ޝަލީން 13
ޝާނީޒް ގެނައި ސީޑީގައި ހިފީ މުހައްމަދުބެއެވެ. ވަރަށް ފަރުވާތެރި ކަމާއެކު މުހައްމަދުބެ އެޔަށް ބަލަން އިނެވެ. އަދި ޝަނީޒްއަށް ބަލައިލުމަށްފަހު އަހަންނާދިމާލަށް ބަލައިލިއެވެ.
“އައްސަލާމް ޢަލައިކުމް.” ޒާހިރުގެ އަޑަށް އަހަރެން ސިއްސަން ދިޔައެވެ.
“ސަލާމް.. އާދޭ އާދޭ. މިހާރު މިތާ މަދުވަނީ ކަލޭޔޭ. މަރީ ދޭބަލަ ދެމީހުންނަށް ކޮފީއެއް ހަދާލައިން އަންނަން..” މުހައްމަދުބެ ބުނެލީ ހިތްހަމަޖެހިލަމުންނެވެ.
“އަން މިއޮތީ… ޝަލީން ކޮންމެފަހަރަކު ސީޑީ ގަންނަނީތަ؟” ސީޑީ އަހަންނަށް ދިއްކޮށްލަމުން ޝާނީޒްކައިރި މުހައްމަދުބެ އަހާލިއެވެ.
“ތީ ޝަލީން ގަނެފައެއް ނޫން. އަހަރެން ދެންހަމަ ގެނެސްދެނީ..” ޝާނީޒް ބުނެލިއެވެ.
“ދައްކަބަލަ… އާނ ދެން ރަނގަޅު. ޝަލީންއަށް ރަނގަޅިއްޔާ އެ ނިމުނީނު.” އަހަރެން އޭގައި ހިފުމުގެ ކުރިން ޒާހިރު އަތުލާފައި އެޔާބެހޭގޮތުން ވާހަކަދެއްކިއެވެ.
“އަން… މިހުރީ ކޮފީ..” އިރުކޮޅެއްތެރޭ މަރިއްތަ ކޮފީ ހަދައިން އައުމުން ސީޑީ ހިފައިން އަހަރެން މައްޗަށް ދިޔައީމެވެ.
އާދުވަހެކެވެ. އާދައިގެ މަތިން އަހަރެން ސްކޫލަށް ދިޔައީމެވެ. އެދުހު ދިޔަގޮތަށް އެސެމްބްލީ ފެށުމުގެ ގޮތުން ކިޔެވީ އަހަންނެވެ. އިންޑޯރ ހޯލެއްގައި އެކަނިމާއެކަނި ކިޔަވަމުން ދިޔައިރު ކޮންމެ ކްލާހަކުން އެކްލާހެއްގެ ކުދިން ތިބެންޖެހެނީ ކްލާސް ބެލްކަނީގައެވެ.. އަހަރެން ބެލީ އަހަންނަށް ކިޔެވުނު އެންމެ ރީއްޗަށް ކިޔެވޭތޯއެވެ.
އެސެމްބްލީ ނިމުމުން އެހެންކުދިން ފަދައިން އަހަރެންވެސް ގޮސް ކްލާހަށް ވަނީމެވެ. އަހަންނަކީ އެ ސްކޫލަށް މުޅިން އާކުއްޖެއްކަމުން އަހަރެންގެ ކިޔެވުމަށް ކްލާހުގެ ގިނަކުދިން ތައުރީފް ކުރީއެވެ. އެހިތްހަމަ ޖެހުމާއެކު ކިޔަވަމުން ގޮސް އިންޓަވަލް ވީއެވެ.
“ޝަލީން. ކޮބާ އިންޓަވަލް ގަންނަން ރުފިޔާ ގެނައިންތަ؟ ހިނގާދާން ކެންޓީންއަށް. ތިރީގަ އިންނާނީ..” ތަހޫ ބުނެލިއެވެ.
