Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 16

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
November 17, 2025 7 Mins Read
18 Comments

ތިން ސަތޭކަ މީހުންގެ ޖާގަ އޮތް އެ ބޮޑު ފުލޭޓުން އަރީން އޭނާގެ ސީޓު ހޯދާލިއެވެ. ނަސީބު ރަނގަޅު ކަމުން އޭނާއަށް ލިބުނީ ވިންޑޯ ސީޓެކެވެ. އަރީން އިށީނުމާއި އެކު ޖެހިގެން ހުރި ސީޓުގައި އަފްޒަލް އިށީނެވެ. އަރީން ބޭރު ފެންނަން ހުރި ލޯ ކޮޅަށް ނަޒަރު ހުއްޓާލިއެވެ. އެ ވަގުތު ފުލޭޓު ވައި މައްޗަށް އުފުއްލާލައިފިއެވެ. އުފަން ފަސްގަނޑާއި އެތައް މޭލެއް ދުރަށް ދާން ޖެހުމުން އަރީންގެ މޫނުމަތީގައި ވަނީ މޮޅީގެ ސާލެއް އޮޅިފައެވެ. އެޅިފައިވާ އަލިން އޭނާގެ ހޭޒަލް ކުލައިގެ ލޮލަށް އުނދަގޫ ކުރިއެއް ކަމަކު ފަރުވާލެއް ނެތެވެ.

**ހަތް އަހަރު ފަސް**

އެއާޕޯޓުން ޗެކްއައުޓްވެގެން އައި ޒުވާން އަންހެން ކުއްޖާއަށް އެ ތަނުގައި އުޅުނުހާ ބައެއްގެ ލޯތައް އަމާޒު ވަމުން ދިޔައެވެ. އެހަރަ ރީތި ކަމެއް ދޯއެވެ. ލައިގެން ހުރި މުށި ކުލައިގެ ދޫ ކުރުތާ އެ ހަށިގަނޑާއި ކިތަންމެހާ ވެސް ގުޅެއެވެ. އެކަނި މާ އެކަނި ބޮޑު ފޮއްޓެއް ދަމަމުން އައި އެކުއްޖާގެ މޫނު މަތީގައި ވަނީ ޖަޒުބާތީ ހިނިތުންވުމެކެވެ. ވާނީ ވެސް އެހެންތާއެވެ. ހަތް އަހަރެއްހާ ދުވަސް ފަހުން އަމިއްލަ ފަސްގަނޑަށް އަނބުރާ އާދެވުމުން އެ ލިބޭ އުފަލާއި ހިތްހަމަޖެހުން ބަޔާން ކޮށްދޭން ވެސް ދަތިވާނެއެވެ.

“ރީން. ދައްތަމެންނަށް މާ ފަހުން ދޯ މި އާދެވުނީ.” އެ ވަގުތު އެތަނަށް އައިސް ހުއްޓުނީ އާފިޔާ އެވެ. އަރީން ހިނިތުންވެލައިފައި ލަހެއް ނުވެޔޭ ބުނެލިއެވެ. ޒިޔާދު އަރީންގެ އަތުން ފޮށި އަތުލުމުން އާފިޔާ އެ މަޑު އަތްތިލައިގައި ހިފާލަމުން ގޮސް ޒިޔާދުގެ ކާރަށް އަރައިފިއެވެ. 

“މި ދަރި ވެސް މިހާރު ފުރާ ފުރިހަމަ ވީނުން. އަނެއް ދަރި ވެސް ފުލުސް ޓްރައިނިން ނިންމާފައި ވަޒީފާގައި އުޅޭތާ ދެ އަހަރު ވީ. އެކަމަކު އެއީ ނޯރތް ހެޑް ސްޓޭޝަންގަ. އިހަށް ދުވަހު އަނެއްކާވެސް އަނބުރާ ހުޅުމާލެ އައިސްފި. ދުވަސްތައް ހިނގާލެއް އަވަހޭ.” އާފިޔާ އަރީން ގެނެސް މޭގައި ޖައްސާލަމުން ބުނެލިއެވެ. “އަޅުގަނޑު ވެސް ދައްތަ މަތިން ވަރަށް ހަނދާންވި. އަދި ދައްތަ ކައްކާ ބިރިޔާނީ ވެސް. އަޒާ އާއި އެކު ތި ގެއަށް ގޮސް އުޅުނު އިރު ދައްތަ އެންމެ މީރު ކޮށް ހަދަނީ އެ ވިއްޔާ.” އަރީން ފެށި ޖުމްލަތައް ނިންމާލިއިރު ފެންކަޅި ވެއްޖެއެވެ. 

