“މަންމަ މިގުޅީ އަދި އެހެން ކަމަކު އޭ. ދަރިފުޅު އެބަޖެހޭ މަންމަ ބުނާ ތަނަކަށް ގޮސްލަން” މަންމަ ބުންޏެވެ. އަހަރެންގެ ބޮލުގައި ރިއްސައިލިއެވެ. މިއަދު ވާވަރަށް މި ނިދުނީއޭ އަހަރެންގެ ހިތަށްއެރިއެވެ.
“ހުޅުމާލޭގައި އުޅޭނެ މިރަށު ރަސިއްތަ. މަންމަގެ ވަރަށް ގާތް ރައްޓެއްސެއް އެއީ. ފޮށިގަނޑުގައި އޮންނާނެ މަންމަ ރަސިއްތައަށް ފޮނުވި ހަދިޔާ ކޮތަޅެއް. ކޮންމެ ގޮތެއް ހަދާފައި ވެސް މިއަދު އެ ހަދިޔާ ކޮތަޅު ގެންގޮސްދެއްޗޭ ރަސިއްތައަށް” މަންމަ ބުންޏެވެ. އަހަރެން ބޮޑާހާކައިލީމެވެ. މާދަމާވެސް އެހަދިޔާ ފޮށިގަނޑު ތިޔަބުނާ ރަސިއްތައަކަށް ދެވިދާނެނޫންހެއްޔެވެ؟ މިއަދު އަހަރެން ބޭރަށް ނިކުންނަ ހިތެއް ނުވެއެވެ. އެކަމަކު މަންމަ ކުރެއް ނުކުރިއެވެ. މިއަދު ހަދިޔާ ކޮތަޅު ހިފައިގެން އަހަރެން ދާނެ ވާހަކަ އޮންނާނީ ރަސިއްތަ ކައިރި ބުނެފަޔޯލައެވެ. ދެން މިޖެހުނީ ދާންތާއެވެ.
ނަވާލް ސޯފާގައި ބާއްވާފައި އަހަރެން ވަނީ ކޮޓަރިއަށް ފެންވަރާށެވެ. އޭނާއާއި އެކު ހުޅުމާލެއަށް ދާންށެވެެ. ނަވާލް ހުޅުމާލޭގައި އުޅޭތީ ބައެއްފަހަރު އަހަންނަށް ވަރަށް ފަސޭހައެވެ. ހުޅުމާލެއަށް ދާން ޖެހިއްޖިއްޔާ ނަވާލް އަށް ގުޅައިލީމާ، ބިޒީ ގަޑިއެއް ނޫނިއްޔާ ސައިކަލުގައި އަހަރެން ބަލައި އަންނާނެއެވެ.
ނަވާލްއާއި އަހަރެން ދިމާވީ ސްކޫލުދައުރުގައި ނަވާލް އުޅޭ ސްކޫލަށް ސްޓަޑީ ކޭމްޕެއް ދިޔަ ދިއުމުގައެވެ. އެދުވަހު ދެމީހުންގެ ދޭތެރޭގައި އެކުވެރިކަން އުފެދި މިހާރު މިއީ އެންމެ ގާތް ދެ އެކުވެރިންނެވެ. ހަގީގީ ރަހުމަތްތެރިކަން އަހަންނަށް ދަސްކޮށްދިނީ ނަވާލްއެވެ. އަހަރެންގެ ހުރިހާ އުފަލާއި ހިތާމައެއްގައި ބައިވެރިވާނެއެވެ. އެހެން މީހުން ގޮތަށް އެމީހުންގެ އެހީތެރިކަން އެންމެ ބޭނުންވާ ވަގުތުތަކުގައި އަހަރެން ދޫކޮށްލާފަކައި ނުދާނެއެވެ. ބަދަލުގައި އޭނާ އަހަންނަށަ އެހީ ވެދޭނެއެވެ. އުނދާގޫ ހާލަތްތަކުން އަރައިގަންނަނަން ހިތްވަރު ދޭނެއެވެ. ނަވާލްއަކީ ހަގީގީ އެކުވެރިއެއްގެ ލާމަސީލު މިސާލެކެވެ.
