ލޯބިން ބަލާލީމާ 20 (ފަހުބައި)
ޔައީޝްގެ އެކުވެރިންތަކަކާ އެކު ރިވާއު އިން މޭޒަށް އިރުއިރުކޮޅާ ޔަޝާގެ ނަޒަރު ހުއްޓެމުން ދިޔަކަން އެއްވެސް މީހަކަށް ފާހަގައެއް ނުކުރެވެއެވެ. ފާހަގަ ކުރެވުނު ނަމަ އެ ބެލުމުގައި ވި އިހުސާސްތައް ސިއްރެއް ނުވީއެވެ. އެ ދިމާއަށް ބަލަން ނީންނަ ވަގުތެއްގައި ނަމަ ޔަޝާއަށް ބެލެނީ ހިދާޔާގެ އަތުގައި އިން ކުޑަކުޑަ ރީޢާއަށެވެ.
މީހުން މަދުވެލި ވަގުތެއްގައި ހިދާޔާ ކައިރިއަށް ހުއްޓުނު ޔަޝާ ރީޢާއަށް ދެއަތް ދިއްކޮށްލިއެވެ.
“ހިދާޔާއްތަ ވަރުބަލިވެފައެއްނު މިހާރު އިންނާނީ؟ އިރުކޮޅަކަށް އަހަރެން ރީޢާ ގެންދަންތަ؟” ރީޢާ އުރާލާފައި ޔަޝާ އަހާލިއެވެ.
“އެ ކުއްޖާފުޅު ނިދިވެސް އައިސްފަ މިހާރު އޭނީ، ބުއްފުޅި ދޭ އިރަށް ނިދޭނެ” ހިދާޔާ ބުންޏެވެ.
“ގެނޭ އަހަރެން އަތަށް، ރޫމަށް ގޮސް ބުއްފުޅި ދީފަ ނިންދަވާލާނީ. ހޭލެވެން ދެން އަހަރެން އިންނާނަން ރީޢާ ކައިރީ” ޔަޝާ އެދުނެވެ.
ހިދާޔާ ބޯ ޖަހާލަމުން ރީޢާގެ ދަބަސް ޔަޝާ އަތަށް ދިނެވެ.
“ހިދާޔާއްތަ ބުނެލައްޗޭ ރިވާ ކައިރީ” ދިޔުމުގެ ކުރިން ޔަޝާ ބުންޏެވެ.
ނައުރީންއާ ޔަޝާމެން ތައްޔާރު ވުމަށް އެ ހޮޓެލްއިން ހިފާފައި ހުރި ކޮޓަރިއަށް ރީޢާ ގޮވައިގެން ވަން ޔަޝާ އިރުކޮޅަކު ރީޢާއާ ސަކަރާތް ޖަހާލަން އިނދެފައި އެ ކުއްޖާގެ ނެޕީ ބަދަލުކޮށް އަލުން ރީތި ކޮށްލާފައި ބުއްފުޅި ދޭން އެނދުމަތީ ބާއްވާފައި ރީޢާ ކައިރީ އޮށޯތެވެ.
ގަޑިއެއް ހާއިރު ފަހުން ރިވާއު އައިސް އެ ކޮޓަރީގެ ދޮރު ހުޅުވާލި އިރު ފެނުނު މަންޒަރުން ރިވާއުއަށް ބަލަހައްޓައިގެން ހުރެވުނެވެ. ނިދާފައި އޮތް ރިވާއުގެ ދަރިފުޅު މޭމަތީ ބާއްވާލައިގެން ނިދިފައި އޮތް ޔަޝާ ފެނި އެފަދަ ގޮތަކަށް ހިތް ތެޅިލަފާނެ ކަމަކަށް ރިވާއުގެ ހިތަށް ކުރިން އަރާފައެއް ނުވެއެވެ. އަހަރުތަކެއް ވަންދެން ހިތުގައި އޮތް ޝައްކު އެއީ ހަމައެކަނި ހީވި ގޮތެއް ބާއޭ އަމިއްލަ ހިތާ ރިވާއުއަށް ސުވާލު ކޮށްލެވުނެވެ. ޔަޝާ އެ ކުރަނީ ނައުރީން ކުރި ފަދަ އިންތިޒާރެއް ބާއޭ ހިތަށް އެރިއެވެ.
އެއީ ރިވާއުގެ އެންމެ ގާތް އެކުވެރިޔާގެ ކޮއްކޮ ކަން ހިތަށް ވިސްނައިދެމުން ހިތުގައި އުފެދެމުން ދިޔަ ޚިޔާލުތައް ފޮހެލަން މަސައްކަތް ކުރަމުން ރިވާއު ދޮރު ލައްޕާލާފައި ނިކުތެވެ. ނަމަވެސް އޭގެ ފަހުން އެތައް ދުވަހެއް ވީ އިރުވެސް، މޭމަތީ ރީޢާ ބާއްވައިގެން ޔަޝާއަށް ނިދިފައި އޮތް މަންޒަރު ރިވާއުގެ ހިތުން ފިލުވައެއް ނުލެވުނެވެ.
ދެ އަހަރު ފަސް
ނައުރީންއާ އާލާ ތިބީ ނައުރީންގެ ކޮޓަރީގައެވެ. ހަ މަހުގެ ނައިރާ އުނގަށް ލައިގެން ނައުރީން އެނދުގެ ބިއްދޮށަށް އަރާ އިން އިރު ނައުރީންއާ ޖެހިގެން، ބުރަކައްޓާ ފާރާ ދެމެދަށް ބާލީހެއް ލައިގެން ލެނގިލައިގެން އާލާވެސް އިނެވެ.
“ހާދަ އަވަހޭ ދޯ ދުވަސްތައް ދާލެއް؟ މިހާރު ދެ އަހަރު ވީ…” ޚިޔާލަކަށް ގެއްލިފައި އިންހެން ނައުރީން ބުނެލި އިރު ތުންފަތުގައި ހިނިތުންވުމެއް ވިއެވެ.
