ތިނެސްކަން ލޯބި (23)
“އަހަރެން ދެކެ ލޯބިވޭ ތަ؟…” ދެން ޒިވިއަން ކޮށްލި ސުވާލުން މެހެކަށް ސިހުމެއް ގެނުވިއެވެ.
ތޭވިސްވަނަ ބައި
“އަހަރެން ދެކެ ލޯބިވޭ ތަ؟…” ދެން ޒިވިއަން ކޮށްލި ސުވާލުން މެހެކަށް ސިހުމެއް ގެނުވިއެވެ. “ކީއްވެ ތި ސުވާލު ކުރީ؟..” ޖަވާބުދިނުމުގެ ބަދަލުގައި މެހެކް ވެސް ކޮށްލީ ސުވާލެކެވެ. “ތީ އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނޫން…” ޒިވިއަން ސީދާ މެހެކްގެ ރީތި ދެ ލޮލަށް ބަލަން އިނުމަށްފަހު ސުވާލުކޮށްލިއެވެ. “ނުނުނުވޭ….ލޮތްބެއް ނުވޭ…ހެއްހެއް ޒިވް ވެސް ކުރާ ސުވާލު ދޯ؟….” ފާޑަކަށް އަޅައިގަންނަމުން މެހެކް ބުނެލިއެވެ. އިސްޖަހައިގެން އިނދެއެވެ. “ނުވޭ ތަ ހަމަ؟….އަހަރެންގެ ލޮލަށް ބަލަން އިނދެ ކީއްވެ ނުބުނީ……ޒާން އެ ސުވާލުކުރި އިރު ކީއްވެ އެއްޗެކޭ ނުބުނީ؟….” ޒިވިއަން ކޮށްލީ މެހެކަށް ޖަވާބުދޭން އުނދަގޫ ސުވާލުތަކެކެވެ. އިރުކޮޅަކަުން ތަބަކެއްގައި ތަފާތު ބާވަތުގެ ކާތަކެތި ގެނެސްދީފައި ވެއިޓަރުންތައް ދިޔުމުން އަނެއްކާ ވެސް ވާހަކަދެއްކި ޒިވިއަންއެވެ. “މެހެކް…..ޖަވާބުދޭން އުނދަގޫ އެހެންނުން…..މެހެކް ޤަބޫލުކުރާކަށް ބޭނުމެއް ނޫން ދޯ…ތި ހިތުގެ އަޑު….ކީއްވެ ފިލަން މަސައްކަތްކުރަނީ ތި؟……އަހަންނަށް އެބަފެނޭ ތި ދެ ލޮލުން ލޯބި…..” ޒިވިއަން ބުނެލިއެވެ. “ތިހާ ޔަޤީން ކަމާއިއެކު ޒިވްއަށް ބުނަން ކެރެނީ ކީއްވެ؟…..ޒިވް ލޯބިވާ ކުއްޖާ ހުއްޓާ ކީއްވެ އަހަރެން ކައިރީ ތިކަހަލަ ސުވާލުކުރަނީ ތި؟…” މެހެކް އަހާލިއެވެ. ޒިވިއަން ފުން ނޭވާއެއްލިއެވެ. ކަމަކަށް ތައްޔާރުވީ ފަދައިންނެވެ. “އެއީ އަހަރެން މެހެކް ދެކެ ލޯބިވާތީ….