ތިނެސްކަން ލޯބި (12)
ހޭޒަލް ކުލައިގެ ކަޅި ކަޅުކަންގަދަ މިޔަ ތޫނު ކަޅިއަކާ ބައްދަލުވިއިރު ތަންކޮޅެއް ދުރުން މަޑުމުށި ކުލައިގެ ކަޅިއެއްގެ ވެރިއެއްގެ ނަޒަރު ވެސް މެހެކަށް ހުއްޓިފައިވާކަން އިނގޭބާއެވެ. ދެ ހިތެއްގައި ތަފާތު ވިންދެއް ޖަހާލިއިރު ތިންވަނަ މީހެއްގެ ހިތުގައި ހަމަ އެއް ވިންދެއް ޖަހާލިކަން އިހުސާސުވޭބާއެވެ. ދެ މާބުރަކަށް ފަޅިވެ ފޮޅިފައިވާ މަލެއްގެ ޖާދުލުގައި ޖެހިފައިވާކަމުގެ އިހުސާސު ކުރާކަން އިނގޭ ހެއްޔެވެ؟ މިއީ ލޯބީގެ ބިންގާއެޅުނު ހިސާބެވެ. “ތިނެސްކަން ލޮއެއްބެގެ” ފެށުމެވެ.
ބާރަވަނަ ބައި
ދަރުބާރުގެ މާލަމުން އިވިގެންދަނީ ހިތްގައިމު މިއުޒިކުގެ އަޑުގެ އިތުރުން ޕިއާނޯގެ ޖާދުވީ ރީތި އަޑެވެ. މޭޒުތަކުގައި އެކި ވިޔަފާރިވެރިން އިށީނދެ ތިބެ އެމީހުންގެ އަމިއްލަ ވާހަކަތަކުގައި މަސްޢޫލުވެގެން ތިއްބެވެ. ކޮޅު ކޮޅުމަތީ މިރެއަށް ޚާއްސަކޮށް ތައްޔާޜުކުރި ކެއުން ހިފައިގެން ނޯކަރުންތައް ހަރަކާތްތެރިވެއެވެ. ޒެދްސްގެ ބައެއް މެމްބަރުންނާއި އެމްސްގެ ބައެއް މެމްބަރުން އެއް މޭޒެއްގެދޮށުގައި ތިބެގެން ކުރިއަށްއޮތް ޕްރޮޖެކްޓާއިމެދު ވާހަކަދައްކަން ތިއްބެވެ. މި ދެ ކުންފުނީގެ ޒުވާނުން ތިބީ އެހެން މޭޒެއްގައެވެ. ނަމަވެސް މި މޭޒުގައި ދެކެވޭ ވާހަކަތައް މަދެވެ. ވާނީ ވެސް އެހެންތާއެވެ. އާ މޫނަކަށް އެތާ އިނީ ވެސް މެހެކްވިއްޔާއެވެ. ނަސިބަކުން ކައިރީ ފަލަކްވެސް އިނެވެ.
“ހާއި މެހެކް…ލޯންގް ޓައިމް ނޯ ސީ” އެންމެ ފަހުން ޒާން ވާހަކަދައްކަން ފެށިއެވެ. “ހާއި…ޒޭން..ކިހިނެއް ތަ؟” މެހެކް ބުންޏެވެ. މެހެކްގެ ސުވާލަށް ޒާން ރަނގަޅުކަމަށް ބުންޏެވެ. “ހާއި…” ޒިވިއަންއާއި ދިމާލަށް ކަތި ނަޒަރަކުން ބަލާލުމަށްފަހު ހާއި އޭ ކިޔާލާފަ މެހެކް ގޮވާލިއެވެ. ނަމަވެސް ވަކި ނަމެއް ނުބުނެއެވެ. ނަޒަރު ހުރީ ސީދާ ޒިވިއަންއަށެވެ. ޒިވިއަން ކުޑަކޮށް ހައިރާންވި ނަމަވެސް ޖަވާބުދިނެވެ. ލިބާ ހުރީ ދެ މީހުންގެ ވެސް ހަރަކާތްތަކަށް ފާރަވެރިވެގެންނެވެ. އެންމެ ހައިރާންވީ މެހެކްގެ އެ ގޮވާލުމަށް ޒިވިއަން ޖަވާބުދިނީމައެވެ. އެހެންނޫނީ އެއީ ލިބާ އާއި ވެސް ރަނގަޅަށް ހަމައަށް ވާހަކަނުދައްކާ މީހެއް ވިއްޔާއެވެ.
