސްކަންވެސް ހުރިކަން ކަތީބަށްށާ ދޮންކާސިމްބެއަށް ފާހަގަވިޔެވެ. ނަމަވެސް ކަމުގެ ހައްލުހޯދުމަށް ނަމާދު ގަޑިތަކަށް މެދުކަނޑާލަމުން އެދުވަހު އިރުއޮއްސެންދެން ރައްޔިތުންގެ ބައްދަލްވުން ކުރިޔަށްގެންދިޔައެވެ. ބައްދަލްވުން ނިމިގެންދިޔައީ އާދިލްއާ އޭނާގެ އާއިލާއާ ދެމެދު އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެކަމަށް ރައްޔިތުން ވައުދުވެގެންނެވެ.
މަސްދުވަސްފަހުން ކަންތައްތައް ހަމަޔަކަށް އެޅެންފަށާފިޔެވެ. އާދިލް ރަށު ދޯނިން މަހަށްދާންފައްޓާފިޔެވެ. މީހުންނާ ގުޅުން ވަރުގަދަޔަށް ބަދަހިކޮށް އިތުބާރު ހޯދަންފަށާފިޔެވެ. ދުވަސްތައް އުފާވެރިވާންފެއްޓީ ހީނުކުރާހާ ބާރުމިނުގައެވެ. މިހާރު އާދިލްގެ އާއިލާއާ ރަށު އެންމެންވެސް ގުޅެއެވެ. އުމްނިއްޔާގެ ހިތަށްވެސް ހަމަޖެހުންލިބިއްޖެއެވެ. ނަމަވެސް އެ ހަމަޖެހުމަށް ހިތާމަ އަންނާނެކަމަކަށް އުމްނިއްޔާ ހިތަކަށްވެސް ނާރައެވެ. އާދިލް މަހަށް ދިޔަ ދޯނި ގެއްލިގެން އުޅޭކަމުގެ ޙަބަރު އުމްނިޔާއަށް ލިބިގެންދިޔައެވެ. ކަންބޮޑުވުންތައް އިންތިހާއަށް މައްޗަށްދިޔައެވެ. ދަރިންގެ ބައްޕަ ގެއްލިގެން އުޅޭކަމުގެ ޙަބަރު އެކުދިންނަށް ވެގެންދިޔައީ ނުހަނު ހިތާމަހުރި ޙަބަރަކަށްށެވެ. މަންމަ ގައިގާ އޮޅުލައިގެނެގެން ކުދިންތައް ރޮއެ ހޭރެނީއެވެ. ބައްޕަ ދެން ނުފެންނާނޭ ކިޔާފައެވެ. ނަމަވެސް އުމްނިއްޔާ އޭނާގެ ދަރިންނަށް ހިތްވަރުދިނެވެ. ބައްޕަ އަދި އަންނާނެކަމަށް ބުނަމުންދިޔައެވެ. މީގެ ކުރިންވެސް ބައްޕަ އައި ގޮތަށް އަންނާނޭކިޔާ ކުދިން ހަމަޔަކަށް އެޅުވިޔެވެ.