ތަހޫއަކީ، ތަހުމީނާއެވެ. ތަހުމީނާއަކީ ޝާނީގެ ދޮންތައެވެ. ކިޔެވުމަށް ދަށްވުމުގެ ސަބަބުން ތަހުމީނާ މަޑުކުރަން ޖެހުނީ ޝާނީއާ އެއް ގްރޭޑެއްގައެވެ. ޝާނީއަކީ ހިކިކޮށް ހުރިކަމުގައިވިޔަސް އިސްތަށިގަނޑު ވަރަށްވެސް ދިގު ކުއްޖެކެވެ. ތަހުމީނާއަކީ ކުރުކޮށް ފަލަކޮށް ހުރިނަމަވެސް އިސްތަށިގަނޑު މާކުރު ނޫން ކުއްޖެކެވެ. ޝާނީއެކޭ އެއްފަދައިން ތަހުމީނާވެސް އެއީ ހިތްހެޔޮ ކުއްޖެކެވެ. އެހެންނަމަވެސް ތަހުމީނާއަކީ ކްލާހުގައި އުޅޭ ސަކަރާތް ކުދިންނާ މާބޮޑަށް ގުޅުން ބާއްވާކުއްޖެކެވެ. ޝާނީ އެޔާއި ޚިލާފެވެ. އަބަދުވެސް ބަލާނީ ކްލާހުގައި ބަސްއަހައިން މަޑުން އިނދެވޭތޯއެވެ.
“ރުފިޔާ ގެނައިން.. އެކަމު އަދި ދުވަހަކުވެސް ނުދާތީ ކެންޓީނަށް ދާކަށް އަހަންނަކަށް ނޭނގޭ.” ތަހޫއަށް ޖަވާބުދެމުން އަހަރެން ބުނެލީމެވެ.
“އަހަރެން ކިޔައިދީފަ، ހުންނާނަން ބެލްކަނިން ބަލަން…. ޝަލީން ދޭބަލަ…………” ހަދަންވީގޮތް ޝާނީ އަހަންނަށް ކިޔައިދިނުމުން އަހަރެން ތިރިޔަށް ދިޔައިމެވެ.
އަހަންނަށް ހުރެވުނީ ކެންޓީން ކިޔޫގެ އެންމެ ފަހަތުގައެވެ. ފަހަރަކު ކުއްޖަކު ހެދިކާ ގަތުމަށްފަހު ކްލާހަށް ދެއެވެ. އަހަރެން އެކިޔޫގައި ދެތިން މިނެޓެއް މަޑުކޮށްލައިގެން ހުރީމެވެ. އެވަގުތު އަހަންނަށް ފެނުނީ ސިޑިން ފައިބައިގެން އައި ލުކާއެވެ. ލުކާއަކީ ފަތުހު ﷲ ގެ ކަނާއަތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ލުކާ ފެނި ދެވަނަ ސިކުންތުގައި އަހަންނަށް ފެނުނީ ތިރިޔަށް ފައިބައިން އައި ފަތުހު ﷲ އެވެ. ވަގުތުން އަހަރެންގެ ހިތް ބިރުގަންނަންފެށިއެވެ. އެމީހުން އައީ އަހަންނާ ދިމާލަށެވެ. ފަތުހު ﷲ ގެ ގްރޫޕްގައި ގާތްގަނޑަކަށް އަށެއްކަ ކުދިން ތިއްބެވެ. ލުކާ ދެކެ އަހަރެން އެހާ ބިރުގަންނަނީ އޭނާގެ ލޮލުގައި އަޅާފައިވާ ކަޅުކުލައިގެ އަނދުން، އަހަންނަށް ސިފަ ވަނީ ބިރުވެރި ގޮތެއްވީމައެވެ. ފަތުހު ﷲ ދެކެ އަހަރެން މާބޮޑަށްވެސް ބިރުގަނެއެވެ. އެއީ އެގްރޫޕްގެ ދާދާއޭ ބުންޏަސް ކީއްހެއްޔެވެ؟
އެގްރޫއްޕް އައިގޮތަށް ކިޔޫގައި އަހަންނާ ޖެހިގެން ކުރިޔަށް ހުރި ކުއްޖާއާ އަހަންނާ ދޭތެރެއަށް ވަނެވެ. ރާވައިގެން ނޫންކަމެއްވެސް ނޭނގެއެވެ. ހިނދުކޮޅެއްގެ ތެރޭގައި އެއަށެއްކަ ކުދިން އަހަރެން ވަށާލައިފިއެވެ. އަހަރެން ހުރީ އެމީހުން ހަދާލި ވަށްބުރުގެ މެދުތެރޭގައެވެ. އަހަރެން ބިރުން ހުރިގޮތަށް ހުރީއެވެ. އޭރު އެގްރޫއްޕް އަހަރެން ބަހައްޓައިގެން މަޑުމަޑުން އެނބުރެމުން ހިނގައެވެ. ހީވަނީ އަހަންނަކީ އެމީހުން ޠަވާފް ކުރަން ބަހައްޓާފައިވާ މޮނިއުމަންޓެއް ހެންނެވެ. އެ ވަށްބުރުގެ ތެރެއިން ސަލާމަތް ވާނެގޮތެއް އަހަންނަކަށް ނޭނގުނެވެ. ކެންޓީން ކިޔޫއިން ކުދިން މަޑުމަޑުން ހުސްވަމުން ދިޔައިރުވެސް އަހަރެން ހުރީ ހާދާނެގޮތެއް ނޭނގިފައެވެ.