ޒާލިމް އާއި މަމްދޫހުގެ ރަޙްމަތްތެރިކަމުގައި މެހެކަށްވަނީ ހާސްފަހަރު މެހެފިލް ވިލާއަށް ދެވިފައެވެ. ޒިވިއަން އާއި ޒާންގެ ބެސްޓު ފުރެންޑަށް ވެސް ވެފައެވެ. މެހެފިލް ވިލާއަކީ މެހެކްގެ ދެވަނަ ގެއޭ ބުންޏަސް ރަނގަޅުވާނެއެވެ. މެހެކް ލަންޑަންއަށް ބަދަލުވުމާއި ހަމައަށް ވެސް އެ ގުޅުންތައް އޮތީ އެހެންނެވެ. ޒިވިއަން ވެސް މެހެކް ނޫނީ އަންހެން ކުއްޖަކާ ވާހަކަވެސް ނުދައްކާނެއެވެ. ޒާން އާއި އޭރު ވެސް ވަރަށް ވާހަކަދެކެވި އެކަކު އަނެކަކަށް ޖެއްސުންކުރުމުގައި ފޯރިގަދައެވެ. ނަމަވެސް އެ ގުޅުންތައް ހީނަރުވެގެންދިޔައީ މެހެކް ލަންޑަންއަށް ބަދަލުވި ހިސާބުންނެވެ. ޙާލަތު ވެސް ނިޔާކުރި ގޮތެވެ. ކުޑައިރުގެ އެ ބެސްޓު ގުޅުންތަކުގައި ފުލުސް ސްޓޮޕެއް ޖެހުނީ ކާކުގެ ސަބަބުން ކަމެއް ބުނާކަށް ނޭނގެއެވެ. އިނގޭހާ ވެސް އެއްޗަކީ މިއަދު ކުރިން އޮތްވަރާ ގާތަށް ވެސް އެ ތިން މީހުންގެ ގުޅުންނެތް ކަމެވެ. ދަންނަ ބައެއް ނަމަވެސް ނުދަންނަ ބައެއްފަދައެވެ.
ވިޔަފާރިވެރިންގެ މާލަން ނިމިގެންދިޔައީ އެއްބަޔަކު އަނެއް ބަޔަކަށް ތަޢާރަފުވެދީ އާ ވިޔަފާރިވެރިންނާއި އާ ޖީލުތަކާއި ގުޅުން ބަދަހިވެގެންނެވެ. ބައެއް ގައި މިތުރުންނާއި ދިމާވެ ހީނަރުވެފައިވާ ގުޅުންތައް ވެސް ގުޅުވާލަދެމުންނެވެ. ހަމައެހެންމެ ތަފާތު ރަހަތަކުގެ ކުލަތައް ވެސް ބައެއް ދިރިއުޅުންތަކުގައި ޖައްސާލަދެމުންނެވެ.
އަނެއް ދުވަހުގެ އެރިއިރާއިއެކު އެންމެންގެ ދޫތަކުން އިވެނީ އެއް ވާހަކައެވެ. މީޑިޔާތަކުގައި ވަރަށް ފޯރިގަދައެވެ. ޚަބަރުތަކުގެ ފަލަ ސުރުޚީއަށްއަރާފައިވަނީ މަމްދޫހުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު މިސް މެހެކްގެ ވާހަކައެވެ. މެހެކްގެ ރީތި ތަސްވީރަކާއިއެކުއެވެ. މެހެކްގެ އިންޓަވިއުގައި ދެއްކި ވާހަކަތައް ވެސް ހިމަނާފައިވެއެވެ. އަދި އެމް.އެޗް ޓޫއީ ކޭގެ ހަޤީޤީ ވެރިޔާ ވެސް ހާމަވީކަމެވެ. މި ޚަބަރުތައް ޒިވިއަންމެންގެ ކަންފަތާއި ހަމައަށް ވެސް ފޯރިއެވެ.
