Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ރޭފަނާ – 1

EXO
EXO Level 210 Stories100 Login
November 10, 2024 5 Mins Read
4 Comments

އާދިލްއާ އުމްނިއްޔާއަކީ ދެ އެކުވެރިންނެވެ. އެ ދެމީހުންނަކީ ރަށުގެ ގަދަރުވެރި ރަނގަޅު ދެ އާއިލާއަކަށް ނިސްބަތްވާ ދެމީހުންނެވެ. އެ ދެމީހުން އެކުގައިނޫނީ އެއްތާކަށްވެސް ނުދާނެއެވެ. ބައެއްފަހަރު އެ ދެމީހުންގެ ގާތް ގުޅުން ވަރުގަދަކަމުން ރަށުތެރޭ އަޅުވާވެސް ކިޔާނެއެވެ. އަދި ދެ އާއިލާއިންވެސް އަބަދު އެދެނީ އެ ދެމީހުންގެ ގުޅުން ކައިވެންޏަކަށް ބަދަލްކުރާށެވެ. އުމްނިއްޔާއާ ދޭތެރޭ އާދިލް ބަހައްޓާ އޯގާތެރިކަމަކީ އެހެން އަންހެނަކަށް އޭނާ ނުދޭނެވަރުގެ އޯގާތެރިކަމެއްކަން އުމްނިއްޔާއަށްވެސް އެނގެއެވެ. އުމްނިއްޔާ ސްކޫލް ދައުރުއްސުރެ އެތައް ގޮތަކުން އާދިލްވަނީ އުމްނިއްޔާއަށް މަތީ ވަނަތައް ހާސިލްކުރުމަށް އެހީތެރިވެފައެވެ. އުމްނިއްޔާ ބަލިވެއްޖެކަން އެނގިއްޖެނަމަ ކިތަންމެ ބޮޑު އަގެއްދީގެންވިޔަސް ލޯންޗްއެއް ހިފައިގެން އާދިލް އުމްނިއްޔާ ގޮވައިގެން އެންމެ ރަނގަޅު ސިއްޙީ ޙިދުމަތް ލިބޭ ދިމާލަކަށްދާނެއެވެ. އުމްނިއްޔާ ގަދަވެ ހެޔޮހާލަތަށް އަންނަންދެން އަބަދުވެސް އާދިލް ގާތުން ބަލަމުންދެއެވެ. އާދިލްގެ އޯގާތެރިކަމަކީ އުމްނިއްޔާ މުޅި އުމުރަށް އެދޭ އެދުމެކެވެ.

އެއްދުވަހެއްގެ ހާވީރެވެ. އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް އާދިލްއާއެކު އުމްނިއްޔާ ދިޔައީ ހިނގާލާށެވެ. މިއަދު އުމްނިއްޔާގެ ހިތުގައި ހިފެހެއްޓިފައިވާ އިހުސާސްތައް ބަންޑުންކޮށްލަން ހުރީ ތައްޔާރަށްށެވެ. ދެމީހުން ގޮސް ތުނޑީކޮޅުގައި އިން ހޮޅުއަށްޓެއްގައި އިށީންދެލިޔެވެ. އެއިރު އިރުއޮއްސެންވަނީ ފައްޓާފައެވެ. މަންޒަރު އެހާމެ ހިތަގައިމެވެ. ކެތްނުވެފައި އިން އުމްނިއްޔާ އޭނާގެ ހިތުގައިވާ އިހުސާސްތައް ބަންޑުން ޖަހާލަންފަށާފިޔެވެ.

އުމްނިއްޔާ : އާދިލް…….

އާދިލް : ލައްބަ

އުމްނިއްޔާ : އަހަރުމެން ދެމީހުން އެކަކު އަނެކަކު އެނގޭތާ ވަރަށް ދުވަސްވެއްޖެ. އަހަރެންނަށް އާދިލް ތިޔަ ބެހެއްޓި އޯގާތެރިކަން ދުވަހަކުވެސް ހަނދާންނުނެތޭނެ.