“ޝަލީން.. ތީފައްކާ ކުއްޖެއް. ނަސީބެއް އައްޔަ ސަރ އަހަރުމެންކައިރި ކަލޭގެ ވާހަކަ ބުނިކަން..” ލުކާ ވާހަކަ ދެއްކުމުން އެގްރޫއްޕް އެންމެން ހޭންފެށިއެވެ.
“ކަލޭ މަޑުން ހުރެބަލަ ލުކާ.. ކަލެއަށް އޭނަ ކޮން ފައްކާއެއްތަވަނީ؟ އެގޮލާ ނަގާނީ އަހަރެން.. ކޮންމެ ގޮތެއް ހަދާފަ ވެސް މިކަން ކުރަން މަބޭނުން. ހުރިހާ ކަމަކަށްވެސް އާކުއްޖެއްވިއްޔާ” ފަތުހު ﷲ އޭނާގެ ނުބައި ވަހުޝީ މާނައިގައި އަހަރެންގެ އަބުރާ ކުޅެމުން ދިޔައެވެ. ދެން ތިބި ހުރިހާ ކުދިން ވަރުގެ ކޮޅަށް ހެނީއެވެ.
އެމީހުންގެ ކުރިމަތީގައި އަހަރެން ބިރުން ހުއްޓަސް ރޯކަށް ބޭނުމެއް ނޫނެވެ. އެހެނަސް އަހަންނަށް އެފާޑަށް މަލާމާތްކުރާތީ އަހަރެންގެ ހިތް ތެޅިފޮޅެންފެށިއެވެ. އަހަރެންގެ ދެދަތްޕިލާއަށް ބާރުލަމުން ދަތްތައް ފިއްތާލެވުނީ ހަށިގަނޑުގައި އުފެދެމުންދިޔަ ރުޅި ކޮންޓްރޯލް ކުރެވޭތޯއެވެ. އަހަރެންގެ ބޯ އުފުލާލަމުން މައްޗަށް ބަލައިލީ ޝާނީ މަތިން ހަނދާންވުމުންނެވެ. އަހަންނަށް ވާގޮތް ބަލަން ފާރައަށްހުރި ޝާނީ ފެންނަން ނެތުމުން އަހަރެން އިތުރަށް މާޔޫސްވިއެވެ. އެހެން ހުރެގެން ދެން އަހަރެން ބަލައިލީ އެހެން ދިމާލަކަށެވެ. އޭރު އެކައުންޓް ޓީޗަރއާ މުސްތޮ ވާހަކަދައްކަން ތިއްބެވެ. ކުޑަ ސިކުންތު ކޮޅެއްގެ ތެރޭ މުސްތޮގެ ލޮލުގައި އަޅައިގަތީ އަހަރެންގެ މައުސޫމް ބެލުމެވެ.
“އޭތް ލުކާ! ކަލޭ ފަތުހު ﷲ. އަށް ތިކަން ދޫކޮށްލާ.. ފަތުހު ﷲ… ކަލޭވެސް ދެން އެކުއްޖަ ދޫކޮށްލަބަލަ. ތީ މިއަދު އެސެމްބްލީގަ ގުރްއާން ކިޔެވި ކުއްޖާ. ތީ ވަރަށް މާތް ކުއްޖެއް.. ދެން ދޫކޮށްލާށޭ. އޭނަ ދާން ތަންދައްކަބަލަ..” އެ ގްރޫޕްގައި ދޮންކޮށްހުރި ފިރިހެން ކުއްޖަކު ބުނެލިއަޑަށް އަހަންނަށް ހިތްހަމަ ޖެހުން ލިބުނެވެ.
