ޝަލީން 26
“ކިހިނެއްވީ މަންމާ؟ ކިޔާބަލަ؟” އަހަރެން ބޭނުންވީ މަންމަ ދައްކާ ވާހަކަ ކަނުލާ އަޑުއަހާށެވެ.
“ބޭބެ ބަލައިފި މީކާލް އަކީ ކޮންކަހަލަ ކުއްޖެއްތޯ؟ ކާށިދޫ މީހެއްކައިރި އެހީ…. އެމީހާ ބުންޏޯ ތީ އެހާ ރަނގަޅު ކަމެއް ނޫނޯ. އެހާ ރަނގަޅު ބައެއް ނޫނޯ އެއީ.. މީކާލްވެސް އެއީ ވަރަށް އަންހެން ކުދިންނާ އުޅޭ ކުއްޖެކޯ.” މަންމަ ދައްކަމުން ދިޔަ ވާހަކަތަކުން އަހަރެންގެ ކަންފަތުގައި ހީވީ ވަރުގަދަ ގުގުރިއެއް ޖެހިހެންނެވެ. އަހަރެންގެ ހަރަކާތް ތަކާއިއެކު ހުއްޓުމެއް ނެތި ޖަހަމުންދިޔަ ލޮލުގެ އެސްފިޔަތައް ހުރިގޮތަށް ގަނޑުވިފަދައެވެ.
އަހަންނަށް ވިސްނެމުން ދިޔައީ މީގެ އިރުކޮޅެއް ކުރިން މީކާލް ބުނި ވާހަކައަށެވެ. އެއީ މީކާލް އަހަންނާ ބައްދަލު ކޮށްލަން މާލެ އަންނަ ވާހަކަ ބުނެފައި ވަނިކޮށް މިކަހަލަ އަޑެއް އިވުމުން އަހަރެން ދެން މީކާލްއަށް ދޭނީވެސް ވަކިކޮން ޖަވާބެއް ހެއްޔެވެ؟ އަހަރެން ހަދަންވީ ގޮތް އަހަންނަށް އޮޅިއްޖެއެވެ. ހިނގަމުން ދިޔަ ސާފު މަގެއް ކުއްލިޔަކަށް ކަށި ކުނބުރު ޖަންގައްޔަކަށް ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަން އެހެން ހިނގައިފި ނަމަ އަހަރެން މިޖެހުނީ އަނބުރާ އައިކޮޅަށް ދާކަށް ނޫންހެއްޔެވެ.
“ޝަލީން… ޝަލީން… އަޑު އަހަންތައެބަ؟ ޝަލީން..” މަންމަ އަހަންނަށް ގޮވަމުން ދިޔައީ އަހަރެންގެ އެއްވެސް އަޑެއް މަންމައަށް ނީވުމުންނެވެ.
“އަ…އާނ މަންމާ… ކިޔާބަލަ.” ލޮލުގެ އެސްފިޔަތައް އަވަސް އަވަހަށް ޖަހާލަމުން އަހަރެން ސަމާލުކަން ދިނީ މަންމަގެ އަޑަށެވެ.
“އެކަމު މަންމަ ބުނަން އެބައޮތް ވާހަކައެއް… މަންމައަށް ހިއެއްނުވެ މީކާލްއަކީ އެހާ ގޯސް ކުއްޖެއްހެން. ހަމަ ގައިމުވެސް މަންމައަށް ވަރަށް އިހްތިރާމްކޮށް ރީތިކޮށް ވާހަކަދެއްކީ.” މަންމަ ބުނެލި ވާހަކައިން އަހަރެން ހައިރާން ވިޔަސް ހިތްހަމަ ޖެހުނެވެ.
“ކިހިނެއް؟ މީކާލް މަންމައާ ވާހަކަދެއްކީ ކިހިނެއް؟ އަހަރެން މަންމަގެ ނަމްބަރެއް ނުދެން.” އަހަރެން ހައިރާން ވެފައިހުރެ އަހާލީމެވެ.