އަހަރެން ތަޔާރުވެގެން ނިކުތްއިރު، ކޮފީއެއް ގިރައިގެން ސޯފާގައި ޓީވީބަލަން ނަވާލް އޮތެވެ. “ހާދަ ފަރިއެއް ވެފައޭ ތިހުރީ. ތިއުޅެނީ އިންނާނެ މީހަކު ހޯދަން ދާންތަ؟” އާދައިގެ މަތިން ނަވާލް އަހަންނާއި ސަމާސާކޮށްލިއެވެ. އިންނާގެ މީހަކު ހޯދަން ނޫނަސް ރީތިވެވިދާނެނޫންހެއްޔެވެ؟ އަދި ޚާއްސަކޮށް މަންމަގެ ރައްޓެއްސަކާއި ބައްދަލުކުރަން ދާއިރު ދާންވާނީ ރަނގަޅަށް ތައްޔާރުވެގެން ތާއެވެ.
މަންމަ ފޮނުވާފައި އޮތް އެޑުރެސް ބަލައިގެން ނަވާލް، އަހަރެން ހުޅުމާލެ ފޭސް 2 ގައި ހުރި، ރަސިއްތަ އުޅޭ އިމާރާތަށް ގެންގޮސްދިނެވެ. އަހަރެން އެ ތަނަށް ގެންގޮސްދިނުމަށްފަހު ނަވާލް އޭނާގެ ގެއަށްދިޔައެވެ. އޭނާ އަހަރެން ގެއަށް ގެންގޮސްދޭން އެދުމުންވެސް އަހަރެން އެކަމަށް އިންކާރު ކުރީމެވެ. ނަވާލް މިއަދު އަހަންނަށް ވާވަރަށް އެހީވެދީފިއެވެ. އިތުރަށް އޭނާ ލައްވާ ކަމެއް ކުރުވާކަށް އަހަރެން ބޭނުމެއް ނޫނެވެ.
ނަވާލް ދިއުމުން އަހަރެން މަންމަ ފޮނުވާފައި އޮތް ނަންބަރަށް ގުޅައިލީމެވެ. އެކޮޅުން ފޯނު ނެގީ އަންހެނެކެވެ. “ކަނބުލޮ އައީ ދޯ؟ ހުސްނީ އެބަ ފޮނުވަން ކަނބުލޮ ބަލައި” ރަސިއްތަ ވާހަކަދެއްކިއެވެ. ރަސިއްތައަކީ ރަށު މީހަކަސް އެއީ އަހަރެން ދަންނަ މީހެއް ނޫނެވެ. ނަމަވެސް މަންމަ އާއި އެކު މާލެ އައި ފަހަރެއްގައި އޭރު ރަސިއްތަ އުޅުނު ގެއަށް ދިޔަ ހަނދާނެއް ވެއެވެ. އެކަމަކު މިހާރު އެ ދައިތަ ހުންނަ ގޮތެއްވެސް އަހަރެން ހަނދާނެއް ނުހުރެއެވެ. ވާނީވެސް އެހެންތާއެވެ. އެއީ ޗުއްޓީއެއް އަޔަސް ރަށަށް ގޮސް ވެސް އުޅޭ މީހެއް ނޫން ވިއްޔާއެވެ. މާލޭ ފެން ބޮވުމުން ކަނޑިކިބުރި މަތިން ހަނދާން ނެތުނީއެވެ.
ދެތިން މިނިޓު ފަހުން އެ އިމާރާތުން ނިކުމެގެން އައީ ދެއިރު ހަމައަށް ކޮށް ނުހުރެވޭ ގުރޫޕު ސޮރެކެވެ. ފުރަތަމަ އޭނާ ފެނިފައި އަހަރެންގެ މޭގަނޑު އަތަށް ނައީ ކިރިޔާއެވެ. އޭނާއެކޭ އަހަރެން ރަށުގައި ބޮޑުއީދުގައި ނެރޭ މާއްޔެކޭ އެއްވަރެވެ. ކަރަށް ދެތިން ފަށް މަހާލާފައިވާއިރު ހަތަރެސްފައިގެ އިނގިލިތަކަށްވުރެ އަތުގައި އަޅާފައިހުރި އަނގޮޓި ގިނައެވެ. ލައިގެން ހުރި ޖިންސު ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެހެންނެވެ.