އާދިލް : އޭ….. ކޮން ވާހަކައެއް ތި ދައްކަނީ؟ އަނެއްކާ މީހަކާ އިންނަނީތަ؟ ސަޔެއް ލިބެނީތަ؟

އުމްނިއްޔާ : އާނ އާދިލް. އަހަރެންނަށް ވަރަށް ކަމުދާ މީހަކު ފެނިއްޖެ. އެމީހަކު އަހަރެންގެ ހިތް ވަނީ އަތުލާފަ. އެމީހަކު އަހަރެންނަށް ލިބުން އެއީ މިދުނިޔެމަތީގައި އަހަންނަށް ލިބޭނެ އެންމެ ބޮޑު އުފާ

އާދިލް : މަރުހަބާ. ތިޔަ މީހަކާ ވާނެ މިރޭ ކޮންމެހެންވެސް ބައްދަލްކުރަން އަވަހަށް އުމްނިއްޔާގެ ކައިވެނީގެ ކަންތައް ނިންމަން މަ އެހީވެދޭނަން

އުމްނިއްޔާ : އާދިލް އެމީހަކު އެބަހުރި މިތަނުގަ. އެމީހަކީ ތި އާދިލް

އާދިލް : (ހައިރާންވެފަ) އަހަރެން؟……….. މަ މި ދެވެ ފިލީ

ހޮޅުއަށިން ތެދުވެ އާދިލް ބާރަކަށް ދުއްވައިގަތެވެ. އޭނާ ފަހަތުން އުމްނިއްޔާވެސް ދުއްވާގަތެވެ. އުމްނިއްޔާއަށްވުރެ ބާރަށް އާދިލް ދުވެފައި ގޮސް ފިލާފިޔެވެ. އުމްނިއްޔާ ވަރުބަލިވެގެން ހުރި ތަނަށް ހުއްޓުނެވެ. ވީ ދެރައިން އިސްޖަހާލައިގެން މަޑުމަޑުން ގެޔާ ދިމާލަށް ދިޔައެވެ. ގޮސް ގޭ ދޮރު ހުޅުވާލުމާއެކު އެކި ދިމަ ދިމާލުން މާތައް އުކައިގަތެވެ. ދެ އާއިލާވެސް އައިސް ތިބީ އުމްނިއްޔާ ގޭގައެވެ. ހައިރާންވެފައި ބަލަން ހުރި އުމްނިއްޔާ ފުރަގަހުން މީހަކު އައިސް ކަންފަތް ބުޑުގައި ފުމެލިޔެވެ. އުމްނިއްޔާ ފަހަތަށް އެނބުރި ބަލާލިއިރު ބްރިސިލް ބޯޑެއްގައި އަނބި ގަބޫލްކޮށްފިން ލިޔެގެން އާދިލް ހެވިފައި ހުއްޓެވެ. މި މަންޒަރު ފެނިފައި އުމްނިއްޔާގެ ދެ ލޮލުން ކަރުނަތައް ފައިބާގަތެވެ. އަދި އުފަލުން ގޮސް އާދިލް ގައިގާ ބައްދާގަތެވެ. ދެފަރާތުގެ އާއިލާއިން އެ ދެކުދިންގެ ކައިވެނީގެ ކަންތައް އަވަސް ކުރުމަށް ހިފައިގަތެވެ.

ކުލަގަދަ ކައިވެންޏަކަށްފަހު ދެމަފިރިންގެ ޒަވާޖީ ހަޔާތްވެސް ފެށިއްޖެއެވެ. މުރާލި އާދިލް ވަރުބަލިކަމެއް ނެތި އެތައް މަސައްކަތެއްކޮށްގެން އާމްދަނީ ހޯދުމަށްފަހު އެ ރައްކާކުރަން ދެނީ ލޯބިވާ އަނބިމީހާ އަތަށްށެވެ. ފާގަތި މުސްތަގްބަލްއެއް ބިނާކުރުމަކީ އާދިލް އަބަދުވެސް ދެކޭ ހުވަފެނެކެވެ. ކޮންމެޔަކަސް ދެމަފިރިންގެ ކައިވެންޏަށް 5 ދަރިން ލިބިއްޖެއެވެ. ޙަރަދުތައް ހުރިގޮތުން އިތުރަށް އާދިލް ދާންފެއްޓީ މަހަށްށެވެ. ރަނގަޅު އާމްދަނީއެއް ހޯދާ ދިރިއުޅުމުގެ ޙަރަދުތައް ދިޔައީ ވަރަށް ފަސޭހަކަމާއެކު ބެލެހެއްޓެމުންނެވެ.