“ނޭނގެ ނަމްބަރު ހޯދިގޮތެއް.. ގުޅާފަ ބުނި ޝަލީންއަށް އިނގޭނެޔޯ މީކާލް.. އެ މީކާލްއޯ މިއީ.. ވަރަށް ރީއްޗަށް ވާހަކަ ދައްކާފަ ފޯނު ބޭއްވީ. މަންމައަށް ހީވަނީ ބޭބެ އެހެން ބުންޏަސް ޝަލީންއަށް މީކާލް ރަނގަޅިއްޔާ ޝަލީން ތިކަން ކުރަންވީހެން. ދަރިފުޅަށް މީކާލް ރަނގަޅިއްޔާ އޭނަ ދޫކޮށް ނުލައްޗެ.” އަހަރެންގެ ހިތުގައި އުފެދެމުން ދިޔަ ޝައްކުތައް އުފެދުނީ މަންމަ ދެއްކި ވާހަކައިގެ ސަބަބުންނެވެ. ހަމަ އެގޮތުން އަހަރެންގެ ހިތުގައި އުފެދެމުން ދިޔަ ޝައްކުތައް ހިތްހަމަ ޖެހުމަށް ބަދަލުވެގެން ދިޔައީވެސް މަންމަ ދިން ހިތްވަރުގެ ސަބަބުންނެވެ.
“މަންމާ! އަހަންނަށް މީކާލް އެނގުނީ މިއަދަކު ނޫން. މީކާލްގެ އުޅުމާ… މީކާލްގެ ފަރާތުން އަހަންނަށް ފެންނަ ކަންކަން އެއީ ބޭބެ ތިދެއްކި ވާހަކަޔާ މުޅިން ތަފާތު ކަންކަން. ބޭބެ ތިބުނާ މީކާލްއެއް ނޫން އަހަންނަށް މިފެންނަނީ. މީކާލްއަކީ ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަރެން ބޭނުންވި ގޮތަށް އޭނާގެ އަމަލުތައް ބަދަލު ކުރަމުން އައި ކުއްޖެއް. ވެދާނެ ބޭބެއަށް ނުބައިކޮށް އެރަށުން ކޮންމެސް މީހަކު މައުލޫމާތު ދިނީކަމަށް.” އަހަރެން ޖެހިލުމެއްނެތި ބުނެލީ މަންމަ އަހަންނަށް ދިން ހިތްވަރުގެ ސަބަބުންނެވެ.
“ވެދާނެ ތިހެންވެސް. އެރަށު ކޮންމެސް މީހެއްގެ ކަމެއްވެސް ބުނި. އެއީ އެރަށުގަ ހުންނަ ބޭބެގެ އެންމެ ބޮޑު ރައްޓެހި މީހާއޭ ބުނީ.” މަންމަ އަހަންނަށް ކިޔައިދިނެވެ.
އެފޯނު ކޯލްއަށް ފަހުވެސް މަންމަ ދެއްކި ވާހަކަތަކާ ދޭތެރޭ އަހަރެން ވަރަކަށް ވިސްނީމެވެ. މީކާލްއާ ގުޅުމަކީ އަނެއްކާ އަހަންނަށް ކުރެވޭ ރަނގަޅު ކަމެއްބާއޭ އަހަރެން ހިތަށް އެރިއެވެ. އެފަދަ ވިސްނުން ތަކެއް އަހަރެންގެ ސިކުނޑިއަށް ބަރުކުރަމުން ދިޔަވަރަކަށް އަހަރެންގެ މޫޑް އޮފްވާން ފަށައިފިއެވެ.
އާދުވަހަކަށް އިރު އެރުމާއެކު އަހަރެން ހީވީ މުޅިން ތާޒާވެފައިވާ މީހެއްހެނެވެ. މީކާލް ފެންނާނެ ކަމުގެ އިންތިޒާރުގައި އަހަރެންވެސް ވަގުތުތައް ގުނަމުން ދިޔައިމެވެ. މީކާލްދެކެ ލޯބި ނުވިޔަސް މިއީ އަހަރެންގެ ފުރަތަމަ ތަޖުރިބާއެވެ. އެހެންވެ އަހަރެން މިކަންވެސް ބަލައިގަތީ ނަޒާހަތްތެރި ހިތަކާއެކުގައެވެ.
ސްކޫލް ނިމުނަސް ދޭތެރެއަކުން މުސްތޮގެ އިތުރުން ފާތުންނާއި ޝާނީވެސް އަހަންނަށް މެސެޖްކޮށް ހަދައެވެ. އެހެންވެ އެކަހަލަ ބައެއް ރަހުމަތްތެރިންގެ ހަބަރު ގަވައިދުން ވެއެވެ. ވީގޮތެއް ނޭނގުނީ ފަތުހު ﷲ މެންގެ ގްރޫޕަށެވެ. އެއީ އަހަންނަށް ލިބުނު މާވަހަރަކަށް ވުރެ އަގު ބޮޑު އުފަލެކެވެ. އުފާވެއެވެ. ކޮންމެ ދުވަހަކުވެސް އަހަންނަށް މެސެޖްކުރާ ހަމައެކަނި ކުއްޖަކީ ވިސާމާއެވެ. އެހެންވެ އަހަރުމެންގެ ގުޅުން ދިޔައީ މަޖާ ކަމާއެކު ބަދަހި ވަމުންނެވެ.
ދުވަހުގެ ހަވީރު ވީއިރުވެސް އަހަންނަށް މީކާލްގެ ހަބަރެއް ނުވިއެވެ. މީކާލްއެއް ނުފެނެއެވެ. އެހެންނަމަވެސް ދުވަހުގެ ފަތިހު މީކާލް އެންމެ ފަހުން އަހަންނަށް ކުރި މެސެޖަކީ މީކާލް މާލޭގައި ހުރިކަން އަންގަން ކޮށްފައިވާ މެސެޖެކެވެ. އެހެނަސް ހަވީރު ވީއިރުވެސް މީކާލްގެ ހަބަރެއް ނުވުމުން އަހަރެންގެ މޫޑް މުޅިން އޮފްވިއެވެ.
ހަބަރެއް ނުވުމުން އަހަރެން ގުޅީމެވެ. އުނދަގޫ ވެދާނެތީ މާގިނައިން ގުޅާކަށް އަހަންނަކަށް ނުކެރުނެވެ. އެހެންވެ އަހަރެން ފޮނުވާލީ މެސެޖެކެވެ. އެހެނަސް އެމެސެޖަށް އެއްވެސް ރިޕްލައިއެއް އަހަންނަކަށް ނުލިބުނެވެ.
“ޝަލީން… ހާދަ ކަޑަވެފަ؟ ކޮން ކަމަކީ؟ ކަމެއް ވީތަ އަނެއްކާ؟” އިޝާނީ އަހަންނާ ސުވާލު ކުރަމުން ދިޔައީ ހުއްޓުމެއް ނެތިއެވެ.
“ނުވެ ކަމެއް..” އަހަރެން މަސައްކަތް ކުރީ ދޮގު ހަދާށެވެ.
“ހުސް ދޮގު… ބުނެބަލަ… ބިޓު ކެޓީތަ؟” އިޝާނީ އަހަންނާ ސުވާލު ކުރީ މަލާމާތުގެ ރާގުގައެވެ. އެއީ އަހަރެން މީކާލްއާ ރައްޓެހިވެގެން އުޅޭކަން އިޝާނީއަށް މަރިއްތަ ކިޔައިދީފަ ވާތީއެވެ.