ޒިވިއަން އާއި ޒާން ތިބީ ޒެޑްސްގެ ބޯޑު މެމްބަރުންނާއި ހެޑުންނާއިއެކު ބައްދަލުވުމެއްގައެވެ. ދެކެވެނީ ރޭގެ އެ ހާމަވީ ޚަބަރުގެ ވާހަކައެވެ. އެމްސްގެ އިސްވެރިޔާގެ އަންހެން ދަރިފުޅު މެހެކުގެ ވާހަކައެވެ. “މިވީ ގޮތުން އެމްސްއާއިއެކު ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުމަށް އާ މެހެމާނެއް އިތުރުވީ ދެއްތޯ؟” ބޯޑު މެމްބަރުންގެ ތެރެއިން ތަޢުފީގު ބުންޏެވެ. “މިހެންވެ ކަންނޭނގެ އެ މީޓިން ފަސްކުރީ ވެސް….އެމް.އެޗް ޓޫއީ ކޭގެ އަސްލު ވެރިޔާ ނެތީސް އެފަދަ ބޮޑު ޕްރޮޖެކްޓެއްގެ ވާހަކައެއް މަޝްވަރާއެއްނުކުރެވޭނެއްނުންތޯ؟” ހާރޫން ވެސް އޭނާގެ ޝުޢޫރުފާޅުކޮށްފިއެވެ. ހާރޫންގެ ވާހަކައަށް އެންމެން ވެސް ބޮލުން އިޝާރާތެއްދިނެވެ. “އެމްސްއާއިއެކު ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުމުގެ ކުރިން އެމް.އެޗް ޓޫއީ ކޭގެ ވެރިޔާއާއި ކުޑަ ބައްދަލުވުމެއް ބާއްވަންވީނުން ތޯ؟…” މަންސޫރު ބުނެލިއެވެ. މަންސޫރުގެ ވާހަކައަށް ގިނަ ބަޔަކު ތާއީދުކުރިއެވެ. “މިސްޓަރ ޒިވިއަން، މިސްޓަރ ޒާން ކީކޭތޯ މިކަމަށް ވިދާޅުވާނީ؟” އަނެއްކާވެސް އިވުނީ ތަޢުފީގުގެ އަޑެވެ. “އަޅުގަނޑާއި ޒާންގެ އިތުރުން އަޅުގަނޑުމެންގެ ޕީއޭ އާއި އަޅުގަނޑު ދަންނަވާ ބައެއް ހެޑުންނާއިއެކު މިސް މެހެކްއާއި އެކު ކުޑަ މީޓިންގ އެއް އެރޭންޖުކޮށްލާނަން…މި ބައްދަލުވުމުގައި ބޯޑު މެމްބަރުން ބައިވެރިވުން އެހާ ރަނގަޅެއް ނޫން..ފަހަރުގައި މިސް މެހެކް ދެކޭ ގޮތްތަފާތުވެދާނެތީ…” ޒިވިއަން އިސްވެ ވާހަކަދެއްކިއެވެ. ޒިވިއަންގެ ވާހަކައަށް ޒާން ވެސް ވަރަށް ތާއީދެވެ. “ޒިވިއަން އެ ބުނީ ރަނގަޅު ވާހަކައެއް…..އަޅުގަނޑުމެންގެ ސައިޑުން އެމްސްއަށް ކިރިޔާ ވެސް ޝައްކެއް ވާކަހަލަ ކަމެއް ނުކުރެވޭތޯ ބަލަން ޖެހޭނީ……އެމްސްއާއިއެކު މި ބާއްވާ ބައްދަލުވުމަކީ ޒެޑްސްއަށް ފައިދާކުރާނެކަމެއް…” ޒާން ބުންޏެވެ. ޒިވިއަންއާއި ޒާންގެ ވާހަކަ ބޯޑު މެމްބަރުން ޤަބޫލުކުރިއެވެ.
“ލިބާ…ޕްލީޒް އެރޭންޖް އަ ޝޯޓު މީޓިން ވިތް މިސް މެހެކް އޮފް އެމް.އެޗް ޓޫއީ ކޭ…..ދަ މީޓިން ވިލް ބީ ހެލްޑް އިން ޒެޑްސް…” ޒިވިއަންއާއި ޒާން ތިބީ ޒިވިއަންގެ ކެބިންގައެވެ. “ޔެސް…” ލިބާ މިހެން ބުނެލާފައި ޒިވިއަން ހަވާލުކުރި މަސައްކަތް ވަގުތުން ކުރަންފަށައިފިއެވެ.
