ތިނެސްކަން ލޯބި (14)
އާރާ ހުރީ ޒެޑްސްގެ ބޭރުގައި މެހެކްމެންގެ އިންތިޒާރުގައެވެ. އެހެން ހުއްޓާ އޮފީސް ދޮރުމައްޗަށް ހުއްޓާލި ރަން ކުލައިގެ ކާރުން ފޭބީ ޒުވާން އަންހެން ވިޔަފާރިވެރިޔާ މެހެކްއެވެ. ގާތުގައު އަންހެން ކުއްޖެއް ހުރުމުން އެއީ މެހެކްގެ ޕީއޭކަން ލަފާކޮށްލަން އާރާއަށް އިނގުނެވެ. “އައްސަލާމްއަލައިކުމް…މިސް މެހެކް…މިސްޓަރ ޒާން ފޮނުވައިގެން އަޅުގަނޑު މިހުރީ މިސް މެހެކްގެ އިންތިޒާރުގައި…ދުރުވޭ…ސާރމެން ތިއްބެވީ މިސް މެހެކްގެ އިންތިޒާރުގައި މީޓިން ހޯލުގައި..” މެހެކް ފެނުމުން އާރާގެ ހިތުގައި ހަސަދަވެރިކަން އުތުރިއަރައިގަތަސް ނުހަނު އަދަބުވެރިކަމާއެކު ވާހަކަދެއްކީ ޒެޑްސްގެ އަގު ހިފަހައްޓަން ކަންނޭނގެއެވެ. ވިޔަފާރިވެރިންގެ މާލަމުގައި ޒާންގެ ނަޒަރު މެހެކްއަށް ހުއްޓޭވަރުން ޒާންގެ ހިތުގައި އޮތް އެއްޗެއް އާރާއަށް އިނގެއެވެ. ނަމަވެސް ޤަބޫލުކުރަން ބޭނުންނުވަނީއެވެ. މެހެކްމެން ގޮވައިގެން އާރާ އޮފީހަށްވަދެ މީޓިން ހޯލަށް މިސްރާބުޖެހިއެވެ.
ސާދަވަނަ ބައި
މީޓިން ހޯލުގައި ތިބި ވަގުތެވެ. ޒިވިއަން މި މިޓީންގައި ތަނުގެ ހެޑުން ބައިވެރިކުރަން ކިޔާފައި ފަހުވަގުތު ހަމައެކަނި ޒިވިއަންއާއި ލިބާގެ އިތުރުން ޒާން އާއި އާރާ ބައިވެރިވާން ނިންމީއެވެ. ބޭނުމަކަށްވީ އޮފީސް ވާހަކަދެއްކުމުގެ ބަދަލުގައި ކުރިން އެ ތިން މީހުންގެ މެދުގައި އޮތް ގުޅުން ގާއިމުކުރުމެވެ. މި މީޓިންގައި އާރާ އާއި ލިބާ ވެސް ބައިވެރިކުރީ އޮފީސް ވަގުތުތަކުގައި އެއީ ޕީއޭއިންނަށް ވިޔަސް ރަސްމީ ވަގުތު ފަހަނައަޅާ ދިޔުމުން އެއީ ގާތް އެކުވެރިންކަމަށްވާތީއެވެ. އެ ދެމީހުންގެ ހިތުގައި އޮތް އެއްޗެއް ނޭނގޭޏާ ވާނީ ވެސް އެހެންތާއެވެ.
