Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިނެސްކަން ލޯބި (8)

Mysterious Woman Level 310 Stories100 Comments
November 18, 2024 3 Mins Read
0 Comments

އެމްސް ކުންފުންޏޭ ބުނުމުން ޒިވިއަން އާއި ޒާން އަށް މިވަނީ ކީއް ހެއްޔެވެ؟ އެ ނަން އަޑު އިވޭ ހިނދު ވައިރޯޅި ވެސް މަޑުޖެހިލާފާނެހެން ހީވަނީ ކީއްވެ ހެއްޔެވެ؟ ޔަޤީނުން ވެސް މި ނަމަކީ އެ ދެ ޒުވާނުންގެ ޙަޔާތާއި ގުޅިލާމެހިފައިވާ ނަމެއްކަން ގައިމެވެ. ދުރު ހަނދާންތަކެކެވެ. އެހެނަސް އެތައް އަހަރެއް ކުރިންނެވެ. ޔަޤީނުން ވެސް މި ނަމުގެ ފަހަތުގައި “ބޮޑު ސިއްރެއް” ވެދާނެކަން ކަށަވަރެވެ.

އަށްވަނަ ބައި      

ރޭގަނޑުގެ ކެއުމަށްފަހު ނިދަންއޮތް ވަގުތެވެ. މެހެކް އޮތީ ފޯނުން ނުހަނު ރީތި ދިވެހި ލަވައެއް ޖަހައިގެން ލޯމަރައިގެން އަޑުއަހާލާށެވެ. ލޯމަރާލައިގެން އޮއްވާ ކުއްލިއަކަށް ޙިޔާލަށް އައި ނަމަކުން ލޯ ހުޅުވާލެވިއްޖެއެވެ. ކައްޓެއްޖެހިހެން މީހާ ކޮޅަށްޖެހިގެންދިޔައެވެ. “ޑެފީ…” މަޑުމަޑުން މެހެކުގެ އަނގައިން ނިކުތީ މި ނަމެވެ. ޑެފީއަކީ ކާކުބާއެވެ؟ މެހެކުގެ ޙަޔާތުގައި ޑެފީގެ ނަން ދެވިފައިވާ ޒުވާނަކީ ވަރަށް ޚާއްސަ ފަރާތެއްކަން ގައިމެވެ. މިހާރު ޑެފީ ކޮބައިބާވައެވެ؟ ހުންނާނީ ވެސް ކިހިނެއް ހެއްޔެވެ؟ އަހަރެންގެ މަތިން ހަނދާން ހުންނާނެބާއެވެ؟ މެހެކުގެ ހިތާ ސުވާލުތަކެއް އަމުނާލިއެވެ. ނަމަވެސް ޖަވާބެއްނެތް ސުވާލު ގޯނިތަކެވެ. މި ފިކުރުތަކާ ދުރުވެލުމަށް ޖަހައިގެން އޮތް ލަވަ ވެސް ނިއްވާލައިފައި ބްލޭންކެޓުދަށަށްވަދެ އަރާ އޮށޯވެ ނިދަން މެހެކް މަސައްކަތްކޮށްފިއެވެ.

