ލޯބިން ބަލާލީމާ 16
“އާލާ ބޭނުމެއް ނުވޭ ބޭބީގެ ވާހަކަ ދައްކާކަށް… އަހަރެން އެއްޗެއް ބުންޏަސް އަޑު އަހާކަށްވެސް ބޭނުމެއް ނުވޭ…” ނާއިކް ބުންޏެވެ.
“ދައްކަން ބޭނުން ވާހަކަތައް ހިތުގަ ފޮރުވައިގެން ނުހުރެ ކޮންމެސް މީހަކާ ޝެއަރ ކުރަން ވާނެ. ނާއިކް ޝެއަރ ކުރަން ބޭނުން ވެއްޖެއްޔާ ދޮންތަ އަޑު އަހާނަން” ނާއިކްގެ ކޮނޑުގައި ފިރުމާލަމުން ނިޝްވާ ބުންޏެވެ.
ހިތުގައި ހުރި ހުރިހާ ޝަކުވާއެއް ނިޝްވާގެ ކުރިމަތީ އޮއްސާލަން ނާއިކްގެ ހިތަށް އެ ވަގުތު އެރިއެވެ. އެހެން ނަމަވެސް ދައްކަން ބޭނުން ހުރިހާ ވާހަކައެއް ނުދެއްކޭނެ ކަން އެނގޭތީ ނާއިކް ހީލަމުން ދެފަރާތަށް ބޯ ހަލުވާލިއެވެ.
“ތޭންކްސް، ހަނދާން ބަހައްޓާނަން، ކޮންމެސް ދުވަހަކުން ދޮންތަގެ ކަންފަތަށް އުނދަގޫ ވާ ވަރަށް ޝަކުވާ ކުރާނަން” ނިޝްވާއަށް ހިތުގެ އަޑިން ޝުކުރު އަދާ ކުރަމުން ނާއިކް ބުންޏެވެ. އަދި ހިހޫ ވެފައި ހުރި ކޮފީ ތަށި އެއް ނޭވައިން ބޯލާފައި ނިޝްވާ އަތަށް ތަށި ދީފައި ތެދުވިއެވެ. އެ ވަގުތު ނިޝްވާ ނާއިކްގެ އަތުގައި ހިފެހެއްޓިއެވެ.
“ނާއިކް، ޑޯންޓް ގިވްއަޕް އޮން ހަރ އިނގޭ… ދޮންތައަށް އެނގޭ އާލާ ދެކެ ނާއިކް ލޯބި ވާ ވަރު… ނާއިކް ޓްރައި ކުރޭ، އިންޝާﷲ، ކާމިޔާބު ވާނެ އަދި” ނިޝްވާ ބުންޏެވެ.
ނާއިކް އެއްޗެއް ނުބުނެ ބޯޖަހާލިއެވެ.
“ގުޑްނައިޓް!” ނިޝްވާ ރޭގަނޑުގެ ސަލާން ކޮށްލަމުން ތެދުވިއެވެ. ގޭތެރެއަށް ވަނީ ދެ މީހުން އެކީގައެވެ.
އަނެއް ދުވަހުގެ ރޭ އާލާއަށް ސަޕްރައިޒްއެއް ދޭށޭ ބުނެ، އަށެއް ޖެހި އިރަށް އާލާ ގޮވައިގެން ނާއިކް ބޭރަށް ދިޔައެވެ. އާލާ ސުވާލު ކުރުމުންވެސް ދާ ތަނެއް ނުބުނެ ނާއިކް ހިނިއައިސްފައި އާލާގެ އަތުގައި ހިފާލައިގެން ޓެކްސީގައި އިނީއެވެ. އާލާ ގޮވައިގެން ނާއިކް ފުރަތަމަ ދިޔައީ ކާށެވެ. އެއީ ކުރިން ދެ މީހުން އަންނަ ކޮންމެ ފަހަރަކުވެސް އާންމުކޮށް އާލާއާ ނާއިކް ކާން ދާ ރެސްޓޯރެންޓެވެ. ސަޕްރައިޒް އޮތީ އެއަށް ފަހުގައި ކަމަށް ނާއިކް ބުނުމުން އާލާއަށް ކޮންމެވެސް ވަރަކަށް ޝައްކު ވިއެވެ.
