ތިނެސްކަން ލޯބި (9)
އެއާރޕޯޓުގެ އެރައިވަލް ގޭޓިން ނިކުމެގެންއައީ ރީތިކަން ހުސްކޮށްލައިގެން ތިބި ދެ ޒުވާނުންނެވެ. ދެ ޒުވާނުން ވެސް އައީ އެއްއަތުން ލަގޭޖް ހިފައިގެން ނިކަން ފަރި ހިނގުމެއްގައެވެ. ރީތި ފަންފަން އިސްތަށިގަނޑެއް ދެ ޒުވާނުންނަށް ވެސް ލިބިފައިވާއިރު ހަމުގެ ކުލަ އައްޔެވެ. ގަޔަށް ބާރު ޓޮޕުކޮޅަކާއި ފުޅާ ޖިންސެއް ލައިގެން ތިބި ދެ ޒުވާނުންނަށް ގިނަ ބައެއްގެ ނަޒަރުވަނީ ހުސްވެފައެވެ. އެވަގުތު އެތަނަށް މަޑުކުރި ޓެކްސީއަށް އަރައިގެން ދެ ޒުވާނުން ވެސް ނައްޓާލީ އެއް މަންޒިލަކަށްކަންގައިމެވެ.
ނުވަވަނަ ބައި
ބެލް އަޅާލި އަޑަށް މެހެފިލް ވިލާގެ ނޯކަރެއްކަމަށްވާ ޖެނިފާ ދޮރުހުޅުވާލިއެވެ. “މިސް ޒާރާ…މިސް ޒޯޔާ” އެވަގުތު ދޮރު ހުޅުވާލި ޖެނިފާގެ އަނގައިން ނިކުތީ މި ބަސްތަކެވެ. ދެ މީހުންގެ އަނގަމަތީ އިނގިލިޖައްސާލާ ވާހަކަނުދެއްކުމަށް ޖެނިފާއަށް އެންގުމުން އެގޮތަށް ޢަމަލުކުރިއެވެ. ލަގޭޖްތައް ބަހައްޓާފައި މަޑުމަޑުން ދެ ޒުވާނުންގެ މިސްރާބު އަނބުރާލީ ލިވިންގް ރޫމާދިމާލަށްށެވެ. އެވަގުތު އެތެރެއިން ވާހަކަދައްކާ އަޑުއިވިއިވި ހުއްޓެވެ. “ސަޕްރައިޒް…” ދެމީހުން އެއް އަޑަކުން އެހެންކިޔާ ހަޅޭލަވައިގަތް އަޑަށް އަޑުއައި ދިމާލަށް ބަލައިލި އެންމެންގެ މޫނުތަކުން ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ކުލަވަރެވެ. “ދަރިފުޅާ ޒާރާ…ދަރިފުޅާ ޒޯޔާ…” ބަލްގިސް އާއި ޒޫނާއަށް އެއްފަހަރާ ގޮވާލެވުނެވެ. ދެން ފެނުނީ ގޮސް އެދެމީހުންގެ ގައިގައި ބައްދާލި މަންޒަރެވެ.
އާދެ، މިހާރު މެހެފިލް ވިލާ ގަނޑުވަރުގޭ ވާރިސުންތައް އެ ހަމަވީއެވެ. އެ ގަނޑުވަރުގެ އެންމެ ހަގު ދެ ވާރިސުންކަމަށްވާ ޒާރާ އާއި ޒޯޔާ އެމެރިކާގައި ކިޔެވުމަށްފަހު އުފަން މަންޒިލަށް އާއިލާ މީހުން ކައިރިއަށް އެއައީއެވެ. “މާމަގެ ރަންކޮޅުތައް……އާދެބަލަ ކައިރިއަށް” އެވަގުތު ފަރުހާނާ ވެސް ވީއުފަލަކުން އެދެމީހުން ކައިރީ އަންނަން ބުނެފިއެވެ. ފޯނެއް އައިސްގެން ބޭރަށްދިޔަ ޒިވިޔަންއާއި ކޮންމެވެސްކަމެއްގައި މައްޗަށްދިޔަ ޒާން ވެސް ތިރިއަށް އައިރު ފެނުނު މަންޒަރަކުން އުފަލުން ގޮސް ކޮއްކޮމެން ގައިގައި ބައްދާލައިފިއެވެ. ޒާރާ އާއި ޒޯޔާ ވެސް އެއައީ މާދަމާރޭ އޮންނަ ވިޔަފާރިވެރިންގެ މާލަމަށެވެ.