އެއްދުވަހެއްގެ ފަތިހެވެ. އާއްމުކޮށް އާދިލް ހުރި ދޯނި މަހުން ލަފާތޯ އިންތިޒާރުގަ އުމްނިއްޔާއާ ދަރިކޮޅު ގޮވައިގެން އައިސް ބަނދަރުމަތީ ހުއްޓެވެ. އާދިލްމެންގެ ދޯނި ފެނުމާއެކު އުމްނިއްޔާ ހިނިތުންވެލިޔެވެ. ސަލާމަތުން ފިރިމީހާ އެނބުރި އަންނާތީއެވެ. ދޯނި ރަށާ ކައިރިވަމުން އައި އިރު ދޯނިން މީހެއްގެ ހިލަމެއްނުވެއެވެ. އެހެންނޫނީ ކޮންމެވެސް މީހަކު ފެންނަން ހުންނާއެވެ. އުމްނިއްޔާގެ ކުޑަކޮށް ހާސްވާން ފައްޓާފިޔެވެ. މަޑު ދުވެއްޔެއްްގައި އަންނަމުން އައި ދޯނި އައިސް އެރީ ރަށުގެ ނެރުމައްޗަށްށެވެ. މި މަންޒަރު ފެނިފައި ރަށު ރައްޔިތުން ކޮޅު ކޮޅަށް ދުވެ ޑިންގީތަކަށް އަރައިގެން ނެރާ ދިމާލަށް މިސްރާބުޖެހިޔެވެ. އުމްނިއްޔާ ހާސްވެ ތެޅި ފޮޅެންފެށިޔެވެ. ވެގެން މިއުޅެނީ ކީއްކަން ނޭނގޭތީއެވެ. ޑިންގީތަކުގައި ދިޔަ މީހުންތައް ދޯންޏަށް އަރާފިޔެވެ. ބައެއް މީހުން ހަޅޭއްލަވާ ރޮއެ ހޭރެން ފެށިޔެވެ. އުމްނިއްޔާ އަވަސް އަވަހަށް ކުދިންކޮޅު ގޮވައިގެން ގޮސް އާއިލާއާ ހަވާލުކުރުމަށްފަހު ދުވަމުން ބަނދަރުމައްޗަށް އަތުވެއްޖެއެވެ. އެއިރު ޑިންގީތަކުގައި ތިބި މީހުން ދޯނީގައި ވާތައް ޖަހައިގެން ބަނދަރަށް ދޯނި ގެންނަނީއެވެ. ކޮންމެ މީހެއްގެ މޫނުމަތިން ފެންނަމުންދިޔައީ ހާސްކަމާ ހިތާމައެވެ. ދޯނި ގެނެސް ބަނދަރާ ގާތްކުރުމާއެކު އުމްނިއްޔާއަށް ފެނިގެން ދިޔައީ ތައްޓުމަތީ އޮތް ލޭތަކާ އިންސާނުންގެ ގުނަވަންތަކެވެ. ދޯނީގެ ހުންގާނުގެޔަށް ނަޒަރު ހިނގާލިއިރު އުމްނިއްޔާގެ ލޯބިވާ ފިރިމީހާ އާދިލް އޮތީ ހުންގާނުމައްޗަށް ވެއްޓިފައެވެ. އޭނާ ލައިގެން ހުރި ޓިޝާޓުވަނީ ލެއިން ތަތްތެޅިފައެވެ. ބުރަކަށީގައި ވަކިތަކެއް ދަމާފައިވާ ބޮޑު ޒަޙަމްތަކެއް ފެންނަންހުއްޓެވެ. އެއްވެސް ބިރެއް ފިކުރެއްނެތި ބަލާކަށް ނުހުރެ އުމްނިއްޔާ ގޮސް ދޯންޏަށް އަރާ އޭނާގެ ލޯބިވާ ފިރިމީހާ ގައިގާ ބައްދާގަނެ ރޮއެ ހޭރެންފެށިޔެވެ. ދޯންޏަށް ރައްޔިތުންގެ ތެރެއިން ބަޔަކު އަރާ އުމްނިއްޔާއަށް ހިތްވަރު ދިނުމަށްފަހު އާދިލް ނަގައިގަނެގެން މަރުކަޒަށް ގެންދިޔުމުގެ މަސައްކަތްފެށިޔެވެ. އެހިނދު އާދިލް ކުޑަކޮށް ހޭއަރާ ލޯ ހުޅުވާލިވަގުތު ލޯބިވާ އަނބިމީހާ ފެނުމާއެކު ލޮލުން ކަރުނަތައް ފައިބައިގަނެ ބާރަކަށް ހަޅޭއްލަވަންފެށިޔެވެ. އޭނާއަށް ދިމާވި ނާމާންކަން އޭނާގެ ދެ ލޮލުންނާ ހަޅޭކުން އެނގިގެންދިޔައެވެ.