“ސާބަސް. އެކަހަލަ ކަމެއް ނުވޭ.. މަރިއްތަދޯ އަހަރެންގެ ބިޓުގެ ވާހަކަ ދެއްކީ؟ އެއީ ބޮޑު އަނގައެކޭ…” ހެމުން ހެމުން އަހަރެން ބުނީ މަޖާ ޒާތަކަށެވެ.
“އޭތް… ހިނގާބަލަ ހެދިކާ ގަންނަން.. ގިނައިން ގަންނާށޭ މަރިއްތަ ބުނީ… މަށަށް ހީވަނީ ޒާހިރު އަންނާތީ ކަންނޭނގެ. މުރިނގު ގެޔަށްދޯ ދާނީ ހެދިކާ ގަންނަން” އިޝާނީ އެހެން ބުނުމާއެކު އަހަރެން ވަގުތުން
ހިނގައިގަތީ ވަރަށް އުފަލުން ހުރެއެވެ. އުފާ ނުވާނެ ހެއްޔެވެ؟ ޒާހިރުގެ ކުރިމައްޗަށް މީކާލް ގެންނަން މިވަގުތުވެސް އަހަރެން މިހުރީ ފެން ބޮވައިގަނެފައެވެ.
“ޝަލީން… ކޮން ނަމެއް ކިޔަނީ ޝަލީންގެ ބިޓަށް؟ ވަރަށް ސަޅި ކުއްޖެއްތަ؟” ކުރިޔަށް ހިނގަމުން ދިޔަ ވަރަކަށް އިޝާނީ ދިޔައީ އަހަންނާ ސުވާލު ކުރަމުންނެވެ.
“އުހުން… އެންމެން ދެން އިޝާނީހާ ރީއްޗެއް ނުވާނެއްނު؟ އޭނަގެ ނަމަކީ މީކާލް… ވަރަށް ކަޅުވާނެ.” އަހަރެން ބުނެލީ ހަގީގަތެކެވެ. އޭރު އަހަންނާ އިޝާނީ މަގު ހުރަސް ކުރަމުން ދިޔައީ މުރިނގު ގެޔާ ދިމާލަށެވެ.
“ދޮގު ނުހަދަބަލަ.. ތިނަން ވަރަށް ސަޅި. އެކަމު އަވަހަށް މީކާލް ދައްކަން އުޅޭ.. އަހަރެން ބޭނުން ބަލާލަން.” އިޝާނީ އަނެއްކާވެސް އަހަރެންނާ ދިމާއަށް ބުނެލިއެވެ
“އެއިނީނު ކަޅު ކުލައިގެ ސައިކަލެއްގަ… އެއީ މީކާލް.” މުރިނގުގޭ ކުރިމަތީ ޕާރކް ކޮށްފައިވާ ސައިކަލުތަކުން ސައިކަލެއްގައި އިން މީހަކު ދައްކާލަމުން އަހަރެން ބުނެލީމެވެ.
“ދެން…. ސާބަސް… ހަމަ ކޮންމެސް މީހަކު ދައްކާފަ ތިބުނަކީ އެއީއޭ މީކާލްއަކީ. ދެންމެ ހަމަ އަހަރެން އެހީމަ ވަގުތުން ކުރިމަތީގަ ޝަލީންގެ ބިޓު ހުރޭތަ؟ ގަބޫލެއް ނުކުރާނަން. ނޫނީ އަހަރެން އަހަންތަ؟” އިޝާނީއަށް ގަބޫލު ނުކުރެވިގެން ބުނެލިއެވެ.
“އަހާބަލަ.. އަސްލުވެސްއޭ .. މަ ދޮގެއް ނުހަދަން. އެއީ މީކާލްއަކީ.. މިއަދު މާލެ އައީވެސް.. ” އަހަރެން އެހެން ބުނުމާއެކު އަހަންނަށް ފެނުނީ މީކާލް އެގޭތެރެއަށް ވަދެގެން ދިޔަތަނެވެ.