“އާނ ދެން މިރޭ ޔައީޝްގެ ފަރާތުން ލިބޭނެ ހަދިޔާތައް ހިތަށް އަރުވާފަ ތިހާ އިޝްގީ ވާނެކަމެއް ނެތް، މަ އެބަ އިނިން މިތާ، ތި ސިކުނޑިން ޔައީޝްގެ ހިޔާލު އިހަށް ނެރޭ. މަށާ ދޭތެރެ އިހަށް ވިސްނާ” ފަހަކަށް އައިސް އަބަދުހެން ވަރުބަލިވެފައި ހުންނަ އާލާ، ބަނޑުގައި ފިރުމާލަމުން ބުނެލީ އެކުވެރިޔާއާ ދިމާ ކޮށްލުމަށެވެ.
“ޔޫ އޯކޭ ދޯ؟” އާލާގެ ކޮނޑުގައި އަތްޖައްސާލަމުން ނައުރީން އަހާލިއެވެ.
“އާނ، އޯކޭއޭ” ހީލަމުން އާލާ ބުންޏެވެ.
އޭރު ޖެހުނު މައްސަލައަށް ފަހު، ނާއިކްއާ މިންހާލްގެ މެދުގައި ވީ ކަންތަކުގައި ނާއިކްގެ އެއްވެސް ކުށެއް ނެތް ކަމާ، މިންހާލް އިސްވެ ނާއިކްއާ ކައިރި ވީ އިރު ނާއިކްގެ ފަރާތުން އެފަދަ އިޝާރާތެއް އެއްފަހަރުވެސް މިންހާލްއަށް ދީފައި ނުވާ ކަމަށް ބުނެ މާފަށް އެދިފައި މިންހާލް އާލާއަށް މެސެޖް ކުރިއެވެ. މިންހާލް ވަޒީފާއިން ވަކި ކުރި ވާހަކަ އާލާ ގާތު ނާއިކް ބުނީ އެ މެސެޖްގެ ވާހަކަ އާލާ ބުނުމުންނެވެ.
ކުރިއެކޭ އެއްގޮތަށް ނާއިކްއާ އާލާ ލޯބިން އުޅުނެވެ. އެދެމެދުގައި އޮތް ލޯތްބަށް އެއްވެސް ބަދަލެއް ނާދެއެވެ. ބަދަލެއް އައި ނަމަ އައި ބަދަލަކީ އެ ލޯބި އިތުރު ވީކަމެވެ. ދެންވެސް ކުއްޖަކު ހޯދުމުގެ އެދުން އާލާގެ ހިތުން ފިލައިގެން ނުދެއެވެ. އާއިލާގެ ލަފައާ އެއްބާރުލުމާ އެކު އާލާއާ ނާއިކް ނިންމީ އައިވީއެފްގެ އެހީގައި ކުއްޖަކު ހޯދުމަށް މަސައްކަތް ކުރާށެވެ. އެ ގޮތުން ބަލިވެ އިން ފުރަތަމަ ފަހަރު ދެމަސް ވީ އިރަށް އާލާއަށް ދިމާވީ ކުރިންވެސް ދިމާވިހެންނެވެ. ނަމަވެސް ހިތްވަރު ދޫކޮށްނުލާ، ނާއިކްއާ ދެ ފަރާތުގެ އާއިލާގެ އެހީގައި އާލާ ކެތްތެރިވިއެވެ. ފަސް މަސް ފަހުން އަނެއްކާވެސް އާލާ ބަލިވެ އިނެވެ. ބަނޑަށް އަށްމަސް ވީ އިރު އިރާދަކުރެއްވީތީ ދެރަ ގޮތެއް ދިމާ ނުވެއެވެ. އެންމެންގެވެސް ދުޢާއަކީ ބާކީ އޮތް ދުވަސްކޮޅު އެ ގޮތުގައި ހޭދަވުމެވެ. އާލާއާ ނާއިކް ތިބީ ދަރިފުޅު އުފަން ވާނެ ދުވަހެއްގެ އިންތިޒާރުގައި ކެތްތެރިކަމެއް ނެތި ދުވަސްތައް ގުނާލަގުނާލައެވެ.
“ހިތަށް އަރާ އާލް ވިހާ ދުވަސް އަވަހަށް އަންނަ ނަމައޭ” ނައުރީން ބުނެލިއެވެ.
“އަހަރެންވެސް. ދެން ނެތް ގިނަ ދުވަހެއް” ކެތްތެރިކަމެއް ނެތް ރާގެއްގައި އާލާ ބުންޏެވެ.
“އާނ، އާލް އެންމެ އެދޭ ކަންތައް ފުރިހަމަ ވާން ނެތް ގިނަ ދުވަހެއް. އައިމް ސޯ ހެޕީ ފޮރ ޔޫ” އާލާގެ ބަނޑުގައި ނައުރީން އަތް ޖައްސާލިއެވެ.
“އަހަރުމެން ހެން އަހަރުމެންގެ ކުދިންވެސް ފްރެންޑްސްއަށް ވާނެ ދޯ ނައު؟ އޭރުން ކިހާ މަޖާ ވާނެ، އަނެއް ޖެނެރޭޝަންވެސް ފްރެންޑްސް” އާލާ ބުނެލިއެވެ.
“އާނ. އެންމެންވެސް އެދޭ ގޮތަށް ހުރިހާ ކަމެއްވެސް މި ދަނީ. އަހަންނަށް ޔައީޝް ލިބޭނެ ކަމަށް ހީވެސް ނުކޮށް ހުއްޓާ ލިބުނީ. ޔަޝާއާ ރިވާވެސް ހަމަ ވަރަށް ހެޕީ، ދުވަސްކޮޅަކުން ރީޢާއަށްވެސް ކޮއްކޮއެއް ލިބިދާނެ” ނައުރީން ބުންޏެވެ.
