ދެވުނީ ވޭނޭ 12
އިޙުސާނުގެ އަމަލުތައް ހުރި ގޮތުން އެ ވަޅި އޭނާގެ މެޔަށް ހެރެން ދެން ނަގާނީ ސުކުންތު ކޮޅެކެވެ. ސުމައްޔާގެ އަތް ތުރުތުރު އަޅަން ފަށައިފިއެވެ. އެހެންނަމަވެސް އެ ވަޅިން ދޫކޮށްލާކަށް ނުވިސްނައެވެ. އިޙުސާނު މިކަހަލަ މޮޔަ ކަމެއް ކޮށްފާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. އެހެނަސް އެއީ ގޮތުގައި ސާބިތުވެ ހުންނާނެ އަންހެން ކުއްޖެއް ކަން ދައްކާލަން ބޭނުންވިއެވެ. މި ވަގުތު ސުމައްޔާގެ ސިކުނޑީގެ ހިނގުން ހުއްޓިފައި ހުރި ކަހަލައެވެ.
އިޙުސާނު މެޔަށް ވަޅި ހެރެން އުޅެނިކޮށް ސުމައްޔާގެ އަތުން ވަޅި ދޫވެއްޖެއެވެ. މިހާރު އެ ދެމީހުންގެ ދެމެދުގައި އިންޗިއެއްގެ ދުރުމިން ވެސް ނުހުންނާނެ އެވެ. ސުމައްޔާގެ ހިތް ރޭހަކަށް އަރައިގެން އުޅޭ ކަހަލައެވެ. އިޙުސާނު ވަކި ދުރަށް ޖެހޭކަށް ނޫޅެއެވެ. ދެ މީހުންގެ ހަތަރުކަޅި ހަމަވެފައި ވީ އިރު ދެ ހިތުގައި ކުޅެވެމުން ދިޔައީ އެއް ރާގެއް ކަން ރެއަކާ ނުލާ ޙާލު އެންމެ ނުރައްކާތެރި ދަރަޖައަކަށް ގާތްވެވިއްޖެއެވެ. ހިނދުކޮޅަކަށް ސުމައްޔާ އަށް ތުންފަތުގައި ދަތް އަޅާލެވުނެވެ.
“ސީރިއަސްލީ. މަ ކަތިލާނަމޭ ބުނީ މީހަ އަށް ވީ ވަރު ބަލާބަލަ. އެހާ ވަރަށް ފުރުސަތު ފަހިކޮށްދިނީމަވެސް ނުކެރުނު. ހާދަ ފޮނި އަނގަ ތަޅަން ދަންނަ ފަތަފޮޅިއެކޭ.” ސުމައްޔާގެ ކަންފަތް ދޮށުގައި އިޙުސާނު އެހެން ބުނެލި އިރު ވެސް އެ އަޑުގައި ވަނީ ސަމާސާގެ ރާގެކެވެ. “ދޭން.” އިޙުސާނުގެ މޭގައި ތަޅައިގަންނަމުން ސުމައްޔާ އަކުރުތަކަށް ދަމާލީ އޭނާ ކަޑަވެފައި ހުރި ވަރުންނެވެ. އިޙުސާނަށް މިކަން ވެސް ވީ މަޖާ ކަމަކަށެވެ. އެހެން ހުރެފައި ސުމައްޔާ ދެ އަތުގައި ހިފަހައްޓާލައިފައި އެ އަތް މައްޗަށް ނެގުވިއެވެ. “ފިނޑި. ދެން ވެސް ނުކުރެވޭނެ ވަރުގެ ކަމެއް ވިއްޔާ ކުރަން ނޫޅޭތި.” އިޙުސާނުގެ ތޫނު ނަޒަރުން ސުމައްޔާ އަށް އުނދަގޫވިއެވެ. ނަސީބަކުން އެ ސޮރު އެހެން އެއްޗެއް ނުބުނެ ނިކުމެގެން ހިނގައްޖެއެވެ.