“މާފުކުރޭ. އަޅުގަނޑު ސަބަބުން އަޒް” އަރީން އިސްޖަހާލިއެވެ. “ނޫން ތިހެން ނުބުނޭ. ދައްތައަށް އެނގޭ ރީއްކޮ އެފަދަ ކަމެއް ނުކުރާނެކަން. އެހެން ބައެއްގެ އަނިޔާވެރި އަމަލާއި ދަރިފުޅު ޒިންމާ ވާކަށް ނުޖެހޭ. ދައްތަ ގެ ނަޒަރުގައި ރީން އާއި ސުމީ އަކީ ވެސް އެއަށް ވުރެ މާ ރަނގަޅު ދެކުދިން.” އާފިޔާ އަރީންގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ހުއްޓުވިއެވެ. 

“އެބުނާހެން. ބޭބެމެން ރީން ކުށްވެރިއެއް ނުކުރަމޭ.” ޒިޔާދު ކާރު ދުއްވާލަމުން އާފިޔާގެ ވާހަކަ އަށް ބާރު ދިނެވެ. “މަންމަމެން އެހެން ފުލެޓަކަށް ބަދަލުވީ ވާހަކަ އެހިން. ކޮން ހިސާބެއްގައި ހުރި ތަނެއްތަ؟” އެ ވާހަކައިން ބޭރު ވަމުން އަރީން ކޮށްލީ ސުވާލެކެވެ. “އަދި ނޭނގެތަ؟ ސުމީމެން އުޅޭ އިމާރާތާއި ޖެހިގެން ހުރި އިމާރާތް އެއީ. ފްލެޓް ނަންބަރު 151” އާފިޔާ ޖަވާބު ދިނެވެ. 

ފުލެޓާއި ހިސާބަށް ދެވުމުން އަރީން ކާރުން ނުކުތެވެ. ޒިޔާދު ފޮށި ނަގަން ދިއުމުން އާފިޔާ އާއި އަރީން މިސްރާބު ޖެހީ އެތެރެއަށެވެ. އެހެނަސް ވަނުމުގެ ކުރިން އޭނާއަށް ހުއްޓެން މަޖުބޫރު ވީ ފަހަތުން މީހަކު ނުހަނު ބާރަށް ‘ރީން’ އޭ ކިޔާ ހަޅޭއްލަވައިގަތުމުންނެވެ. އަޑުން ވެސް އެއީ ސުމައްޔާ ކަން ދެނެގަންނަން އަރީނަށް ނެގީ ސުކުންތު ކޮޅެކެވެ. އެ ފަރާތަށް އެނބުރުމާއި އެކު ފެނުނީ ފުލުސް ޔުނީފޯމުގައި އޭނާ އާއި ދިމާލަށް ދުވަމުން އައި ސުމައްޔާ އެވެ. 

“ރީނޫ. އަންނަ ވާހަކަ ނުވެސް ބުނަމެއްނު. އަހަރެން ހީކުރި މި އަންނަ ހަފްތާގަ ކަމަށް އަންނާނީ.” އަރީންގެ ހަށިގަނޑުގައި ސުމައްޔާ ބައްދައިގަތީނުން އޭނާގެ ނޭވާ އުފުރިގެން ނުދިޔައްޔާ ރަނގަޅެވެ. އޭރު މަގުމަތީގައި އުޅުނު އެހެން މީހުންގެ ނަޒަރު އެ ދިމާލަށް އަމާޒު ވަމުން ދިޔަ ކަން ވެސް އޭނާއަށް ރޭކާ ނުލައެވެ. “ބުނެފައި އައިއްޔާ ސަޕްރައިޒަކަށް ނުވާނެއްނު.” ހިނިގަނޑެއް ޖަހާލަމުން އަރީން ބުނެލިއެވެ. 

“ކޮން ސަޕްރައިޒެކޭ ކަޓުރެއިޒެކޭ ކިޔާކަށްތަ. ބުނެފައި އައިމަ ތާ ރަނގަޅަށް މަރުހަބާ ކިޔޭނީ.” ޝަކުވާގެ ރާގަކަށް ސުމައްޔާ ބުނެލި ގޮތުން އާފިޔާ އަށް ހެވިއްޖެއެވެ. “ދެން މި ކުއްޖާގެ އަނގައިން އަރާނިއްޔެއް ނޫން. ތަނަކަށް ދާކަށް ނޫންތަ ތި ނުކުތީ؟” އަރީން އެއްސެވެ. ސުމައްޔާ ނުވައެއް ޖަހާއިރަށް ޑިޔުޓީ އޮތް ވާހަކަ ބުންޏެވެ. “ރަންކޮޅާ! މިހާރު އެއޮށް ނުވަގަޑި ފަހެއް ހިނގީ. ފުރަތަމަ ދުވަހު ވެސް ލަސްވީނުން.” އަރީން ގަޑިއަށް ކަޅިއެއް އެއްލައިފައި ބުނެލިއެވެ. 