ދުވަހަކަށްފަހު ދުވަހެއް އުމްނިއްޔާ ދިޔައީ އިންތިޒާރުކުރަމުންނެވެ. އާދިލް އަނބުރާ އަންނާނެކަމުގެ އުންމީދުގައި ރެޔާ ދުވާލު ވަގުތުތައް ދިޔައީ ގުނަމުންނެވެ. ދޭތެރެޔަކުން ކުދިން ގޮވައިގެންގޮސް ބަނދަރުމަތީ ވަގުތުތައް ހޭދަކުރަމުންދެއެވެ. ނަމަވެސް ދޯނީގެ އެއްވެސް ޙަބަރެއްނުވެއެވެ. މާޔޫސްކަން އިތުރަށް ބޮޑުވާންފެށިޔެވެ. ދަރިންގެ ހައްގުގައި އުމްނިއްޔާ މަސައްކަތްތައް ކުރަންފެށިޔެވެ. އެކުދިންނަށް ކާއެތިކޮޅެއް ހޯދުމަށްށެވެ. އުމްނިއްޔާ ބަނޑު ނުފުރުނަސް އެކުދިންގެ ބަނޑު ފުރާދެވެނިކޮށް އުމްނިއްޔާއަށް ހިތްހަމަޖެހުންލިބެއެވެ. މިގޮތަށް ދުވަސްތައް ގުނަމުންގޮސް މަސްދުވަސްފަހުން ދޯނީގެ ޙަބަރެއްވެގެންދިޔަ ވާހަކަ ރަށުތެރޭގައި ފެތުރިގެންދިޔައެވެ. އެހިނދު އުމްނިއްޔާ ކުދިންކޮޅު ގޮވައިގެން އަވަސް އަވަހަށް ކަތީބު ގޭދޮށަށްދިޔައެވެ. އެ ގެޔަށް ގޮސް ޙަބަރު އޮޅުންފިލުވާލިއިރު ދޯނީގެ އެންމެންވެސް ހެޔޮހާލުގަ ތިބި ވާހަކަ ކަތީބު ބުންޏެވެ. ދޯނީގެ އިންޖީނު ހުއްޓި އައި ކޮޅިގަނޑެއްގައި ބެހިގެންދިޔައީކަމަށް ކަތީބު އުމްނިއްޔާއަށް ކިޔާދިނެވެ. އެއަށްފަހު ދޯނި ލަފާނީ ރޭގަނޑުކަމަށް ބުނެ އުމްނިއްޔާ ފޮނުވާލިޔެވެ.
އުފާވެރި މޫނަކާގެން އުމްނިއްޔާ ކުދިންކޮޅު ގޮވައިގެން ގެޔަށްދިޔައެވެ. ރޭގަނޑުވުމުން ރައްޔިތުންނާއެކު ބަނދަރުމައްޗަށް ގޮސް އުމްނިއްޔާ ދޯނީގެ އިންތިޒާރުގައި ހުއްޓާ ދޯނި އަންނަތަން ފެނިގެންދިޔައެވެ. އެންމެންގެ މޫނުންވެސް ފެނިގެންދިޔައީ އުފާވެރިކަމެވެ. ދޯނި އައިސް ރަށު ބަނދަރަށް ގާތްކޮށް ދޯނީގެ ފަޅުވެރިން ބަނދަރަށް ފައިބަންފެށިޔެވެ. ދޯނިން އެންމެ ފަހު މީހަކަށް ފޭބީ އާދިލްއެވެ. އޭނާ އަތުގާ ގެޔަށް ގެންދަން ފުރާ ކަނޑުމަސް ހުއްޓެވެ. އުމްނިއްޔާ އައިސް ލޯބިވާ ފިރިމީހާ ގައިގާ ބައްދާލުމަށްފަހު މަސްތައް އަތުލައިގެން ފިރިމީހާ ގޮވައިގެން ގެޔަށް ދިޔައެވެ. އާދިލް ފެނުމުން އޭނާގެ ކުދިންތައް އައިސް އޭނާ ގައިގާ ބައްދާލިޔެވެ. ހިނިތުންވެ އުފާވެރި މޫނަކައިގެން އާދިލް އެކުދިންނަށް ބަލަހައްޓައިގެން ހުއްޓެވެ. އުމްނިއްޔާ އާދިލް ކޮނޑުގައި ޖަހާލުމަށްފަހު އެހާ ބަސްމަދުވެފައި ހުރީ ކީއްވެތޯ ސުވާލުކުރިޔެވެ. އެކަމަށް އާދިލް ޖަވާބެއްނުދީ ގޮސް ގިފިއްޔަށް މަސްތައް ހިފައިގެންވަދެ ކަނޑާ ސާފުކުރުމަށްފަހު އަނބިމީހާއާ ހަވާލުކުރިޔެވެ. އެރޭގެ ކެއުން ތައްޔާރުކޮށްދިނުމަށް އެދުނެވެ. އުމްނިއްޔާ އެރޭގެ ކެއުން ތައްޔާރުކުރުމަށްފަހު އެންމެނާއެކު ކެއުމުގެ ކަންތައް ނިންމާލިޔެވެ. އެޔަށްފަހު ފެންވަރާ ރީތިވެލައިގެން ލޯބިވާ ފިރިމީހާ ކައިރިޔަށްދިޔައެވެ. އާދިލް އޭނާގެ އަނބިމީހާއަށް އެތައް އުފާތަކެއް އެރޭ ދިނެވެ. މިކަމާ އުމްނިއްޔާ ވަރަށް ބޮޑަށް އުފާކުރިޔެވެ. ލޯބިވާ ފިރިމީހާގެ މޭމަތީ ބޯއަޅާލައިގެން އޮއްވާ އުމްނިއްޔާއަށް ނިދިއްޖެއެވެ.
