ދެވުނީ ވޭނޭ 18
ހަތް ވަނަ ފުލޯ އަށް ހުއްޓުމާއި އެކު ލިފްޓު ހުޅުވިއްޖެއެވެ. އަރީން އަނެއްކާވެސް ޔޫނުސްގެ ފަހަތުން ހިނގައިގަތެވެ. މެނޭޖަރުގެ ކެބިން ކުރިމަތީގައި ހުއްޓިލައިފައި ޔޫނުސް އެ ދޮރުގައި ޓަކި ޖެއްސެވެ. އެތެރެއިން ވަންނާށޭ ބުނުމުން ޔޫނުސް ދޮރު ހުޅުވާލިއެވެ. ފުރަތަމަ ފަހަރަށް އަރީނަށް މެނޭޖަރުގެ މޫނު ފެނުނީ ދެނެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވެއްޖެއެވެ. ފަހަތަށް ދެތިން ފިޔަވަޅު އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. ނޭވާ އަވަސްވެފައި މުޅި މީހާ ފިނިވިއެވެ.
އަރީންގެ މޫނުމައްޗަށް އަރާ ފޭބި ކުލަވަރު ދެން ބަދަލު ކޮށްލީ ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ތުންފަތުގައި ދަތް އަޅާލަމުން އޭނާ އެތެރެއަށް ވަނެވެ. “ޔޫނުސް ދެން އެންމެ ރަނގަޅު ދިޔަޔަސް.” ގޮނޑިން ތެދުވެފައި އަރީނާއި ދިމާލަށް އެ ފިރިހެން މީހާ އައީ ނިކަން ހަލުވިކޮށެވެ. ޔޫނުސް ނުކުތުމާއި އެކު އޭނާ އެ ކެބިންގެ ދޮރު ލޮކް ކޮށްލިއެވެ. ދެން އައިސް އަރީންގެ ކޮނޑުގައި ހިފާލިއެވެ.
“ފައިނަލީ! އަހަރެން ހީކުރި ދެން އޭގެ ފަހުން އަރީ ނުފެންނާނެ ކަމަށް. އެކަމަކު އެންމެ ފަހުން އަހަރެންގެ ގާތަކަންނު ތި އައީ. މި ދާއިރާ ނެގީ ވެސް އަރީން މި ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ ކަން އެނގޭތީ. ލޯބިވާ! އައި ވުޑް ލަވް ޓު ވޯރކް ވިތް ޔޫ.” އަރީންގެ މޫނުމަތީގައި އަތް ބީއްސާލަމުން ނާއިލް ބުނެލިއެވެ. އަރީންގެ ހިތް ތެޅިގަތީ އެހެނެއް ނޫނެވެ. ވަގުތުން ނާއިލާއި ދުރަށް ޖެހުނެވެ. “ނާ…އިލް. އަދިވެސް ހަމަ އެ ގޮތްތަ؟ ޕްލީޒް ތިހެން ނޫޅޭ. މިއީ ވަޒީފާގެ މާޙައުލޭ. އަހަރެންނަށް ވުރެ މަޤާމުގެ ގޮތުން އިސް ވިއެއް ކަމަކު ތިހެނެއް ނޫޅެވޭނެ. މި ކަން ބެލެވޭނީ ސެކްޝުއަލް ހެރޭސްމަންޓްގެ ގޮތުގައި.” އަރީން ބުނެލިއެވެ.
“ހެހެހެ. ސެކްޝުއަލް ހެރޭސްމަންޓޭ. ބަލަ އެއީ ލޯބިން އުޅޭ ގޮތެކޭ. ޒަމާނަށް ފެތޭކަށް ނުވޭތަ. މިހާރުގެ ލޯބިވެރިންނަކީ ވާރޖިނިޓީ ވެސް އެކަކު އަނެކަކަށް ހަދިޔާ ކުރާ ބައެކޭ. ދެން މިވަރު ކުޑަ ކުޑަ ގޮތަކަށް ގާތްވެލައިގެން މައްސަލައަކަށް ހަދަން ޖެހޭތަ؟ އައި ސްޓިލް ހެވެންޓް ޓްރައިޑް ޔުއާރ ހޮޓް ލުކިން ލިޕްސް ޕްރޮޕާލީ.” ނާއިލް އަރީންގެ ގާތަށް ފިޔަވަޅެއް އަޅާލަމުން އެ ތުންފަތުގައި އޭނާގެ އިނގިލި ހިންގާލިއެވެ. އަރީން އަނެއްކާ ވެސް ދުރަށް ޖެހުނީއެވެ.