އެމް.އެޗް.ޓޫއީ ކޭގެ މައި ދޮރުން މަމްދޫހުއާއިއެކު މެހެކް ވަދެގެންދިޔައެވެ. ފަހަތުން މާއިޒުގެ އިތުރުން މާއިޝް ވެސް އައެއެވެ. އެމީހުން އެދިޔަ ގޮތަށް ގޮސް ލިފްޓަށް އަރާ އިމާރާތުގެ ފުރަތަމަ ފްލޯއަށްދާން ފިތަށް އޮބާލިއެވެ. ފުރަތަމަ ފްލޯއަށް ލިފްޓު ހުއްޓުމުން މަމްދޫހުމެން ނިކުމެ ބައްދަލުވުން ބާއްވާ އޮފީސް ބަޔަށް ދާން މިސްރާބުޖެހިއެވެ. އެމީހުންގެ އިސްތިޤުބާލުގައި މުވައްޒަފެއް މަޑުކޮށްލައިގެން ހުއްޓެވެ. އޮފީހުގެ ދޮރު ހުޅުވާލަދިނުމުން އެންމެ ފުރަތަމަ ވެސް ވަނީ މަމްދޫހެވެ. މަމްދޫހު ފެނުމުން އެވަގުތު އެ ބައްދަލުވުމަށް ހާޒިރުވެ ތިބި ހުރިހާ މުވައްޒަފުން ކޮޅަށް ތެދުވީ ވެރި މީހާއަށް އިޚްތިރާމްކުރުމުގެ ގޮތުންނެވެ. ނަމަވެސް އެމީހުންގެ މޫނުތަކުން ހައިރާންކަމެއް ފައުޅުވެލީ ދެން އެދޮރުން ވަތް އަންހެން ކުއްޖާފެނުމުންނެވެ. އެމޫނުތަކުގައި ވަނީ ސުވާލުމާކުތަކެއްޖެހިފައެވެ.
“އައްސަލާމްޢަލައިކުމް…..ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ މުވައްޒަފުން މި ބައްދަލުވުމަށް ހާޒިރުވީތީ…..މި ބައްދަލުވުން ބާއްވަން ހުދު އަޅުގަނޑު ބޭނުންވީ ސަބަބެއްނެތިއެއްނޫން…..އަޅުގަނޑުގެ ދެ ދަރިންކަމަށްވާ މާއިޒުއާއި މާއިޝްއަކީ ތިޔަ ބޭފުޅުންގެ މަތިން އަދި މި އޮފީހުގައި އަޅުގަނޑު ދަށުން މަސައްކަތްކުރާ ދެ ފަރާތް…..މި އޮފީހުގެ ޗެއާރޕާރސަން ކަމުގައި އަޅުގަނޑު ހުރެމެ އަދި މާއިޒު އާއި މާއިޝް ހުރެ ވަރަށް ގިނަ ކަންކަން ފަހިކޮށްދީ އެމްސްއަށް ގިނަ ފައިދާތަކެއް ލިބިދިނީ ތިޔަ އެންމެހާ މުވައްޒަފުންގެ ވެސް އެއްބާރުލުމާއި މިންނެތް މަސައްކަތުންކަން ފާހަގަކުރަން….ނަމަވެސް މިއަދުން ފެށިގެން އަޅުގަނޑު މިހާރު މިހުރި މަޤާމުން ވަކިވެ ދެން މި މަޤާމުގައި ހުންނާނީ އަޅުގަނޑުގެ އަންހެން ދަރިފުޅު މަރިޔަމް މެހެކް މަމްދޫހު….” މަމްދޫހުގެ ވާހަކަ އަޑުއަހަން ތިބި އެންމެން ހައިރާންކޮށްލީ އެންމެ ފަހުން މަމްދޫހު ބުނެލި ވާހަކައިންނެވެ. “މިސްޓާރ މަމްދޫހު…ކީކޭ ތޯ ތި ވިދާޅުވީ….ޗެއާރޕާސަންކަމުގެ މަޤާމުން ވަކިވަނީއޭތޯ…އަދި އެ މަޤާމަށް މިސްޓަރ މާއިޒް ނޫނީ މިސްޓަރ މާއިޝްގެ ބަދަލުގައި މި ކުންފުންޏަށް އާ ފަރާތެއް އެ މަޤާމަށް އައްޔަންކުރަނީއޭތޯ؟..” ކުންފުނީގެ އިސްވެރިންގެ ތެރެއިން ޝެހެނާޒް ބުންޏެވެ. “މެހެކަކީ ތިޔަ ބޭފުޅުންނަށް އާ މޫނެއް..އާ ފަރާތެއް ނަމަވެސް މި ކުންފުންޏަކަށް ނޫން..” މާއިޒް ބުނެލި ވާހަކައިން ތަން ހިމޭންވެގެންދިޔައެވެ. “ތިވިދާޅުވީ…..” ޝެހެނާޒުގެ އަޑުން ވެސް ހައިރާންކަން ފައުޅުވިއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.



vrh reethi mi part ves
cant wait for next part
keep it up
curiously waiting
love you
hehe…thank you darling……next part vx libeyne varah avahah kiyaalan insha allah…lots of luv 🙂
good story