ބާރު ދުވެލީގައި އާދިލް ގެންގޮސް ސިއްޙީ މަރުކަޒަށް ވެއްދުނެވެ. ލިބިފައިވާ ޒަޙަމްތަކަށް ފަރުވާދެވެންފެށުނީ އެންމެ ފެންވަރުގައެވެ. އެއިރުގައި ރަށަށް ޒިޔާރަތްކުރި އަތޮޅުތެރޭ އެންމެ މޮޅު ދެ ޑޮކްޓަރުންވެސް ތިއްބެވެ. އެމީހުންވެސް އާދިލްއަށް ލިބިފައިވާ ޒަޙަމްތައްފެނިފައި ހައިރާންވިޔެވެ. ބުރަކަށީގައި ހުރި ބޮޑެތި ޒަޙަމްތައް ޖެހުނީ އާދިލް ހޭނައްތައިގެން ފަހާށެވެ. އެއަށްފަހު ތަދުކަނޑުވާ އިންޖެކްޝަންތައް ޖަހާ ވަކިން ކޮޓަރިޔެއްގައި އެޑްމިޓްކޮށްފައި ބޭއްވުނެވެ. ދަރިން ކައިރިއަށް ދުވަމުން ފިރިމީހާއަށް ކައިރިއަށް ދުވަމުން ލައްކަ ހާލެއްގައި އުމްނިއްޔާ ދިޔައީ ތެޅެމުންނެވެ. މިގޮތައް ހަފްތާއެއްވަރު އުޅެންޖެހުނެވެ. އާދިލް ހޭއެރުމާއެކު ކޮންމެ ފަހަރަކުވެސް ބާރަށް ލަވަނީ ހަޅޭކެވެ. އޭނާގެ ހަތަރެސްފައިގާ ހިފޭޓުމަށް ރަށުގެ އެންމެ ވަރުގަދަ ހަރު މީހުން ގެނެވިފައި އަބަދުވެސް ތިބެއެވެ. ކިޔެވެލިތައް ހުއްޓާނުލާ އަބަދުވެސް މުޅި ރަށުތެރޭގައި ކުރިޔަށް ގެންދިޔައެވެ. އިރުއޮއްސެން ގާތްވުމުން މީހުންތައް ގެޔަށްވަދެ ތަޅުލައެވެ. މުޅި ރަށް އޮންނަނީ ރޭގަނޑުވުމުން ފަޅުވެފައޭ ބުންޏަސް ގޯހަކަށްނުވާނެއެވެ. މިގޮތުގައި ދުވަސްތައްގޮސް ހަތަރުވަރަކަށް މަހަށް އެޅިތަނާހެން މަޑުމަޑުން މީހުން ރޭގަނޑު ބޭރުގައި އުޅެންފެށިޔެވެ. އާދިލްވެސް މިހާރުވަނީ މަރުކަޒުން ދޫކޮށްލެވިފައެވެ. ނަމަވެސް ދޭތެރެޔަކުން މީހާ ސަކަރާތްވެއެވެ. އަދިވެސް ލޯބިވާ އަނބިމީހާއަށް ވީގޮތްވެސް ކިޔާނުދެވެއެވެ. އާދިލްއަށް އާމްދަނީ ނުލިބޭތީ އުމްނިއްޔާ އަމިއްލައަށް މަސައްކަތްތައްފަށާގަތެވެ. ކޮންމެ ކަހަލަ މަސައްކަތެއްކޮށްގެންވިޔަސް އާއިލާ ބަލަހައްޓަން އޭނާ ބޭނުންވިޔެވެ. އުމްނިއްޔާގެ މަސައްކަތުން އާދިލްގެ ހުރިހާކަމެއް ބަލަހައްޓަމުން ދަރިންގެ ކަންތައް ކުރިޔަށްގެންދިޔައީ ބާރު ދުވެލީގައެވެ. މިގޮތައް ދެ އަހަރު ދެމިގެންދިޔައެވެ. މިހާރު އާދިލް ހުރީ ވަރަށް ބޮޑުތަން ރަނގަޅުވެފައެވެ. އަނބިމީހާ ދެއްކި ހިތްވަރަށް ނިހާޔަތަށް ޝުކުރުވެރިވެ ތައުރީފްގެ ބަސްތައް އޮއްސާލާ ދުވަހެއް ނުދާއެވެ. މިކަމާ އުމްނިއްޔާ ހުންނަނީ ވަރަށްވެސް އުފާއެވެފައެވެ.