ހުކުރު ދުވަހެވެ. ހޭލައިގެން އެކީ އަރީން އުޅުނީ އެޕާޓްމަންޓުތެރެ ސާފުކުރުމުގައެވެ. މަސައްކަތުން އަވަދިވެގެން ވެސް އޭނާ ބުރަކަށި ދަމާނުލާ ދެން ވަނީ ބަދިގެއަށެވެ. މެންދުރުގެ ކެއުން ތައްޔާރު ކުރުމުގައި މަންމައަށް އެހީވުމަށެވެ. ބަދިގޭގައި އަވަދިނެތި މަސައްކަތް ކުރުމަށް ފަހު އަރީނަށް ފެންވަރާލަން ވަދެވޭ ވަރު ވީ ބާރަ ޖެހުމަށެވެ.
މެންދުރުގެ ކެއުމަށް ފަހު އަރީން އެނދުގައި ޖައްސާލުމަށް ފަހު އޭނާގެ އާ ފޯނު ނެގިއެވެ. އޭގެ ސެޓިންގްސް ހަދާލައިފައި ދެން ދިރާސާ ކުރީ އޭނާ ދާން ހަމަޖެހުނު ޔުނިވަސިޓީގެ މައުލޫމާތެވެ. އަދި ޓޮރޯންޓޯގެ އެހެނިހެން ތަފްސީލުތަކެވެ.
އަރީން އެނދުމަތިން ތެދުވީ އަސުރަށް ގޮވުމުންނެވެ. ނަމާދު ކޮށްލައިގެން އެކީ އޭނާ ތައްޔާރު ވާން ފެށީ ހަވީރު ޒައިތޫނި ޕާކަށް ދާށެވެ. ކަކުލާއި ހަމައަށް އަރާ ދަނބުކުލައިގެ ކުރުތާ އަކާއި އެކު ކަޅު ޓްރައުޒާ އެއް ލައިގެން ހުރި އިރު ބަލައިލަން ކިތަންމެހާ ވެސް ރީއްޗެވެ. ދަނބުކުލައިގެ ޝިފޯން ޝޯލްގެ ތެރެއިން އެ މޫނު ވިދަމުން ދިޔައީ ލިޕްގްލޮސެއް ފިޔަވައި އެހެން މޭކަޕަކާއި ނުލައެވެ. އެ ކަޅުކުލަގަދަ ބޯ އެސްފިޔަތަކާއި ކޮލަށް ފާއްދާލައިފައި ހުންނަ ފިޔާތޮށިކުލަ އަކީ ޤުދުރަތުން އޭނާއަށް ލިބިފައިވާ ރީތި ސިފަތަކެވެ.
ސެންޓު ޖަހާލުމަށް ފަހު އަތް ދަބަސް ކޮނޑުގައި އަޅުވާލުމާއި އެކު ދޮރުގައި މީހަކު ޓަކި ޖަހާ އަޑު އިވެން ފެށިއެވެ. އަރީން އަވަހަށް ގޮސް ދޮރު ހުޅުވާލިއިރު އެ ތަނުގައި ދާން ތައްޔާރަށް އަޒާޔާ އާއި ސުމައްޔާ ހުއްޓެވެ. ތިން ކުދިން އެކުގައި އެޕާޓްމަންޓުން ނުކުމެގެން ހިނގައިގަތީ ޒައިތޫނި ޕާކާއި ދިމާލަށެވެ.
ޕާކުގެ އިމުން އެތެރެ ވެވުނީ މީހުންތަކުގެ ތެރެއަށެވެ. އަރީންމެން އެތަނުގެ ގަސް ތަކާއި ދިމާލަށް ދިޔައީ ކުޅޭ ހިސާބުގައި ކުޑަކުދިން ގިނަވުމުންނެވެ. އެތަނުގައި ހުރި ގަސްތަކުގެ ތެރެއިން ހަދައިފައި ހުރި އަށިތަކުން އަށްޓެއްގައި ޖައްސާލިއެވެ. ދެން ގަނެގެން ގެނައި ޖޫގޯ ތަށްޓަށް ހޮޅި ޖަހާލައިފިއެވެ. ފޮޓޯ ނަގަމުން އެ ބޯން ފެށިއެވެ.
ޖޫގޯ ބޮއިފައި އަރީންމެން ދެން ދިޔައީ ޕާކުގެ މަސް ފެންގަނޑު ބަލާށެވެ. އަނގަތަޅަމުން ދޫނި ކޮށިތައް ކައިރިން ދިޔައިރު ވެސް އެމީހުން ދިޔައީ ފޮޓޯ ނަގަމުންނެވެ. ހީވަނީ ފޮޓޯ ޝޫޓެއް ޖައްސާލައިގެން އުޅޭ ބައެއް ހެންނެވެ. އަންހެން ވެރިންގެ ކަށީގައި ހަމަ ހަރުލައިފައި ހުންނަ ސިފައެއްތާއެވެ.