“ހާއި…..ޑޯލް” ޒާން ގޮވާލި ނަމަކުން މެހެކް ކުއްލިއަކަށް ޒާން އާއި ދިމާލަށް ބަލާލިއެވެ. ޝާޔާ ވެސް އަދި ދެން ތިބި ލިބާ އާއި އާރާ ވެސް ހައިރާންވިއެވެ. ޝާޔާ އެއްޗެކޭ ބުނަން އުޅުމުން އެކަން ހުއްޓުވީ މެހެކެވެ. “ހާއި…ޒޭން….އަހަރެން ހީކުރީ ހަނދާންވެސްނެތީކަމަށް” ޒާން ގޮވާލި ނަމަކުން އެމީހުންގެ މަޤްސަދު ނިކަން އަވަހަށް މެހެކަށް ވިސްނުނެވެ. “ޕްރޮފެޝަން” އަދި “ބިޒްނަސް” މި ދެ ނަން އެއްކައިރިކޮށްފައި “ފްރެންޑްލީ” ގެ ނަމުގައި ފަވާލަންކަން ވިސްނުނެވެ. އެހެންވެ ވާހަކަދެއްކީ ވެސް ނިކަން ގާތްކޮށެވެ. “ހެއްހެއް..އަހަރެން ކަންނޭނގެ ތިހެން ބުނަންޖެހޭނީ….މެހެކްމެން ލަންޑަނަށް ބަދަލުވިފަހުން ޚަބަރެއް ވެސްވީކީ ނޫން…މަމްދޫހު އަންކަލްމެންގެ ޚަބަރު ލިބުނަސް މެހެކްއާއި ހަމައެއްކޮށް ކަނެކްޝަން ދިޔަކަހަލަ….” ފެށީ އުފަލުން ކަމަށްވިޔަސް ނިންމާލަމުން ޒާން ދެއްކި ވާހަކައިން މެހެކް ވެސް މާޔޫސްވިއެވެ.
އެވަގުތު ދޮރުގައި ޓަކިޖަހާލުމުން ދައްކަން ހުރި ވާހަކަތައް ފަހަށް ބަހައްޓާފައި ވަންނާށޭ ޒިވިއަން ބުންޏެވެ. ކޮފީގެ ވަސްގަނޑު މުޅި ސަރަހައްދަށް ފެތުރިގެންދިޔައެވެ. އަނެއްކާ ވެސް ވާހަކައަށް އެނބުރުނީ ކޮފީ ހިފައިގެން ވަތް މުވައްޒަފު ނިކުމެގެން ދިޔުމުންނެވެ. “ކިހިނެއްވީ މި ހުރިހާ އަހަރުތަކުގައި ޚަބަރެއްނުވީ..” ޒިވިއަން ވާހަކަދެއްކުމުން ލިބާ ހައިރާންވިއެވެ. ހުދު އޭނާއާއި ހަތަރުކަޅި ހަމަނުކުރާ ޒިވިއަން މިއަދު މެހެކް ފެނުމުން ހަތަރުކަޅި ހަމަކޮށްފައި އަދި އެހާ ރީތިކޮށް ވާހަކަދެއްކުމުން ހައިރާންވާނެއެއްނޫން ހެއްޔެވެ. ހިތުގައި މެހެކާމެދު ހަސަދަވެރިކަން އުފެދުނީ ލިބާއަށް ނޭނގި އިންދައެވެ. މެހެކްއަކީ ކިހާ ފެންވަރެއްގެ މީހެއްކަން އެވަގުތު ލިބާއަކަށް ނުވިސްނުނެވެ.
ޒިވިއަން ވާހަކަދެއްކުމުން މެހެކް އުފާވިއެވެ. “އޭރުދެން އަހަރެން ކިޔެވުމުގައި ބިޒީކޮށް އުޅުމުން ޚަބަރުނުވެވުނީ…ބޭނުންވީ ބައްޕަމެންގެ ބިޒްނަސްއާއި ވެސް ކުޑަކޮށް ދުރުވެލަން..އިނގޭ އަހަރެން އަންނަކަން އިނގެންޏާ އެ ކުންފުނި ވަގުތުން އަހަންނާ ހަވާލުކުރާނެކަން…އަދި އެންމެ ބޮޑު ހިއްސާ ވެސް އަހަރެންގެ މައްޗަށް ބަދަލުކުރިކަން ވެސް އަސްލު އިނގުނީ ފަހުން…އެހެންވެ ކުއްލިއަކަށް އެހުރިހާ ކަމެއް އެއްފަހަރާ ކުރިމަތިވުމުން….ބޭނުންވީ ހަމަ ދަންނަ އެންމެނާ އޮތް ކަނެކްޝަން ކަނޑާލަން…ބައްޕަމެންނާއި ވެސް އެ ދުވަސްކޮޅު ދުރުކަމެއް އައި….ރާއްޖެ ވެސް ނާންނަން ހުރި އަސްލު ސަބަބަކީ މިއީ….” މެހެކް ކުރިން އެކަކު ކައިރީ ވެސް ނުބުނާ ވާހަކައެއް ޒިވިއަންއާއި ޒާންއާ ހިއްސާކުރިއެވެ. “އެކަމް ދެން މިހާރު ހަމަ ވިސްނުން އައިމަ…އަދި އަހަރެންގެ ކިޔެވުން ވެސް ނިމުމުން އެކޮޅުގައި މަޑުކުރުމުގެ ބޭނުމެއް ނެތުމުން…މިއައީ…އެކަމް މި ފަސް އަހަރު ތެރޭގައި އެމް އެޗް ޓޫއީ ކޭ ގެ ހުރިހާ ކަމެއް ބަލަމުން މިއައި އަހަރެން…” މެހެކް ބުންޏެވެ. ޒިވިއަންއާއި މެހެކް އަދި ޒާންގެ ނަޒަރު ތައް އެކަކު އަނެކަކާ ބަދަލުވެގެން ދިޔަހިނދު ކުޑައިރުގެ ހަނދާންތައް އާވެގެންދިޔައެވެ.
