ތިނެސްކަން ލޯބި (18)
ދަންވަރުގެ ވަގުތެވެ. މެހެފިލް ވިލާ ގަނޑުވަރުގެ ހާލަކީ ތޯއެވެ. އެންމެން ތިބީ އެމީހެއްގެ ކޮޓަރީގައި އަރާމު ތަންމަތިތަކުގައި ނިދާފައެވެ. ނަމަވެސް ދެ ލޮލެއް ފިޔަވައެވެ. އާދެ، ޒިވިއަން އާއި ޒާންއެވެ. ދެމީހުންގެ ޚިޔާލުގެ ވާފަށްވަނީ އެއްދިމާލަކަށް ގޮސް ހުއްޓިފައެވެ.
އަށާރަވަނަ ބައި
މީގެން ހިމަލެއްވެސްނެތި އަރާމުގައި މެހެކް ނިދާލާފައި އޮތް އިރު ޒުވާން ދެ ހިތެއްގެ ޝިކާރައަކަށް މެހެކް ވެފައިވާކަމެއް ނުދެނެހުއްޓެވެ. ޒާންގެ ވިސްނުމުން ޒިވިއަން އާއި މެހެކް އެކުގައިވި ތަސްވީރުގެ މަންޒަރު އަދި ވެސް ސިކުނޑިން ނުފިލާއިރު ޒިވިއަންވެސް ހަމައެފަދަ ހާލެއްގައެވެ. ތަފާތަކީ ޒިވިއަންއަށް އެ ތަސްވީރުން ޒާތެއްގެ ހިތްހަމަޖެހުމަކާއި އުފާވެރިކަމެއް ލިބައިދިން އިރު ޒާންގެ ހިތުގައި ނަފުރަތާއި ހިތާމައާއި މާޔޫސްކަން ފެންނަމުންދިޔުމެވެ. މިފަދަ ޚިޔާލުތަކެއްގައި ދެ ޒުވާނުން ވެސް ތިބިއިރު ނިދުނީ ކޮން އިރަކު ކަމެއް ވެސް ނޭނގެއެވެ.
އަނެއްދުވަހުގެ ހެނދުނުގެ ވަގުތެވެ. ޒިވިއަން އިނީ މުހިއްމު މަސައްކަތެއްގައި ކެބިންގައެވެ. އިރުކޮޅަކުން ޒިވިއަންއަށް ފޯނެއް އައުމުން ނަގާ ކާކުތޯ ބެލިއިރު ބައްޕަ ގުޅާތަން ފެނުމުން އަވަހަށް ނެގިއެވެ. “ކީކޭތޯ ބައްޕާ…” ޒިވިއަން ފޯނު ނަގާ ޖަވާބުދިނެވެ. “ދަރިފުޅު ބިޒީ ވަގުތެއްގައި ދޯ ބައްޕައަށް މި ގުޅުނީ…” ފޯނުގެ އަނެއްކޮޅުން ޒާލިމް ބުނެލިއެވެ. “ނޫނޭ..އެހާ ބިޒީއެއްނޫން..” ޒިވިއަން ބުނެލިއެވެ. “އެހެންވީއިރު..ދަރިފުޅު އައިސްބަލަ ގެއަށް…ބައްޕަ ކުޑަ ވާހަކައެއް ދައްކަން” މިހެން ޒާލިމް ބުނުމުން އެބަދަން ކަމަށް ބުނެ ކޯލު ކުރުކޮށްލިއެވެ. އެވަގުތު ފައިލުތަކެއް ހިފައިގެން އައި ލިބާއަށް މިދަނީ ކުޑަކަމަކު ގެއަށް ކަމަށްބުނެ މިއަދު މުހިއްމު ކަމެއްނެތީވިއްޔާ ގެއަށް ދިޔަޔަސް އެންމެ ރަނގަޅު ކަމަށް ބުނެ ޒިވިއަން ނިކުތީ ބޭރަށެވެ. ލިބާ ވެސް ގެނައި ފައިލުތައް ބަހައްޓާފައި ޒިވިއަން ނިކުމެގެން ދިޔަ ދިމާލަށް ބަލާފައި ކެބިން އިން ނިކުމެގެން ލިބާގެ ކެބިންއަށް ގޮސްވަނެވެ. އަދި އިތުރު މަސައްކަތެއް ނެތުމުން ދަބަސް ހިފައިގެން ގެއަށްދާން ނިކުތީ މަންސޫރުއާއިއެކުއެވެ.