“އަހަރެންނާއި ނުބެހި ހުރޭ. އަހަރެންނަކީ ނާއިލްގެ ޙައްޤެއް ނޫން. ނާއިލް ބޭނުން ގޮތެއް ހަދާލަން އޮންނަ ބުދެއް ނޫން. އެހެން ނޫނަސް މި އަންނަ ހަފްތާ އަހަރެންގެ ކައިވެނި ކުރެވޭނެ.” އަރީން އޭނާގެ ކަނާއަތު ކަށި އިނގިލި ދައްކާލަމުން ސާބިތުކަމާއި އެކު ބުނެލިއެވެ.
“ވަޓް! ****. އެހާ އަވަހަށް މެރީ ކުރަނީތަ؟ މަށަށް ވަރިހަމަ. މީހަކާ އިނަސް އަހަރެން އަދި އަރީ ޙާސިލުކުރާނަން.” ނާއިލް ދަހިވެތިގޮތަކަށް އެހެން ބުނެލުމުން އަރީން ބިރުން ތުރުތުރު އަޅައިގަތެވެ. “ބަލަ އަހަރެންނަށް އިންޑަކްޝަން ދޭކަށް ނުވޭތަ؟” އަރީން ހިތްވަރުކޮށްފައި އެއްސެވެ. “ނޫނޭ. ދެން ތިހާ ބިރުގަންނަންޏާ މަ ވެސް ހުއްޓާލީ. އާދެ އަހަރެންނާއި އެކު.” ނާއިލް ކެބިނުގެ ދޮރު ހުޅުވައިފައި ބޭރަށް ނުކުތެވެ. އަރީން އޭނާގެ ފަހަތުން ދިޔައެވެ. ރަސްމީ ސިފައެއްގައި އިންޑަކްޝަން ދޭން ފެށީ ދެނެވެ. އެހެނަސް ދޭތެރެއަކުން އޭނާ އަރީނަށް ބެހިލައެވެ.
“ޒޮންބީ ބަލާބަލަ. މިހިރަ ފިރިހެން މީހާ އެއްނު ކްރައިމް ސީނުގެ އެންމެ ކައިރިން ފެނުނީ. ކުރިން ވެސް ވިލިނގިލީގައި ހުރި ފިހާރައެއް ތަޅާލައިގެން ޕްރައިމް ސަސްޕެކްޓަކަށް ވީ މީނައެއްނު. މި މީހުން ހެކި ނައްތާލަން އެ ކުރާ މަސައްކަތަށް ސާބަސް ދޭހާވޭ.” އޮޕަރޭޝަން ޕްލޭނިން ޓޭބަލްގެ ކުރިމަތީގައި ބޯ ގާނަން އިން އަފާފް ބުނެލިއެވެ. “އެ ގޮލާ އަތުލައިގަނެވޭނީ ބިސްމަޅި ދުއްވައިގެން” ސުމައްޔާ އޭނާގެ ލެޕުން ފެންނަމުން ދިޔަ ކްލިޕަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުނެލިއެވެ.
“އޭނާ އިތުރު ޙަރަކާތެއް ނުކޮށް މައިތިރިވެގެން މިހާރު އެ ހުރީ. ފަތަފޮޅިގަނޑު ގެންގުޅޭ ތާކުން ތާކު ނުޖެހޭ ޚިޔާލުތަކުން މި ކަހަލަ ގަދަ ކުށްވެރިއެއް އަތުލައިގަނެވޭނެތަ؟” އިޙުސާނު މަލާމާތުގެ ރާގަކަށް ބުނެލިއެވެ. ސުމައްޔާ ތުންފިތާލަމުން އެ ސޮރަށް ކަޅި އަޅާލިއެވެ. “ދެން ހިތުން މޮޅު މީހަ ހަދަންވީ ގޮތް ބުނެބަލަ.” ސުމައްޔާ ކަޅި އަނބުރާލަމުން ބުނެލިއެވެ. “އެންމެ ރަނގަޅު. އަޑުއަހާ. އަހަރެންގެ ގާތް އެކުވެރިއެއް އުޅޭނެ އިންޖިނޭރިން މަސައްކަތް ކުރާ. އޭނާ ދިން ވަރުގަދަ ޓްރެކަރެއް. އޭގެ އެހީގައި ދައްކާ ވާހަކަ ރެކޯޑް ކުރެވޭނެ. އަހަރެމެން ޓްރެކަރުން ބަލާފަ ނުރަނގަޅު ކަމެއް ކުރާން އުޅޭ ކަމުގެ އިޝާރާތެއް ވީމަ އޭނާ އަތުލައިގަތީމަ ވީނުން.” އިޙުސާނު ބުނެލިއެވެ.