ހޮޓެލްގެ ކުރިމައްޗަށް ޓެކްސީ މަޑުކޮށްލުމުން އާލާއަށް ލޯ ބޮޑުކޮށްލާފައި ނާއިކްއާ ދިމާއަށް ބަލާލެވުނެވެ. ފުޅާ ހިނިތުންވުމަކާ އެކު އާލާގެ އަތުގައި ހިފައިގެން ނާއިކް އެތެރެއަށް ވަނެވެ. ދެން ދާނީ ކޮން ތަނަކަށް ކަން އެނގި އާލާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ.
ހޮޓެލްގެ ސާދަވަނަ ފްލޯރއަށް ލިފްޓް ހުއްޓުމުން ކުރިއަށް ދާން ފެށީ އާލާއެވެ. ހަ އަހަރު ކުރިން ދެ މީހުން ހަނީމޫންއަށް އައިސް ތިބި ކޮޓަރީގެ ދޮރުމަތީ އާލާ ހުއްޓުމުން ނާއިކް ކީކާޑް އާލާ އަތަށް ދިނެވެ. ތެޅިތެޅި އޮތް ހިތަކާ އެކު އާލާ ދޮރު ހުޅުވާލާފައި ވަނެވެ.
“ސަޕްރައިޒްޑް؟” ނާއިކް އަހާލިއެވެ.
ބޯ ޖަހާލަމުން އާލާ ކުރިއަށް ދިޔައެވެ. އެ ތަނުގައި ވީ އާލާއާ ނާއިކްގެ ލޯބީގެ އެންމެ ފުރަތަމަ ހަނދާންތަކެވެ. އެ ހަނދާންތަކުން އާލާގެ ލޮލަށް ކަރުނަ އައީ އޭރާ މިހާރުގެ ތަފާތު ހިތަށް އެރުމުންނެވެ. އޭރުގެ ނާއިކް ނަމަ އެ ކޮޓަރިއަށް ވަދެވުމަށް ފަހު ސިކުންތަކަށްވެސް އާލާއާ ދުރުގައި ނުހުރީހެވެ. އާލާގެ ދުލުން އިންކާރުގެ ބަހެއް ބުނާނެ ފުރުސަތެއް ނުދިނީހެވެ. ނާއިކްގެ ޙަރަކާތްތަކުގައި ކެތްތެރިކަމެއް ނުހުރީއެވެ. އާލާއަށްވެސް ގިނަ އިރަކު ދެކޮޅެއް ނުހެދޭނެއެވެ. ނާއިކްގެ އެދުމަށް ފުރިހަމައަށް އިޖާބަ ދޭނެއެވެ.
ނަމަވެސް މިހާރު އެއާ މުޅިން ތަފާތެވެ. ބޭނުން ނުވިޔަސް އާލާއަށް ބަދަލުތަކެއް އައިސްފިއެވެ. ނާއިކް ފަސްޖެހިފައި ދުރުގައި އެ ހުރީ އާލާއަށް އައިސްފައިވާ އެ ބަދަލުތަކުގެ ސަބަބުންނެވެ. އާލާ ލޯ މަރާލަމުން ހިތުގައި ވި ބިރުވެރިކަން ފޮހެލަން މަސައްކަތް ކުރިއެވެ. ކުރީގެ ހަނދާންތައް އާ ކުރަމުން ލޯހުޅުވާ ނާއިކްއަށް ހިނިތުންވުމެއް ދިނެވެ.
ނާއިކް ލަސްލަހުން އައިސް އާލާ ގައިގައި ބައްދާލިއެވެ.
“އާރ ޔޫ އޯކޭ؟” ނާއިކް އަހާލިއެވެ.