އަނެއްކާވެސް އަހަރެން ބަލައިލީ މުސްތޮހުރި ދިމާލަށެވެ. އެވަގުތު ބެލްކަނިން މުސްތޮ ފެންނަން ނެތުމުން އަހަރެން ގޮތްހުސްވި ކަހަލައެވެ.
“އޭތް…އޭތް… ތީ ކޮންކަމެއް ލުކާ… ހަމަ މިހާރު ޝަލީން ދޫކޮށްލާ. އޭނަ ހުރީ ކިޔޫގަ އެއްޗެއް ގަންނަން އައިސް… ކަލޭމެންނާހެދި ދެން ކިހިނެއް އޭނަ ހަމަޖެހިގެން އިންޓަވަލް ނަގާނީ.. މިހާރު އިނީ ބާކީ ތިން މިނެޓޭ.. ދޭދޭ.” މުސްތޮގެ އަޑަށް އަހަރެން ފަހަތަށް އެނބުރިލީމެވެ.
މުސްތޮ އެހެން ބުނެލުމުން އެގްރޫޕް އެންމެން ވަރަށް އަވަހަށް އެތަނުން ހިނގައްޖެއެވެ. މުސްތޮގެ އެހީތެރިކަމަށް އަހަރެން ޝުކުރުއަދާކުރަން ބޭނުންވިއަސް ކުރިން މުސްތޮއާ މުއާމަލާތު ކުރެވުނު ގޮތުން އަހަރެން ލަދުން އިސްޖަހާލީމެވެ.
“ދޭ.. އެއްޗެއް ގަނެގެން އަވަހަށް ކާންދޭ…” ކެންޓީން ދައްކާލަމުން އެހެން ބުނުމަށްފަހު މުސްތޮ ސިޑިން މައްޗަށް އަރަން ހިނގައިގަތެވެ.
އަހަރެން ކެންޓީނާ ދިމާލަށް ނުގޮސް ލަސްހިނގުމެއްގައި ސިޑިޔާ ދިމާލަށް ދިޔައިމެވެ. ސިޑިން އެރުމުގެ ކުރިން އެންމެ ފަހު ވަގުތުވެސް އަހަރެން ބަލާލީ ޝާނީ ބެލްކަނީގައި ހުރިތޯއެވެ. އަހަންނަށް ޝާނީ ފެނުނެވެ. ހިތްހަމަ ނުޖެހިފައިހުރެ އަހަރެން ސިޑިން ގޮސް ކްލާހަށް ވަންނަން ދިޔައީމެވެ.
“ޝަލީން.. މަޑުކޮށްބަލަ.. އަހަރެން މިތާހުރީމޭ. އެކަމު ފަހުން ދާންޖެހުނީ ލީޑިންގް ޓީޗަރ ބުނީމަ ސްޓާފް ރޫމްއަށް.. ޕްލީސް ގަބޫލުކޮށްބަލަ.” ޝާނީގެ އުޒުރު ގަބޫލުކުރަމުން އަހަރެން ގަދަކަމުން ހީލީމެވެ.
އަހަރެން ކްލާހަށްވަދެ ގޮނޑީގައި އިށީނީމެވެ. ކައިރީގައި ތިބި ހަލަބޮލި ބައެއް ކުދިންގެ ފަރާތުން އަހަންނަށް ލިބެމުންދިޔައީ އިންތިހާ ދަރަޖައިގެ މަލާމާތެވެ. އަހަރެންގެ ހަށިގަނޑު ތެރޭގައި ލޭދައުރުވަމުން ދާގޮތް ތަފާތުކަން އެނގޭނީ އަހަންނަށެވެ. ލޭގެ ފިނިހޫނުމިން ބުނެދޭން ނޭނގުނަސް އަހަންނަށް އެނގޭހާވެސް އެއްޗަކީ މިވަގުތު އަހަރެންގެ ހަށިގަނޑުގައި ލޭހިނގަނީ އާދަޔާ ހިލާފައްކަމެވެ. އަހަރެންގެ ލޮލުގެ ތެރޭގައި ފޮރުވިފައިވާ އެތައް ފެންތިއްކެއް ކަރުނައިގެ ސިފައިގާ ބޭރުވާން ކުރާ މަސައްކަތަށް އަހަރެން ގަދަކަމުން ހުރަސް އެޅީމެވެ. އަހަރެންގެ ދޫ ތަޅުލައިގެން އަތްފައި ބަނދެވިފައި ހުރި މައްޔިތެއް ފަދައިން އަހަރެން ހުރީ ހުރިހާކަމެއް ރަނގަޅު ވެގެނެއް ނޫނެވެ. ސްކޫލްގެ މެނޭޖްމަންޓާއި ޕްރިންސިޕަލްގެ އިތުރުން ލީޑިންގް ޓީޗަރުންނަށްވެސް އެންމެ ކްލާހެއްވެސް ކޮންޓްރޯލް ނުކުރެވެއެވެ.