“ސްވީޓް މަދަރ އޮފް މަންކީ މިލްކް. ނުވަގަޑި ފަހެކޭ. މަންމާތް ސްޓާފް ސާރޖަންޓް އަހަރެން ކާލާނެ. އެ މަޤާމުގައި ރަނގަޅު މީހަކު ހުރިއްޔާ ރަނގަޅު.” ސުމައްޔާ ތެޅިގަންނަމުން އަވަހަށް މިސްރާބު ޖެހީ ޓެކްސީ އެއް ހޯދާށެވެ. އަރީން ބޯ ހޫރާލައިފައި ގޮސް އާފިޔާ އާއި އެކު އިމާރާތުގެ ތެރެއަށް ވަނެވެ. 

ލިފްޓަކަށް އަރައިފައި ޒިޔާދު އަށަކަށް އޮބާލިއެވެ. އެ ހިސާބަށް އެރުމުން ލިފްޓުން ނުކުމެ ހަތަރު ވަނަ އެޕާޓްމަންޓު ކުރިމަތީގައި ހުއްޓި ބެލް ޖަހާލިއެވެ. އެތެރެއިން ދޮރު ހުޅުވާލީ ޔަނާލެވެ. އަރީން ހުރީ އެއްފަރާތެއްގައި ކަމަށް ވުމުން ޔަނާލްގެ ލޮލުގައެއް އަޅައެއް ނުގަނެއެވެ. “ހާދަ ނުރަސްމީ ގަޑިއެއްގަ. ކީއް…. ދަރިފުޅާ ރީން. އައްދޭ. މަންމަގެ ދޮން ދޫނި އަނބުރާ ރަށަށް އައީ ތަ؟” ޔަނާލަށް އަރީން އެ ތަނުގައި ހުރި ކަން ފާހަގަ ކުރުމަށް ވަގުތުކޮޅެއް ނެގިއެވެ. އަދި ލަސްނުކޮށް އެމީހުން އެތެރެއަށް ވައްދައިފިއެވެ. 

“އަޅޭ! އަންނަ ވާހަކަ ނުބުނީ ކީއްވެގެންތަ؟ އޭރުން ދޯ ރަނގަޅު އެއްޗެއް ހަދާލަން އެނގޭނީ.” ޔަނާލް ބުނެލިއެވެ. “ދެން ވަކި ޚާއްޞަ ކެއުމެއް  ހަދަން ޖެހޭތަ؟ އެހެން ނޫނަސް މަންމަ އާންމު ގޮތެއްގައި ސަޔަށް ހަދާނީ ނުލާހިކު މީރު އެއްޗެހިން.” އަރީން ރައްދުގައި ބުނެލިއެވެ. މި މީހުން ވާހަކަ ދައްކާ އަޑަށް އަޑު ގަދަވެގެން އަފްޒަލް ނުކުމެއްޖެއެވެ. އަރީން ފެނި އޭނާ ވެސް ފުރަތަމަ ސިހުނީ އެވެ. ދެވަނަ ސިކުންތުގައި އަރީން ގަޔާ ކައިރި ކޮށްލަމުން ބޮލުގައި ފިރުމާލިއެވެ. އެ ތަނަށް އަރީން ދޫކޮށްލައިފައި ޒިޔާދު އާއި އާފިޔާ އެގެއިން ނުކުތެވެ. 

“މަރްޔަމް ސުމައްޔާ އަބްދުއްރަޙްމާން ދެއްތޯ! ކީއްވެ ލަސްވީ؟ ނުވައެއް ޖަހާއިރު ސައިން އިން ވާން އެންގިފައި ވާނީ. ދެން ދޭ ކްރައިމް ޔުނިޓް ފަހަކަށް.” ސައިން އިން ވާން ޖެހޭ ހިސާބުން ސުމައްޔާ އާއި ވާހަކަ ދެއްކި އެ ތަނުގެ ހެޑް އިންސްޕެކްޓަރު ހަމްޒަތު އަލީ އެވެ. އެ މީހާގެ ފަރާތުން ހަރުކަށިކަން ނުފެނުމުން ހަމަޖެހިލައިފައި ސުމައްޔާ ގޮސް ވަނީ ކްރައިމް ޔުނިޓް ފަހަކަށެވެ. އޭރު ބިއްލޫރި ޕާޓިޝަން ޖަހައިގެން ހެދިފައި ހުރި މޭޒެއްގެ ބައިތަކުގައި ތިން މީހަކު މަސައްކަތް ކުރަން ތިއްބެވެ. 

