ތިނެސްކަން ލޯބި (16)
ކާރު ގޮސް ރޯޒް ގާޑެން ކުރި މައްޗަށް މަޑުކުރިއެވެ. “ދަނީ….” މިހެން ބުނެ މެހެކް ކާރުން ފައިބަން އުޅުނެވެ. އެއާއިއެކު ޒިވިޔަން ކުއްލިއަކަށް މެހެކުގެ އަތުގައި ހިފަހައްޓާލިއެވެ. ސުވާލުގެ ނަޒަރަކުން ޒިވިޔަންއާއި ދިމާލަށް މެހެކް ބަލާލިއެވެ. “ހުރޭ…” ޒިވިޔަން ބުނެލީ މިހެންނެވެ. ޒިވިޔަންގެ އެ ބުނުމުގެ މާނަ މެހެކަށް ނޭނގުނެވެ. އެހެންވެ އިނދެވުނީ ޒިވިޔަންއާ ދިމާލަށް ބަލަހައްޓައިގެންނެވެ. “މިބުނީ…..އަހަރެންގެ ހުރެޔޭ ލޯބިވާ މީހެއް….ގާލް ފްރެންޑެއްނެތަސް ލޯބިވާ މީހެއް ހުރެދާނެޔޭ ބުނީމެއްނުން…ސޯ ޔެސް އަހަރެން ވަރަށް ވަރަށް ބޮޑަށް ލޯބިވާ މީހެއް އެބަހުރި….މީގެ އެތައް އަހަރެއްގެ ކުރިން އަހަރެން އޭނަދެކެ ލޯބިވީ….އެތައް އަހަރެއް ފަހުން ޚަބަރެއްނުވެ ހުރެފަ ކުއްލިއަކަށް ފެނުމުން ނޭނގޭ ވީގޮތެއް ވެސް…” މިފަހަރު ޒިވިޔަން ވަރަށް ތަފްސީލާއެކު މެހެކަށް ޖަވާބުދިނެވެ. ޒިވިޔަން ލޯބިވާ މީހަކު ހުރެޔޭ ބުނުމުން ދެކުނު ހުވަފެންތައް ވިއްސިވިހާލިވީހެން މެހެކަށް އިހުސާސުވިއެވެ. ލޯބި ކާމިޔާބުވުމުގެ ކޮޅުމަތިފެނިފައި ނާކާމިޔާބުގެ ރަހަ ލައިފި ކަހަލައެވެ. “މިހާރު ކޮބާ އެކުއްޖާ…” ވަރަށް ހިތްވަރުކޮށްފައި މެހެކް އަހާލިއެވެ. ޒިވިޔަންގެ ކުރިމަތީގައި މެހެކްއަކީ ބަލި މީހެއްގެ ގޮތުގައި ދައްކަން ބޭނުންނުވަނީ ކަންނޭނގެއެވެ. ޒިވިޔަން އިނީ މެހެކްގެ މޫނަށް އަރާކުލަތައް ބަލަންށެވެ. ކުޑަކޮށް މާޔޫސްވީ އެއްވެސް އަސަރެއް ދައްކާނުލާ މެހެކް އިންހެން ހީވުމުންނެވެ. “ވަރަށް ގާތުގައި….އަހަރެންގެ ލޯ ކުރިމަތީ…” ޒިވިޔަން ބުނެލިއެވެ. މެހެކް އިނީ ޒިވިޔަން އެބުނި އެއްޗެއްގެ މާނަ ދެނެނުގަނެވިފައެވެ. ޒިވިޔަން މެހެކްގެ އަތުން ދޫކޮށްލުމުން ކާރުން ފޭބިގޮތަށް ކުރިއަށް ހިނގައިގަތީ ފަސްއެނބުރި ބެލުމެއްނެތިއެވެ. ޒިވިޔަން ވެސް ކާރު ދުއްވާލީ އިރުކޮޅަކު މެހެކްދިޔަ ދިމާލަށް ބަލަން އިނުމަށްފަހުއެވެ.