އެ ދުވަހު ކާރު ތެރޭގައި އިނދެފައި ދެއްކީ މެހެކްގެ ވާހަކަ ކަމަށްވާތީ..އަހަރެން ލޯބިވާ ކުއްޖަކީ ތީ ކަމަށްވާތީ….11 އަހަރު އަހަރެން އިންތިޒާރުކުރީ ތި މެހެކަށް…ތި ލޮތްބަށް…..” ޒިވިއަން ބުނެލިއެވެ. އިވިގެންދިޔަ ވާހަކަތަކުން މެހެކް އިނީ އަތަކަށް ގުޑުވާލަން ފަސްޖެހިފައެވެ. ޒާން ބުނީ އެހެންނެވެ. އަނެއްކާ ޒިވިއަންވެސްއެވެ. 11 އަހަރު އަހަރެންގެ އިންތިޒާރުގައި ހުރީ އަސްލަށް ވެސް ލޯބިވާތީ ހެއްޔެވެ؟
“ޒިޒިޒިވް……ސަމާސާކުރަނީ ދޯ؟…” މެހެކް ފާޑަކަށް އަހާލިއެވެ. “ހީވޭތަ މީ ސާމާސާއެއްހެން…..އަހަރެން ނުބުނާނަން ވަގުތުން ޖަވާބުދޭށެ…މެހެކް ވިސްނާލާފައި ޖަވާބެއް ދިނަސް އޯކޭއޭ…..” ޒިވިއަން ބުނެލިއެވެ. “މެހެކް ތި ވިސްނަނީ ދެ ފަރާތު ފެމިލީއާ ދޭތެރޭ ކަމަށްވާނަމަ ބުނެލަން….އެމީހުން މި ގުޅުމާ ރުހޭނެ……އަހަރެންގެ ހިތެއް ނުބުނޭ….މަމްދޫހު އަންކަލް ވެސް މި ގުޅުމާ ދޭތެރޭ ފާޑު ކިޔާނެހެން…..ދެން މީޑިޔާގެ ސަމާލުކަމަށް ނާރާނެ ގޮތެއް ނޯންނާނެ…..” ޒިވިއަން އަނެއްކާ ވެސް ބުނެލިއެވެ. މެހެކް އެކަމަށް އެއްބަސްވީ އެއީ ތެދުކަމަށްވާތީއެވެ. ދެން ހޭދަ ވެގެންދިޔައީ ގެނައި ކާތަކެއްޗަށް އިންޞާފުކުރާ ވަގުތުކޮޅެވެ.
“ބާއި….ސީ ޔޫ ޓުމޯރޯ…” ކާރު އައިސް ރޯޒް ގާޑާން ގޭޓު ކައިރިއަށް މަޑުކޮށްލުމުން މެހެކް ބުނެލިއެވެ. ޒިވިއަން ވެސް އޭގެ ރައްދު ދިނުމުން މެހެކް ކާރުން ފައިބައިގެން ގޭޓުން އެތެރެއަށް ވަދެގެން ގޮސް އޮބާލައިފިއެވެ. ޒިވިއަން ވެސް ކާރު ދުއްވާލީ ގެއަށް ދިޔުމަށެވެ. އެއިރު އެ ދެ މީހުންނާ ދިމާލަށް ރުޅިވެރި ނަޒަރަކުން ބަލަހައްޓައިގެން މީހަކު ހުރި ކަމެއް ނުދެނަހުއްޓެވެ.