އެރޭގެ ދަންވަރެވެ. ދޮންކާސިމްބެ ކަމަކާ ޝައްކުވާވަރުން ނުނިދިގެން ދެކޮޅަށް ތެޅެނީއެވެ. މަސްދުވަސް ފަހުން އައި ދޯންޏާމެދު ޝައްކުތަކެއްވާތީއެވެ. އޭގެ ފަޅުވެރިންގެ މޫނުތަކުން އެއްވެސް ކަމެއް ވީހެން ހީވެސް ނުވާތީއެވެ. އަދި އެމީހުން ގެނޭ ކަނޑުމަސްތައް ހުރީ ތާޒާކަންމަތީ ދިރި ދިރިއެވެ. އެންމެ ފަހަށް ފޭބީ އާދިލްވެސް އެއްވެސް މީހަކާ ބަހެއް ނުކިޔާ އޭނާގެ އަންހެނުންނާއެކު ދިޔައިތީއެވެ. އެހެންނޫނަމަށް އެއީ އެންމެނާވެސް ގުޅޭ މީހެކެވެ. ކޮންމެޔަކަސް ނުނިދިގެން ތެދުވެ ކަތީބު ގެޔާ ދިމާލަށް ދާން ދޮންކާސިމްބެ ނުކުތެވެ. ކަތީބުގެ ގެ ހުންނަނީ ދޮންކާސިމްބެ ގެޔާ ހަތަރުގެ ދޫކޮށްފައެވެ. ގޯތިތަކުގެ ތެރެއިން އަޅާފައި ގޮސް ކަތީބު ގޭގައި ޓަކި ޖަހަން އަތްނަގާލިތަކުން ދޮރު ކައިރިން ލޭތަކެއް ފެންނަންހުއްޓެވެ. ދޮރުގައި ޓަކި ނުދީ ގޭގެ އަނެއް ފަޅިޔަށްގޮސް ދޮންކާސިމްބެ ކާތީބުގޭ ފާރުގަ އިން ބާގަނޑަކުން އެތެރެ ބަލަން ފެއްޓިޔެވެ. ފެނިގެންދިޔައީ ބިރުން ފިއްކަނޑައިގެންދާވަރު މަންޒަރެވެ. ކަތީބު އޮތީ ބިންމައްޗަށް ވައްޓާލާފައެވެ. އޭނާގެ އެއް އަތް ކާންވެގެން އަނގަޔަށް ލައިގެން އިނީ މާސިންގާ ފުރޭތައެކެވެ. އެ ފުރޭތަގެ ދެލޯ ރަތެވެ. މުޅި ގައިގާ ހުރީ ކެހެރިއެވެ. ވަކިތައް އެހާމެ ދިގުވެފައި ތޫނެވެ. ދަތްތައް ބޮޑުވެފައި އެހާމެ ހުދެވެ. ފޭރާ ދެ ދަތުން ކަތީބުގެ އަތުގެ ކަށިތައް ހަފާ ބިންދަނީއެވެ. ކަތީބުގެ ކަރުގައި ވަކި ދަމާގަނެފަ ހުރުމުން އޭނާގެ އަޑު އެއްގޮތަކަށްވެސް ނުނުކުމެއެވެ. ދެން ފެނިގެން ދިޔައީ އިތުރު ތިން ފުރޭތަ އެގޭތެރެއިން ފާޅުވިތަނެވެ. އެސޮރުމެންވެސް ކަތީބު ކައިރީ ދެފައި ވަށްކޮށްލައިގެން އިށީންދެ ކަތީބުގެ ހަށިގަނޑު ގުނާވަންތައް އިރާ ނައްޓައިގެން ކާންފައްޓާފިޔެވެ. މި މަންޒަރު ބަލަން ނުހުރެވިގެން ހިތްވަރުކޮށްފައި ދޮންކާސިމްބެ ގެޔާ ދިމާލަށް ދާން ހިނގާގަތެވެ. ދޮންކާސިމްގެ ގޯތިތަކުގެތެރެއިން ބާރު ހިނގުމެއްގައި ގޮސް ގޮސް ހުއްޓާ އޭނާ ކުރިމައްޗަށް އައިސް ހުއްޓުނީ އާދިލްއެވެ. އާދިލް ފެނުމާއެކު ހުރިތަނަށް ދޮންކާސިމްބެ ހުއްޓުންއެރިޔެވެ. ދެން ފެނިގެންދިޔައީ ކައިރީ ހުރި ގޭތަކުގެތެރެއިން ފުރޭތަތައް ނުކުތްތަނެވެ. ކޮންމެ ފުރޭތައެއްގެ އަނގައިގަވެސްވަނީ ލޭތައް އުނގުޅިފައެވެ. އެސޮރުމެން ނުކުތް ގޭތަކުގެ އަހުލުވެރިންވަނީ ކައި ހުސްކޮށްފައެވެ. ދޮންކާސިމްބެ މި މަންޒަރުތައް ފެނިފައި ކުޑަކަކޫމައްޗަށް ތިރިވެއްޖެއެވެ. އޭނާ ކުރިމަތީ ހުރި އާދިލްގެ ދެލޮލަށް ބަލަން އިންދާ އޭނާގެ ދެލޯ ރަތްވެއްޖެއެވެ. އަދި އޭނާގެ ބުރަކަށި ފަޅާފައި ކަށިތަކެއް ނުކުމެއްޖެއެވެ. އަތުގައި ހުރި ނޭފަތިތައް ދިގު ވަކިތަކަކަށް ބަދަލްވެ މީހާގެ މުޅި ގައިގާ ކެހެރިލާފިޔެވެ. އާދިލްގެ ސިފައިގަ ހުރި ފުރޭތަ އައިސް ދޮންކާސިމްބެ ކަރުގައި ހިފާ އުފުއްލާލުމަށްފަހު އޭނާގެ އަނގަމަތީ ހިފާ އިރާލިޔެވެ. އެއަށްފަހު ދުލަށް ހިފާ ދަމައިގަނެ ދޫވެސް ބުރިކޮށްލާފިޔެވެ. ބޮލަށް ވަކިތައް ވައްދާލިގޮތަށް ދެފަޅިޔަށް ފަޅާލުމަށްފަހު ބޯބުރިކޮށްލާ އެތަނުގާ ހުރި ފުރޭތައަކަށް އެއްލުމަށްފަހު ދޮންކާސިމްބެގެ ހަށިގަނޑު ނޭފަތިތަކުން ފެފަޅިޔަށް ފަޅާލާފިޔެވެ. އެޔަށްފަހު ވަކި ވަރަކަށް ކައިފަ ބާކީ ތިބި ފުރޭތަތަކަށް ދިނުމަށްފަހު އާދިލްގެ ސިފަޔަށް ބަދަލްވިޔެވެ. ދެން ތިބި ފުރޭތަތައްވެސް ދޮންކާސިމްބެ ކައި ނިންމާލުމަށްފަހު ސިފަ ބަދަލްވާންފެއްޓިޔެވެ. އެކަކު ކަތީބަށްށެވެ. އަނެކަކު ދޮންކާސިމްބެޔަށްށެވެ. ދެން ތިބި ދެ ފުރޭތަ ސިފަ ބަދަލުކުރީ ދޮންކާސިމްބެއާ ކަތީބުގެ އަވަށްޓެރިންނަށްށެވެ.
- – ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Thankolheh avahah aneh baithaha ves genesheebala
V reethi
Ekm lahee up vaaleh