ނައުރީންމެންގެ ކައިވެނި ކުރެވުނު ރޭ ރީޢާ ގޮވައިގެން ޔަޝާ ނިދާފައި އޮތް މަންޒަރު ފެނުނު ފަހުން ޔަޝާގެ ޚިޔާލުތައް ރިވާއުގެ ހިތުން ފިލައިގެން ނުދެއެވެ. ރީޝަމްއާ ކައިވެނި ކުރުމުގެ ކުރިން އަބަދު ޔައީޝްމެން ގެއަށް ގޮސް އުޅުނު އިރު ޔަޝާ ރިވާއުއަށް ބަލާ ބެލުން ބަދަލު ވާން ފެށިކަން ރިވާއުއަށް ފާހަގަ ކުރެވުމުން އެ ގެއަށް ދިޔުން ރިވާއު މަދުކޮށްލިއެވެ. ދުވަސްކޮޅެއް ފަހުން ކައިވެނި ކުރެވުމުން ޔަޝާއާ މެދު ކުރެވުނު ޝައްކުވެސް ރިވާއު ހަނދާން ނެތުނީއެވެ. އޭރު ކުރެވުނީ ޝައްކެއް ނޫން ކަން ރިވާއުއަށް ޔަގީން ވީ ނައުރީންއާ އެކު ޔަޝާ ރިވާއުމެން ގެއަށް އައިސް ރީޢާ ގޮވައިގެން އުޅޭ މަންޒަރު ފެންނަން ފެށުމުންނެވެ.
ޔަޝާގެ ހިތް އޮތް ގޮތާ މެދު ނައުރީންއަށް ޝައްކު ވުމުން ނައުރީން ޔަޝާއާ ސުވާލު ކުރިއެވެ. ފުރަތަމަ އިންކާރު ކުރި ނަމަވެސް ނައުރީން ކައިރީ ޔަޝާ އެންމެ ފަހުން އެއްބަސްވެ، ރިވާއުއާ މެދު ހިތުގައި ވި އިހުސާސްތައް ނައުރީންއަށް ކިޔާދިނެވެ. ނައުރީން ދެން އެ ވާހަކަތައް ހިއްސާ ކުރީ ރިވާއުއާއެވެ. ޔަޝާއަކީ ޔައީޝްގެ ކޮއްކޮއަށް ވީ އިރު އެފަދަ ގޮތަކަށް ޔަޝާއާ މެދު ވިސްނުމަކީ ގޯހެއް ކަމުގައި ރިވާއު ބުންޏެވެ. އަދި އެ ފަދަ އިހުސާސެއް ރިވާއުގެ ހިތުގައި ޔަޝާއާ މެދު ވީ ނަމަވެސް އެއީ ކުރިއަށް ނުދެވޭނެ މަގެއް ކަމުގައި ރިވާއު ބުނީ، ދަރިއަކު ހުރި މީހަކާ ޔަޝާގެ ކައިވެނި ކުރެވެން ޔަޝާގެ އާއިލާއިން ގަބޫލު ނުވާނެ ކަމުގައި ހީވާތީއެވެ. އަދި ރިވާއުއާ ޔައީޝްގެ އެކުވެރިކަމުގެ ގުޅުމަށް ހުރަހެއް އެޅިދާނެ ފަދަ ކަމެއް ރިވާއު ދުވަހަކުވެސް ނުކުރާނެ ކަމަށް ބުންޏެވެ.
ނައުރީންއަށް އެ ވާހަކަތައް އެ ހިސާބުން ހުއްޓައެއް ނުލެވުނެވެ. ޔައީޝް ގާތު ފުރަތަމަ ޔަޝާގެ ވާހަކަ ބުނީ ދުރުދުރުން ނަމަވެސް އެ ޚިޔާލު ޔައީޝްއަށް ވަރަށް ކަމުދިޔައެވެ. އެންމެ ގާތް އެކުވެރިޔާއާ ކޮއްކޮގެ ކައިވެނި ކުރެވިއްޖެ ނަމަ އެއީ ޔައީޝްއަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމުގައި ބުނުމުން ނައުރީން ހުރިހާ ކަމެއް ޔައީޝްއަށް ކިޔާދިނެވެ. އެއަށް ފަހު ޔަޝާއަށްވެސް ސިއްރުން އާއިލާއާ ވާހަކަ ދެއްކިއެވެ. ނޫމާއާ ނަވީދުއަށްވެސް ރިވާއު ވަރަށް ކަމުދިޔައެވެ. ކައިވެންޏެއް ކޮށް، ދަރިއަކު ހުރި ނަމަވެސް އަންހެން ދަރިފުޅަށް ޓަކާ ރިވާއުއަކީ ރަނގަޅު ބައިވެރިއެއް ކަމުގައި ނޫމާއާ ނަވީދު އެއްބަސްވިއެވެ. ނައުރީންގެ ޚިޔާލާ އެއްގޮތަށް ރިވާއުއާ ވާހަކަ ދެއްކީ ޔައީޝްއެވެ. ޔައީޝްގެ ރުހުން ލިބުމުން ރިވާއު އިތުރަށް ދެކޮޅެއް ނުހަދައެވެ.
މަންމައާ ބައްޕަ އެދޭ މީހަކާ ކައިވެނި ކުރާނަންތޯ ޔަޝާ ގާތު ނޫމާ އެހުމުން، ހިތާ ދެކޮޅަށް އެއްބަސްވެ، ވާންއުޅޭ ފިރިމީހާގެ އާއިލާއާ ބައްދަލު ކުރަން ޔަޝާގެ އާއިލާ އެކުގައި ދިޔަ ދުވަހު ޔަޝާއަށް ލިބުނީ ހީވެސް ކޮށްފައި ނުވާ ވަރުގެ ސިހުމެކެވެ. އެއާއެކު އެއީ ނައުރީންގެ ރޭވުމެއް ކަން ވިސްނި ނައުރީންއަށް ޝުކުރު ކުރިއެވެ.