“ސަޅި ޚިޔާލެއް. މިހެން ހެދީމަ ރައުންޑިންތަކަށް ދާން ޖެހިގެން ނުވަތަ ކުދިކުދި މައްސަލަތަކުގައި އަންނަ ގެޕް ފިލް ކުރެވޭނެ. އިއްސޭގެ ޕްލޭން ހަމަ ހަބޭސް.” އަކްމަލް އޭނާގެ ބޮޑުވައި އިނގިލި އުފުއްލާލިއެވެ. “މަޑުކޮށްބަލަ. ކުށަކަށް އަރައިގަތުމުގެ ކުރިން އަތުލައިގަތީމަ ކޮން ބަރުދަނެއް ހުރި ހެއްކެއް ލިބޭނީ. އޭނާ އިތުރު ކުށަކަށް އަރައިގަތުމުގެ ތެރެއިން ހައްޔަރު ކުރަންވީ. އެހެންވީމާ އެމީހުން ކުޑަކޮށް ސަކަރާތް ޖަހާލަން ފުރުސަތު ދެމާ. އެހެން ނޫނަސް ތި ބުނާ ޓްރެކަރެއް އޭނާގެ ގައިގައި ވިޔަސް ހަރުކުރެވޭނީ އެ ބޭފުޅާ ލޮލަށް ފެނިގެންނެއްނު. އިހަށް ވީ އެ ގޮލާ ހޯދާކަށްނު.” ސުމައްޔާ ފާޑުވެރިގޮތަކަށް ބުނެލިއެވެ.
“ތެދެކޭ. ސޫމޯގެ ވިސްނުން އަދި މާ ފުރިހަމަ.” ޒައިން ސުމައްޔާ އަށް ތަޢުރީފު ކޮށްލިއެވެ. ސުމައްޔާ އިޙުސާނަށް ބަލައިލަމުން ޒާތަކަށް ހީނލިއެވެ. އިޙުސާނު ސުމައްޔާގެ އެ މަލާމާތުގެ ބެލުމަށް އަލިފާނުގެ ނަޒަރެއް ދިނެވެ. ހީވާ ކަހަލައެވެ. މި ދެމީހުންގެ ވާދަވެރިކަމުން ދިވެހިރާއްޖޭގައި ތިބި އެންމެ ކުޅަދާނަ ކުށްވެރީން ވެސް އަތުލައިގަންނާނެއެވެ.
“މިއީ ލެވެލް ދޭކަށް ޚާއްޞަ ތިންވަނަ ފުލޯ. އަރީގެ މަސައްކަތް ބަލާނީ އަހަރެން. ލޯބީގެ ހަދިޔަލެއްގެ ބަދަލުގައި އަރީ އަށްޓަކައި އަހަރެން ހަމަ ކޮންމެ ކަމެއް ވެސް ކޮށްފާނަން.” ނާއިލް ބުނެލިއެވެ. “މިހާރު ހުރިހާ ޤަވާޢިދެއް ވެސް އެނގި ސާފު ވެއްޖެ. ދެން ދަނީ. މަސައްކަތަށް ކްލައިއެންޓެއް ވެސް ހޯދަން ޖެހޭނެތާ.” ނާއިލްގެ ޙަރަކާތްތަކުން އުނދަގޫވެފައި ހުރެ އަރީން ދުރަށް ޖެހުނެވެ.
އަރީނަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭ ވަރުވީ އޭނާއަށް ޚާއްސަކުރެވިފައިވާ ކެބިނަށް ވަދެވުމުންނެވެ. މި ޕްރައިވެޓް ލޯވް ފާރމަކީ މުވައްޒަފުންނަށް ވަރަށް ފުރިހަމަ އަށް ޚިދުމަތް ދޭ ތަނެކެވެ. ކޮންމެ ލޯޔަރަކަށް ވަކިން ޚާއްޞަކޮށް ކެބިނެއް ހުރެއެވެ. ކެބިންގައި އޮފީސް މޭޒަކާއި ކޮންޕިޔުޓަރެއް ހުރެއެވެ. އެއްފަރާތުގައި ކްލައިއެންޓުންނާއި ބައްދަލުކޮށް ވާހަކަ ދައްކާނެ ދެ ސޯފާގޮނޑި އާއި ކޮފީ މޭޒެއް ހުރެއެވެ. އެތެރޭގައި ލައިފައި ހުންނަނީ ބެއިޖް ކުލައެވެ. ފަރުނީޗަރުތައް ހުރީ މުށިކުލައިންނެވެ.
‘އެޗް.އެކްސް’ ލޯވް ފާރމަކީ ދިވެހިރާއްޖޭގައި އެންމެ ނަން މަޝްހޫރު ލޯވް ފާރމެވެ. އެންމެ ގިނަ ދިވެހިން އިތުބާރު ކުރާ ލޯވް ފާރމަކީ ވެސް މިއެވެ. މި ތަނުގައި ހަތަރު ލެވަލެއްގެ ލޯޔަރުން މަސައްކަތް ކުރެއެވެ. ފުރަތަމަ ލެވެލްގެ ލޯޔަރުންނަކީ އަލަށް ފަށާ މީހުންނެވެ. ތަޖުރިބާ ލިބުނެއް ކަމަކު ދެވަނަ ލެވެލަށް ޕްރޮމޯޓު ވާނީ އެމީހެއްގެ ކުޅަދާނަ ކަމަށް ރިޢާޔަތް ކޮށްފައި ވަކި މިންގަނޑު ތަކަކަށް ފެތޭ ނަމައެވެ. ތިމާގެ އުކުޅުތަކާއި ވާހަކަ ދެއްކުމުގެ ގޮތްގަނޑާއި ކޭސްތައް ކާމިޔާބު ކުރެވޭ މިންވަރަށް ބަލައިފައެވެ.
ލެވެލް ތިނެއްގައި އުޅޭނީ އެއަށްވުރެ ކުޅަދާނަ ލޯޔަރުންނެވެ. ލެވެލް މައްޗަށް ދާ ވަރަކަށް އެމީހުންނަށް ދައްކަން ޖެހޭ ފީ ބޮޑު ވާނެއެވެ. މި މީހުން މަދުމަދުން ރާއްޖެއިން ބޭރުގެ ކޭސްތަކާއި ވެސް ހަވާލުވާނެއެވެ. އޭގެ ވެސް މަތިން ލެވެލް ހަތަރެއްގައި މަސައްކަތް ކުރާނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ވަރުގެ ލޯޔަރުންނެވެ. ޤައުމީ ފެންވަރުގެ ބޮޑެތި އިންވެސްޓިގޭޝަންތައް ފުރިހަމައަށް ނިންމާލެވޭނެ ވަރުގެ މީހުންނެވެ. މި ވަގުތު އެ ލެވެލްގައި ހުރީ އެންމެ ތިން މީހުންނެވެ. ގިނަފަހަރަށް އެމީހުން މަސައްކަތް ކުރަނީ ބޭރުގެ ކޭސްތަކުގައެވެ. 2027 ގައި ތަޢާރަފްވި އިންޓަނޭޝަނަލް ލައިސެންސް ލިބިފައި ހުންނަނީ ހަމައެކަނި ލެވަލް ތިނަކާއި ހަތަރެއްގެ ލޯޔަރުންނަށެވެ. އެ ލައިސެންސް ލިބިފައި ހުންނަ ލޯޔަރުންނަށް ކޮންމެ ޤައުމެއްގައި ވެސް ކޭސް ލީޑު ކުރެވޭނެއެވެ.
“ހެއި ނިއު ގާރލް. ވަރަށް އާރޖެންޓް ކްލައިއެންޓެއް ލިބިފައި އެބައިން. މިވަގުތު އަހަރެން އެހެން ކޭހެއްގެ މަސައްކަތް ކުރާތީ އެ ނެގޭކަށް ނެތް. އެހެން ލޯޔަރުން ވެސް މި ދުވަސްކޮޅު ވަރަށް ބުރަ ކޮށް އުޅެނީ.” އަރީން ގޮސް މޭޒު ދޮށުގައި އިށީން ހެނެއް ހިޔެއް ނުވެއެވެ. ތެޅެމުން ފޮޅެމުން އެ ކެބިނުގެ ތެރެއަށް ވަތް އަންހެން ކުއްޖަކު ބުނެލިއެވެ. “އޯހް ސޮރީ. އަހަރެންގެ ނަމަކީ ޝައިނާ. ކުޑަކޮށް ނަމަ ޝައި.” ޝައިނާ ހަމަޖެހިލަމުން ބުނެލިއެވެ.