“އޯހް. ތިއީތަ. ގުރޫޕަށް އަލަށް ޖޮއިން ކުރި ސާޖަންޓަކީ. އަވަހަށް އާދޭ. ފުރަތަމަ އަހަރެމެންގެ ލީޑަރ ސްޓާފް ސާރޖަންޓް މިސްޓަ އިޙުސާނު އާއި ބައްދަލު ކުރޭ. އެއީ ވަރަށް ޔަންގް މީހެއް. ވަރަށް ކޫލް ވާނެ.” އެ ތަނުން ފިރިހެން ސާޖަންޓަކު ބުނެލިއެވެ. ސުމައްޔާ ބަދަލުގައި ހީނލާފައި ވަކިން ކެބިނެއްގެ ގޮތަށް ހުރި ތަނަކަށް ވަނެވެ. އޭރު އެ ބުނާ އޮފިސަރެއް ހުރީ ފުރަގަސް ދީގެންނެވެ. 

“އައްސަލާމު ޢަލައިކުމް.” ސުމައްޔާ ގޮވާލިއެވެ. ސުމައްޔާގެ އަޑު އިޙުސާނުގެ ކަންފަތާއި ހަމައަށް ފޯރުމުން އޭނާގެ ޙަރަކާތްތައް މަޑު ޖެހިލިއެވެ. އޭނާ އަށް އެ އަޑު ފާހަގަ ކުރެވުނީ ކަމަށް ވެދާނެއެވެ. އެހެނަސް މޫނުމަތިން އެ ފަދަ ކުލަވަރެއް ނުދައްކާ ރުޅިވެރިކަން އިސްކުރާ ކަމަށް ހެދުނެވެ. ސަލާމް ބަލައިގަންނަމުން އިޙުސާނު އަނެއް ފަރާތަށް އެނބުރުމާއި އެކު ސުމައްޔާ އަށް ހީވީ މޫނު މަތީގައި މީހަކު ޖެހި ހެންނެވެ. 

“ޔޫ!” ދެލޯ ވަށްކޮށްލަމުން ސުމައްޔާ އިޙުސާނާއި ދިމާލަށް އިނގިލި ދިއްކޮށްލިއިރު އެއީ ޙާލަތުގެ ގޮތުން އޭނާއަށް ވުރެ އިސް މީހެއް ކަން ވެސް ހަނދާނުން ކައްސާލައިފިއެވެ. “ތީތަ އަލަށް ގުރޫޕަށް އިތުރު ކުރި މީހަކީ؟ އޭޒް އެކްސްޕެކްޓެޑް. އެރޮގެންޓް އެންޑް ޑިސްރެސްޕެކްޓްފުލް” އިޙުސާނު އަޑަށް ހަރުކަށިކަން ގެންނަމުން ބުނެލިއެވެ. 

“ކިހިނެއްތަ ވީ؟” ސުމައްޔާ އޭނާގެ ހަށީގައި އުފެދެމުން ދިޔަ ރުޅީގެ ތޫފާން ހިންދާލުމަށް ހަނގުރާމަ އެއް ކުރަމުން ދިޔައެވެ. “ކީއްހޭ ވީ؟ ވާހަކަ ދައްކާ އިރު ރަސްމީ ސިފައެއް ވެސް ނެތީތަ؟ ދެން ގަޑި ބަލާބަލަ. މިހާރު އެ ނުވަގަޑި ފަނަރަ ވީއޭ. ފުރަތަމަ ދުވަހު ވެސް ގަޑިޖެހިގެން ތި އާދެވުނީ. ހަމަ މިހާރު ފަންސާސް ޑިޕްސް ހަދާ.” ބިމަށް އިޝާރާތް ކޮށްލަމުން އިޙުސާނު ބުނެލިއެވެ.

“އެ ކަހަލަ އަދަބު ދޭނެ ވާހަކައެއް ކޮންޓްރެކްޓްގަ ލިޔެފައި އެއް ނޯވޭ. މަ ނޫޅެން ކަލޭ ބުނާ ހާ ކަމެއް ކުރާކަށް.” ސުމައްޔާ ދެއަތް ހުރަސް ކޮށްލަމުން ބުނެލިއެވެ. ސުމައްޔާ ރުޅިއަންނާތީ އިޙުސާނުގެ ގާތަށް އަންނަނީ ހިންޏެވެ. އެ ހިނިގަނޑު ކޮންޓްރޯލް ކުރަން އެ ކުރާ މަސައްކަތެއް އެނގޭނީ އޭނާ އަށެވެ. “ބަލަ ކުއްޖާޔާ! މިއީ ކުޅޭ ކުޅިވަރެއް ނޫނޭ. މިތަނަށް އައިއްޔާ ޤަވާޢިދާއި އެއްގޮތަށް އަމަލު ކުރަން ޖެހޭނެ. ނޫނީ އެވަރުގެ ކުޑަ ކަމެއް ކޮށްލެވޭނެ ވަރުގެ ބާރު ވެސް ނެތީތަ. ބަލިކަށި މީހަކު ކީއް ކުރަން މިކަހަލަ ވަޒީފާ އަކަށް ކުރިމަތިލީ؟” އަޑަށް ބާރުލައިފައި އިޙުސާނު ބުނެލި ގޮތުން ހީވީ ސުމައްޔާގެ އަލިފާން ރުޅިގަނޑަށް ދަރު އަޅާލި ހެންނެވެ. އެހެނަސް ހަމަ އެކަނި ދެލޯ އަޅާލައިފައި އޭނާގެ ދަބަސް ތިރިއަށް ވައްޓާލިއެވެ. 