ހުކުރުދުވަހެއްގެ ފަތިހެއްގެ ފެށުމަކުން ފަށައިފިކަމަށްވާނަމަ އެ ދުވަހެއް އަމާންވާނެއެވެ. ކޮފީގެ މީރު ރަހައިން ކަރު ތެއްމާލުމަށް މެހެކަށް ޙާއްސަކޮށް މަމްދޫހް ހަދައިދީފައިވާ ރޯޒް ގާޑަންގެ ބަގީޗާގައި އެލުވާލައިފައިވާ އުނދޯލީގައި މެހެކް އިނީ ނިކަން ހަމަޖެހިލައިގެންނެވެ. އިރުއިރުކޮޅުން ކޮފީ ފޮދު ފޮދުން އަރުދެރެ ތެއްމާލައެވެ. ޖެހޭ ފިނި ނަލަ ވައިރޯޅިން ހަށިގަނޑަށް އެވާ އަރާމަކުން ލޯމަރާލައިގެން އަނގައިން މަޑުމަޑު ރާގެއް އަޅުވަމުން އުނދޯލި ހެއްލަމުންދެއެވެ. ނިއުޅުވާލާފައިވާ އިސްތަށިގަނޑުގައި ބީހޭ ވައިރޯޅިތައް ވެސް ލަދުން ފުރަގަސްދޭހާވެއެވެ. ކުރެހުންތެރިއަކު ފިއްސަކުން މި މަންޒަރު ކުރަހާލާނަމަ ހާދަ ފުރިހަމަވީހެވެ. މެހެކުގެ މި އަދާތަކަށް ނަޒަރު ހުއްޓާލައިގެން މަމްދޫހާއި މަލައިކާ ތިބިކަމެއް މެހެކަށް ނޭނގެއެވެ.

“ހަމަ ދެވަނަ މައި ދޯ….ހެއްހެއްހެއް” މަމްދޫހާއި އެއްބައިވެލަމުން މަލައިކާ ވެސް އާއެކޭ ބުންޏެވެ. “މަމްދޫހު….އަހަރުމެންގެ ދަރިފުޅުގެ ދިރިއުޅުމަށް ބޮޑު ރާޅެއް ބިންދާލަން އުޅޭހެން ހިޔެއްނުވޭތަ؟…..އަހަރެންގެ ޒަމީރު އެބަ އެއްބަސްވޭ…..މާދަމާރޭ އޮތް ބޮޑު އިވެންޓުގައި އެތައް ހާސް ވިޔަފާރިވެރިންނާއި ޒުވާން ޖީލުތަކެއް ފެނިގެންދާނެ….އަހަރެން ބިރުގަނޭ އަހަރުމެންގެ މެހެކަށް ކަންތައްގަނޑެއް ކުރިމަތިވެދާނެތީ…މި ކަންކަމަށް އެކުއްޖާފުޅު ނިކަން އާވާނެ…..ޙަޔާތުގައި ވެސް އަލަށް ވިޔަފާރިވެރިންގެ މާލަމަށް މެހެކަށް އެދެވެނީ..ނޫންތަ މަމްދޫހު؟” މަލައިކާ ނިކަން ކަންބޮޑުވެފައި ބުންޏެވެ. “ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށޭ މީހުން ބުނެއެއްނުން…މައި ތި ވިސްނަނީ މާބޮޑަށޭ….އަހަރެން މިއަދު ވަރަށް ފަޚުރުވެރިވޭ އަހަރުމެންގެ ފިރިހެން ދެ ދަރިންނާއިމެދު…ވިޔަފާރީގެ ދުނިޔޭގައި އެއީ ނަމޫނާވެރި ބައެއް…އަހަރުމެންގެ މެހެކަކީ ވެސް އޭނާގެ ދެ ބޭބެއިންފަދައިން ކެރޭ، ހީވާގީ ކަންކަމުގައި ބަސްބުނާނެ ކުއްޖެއްކަން މަށަށް ޔަޤީން….ބީ ޕޮޒިޓިވް މައި..ބީ ޕޮޒިޓިވް” މަމްދޫހުގެ ވާހަކައިން ވެސް މަލައިކާގެ ހިތުގައިވާ ނުތަނަވަސްކަމަކަށް ބަދަލެއް އައިހެނެއް ހިޔެއްނުވެއެވެ. ނަމަވެސް އިތުރަށް ބަހެއް ނުބުނެ ދެމަފިރިން ވެސް އެތެރެއަށްވަދެއްޖެއެވެ.