 

އެއްދުވަހެއްގެ ހަވީރެވެ. އާދިލްއާ އުމްނިއްޔާ ދަރިން ގޮވައިގެން ތުނޑީކޮޅަށްދިޔައެވެ. ދަރިންކޮޅު ކުޅެންދޫކޮށްލުމަށްފަހު ހޮޅުއަށީގައި ދެމަފިރިން އިށީނެވެ. އެއަށްފަހު އުމްނިޔާގެ ހިތުގައި ހިފަހައްޓައިގެން ހުރި ބޮޑު ސުވާލު އާދިލްއަށް ކުރިޔެވެ.

އުމްނިއްޔާ : އާދިލް…. އެ ރޭގަ އަސްލު ކިހިނެއްތައްވީ؟

އާދިލް : (މޫނުމަތިން އޮއްދާ ހިއްލާފަހުރެ މާނޭވާލަމުން) އަހަރެން ކައިރީ ތި ސުވާލު ނުކޮށްފާނަންތަ؟

އުމްނިއްޔާ : އަހަރެންނަކީ އާދިލްގެ އަނބިމީހާ. އަހަރެންނަށް އާދިލް ކަމެއް ސިއްރުކުރާކަށް ނުޖެހޭނެ. އާދިލް…… އަހަރެންގެ އެދުވަހުގެ ހާލަތު އެނގޭނީ އަހަރެންނަށް އަހަރެން ކިރިޔަ ކިރިޔާ ހަމަ ނުވެއްޓި ހުރީ. އާދިލް ތިޔަ ވާހަކަ ކިޔާދިނީމާ އާދިލްގެ ހިތަށްވެސް ހަމަޖެހުންލިބޭނެ.

އާދިލް : އެއްވެސް މީހެއް ކައިރީ ނުކިޔާތި. އާދޭސްކޮށްފައި ބުނަން. އަހަރެން ބޭނުމެއްނޫން އިތުރު ސުވާލުތަކެއް އަންނާކަށް

އުމްނިއްޔާ : މިދެނީ ޔަގީންކަން އަހަރެންގެ ފިރިމީހާގެ ސިއްރުތައް އަހަރެން ހިފަހައްޓާނަން