ބާރުބާރަށް ޒާން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އަތުޖެހުނު އެއްޗެއް އުކާލީ މީހާގެ ރުޅިވެރިކަން މައިތިރިކުރަންކަމަށް ހިތާއެވެ. އެންމެ ފަހުން ޑްރެސިން ޓޭބަލް މަތީ ހުރި ރީތިވާ ސާމާނު އުކާލާ އެވަރުން ނުވެގެން ލޯގަނޑުގައި މުށްކަވާފައި ބާރަށް ޖަހާލީ މިފަހަރު އެ ރުޅިގަޑު މައިތިރިވާނެކަން ޔަޤީންވީމައެވެ. މިވަގުތު ޒާން ހުރި ޙާލަތު މީހަކަށް ފެނިއްޖެ ނަމައީ ކައިރިވާކަށް ނުކެރޭނެއެވެ. އެ މޫނަށް ބަލައިފި މީހަކުނަމަ އަނދާއަޅިއަށް ވެދާނެކަން ގައިމެވެ. އިސާހިތަކު ރުޅިގަޑު މައިތިރިވެއްޖެއެވެ. ދެން ފެނުނީ ލޯގަޑުން ފެންނަ އަމިއްލަ ސޫރައަށް ބަލައިލާފައި އެއްމިޔަކަނުން ނިކަން ބިރުވެރި ޒާތަކަށް ހީގަތްތަނެވެ. “ޒި ވި އަ ން………އަހަންނާ އަހަރެންގެ ލޮތްބަށް އެޅޭ ހުރަކަށް ވެއްޖެނަމަ ނަތީޖާ ވަރަށް ހިތިވާނެ…….” އިވުނީ ވަރަށް ބިރިވެރި ވާހަކައެކެވެ. ޒާންގެ މި ސިފަ މީހަކަށް ފެނިއްޖެނަމަ ޤަބޫލު ވެސް ނުކުރާނެކަން ގައިމެވެ. ނަމަވެސް ލޯބީގެ ބާރުގައި ނިކަމެތި ނަފުސެއް ވެސް ހަލާކުގެ ތެރެއަށް ވެއްޓިދާނެއެވެ.
ޖެހިގެންއައި ދުވަހެވެ. އެކި މީހުންގެ ދޫތަކުން އިވެމުންދަނީ ތަފާތު އަޑުތަކެވެ. މީޑިޔާތަކުގައި ވެސް ވަކިން ފޯރިގަދައެވެ. ޒެޑްސްއާއި އެމްސް ކުނފުނީގައި ވެސް މިއަދު ވަކިން ފޯރިގަދަހެންހީވެއެވެ. ވާނީ ވެސް އެހެންނެވެ. ނޫސްތަކުގެ ފަލަ ސުރުޙީގައިވަނީ ޒިވިއަންއާއި މެހެކްގެ ވާހަކައެވެ. ރޭގެ ޒެޑްސް ފުޑީގައި ތިއްބާ ނަގައިފައިވާ ތަސްވީރެއް ވެސް ސޯޝަލް މީޑިޔާއަށް ލާފައިވެއެވެ. އެތައް ހާސްބަޔަކު އެ ޕޯސްޓަށް ކޮމެންޓުކުރިއިރު އެތައް ވާހަކަތަކެއްދެއްކިއެވެ. އެތައް ޚިޔާލުތަކެއް ހުށަހެޅިއެވެ. އެއްބަޔަކު ހާދަ ގުޅޭ ޖޯޑެކޭ ކިޔަމުންދާއިރު އަނެއްބަޔަކު ދެމީހުން ރައްޓެހިވެގެންތޯ ވެސް އަހާފައިވެއެވެ. އަދި އަނެއްބަޔަކު ޒެޑްސްއާއި އެމްސް ގުޅިފައިވަނީ ހަމައެކަނި ވިޔަފާރިތަކުންނޫންކަން ބުނެފައިވެއެވެ.