ލީވާންގެ ކޮއްކޮ ލިއުރާ ގޮވައިގެން އިޙުސާނާއި ޒަވިއަންގެ އިތުރުން ލީވާން އުޅުނެވެ. “ބްރޯ! ކިހާ އިރެއް ވާންދެން ލިއު ގޮވައިގެން އުޅެން ޖެހޭނެތަ؟” ޒަވިއަން ކުސްތަޅާލިއެވެ. “ނޭނގެ. މި ކޮއި ހިތްފުރެންދެން ހުންނަން ޖެހޭނެ. ކީއްވީ. އެންމެ ދުވަހަކު ވިއްޔާ ކަލޭމެން ގޮވައިގެން އައީ.” ލީވާން ޒަވިއަންގެ ބުރަކަށިމަތީ އަޅުވާލިއެވެ. “އައްދޯތް. ހެވޭ މަށަށް އަނިޔާ ނުކުރިއަސް.” ޒަވިއަން އޭނާގެ ބުރަކަށީގައި ފިރުމާލިއެވެ. އިޙުސާނު ހިނިގަނޑެއް ޖަހާލައިފައި އެނބުރެލީ ދޫނި ކޮށި ބަލާލަން ދިޔުމުގެ ނިޔަތުގައެވެ. އިޙުސާނަކީ ދޫނި ކަހަލަ ދިރުންތަކަށް އާދަޔާޚިލާފު ލޯތްބެއް އޮންނަ މީހެކެވެ. ލީވާންމެން ނަކީ ތިބި ބައެއް ކަމަށް ވެސް ހަދާ ނުލާ ގޮސްފިއެވެ.
“އޭތް ދެން މަށަކަށް މިތަނަކު ނުހުރެވޭނެ. އެ އެއްޗެހި ހީވަނީ ކޮށިފަޅާލައިފައި ނުކުމެދާނެހެން.” މޫނަށް ވައްތަރެއް ޖައްސާލައިފައި އަޒާޔާ އެހެން ބުނެލިއިރު ހިތްހަމަނުޖެހިފައިވާ މިންވަރު ހާމަވެއެވެ. “ދެން ކީއްވެގެންތަ އަޒާ ދޫނި ދެކެ އެހާ ބިރުގަންނަނީ. އަހަރެންނަށް ވާނަމަ ގޭތެރެއަށް ދޫކޮށްލައިގެން ތިރީސް ދޫނި ގެންގުޅޭނަން.” ސުމައްޔާ ވަރަށް ފިލްމީކޮށް ބުނެލިއެވެ. “ދެން ސުމީ ތި ފުރޭތަތަކަށް ތަޢުރީފު ކޮށް ބަލަބަލާ ތިބެބަލަ. މަވާ ސަލާމް. އެހެރަ ގަސްތަކުގެ ތެރެއިން އަށްޓެއްގައި ޖައްސާލިޔަސް މާ ހިތަށް އަދި ބޮލަށް ވެސް ފަސޭހަވާނެ.” އަޒާޔާ ދުރަށް ހިނގައިގެންފިއެވެ.
ގުރޫޕް މީހުންނާއި ވަކިވެގެން އަޒާޔާ ގޮސް އިށީނީ ޒައިތޫނި ގަސްތަކުގެ ތެރެއިން އަށްޓެއްގައެވެ. އޭނާއަށް ނޭނގުނީ މި ފަދަ ފުރުސަތަކަށް ބަލަބަލާ އިންތިޒާރުގައި މީހަކު ހުރި ކަމެވެ. ގަސްތަކުގެ ތެރެއަށް އެ ފިރިހެން މީހާ ވަނީ އޭނާ އާއި އެކު އައި ބައިވެރިޔާ ފާރަޔަށް ބަހައްޓައިފައެވެ. އަތަށް ސިރިންޖެއް ނަގައިފައި ފާޑެއްގެ ފުޅިއަކުން އޭނާ އެއްޗެއް އެއަށް އެއްޗެއް ނެގިއެވެ. އެއަށްފަހު އެ ފުޅި ކަޅު ދަބަހެއްގެ ތެރެއަށް ލައިފައި ދެން ނެގީ ކޮންމެވެސް ކަހަލަ ސްޕްރޭ ފުޅިއެކެެވެ.