“ޝަލީންގެ ބިޓު! ޝަލީން ފެނުނީމަ ހަމަ އަޅާ ކަހާވެސް ނުލާ ގޮސް އެވަނީ އެގޭތެރެއަށް. ދެން އަމުދުން ތިވާހަކަ ކިހިނެއް ގަބޫލު ކުރާނީ.” އަނެއްކާވެސް އިޝާނީ އަހަންނާ ދިމާލަށް ބުނެލިއެވެ.
“އެވާނީ އިޝާނީ ހުރީމަ ކަންނޭނގެ. އެހެން ނޫނަސް މަށާވެސް އަދި ރަނގަޅަށް މީޓްނުވެ.” އެހެން ބުނަމުން އަހަރެމެން ގޮސްވަނީ ހެދިކާ ވިއްކާ އޭރިޔާ އަށެވެ.
އަހަރުމެން އެތެރެއަށް ވަތްއިރު، ކައުންޓަރު ތެރޭ ގޮނޑިއެއްގައި މީކާލް ޓީވީ ބަލަން އިނެވެ. ޓީވީ އިން ދައްކަމުން ދިޔައީ ޓޮމް އެނޑް ޖެރީ ކާޓޫނުކަމުން ވަރަށް ޝައުގުވެރި ކަމާއެކު މީކާލް ސްކްރީނަށް ބަލަމުން ދިޔައެވެ. އެހެނަސް އެއްފަހަރު އަހަރެންނާ ދިމާލަށް ބަލައިލިކަން އަހަންނަށް އެނގެއެވެ.
“ހެދިކާ………” ހެދިކާ އިން ބޭނުންވާ ތަކެތި ކޮތަޅަށް އެޅުމަށް އެދި އަހަރެން އޯރޑަރ ދެމުން ދިޔައިމެވެ.
އެވަގުތު މީކާލް އަވަސްވެގަތީ އެތަނަށް އައި ފޯނު ކޯލަކަށް ވާހަކަ ދެއްކުމަށެވެ. އަހަރެން އިރު އިރުކޮޅާ މީކާލްގެ ހަރަކާތްތައް ބަލަމެވެ. މީކާލް އަހަންނަށް އަޅާނުލާ ބަލާވެސް ނުލާ ހުރުމުން އަހަރެން ދެރަވިއެވެ.
“ހިނގާ ދާން..” އިޝާނީ އެހެން ބުނުމާއެކު ހެދިކާ ކޮތަޅު ހިފައިން އަހަރެން ނުކުތީމެވެ. ގެޔާ ދިމާލަށް ހިނގަމުން ދިޔައިރު އަހަރެންގެ ހަރަކާތްތައް ކުއްލިޔަކަށް ލަސްވެފައި ވާކަން އިޝާނީ ދެނެގަތެވެ. އެހެނަސް އެވަގުތު އަހަންނާ އެއްވެސް ސުވާލެއް ނުކޮށް ގެއަށް ދިޔައީއެވެ.
“މަރިއްތާ! ޝަލީންގެ “ވާން އުޅޭ”ގެ ފޮޓޯއެއް މިއިނީ… ދެންމެ ހެދިކާ ގަންނަން ގޮސް ނަގާފަ… އެބުނާ މީކާލްގެ..” އިޝާނީގެ ފޯނު މަރިއްތައަށް ދައްކާލަމުން ބުނެލިއެވެ.
“އިޝާނީ!!! … މީނަ ކުރާ ކަންތައް… ފޮޓޯއެއް ނެގީއޭ؟.. ދައްކަބަލަ ބަލާލަން. އަޅެ ކޮން އިރަކުތަ ފޮޓޯ ނެގީ.” އަހަރެންގެ އޮފް ވެފައިވާ މޫޑް ކުއްލިޔަކަށް ތާޒާވީ އިޝާނީ ބުނެލި ވާހަކައިންނެވެ.
“ތީތަ އެސޮރު؟.. ދެން ތިއޮތީ ފޮޓޯއިން ފެނިފައެއްނު.” މަރިއްތަ ބުނެލިއެވެ.