“ހުސްނީތަ؟” އޭނާ އައިސް އަހަރެން ގާތު ހުއްޓުމުން އަހަރެން އަހައިލީމެވެ. އާނއެކޭ ބުނަމުން އޭނާ އެއްލޯ މަރައިލިއެވެ. އޭނާގެ އަނގައިން ދުވި ނުބައި ވަހުން އަހަންނަށް ހޮޑު ނުލެވުނީ ކިރިޔާއެވެ.
ޖެހިލުންވެފައި ހުރެ އަހަރެން އޭނާފަހަތުން ހިނގާފައިގޮސް ލިފްޓަށް އެރީމެވެ. އެވަގުތު ލިފްޓުގައި މީހުން ގިނަކަމުގެ ފައިދާ އޭގނާ ނެގިއެވެ. އަހަރެން ގައިހގައި ޖެހި ފިތިގެން އޭނާ ހުޓުނެވެ. އަހަރެން ކައިރިއަށް އައި ުޅިން އެއްޗެކޭ ބުނެފާނަމޭވެސް ހިތަށްއެރިއެވެ. މަމަވެސް އެވަގުތު އަހަރެންގެ ބުއްދީގެ ބޭނުންކޮށް އެތަނުގައި ހުރި އަންހެނެއްގެ ނިވަލަށް ވަނީމެވެ. ހުސްނީ ކަޑަވެގެން ބޯކަހާލިތަން އަހަރެން ދެކުނީމެވެ.
ލިފްޓުގެ ދޮރު ހުޅުވުނީ 3 ވަނަ ފަންގިފިލާއަށެވެ. އެވަގުތު ލިފްޓުގައި ތިބި އެހެން މީހުން ލިފްޓުް ފޭބިއެވެ. ހުސްނީއާއި އަހަރެން އެތަނުގައި އެކަނިވީއެވެ. ހުސްނީ އަހަންނަށް ބަލާލަމުން ނުލަފާ ގޮތަކަށް ހީލިއެވެ. ކުރިމަތީގައި ހުރި ސޮރުގެ ނިޔަތް ރަނގަޅުނޫންކަން އަހަންނަށް ވިސްނުނީ އެވަގުތެވެ. އިމާރާތުގެ 10ވަނަ ފަންގިފިލާއަށް ދެވެންދެން ހުސްނީއާއިއެކު އެ ލިފްޓުގައި އަހަރެން ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ނަމަވެސް އެވަގުރތުކޮޅުގައި އޭނާ ހިމޭނުން ހުރުމުން އަހަރެން ކުޑަކޮށް ހަމަޖެހުނެވެ.
ހުސްނީ ގޮސް 10ވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓަކަށް ވަނެވެ. އަހަރެންވެސް އޭނާގެ ފަހަތުން ވަނީމެވެ. ގޭތެރޭގައި އެއްވެސް މީހަކު ފެންނާކަށްނެތެވެ. އަނެއްކާ މީނަ އަހަރެން ގޮވައިގެން މިއައީ ރަނގަޅު ތަނަކަށްހެއްޔެވެ؟ މިތަނުގައި އޭނާ އަހަންނަށް ކޮންމެ ގޮތެއް ހެދިއަށް އެކަކަށްވެސް ނޭނގޭނެއެވެ. އަހަރެންގެ ހިތަށް އަރަންފެށީ އެވަގުތު މީހެއްގެ ހިތާަށް އަރާނެ އެންމެ ނުބައި އެޗެއްސެވެ. މުޅި މީހާ ބިރުންގޮސް ދާހިއްލަން ފެށިއެވެ. އެ ތަނުން ނިކުމެ ދުއްވައި ގަންނަށްވެސް ހިތަށްއެރިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


mi part ves v reethi masha allah
curiously waiting fr next part
keep it up
husnee ekujja gotheh nuhadhachey