“ހިތް ފުރިއްޖެތަ؟” ސުމައްޔާ ތެދުވެ ދެމިލީ ފަސްދޮޅަސް ހަމަކޮށްފައެވެ. އިޙުސާނު ދެން ދިއްކޮށްލީ އަތުން ލިޔެފައިވާ ލިޔުމެކެވެ. “މިއީ އެންމެ ފަހުން ކުރިމަތިވި މައްސަލައިގައި ކްރައިމް ސީންގައި ލިޔެވިފައިވާ އެއްޗެހި. މި ޓައިޕްކޮށް ރިޕޯޓަކަށް ބަދަލުކޮށްފައި ނޫނީ ބްރޭކަށް ގޮސްގެން ނުވާނެ.” އިޙުސާނު އެހެން ބުނެލީ އެތެރެއިން ސުމައްޔާ އަށް މަލާމާތް ކޮށްލަމުންނެވެ. 

ތުންފަތުގައި ދަތް އަޅާލައިފައި ސުމައްޔާ އޭގައި ހިފިއެވެ. އަދި ގޮސް ހުސްކޮށް ހުރި ޑެސްކާއި ޖެހިގެން ހުރި ބައިގައި އިން ޒައިން އެހިއެވެ. “ހާދަ މޫޑު ކަޓާފަ. ކިހިނެއް ވީ؟” ސުމައްޔާ އިން ޑެސްކާއި ޖެހިގެން ހުރި ބައިގައި އިން ޒައިން އެހިއެވެ. “ކީއް ނުވަނީ. ތި މީހުން ބުނި ‘ކޫލް’ ސްޓާފް ސާޖަންޓް އަހަރެން ލައްވާ މިއޮއް ފަދަ ގަޑީގަ ޑިޕްސް ހެދުވީ.” ސުމައްޔާ އަނގަޔަށް ވައްތަރެއް ޖައްސާލައިފައި ބުނެލިއެވެ. 

“މިހާރު ވެސް އަހަރެންނަށް އެއްޗެހި ގޮވަން ތަ އެނގެނީ.” އިޙުސާނު ކެބިންގެ ދޮރަށް ލެނގިލަމުން ބުނެލިއެވެ. މިއަދު އޭނާ ސުމައްޔާ އާއި ބެހޭ ހިތުން ހަލާކުވެފައި ހުރިހެން ހީވެއެވެ. ދެން އެހާ ދުވަސް ފަހުން ދިމާވިއްޔާ ފުރުސަތުގެ ބޭނުން ހިފާލަން ޖެހޭނެތާއެވެ. ސުމައްޔާ ރުޅި އަރުވާލުމަކީ އެ ސޮރު ނިކަން ކުރާ ހިތްވާ ކަމެކެވެ. “ނޫނޭ އުންމަތުލް… އައި މީން ސާރ.” ސުމައްޔާ ހިނިތުންވެލިއެވެ. “ކަލޭމެން ދެމީހުންނަށް އެކަކު އަނެކަކު ރަނގަޅަށް އެނގެނީތަ؟” އަފާފް ދަތް ދޮޅީގައި އަތް އަޅުވާލަމުން އެހިއެވެ. “ނޫން!” އިޙުސާނާއި ސުމައްޔާގެ އަޑު އައީ އެކު އެކީއެވެ. މިއާއެކު ދެން ތިބި މީހުންނަށް ބަލައިލީ ފާޑަކަށެވެ. 

“ޔަޤީނޭ ކުރިން ވެސް ބައްދަލުވެފަ ހުރި ދެމީހުން ކަން. ބަލާބަލަ ޖެހިފަ ހުރި ވަރު.” އަކްމަލް ވައި އަޑުން ބުނެލިއެވެ. “ޝަޓްއަޕް އެޕަލް.. އަނބުރާ މަސައްކަތަށް ދޭ.” އިޙުސާނު އަކްމަލް އަށް ބަލާލަމުން ދެލޯ ހަނިކޮށްލިއެވެ. އަކްމަލް އަވަހަށް އޭނާގެ ލެޕަށް ނަޒަރު ހުއްޓާލައިފިއެވެ. 