ފޯނުން ޓިކްޓޮކް ބަލަން އޭގެ ޖާދުގައި ޖެހިފައި އިން އަޒާޔާ އަށް ފަހަތުން މީހަކު އައި ކަމުގެ ހިލަން ވެސް ނުވެއެވެ. އެ ވަގުތު އެ ހިސާބުގައި ފެތުރުނު މީރު ވަހެއްގެ އަސަރުން އަޒާޔާގެ ދެ ލޮލަށް ބަރުވާން ފެށިއެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި އަޒާޔާގެ ދެލޯ މެރި ފަހަތަށް ވެއްޓެން ދިޔައެވެ. އެހެނަސް ވެއްޓި އަނިޔަލެއް ލިބުމުގެ ކުރިން އެ ހަށިގަނޑުގައި ހިފަހައްޓާލީ އެއްކަލަ ފިރިހެން މީހާ އެވެ. އޭނާ އަޒާޔާގެ ފޯނު އަށިމަތީގައި ބާއްވައިފައި އެ ދޮން އަތުގައި ހިއްޕެވެ. އަދި އޭނާ ގެންގުޅުނު އިންޖެކްޝަނުގެ ތޫނު ކަށި އަޒާޔާގެ ހަންގަނޑަށް ކޮށްޕާލިއެވެ.
އައި ބޭނުން ފުދުމުން އޭނާ އަވަހަށް ދުރަށް ހިނގައިގަތެވެ. ޒައިތޫނި ގަސްތަކުގެ ތެރެއިން އޭނާގެ ޕާޓްނަރާއި އެކު އަޒާޔާ އާއި ދުރު ހިސާބަކަށް ދިޔައެވެ. ގޮސް އަޅައިގެން ހުރި މާސްކު ނެގިއެވެ ލައިގެން ހުރި ޖެކެޓު ވެސް ބާލާ ދަބަހަށް ލުމަށްފަހު ހަމަޖެހޭ ގޮތް ދައްކަމުން ދެމީހުން ހިނގައިގަތީ އެކުއެކީގައެވެ.
ގުރާ ތަކަކަށް ކާން ދޭން ހުރި އިޙުސާނު އެއްލި ކަޅިއަކުން ފެނުނީ ޕިންޗަރުތަކެއްގެ ފޮޓޯ ނަގަން ހުރި ސުމައްޔާއެވެ. އޭރު އަރީން ހުރީ މަސް ފެންގަނޑު ކައިރީގައެވެ. އިޙުސާނު އަތުގައި ހުރި ކުދިބަތް ތަށްޓަށް ބަލާލަމުން ލާނެތް ގޮތަކަށް ހީނލިއެވެ. ޔަޤީނެވެ. މިހާރު އެ ވިސްނަނީ ސުމައްޔާ އަށް ދޭނެ ލަނޑަކާއި މެދުގައެވެ.
ޕިންޗަރުތަކުގެ ފޮޓޯ ނަގަން ގެއްލި ހުސްވެފައި ހުރި ސުމައްޔާ ސިހުނީ މޫނުމައްޗަށް ކުދިބަތް މުށެއް ޖެހުމުންނެވެ. ކުނޑިތަކާއި އެކު އޭގެ ފުށްތައް އެޅުމުން އަޅައިގެން ހުރި ޝޯލް ޚަރާބު ވިއެވެ. ދަތްކުނޑި ވިކައިގަންނަމުން އޭނާ އެނބުރެލީ އެކަމެއް ކުރީ ކާކު ތޯ ބަލައިލުމަށެވެ. ސުމައްޔާގެ ނިތައް އަރައިފައިވާ ރޫތައް އިތުރުވީ އިޙުސާނު ފެނުމުންނެވެ.