މެހެކް ޒިވިއަން އަދި ޒާން އަކީ އެއްކޮށް އުޅުން ތިން މީހުންނެވެ. ޢުމުރުގެ ތަފާތު ބޮޑުވިޔަސް އެ ދެ ޒުވާނުންގެ ހިތާ ކުޑަކުޑަ މެހެކްއަށް ކުޅެލެވުނެވެ. “ޑޯލް” އަކީ މެހެކަށް ޒިވިއަން އާއި ޒާން ކުޑައިރު ކިޔާ އުޅުނުނަމެކެވެ. އެއީ މެހެކް ކުޑައިރު ހުންނަލެއް ލޯބިކަމުންނާއި ތުންކޮޅަށް ހަދާލާ ގޮތްގޮތުން އެހެން ކިޔަނީއެވެ. މެހެކަކީ ކުޑައިރު ވެސް ރީތިކަން ހުސްކޮށްގެން ހުރި ކުއްޖެކެވެ. މެހެކަށް ނޭނގި ޒިވިއަން އާއި ޒާންގެ ހިތުގައި އޭނާއާ ދޭތެރޭ ވިންދެއްޖެހިކަމެއް ނޭނގެއެވެ. ނަމަވެސް އޭރު ވެސް ޒިވިއަންއާއި ދޭތެރޭ މެހެކަށް ތަފާތު ނަޒަރެއްދެވުނެވެ.
ތަފާތު މާހައުލެއްގައި ތަފާތު ވާހަކަތައް ދެކެވި ޒިވިއަންއާއި ޒާންގެ އިތުރުން މެހެކްގެ ގުޅުން ވެސް އިހުނަށްވުރެން ގާތްވިއެވެ. ފުރަތަމަ ވާހަކަދައްކަން ޖެހިލުން ވިޔަސް ފަހުން އެކަމަށް މެހެކް ހޭނުނެވެ. ކުރިން އޮތް ގާތްކަން ބާއްވަން ހުދު މެހެކް ވެސް ބޭނުންވިއެވެ. އެފަހި ފުރުސަތު ހުޅުވައިދިނީ ޒާންމެން ރޭވި މި ބައްދަލުވުމެވެ. މެހެކްމެން ވަކިވީ ޒިވިއަން އާއި ޒާންގެ ނަމްބަރު ވެސް މެހެކްގެ ފޯނުގައި ރައްކާކުރުމަށްފަހުއެވެ.
ޒިވިއަން ހުރީ ކޮޓަރިން ނިކުމެވެން ހުންނަ ބެލްކަނިން ދުރުދުރަށްދަންދެން ފެންނަ މަންޒަރަށް ބަލަހައްޓައިގެންނެވެ. ޙިޔާލުގައިވަނީ މިއަދުގެ ބައްދަލުވުމެވެ. މެހެކް އާއި ދެކެވުނު ވާހަކައެވެ. 11 އަހަރުފަހުން ހިތުގެ ރާނީ ފެނުމުން ޒިވިއަންގެ ހިތް އުފަލުން ތެޅިފޮޅެނީއެވެ. ކިތައްމެ ސީރިޔަސް މޫނެއް ދެއްކިޔަސް ޒިވިއަންގެ ހިތާއި ސިކުނޑީގައި އަބަދު ވެސް މެހެކްގެ ނަން ފެވިފައިވެއެވެ. ތަސްވީރު ތަފާތު ވިޔަސްވެހެވެ. “ޑޯލް….ޒަމާންތަކެއް ފަހުން…” މަޑުމަޑުން ޒިވިއަންގެ ތުންފަތް ހަރާކާތްކުރުމަށްފަހު ބުންޏެވެ. ސިއްރުވެރިކަމާއިއެކުއެވެ. “މި އިހުސާސު…..މިއީ ކޯއްޗެއް؟….އެތައް ޒަމާނެއް ވޭތުވެގެންދިޔައިރު ވެސް މި ބަދަލުވުމެއްނެތް އިހުސާސު އަލުން ހޭލައްވައިފި…..މެހެކް…” އެއްމިޔަކަނުން ހީލުމަށްފަހު ޒިވިއަން ބުންޏެވެ.