“އަހަރެންގެ ނަމަކީ އަފާފް. މި އެންމެން އަހަރެންނަށް ގޮވަނީ އެފިކްސް އޭ ކިޔާފަ.” އަފާފް ސުމައްޔާ ގާތަށް އައިސް ސަލާމަށް އަތް ދިއްކޮށްލިއެވެ. “އަހަރެންނަކީ ސުމައްޔާ. ކުރިން އުޅުނީ ނޯތް ސްޓޭޝަންގައި.” ސުމައްޔާ އެ އަތުގައި ހިފާލަމުން ރައްދުގައި ބުނެލިއެވެ. “އޯހް. ސުމައްޔާ… ސޫމޯ. މި ނަން ގުޅޭނެ.” ޒައިން ވިސްނާލަމުން ބުނެލިއެވެ.

“އެއީ ޒައިން. އަހަރެމެންގެ ޒޮންބީ. ދެން އެ ހުރީ އަކްމަލް. އިއްސޭ ދެންމެ އެޕަލް އޭ ކިޔާފަ ގޮވާލިއެއްނު. އެ އޭނާގެ ވަނަމަކީ. ސުމައްޔާ އަށް ސޫމޯ ކިޔަސް އޯކޭ ދޯ.” އަފާފް ބުނެލިއެވެ. ސުމައްޔާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލީއެވެ. އިތުރަށް ވާހަކަ ދައްކަން ނުހަދާ ސުމައްޔާ ދެން އުޅުނީ އޭނާއަށް ހަވާލުކުރެވުނު މަސައްކަތް ނިންމާލެވޭތޯއެވެ.

މަގުމަތިން ދުއްވައިފައި ދިޔަ ކަޅުކުލައިގެ ލައިޓްނިން ކާރަށް ގިނަ ބައެއްގެ ބެލުންތައް އަމާޒުވަމުން ދިޔައެވެ. ބާރުމިން ސާޅީހަށް ލައިގެން ދިޔަ ގޮތަށް ގޮސް އެ ކާރު ހުއްޓާލީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ހުރި ޑައިމަންޑް ސްކައި އެޝޫރަންސަށެވެ. އެ ވަގުތު އޭގެ ދޮރު ހުޅުވާލާފައި ނުކުތް ޒުވާން ފިރިހެން ކުއްޖާއަށް ބަލަން ހުއްޓުން އަރައިފައި އަންހެން ކުދިން ބަރި ޖަހާލައިފައި ތިއްބެވެ. މިކަމަށް އޭނާ ފަރުވާލެއް ނުބަހައްޓައެވެ. އަތުގައި އޮތް ކަޅުކުލައިގެ ރޮލެކްސް ގަޑިއަށް ކަޅިއެއް އެއްލިއެވެ. އެއަށްފަހު ކުރިމަތީގައި ހުރި އިމާރާތުގެ ތެރެއަށް ވަނެވެ. 

ޑައިމަންޑް ސްކައި އެޝޫރަންސަކީ މީގެ ހަތް އަހަރު ކުރިން ޒަވިއަން އުފެއްދި ކުންފުންޏެކެވެ. އެ ޅަ އުމުރުގައި ވެސް އޭނާ އެ ކުޑަ އިންޝޫރަންސް ވިޔަފާރި ކުރި އަރުވާލީ ގިނަބަޔަކު ހައިރާންކުރުވަމުންނެވެ. މީގެ އިތުރުން ބޭރު ޤައުމުތަކުގައި ޑައިމަންޑް ސްކައިގެ ހޮޓެލް ޗެއިނެއް ޤާއިމުކުރިއެވެ. އެގޮތުން މިހާރު ދިހަ ޤައުމެއްގައި އެ ބްރޭންޑުގެ ހޮޓެލެއް ހުރެއެވެ. އޭނާގެ ވިސްނުން ތޫނު ކަމާއި ދުރަށް ވިސްނާ ވިސްނުމުގެ ސަބަބުން ޑައިމަންޑް ސްކައި ބްރޭންޑު އަނބުރާ ކޮޅަށް ޖެހީ ވިޔަފާރީގެ މައިދާނުގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތު ކުރަމުންނެވެ. 