“އުންމަތުލް ވަބާޔާ. ނިކަން ހުރެބަލަ. މި ފަހަރު ތިހެނެއް ނުރެކެވޭނެ. ކަލެއަށް ރަނގަޅު ބަދަލެއް ދޭނަން.” ފަޔަށް ބާރުލައިފައި ގޮސް އޭނާ އިޙުސާނުގެ ހުޑީގެ ހުޑްގައި ހިފައިގަތެވެ. އަދި ދަމާ ހަލާފައި ގެންގޮސް މީހުން މަދު ހިސާބަކަށް ގެންދިޔައެވެ. ހަމަ ޒައިތޫނި ގަސްތަކެއްގެ ތެރެއަށެވެ. މި ޕާކަށް ޒައިތޫނި ޕާކޭ ކިޔެނީ އެ ވައްތަރުގެ ގަސް އެހާ ވަރަށް އިންދައިފައި ހުރުމުން ކަމަށް ވެދާނެއެވެ.
“އޭތް ޒިލޭބިކަމަނާ! ކީއް ކުރާނަމޭ ހިތާތަ ތި އުޅެނީ. ބަލަ މަ ކަލޭގެ ކިބައިން ހިފަންޖެހޭ ބަދަލޭ މި ދިނީ.” އިޙުސާނު ސުމައްޔާ ދުރަށް ޖައްސާލަމުން ބުނެލިއެވެ. “ވަރަށް ތާހިރެއްނު. ކިތައް ފަހަރު މަ ކިބައިން ތިޔަ ބަދަލެއް ހިފަން ޖެހޭތަ” ސުމައްޔާ އެ ދިމާލުގައި ހުރި ފެންޖަހާ ހޮޅިއެއް ފާޑު އެއްޗެއް ނަގައިފައި އިޙުސާނު އާއި ދިމާކޮށްލިއެވެ. މި ކުއްލި ޢަމަލުން ސަލާމަތް ވުމަށް އިޙުސާނަށް ހަރަކާތެއް ނުގެނެވުނެވެ. އިސާހިތަކު ފެނުނީ އޭނާ ތެމި ފޯވެގެން ދިޔަ މަންޒަރެވެ. ސުމައްޔާ އެ ހޮޅި ހުރިގޮތަށް ބަހައްޓާފައި ގަސްތަކުގެ ތެރެއަށް ދުވެފައި ދިޔައެވެ. އިތުރު ހަމަލާއެއް އަތުވެދާނެތީއެވެ.
މަސް ފެންގަނޑަށް ބަލަބަލައިފައި އަރީން ދިޔައީ ކެރެމަލް ޕޮޕްކޯން ގަންނާށެވެ. އޭގެ ތަށްޓެއް ހިފައިގެން ދޫނި ކޮށިތައް ހުރި ދިމާލަށް ދިޔައެވެ. އަރީން ޙައިރާންވީ އެތަނުގައި ސުމައްޔާ ނެތުމުންނެވެ. އެ ތަނުގައި އެނބުރި އެނބުރިފައި އަވަސް އަރުވާލަމުން ފޯނު ނަގައިފައި ސުމައްޔާ އަށް ގުޅަމުން ފޯނު ކަންފަތުގައި ޖެއްސެވެ. އެހާ ލައިނުގަނެގެން އުޅުމުން އަރީނަށް ގުޅުނީ އަޒާޔާ އަށް ކަން ވެސް ރެއަކާނުލައެވެ.
ދުވަމުން ދިޔަ ސުމައްޔާ މަޑު ޖެހުނީ ގަސްތަކުގެ ތެރެއިން ފޯނެއް ރިންގުވާ އަޑު އިވުމުންނެވެ. އެއީ އަޒާޔާގެ ފޯނުކަން ދެނެގަނެވުނީ ލައިފައިވާ ރިންގުޓޯނުގެ ސަބަބުންނެވެ. އޭރު ފަހަތުން އިޙުސާނު ވެސް އަރައި ހަމަކޮށްފިއެވެ. ސުމައްޔާ އަޒާޔާ ހޯދުމަށް ދުވެފައި ދިޔައެވެ. އޭނާ އަށް އަޒާޔާ ފެނުމުން ހުއްޓާލަން މަޖުބޫރުވިއެވެ. އެ ކުއްޖާ އަށިމަތީގައި ނިދައިފައި ކަހަލަ ގޮތަކަށް އޮތުމުންނެވެ. ދެވަނަ ސިކުންތުގައި އޭނާގެ އަނގައިން ފިސް ހަޅޭކެއް ނުކުތީ ފަހަތުން އައިސް މީހަކު އޭނާގެ މެދުހަށީގައި ބާރަށް ބައްދާލުމުންނެވެ. އޭނާގެ ހެދުން ކޮންމެވެސް ވަރަކަށް ތެމިގެން ދިޔަ ކަހަލަ އިޙުސާސެއް ކުރެވުމުން އެއީ އިޙުސާނު ކަން އެނގިއްޖެއެވެ.