މިއަދަކީ ބޮޑު ދުވަހެކެވެ. އެންމެން އިންތިޒާރުކުރި ދުވަހެވެ. ކުންފުނިތަކަށް ވަރަށް ވެސް ޚާއްސަ ދުވަހެކެވެ. އޮފީސްތަކުގައި ވެސް ދެކެވެމުންދަނީ މިރޭ އޮންނަ “ބޮޑު އިވެންޓު” އާދެ ވިޔަފާރިވެރިންގެ މާލަމުގެ ވާހަކައެވެ. ލައްކަ ފޯރިއެއް ހުންނާނެތާއެވެ. ފޯރ ޒެޑުގައި ވެސް މިއަދުގެ ހޫނު ޚަބަރަކަށް އޮތީ މިރޭގެ ބޮޑު އިވެންޓުގެ ޚަބަރެވެ. އެކަހަލަ މިކަހަލަ ވާހަކަތަކެއްގައި ތިއްބާ ފޯރ ޒެޑް އޮފީހަށް ވަދެގެންދިޔަ ޒުވާނާއަށް ގިނަ ބައެއްގެ ނަޒަރުވަނީ ހުއްޓިފައެވެ. އަންހެންކުދިންގެ ހިތްތަކެއް ކަތިލުމުގައި އަރާހުރި ފަންނާނެކޭ ބުންޏަސް ރަނގަޅުވާނެއެވެ. އެ ޒުވާނާ އެދިޔަ ގޮތަށް ގޮސް ޓަކިޖަހާލުމެއްނެތި ވަދެގެންދިޔައީ ޒިވިއަންގެ ކެބިންއަށެވެ. ޒިވިއަން ކުރަންއިން މަސައްކަތް މަޑުޖައްސާލުމަށްފަހު އެ ޒުވާނާއި ދިމާލަށް އެއްބުމަ އަރުވާލާފައި ބަލާލިއެވެ. އެއްކަލަ ޒުވާނާހުރީ ބައްތިރީސް ދަތްކޮޅު ސޭލްއަޅުވާލައިގެން ޒިވިޔަންއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ނިކަން ފިރިހެންވަންތަ ހިނިގަނޑެއްޖަހައިލުމަށްފަހު އެތާހުރީ ބޮޑު ގޮޑިއަށް ވެއްޓިގަތެވެ. “ހާއި މަ މޭން….” އެއްލޯމަރާލައިފައި އެ ޒުވާނާ ޒިވިޔަންއާއި މުޚާތަބުކުރިއެވެ. “އާދެވިއްޖެ ދޯ….ރެކް” ޒިވިޔަން އެއްބުމަ އަރުވާލައިފައި ވާހަކަދެއްކިއެވެ. ރާކިން ޖަހާލީ ބޮޑު ހިނިގަނޑެކެވެ. “މިއައިނީނުން…ބްރޯ…..ބޮޑު އިވެންޓަށް ސީދާ މި ވައްޓާލީ..” ރާކިން ބުނެލިއެވެ.
ރާކިންއަކީ ވެސް އަންހެންކުދިންގެ ހިތްތަކުން ޖާގަ ކަށަވަރުކޮށްފައިވާ ޒުވާނެކެވެ. އަދި އެއީ ޒިވިޔަންގެ އެންމެ ގާތް އެކުވެރިޔާވެސްމެއެވެ. ރާކިންއަކީ ވެސް ޒުވާން ވިޔަފާރިވެރިންގެ ތެރޭގައި ނަންވިދާލާފައިވާ ފަންނާނެކެވެ. އަދި މެހެފިލް ވިލާއާއި ވެސް ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ.
ދަރުބާރުގެ ބޭރު މާލަންވަނީ ވަރަށް ވެސް ރީތިކޮށްލާފައެވެ، ދުރުދުރަށްދާންދެން ބޮކިފަތިތައްދިލާފައިވެއެވެ. އެހިސާބުން ހިނގާފަދާ މީހުންނާއި ދުއްވާ އުޅަނދުތަކުގައިދާ މީހުންގެ ނަޒަރުތައް ވެސް ވަނީ ދަރުބާރުގެއަށް ހުއްޓިފައެވެ. ދަރުބާރުގެ ބޭރުންނާއި އެތެރެ މާލަން ވެސް ޒީނަތްތެރިކޮށްފައިވަނީ ލޯ ތަރަތަރަ ޖަހައިގެންދާހާ ފުރިހަމައަށެވެ. ތަން ޒީނަތްކުރުމަށް ބޭނުންކޮށްފައިވަނީ ވެސް އެންމެ އަގުބޮޑެތި އެއްޗިސްސެވެ. މާލަމުގެ ދެފަރާތުންނާއި މެދުން ބަރިބަރިއަށް ވަށްމޭޒުތައް ޖަހާފައިވާއިރު އެއިން ކޮންމެ މޭޒެއްގެ ވަށައިގެން 10 މީހުންނަށް ތިބެވޭނޭހެން ގޮޑި އަތުރާފައިވެއެވެ. އަދި މޭޒުތަކާއި ގޮޑިތަކުގައިވަނީ ހުދުފޮތިއަޅާފައެވެ. ކޮންމެ މޭޒެއްގެ މެދުގައި މާބޮޑިއެއް ވާސްއަކަށް ޖަހާފައިވެއެވެ. ތަނަކީ ބޮޑު ތަނަކަށްވާއިރު މާލަމުގެ އެންމެ އެކޮޅުގައި