ސޯޅަވަނަ ބައި
ލިބާ އޮތީ އެނދުމަތީގައި ވަރަށް ފުން ވިސްނުމެއްގައެވެ. މީހަކަށް ނޭނގުނަސް އޭނާ އެންމެ ކުޑައިރުންފެށިގެން ވެސް ފުރާ ފުރިހަމަވެ ޒުވާން ޢުމުރަށް އެޅިގެން ދިޔައިރު ވެސް ލިބާގެ ހިތުން ހަމައެކަނި ޖާގައެއްދެވުނީ އެންމެ ފަރާތަކަށްށެވެ. އަބަދުމެ ލޯދުށުމަށް އެދެވުނީ ވެސް ލޯބިވާލެއް ބޮޑުކަމުންނެވެ. ޒިވިޔަންގެ ޕީއޭގެ މަޤާމަށް އޭނާކުރިމަތިލީ ވެސް ޒިވިޔަންއާއި އެންމެ ގާތުގައިވުމަށް ހިތް އެދޭތީއެވެ. އޭނަގެ ހުވަފެންތަކުގައި ކޮޅުފައިންޖަހާފައި ވެސް ޒިވިޔަންގެ ގާތުގައި ހުރެވެނިކޮށް އެ ނިމުނީއެވެ. ނަމަވެސް މިހާރު ކަންތައްވަމުންދާ ގޮތުން ލިބާގެ އުއްމީދުގެ ކުޑަކުޑަ ކަނިކޮޅު ވެސް ނިވުމަކާ ގާތްވިކަމުގެ އިހުސާސެއްކުރުވައެވެ. ޒިވިޔަންއަކީ ފެންނަ ކޮންމެ އަންހެން ކުއްޖަކަށް ބަލާ ވެސްލާނެ މީހެއް ނޫންކަން ހުދު ލިބާއަށް ވެސް އިނގެއެވެ. ވީއިރު މެހެކްއާއި އޮތް ގުޅުމަކީ ކޮބައިކަން ލިބާއަށް އަދި ނޭނގުނަސް ޒިވިޔަންގެ ޢަމަލުތަކުން މެހެކާއިމެދު ދެކޭ ނަޒަރިއްޔާތު ބަދަލުކަން އިނގެއެވެ. މިފަދަ ޚިޔާލުތަކެއްގައި ބަނދެވެމުންދަނިކޮށް ލިބާގެ ކޮޓަރީގައި ޓަކިޖަހާލުމަށްފަހު ލިބާގެ މަންމަ މުރުޝިދާވަދެއްޖެއެވެ.
“ހާދަ ފުން ވިސްނުމެއްގައި…” މަންމަ ފެނުމުން ތެދުވެލި ލިބާއާ މުޙާތަބުކޮށް މުރުޝިދާ ބުނެލިއެވެ. “ތީ..މަންމައަށް ހީވާ ގޮތް…ކޮންކަމަކާ އަހަރެން ވިސްނާނީ..” ލިބާ ބުނެލީ މިހެންނެވެ. “ދަރިފުޅު ތިހެން ތިބުނީ މަންމަ ކައިރީ ތަ؟….މަންމައަށް އިނގޭ ދަރިފުޅުގެ ވިސްނުންދާނީ ކޮން ދިމާލަކަށްކަން….މިހާރު ކިތައް އަހަރުމިވީ….ދަރިފުޅު ޒިވިޔަނގެ ޕީއޭގެ މަޤާމަށް ވެސް ތިދިޔައީ ދަރިފުޅު އެންމެ ބޭނުންވި ކެބިންކްރޫ ވެސް ދޫކޮށްލައިފަ…..ހުވަފެންތައް ވިއްސިވިހާލި ކޮށްލަން ހައްޤުތަ؟…” މުރުޝިދާ ދެއްކި ވާހަކަތަކުން ލިބާއަށް އިސްޖަހާލެވުނެވެ. މީ ދުވާލުފަދައިން މުރުޝިދާއަށް ލިބާގެ ހުރިހާ ކަމެއް އިނގޭ ކަހަލައެވެ. މަޔަކަށް ދަރިއެއްގެ އިހުސާސު ނޭނގިދާނެ ހެއްޔެވެ؟
“މަންމާ…އަހަރެން ވަރަށް ލޯބިވޭ ޒިވިއަންދެކެ…ނޫންނަމަ އެ އޮފީހުގައި މަސައްކަތްކުރާކަށް ނުދާނެއެއްނުން…” ލިބާ ބުނެލިއެވެ. “އެހެންވީއިރު ދަރިފުޅު ކީއްވެ މާޔޫސްވެފަ ތި އިންނަނީ……ޒިވިއަންގެ ހިތުގައި ދަރިފުޅާމެދު ކުޑަ ވެސް ޝައުގުވެރިކަމެއް ހުންނަނަމަ ދަރިފުޅާމެދު ޢަމަލުތައް ބަހައްޓާނީ ނިކަން ލޯބިން….” މުރުޝިދާ ބުނެލިއެވެ. މުރުޝިދާގެ ވާހަކަތައް ލިބާއަށް ޤަބޫލުކުރެވޭ އިރު ވެސް އެކަން ޤަބޫލުނުކުރަން ހިތެއް އެއްބަހެއްނުވެއެވެ. “ދެން ހިނގާ ކާންދާން..އބައްޕަ ވެސް އެބަ އިންނެވި ދަރިފުޅުގެ އިންތިޒާރުގައި” މުރުޝިދާ އަސްލުއައި ބޭނުން ހާމަކުރިއެވެ. ލިބާ ވެސް މަންމައާއިއެކު ނިކުތީ ރޭގަނޑުގެ ކެއުމަށެވެ.