އާލާ ބޯ ޖަހާލާފައި ނާއިކްގެ ކަރުގައި ދެ އަތް އަޅުވާލާ ނާއިކްގެ މޭގައި ބޯ ޖައްސާލިއެވެ.
“އާލާ ލަވް…” ނާއިކް އަބަދުވެސް އާލާއަށް ލޯބިން ގޮވާލާ ނަމުން ގޮވާލިއެވެ. އާލާ ބޯ ހިއްލާ ނާއިކްއަށް ބަލާލިއެވެ. އެއާއެކު ނާއިކް ދެ އަތުން އާލާގެ މޫނުގެ ދެފަރާތުން ހިފާލަމުން އާލާގެ ތުންފަތުގައި ބޮސްދިނެވެ. ހިތަށް ވެރިވި ހާސްކަން ފޮހެލަން މަސައްކަތް ކުރަމުން އާލާ ލޯ މަރާލާ ނާއިކްގެ އިސްތަށިގަނޑުގެ ތެރެއަށް އެއް އަތް މަހާލަމުން އަދިވެސް ބޮޑަށް ކައިރިވިއެވެ. އެ ގޮތުގައި އިރުކޮޅެއް ހޭދަ ވީ ފަހުން ނާއިކް ދެ އަތް މައްޗަށް އާލާ ނަގައިގެން ގޮސް އެނދަށް އެރިއެވެ.
އާލާގެ ފަރާތުން ނުރުހުމެއް ފާހަގަ ނުކުރެވުމުން ނާއިކްގެ ހިތުގައި އުންމީދު އާވެލިއެވެ. އެފަދަ އެހެން ރޭތަކާ އެރޭ ތަފާތު ވާނެއޭ ހިތް ބުނެލިއެވެ. ނަމަވެސް ކޮންމެ ފިޔަވަޅެއްވެސް ނާއިކް ނަގަމުން ދިޔައީ އާލާއާ މެދު ވިސްނަމުންނެވެ. އެހެން ނަމަވެސް ކުރެވެމުން ދިޔަ އިހުސާސްތަކުގައި ބެހެމުން ދިޔަ ނާއިކްގެ ވިސްނުން ލަސްވެފައި ވިއެވެ. އާލާ ދެކޮޅު ނުހެދި ނަމަވެސް ވަކި ހިސާބަކުން އާލާގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަން ސިކުނޑިއަށް ނަގައިގަނެވުން ލަސްވީ އެހެންވެއެވެ. އެކަން ވިސްނުމާއެކު ނާއިކް ދުރަށް ޖެހިލާ އާލާގެ މޫނަށް ބަލާލިއެވެ. އެއްފަރާތަށް މޫނު އަނބުރާލައިގެން ނުރޯން ހިތްވަރު ކޮށްގެން ލޯ މަރައިގެން އާލާ އޮތް އިރު ހީވީ މަޖުބޫރުވެގެން އެހެން އޮތް ހެންނެވެ. ހިތަށް ވެރިވެގެން ދިޔަ ނުތަނަވަސްކަމާއެކު ނާއިކް އެނބުރި އެ ދެމެދުގައި ހުސް ޖާގައެއް ބާއްވާފައި އެއްއަތް ލޯމަތީ ޖައްސާލިއެވެ.