މެހެކް މުހިއްމު ބައްދަލުވުމެއް ނިންމާފައި ގޮސް ކެބިނއަށްވަނެވެ. އަދި ގޮނޑީގައި ޖައްސާލި ވަރުބަލިކަމާއިއެކުއެވެ. ފޯނަށް ނޮޓިފިކޭޝަނެއް އައި އަޑަށް ބަލައިލިއިރު ފަލަކުގެ މެސެޖެކެވެ. ފޮނުވާފަ އިން ލިންކަށް އޮބާލާ ބަލާލީ ލާނެއް އެއްޗެއް ފޮނުވީ ކަމަށްހިތާއެވެ. އެހެނަސް ފެނުނީ އޭނާއާއި ޒިވިއަން ރޭގައި “ޒެޑްސް ފުޑީ” ރެސްޓޯރަންޓުގައި ކެއުމަށް އިންޞާފުކުރަން ތިއްބާ ނަގައިފައިވާ ތަސްވީރެކެވެ. އިރުކޮޅަކުން ފަލަކް ގުޅަންފެށިއެވެ. “މެހެކް…ވަޓްސް ދިސް…މިއީ ކޮންއިރެއްގެ ކަމެއް؟……” މެހެކް ފޯނު ނެގުމާއިއެކު ފަލަކު އެއްފައްޗަކަށް އަމުނާލިއެވެ. “އެއީ ރޭގަ……ކިހިނެއް އެހާ އަވަހަށް ސޯޝަލް މީޑިޔާއަށް އިނގުނީ؟…….” މެހެކް ކޮށްލީ ސުވާލެކެވެ. “ތި ދެމީހުންނަށް ހުއްޓޭ ލޯތައް މަދު ނޫންކަން އިނގެއެއްނުން……..އަސްލު ވެސް ކަމެއް ތަ؟…” ފަލަކު އަހާލިއެވެ. މެހެކް ރޭގައި އޭނާއާއި ޒިވިއަން ދެމެދު ދެކެވުނު ވާހަކަތައް ފަލަކަށް ހިއްސާކޮށްލިއެވެ. ހީވީ ބޮލުން ބޮޑު ބަރެއް ނެގުނުހެންނެވެ. “ދެން؟….އާއެކޭ ބުނީތަ؟..” ނިކަން ގަޔާވެފައި ފަލަކު އަހާލިއެވެ. “ނުން…….އަދި ނުބުނަން…ނޭނގެ ކީއްކަމެއް ކުރަންވީ…ޒާން ވެސް….” މެހެކް ބުނެލިއެވެ. “ދެން އެކަމާ އެހާ ބޮޑަށް ނުވިސްނާ އައިމް ޝުއާ ޒިވިއަން ވިލް ބެކަޕް ޔޫ…..ނޯ ވޮރީސް ގާރލް….” ފަލަކު ބުނެލިއެވެ. ދެން އިރުކޮޅަކުން ދެމީހުން ފޯނުން ވާހަކަދައްކަން ތިބެފައި މެހެކްގެ މީޓިންއެއް އަނެއްކާ ވެސް އޮތުމުން ކޯލު ކުރުކޮށްލިއެވެ. އަދި ނިކުތީ ސައިޓު ވިއުގައި އޮތް ބައްދަލުވުމަށްދާށެވެ.
އޮފީހުން ނިކުތުމާއިއެކު ކެމެރާތަކުގެ ފްލޭޝް ލައިޓު އެޅުނީ މެހެކްގެ މޫނަށެވެ. އަދި އެތައް ބަޔަކު އެއްފަހަރާ ސުވާލުކުރަންފެށިއެވެ. މެހެކް ހުރީ ހިނދުކޮޅަކަށް ވެސް ވާނުވާ ނޭނގިފައެވެ. ސެކިއުރިޓީ ގާޑުންނާއި ޝާޔާ ނޫސްވެރިންތަކުގެ ކިބައިން މެހެކް ސަލާމަތްކުރަން އުޅުނެވެ. “މިސް މެހެކް….މިސްޓަރ ޒިވިއަންއާއި އޮތީ ކޮން ގުޅުމެއް ތޯ؟…” ކުރިމަތިވީ ނޫސްވެރިއެއްގެ ސުވާލަކާއެވެ. “މިސް މެހެކް މިސްޓަރ ޒިވިއަންއާއި ރައްޓެހިވެގެން ތޯ އުޅެނީ؟…” އަނެއްކާ ވެސް އިތުރު އެހެން ނޫސްވެރިއެއްގެ ސުވާލެކެވެ. “ދެން މިސްޓަރ ޒާން އަށްވާނީ ކިހިނެއްތޯ؟….” އިތުރު ސުވާލެއް އަނެއްކާ ވެސް ކުރިމަތިވިއެވެ. މިއިން އެއް ސުވާލަކަށް ވެސް ޖަވާބުނުދެވި އުޅެނިކޮށް އަނެއް ސުވާލުކުރުމުން މެހެކް ހުރީ ވެސް ރުޅިގަދަވެފައެވެ. ނަމަވެސް މާހައުލުގެ ގޮތުން ހިމޭންވާން މަޖުބޫރެވެ.