އިޙުސާނު ހޯދަމުން އައި ޒަވިއަނަށް އޭނާ ފެނުނީ އަންހެން ކުއްޖެއްގެ ފަހަތުން ދުވަނިކޮށެވެ. ވަކި ހިސާބަކުން ޒަވިއަންގެ ފިޔަވަޅުތައް އަވަސްވީ އަޒާޔާ ފެނުމުންނެވެ. އެހެނަސް އެ ސޮރު ހުއްޓުން އެރީ އިޙުސާނުގެ ކިބައިން ފެނުނު ކުއްލި ޢަމަލަކުންނެވެ. ކަން ދިމާކުރިގޮތުން އެއީ ކަންފަތުގައި ފޯނު ޖަހައިގެން ހުރެ އަރީން އެ ދިމާލަށް އައި ވަގުތެވެ.
“ކަލޭ މޮޔަވީތަ؟” ސުމައްޔާ އޭނާގެ ކިބައިން ސަލާމަތްވެވޭތޯ ގަދަހަދާލިއެވެ. މި އަޑު އިޙުސާނުގެ ކަންފަތާއި ހަމައަށް ނުފޯރާ ކަހަލައެވެ. އޭނާ ސުމައްޔާގެ ހަށިގަނޑުގައި ފަހަތުން އޮޅުލައިގަނެގެން ހުރި ހިރިނުލެވޭހާ ބާރަށެވެ. އެ ވަގުތު ފެންނަމުން ދިޔަ މަންޒަރަށް ގެއްލިފައި އަރީނާއި ޒަވިއަން ހުރީ ފާޑަކަށެވެ.
އިޙުސާނު ސުމައްޔާ ދޫކޮށްލީ ހައެއްކަ މިނެޓް ފަހުންނެވެ. ހަމަ ދޫކޮށްލުމާއި އެކު ސުމައްޔާ ގޮސް ތިރިވީ އަޒާޔާ އޮތް އަށި ކައިރިއަށެވެ. ދެންމެ ހިނގައިދިޔަ ކަންތައް ބޮލުން ބޭރުކޮށްލައިފައި އޭނާ އަޒާޔާގެ މޫނުމަތީގައި މަޑުމަޑުން ޖަހާލިއެވެ. މި އަމަލުން އަޒާޔާ ދެލޯ ހުޅުވާލައިފިއެވެ.
ހުއްޓުން އަރައިފައި ތިބި ދެ މީހުން އަޒާޔާ އާއި ދިމާލަށް އައީ ވެސް އެ ވަގުތެވެ. އޭރު އަޒާޔާ ތެދުވެފައި ދެލޯ އުނގުޅާލައިފިއެވެ. “އަޒާ އަނެއްކާ މި ހިނދުކޮޅަށް ނިދިގަނޑެއް އަޅާލީތަ؟” ސުމައްޔާ އެހިއެވެ. އޭރު އަޒާޔާ ހުރީ ވާނުވާގައެވެ. ވީ ކަމެއް ހަނދާން ކުރެވޭތޯ ސިކުނޑިއަށް ބާރެއް ލިއެވެ. “އާނ. ދެން ނިދުނީ.” އަޒާޔާ އޭނާގެ ވިސްނުމަށް އައި އެންމެ ހަމަޖެހޭ ޖަވާބު ދުލުން ބޭރުކޮށްލިއެވެ.