އާދިލް : އެންމެ ރަނގަޅު. އެރޭ ވީގޮތަކީ……

ކުއްލިޔަކަށް އާދިލްގެ ނަޒަރު ހުއްޓިގެންދިޔައީ ދުރުގައި ހުރި ކަށިގަސްތަކުގެތެރެޔަށްށެވެ. އެ ގަސްތަކުގެތެރޭގައި މީހަކު އާދިލްއާ ދިމާލަށް ބަލަހައްޓާގެން ހުއްޓެވެ. އެއީ އާދިލްއާއެކު މަހަށް ދިޔަ ދޯނީގެ ބިދޭސީ ފަޅުވެރިޔެއްކަމަށްވާ އަންޖޫއެވެ. މުޅި މީހާވަނީ ކަޅުވެފައެވެ. ދެލޮލުންކުރެ އެއް ލޯ ވަނީ ވެއްޓިފައެވެ. އޭނާގެ ސިކުނޑީގެ އެއްފަޅި ފެންނަން ހުއްޓެވެ. އޭނާގެ މޭ ވަނީ އިރާ ހުޅުވާލެވިފައެވެ. އެތެރެހަށީގެ ގުނަވަންތައް ހުރީ ފެންނާށެވެ. އޭނާގެ އަތުގައި އޭނާގެ ހިތް އޮތެވެ. އޭނާ އެ ހިތް ނަގާ އާދިލްއާ ދިމާލަށް ދިއްކޮށްލުމާއެކު އާދިލް އިންތަނުން ފުންމާން ތެދުވެގަތެވެ. އެހިނދު އުމްނިއްޔާވެސް އާދިލް ބަލަން ހުރި ދިމާލަށް ނަޒަރު ހިނގާލިޔެވެ. ނަމަވެސް މީހަކު ފެންނާކަށްނެތެވެ. ކުއްލިޔަކަށް އާދިލް އޭނާގެ ކުދިންކޮޅަށް ގޮވާ ގެނެސް ލޯބިވާ އަނބިމީހާ އަތުގާ ހިފައިގެން ބާރު ހިނގުމެއްގައި ގޮސް އެންމެން ގެޔަށް ވެއްދުމަށްފަހު ދޮރު ލައްޕާ ތަޅުލިޔެވެ. އެޔަށްފަހު އެންމެން ކައިރީގައި އިރުއްސުމުން ބޭރަށް ނުދިޔުމަށް ބުނެލިޔެވެ. އަދި ގުރުއާން ކިޔަވަން ގިނަކުރުމަށް އަމުރުކުރިޔެވެ. އުމްނިއްޔާއަށް އާދިލްގެ މޫނުމަތިން ހާސްކަމާ ބިރުވެރިކަން ފެންނަމުންދިޔައެވެ. އުމްނިއްޔާ ގޮވައިގެން އާދިލް ގޮސް ކޮޓަރިޔަށްވަނެވެ. އެއަށްފަހު ލޯބިވާ އަނބިމީހާއާ ހަތަރުކަޅި ހަމަކޮށްލިޔެވެ.

އާދިލް : އުމްނިއްޔާ. އަހަރެން ފިޔަވާ އެހެން އެއްވެސް މީހަކު ދޯނިން އެދުވަހު ސަލާމަތުން ފެނުންތަ؟

އުމްނިއްޔާ : ނޫން. ކިހިނެއްވީ؟

އާދިލް : ގަސްތަކުގެތެރެއިން އަހަރެންނަށް އަންޖޫ ފެނުން.

އުމްނިއްޔާ : ކީކޭ؟

އާދިލް : އާނ އުމްނިއްޔާ. އަހަރެންނަށް އަންޖޫ ފެނުން އޭނާ ހުރީ ބިރުވެރި ސިފަޔެއްގަ