ރިވާއުއާ ޔަޝާ ފުރަތަމަ ފަހަރަށް އެކަހެރިކޮށް ބައްދަލުކޮށް ވާހަކަ ދެއްކީ އެރެއެވެ. އެ ހުރިހާ ދުވަހު ޔަޝާ ރިވާއު ދެކެ ލޯބި ވާކަން ރިވާއުއަށް އެނގޭ ކަން ޔަޝާ ގާތު ހާމަ ކުރިއެވެ.އަދި ޔަޝާ ކުރަން ޖެހުނު ދިގު އިންތިޒާރަށް ޓަކާ ރިވާއު މާފަށް އެދުނެވެ. ރިވާއުގެ ހިތުގައިވެސް ޔަޝާއާ މެދު އުފެދެމުން ދިޔަ އިހުސާސްތައް ބުނެދިނެވެ. އޭގެ ފަހުން ގިނަ ދުވެހެއް ނުވެ އެދެމީހުން ކައިވެނި ކުރިއެވެ.
“މިހާރު އަނެއްކާ ޔައީޝްގެ ހިޔާލަށް ގެއްލުނީ ދޯ؟” ނައުރީން އިން ގޮތުން އާލާ ހެމުން ނައުރީންއާ ދިމާކޮށްލިއެވެ.
“އަޅެ އަހަރެން ދެން އެހެން މީހެއްގެ ހިޔާލުތަ ކުރަން ވީ؟ ތި ހިތުގަ ނާއިކްގެ ނަން ނުވާ ސިކުންތެއް ނުދާ ކަން އަހަންނަށް އެނގެޔޭ. އަބަދު މަށާ ދިމާ ކުރާ އިރު މިހާރުވެސް ނާއިކް މި ތަނަށް އައިސްބަލަ، ތި ދެ މީހުންނަށް އެހެން މީހަކު ފެނޭތޯ” ނައުރީންވެސް އާލާއަށް ދުލެއް ނުކުރިއެވެ.
އެ ވަގުތު ޓަކި ޖަހާލުމާ އެކު ދޮރު ހުޅުވާލާފައި ޔަޝާ ވަނެވެ.
“ހޭ ޔަޝާ” ޔަޝާ ފެނުމުން އާލާ ގޮވާލިއެވެ.
“އާލާވެސް އެބަ އުޅެންތަ؟” ހިނިއައިސްފައި ޔަޝާ ބުންޏެވެ.
“ޔަޝާ، އެކަނިތަ؟ ކޮބާ ރިވާ؟” ނައުރީން އަހާލިއެވެ.
“ރިވާ މިހިރީ ބޭރުގަ، ނައިރާ ނިދީތަ؟” ނައުރީންގެ އުނގުގައި އޮތް ނައިރާއަށް ބަލާލަމުން ޔަޝާ އެހިއެވެ.
“ނުނިދާ އަދި. އަން، ރިވާއު އަތަށް ދީ، އެހެން ނޫނީ ފަހުން އައިސް ނައިރާ ނިދާފަ އޮތަސް ހޭލައްވައިގެންވެސް އުރާނެ” ނައުރީން ބުންޏެވެ.
ނައިރާ އުރާލައިގެން ޔަޝާ ނިކުތް އިރު ކޮޓަރީގެ ދޮރުމަތީ ރިވާއު ހުއްޓެވެ.
“އަދި ނުނިދާ ދޯ؟” ޔަޝާ އަތުން ނައިރާ ނަގާ އުރާލަމުން ރިވާއު އެ ތުއްތު ކުއްޖާގެ މޫނުގައި ލޯބިން ބޮސްދިނެވެ.
ނައުރީންގެ ހިތުގައި ރީޢާއާ މެދު އޮތް ލޯބި، ރިވާއުގެ ހިތުގައި ނައިރާއާ މެދުވެސް ވެއެވެ. ރިވާއުއާ ރީޢާގެ ދިރިއުޅުމަށް ނައުރީންގެ ބަދަލުގައި ޔަޝާ އައި ނަމަވެސް ރީޢާއަށް އެއްވެސް ކަމެއް އުންޏެއް ނުވެއެވެ. އަމިއްލަ އުފަން ދަރިއެއް ފަދައިން ރީޢާ ދެކެ ޔަޝާ ލޯބިވެއެވެ. ޢުމުރުން އެންމެ ސާދަ އަހަރުގައި ރިވާއު ދެކެ ވެވުނު ލޯބީގެ ސަބަބުން ރިވާއުއާ ގުޅިފައިވާ ކޮންމެ ފަރާތެއް ދެކެ ހިތާ ފުރާނައިން ޔަޝާ ލޯބި ވެއެވެ.
އަންހެން ދަރިއަކު ނެތް ސާޖިދު ޔަޝާއާ މެދު ދުށީ އަމިއްލަ ދަރިއެއް ފަދއިންނެވެ. އަދި ވަކިން ޚާއްސަކޮށް ރީޢާއާ މެދު ޔަޝާގެ ހިތުގައި ވާ ލޯބި ފެނިފައި ރިވާއުއަށް ވުރެ ބޮޑަށް ޔަޝާ ދެކެ ސާޖިދު ލޯބި ވެއެވެ. ރިވާއުގެ ޙަޔާތަށް ޔަޝާ އައުން އެއީ ރިވާއުގެ ހެޔޮ ނަސީބު ކަމުގައި ރިވާއު ގަބޫލު ކުރިއެވެ. އަދި ރިވާއުއަށް ޔަޝާ ފަދަ އަނތްބަކު ލިބުނީ ނައުރީންގެ ސަބަބުން ކަމަށް ވީތީ ރިވާއު އެކަން ދުވަހަކުވެސް ހަނދާން ނުނެތޭނެއެވެ. ނައުރީންއާ ޔައީޝްއަކީ ރިވާއުއާ ރީޢާގެ ޙަޔާތަށް، ޔަޝާގެ ސިފައިގައި އަލުން އުފާވެރިކަން ގެނެސްދިން ދެ މީހުންނެވެ.