“އެންމެ ރަނގަޅު. ކޮން އިރަކުން ތިޔަ ކްލައިއެންޓާއި ބައްދަލުކުރަން ޖެހޭނީ.” އަރީން އެހިއެވެ. “މިރޭ އަށަކަށް. ވަރަށް ހައި ޕްރޮފައިލް މީހެއް. އެ ފިރިހެން މީހާ އެދިފަ ވަނީ ހުޅުމާލޭގެ ބްލޫ ވޯޓާސް ހޮޓެލްގެ ބިޒްނަސް ރޫމުން ބައްދަލުކުރަން. ޝުކުރިއްޔާ އަރީން.” މޭޒުމަތީގައި އޮތް ޓެގަށް ބަލައިލަމުން ޝައިނާ ބުނެލިއެވެ. “އޯކޭ. މިއަދު ދާނަން ބައްދަލުކޮށްލަން. ދެން މިހާރު އެކުވެރިންނަށް ވީނުން. ރީން ކިޔަސް އެންމެ ރަނގަޅު.” އަރީން ރީތި ހިނިތުންވުމަކާއި އެކު ބުނެލިއެވެ. “އޯލްރައިޓް. އަހަރެންގެ ކެބިން އެ ހުރީ ހަމަ މިތަނާއި ޖެހިގެން ކަނައަތަށް. ހެލްޕެއް ބޭނުމިއްޔާ ބުނެލާ.” ޝައިނާ ނުކުންނަމުން ބުނެލިއެވެ.
“ސޫމޯ. ޑިޔުޓީ ނިންމާލާފަ ފަހުން ހުޅުވި އެކުއޭރިއަމް ބަލާލަން ދާނަންތަ. ތަފާތު އެކި ވައްތަރުގެ މަސްމަހާމެހި ބަލާލާ މަޖާކޮށްލެވިދާނެ.” އަފާފް މޭޒުދޮށުގައި އިނދެ ބުނެލިއެވެ. “އެ ފަތަފޮޅިގަނޑަކީ މަހާއި ހެދިގެން އުޅޭ މީހެއް ނޫން. ދޫންޏަށް މޮޔަވެފަ ހުންނަ ދައިތަ ގަނޑެއް.” އިޙުސާނު އެއާއި ވިއްދައިފައި ބުނެލިއެވެ. “ކިހިނެއް އިއްސޭއަށް އެކަން އެނގެންވީ؟” ދެލޯ ހަނިކޮށްލަމުން އަކްމަލް ބަލައިލީ ފާޑަކަށެވެ. “އެނގޭނެއްނު. މަ ދޫނި ތަކެއް ބަލައިލަން ދިޔަ ދުވަހަކު މޫނުމައްޗަށް ކުދިބަތް މުށެއް ޖަހާފަ ހުރި މީހެއް ވިއްޔާ.” ސުމައްޔާ ދެލޯ އަޅާލަމުން ބުނެލިއެވެ.
“ލޮލަށް ފާޑުފާޑުގެ ވައްތަރު ޖައްސާނެކަމެއް ނެތް. ކަލޭ ވިއްޔާ މަ ގަޔަށް އެ ދުހު ފެންޖަހާ ތެންމާލީ.” އިޙުސާނު ވަކި ދުލެއް ނުކުރިއެވެ. “ދެން އޭގެ ބަދަލު ކަލޭ ވެސް އަހަރެން ތެންމާލީމެއްނު.” ސުމައްޔާ ޖަވާބު ދިންލެއް ވަކި ލަހެއް ނޫނެވެ. “އެހެންވިއްޔާ ކަލޭމެން ދެމީހުން އަސްލު ފުރަތަމަ ބައްދަލުވީ ކޮން ތާކުން؟” ސުމައްޔާމެންގެ ކޯޅުން ގަނޑު އަޑުއަހަން އިނދެފައި ޒައިން އެއްސެވެ. މި ސުވާލާއި އެކު ދެމީހުން ހިމޭންވެއްޖެއެވެ.