ހުކުރުދުވަހުގެ ހުކުރު ނަމާދަށްފަހު މެހެފިލް ވިލާ ގަނޑުވަރުގެ ބޮޑެތިންނާއި އެ ގަނޑުވަރުގެ ވާރިސުންތިބީ މެންދުރުގެ ކެއުމަށް އިންސާފުކުރާށެވެ. ޞުފުރާމައްޗަށް ބަލާލިޔަސް ނެތް ވައްތަރެއްނެތެވެ. ކޮންމެ މީހަކަށް އެމީހެއްގެ އެންމެ ގަޔާވާ ކެއުން ތައްޔާރުކޮށްފައިވެއެވެ. ބިރިޔާނީއާއި ކުކުޅު ރިހައެވެ. ސެލެޑާއި ޕާޕަރެވެ. ރޮއްޓާއި ފިހުނު މަހެވެ. ފޮނި ކާ ތަކެއްޗަށް ބަލާލިޔަސް މެގުނަމް ޕުޑިންއާއި ޗޮކޮލެޓު ކޭކާއި ޕްރިނީގެ އިތުރުން ވެސް ތަފާތު ޒާތްޒާތުގެ ފޮނި އެއްޗެހި ހަދާފައިވެއެވެ. އެންމެން ވެސް ކެއުމަށްފަހު އާއިލީ ވަގުތުކޮޅެއް ހޭދަކުރުމަށް ޓަކައި ލިވިންގް ރޫމުގައި ހުރި ސޯފާތަކުގައި ޖައްސާލިއެވެ.

“ދަރިފުޅާ އެމްސް ކުންފުންޏާއިއެކު ބާއްވަން އުޅުނު މީޓިން ކިހިނެއްވީ ފަސްވީ…މި މީޓިންގައި އެމްސް ކުންފުނިތަކުގެ ހެޑް އޮފީހުން ވެސް ބައިވެރިވާ ވާހަކަ ބައްޕަ އަޑުއެހިން؟” ޒާލިމް އަހާލިއެވެ. “ލައްބަ..އެއީ އެމް.އެޗް.ޓޫއީކޭ އޮފީސްދޯ؟..ނޭނގެ ކީއްވެ ކަމެއް ފަސްކުރީ..އެކޮޅުން ބުނަނީ މާދަމާރޭ އޮންނަ ވިޔަފާރި މާލަމަށް ފަހު ކަމަށް ދެފަރާތުން ބާއްވަން ހަމަޖެހިފައިވާ މީޓިން ބާއްވާނީ…” ޒިވިއަން ވަރަށް އިޚްތިރާމާއިއެކު ޒާލިމްއަށް ޖަވާބުދާރީވިއެވެ. ” އެމް.އެޗް.ޓޫއީކޭއަކީ މަމްދޫހު މުޙައްމަދުގެ މައި އޮފީސް ދޯ؟” ވަރަށް ވިސްނަން އިނދެފައި ޒާން ވެސް ބުނެލިއެވެ. “އާ….އެކަމަކު ތީ އެންމެންނަށް ފެންނަ ދަޅައެއް….އިނގޭތަ؟…އެ އޮފީހަކީ އެމްސްގެ ހިއްސާ އެންމެ ބޮޑަށް ލިބޭ ފަރާތުގެ މައި ކުންފުނި…މަމްދޫހު އިސްނަގައިގެން އޭނަގެ އެއްވެސް ދަރިއަކަށް ވެސް އެ ކުންފުނި ހިންގަން ހަވާލުނުކޮށް އެހުރީ ވެސް އެހެންވެ…..މިއީ އަދި ޒެޑްސްގެ ބޯޑު މެމްބަރުންނަށް ވެސް ނޭނގޭ ކަމެއް…ބައްޕައަށް މިކަން އިނގުނީ ހުދު މަމްދޫހު ބައްޕަ ކައިރީ ބުނުމުން…ދަރިފުޅުމެން ހަނދާން އެބަހުރިތަ މަމްދޫހާއި އޭނާގެ އާއިލާ މީހުން މަތިން؟” ޒާލިމްގެ ވާހަކަ ނިންމާލަމުން އަހާލިއެވެ. “އާ….ހަނދާން އެބަހުރި…މަމްދޫހު އަންކަލް އާއި މަލައިކާ އާންޓީ…” ޒާން ވަރަށް ހެވިފައި ބުނެލިއެވެ.