“ދުވަސްކޮޅަކުން މި ކަހަލަ އެހެން ފުށްގަނޑަކާވެސް ހިފަން ޖެހޭނެ ދޯ ދޫނީ؟” ރިވާއު ޖަހަމުން ދިޔަ ސަކަރާތުން ބާރަށް ހެމުން ދިޔަ ނައިރާގެ މޫނަށް ބޮސްދީފައި ރިވާއު ބުންޏެވެ.
“އާނ، އޭރުން މި ހުރިހާ ކުދިންނަށް ވަގުތު ދީފަ އަހަރެން ބާކީވެފަ ދޯ އިންނާނީ؟” ސަމާސާ ރާގަކަށް ޔަޝާ އަހާލިއެވެ.
“އެހެން ކިހިނެއް ވާނީ؟ ތީ އަހަރެންގެ ހިތެއްނު؟ އެ ހިތް އުފާކޮށްނުދީ އަހަންނަށް ހަމަޖެހުމެއް ނުލިބޭނެއެއްނު؟” ނައިރާ އުރާލައިގެން ހުރެ ރިވާއު ޔަޝާގެ އަތުގައި ހިފާ ގެނެސް މޭގައި ޖައްސާލިއެވެ.
“އަދިވެސް އަހަންނަށް ގަބޫލު ކުރަން އުނދަގޫ… އަހަންނަށް ރިވާ ލިބުނު ކަން، ތީ އަހަރެންގެ މީހެއް ކަން…” ރިވާއުގެ މޭގައި ބޯ ޖައްސާލަމުން ޔަޝާ ބުންޏެވެ.
ރިވާއު ދެ ފަރާތަށް ބަލާލަމުން ޔަޝާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ޔަޝާގެ ތުންފަތުގައި ބޮސްދިނެވެ.
“ރިވާ!” ހެމުން ރިވާއުއާ ދުރަށް ޖެހިލަމުން ޔަޝާ ރިވާއުގެ މޭގައި ޖަހާލިއެވެ.
“ގަބޫލު ކުރޭ… އައިމް ޔޯރސް ފޮރއެވަރ، އެންޑް ޔޫ އާރ މައިން” ހިނިއައިސްފައި ހުރެ ރިވާއު ބުންޏެވެ.
އާލާ ގެއަށް ދިޔުމުން ނައުރީން ކޮޓަރިތެރެ ރީތިކޮށްލިއެވެ. ކުރީ އަހަރު ފަދައިން ކައިވެންޏަށް އަހަރު ފުރުން ޚާއްސަ ގޮތަކަށް ފާހަގަ ކުރަން ނައުރީން ބޭނުންވެއެވެ. ނައިރާ ލިބުނު ފަހުން ނައުރީންގެ ހުރިހާ ވަގުތެއް ޔައީޝްއަށް ނުދެވުނު ނަމަވެސް އެފަދަ ޚާއްސަ ދުވަސްތަކުގައި އޭގެ ބަދަލު ނައުރީން ޔައީޝްއަށް ދެއެވެ.
އެރޭ ރިވާއުއާ ޝިޔާހް، ޔައީޝް ގެއަށް ދިޔަ ނުދީ ބޭރުގައި އުޅުނީ ނައުރީންއަށް ތައްޔާރު ވުމަށް ފުރުޞަތު ދޭށެވެ. އެކަން ޔައީޝްއަށް ސިއްރެއް ނުވެއެވެ. ނައުރީން އުފާވާނެ ކަން އެނގޭތީ ނައުރީން އެދޭ ގޮތަށް ކަންތައް ވުމަށް ދޫކޮށްލީއެވެ.
ބާރަގަޑި ފަހެއް ވީ ތަނާ ޔައީޝް ކޮޓަރިއަށް ވަން އިރު ނައުރީން ހުރީ ހުރިހާ ކަމެއް ނިންމާފައެވެ. ކޮޓަރީގައި ހުރި ކުޑަ މޭޒުމަތީ ކޭކަކާ އެކު ޔައީޝްގެ ހަދިޔާ ހުއްޓެވެ. ޔައީޝް ވަނުމާއެކު ނައުރީން ޔައީޝް ގައިގައި ބައްދާލިއެވެ.
“ހެޕީ އެނިވަރސަރީ!” ދެ މީހުންނަށް އެއްފަހަރާ ބުނެވުނެވެ. އެއާއެކު ހެމުން ޔައީޝް ނައުރީން އުރާލިއެވެ.
“އައި ލަވް ޔޫ!” ނައުރީންގެ ހަދިޔާ ދިއްކޮށްލަމުން ޔައީޝް ބުންޏެވެ.
“އަހަރެންވެސް” ނައުރީން ޖަވާބުގައި ބުންޏެވެ.
ދެ މީހުން އެކުގައި ކޭކު ފަޅާފައި އެކަކު އަނެކަކަށް ކާން ދިނެވެ. އެއަށް ފަހު ގިނަ އިރަކު ޔައީޝް މަޑެއް ނުކުރިއެވެ. ނައުރީންގެ ވައަތު ކަންފަތް ކައިރީ އިން ކަޅުތިލައިގައި ފުރަތަމަވެސް ޔައީޝް ބޮސްދިނީ، އެއީ ޔައީޝްއަށް ނައުރީންގެ ފަރާތުން ފާހަގަވާ ޚާއްސަ ނިޝާނަކަށް ވީތީއެވެ. ނައުރީން ހީލަމުން ޔައީޝް ބޭނުން ގޮތަކަށް ކަންތައް ވުމަށް ދޫކޮށްލިއެވެ. ގިނަ އިރެއް ނުވެ ނައުރީން އުރާލައިގެން ޔައީޝް އެނދަށް އެރީ ނައުރީން ދެކެ ލޯބިވާވަރު ތަކުރާރުކޮށް ބުނެދެމުންނެވެ.