“ލީވް ހާ އެލޯން…” އިވުނީ ނިކަން ހަރުކަށި އަޑެކެވެ. އެންމެން އަޑުއައި ދިމާލަށް ބަލާލިއެވެ. ދެޖީބަށް އަށް ޖަހާލައިގެން ފިރިހެންވަންތަ ހިނގުމެއްގައި ޒިވިއަންއައީ މެހެކާ ދިމާލަށެވެ. މިކަން ނޫސްވެރިންގެ ތޫނު ލޯތަކުން ކަސިޔާރުވެގެންނުދާކަން ގައިމެވެ. ޒިވިއަން މެހެކް ކައިރީ ހުއްޓުމަށްފަހު ނިކަން ފުން ނަޒަރަކުން މެހެކަށް ބަލާލިއެވެ. ދެން އެނބުރުނީ ކެމެރާތަކުގެ ކުރިމައްޗަށެވެ. މިހާރު މުޅި ރާއްޖެއަށް ވެސް އެގުޅުން ހާމަވާނެކަން ގައިމެވެ. “ތި ސުވާލުތަކުގެ ޖަވާބު އަޅުގަނޑު ދޭނަން…….މެހެކަކީ އަޅުގަނޑުމެންނާ ދުރު ފަރާތެއް ނޫން……އަދި ޒެޑްސް އާއި ވެސް ދުރުފަރާތެއް ނޫން….އަޅުގަނޑާއި މެހެކަކީ ކުޑައިރުގެ މިތުރުން…..އަދި އަޅުގަނޑުގެ……” މިހިސާބަށް ބުނެފައި ޒިވިއަން ބަލާލީ މެހެކާ ދިމާލަށެވެ. މެހެކް ހުރީ ޒިވިއަން ދެން ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. އެހުރިގޮތަށް ހުރެ ޒިވިއަން ބުނެލިއެވެ. “އަޅުގަނޑުގެ ފުރަތަމަ ލޯބި……” ޒިވިއަން ދެން ހާމަކުރި ވާހަކައަކީ ގިނަބަޔަކަށް ސިހުން ގެނުވި ޚަބަރެކެވެ. ވަގުތުން މި އިންޓަވިއު ލައިވްކޮށް ގިނަ ބައެއްގެ ސަމާލުކަމަށްގެނައެވެ. ފުން ނޭވާއެއްލާފައި އަނެއްކާ ވެސް ކެމެރާތަކަށް ނަޒަރު ހިންގާލިއެވެ. “އަޅުގަނޑާއި މެހެކް އުޅެނީ ރައްޓެހިވެގެނެއް ނޫން…އެކަމަކު އެކަން އޮތީ މާ ދުރުގައެއް ވެސް ނޫން……މިއަދު މެކެރާތަކުގެ ކުރިމަތީ ހުރެ މި ވާހަކަތައް މި ހާމަކުރީ މީގެފަހުން މެހެކަށް މި ސުވާލުތައް ކުރިމަތި ނުވާނެކަމަށް ހީކޮށް….” މިހެން ބުނެ މެހެކްގެ އަތުގައި ހިފައިގެން ޒިވިއަން ހިނގައިގަތެވެ. އެންމެންގެ ބަސް ހުއްޓުވާފައެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



wow ziv ah haadha kereyeyy dhw
mashallah mi part ves vrh reethi
lots of love from gurrrrl
hehe…yes kerey dhw?…..
thank you 🙂
lots of love M.W