އުމްނިއްޔާ : (ހާސްވެފަ) އާދިލް އަހަރެން އެބަ ބިރުގަނޭ. އެރޭ ކިހިނެއްތަ ވީ؟

އާދިލް : އެރޭ އަހަރުމެން މަޑުކުރީ ފަޅުރަށެއް ކައިރި. އަހަރެންނާ އަންޖޫ ދިޔައީ ފީނައިގެން ބޯވަނަގާ ފަރުމަހަށް ދަނގަނޑު ޖަހަން. ވަކި ހިސާބަކަށް ދެވުނުތަނާ އަންޖޫ އަހަރެންނަށް ގެއްލުނު. އަހަރެން ވަރަށް ހޯދިން ނަމަވެސް ނުފެނުން. ހާސްވެ ކަންބޮޑުވާންފެށިން އަދި އަނބުރާ ދޯންޏަށް ގޮސް އަންޖޫ ގެއްލުނު ވާހަކަ ބުނިން އެހިނދު އެންމެން ތެޅި ހާސްވެގަތް އަންޖޫ ހޯދުމަށް މާކަރީ ލައިޓްތައްވެސް ދިއްލާލިން ނަމަވެސް ފެންނަގޮތެއްނުވި. އޭގެ ފަހުން އަހަރެން ދޯނީގެ ކުރީކޮޅުގައި ހުއްޓާ މާކަރީ ލައިޓްތައް ކުއްލިޔަކަށް ނިވިދިއްލެންފެށި. އެއަށްފަހު ދޯނީގެ ޖެނެރޭޓަރު ނިވި ލައިޓްތައްވެސް ނިވިއްޖެ. ދެން ފެނިގެންދިޔައީ މުޅި ދޯނި ވަށައިގެން ނޫކުލައިން ނިވިދިއްލެންފެށިތަން. ބިރުވެރި ނާމަން އަޑުތައް ދިޔައީ އިވެމުން. އަހަރެން ފަޅުރަށާ ދިމާލަށް ނަޒަރު ހިނގާލިއިރު ބޮޑެތި އަލިގުޅަތައް އުފުލެމުންދިޔަ. ދެން ފެނުނި ހިމަ ދިގު ތިން ހިޔަނި ގަސްތަކުތެރެއިން އުފުއްލާލިތަން. ކޮންމެ ހިޔަންޏެއްގެ ބޮލުގައި ދިގު ތެތް އިސްތަށިގަނޑެއްވޭ. އެ އިސްތަށިގަނޑުތެރެއިން ރީނދޫ ދެލޯ ދިއްލިފައިވާތަން ފެންނަންހުރޭ. ކޮންމެ ހިޔަންޏެއްގައި ހިމަ ދިގު ދެ އަތްވެސްވޭ އެ އެއަތުގައި ދިގު ތޫނު ނޭފަތިތައްވޭ. ކޮންމެ ނޭފައްޗެއް ބިންމަތީގައި އައިސް ޖެހިފައި ހުރި. އަހަރެން އަވަހަށް ބަލަން ނުހުރެ ދޯނި ނަގަލި ނެގުމަށް އެންގިން އަދި އަވަސް އަވަހަށް އިންޖީނު ސްޓާޓުކޮށް ނައްޓާލުމުގެ މަސައްކަތްފެށިން. އިރުކޮޅަކުން ފެނިގެން ދިޔައީ ނަގިއްޔަށް ދަމަން ހުރި މީހާ މޫދުތެރެޔަށް ވާގަނޑާއެކީ ދަމައިގަތްތަން އޭގެފަހުން ފެނުނީ ބޮކިޖަހާފަ ލޭތައް އަރާގަތްތަން. އަހަރެން ބަލަން ނުހުރެ ކަތިވަޅި ނަގައިގެން ގޮސް ވާގަނޑު ބުރިކޮށްލުމަށްފަހު އައިސް ދޯނި ނައްޓާލަން ހިފާލިން އެވަގުތު އެއްކަލަ ތިން ހިޔަނި އައިސް ދޯނި ވަށާލާފި. އެންމެން ދިޔައީ ހަޅޭއްލަވަމުން. ފެނިގެން ދިޔައީ ދިގު ވަކިތަކުން ފަޅުވެރިންނަށް ހަމަލާދީ ހަށިތައް ބުރިކުރަމުންދިޔަ މަންޒަރު. އަހަރެން ދޯނި ސްޕީޑް އެންމެ މަތިކޮށްލުމަށްފަހު ބާރަށް ދުއްވާލިން. ބައެއް ފަޅުވެރިން ތައްޓުމައްޗަށް ވެއްޓި ލައްކަ ހާނިއްކަވި. ނަމަވެސް އަހަރެން އެޔެއް ނުބަލަން. އެ ނާމާންކަމާ ވީހާވެސް ދުރަށް ދިޔައިން. ދޯނި ރަށާ ދުރަށްގޮސް އޮބާލި ހިސާބުން އަހަރެން ބުރަކަށީގާ ނޭފަތިތަކެއް ދަމާލާފި ނެގި ދިލަގަނޑާއެކު އަހަރެން ހޭނެތުން. އަހަރެންނަށް ހޭވެރިކަން ވީއިރު ތައްޓުމަތީ ދެފައި ވައްކޮށްލައިގެން އަންޖޫ އިނީ ފަޅުވެރިޔެއްގެ ބަނޑު ކޮނެލައިގެން ގުނަވަންތައް ނަގައިގެން ހަފާލަ ހަފާލައެވެ. އަހަރެން ބަލަން ނުހުރެ ކައިރީގާ އޮތް ކަތިވަޅިނަގާ އަންޖޫ ސިފައިގައި އިން ފުރޭތަޔަށް ހަމަލާދިނުމަށް ދުއްވައިގަތިން. އެ ދިޔަ ގޮތަށް ކަތިވަޅިން ފުރުތަމަވެސް ބޮލުގެ އެއްފަޅީގައި ޖަހާ ތަންގަނޑެއް ދުއްވާލިން އެޔަށްފަހު އޭނާގެ މޭމައްޗަށް ދެތިން ހަމާލާއެއްދިނިން. އަދި ތައްޓުމަށްޗަށް ވައްޓާލުމަށްފަހު އެއާ ހިފައިގަތިން. އެޔާއެކު އަހަރެން ނަގާ ހޫރުވާލީ ހުންގާނުގޭތެރެޔަށް. އަހަރެން ހޫރުވާލުމަށްފަހު ހިނދުކޮޅަކު ބަލަން ހުރެފައި އަންޖޫ ސިފައިގައި ހުރި ފުރޭތަ ކަނޑަށް ފުންމާލުމަށްފަހު ގެއްލުނު. އަހަރެން އަވަސް އަވަހަށް ބަލަން ނުހުރެ އިންޖީނު ސްޓާޓުކޮށްލުމަށްފަހު ރަށާ ދިމާލަށް ދަތުރުފެށިން. ނަމަވެސް ރަށް ފެންނަ ހިސާބަށް އާދެވުމާއެކު އަހަރެން ހޭނެތުން.