އެ ފަހަރު އާލާ ބަލިވެ އިނުމުން، ކުރިއަށް ވުރެ ބޮޑަށް ވިސްނައިގެން އުޅުމަށް ޑޮކްޓަރުން ބުނެފައި ވާތީ، ގޭގެ އިތުރު ބައިތައް އެއްކޮށް ހަދާ ނިމިފައި ހުރުމާ އެކު ނާއިކްއާ އާލާ ނާއިކްމެން ގެއަށް ބަދަލުވިއެވެ. ނިޝްވާއާ ލަޔާންވެސް ދެ މަހެއްހާ ދުވަސް ފަހުން ރާއްޖެއަށް ބަދަލު ވާތީ، ހުރިހާ ކުދިންނާ އެކު އެއް ތަނެއްގައި އުޅެވޭތީ ރަމްލާއާ އަމީން ތިބީ އުފަލުންނެވެ. ހަމަ އެހެން، އާލާއަށް އެ ދުވަސްކޮޅު ރަމްލާގެ އަޅާލުމާ ލޯބި ލިބޭނެތީ ސާއިމާއާ ޝާދިޔާވެސް ތިބީ އުފަލުންނެވެ.
ދެ ހަފްތާ ފަހުން، ޑޮކްޓަރ ބުނެފައިވާ ތާރީޚްގައި އާލާ ހޮސްޕިޓަލްގައި އެޑްމިޓްވިއެވެ. އެއްވެސް ނުރައްކަލެއް ދިމާ ވެދާނެ ކަމަށް ތައްޔާރަށް ތިބެން ބޭނުން ވާތީ ޑޮކްޓަރ ލަފާދީފައި ވަނީ ސިޒޭރިއަން ހަދާށެވެ. ނާއިކްއާ އާލާ ކަންތައް ކުރީވެސް އެ ގޮތަށެވެ. އަހަރުތަކެއްގެ އިންތިޒާރަށް ނިމުން ގެނުވަމުން އާލާއާ ނާއިކްއަށް އެއްމާބަނޑު ދެ ކުދިން ލިބުނީއެވެ.
ނުވަ ދުވަސް ފަހުން ދެ ކުދިންނާ އެކު އާލާ ދޫކޮށްލިއެވެ. ހަތް ދުވަސް ވެ ޒީވާ ނާއިކް އަމީން، އަދި ޒިއަލް ނާއިކް އަމީންއަށް ނަން ކީ އިރު އާލާއާ ކުދިން ތިބީ ހޮސްޕިޓަލުގައެވެ. އެހެންވެ ގެއަށް ދޫކޮށްލާ، އާލާގެ ޙާލު ރަނގަޅުވެ ތެދުވެ އުޅެވެން ފެށުމުން ގޭގައި އަލުން ހަފްލާއެއް ބޭއްވީ އާލާގެ އެދުމަށެވެ.
ކޮންމެވެސް ވަރަކަށް މަސައްކަތްތަކުގައި އާލާ ބައިވެރިވީ ނަމަވެސް އިރުއިރުކޮޅާ ނާއިކް އައިސް އާލާ ސޯފާގައި ބައިންދައެވެ. މާ ގިނައިން ތެދުވެ ނޫޅުމަށް އިރުއިރުކޮޅާ ރަމްލާއާ ޒަރީނާ އައިސް އާލާއަށް ހަނދާން ކޮށްދޭން ޖެހެއެވެ. މެންދުރު ވީ އިރު ނައިރާ ގޮވައިގެން ނައުރީން އައެވެ. ނާޔާއާ ރާޔާ ހެނދުނުއްސުރެ އައިސް އުޅެނީ އާލާ ކައިރީގައެވެ. ހަމަ އެހެން ސާއިމާއާ އާޒިމްވެސް ހެނދުނު އައެވެ.
އާލާ ބަލިވެ އިން ފަހުން އެހެން އެންމެންނަށް ވުރެ ބޮޑަށް އާލާ އާއިގެން އުޅުނީ ޒަރީނާއެވެ. އާލާ ހޮސްޕިޓަލުގައި އޮތް އިރު ކޮންމެ ދުވަހަކުވެސް އާލާ ކައިރިއަށް ޒަރީނާ ދެއެވެ. ކުދިން ދެކެ ލޯބިން އުރައިގެން އިނދެ ކުދިން ގެންގުޅޭނެ ގޮތްތަށް އާލާއަށް ކިޔާދެއެވެ. އަދި އާލާއަށް ކަންތައް ކޮށްދޭންވީ ގޮތް ނާއިކްއަށް ކިޔާދެއެވެ. ކުދިންގެ ކަންތަކުގައި އާލާއަށް އެހީވުމަށް ބުނެއެވެ.
ކުރިން ޒަރީނާގެ ފަރާތުން އާލާއަށް ފެންނަމުން ދިޔަ ނުރުހުން ލޯތްބަށް ބަދަލުވިއެވެ. ރަމްލާއަށް ވުރެ ބޮޑަށް އާލާ ދެކެ ޒަރީނާ ލޯބިވާ ހެން ހީވިއެވެ. ފަހުން އައިސް ބަލިވެ އުޅޭ ދުވަސް ގިނަވެ، ޒަރީނާ ބޭނުން ވާ ވަރަށް ކުދިން ގޮވައިގެން ނޫޅެވުނު ނަމަވެސް ވީހާވެސް ގިނަ ވަގުތު އާލާއާ ކުދިންނާ އެކު ހޭދަ ކުރެއެވެ.
އިރު އޮއްސެންދެން އެކި ސަކަރާތުގައި އުޅެފައި އެންމެން ދަމުން ގޮސް ގޭތެރެ ހިމޭންވި އިރު އަށެއް ޖަހައިފިއެވެ. ސާއިމާއާ ރަމްލާ ދެ ކުދިން ފެންވަރުވާ ރީތިކޮށްފައި ދިޔުމުން، ވަރުބަލިވެފައި ހުރި އާލާ ފެންވަރައިގެން ނިކުތް އިރު ނާއިކް އިނީ ޒިއަލް ނިންދަވާށެވެ. އޭރު އާލާއާ ނާއިކްގެ އެނދުގައި ޒީވާ އޮތެވެ.
