Skip to content
އެސްފިޔަ

ފުރަތަމަ ނަޒަރުން 1

އޮފީހުގެ ބިޒީ ގަޑިތަކަށްފަހު އަހަންނަށް ގެއަށް އާދެވުނުއިރު 3 ޖަހައިފިއެވެ. އަސުރުގެ ކުރިން މެންދުރު ނަމާދު ކޮށްލެވޭތޯ އަވަސްވެގަތީމެވެ. ކިތަންމެ ބަނޑުހައި ވެފައި ހުއްޓަސް ފުރަތަމަ ބެލީ ނަމާދު ކުރެވޭތޯއެވެ. ނަމާދު ނުކުރާކަން މަންމައަށް އެނގިޖެނަމަ ދުވަސް ދިޔައީއެވެ. ދެން ހަނގުރާމަ ކުރަންޖެހޭނީ ގަޑިއިރެއްގެ ލެކްޗަރަކާއެވެ. އެއްޗެހި ކިޔަން ފަށައިފިއްޔާ ކޮލެޖުތަކުގެ ލެކްޗަރަރުންނަށްވުރެ ކުޅަދާނަވާނެއެވެ. އަދި ހަމައެކަނި ލެކްޗަރަކުން ނުފުދޭނެއެވެ. އަހަރެން މާލޭގައި އުޅޭތީ އިލޮށިފަތީގެ ހަމަލާއިން ސަލާމަތް ވެއެވެ. އެކަމަކު މަންމައަށް ރަށުގައި ހުރެގެން ދެވޭކަހަލައިގެ އަދަބެއް ދޭނެއެވެ. މާލެއަށް ފުރާ ބޯޓުން ފޮނުވަން ތައްޔާރުކޮށްފައި ހުރި ތެލުލިފަތް ދަޅު ނުފޮނުވަފާނެއެެވެ. މިދިޔަ މަހު ވެސް އަހަންނަށް ހަނދާންނެތިގެން އިޝާ ނުކޮށް ނިދުނުކަމަށަޓަކައި އެފަހަރު ބޯޓުން ފޮނުވަން ހެދި ތެލުލިކެޔޮ ފުޅިއެއް ނުފޮނުވި ވިއްޔާއެވެ. މީހަކު އެފަހެ ހައިރާނެއްނުވާނެ ހެއްްޔެވެ؟ އުމުރުން 23 އަހަރު ވެފައި ހުއްޓަސް އަދިވެސް އަހަރެން މަންމަދެކެ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. ވާނީވެސް އެހެންތާއެވެ. އެއީ ހަމަ ދެވަނަ ކޮކީލާ މޯދީ އެވެ.

މެންދުރު ނާމާދާއި އަސުރު ނަމާދުކޮށް ނިމުނު އިރު ހަތަރެއް ޖަހަނީއެވެ. އޭރުވެސް އެނދު އަހަންނަށް ހަނާ އަޅާތަން ފެނެއެވެ. ނަމަވެސް ބަނޑުހައި ވެފައި ހުރި ވަރުން ފުރަތަމަ ބަދިގެއަށްވަދެ ކޮފީއެއް ގިރައިލީމެެވެ. އަދި ކުޑަ ބިސްކޯދު ޕެކެޓަކުން ދެތިން ބިސްކޯދާއި އެކު ކޮފީތަށި ބޯންފެށީމެވެ. އެއީ އާއްމުކޮށް އަހަރެން ކޮފީ ބޯ ގަޑިއެއް ނޫނެވެ. މިއަދު މާ ބުރަކޮށް އުޅެން ޖެހުމުން މެންދުރަށް ކައްކާނެ ވަގުތު ނުވީއެވެ.

މާލޭގައި އަހަރެން އުޅެނީ ވަކިން އެޕާޓްމެންޓެއްގައިއެވެ. އެތަނުގައި ކުރިން އުޅުނީ އަހަރެންގެ ބައްޕަފަރާތު ބޮޑުދައިތައެވެ. ނަމަވެސް ބޮޑުދައިތަ އަހަރެއްހާ ދުވަހަށް ރާއްޖެއިން ބޭރަށް ފުރީ އަހަންނާއި އެތަން ހަވާލު ކޮށްފައެވެ. އެގޮތް އަހަންނަށް މާ ރަނގަޅެެވެ. ގެއަށް އަންނައިރު ކައްކާފައި ކާންދޭނެ މީހަކު ނެތަސް އެކަނި ތަނެއްގައި އުޅުމަކީ އަހަރެން ވަރަށް ހިތްހަމަޖެހޭ ކަމެކެވެ. އަހަރެން ކުރިން އުޅުނީ ކުދިން ބަހައްޓާ ގެއެއްގައިއެވެ. އެތަނެކޭ ހައިވާނުބަގިޗާއެކޭ އެއްވަރެވެ. އިރުއިރުކޮޅުން އިވޭނީ ދެމީހަކު ހިފައިގަންނަ އަޑެވެ. ނޫނީ ސަކަރާތް ގަންނަ އަޑެެވެ. ކޮންމެއަކަސް ބޮޑުދައިތަ އަހަންނަށް އެ ދިން ޖަވާހިރަށްޓަކައި އަހަރެން އަބަދުވެސް ޝުކުރުވެރިވަމެވެ.