ހަމައެވަގުތު ޒާންގެ މިސްރާބު ވެސް ހުރީ މެހެފިލް ވިލާ ގަނޑުވަރާއިދިމާލަށެވެ. ޒިވިއަން އާއި ޒާންއަށް އެކުއެކީ އާދެވުމުން ދެމީހުން ދެމީހުންނަށް ބަލާލުމަށްފަހު އިތުރު ބަހެއް ނުބުނެ ވަނީ އެތެރެއަށްށެވެ. ކޮންމެއަކަސް މި ފެނުނު މަންޒަރުން އެ ދެމީހުންގެ ގުޅުމުގައި ރެނދު ލައިފިކަން ގައިމެވެ. ގެއަށްވަތް އިރު ޒާލިމް ބޮޑު ސޯފާގައި އިނުމުން ބަސްއަހާ ކުޑަކުދިންތަކެއްފަދައިން ތިބެ ގޮސް ދެ މީހުން ވެސް އިށީނެވެ. އެއިރު ނޯކަރަކު ކޮފީ ތަށިތަކެއް ހިފައިގެން އައިސް މެޒުމަތީ ބަހައްޓަނީއެވެ. “ދަރިފުޅާ މެހެފިލް ވިލާއަށް އެބައޮތް ދަޢުވަތު ކާޑެއް ލިބިފައި..” ޒާލިމް ބުންޏެވެ. މިހެން ބުނުމުން ދެ ޒުވާނުން ވެސް ޒާލިމްއާއި ދިމާލަށް ބަލާލިއެވެ. “ކޮން ދަޢުވަތު ކާޑެއް” ވާހަކަދެއްކީ ޒާންއެވެ. “ބައްޕަ އެ ދައްކަނީ މި ކާޑުގެ ވާހަކަ” އިވުނީ ބަލްގިސްގެ އަޑެވެ. އަދި ވަރަށް ރީތި ޑިޒައިނަކަށް ހަދާލާފައި އޮތް ކާޑެއް ގެނެސް ޒާންއަތަށް ލައިދިނެވެ. ޒިވިއަން ވެސް އެއަށް ބަލާލިއެވެ. “ރޯޒް ގާޑަން އިންތަ؟” ފެންނަން އޮތް ލިޔުން ކޮޅަށް ބަލާލައިފައި ޒާން ބުނެލިއެވެ. ޖަވާބުގައި ޒާލިމް އާއެކެ ބުންޏެވެ. “ތިއީ މެހެކްގެ އުފަން ދުވަހުގެ ޕާޓީގެ ދަޢުވަތު ކާޑު” ވާހަކަދެއްކީ ތިރިއަށްފޭބި ޒޫނާއެވެ. މިހެން ބުނުމުން ޒާން ވެސް ރަނގަޅަށް އެއަށް ބަލައިލިއެވެ. ތެދެކެވެ. ފުރިހަމަ ޑިޒައިނަކަށް ވަރަށް ރީތި ފޮންޓަކުން ލިޔެލާފައިވާނީ މެހެކްގެ ޕާޓީގެ ދަޢުވަތުދޭ ވާހަކައެވެ.
“މިރޭ ޕާޓީ އޮތީ…މީޑިޔާތަކުގެ ކަޅި ހުއްޓޭނެކަން ދަންނާތި..މިހާރު ވެސްވަނީ އެމީހުންގެ ކަޅި މި ދެ ކުންފުންޏަށް ހުއްޓިފައި….ދަރިފުޅާ ޒިވިއަން ވިސްނައިގެން އުޅޭތި އިނގޭ..” ޒާލިމް ނަޞޭހަތްތެރިވިއެވެ. ޒާލިމް މިހެން ބުނުމުން ޒާން ބަލާލައިފަ ވެސް އިތުރު އެއްޗެއް ނުބުނެއެވެ.