އިމާރާތުގެ ތެރެއިން އެތެރެއަށް ވަދެގެން ދިޔަ ޒަވިއަނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން އެ ތަނުގައި މަސައްކަތް ކުރަމުން ދިޔަ ހާ ބަޔަކު އިސްޖަހާލަމުން ދިޔައެވެ. ޚާއްޞަކޮށް އެތަނުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނެވެ. އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ޒަވިއަންގެ މޫނުމަތީގައި ތާއަބަދުމެ ރަސްކަން ކުރަމުން ދާ ސީރިޔަސް ކަމާއި ފިނި ބެލުންތަކުން ތުރުތުރު އަޅައިނުގަނެ ހުރުމަކީ ނާދިރު ކަމެކެވެ. އޭނާގެ ނަޒަރަކީ ވަރަށް ވެސް ނުރައްކާތެރި އެއްޗެކެވެ. އެ ހިތުގައި އަންހެނުންނާއި މެދު އޮންނަ ނަފުރަތަކީ އެކަކަށް ވެސް އޮޅިފައިވާ އެއްޗެއް ނޫނެވެ. އަރީން އަޒާޔާ މަރާލިކަމަށް ތުހުމަތު ކުރެވުނު ހާދިސާ އަށް ފަހު އެ ރުޅިވެރި މިޒާޖު އޭނާގެ ކަށީގައި ނިކަން ވަރުގަދައަށް ހަރުލައިފިއެވެ. އޭނާ ނުރުހޭ ކަމެއް ކޮށްފި މީހަކު އޭގެ ނަތީޖާ ހިތިކަން ދެކޭނެއެވެ. 

ޒަވިއަން ގޮސް އޭނާއަށް ޚާއްސަ ކޮށް ހެދިފައިވާ ލިފްޓަށް އެރިއެވެ. އެތެރޭގައި ހުރި ފިތް ބަރިން ފަނަރައަށް އޮބާލިއެވެ. ޖީބުން ފޯނު ނަގާ އެ ހިނދުކޮޅުގެ ތެރޭގައި ވެސް ފޯނަށް އައިސްފައިވާ ވިޔަފާރި މެއިލްތައް ކިޔަން ފެށިއެވެ. މުހިންމު އެއްޗެއް ވިއްޔާ ފާހަގަ ކުރަމުންނެވެ. ލިފްޓު ހުއްޓުމާއި އެކު އޭނާ އެއިން ފޭބިއެވެ. އެންމެ ސްމާޓް ހިނގުމުގައި ގޮސް އޭނާގެ ކެބިނަށް ވަނެވެ. އެ ކެބިނަކީ ޖާގަ ތަނަވަސް، އެންމެ ޒަމާނީ ފެންވަރަށް ހަދައިފައިވާ ތަނެކެވެ. 

އެ ތަނުގެ އެއްފަރާތުގައި ޒަވިއަނަށް ޚާއްޞަ މޭޒަކާއި ގޮނޑިއެއް ހުއްޓެވެ. އެ އާއި ޖެހިގެން ހުރީ އޭނާގެ ޕީއޭ އަށް ޚާއްސަ ކުރެވިފައިވާ ހިސާބެވެ. އަނެއްފަރާތުގައި މުހިންމު ޑޮކިއުމަންޓްސް ތައް އެޅުމަށް ބައެއް ޚާއްޞަ ކުރެވިފައި ވެއެވެ. އެ ކެބިނުގެ މެދަކާއި ހިސާބުގައި ބޮޑު ކަޅު ސޯފާއެއް ހުއްޓެވެ. ހުރިހާ ފަރުނީޗަރެއް ހުރީ ކަޅުންނެވެ. އެތަނުގައި ހިފާލެވިފައި ވަނީ ސްވީޓް މެލަންގެ ހިތްގައިމު ވަހެވެ. ބޭރު ފެންނަން ހުރި ބޮޑު ކުޑަދޮރުން އެޅިފައިވާ އަލިން އިތުރު ބޮތްކެއްގެ ބޭނުން ނުޖެހޭނެހާ ވަރު ވެއެވެ. 

ކެބިންގެ ދޮރު ލައްޕާލުމަށް ފަހު އެނބުރެލި ޒަވިއަން ހައިރާންވީ ސޯފާގައި އިން ޒިޔާދު ފެނިފައެވެ. އާންމު ގޮތެއްގައި ޒިޔާދަކީ އެ ޢިމާރާތަށް ވަންނަ މީހެއް ވެސް ނޫނެވެ. “ބައްޕާ! ކޮން ޒިޔާރަތެއް؟” ޒަވިއަން އެހިއެވެ. “ކަމެއްގެ ވާހަކަ ދައްކަން މި އައީ. މިކަމަށް ދަރިފުޅަށް ދެކޮޅެއް ނެހެދޭނެ. މިއީ މާ ކުރީއްސުރެ ހަމަޖެއްސިފައިވާ ކަމެއް” ޒިޔާދުގެ މޫނުމަތިން ފައުޅުވާން ހުރީ އިންތިހާ ދަރަޖައިގެ ސީރިއަސް ކަމެވެ. ޒަވިއަން ކިހިނެއް ވީ ހެއްޔޭ އެހިއެވެ. ދެން އެ ބުނެލާ އެއްޗަކުން އޭނާގެ ދިރިއުޅުމަށް އަންނާނެ ލޮޅުމުގެ ބޮޑުކަން އިޙުސާސް ނުކުރެވޭ ޙާލުގައެވެ. 