ހިތަށް ވިސްނައިދޭން މަސައްކަތް ކުރި ނަމަވެސް ނާއިކްއަށް އެރޭ އާލާ ދެކެ ރުޅި އާދެވުނެވެ. އެ ގޮތުގައި ނާއިކް ކެތްކުރަން ޖެހޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ ފިރިމީހާއަށް ވީތީ އާލާއާ މެދު އަބަދު ވިސްނަންވީ ނާއިކް ހެއްޔެވެ؟ ނާއިކްއާ މެދު އާލާ ނުވިސްނާ ހެއްޔެވެ؟ އާލާގެ ޙާލަތު ވިސްނޭތީ ނާއިކް ދުރުގައި ހުންނަން ވީ ކިހާ ދުވަހަކު ހެއްޔެވެ؟ އެއްފަހަރުވެސް ނާއިކްއާ މެދު އާލާ ވިސްނާލައިގެން ނުވަނީ ހެއްޔެވެ؟
ނާއިކް އޮތީ ހިތްހަމަނުޖެހި ރުޅި އައިސްފައި ކަން އާލާއަށް އެނގެއެވެ. ހިތަށް ވިސްނައިދޭން އާލާ މަސައްކަތް ކުރިއެވެ. ކުރިއަށް ދިޔުމަށް ހިތް އެދުނު ނަމަވެސް ބިރު ގަންނަނީއެވެ. ބަލިވެ އިނުމަކީ ވުމަށް ވުރެ ނުވުން ކައިރި ކަމެއްކަން އެނގޭ އިރުވެސް ބަލިވެ އިނދެދާނެތީއެވެ. އެ އުންމީދު ހިތުގައި އާވެފައިވެސް އެ ހުވަފެނުގައި ކުލަ ނުޖެހެނީސް ހޭލެވިދާނެތީއެވެ. ކުރިން އުންމީދު ކުރެވުނީ ބަލިވެ އިންނާނެ ދުވަހަކަށެވެ. ނަމަވެސް ކަންތައް ދިމާވި ގޮތުން ބަލިވެ އިނަސް އާލާއަށް މަންމައަކަށް ވެވުމަކީ ނުވާނެ ކަމެއްހެން ހީވަނީއެވެ. ބަނޑުގައި ދަރިފުޅު އުފެދިފައި ދެވަނަ ފަހަރަށްވެސް ދަރިފުޅާ ވަކިވާން ޖެހިއްޖެ ނަމަ އާލާއަށް ކެތެއް ނުކުރެވޭނެއެވެ. ބިރު ގަންނަނީ އެހެންވެއެވެ.
ނާއިކް ރުޅިއައުމަކީ އެއްގޮތަކަށްވެސް އާލާ ބޭނުންވާ ގޮތެއް ނޫނެވެ. އެހެން ވިޔަސް އާލާއަށް ކަންތައް ކުރެވެނީ ނާއިކް ރުޅި އަންނަ ގޮތަށެވެ. އާލާއަށް ޓަކާ ނާއިކް ކެތްތެރިވާ ވަރު އާލާއަށް އިހުސާސް ކުރެވެއެވެ. ނާއިކްގެ އެދުމަށް ދެކޮޅު ހަދާކަށް އާލާ ބޭނުމެއް ނޫނެވެ. ނަމަވެސް އާލާގެ ހިތުގައި ވާ ބިރު، އެ ގޮތަށް ކަންތައް ވުމަށް މަޖުބޫރު ކުރަނީއެވެ.
ނާއިކް ދުރަށް ޖެހުމާއެކު އާލާއަށް މޫނުގައި އަތް އަޅާލަމުން ރޮވުނު އިރު އެ ހުރިހާ ޚިޔާލެއް އާލާގެ ހިތާ ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔައެވެ.
ހިތްހަމަނުޖެހިފައި އޮތް ނަމަވެސް އާލާ ރޮނީކަން އެނގުމުން ނާއިކްއަކަށް އެހެން ނޯވެވުނެވެ. އެނބުރިފައި އާލާއަށް ގޮވާލިއެވެ.
“އާލާ… ކީއްވެ ތި ރޮނީ؟” އާލާއާ ދުރުގައި އޮވެ އަހާލި އިރު ނާއިކްގެ އަޑުގައި ކުރިން ދުވަހަކުވެސް ނުވާ ދުރުކަމެއް ވިއެވެ.
އެ އަޑު އިވުމާއެކު އާލާގެ ރުއިން ބާރުވިއެވެ.
ނާއިކް ފުން ނޭވައެއް ލާފައި ތެދުވިއެވެ.
“އަހަރެން ކިހިނެއް ހަދަންވީ؟” ނާއިކް އެހިއެވެ.
އާލާ ޖަވާބެއް ނުދީ ނާއިކްއާ ދުރަށް އެނބުރި ދެ އަތުން މޫނު ފޮރުވާލިއެވެ.