“ދެން ހިނގާ ދޯ ގެއަށް ދާން. މިހާރު މާ ލަސްވެއްޖެއްނު.” އަރީން ބުނެލިއެވެ. “އަވަހަށް ހިނގާ. މި ހެދުން ގަނޑު ވެސް ބަދަލުކުރަން ޖެހޭނެ. އެހެރަ އުންމަތުލް ވަބާ. ނޫޅެން އެ ފަތަރާސީ ގޮލާގޭ ވާހަކަ ދައްކައިގެން އަހަރެންގެ އަގުހުރި ވަގުތު ބޭކާރު ކުރާކަށް.” ސުމައްޔާ މޫނު އަނބުރާލައިފައި ހިނގައިގަތެވެ. އަރީން ހިނިގަނޑެއް ޖަހާލައިފައި އަޒާޔާގެ އަތުގައި ހިފަމުން ސުމައްޔާ އާއި އެއްވަރުކުރަން ދިޔައެވެ.
ރޭގަނޑުގެ ވަގުތެވެ. އަރީންމެން ގޭގެ ކާމޭޒުދޮށުގައި ކެއުމަށް އިންސާފު ކުރަން އަންހެން ގުރޫޕާއި އެކު ޔަނާލާއި އަފްޒަލް އިނެވެ. ނެތީ ޔަޒާނެވެ. އޭނާ ނެތުމުން އެންމެ ހިތްހަމަޖެހެނީ އަރީނެވެ. ކެއުމަށް ތައްޔާރު ކުރެވިފައި ވަނީ ފްރައިޑް ނޫޑުލީހާއި ބަތާއި ކުކުޅު ރިހައެވެ. އޭގެ އިތުރަށް ވަކިން ރޯސްކުރި ކުކުޅެއް ފިހެލައިފައި އޮތެވެ.
ކައިނިމިގެން ގޮސް ތިން އެކުވެރިން ވެޑުވެލީ ސިޓިންރޫމު ސޯފާގައެވެ. އަރީން ޓީވީ ހުޅުވާފައި އެރޭ އެމީހުން ބަލަން ހަމަޖެއްސި ފިލްމު އަޅުވާލިއެވެ. ބަނޑުފުރިގެން ފަޅައިގެން ދާ ޙާލުގައި ތިބި ނަމަވެސް އެމީހުންނަށް ޗިޕްސް އާއި ޕޮޕްކޯން ފަދަ ލުއި ކާނާ ނުކައެއް ނުތިބެވުނެވެ.
ހަތަރު ގަޑިއިރަށް ދެމިގެން ދިޔަ އެ ފިލްމު ނިމުމުން އަރީން ޓީވީ ނިވާލައިފިއެވެ. “ބާރަ ވެސް ޖެހީތަ. ދެން އެކަމަކު އުނޯ ކަހަލަ ބޯޑްގޭމަކާއި ނުލައި ސްލީޕްއޯވާއަކަށް ނުވާނެ.” ސުމައްޔާ އުނޯ ކާޑުބައި އަތަށް ނަގައިފައި ބަހަން ފެށިއެވެ. އޭރު އަޒާޔާ އިނީ ފާޑަކަށެވެ. އެހެނަސް އޭނާ އެހެން މީހަކަށް އެކަން ފާހަގަވާން ވާއިރަށް މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލައިފިއެވެ.
އުނޯ ކުޅުމުގައި ވަގުތުތައް އޮޔާލާ ދާން ފެށިއެވެ. އަޒާޔާ ގަދަކަމުން ހިނިތުވެލައިގެން އިނދެ ކުޅެވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް އޭނާއަށް ކުޅުމަށް ސަމާލުކަންދޭން އުނދަގޫވިއެވެ. އެހެންޏާ އެންމެ މޮޅަށް ކުޅޭ އަޒާޔާ މި ފަހަރު ކޮންމެ ގަނޑަކުން ވެސް ދިޔައީ ބަލިވަމުންނެވެ.