ހަމައެވަގުތެވެ. ރޯޒް ގާޑަން ގޭގެ އެންމެ މަތީ ބުރީގައި ހުރި ބެލްކަނީގައި މެހެކް ވެސް ހުރީ ހަމަ އެއް ޚިޔާލެއްގައެވެ. ވިސްނަނީ ޒިވިއަންއާއިމެދުއެވެ. މިއަދުގެ ބައްދަލުވުމާއިމެދުއެވެ. “ޒޭވް…އަހަންނަށް މިވަނީ ކިހިނެއް؟…ޒިވިއަން ފެންނަ ކޮންމެ ފަހަރަކު ވެސް މި އިހުސާސެއް ހޭލައްވާލާ…އޭރު ވެސް މިހާރު ވެސް ވަކި ތަފާތެއްނެތް…” މެހެކްގެ ދުލުން ވެސް ނިކުތީ މިހެންނެވެ. މިއީ އިއްތިފާގެއް ހެއްޔެވެ؟ ޒާން ވެސް އިނީ ބެލްކަނީގައި ހުރި ބެންޗެއްގައި އިށީނދެގެންނެވެ. އަތުގައި ގިޓައެއް އޮތެވެ. އޭގެ ނަރުތަކުގައި ޒާންގެ އިނގިލިތައް ޖައްސާލާ ހަރަކާތްތަކެއް ކުރަންފެށިއެވެ. ދެން އިވުނީ މަޑު މަޑު ރާގެއްގެ އަޑެކެވެ. އިވުނީ ޒާންގެ އަޑުން ކިޔާލި ހިތްގައިމު ރީތި ލޯބީގެ ލަވައެއްގެ ތަންކޮޅެކެވެ.
އޭ ލޯބިވާ ތިޔަ އަތުގައި ހިފާލަން ފަސް ޖެހެވުނީ ހިތް އެދުނަކަސް ލޯބިވާތީ
އޭ ސާހިބާ ތިޔަ އުނގުގާ ނިދާލަން ފަސް ޖެހެވުނީ ހިތް އެދުނަކަސް ލޯބިވާތީ
ފެނިފަ ކަލާ ހިތް އުތުރިދޭ ތި މޫނުން ސާދާ އުފާ ދޭތީ
ތި ޖާދޫގަވީ ޖެހިފައޭ ހާލު ބުނެދެންހޭ
ދޫންޏާ މަގޭ ފަރި އުނދުހޭ ބަލާލަން ފަސް ޖެހެވުނީ ހިތް އެދުނަކަސް ލޯބިވާތީ
ތިން މީހުންގެ ޚިޔާލުގައި ވެސް ވަނީ އެމީހެއްގެ ހިތް އެދޭ ފަރާތުގެ ތަސްވީރެވެ. މި ލަވަޔާ އެ މާހައުލާ ކިތައްމެހާ ވެސް ގުޅެއެވެ. ޒާންގެ ހިތުގައި މެހެކްގެ ތަސްވީރު ކުރެހުނީ އިއްޔެއަކު މިއަދަކު ނޫނެވެ. ނަމަވެސް މީގެ 11 އަހަރުކުރިންނެވެ. އިނގޭހާ ވެސް އެއްޗަކީ ޒާން މެހެކްދެކެ ވަނީ ލޯބި ކަމެވެ. ނަމަވެސް މިއީ އަދި ޒާންއަށް އެކަނި އިނގޭ ކަމެކެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



vrh reethi mi part ves keep it up
good work