“އާލާ…” އަކުރުތަކަށް ދަމާލަމުން ނާއިކް ގޮވާލިއެވެ. ދެންވެސް އާލާ ޖަވާބެއް ނުދިނުމުން ނާއިކް ކައިރިވެލާ ރަޖާގަނޑާއެކު އާލާ ގެނެސް ނާއިކްގެ އުނގަށް ލާ މޭގައި އާލާ ޖައްސާލިއެވެ. ދެ އަތުން ނާއިކްގެ ކަރުގައި ބައްދާލަމުން އާލާ ނާއިކްގެ ކަރުދޮށުގައި މޫނު ފޮރުވާލިއެވެ.
ހިތްހަމަނުޖެހިފައި ހުރި ނަމަވެސް ހިތުގައި އޭރުވެސް ނުފިލާ ވީ ޚިޔާލުތަކާއެކު އާލާގެ ގާތްކަމުން ނާއިކްގެ ނޭވާ އަވަސް ވެގެން ދިޔައެވެ. ލޯ މަރާލަމުން ނާއިކް ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ. ނާއިކްގެ އުނގުތެރޭ ބޮނޑިވެގެން އިން އާލާއަށް އެކަން ފާހަގަ ވާން އިރުކޮޅެއް ނެގިއެވެ. އެއާއެކު އެއް އަތުން މޫނު ފޮހެލަމުން އާލާ ނާއިކްގެ އުނގުން ފައިބާ އެނދުގައި އިށީނެވެ.
“އަހަރެން ކިހިނެއް ހަދަންވީ؟ އާލާ ބުނެބަލަ…” ނާއިކް ބުންޏެވެ.
“އަހަރެން ބިރުގަނޭ…” އާލާ ބުނެލީ ކިރިޔާ އަޑު އިވޭހާ މަޑުންނެވެ.
“ކީއްވެ؟” އާލާ ބިރުގަންނަން ވީ ސަބަބެއް ނާއިކްއަކަށް ނުވިސްނެއެވެ.
“ޕްލީޒް ނާއިކް… އައި ނީޑް ސަމް ޓައިމް…” އިސްއުފުލާ ނާއިކްއާ ދިމާއަށް ބަލާލަމުން އާލާ އެދުނެވެ.
“ކިހާ ޓައިމްއެއް؟” އެ ސުވާލު ކޮށްލި އިރު ނާއިކްގެ އަޑުގައި ވި ހިތްހަމަނުޖެހުން އާލާއަށް ފާހަގަ ނުވެ ނުދިޔައެވެ.
“ނޭނގެ…” ކުރިންވެސް ބުނިހާ މަޑުން އާލާ ބުންޏެވެ.
“ހިނގާ ގެއަށް ދާން” ނާއިކް އެހެން ބުނެފައި ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ. ނާއިކް ނިކުތް އިރު އާލާ އިނީ ދާން ތައްޔާރު ވެގެންނެވެ. ގެއަށް ދިޔަ މަގުމަތީ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ދިޔަ ގޮތަށް ދެ މީހުން ކޮޓަރިއަށް ވަން ނަމަވެސް އާލާ އޮށޯތުމާއެކު ނާއިކް ނިކުތީ ބޭރަށެވެ.
އަނެއް ދުވަހު އާލާއަށް ހޭލެވުނު އިރު ނާއިކް ފެންނާކަށް ނެތެވެ. އާލާ ތިރިއަށް ފޭބި އިރު ނިޝްވާ ކުދިންނަށް ސައި ދޭން އިނެވެ.
“އާލާ، ހޭލެވުނީ ދޯ؟ ނާއިކް ލަޔާންއާ އެކީ ބޭރަށް ދިޔައީ، ދޮންތަ ކައިރީ ބުނި އާލާ ކައިރީ ބުނައްޗޭ” އާލާ ފެނުމުން ނިޝްވާ ބުންޏެވެ. އާލާ ބޯ ޖަހާލާފައި ނިޝްވާ ކައިރީ އިށީނެވެ.