ނަމަވެސް ޒިވިއަންގެ މޫނުމަތިން ހައިރާންކަން ފައުޅުވާންހުއްޓެވެ. “ބައްޕާ…ބައްޕަ ތި ވިދާޅުވީ ބައްޕައަށް އިނގިލައްވައޭ އެ ކުންފުންޏަކީ އެމްސްގެ އެންމެ ގިނަ ހިއްސާދާރުގެ ކުންފުއްޏެއްކަން..ދެން ކީއްވެތޯ އަޅުގަނޑުމެން ކައިރީ ނުބުނުއްވީ؟” ޒާލިމްއަށް ޒިވިއަންގެ ސުވާލުތައް ކުރިމަތިވިއެވެ. “އެއީ ތެދެއް ބޮޑުބޭ….ދެން ކާކުބާ އެ ކުންފުނީގެ އަސްލު ވެރިޔަކީ؟” ވަރަށް ވިސްނަން އިނދެފައި ޒާން ވެސް ބުނެލިއެވެ. “ތިޔަ ކުދިންނަށް އަދި އިނގޭނެ” މިހެން ބުނެ އެހިސާބުން އެވާހަކަ ޒާލިމް މެދުކަނޑާލީއެވެ.

“އެގޭ މަންޖެ އަދި ވެސްވީ އެކޮޅުގައިތަ؟” ޒިވިއަންއަށް ކޯލެއް އައިސްގެން ބޭރަށް ނިކުންނަން ތެދުވިތަނާ އޭނާގެ މަންމަ ބުނި އެއްޗަކުން ދެފައި ބިމުގައި ހަރުލި ކަހަލައެވެ. އެއީ ކޮން ގެއެއްކަން އަދި ކާކުގެ ވާހަކައެއްކަން ދައްކަނީ ނުބުންޏަސް ޒިވިއަންއަށް އިނގުނެވެ. އެހެނަސް މަންމަމެންގެ ވާހަކައިގެ މިސްރާބު އެހެނިހެން ދިމަދިމާލަށް ގޮސް އެ ވާހަކަ ހިނދިއްޖެއެވެ. ހަމަހޭވެރިކަންވީ މީހަކުފަދައިން ޒިވިއަން ވެސް ފޯނެއްގައި ހުރެގެން ނިކުތީ ބޭރަށްށެވެ.

އެއާރޕޯޓުގެ އެރައިވަލް ގޭޓިން ނިކުމެގެންއައީ ރީތިކަން ހުސްކޮށްލައިގެން ތިބި ދެ ޒުވާނުންނެވެ. ދެ ޒުވާނުން ވެސް އައީ އެއްއަތުން ލަގޭޖް ހިފައިގެން ނިކަން ފަރި ހިނގުމެއްގައެވެ. ރީތި ފަންފަން އިސްތަށިގަނޑެއް ދެ ޒުވާނުންނަށް ވެސް ލިބިފައިވާއިރު ހަމުގެ ކުލަ އައްޔެވެ. ގަޔަށް ބާރު ޓޮޕުކޮޅަކާއި ފުޅާ ޖިންސެއް ލައިގެން ތިބި ދެ ޒުވާނުންނަށް ގިނަ ބައެއްގެ ނަޒަރުވަނީ ހުސްވެފައެވެ. އެވަގުތު އެތަނަށް މަޑުކުރި ޓެކްސީއަށް އަރައިގެން ދެ ޒުވާނުން ވެސް ނައްޓާލީ އެއް މަންޒިލަކަށްކަންގައިމެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ޖިންނިއެއްގެ ދުލުން

Next

ބްލަޑް 2 (14)

Next
November 18, 2024

ބްލަޑް 2 (14)

Previews
November 18, 2024

ޖިންނިއެއްގެ ދުލުން



All Right Reserved!