“ސްކޫލުން.” އިޙުސާނު ބުނެލިއެވެ. ސުމައްޔާގެ ޙަރަކާތްތައް މަޑު ޖެހިލީ އިޙުސާނާއި ފުރަތަމަ ބައްދަލުވި ދުވަސް ހަނދާނަށް އައުމުންނެވެ. އެރޭ އަރީންގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާއެވެ. އޭނާގެ ގާތުގައި އެ ދުވަހު އަޒާޔާ ހުއްޓެވެ. “ޒޮންބީ! ބްރޯ އެއްނު އެންމެ ކުރިން މިތަނަށް ޖޮއިން ކުރީ. އެނގޭތަ ހުރަވީ ސުކޫލުގައި އަލިފާން ރޯވެގެން އުޅުނު ޙާދިސާ. އަ ގާލް ގޮޓް ސްޓެބްޑް ޓޫ.” ލަސްލަހުން ސުމައްޔާ އެހިއެވެ.
“އާނ. ފުލުހުން އެ މައްސަލަ ރަނގަޅަށް ތަޙުޤީޤު ނުކޮށް ދޫކޮށްލީ. އެއީ އަހަރެން މި ދާއިރާ އާއި ގުޅުނު ފުރަތަމަ އަހަރު.” ޒައިން ރައްދުގައި ބުނެލިއެވެ. “ކީއްވެގެން ކަން އެނގޭތަ އެހާ ފަސޭހައިން އެ މައްސަލަ ދޫކޮށްލީ. ގައިމު އެ އަންހެން ކުއްޖާ އަށް މަރުގެ ޙަމަލާއެކެއްނު ދެވުނީ.” ސުމައްޔާ އަނެއްކާ ވެސް ޒައިނަށް ސުވާލުގެ ނަޒަރެއް ދިނެވެ. އިޙުސާނު ވެސް އިނީ އެ ސުވާލުގެ ޖަވާބު އެނގެން ބޭނުން ވެފައެވެ. “ސޮރީ. އަހަރެންނަކަށް ނޭނގޭ. ފުރަތަމަ އަހަރު ވީމަ އެކަހަލަ ސިއްރުތައް ހިއްސާއެއް ނުކުރޭ. ހަމައެކަނި އެނގެނީ އެ މައްސަލަ އާއި ޙަވާލުވީ ޖިހާދުގެ ޓީމުން ކަން.” ޒައިންގެ ޖަވާބުން ސުމައްޔާގެ ކަރު އެލުނެވެ.
އަރީން ދަބަސް ކޮނޑުގައި އަޅުވާލަމުން ފުން ނޭވާއެއް ލިއެވެ. ފޯނުން ގަޑި ބަލައިލި އިރު ހަތް ގަޑި ފަންސާސް ވެއްޖެއެވެ. ފޯނު އަނބުރާ ދަބަހަށް ލައިފައި އޭނާ ގޮސް ލިފްޓަށް އެރިއެވެ. ގްރައުންޑް ފުލޯ އަށް އެ ހުއްޓުމުން އޭނާ އެއިން ފައިބައިގެން ގޮސް އިމާރާތުން ބޭރަށް ނުކުތެވެ. އޭރު ބޭރުގައި ލޯވް ފާރމްގެ ކާރެއް މަޑުކޮށްގެން އޮތެވެ. އަރީން ކާރުގެ ފަހަތު ސީޓަށް އެރުމާއި އެކުހެން ޑްރައިވަރު ކާރު ދުއްވާލައިފިއެވެ.
ބްލޫ ވޯޓާސްގެ ހައިބަތު ބޮޑު ހޮޓެލް ކުރިމައްޗަށް ހުއްޓާލުމުން އަރީން އެއިން ފޭބިއެވެ. އޭނާ ހިނގާލައިފައި ގޮސް އެ ޢިމާރާތުގެ އެތެރެއަށް ވަނެވެ. ދެން ގޮސް ރިސެޕްޝަން ޑެސްކު ކުރިމަތީގައި ހުއްޓުނެވެ. “އަޅުގަނޑަކީ ލޯޔާރ އައިޝަތު އަރީން އަފްޒަލް. ކްލައިއެންޓާއި ބައްދަލުކޮށްލަން މި އައީ.” އަރީން އޭނާގެ ކަރުގައި އަޅާލެވިފައިވާ ކާޑު ދައްކާލިއެވެ. އެއާއި އެކު ރިސެޕްޝަނުގައި އިން އަންހެން ކުއްޖަކު އެދުނީ އޭނާ އާއި އެކު ދިއުމަށެވެ.