ކޮފީބޮއެ ނިންމައިގެން އަހަރެން އެނދަށް އަރައި ހަމަޖެހިލީ ގަދައަށް ނިދާލުމުގެ ގަސްދުގައެވެ. ރަނގަޅަށް ނިދި ޖެހުނު ވަގުތު މީހަކު ބެލްޖަހާ އަޑަށް ހޭލެވިއްޖެއެވެ. އަހަރެން ކައިރިއަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެއޮށް އަރާމު ނިދިން މަހުރޫމު ވާން އެ ޖެހުނީ ކޮންފަދަ ބޭފުޅަކު ވަޑައިގަތީ ހެއްޔެވެ؟ ކަންނެތްކަންމަތީގައި ބޮލަށް ބުރުގަލެއް މަހާލައިގެން ގޮސް ދޮރު ހުޅުވިއިރު ކުރިމަތީގައި ހުރީ ނަވާލް އެވެ. މޫނުމަތީގައި ބޮނޑިއެއް އަޅަން ވެސް ހިތަށްއެރިއެވެ. ކިތަންމެ ގާތް އެކުވެރިޔަކަސް ގެއަށް އަންނަން ވަކި ގަޑިއެއް ގަޑިއެއް އޮންނަން ވާނެނޫންހެއްޔެވެ.

“އަދިވެސް ބަލަން ހުންނަނީތަ؟ އަހަރެން އެތެރެއަށް ވައްދަބަލަ. މި ހާދަ ބަރޭ!” މަނޭވައި ލެވޭ ހާލު ނަވާލް ވާހަކަދެއްކިއެވެ. އޭނާގެ އަތުގައި ހުރި ފޮށިގަނޑު އަހަރެންގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ. އަހަރެން ވަގުތުން އޭނާ ގެއަަށް ވެއްދީމެވެ. ފޮށިގަނޑު މޭޒުމަތީގައި ބެހެއްޓުމަށްފަހު ނަވާލް ސޯފާއަށް ވެއްޓިގަނެފިއެވެ. އެފަކީރު ހުރީ ދާހިއްލާ ފޯވެފައެެވެ. ވާނީވެސް އެހެންތާއެވެ. އެހާ ބަރު ފޮށިގަނޑެއް ހިފައިގެން އިމާރާތެއްގެ ހަވަނަ ބުރިއަށް އަރާއިރު މީހާ ހުންނާނީ އެފަދަ ހާލެއްގައިއެވެ.

” މިއޯ؟” ފޮށިގަނޑަށް އިޝާރާތްކުރަމުން ސޯފާއަށް ވެޑުވިފައި އޮތް ނަވާލްއާއި އަހަރެން ސުވާލު ކުރީމެވެ.

“ތިއީ އީޝާ މަންމަ ފޮނުވި އެއްޗެއް. އަހަންނަށް ގުޅާފަ ބުނީ މިގެއަށް ގެނެސްދޭށޭ”

 

” އައްދެ! މަންމަ މިހާރު ފޮށިގަނޑެއް ފޮނުވިއަސް ނަވާލްއަށް ދޯ ގުޅަނީ. ދެން މަ މީކާކު؟”

“އަޒުމާއްތައަށް ވެސް އިނގެއޭ އީޝާ ކައިރި ބުންޏަސް ފަހުގަޑީގައި އެ މަސައްކަތް ޖެހޭނީ އަހަންނަށްކަން”

” ހަހަހަ.. ތީ މަގޭ ބެސްޓްފްރެންޑް ކަމަކުއޭ” އަހަރެންވެސް ހިތަކުން ދެރައެއްނުވަމެވެ.

މަންމަގެ ވާހަކަ ދައްކާތީ ބޮލުގައި ރިއްސައިލީ ތޯއްޗެކެވެ. ހަމަ އެވަގުތު މަންމަގެ ފޯނުކޯލެއް އައެެވެ. އެންމެ ފުރަތަމަވެސް ހުޅުވައިލީ ނަމާދު ހާޒިރީއެވެ. ނަމާދުކޮށްގެން ހުރި ގަޑިއެއްކަން ނަސީބޭ އަހަރެންގެ ހިތަށް އެރިއެވެ.

“ހޫނ ދެން މިހާރު ފޮށިގަނޑެއް ފޮނުވިއަސް އަހަރެންކައިރި ބުނެލުމެއްވެސް ނޯވެދޯ؟” ފޮށިގަނޑު ލިބިއްޖެތޯ އެހުމުން، މަންމަ ރުޅިއަރުވާލަން އަހަރެން ބުނީމެވެ. ބަދަލުގައި މަންމަ ވެސް ދިނީ ނަވާލް ދިން ޖަވާބެވެ. ސޯފާގައި އޮތް ނަވާލްއަށް އެއަޑު އިވިފައި ހޭންފެށިއެވެ.

“މަންމަ މިގުޅީ އަދި އެހެން ކަމަކު އޭ. ދަރިފުޅު އެބަޖެހޭ މަންމަ ބުނާ ތަނަކަށް ގޮސްލަން” މަންމަ ބުންޏެވެ. އަހަރެންގެ ބޮލުގައި ރިއްސައިލިއެވެ. މިއަދު ވާވަރަށް މި ނިދުނީއޭ އަހަރެންގެ ހިތަށްއެރިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. cutie girl

    mi part ves v reethi masha allah
    curiously waiting for next part
    keep it up

  2. Anonymous

    mashallah vrh reethi
    when nxt
    curiously waitingg
    keep it up

  3. Anonymous

    Varah reethi
    Keep it coming

  4. Sumaaa

    Kokila modi dho😭😭😂. Ehenveema dhen hunnani kinjal tha

Comments are closed.