“މަންމަގެ ބޮޑާ ހޭކުން ވާރުތަ ކޮށްފަ ހުރީ ޒިއަލްއަށް، އެހެންވެ ހަމަ މަންމައާ އެއްކޮށް ނޫނީ ނުދިދަން ވެގެން މި އޮންނަނީ” ނާއިކް ބުންޏެވެ.
“ކޮންމެސް އެއް ކުއްޖަކު މަންމަގެ ކުއްޖަކަށް ވާން ޖެހޭނެއެއްނު؟ ދޯ ދޫނީ؟” އެނދަށް އަރާ ޒިއަލް ގޮވައިގެން އޮށޯންނަމުން އާލާ ބުންޏެވެ.
“އާދޭ ބައްޕަގެ ޕްރިންސެސް ބައްޕައާ އެކީ ނިދަން” އާލާ ދިން ބުއްފުޅީގައި ހިފާފައި ޒީވާ ކައިރީ އޮށޯވެ ނާއިކް ދަރިފުޅު ގެނެސް ގަޔާ ކައިރި ކޮށްލިއެވެ.
ޒީވާއަށް ނިދުމުން އެނދަށް ލާފައި ނާއިކް ބަލާލި އިރު ޒިއަލްއާ އެކު އާލާއަށްވެސް އޮތީ ނިދިފައެވެ. މަޑުމަޑުން ޒިއަލް ނަގައިގެން އެނދަށް ލާފައި ނާއިކް އޮށޯވެ އާލާ ގައިގައި ބައްދާލިއެވެ.
“އަހަންނަށް ނިދުނީ ދޯ؟” އާފުރިލަމުން އާލާ އެނބުރިފައި ނާއިކްގެ މޭގައި ބޯޖައްސާލިއެވެ.
“ހްމްމް. އަހަރެން ނާންނަނީސް އާލާ ނިދައިފި” ދެއަތުން އާލާ ގައިގައި ހިފާ ބާރުކޮށްލަމުން ނާއިކް ބުނެލިއެވެ.
“ޒިއަލްގެ މަންމަ އެކަނިތަ ބޮޑާ ހާކަނީ؟ ޒިއަލްގެ ބައްޕަވެސް ޒިއަލްއަށް ދޫނުކުރޭ” ބޯ ހިއްލާ ނާއިކްއަށް ބަލާލަމުން އާލާ ދިމާކޮށްލިއެވެ.
“އެހެންނެއްނު ވާނީ، މުޅި ދުވަހު އަހަންނަށް އާލާއާ އެކީ މިނަޓެއްވެސް ނުލިބޭ. މާ ބިޒީކޮށް—” ނާއިކް ބުނަން އުޅުނު އެއްޗެއް ފުރިހަމަ ވިޔަ ނުދީ އާލާ ނާއިކްގެ ތުންފަތުގައި ބޮސްދިނެވެ. އާލާ ދުރަށް ޖެހިލި އިރަށް ނާއިކް އެއް އަތް އާލާގެ އިސްތަށިގަނޑު ތެރެއަށް މަހާލަމުން އާލާ ދުރަށް ދިޔަނުދީ ހިފެހެއްޓިއެވެ.
“އާލާ ލަވް…” އާލާ ގައިގައި ބައްދާލައިގެން އޮވެ ނާއިކް ބުނެލިއެވެ.
“ނާއިކް ލަވް؟” ހިނިއައިސްފައި އާލާ ޖަވާބުގައި ނާއިކް ގޮވާހެން ގޮވާލިއެވެ.
“އަބަދުވެސް ތިހެން ގޮވާ ނަމަ…” އާލާގެ މޫނަށް ބަލާލަމުން ހިނިއައިސްފައި އޮވެ ނާއިކް ބުންޏެވެ.
އާލާއަށް ޖަވާބެއް ނުދެވެނީސް ޒިއަލްއަށް ހޭލެވުމާއެކު ބާރަށް ރޮއެގަތެވެ.
“ނާއިކް ބުނާނެ މީ އަހަރެން ހެން ބޮޑާ ހާކާ ކުއްޖެކޭ، އެކަމަކު މީ ހަމަ ނާއިކް، ހޭލެވޭ އިރަށް އުރާ ނުލެވިއްޖެއްޔާ ކެތް ނުވެގެން ބާރަށް ރޯން ފަށާނެ” ފުންމައިގެން ތެދުވެ، ޒީވާއަށް ހޭލެވުމުގެ ކުރިން ޒިއަލް އުރާލަމުން އާލާ ބުންޏެވެ.
“ރޮއެގެންވެސް މަންމަގެ އެޓެންޝަން ހޯދަން ޖެހޭނެ ދޯ ދޫނީ؟ ބައްޕަވެސް ހަމަ ތި ހާލުގަ އުޅެން ޖެހެނީ” ޒިއަލް އުރާލައިގެން އައިސް އާލާ އެނދުގައި އޮށޯތުމުން ދަރިފުޅުގެ ފައިތިލައިގައި ހިފާލަމުން ނާއިކް ބުންޏެވެ.
ދެ މީހުން އެކުގައި އެއްފަހަރު އާލާގެ އުނގުގައި އޮތް ޒިއަލްއަށް، އަދި ކުޑަ އެނދުގައި ނިދާފައި އޮތް ޒީވާއަށް ބަލާލި އިރު ދެމީހުންގެ މޫނުމަތިންވެސް ފެނުނީ އެއް ހިނިތުންވުމެކެވެ. އަށް އަހަރުގެ ދިގު އިންތިޒާރަކަށް ފަހު ދެ މީހުންގެ އެދުން ފުރިހަމަ ވީތީ ހިތާހިތުން ހެއްދެވި ފަރާތަށް ޝުކުރު ކުރެވުނީ އެކުއެކީގައެވެ.
“އައި ލަވް ޔޫ!” އާލާގެ ދަތްދޮޅީގައި އަތް ޖައްސާލަމުން ނާއިކް ބުންޏެވެ.