އެންމެ ފަހުގަޑި ނިމުމުން އަހަރެން ކްލާހުން ނުކުންނަން ހިނގައިގަތީމެވެ. އޭރު ކްލާހަށް ވަންނަން ކުރިމަތިން ހިނގާފައި އައީ ވަރަށް މުސްކުޅި ފިރިހެނެކެވެ. މުޅިބޯ ނުރަވެފައި ހުރިއިރު ފައިގައި ރަނގަޅަށް ވަރު ހުރެގެން ހިނގާލެވެނީ ހަމަ ކިރިޔާއެވެ.
“ކޮބާ މިއަދު މިކްލާހުން އެސެމްބްލީގަ ކިޔެވި ކުއްޖާ.. އެކުއްޖާ ކައިރީ ބުނެލާ ސަރ ބައްދަލުކޮށްލަން ބޭނުމޭ.” އަހަންނާ އެކިއެކި ކްލާހުން ނުކުތް ކުދިންތަކަކާ ދިމާލަށް ބަލަންހުރެ ހިތްހަމަ ނުޖެހިފައި އެމީހާއެހެން ބުނެލިއެވެ. އަހަރެން ވަގުތުން ހުއްޓުނީމެވެ.
“އެހެރީ… މިހުރީ…” ދެތިން ކުއްޖަކު އަހަރެން ދައްކަމުން ބުނެލި އަޑު އިވުނެވެ.
“އާދެބަލަ… އާދޭ އާދޭ.. މިއަދު ކިހިނެއް ތިކިޔެވީ. މުޅިން ރޯނުބައިކޮށް. ފަރިތަ ނުކޮށް އަރައިގެންތަ ކިޔެވީ؟ ކާކު ބުނެގެންތަ ކިޔަވަން އެރީ..؟ ދެން ދުވަހަކުންވެސް ކިޔަވާނީ ރަނގަޅަށް ފަރިތަކޮށްފަ ސަރ އަށް ކިޔައިދީފަ..” އެޓީޗަރ އަހަންނާދިމާލަށް ވަރުގެ ކޮޅަށް އެއްޗެހި ކިޔާލިއެވެ. އޭރު ކައިރީގައި ތިބި ކުދިން ބާރުބާރަށް ހެމުން ދިޔައެވެ.
އަހަރެންގެ ފައިން ވާގި ދޫވިހެން ހީވިއެވެ. ބޮލަށް ފާޑަކަށް ބަރުވާން ފެށި އިހްސާސް އަހަންނަށް ކުރެވެންފެށިއެވެ. މުޅި ދުވަހު އަހަރެންގެ ހާލަކީ މިއީއެވެ. ފުރައްސާރައިގެ އަޑުތައް ނޫން އެހެން އަޑެއް ނީވެއެވެ. ހިތްހަލާކުވާކަހަލަ އެތައް ބަސްތަކެއް އިވެމުން ދިޔައެވެ. ސިކުނޑީގައި ހަރުލާފައިވަނީ އެހެން މީހުންގެ ހުނުމުގެ އަޑެވެ. ގާތުގައި ތިބޭ ރައްޓެހިންނާއި ޓީޗަރުންގެ ފަރާތުން ފެންނަމުންދިޔަ އަދަބު ކުޑަ އަމަލުތައް އަހަރެން ވަށާލީ ވަކިވަރަކަށް ނޫނެވެ.