ފުދޭވަރެއްގެ ބޮޑު ސްޓޭޖެއް ހަދާ އެތަން ވަރަށް ފުރިހަމައަށް ޒީނަތްކޮށްފައިވެއެވެ. އަދި ސްޓޭޖުގެ ވާތްފަޅިގައި ޕިއާނޯއެއް ބަހައްޓާފައިވެއެވެ. މުޅި އެތަނުގެ ތެރޭގައި ބޮކިފަތިތައް ބޭނުންކޮށްފައިހުރުމުން ތަނުގެ ނަލަކަން އިންތިހާއަށް ހާމަވެއެވެ. އަދި ސީލިންގް މަތީގައި ބޮޑު ޗާންދަލިޔާއެއް ހަރުކޮށްފައިވުމުން އެތަނުގެ ޝާހީކަމާއި ފެންވަރު ވަރަށް ބޮޑަށް ވެސް ހާމަވެއެވެ. ބޭރުގައި މިއީ ކޮން އިވެންޓެއްކަން ހާމަކުރުމުގެ ގޮތުން ޕޯސްޓަރުތައް ބެހެއްޓިފައިވެއެވެ. އަދި ބޮކިފަތިތަކުން ނިކަން ރީތި ޑިޒައިނަކަށް ބޮޑު އަކުރުން “ވިޔަފާރިވެރިންގެ މާލަން” މިހެންޖަހާފައިވާ ނަން ބޯޑެއް ވެސް ބަހައްޓާފައިއެވެ. ހަމައެއާއިއެކު ރަތްދޫލައެއްވެސް ދަރުބާރުގެ މެދުގައި އަޅާފައިވެއެވެ. މުޅި އެ ސަރަހައްދުގައި ފުދޭ ވަރެއްގެ ގިނަ ނޫސްވެރިން ވެސް ހަރަކާތްތެރިވަމުންދެއެވެ.
އާދެ، އެންމެންވެސް އިންތިޒާރުކުރަމުންއައި ވަގުތު ޖެހުނީއެވެ. އިވެންޓުފެށޭ ވަގުތަކީ 8.30ވުމުން 8.00ފެށިގެން ކުންފުނިތަކުގެ އިސްވެރިންނާއި ތަންތަނުގެ ހެޑުންނާއި ބޯޑު މެމްބަރުންފަދަ މީސްމީހުން އެމީހުންގެ އާއިލާތަކާއިއެކު ކާރުކޮޅުތަކުގައި މާލަމަށް އަންނަންފަށައިފިއެވެ. މުޅި މާލަމްތެރެ އިސާހިތަކު އަޑުގަދަވެއްޖެއެވެ. ސަލާންގަލާންކޮށް އެކަކު އަނެކަކާ ވާހަކަދައްކާ މަންޒަރުތައް ފެންނަންފަށައިފިއެވެ. ސިމިސިމިލެއްވުމުގެ އަޑުތައް ގަދަވާންފަށައިފިއެވެ. ކުއްލިއަކަށް އެންމެންގެ ސަމާލުކަން އެއްދިމާއަކަށް ހުއްޓިއްޖެއެވެ. ނޫސްވެރިންގެ އަތްމަތި އަވަސްވެއްޖެއެވެ. ވާނީ ވެސް އެހެންތާއެވެ. ރާއްޖޭގެ އެންމެ މަޝްހޫރު ވިޔަފާރިވެރިޔާ ޒާލިމް ޒާކިރުގެ އާއިލާގެ ކާރުކޮޅުތައް މާލަމުގެ ދޮރުމައްޗަށް ހުއްޓައިފިއެވެ. ފުރަތަމަ ކާރުން ފޭބީ ޒާކިރު ޒުލްފިކާރާއި އަނބިކަނބަލުން ފަރުހާނާ ފިކުރީއެވެ. އެއަށްފަހު ޒާލިމް ޒާކިރާއި ބަލްގިސް އަބްދުއްރަޙްމާނެވެ. ޒާލިމް އާއި ޒާކިރު ފެނުމުން ނޫސްވެރިންގެ އަމާޒުފަތްގަނޑަކަށް އެ ދެމީހުންވެއްޖެއެވެ. ޒެޑްސްގެ އެންމެ އިސްދެވެރިން ފެނުމުންވާނީ ވެސް އެހެންތާއެވެ. އެންމެފަހުން ފޭބީ ޒޯޔާ އާއި ޒާރާއެވެ. ޒާލިމްމެން ރަތްދޫލަމަތިން ހިނގާލާފައި ގޮސް މާލަމުގެ އެތެރެބަޔަށް ވަންނަން މިސްރާބުޖެހިއެވެ.
ކުއްލިއަކަށް ނޫސްވެރިންތަކުގެ އަޑުތައް އިވެން ފަށައިފިއެވެ. އަންހެން ކުދިންގެ މަޑު ހަޅޭއްތަކުގެ އަޑުވެސްމެއެވެ. ސިއްރު ސިއްރުން “އޯހް..ވާއު” އޭ ބުނެލާ އަޑުއިވިއްޖެއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Vrh reethi mi bai
Keep up the gud work
Whn nxt?
thanks…..insha allah soon… 🙂
Mi vaahakaige pice innaney faharaku gothakah ehenve vvv olhey goivey kamakunudhey ehenve
Varah salhiiiiiii.