އުމްނިއްޔާ : ދެން އަހަރުމެންނަށް އެއްވެސް ސަލާމަތެއް އެބޮތްތަ؟

އާދިލް : ހާސްނުވޭ އުމްނިއްޔާ. އަހަރެން ފުރާނަ ހުރިހާ ހިނދަކު އަހަރެންގެ ލޯބިވާ އަނބިމީހާއާ ދަރިން ދިފާއުކުރާނަން.

  • – ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

ހަނދުވަރު ދިން އެރޭ …12

Next

ޙަޤީޤަތް ހޯދުމޭ 29

Next
November 10, 2024

ޙަޤީޤަތް ހޯދުމޭ 29

Previews
November 10, 2024

ހަނދުވަރު ދިން އެރޭ …12

4 Comments!

  1. Who says:
    November 15, 2024 at 11:36 am

    Ekkala exo ey dhw mi ulheny..
    Mihaa curious koh thi nimmaly dhw
    Waiting for the next part.
    BTW when next..
    Keep up the good work.

  2. What says:
    November 15, 2024 at 7:30 pm

    Exo
    I had enough ur mean.
    Never replies to anyone
    I hate you

  3. No one says:
    November 16, 2024 at 10:17 am

    Come on when next?????

  4. EXO EXO says:
    November 19, 2024 at 10:00 am

    ކެތްތެރިވެލައްވާ. ކޮންމެ ވާހަކަޔަކީވެސް ވަރަށް ރާވައިގެން ފަރުވާތެރިކަމާއެކު ލިޔާ ވަާހަކައެއް. ވީމާ ވަގުތު ނަގާނެ

Comments are closed.

Next Episodeރޭފަނާ – 2←


All Right Reserved!