“އަހަރެންވެސް” އާލާ ޖަވާބު ދިނެވެ. ނާއިކް ކައިރި ވެލަމުން އާލާގެ ނިތްކުރީގައި ބޮސްދިނެވެ.
“އަހަރެންގެ ލައިފްއަށް އައިސްދިނީތީ ޝުކުރިއްޔާ!” ނާއިކް ބުންޏެވެ.
“އެ އިންވިޓޭޝަން ދިނީތީ ޝުކުރިއްޔާ!” ހަމަ އެ ރާގުގައި އާލާ ބުންޏެވެ. އެއާއެކު ދެ މީހުން އެއްފަހަރާ ބާރަށް ހީލެވުނެވެ.
“ޝްޝް…” ތުންފަތުގައި އަތް ޖައްސާލަމުން އާލާއަށް ބުނެވުނީ ޒީވާއަށް ބަލާލަމުންނެވެ.
ޒިއަލްއަށް ނިދުމުން ދަރިފުޅު އެނދަށް ލާފައި އައިސް އާލާ ކައިރިއަށް އެނދަށް އަރާ ނާއިކް އަނެއްކާވެސް އާލާ ގައިގައި ބައްދާލިއެވެ. ހިމޭން ކަމުގައި ބަސްތަކެއްގެ ބޭނުމެއް ނެތި އެކަކު އަނެކަކު ދެކެ ވާ ލޯބި ހާމަކުރަމުން ދިޔައީ އާލާއާ ނާއިކްއަށް ދުނިޔޭގެ ހުރިހާ އުފަލެއް ފުރިހަމަވެފައި ވާ ފަދައިންނެވެ. އާލާ ދެކެ ވާ ލޯޓްބަށްޓަކާ ނާއިކްގެ ކެތްތެރިކަން ހުރި މިންވަރު ހަނދާންވާ ކޮންމެ ފަހަރަކު ނާއިކްގެ ދެކެ ވާ ލޯބި އިތުރުވެއެވެ. ދިރިއުޅުމުގެ ވަކި ހިސާބަކުން ދިމާވި ކަންތައްތަކަށް ފަހުވެސް އަލުން އެކުގައި އުޅުމުގެ ފުރުޞަތު ލިބުނީތީ ނާއިކްގެ ހިތްވެސް ވަނީ ޝުކުރުން ފުރިފައެވެ.
ނިމުނީ
11 Comments!
Comments are closed.








ސަލާމް!
ވާހަކައިގެ ފަހުބައިވެސް މި އަޕްލޯޑް ކޮށްލީ ކިޔުންތެރިންނަށް ސަޕްރައިޒްއެއް ގޮތަށް. މިރޭ ނިންމާލެވުނީމަ މާޝާ ހިތަށް އެރީ މާދަމާއަށް ލަސްނުކޮށް ގެނެސްދޭނީއޭ. ހީކުރަން ކަމުދާނެ ކަމަށް. ވާހަކަ ފެށިގެން މި ހިސާބަށްވެސް ކުދިންނަށް ކަމުދިޔަ ގޮތަށް ވާހަކައިގެ ނިމުންވެސް ކަމުދިޔުން މާޝާގެ އުންމީދަކީ.
އިންޝާﷲ، އިތުރު ވާހަކަތައް އަދިވެސް ހުރީ ކުރިއަށް. އެކަމަކު ކޮންމެ ވާހަކައެއްވެސް ނިންމާފަ އަނެއް ވާހަކަ ފެށެން ވަރަށް ދުވަސް ނަގާ ދޯ؟ އެހެން ވިޔަސް އަދި މާޝާގެ ވާހަކަ ކުދިންނަށް ހަމަ ކިޔާލަން ލިބޭނެ. ބާއްޖަވެރި ރެއަކަށް އެދެން.
Hi 👋
Marsha allah mi part vx varah varah reethi….
Mi vhk vx varah varah reethi…
Hama kurin bunihn aala and naaik is emme loabi couple…
Marsha ge aa vhk akah inthizaaru kuran…
Vrh avahah marsha ge aa vhk eii fennaane kamah ummeedhu kuran.😊😊
thank u for the continuous support Nawar, aa vaahaka eh InShaAllah fennaane, ekamu kon irakun kan bunan dhathi, but hopefully soon
Masha’Allah mi part vx hama vrh reethi.. Hope new story eh avahah kiyaalan libeyne kamah.. Waiting..✨️
thank u smiley, new story ge work already started, but upload kuran fesheyne shuvaheh yagyneh noon, hopefully soon
Mi part vx v Reethi masha allah
Curiously waiting for next story
Keep it up
Finally emmen gulhuni
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you maash ❤️😍
thank u cutie, mee Marsha ah hithudhas comment eh hehe, but so nice of u konme bayakahves comment kuran vaguthu hoadhaathy. next story ge work start koffin mihaaru
Mi story vx Nimuny dhw.. Finally aal an naaik ah twins such a greatfull news.. Nau and yaish vx baby eh hoady ey dhw mihar.. Yayy at last reeaa ah her long lost mom vx libuny ey dhw.. Why would rivaau think like that it’s not a problem to date or marry your best friends younger sis.. They trust you more dhw faseyha vaane ehnu dhw duru myhakah vuren friend akah Kokko havaalu kuran.. Story hama vrh vrh reethi Masha Allah.. Marsha ge new story eh eha inthizaaru nukoh Fehnaane kamah hope kurany…
thnak u Reeshh, Riwaau ah when hyvy dho dhen, but in the end huriha kamehves ok vy. Aala n Naaik ah twins dhiny cos Aala ah ithuru babies libumuge chance kuda vyma. Nau n Yaeesh ge life ves going good dho. InShaAllah adhi Marsha ge aa stories kiyaaleveyne
mi part ves vrh reethi . hope new story eh ves kiyaalan libeyne kamah
thank u gurrl, new story work ga miulheny, hopefully maa las nukoh kiyaaleveyne