ރޯޒް ގާޑަން ގޭތެރެއިންނެވެ. މެހެކް އިނީ މެހެކްއަށް ޙާއްސަކޮށްފައިވާ ކުޑަވަރެއްގެ އޮފީސް ބައެއްގައި އޮފީހުގެ މަސައްކަތެއްގައެވެ. އެހެން އިންދާ ފޯނެއް އައެވެ. ގުޅަނީ ޒާންކަމުން ލަސްނުކޮށް މެހެކް އެ ކޯލު ނެގިއެވެ. “ހާއި…މެހެކް” ކޯލުގެ އަނެއްކޮޅުން އިވުނީ ޒާންގެ ފިރިހެންވަންތަ އަޑެވެ. “ހޭ ޒާން…ހާދަ ނުގަޑިއެއްގައި..” މެހެކް ބުނެލިއެވެ. “މެހެކްމަތިން ހަނދާންވާތީ ހަމަ ގުޅާލީ…” ޒާން ބުނީ ހަޤީޤަތަށް ވިޔަސް މެހެކް އެއީ ސަމާސާއެއްކަމުގައި ދެކުނެވެ. “އަހަރެންމީ ކާކު މީހެއް އަހަރެންގެ މަތިން މިސްވާން…ހެއްހެއް ޒާން މަތިން މިސްވާޏެ ބައިވަރު ކުދިން މި އުޑުދަށުގައި އުޅޭނެކަން މަށަށް އިނގޭ…” މެހެކް ހިނިގަނޑެއްޖަހާލައިފައި ބުނެލިއެވެ. “ހަމަ މެހެކް މަތިން މިސްވާ މެހެކް ދެކެ ލޯބިވާ މީހެއް ވެސް ހުރެދާނެއެއްނުން…” ޒާން ބުނެލިއެވެ. “އަނެއްކާ ޒާން އަހަރެންދެކެ ލޯބިވަނީތަ…” މެހެކް ޒާން އެކުރަނީ ސަމާސާއެއްކަމަށްހީކޮށް ބުނެލިއެވެ. މެހެކްގެ ވާހަކަ ހުރި ގޮތުން ޒާންގެ ވާހަކަ ޤަބޫލުނުކުރާކަން ދެނެގަނެވުނެވެ. އެހެންވެ ޒާން ވެސް މިކަން އެހާ ސީރިޔަސްކަމަށް ނުހަދާ އެހެން ވާހަކަތަކެއްދައްކަން ފެށިއެވެ. އެންމެ ފަހުން ފޯނު ކަނޑާލަން ޖެހުނީ ވެސް މެހެކް ނިދި އައިސިކަމަށް ބުނީމައެވެ. ވަދާޢުގެ ސަލާމް ބުނުމަށްފަހު ދެކޮޅުން ވެސް ފޯނު ކަނޑާލިއެވެ.
އުޖާލާ ދުވަހަކަށް މަރުޙަބާ ކިޔައިފިއެވެ. ރޯޒް ގާޑަންގެ އަހުލުވެރިން ތިބީ ހެނދުނުގެ ވަޔަށް އިންޞާފުކުރާށެވެ. ހިމޭން މާހައުލުގެ ތެރެއިން އިވުނީ މަމްދޫހު އަޑެވެ. “ދަރިފުޅާ މެހެކް..އޮފީސް ކަންތައްދަނީ ކިހިނެއް؟..” މަމްދޫހު ވާހަކަދެއްކީ މެހެކާއެވެ. “ހަމަ ވަރަށް ބަރާބަރު….އޮފީހުގެ ހުރިހާ މުވައްޒަފުން ވެސް އަޅުގަނޑަށް ވަރަށް އިޚްތިރާމްކުރޭ…ވަރަށް ގުޅޭ އެންމެން ވެސް” މެހެކް ބުނެލިއެވެ. ވަރަށް އަވަސް އަރުވާލާފައި މެހެކް ސައިބޮއިގެން ތެދުވީ އޮފީހުގައި ވަރަށް މުހިއްމު މީޓިންގ އެއް އޮތިމަ އެކަމަށް ތައްޔާރުވެލަން ކުރިން ދާންޖެހޭ ވާހަކަ ބުނެފައެވެ. މަމްދޫހުގެ ހުއްދަ ލިބުމުން މެހެކް ތެދުވެގެން ގެއިން ނިކުތެވެ. “ދަރިފުޅުމެންގެ މާމަ އަންނާނެ މިއަދު..” މަލައިކާ އިއްވާލި ޚަބަރަކުން މާއިޒު އާއި މާއިޝްގެ އިތުރުން ކިޔާރާ ކުއްލިއަކަށް ބަލާލިއެވެ. “އެއީ ތެދެއް…މާމަ އެ އަންނަނީ މެހެކްގެ އުފަން ދުވަހަށް…އެކޮޅުގައި ތިބި އެންމެން ވެސް އަންނާނެ” މަމްދޫހު ބުނެލިއެވެ. “ކީއްވެ މެހެކް ކައިރީ ނުބުނީ” މާއިޒު އިނދެފައި އަހާލިއެވެ. “ދަރިފުޅަށް ވެސް އިނގެއެއްނުން މާމަގެ ގޮތް….