މެހެކް ގެއަށް ދިޔައިރު ނިކަން ފޯރިލާފައި ނޯކަރުންތައް ހަރަކާތްތެރިވާތީ ފެނެއެވެ. އަދި ކުރިން ނުދެކޭ ބައެއް ވެސް އުޅޭތަން ފެނުނެވެ. އެތަނުން ނޯކަރަކު މަޑުކުރުވާފައި މެހެކް ސުވާލުކޮށްލިއެވެ. “ގޭތެރޭގައި ކަމެއް އޮތީތަ؟…ކޮން ބައެއް އެއުޅެނީ..” މެހެކް އަހާލިއެވެ. “ކުޑަ މެޑަމް…އަޅުގަނޑު ނޭނގެނީ…ކުޑަ މެޑަމް ސުވާލުނުކުރަނީ..” ނޯކަރު މީހާއަށް އިނގުނު ގޮތަކަށް ކޮށި ދިވެހިބަހުން ޖަވާބުދިނެވެ. އަދި މަޑުނުކޮށް ކުރިއަށް ދިޔައެވެ. “އަހާ…ދަރިފުޅާ ތިއައީ ތަ؟..” މެހެރުއްނިސާ ކުޑަކަމު ގޭތެރެއަށް އައިއިރު މެހެކް ފެނުމުން އަހާލިއެވެ. “މާމާ…ކޮންކަމެއް ގޭގައި އޮތީ…ބޭރު ބައެއް ގެނެސްގެން..ޕާޓިއެއް އޮތީތަ؟..” މެހެކް ސުވާލުކޮށްލިއެވެ. “އެއީ ދެން މާމަ އައިމާ މާމަގެ ރައްޓެހިންނަށް ސައެއް ދޭންވެގެން ކުޑަ ޕާޓީއެއް ބާއްވަނީ” މެހެރުއްނިސާ އަވަހަށް ޖަވާބެއްދިނެވެ. މިފަހަރު މެހެކް ވެސް ނިކަން އަވަހަށް މާމަގެ ޖަވާބު ޤަބޫލުކޮށް ކޮޓަރިއަށް ދާން މިސްރާބުޖެހިއެވެ. “ދަރިފުޅާ..ދަރިފުޅުގެ އެނދުމަތީގައި އޮންނާނެ ކޮތަޅެއް..އޭގައި އޮތް އެއްޗެއް ލައިގެން މިރޭ 20.30އަށް ރޯޒް ގާޑަން ބަގީޗާއަށް އަންނަންވާނެ އިނގޭ” މެހެކް ދާން ހިނަގއިގަތުމުން މެހެކަށް އަޑު އިވޭވަރަށް މެހެރުއްނިސާ ބުނެލިއެވެ. ޖަވާބުގައި އާއެކޭ ބުނެ ގޮސް ކޮޓަރިއަށް މެހެކް ވަނެވެ.
މެހެކް ކޮޓަރިއަށްވަތްތަނުން މާމަ އެބުނާ ކޮތަޅެއް އެނދުމަތީ ބަހައްޓާފައި ހުއްޓާ ފެނުނެވެ. އަވަހަށް ކޯއްޗެއް ތޯ ބަލަންވެގެން ކޮތަޅު ހުޅުވާ ބަލައިލިއިރު އޮތީ ވަރަށް ރިތި ޕާޓި ހެދުމެކެވެ. މެހެކްގެ ރީތި ހަށިގަނޑަށް ހެޔޮވަރު މެކްސީއެކެވެ. ހެދުމާއިއެކު ބޭނުންކުރާ ގަހަނާ އާއި އެނޫން ވެސް ތަކެތި ހަމަކޮށްދީފައި ހުއްޓެވެ. ހެދުން ގައިގައި ޖައްސާ ރީތި ތޯ ބަލާލުމަށްފަހު ރީތިކޮށް އަލަމާރީގައި އަޅުވާފައި މެހެކް ވަނީ ފާހާނާއަށެވެ.
ރޭގަނޑުގެ ވަގުތެވެ. ރޯޒް ގާޑަންގެ ބަގީޗާތެރެވަނީ ބޮކިފަތިތަކުން މުޅިތަން ދިއްލާފައެވެ. ރޭގަނޑުގެ ކެއުމަށް ފެންވަރުގެ ތަކެތި ތައްޔާރުކޮށްފައިވާއިރު މިރެއަށް ޚާއްސަކޮށް އޯޑަރކުރި ދެބުރި ކޭކެއް ވެސްވަނީ ބަހައްޓާފައެވެ. ކުޑަވަރެއްގެ ސްޓޭޖެއް ހުރިއިރު ސްޓޭޖުގެ ކައިރީގައި ކޭކު މޭޒުވަނީ ބަހައްޓާފައެވެ. އަދި ބެކްޑްރޮޕްގެ މެދުގައި ރީތި ރަން އަކުރުތަކަކުން ހެޕީ ބާރތްޑޭ މެހެކް ވަރަށް ރިތި ފޮންޓަކުންވަނީ ޖަހާފައެވެ. ބަގީޗާގެ އެތަންމިތަނުގައި ވަށް މޭޒުތަކެއްވަނީ އަތުރާލާފައެވެ. ކޮންމެ މޭޒެއްގައި ހުދު ފޮތިއަޅާ ސެންޓަރޕީސްތަކެއް ވެސް ވަނީ ބަހައްޓާލާފައެވެ. މުޅި އެތަން ދިއްލާފައިއޮތް އިރު ކިތައްމެހާ ވެސް ރީއްޗެވެ.