– ނުނިމޭ –

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

އުއްމީދު ގެ ހުޅު ކޮޅު

Next

އަބަދަށް-40 (ފަހުބައި)

Next
November 17, 2025

އަބަދަށް-40 (ފަހުބައި)

Previews
November 17, 2025

އުއްމީދު ގެ ހުޅު ކޮޅު

18 Comments!

  1. Shiu says:
    November 17, 2025 at 12:58 pm

    Mi part vx varah Reethi Masha Allah…
    Areen E aee Doctor akah vegen dhw ??
    Sumayya and Ihusaan dhw 🤣.
    Work place GA vx fight kurani hama, 😂
    Zavian, dhn gaboolu kobbala, Areen didn’t kill Azaya 😭
    I Miss Azaya so much 💔😭
    Zavian kairy E buny Areen aaa marry kuran tha ??
    Curiously waiting for the next part.
    Lysm 🤍

    1. White rose White rose says:
      November 17, 2025 at 2:25 pm

      Not a doctor, but a lawyer.
      One spoiler is he’s not gonna believe it anytime soon.
      I miss her too 💔💔
      Let’s ziyaadhu e buni ehcheh.
      Shukran Shiu ✨✨
      Lyt darl 💕💕

  2. Ellie says:
    November 17, 2025 at 1:02 pm

    Vrh vrh reethiii 😊
    Masha Allah ❤️
    Sumee men dhww 🤣
    Yaaayyy finally reen came back 🥰
    Oohh zev Kairi koacheh Bunan baa e ulhenyy , curious 👀
    Anyways when’s next episode?
    Zev and reen
    Sumee and ihsaan
    Mi meehun gulhu vadhehche plss 😭🤌

    1. White rose White rose says:
      November 17, 2025 at 2:33 pm

      Sumee and ihusaan hama peak dhw 🤣🤣
      Next ep ga e bunaa ehcheh engeyne.
      IA next Friday ga submit kohlaanan.
      Shukran Ellie ✨✨

  3. Alaika_22 says:
    November 17, 2025 at 3:38 pm

    Mi part ves Vrh Vrh Reethi??
    Whn nxt?
    Lymm and Tc🤞🏻💕

    1. White rose White rose says:
      November 17, 2025 at 4:06 pm

      IA next Friday ga submit kohlaanan.
      Shukran Alaika_22 ✨✨
      Lyt darl 💕💕

  4. Anonymous says:
    November 17, 2025 at 4:47 pm

    Mi part ves vrh reethi! I think ziyaadhu bunaanee Xev kaireega reen aa marry kuran hen. Sumeee and ihsaan😂😂.
    Whn nxt??????

    1. White rose White rose says:
      November 17, 2025 at 4:52 pm

      Hingaa balamaa dhw vaagotheh.
      Next part mi anna Friday ga submit kohlaanan IA.
      Shukran Anonymous ✨✨

  5. Nai_73 says:
    November 17, 2025 at 5:23 pm

    Masha Allah mi part ves Vrh reethi zev and reen hama perfect match sumee and ihsaan too Curiously waiting for the next part when’s next
    Lyy😘❤️

    1. White rose White rose says:
      November 17, 2025 at 5:35 pm

      Will submit on next Friday IA
      Shukran Nai_73 ✨✨

  6. Kyle🐼 says:
    November 17, 2025 at 7:22 pm

    Maashaaa allah asthaqfirullahhh … Hama bunaaane ehcheh ves neyyngifa meeeneee sumayya aa ihusaan aa ulheyy gothun.. next episodeee ga edhemeehun lahvvaa hanguraaama eh hingaalaaathi 😂😂

    1. White rose White rose says:
      November 17, 2025 at 7:47 pm

      Varehge dhemeehun dhw 🤣🤣
      Shukran Kyle🐼

  7. Anonymous says:
    November 18, 2025 at 12:34 am

    is zavian the 6’4 alpha ceo around here

    1. White rose White rose says:
      November 18, 2025 at 6:02 am

      Hehe. Molhu dhw
      Shukran Anonymous ✨✨

  8. Arrll says:
    November 21, 2025 at 6:30 pm

    Kobaa?

    1. White rose White rose says:
      November 21, 2025 at 6:51 pm

      Miadhu hendhunu submit kohlin, pending ga adhi iny

  9. Arrll says:
    November 21, 2025 at 7:29 pm

    Oh iru iru kolhaa site ah vadhela vadhela mi hunnanee!

    1. White rose White rose says:
      November 21, 2025 at 9:06 pm

      Mihaaru ebain upload vefa.
      Shukran Arrll ✨✨

Comments are closed.



All Right Reserved!