ހިތްވަރު ކުރަމުން އަހަރެން ބެލީ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިންދާލެވޭތޯއެވެ. އަހަރެންގެ ލޮލުން ފާޅުވަމުން ދިޔަ ފުސް ކަރުނަތަކުން ފެންނަމުން ދިޔައީ ހީމަލާމާތް ކުރަމުން އަހަރެން އެކަނިކޮށްފާދާ ކުދިންނެވެ.
“ދެން ދުވަހަކުންވެސް މިބުނިގޮތަށް ކަންތައް ކުރާތި… ތީކޮން ސްކޫލަކުން އައިސް އުޅޭ ކޮން ކުއްޖެއް ކަމެއްވެސް އަހަންނަކަށް ނޭނގެ. އަހަންނަކީ މިސްކޫލުގެ ގުރްއާން ޓީޗަރު.. ދެންދޭ ގެޔަށް.” ޓީޗަރ އަހަންނާދިމާލަށް ކިޔާނޭ އެއްޗެއް ކިޔުމަށްފަހު ގެއަށް ފޮނުވާލިއެވެ.
ހަށިފުރާ ފުން ނޭވާއެއްލުމަށްފަހު އަހަރެން ހިނގައިގަތީ ގެއަށް ދިޔުމަށެވެ. މާޔޫސްވެފައިހުރެ އަހަރެން ހިނގަމުން ދިޔައީ އަހްމަދިއްޔާ ސްކޫލާދިމާލަށެވެ. އަހަރެން ކޮންމެ ދުވަހަކުވެސް ގެއަށް ދަނީ އަހްމަދިއްޔާ ސްކޫލު ކުރިމަތިންނެވެ. ގިނަ ދުވަސްދުވަހު އަހަންނާ ވިސާމާ ބައްދަލުވާ ހަމައެކަނި ވަގުތުކޮޅަކީ އެއީ ކަމުގައިވާތީއެވެ.
“ޝަލީން.. އޭތް! ކިހިނެއްވެފަ ތިހުރީ… ބުނެބަލަ.. މިއަދުވެސް އަނެއްކާ ލުކާމެން ގްރޫޕް ދިމާކޮށްލީތަ؟ ހާދަ ދެރަވެފައޭ ތިހުރީ. ވީގޮތް ބުނެބަލަ؟” އާދައިގެ މަތިން ވިސާމާ އަހަންނާ ސުވާލުކުރިއެވެ.
“ވިސާ! ކޮންމެ ދުވަހަކުވެސް.. ހަމަ ކޮންމެ ދުވަހަކުވެސް އަހަރެން ޖެހެނީ ވަރަށް ހިތްދަތިވެފަ ހުންނަން. އެކަމު މިހެން ބުންޏަސް އަހްމަދިއްޔާއިން ދިޔަ ދެކުއްޖަކު އިނދޭ އަހަރުމެން ކްލާހުގަ. އެކުދިން ވަރަށް ރަނގަޅު. މާބޮޑަށް ވާހަކަ ދައްކަން ނުކެރުނަސް ހީލާނެ. އެކަމު މިއަދު އަހަންނަށް މުޅިންވެސް ދިމާވީ ހިތާމަވެރި ކަންކަން. ގުރްއާން ސާރޔޯ… އެޓީޗަރަށް ކިރިޔާ ހިނގާލެވެނީ.. އޭނާވެސް އައިސް އަހަންނާދިމާލަށް މުޅިން އެއްޗިސްކީ.” އެހެންޏާވެސް ކިޔައިދޭހެން ކުރު ގޮތަކަށް އަހަރެން ކިޔައިދިނީމެވެ.
“އެހެންތަ؟ ތިކަން ހަނދާން ނައްތާލަންވީނު.. އަން… މިއޮތީ.. މީކާލް ފޮނުވި މެސެޖްތައް ލިޔެގެން ގެނެސްފަ.” ހައެއްކަ ގަނޑުކޮޅު ދެމުން ވިސާމާ ބުނެލިއެވެ.
ނުނިމެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







shaleen haadha hithaama ekey ekuraniii
shaleen ah vx rangalhu gotheh medhuveri kurahvaashi
Hehe thanks for the comment…
Dhen shaleen ves e ulheny mujthamauga Hama Dhimaavaa baeh kahala kankamaa.
Rangalhu gothei othee kannenge adhi shaleen ah dho
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Shaleen and miykaal gulhuvachey
They both are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you shaleen
Shukuriyyaa bodukoh 😊❤️