މިރެއަކީ ރޯޒް ގާޑާންއަށް ވަރަށް ވެސް އުފާވެރިރެއެކެވެ. ނޯކަރުންތަށް ވެސް އަވަދިނެތި އުޅެނީ މެހެމާނުން އަންނަންވާއިރަށް އެމީހުންގެ އަތްމަތި އަވަސްކޮށްލެވޭތޯއެވެ. ޕާޓީފެށެން އަދި ދިހަ މިނަޓު އޮތް އިރު މިހާރު ވެސް ރޯޒް ގާޑަން ގޭ ކައިރީ މެހެމާނުންތައް ހަރަކާތްތެރިވާތަންފެނެއެވެ. ގޭގެ އަހުލުވެރިން ތިބީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ފުރިހެންވެރިން ހުދުގަމީހާއި މަތިން ކްރީމް ކުލައިގެ ކޯޓެއް އަދި ތިރިން ހަމައެކުލައިގެ ފަޓުލޫނު ލާފަ ހުރި އިރު ކިތައްމެހާ ވެސް ރީއްޗެވެ. އަންހެންވެރިން ވެސް ކްރީމްކުލައިގެ ވިދާ ޒާތްޒާތުގެ ހެދުންއަޅާފައިވާއިރު ބޭނުންކޮށްފައިވަނީ ވެސް އެންމެ އަގުބޮޑެތި ގަހަނާއެވެ.
މެހެކްހުރީ ލޯގަޑު ކުރިމަތީ މެހެރުއްނިސާ ދިން ވިދާ ރީތި ގަދަ މުށިކުލައިގެ މެކްސީއެއްލައިގެންނެވެ. ކަންފަތުގައާއި ކަރުގައި އެއްވައްތަރުގެ ގަހަނާ ބޭނުންކޮށްފައިވާއިރު ބޮލުގެ އިސްތަށިގަނޑުވަނީ އޮޅާފައި ހުޅިއެއްޖަހާ ހަރުކޮށްފައެވެ. އަދި ކުރިމަތިން ދެތިން އިސްތަށިކޮޅުކޮޅު ވައްޓާލައިފައި ހުރުމުން ވަރަށް ރީއްޗެވެ. މެހެކްގެ މޫނާ އެންމެ ގުޅޭ މޭކަޕެއްކޮށްފައި ހުރުމުން ފެންނަނީ އުޑުންފައިބައިފައި ހުރި ތަރިއެއްހެންނެވެ. މިރޭ ގިނަ ބައެއްގެ ބެލުންތައް މެހެކަށް އަންނާނެކަން އެއީ ޝައްކެއްވެސް އޮތްކަމެއްނޫނެވެ.
ރޯޒް ގާޑަންގެ ކުރިމައްޗަށް ހުއްޓާލި ޒެޑްސްގެ ކާރުން ފޭބި މެހެފިލް ވިލާ ގަނޑުވަރުގޭ މީހުންނަށް ގިނަ ބައެއްގެ ސަމާލުކަންވަނީ ދެވިފައެވެ. ވަކިން ޚާއްސަކޮށް ކާރުން ފޭބި ޒިވިއަންއަށެވެ. އެހިސާބުގައި މީޑިޔާތަކުން ވެސް ހަރަކާތްތެރިވާތަންފެނެއެވެ. އަދި ވެސް މެހެކާއި ޒިވިއަންގެ ޚަބަރުތައް ތުންތުންމަތިން އިވެމުންދާކަން އިނގެނީ އެމީހުންގެ އަޑުތަކުންނެވެ. ގިނަ ސެކިއުރިޓީން ތިބުމުގެ ސަބަބުން ޒިވިއަންމެންނާއި ހަމައަށް ނޫސްވެރިންނަށް ދެވޭނެގޮތެއްނެތެވެ. ވުމާއިއެކު ނިކަން ފަސޭހައިން ރޯޒް ގާޑަން ގޭތެރެއަށް ވަދެގެން ދިޔައެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



vrh reethi 16 17 18 thin part ves
when next .curiously waiting
keep it up
lots of love
awww so lovely…..
insha allah soon 🙂
I looked it, so curious for the next part..🥹❤️
awww so lovely…..
insha allah soon 🙂