އިރުކޮޅެއް ފަހެވެ. އަހަރެން ހުރީ މޭޒުކައިރީގައި އިސްތިރި ކުރާށެވެ. ކައިރީގައި ފޯނު ބާއްވާލައިން ހުރިއިރު އަހަރެން ހުރީ ހިތްހަމަޖެހިފައެވެ. އެންމެ ފަހުން އަހަންނަށް މީކާލްގެ ފަރާތުން ލިބުނު މެސެޖްގެ ސަބަބުންނެވެ. އޭގައި ވަނީ މީކާލް އަހަރެން އިގްނޯރ ކޮށްލީ އަހަންނާއެކު އެގަޑީގައި އިޝާނީ ހުރުމުންކަމެވެ. އަހަރެން ދެކޭ ގޮތުގައި އެއީ މީކާލް އަހަންނަށާއި އަހަރެން އުޅޭ ގޭގެ މީހުންނަށް ކުރާ އިހްތިރާމް ހާމަ ކޮށްދޭ ކަމެކެވެ. ނޫނީ އެއީ މީކާލްގެ ލަދުވެތި ކަމެވެ.
“ޝަލީން…. ކަނބުލޮގެ ފޯނުތަ؟ ދެންމެ ފެނުނޭ މިއާކުޅެން ހުއްޓަ… ބަލާލާނަން އިނގޭ.” ފަހަތުން އައިސް އަހަރެންގެ ލޯމަތީގައި އަތް އަޅައިގެން ހެމުންހެމުން ހުރެ ޒާހިރު ބުނެލިއެވެ. ޒާހިރުގެ އަޑު އަހަންނަށް ސިއްރެއް ނުވާނެއެވެ. އެހެން ނޫނަސް މުހައްމަދުބެއަކީ އަހަރެންގެ ގައިގައި އިނގިލި ކުރީވެސް ޖައްސާލާ މީހެއް ނޫނެވެ.
“އަތް ނަގާ… ޒާހިރޫ.. ތިއަތްނަގާށޭ.. އަހަރެން އިސްތިރި….” އެހިސާބަށް ބުނެވުމާއެކު ޒާހިރު ވަގުތުން އަތްނެގިއެވެ. އަދި އަހަރެންގެ ފޯނު ނަގާ ބަލައިލިއެވެ.
މާމަޖާވެފައި އައި ޒާހިރު އަހަރެން ފޯނުގެ ޑިސްޕްލޭއަށް ބަލައިލުމުށް ފަހު މުޅި މީހާ ހަމަހިމޭން ވެއްޖެއެވެ. އެއާއިއެކު ވަގުތުން އަހަރެންގެ ފޯނު ބޭއްވުމަށް ފަހު ގެއިން ނުކުމެގެން ދިޔައީއެވެ. އެއްވެސް އެއްޗެއް ނުބުނެއެވެ. އަހަރެން ގައިތައައީ އަމަށަކު ހިންޏެއް ނޫނެވެ. އެވީވެސް އަހަރެން އެންމެ ބޭނުންވި ގޮތެވެ. އެއީ އަހަރެން ހަމަ ގަސްތުގައި ޒާހިރުގެ ފަރާތުން ދެކެން ބޭނުންވި މަންޒަރެވެ.
ނުނިމެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Shaleen and miykaal gulhuvachey
They both are made for each other
V interesting story eh
V kiyaala hithun kiyani
I appreciate your hard work
Thanks cutie 🥰
Next part v avahah up kollaanan in sha Allah.
Inthizaaru kollaamaa…..
vrh reethi whn next part
Thanks 👍👍👍
V.reeethi!!!!
Oh no!
I ended up last to comment u!!!!
Very nice and very curious
You are my fav author
Hehe… V baru koh Thanks bab
V v fulhaakoh ufaavejje
Ummeedhu kuran next part ah inthizzzzaaaru kuraane kamah.
Again thanks ♥️