އަރީނަށް ގޮސް ވަދެވުނީ އެންމެ މަތީ ފުލޯގައި ހުރި ބިޒްނެސް ރޫމަށެވެ. ރިސެޕްޝަނުން އައި ކުއްޖާ އަރީން އެ ތަނަށް ދޫކޮށްލާފައި ނުކުމެގެން ދިޔައެވެ. އަރީން އެ ތަނުން ގޮނޑިއެއްގައި އިށީނުމަށް ފަހު ދަބަހުން ނޯޓު ފޮތަކާއި ގަލަމެއް ނެގިއެވެ.
“ރީމް! މިއެއް ނޫނޭ އަހަރެން ނަގަން ބުނި ލޯޔަރަކީ. ޝައިނާ ނަމަކަށް ކިޔުނު ކުއްޖެކޭ ނެގީ.” ބިޒްނެސް ރޫމު ތެރޭގައި އިން އަރީން ފެނުމުން ޝަހުދުގެ ދެބުމަ ގޮށް ޖެހުނެވެ. “އެ ލޯޔާރ އެހެން ކޭސް އެއް ނަގައިގެން އުޅޭތީ ހަވާލުވެވޭ ގޮތް ނުވީ. މިއަދު އެ ވާހަކަ ބުނި.” ރިސެޕްޝަނިސްޓް ރީމް ހާސްވެފައިވީ އަޑަކުން ބުނެލިއެވެ.
ޝަހުދު އެންމެ ފަހުން ރޫމަށް ވަނީ އެހެން ގޮތެއް ނެތުމުންނެވެ. އެތެރެއަށް ވަނުމާއި އެކު އަރީން އިޙުތިރާމް އަދާކުރުމުގެ ގޮތުން ތެދުވިއެވެ. ހިނިތުންވެލަށް މަސައްކަތް ކުރި ނަމަވެސް އަރީނަށް އެކަމެއް ނުވިއެވެ. ހީވަނީ ނުފެންނަ ބާރަކުން އެކަމަށް ހުރަސް އަޅާހެނެވެ. ޝަހުދުގެ ނުރައްކާތެރި ނަޒަރު އަރީނަށް އަމާޒުވެފައިވާކަން ރެއަކާ ލުމުން އޭނާއަށް ހިންދިރުވާލެވުނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Mi part vx varah Reethi Masha Allah.
I knew It. It was Naail. Eww Naail, Loabi viyeh Kamaku ehn hadhaakah nuvaanennu 😒
Sumee and Ihusaan dhuvahakuves kamakaa ebbaheh nuvaane dhw 🤣
Sumee hoadhaathi Reen ah ehn hedhee kaaku thoa. And Azaya ah ehn hedhee kaaku thoa 😭
Shahudhu akee Anekka kaakuba??? 🤔
Appreciate your hard work 🥰
Curiously waiting for the next part.
Lysm White Rose 🤍
Naail disgusts me as well 😣
Arn e dhemeyhun eh galakah naaraane thaa 🤣
IA they can find the ppl behind these cruelty.
Shahudhu ge gotheh engeyni dhen oiy baithah kiyaalevunyma, stay tuned.
Shukran Shiu ✨✨
Lyt darl 💕💕
Masha Allah mi part ves Vrh reethi reen ge wedding kon iraku who is shahudhu sumee and ihsaan hehe 😂😂
Curiously waiting for the next part when’s next
Lyyy ❤️
Reen ge wedding annane vrh avahah.
Shahudhu ge gotheh balamaa dhw dhen oiy baithakun.
Shukran Nai_73 ✨✨
Lyt darl 💕💕
Masha Allah mi part ves Vrh Reethi……….. Curiously waiting for next part…..
Whn nxt…..??????
Luv you & Take care🤞🏻💋
IA next Wednesday ga submit kohlaanan.
Shukran Alaika_22 ✨✨
Lyt darl 💕💕
Vrh vrh reeethi
Masha allah sissy 💖
Shukran Its_Elynaa ✨✨