މާމަގެ ޢަމުރާ ޚިލާފުވާޏް މަންމަ ކީއްކުރަން ބައްޕައަށް ވެސް ކެރޭނެތަ؟” މަލައިކާ ބުނެލި ގޮތުން އެމީހުން ކައިރީއަށް ހިނިއައެވެ. “ހެއްހެއް..އެބުނާހެން..މާމަ އެންގީ ދޯ….މެހެކް ކައިރީ ނުބުނަން ސަޕްރައިޒްއަކަށް…” މާއިޝް ބުނެލި ވާހަކައަށް މަލައިކާ އާއި މަމްދޫހު ހިނިއައިސްފައި އިނދެ ބޯޖަހާލިއެވެ.
ފޯރ ޒެޑް ކުންފުނީގައި ޒިވިއަންގެ ކެބިންގައި ހުރި އިސްކޮޅުވަރުގެ ބިއްލޫރި ދޮރު ކައިރީ ދެ ޖީބަށް އަތްޖަހާލައިގެން ޒިވިއަން ހުރީ ބޭރު ބަލާށެވެ. ދުރުދުރުން ފެންނަ މާސިންގާ ކަނޑުގެ ރާޅުތައް ހަރަކާތް ކުރާ މަންޒަރުން ހިތަށް އުފާވެރިކަން ލިބެނީ ކަންނޭނގެއެވެ. ޚިޔާލުތައް އެކި މިސްރާބުތަކަށް ދަތުރުކުރާކަން އިނގެނީ މޫނުމައްޗަށް ގެންނަ ހަރަކާތްތަކުންނެވެ. “ޒިވް…ބަލަ ކޮން ޚިޔާލެއްގައި..” ރާކިންގެ އަޑަށް ޒިވިއަން ދިޔައީ ސިއްސައިގެންނެވެ. “އެއްވެސް ޚިޔާލެއްގައެއްނޫން….ރެކް ކޮން ދަތުރެއް..” ޒިވިއަން އެއްވެސް ޝުޢޫރެއް ފާޅުނުކޮށް ބުނެލިއެވެ. “ޚިޔާލެއްގަ ނޫންނަމަ އަހަރެން އެހާ ވަރަށް ގޮވިއިރު ވެސް އަޑެއްނީވުނުވިއްޔާ….މިދެން ހަމަ އައިސްލީ…ހިނގާބަލަ ސަޔަށް…” ރާކިން ބުނެލިއެވެ. “އޯކޭ…ހިނގާ..” ޒިވިއަން މިހެން ބުނެ މިސްރާބުޖެހީ ނިކުންނާށެވެ.
މެހެކް އޮފީހަށް ވަދެގެން ދިޔައިރު މުވައްޒަފުންގެ ނަޒަރުތައް މިއަދު ތަފާތުކަން ފާހަގަކުރެވުނެވެ. އަދި އިރުއިރުކޮޅުން މެހެކާ ދިމާލަށް ބަލާކަން ވެސް ފާހަގަކުރެވުނެވެ. ކުޑަކޮށް ހައިރާންވެހުރެ މެހެކް ގޮސްވަނީ އޭނާގެ ކެބިންއަށެވެ. އިރުކޮޅަކުން ދުމެއް ޖަހާފައި ޝާޔާ އައިސް މާނޭވާލަމުން ވާހަކައެއް ބުނެވޭތޯ ބެލިއެވެ. ނަމަވެސް ނުބުނެވުމުން ދިއްކޮށްލީ އަތުގައި އޮތް ޓެބުލެޓެވެ. މެހެކް ނިތަށް ރޫއަރުވާލަމުން އޭގައި ހިފާ އޭގައި އޮތް އެއްޗަކަށް ބަލާލިއެވެ. އެއާއިއެކު މެހެކްގެ ދެ ލޯ ދިޔައި ތަންމިނަށް ހުޅުވިގެންނެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Vv reethi
hehe thanks 🙂