“އޭ! އަންނާނަން ފާޚާނާ އަށް ޖެހިލާފަ.” އަޒާޔާ އެންމެ ފަހުން ތެދުވީ ކެތްނުވުމުންނެވެ. “އާރ ޔޫ އޯލް ރައިޓް” އަރީން އަޒާޔާގެ ކިބައިން ފެންނަމުން ދިޔަ ސިފަތަކުން ހާސްވިއެވެ. “އާނ. މާ ގިނައިން ކެއިމަ ލޮޑުވީ ކަންނެ.” އަޒާޔާ ހޭން ފެށީ ގަދަކަމުންނެވެ. ޙާލަކުން ހިނގައިފައި ގޮސް އަރީންގެ ކޮޓަރިއަށް ވަދެ އޭނާއަށް ދޮރު ލައްޕާލެވުނީ ކިރިޔާއެވެ. ބަނޑުގައި އަތް އަޅާ ވިއްދާލަމުން ބިމަށް ތިރިވެއްޖެއެވެ. އޭނާގެ ބަނޑުގައި ރިއްސަމުން ދިޔައީ އާދަޔާ ޚިލާފަށް ވޭންދެނިވި ގޮތަކަށެވެ. އަނގައިން ބޭރުވަމުން ދިޔަ ވޭނީ އާހް ތަކުން އަޑު އަހާ މީހަކު ހިތެއް ހުރިއްޔާ ރޮވޭނެއެވެ.
ފިރުކެމުން ކަހަލަ ގޮތަކަށް އަޒާޔާ މަސައްކަތް ކުރީ ސައިޑް ޓޭބަލް މަތީގައި ހުރި ފެންފުޅި ނެގޭތޯއެވެ. މި ވަރުން ވެސް އަރީންމެން މީހަކަށް ގޮވާކަށް ނޫޅުނެވެ. އެ ހަށީގައި އަޅާ ވޭނުން ސިކުނޑި ރަނގަޅަށް މަސައްކަތް ނުކުރަނީ ކަމަށް ވެދާނެއެވެ. އެ ކޮޓަރީގައި އަޒާޔާ އަށް މަދަދުވެރިކަމުގެ އަތެއް ދިއްކޮށްލާނެ މީހަކު ނެތެވެ.
ފެންފުޅީގައި އަތުޖެހެން ވާއިރަށް ނިވާވެގެން ހުރި މީހަކު އަޒާޔާ އަށް ހުރަސް އެޅިއެވެ. ކަޅު ޖެކެޓަކާއި އެކުލައިގެ ކާގޯޕޭންޓްސް ލައިފައި މޫނު މަތީގައި އައްސައިފައި ހުރި ފޮތިގަނޑުގެ ސަބަބުން އެއީ އަންހެން ކަން ނުވަތަ ފިރިހެނެއް ކަން ވެސް ވަކިނުވެއެވެ. އެ މީހާގެ ހަމުގެ ކުލަ ފާޅު ވާނެ އެއްވެސް ހިސާބެއް ނެތެވެ. އެއީ ކީއް ކުރަން ކިހިނެއް މިތަނަށް ވަދެގެން އައި ކާކު ކަމާއި މެދު ވިސްނާލެވޭ ވަރަށް ވުރެ އަޒާޔާގެ ޙާލު ދެރައެވެ. އެމީހާ އަވަސް ޙަރަކާތާއި އެކު އަޒާޔާގެ އަނގަމަތީގައި ފޮތިގަނޑެއް އައްސާލައިފިއެވެ. ހާސްވެގެން އަޒާޔާ އަށް ތެޅިގަނެވުނީ ދެނެވެ. އެ ވަގުތަކީ އެ ފަކީރު ބުރުގާ ވެސް ނާޅާ ހުރި ވަގުތެކެވެ. އެ ފިރިހެނާ އަޒާޔާގެ އިސްތަށިގަނޑުގައި ހިފާ ކޮޅަށް ޖެހިއެވެ. އަޒާޔާ އަށް ހީވީ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނު ހެންނެވެ. ބަނޑުގައި ވީ ރިހުންގަނޑު އެކި ހިސާބަށް ފެތުރިލައިފައި ކަށިތައް މުގުރާލިކަހަލަ އިޙްސާސެއް ކުރެވުނެވެ. އެހެނަސް އެ ޙާލުގައި އޭނާއަށް ދެލޮލުން ކަރުނަ ބޭލުން ނޫން އެހެން ކަމެއް ކުރެވޭކަށް ނެތެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Oh no! Kaakutha azaa ah Ehen hadhanee
Whn nxt?????
Kaaku baa azaa ah e haaleh jahsany dhw. Let’s see…
IA next Monday ga submit kohlaanan.
Shukran Anonymous ✨✨
Love it
Shukran Err
that was a cliffhanger i wonder whos trying to harm azaaya now i wonder how he got into an apartment so easily
Let’s see whts gonna happen.
Shukran Anonymous ✨✨