“އާލާ، ސުވާލެއް ކޮށްލަންތަ؟” ނިޝްވާ ކުދިންނަށް ސައި ދީ ނިމުމުން އާލާ ދެ ކޮފީ ގިރައިގެން އައިސް ދިއްކޮށްލި މަގުގައި ހިފާފައި ނިޝްވާ އެހިއެވެ.
އާލާ ބޯޖަހާލި އިރުވެސް ނިޝްވާ ކުރާނީ ކޮން ސުވާލެއް ކަން އެނގޭ ކަހަލައެވެ.
“ނާއިކްއާ ދެމީހުން އޯކޭތަ؟” ނިޝްވާ އަހާލިއެވެ.
އާލާ ޖަވާބެއް ނުދީ ވިސްނާލިއެވެ.
އާލާ އެއްޗެއް ނުބުނުމުން ނިޝްވާ އާލާގެ އަތުގައި ހިފާލިއެވެ.
“ދޮންތައަށް އެނގޭ އާލާ ފޭސް ކުރީ އެހާ ފަސޭހައިން ހަނދާން ނައްތާލެވޭ ކަމަކާ ނޫން ކަން. އެ ކަންތައް ނިމުނަސް އަލުން ދެން ދިރިއުޅުމާއިގެން ކުރިއަށް ދާން ފަސޭހައެއް ނުވާނެ. އެންމެން އެއްގޮތެއް ނުވާނެ. ބައެއް މީހުންނަށް އެއީ އެހާ ބޮޑު ކަމަކަށް ނުވިޔަސް އާލާއަށް ފީލްވާ ގޮތް ތަފާތު ވެދާނެ… އެ ގޮތަށް ބޭބީއެއް ލޫޒްވުމަށް ފަހު ކުރިން އުޅުނު ހެން އުޅެން އުނދަގޫ ވެދާނެ…
އެކަމަކު އާލާ ވާނެ ނާއިކްއާ މެދުވެސް ވިސްނަން. އެއީ ދެ މީހުންނަށް ދިމާވި ކަމެއް، އެހެން ވީމަ ހީލް ވާން މަސައްކަތް ކުރަން ވާނީވެސް ދެ މީހުން އެކީ. ކަންތައްތައް އެކަކު އަނެކަކާ ޝެއަރ ކުރީމަ ހިތަށް ލުއި ވާނެ. އާލާގެ ފީލިންގްސް އެންމެ ރަނގަޅަށް އެނގޭނެ އެކަކު ނާއިކްއަކީ. ދޮންތައަށް އެނގޭ އާލާއާ ނާއިކް އެކަކު އަނެކަކު ދެކެ ލޯބި ވާ ވަރު. އެ ލޯތްބަކީ އެކަކު އަނެކަކަށް ފަރުވާއަކަށް ހަދާ، ދެ މީހުން އެކީ ޓްރައި ކުރޭ، އެކަކު އަނެކަކުގެ ސަޕޯޓްއަށް ވޭ. ކޮންމެ ކަމެއްވެސް ވަގުތާ އެކީ ފަސޭހަ ވާނެ. މީ ތެދެއް ކަން އާލާއަށް އަދި ޔަގީން ނުވިޔަސް ގިވް އިޓް ސަމް ޓައިމް… ހުރިހާ ކަމެއްވެސް އޯކޭ ވާނެ.” އާލާގެ އަތުގައި ހިފާލައިގެން އިނދެ ނިޝްވާ ބުންޏެވެ.
ނިޝްވާ ދެއްކި ވާހަކަ އަޑު އަހާފައި އިތުރަށް އާލާއަށް އެ ކަންތައް ހިތުގައި ބާއްވައިގެން ނުހުރެވުނީއެވެ. އޭގެ ކުރިން އެއްވެސް މީހަކަށް ކިޔާނުދީ ހިތުގައި ފޮރުވައިގެން ހުރި ހުރިހާ ކަމެއް އާލާ ކިޔާދޭން ފެށިއެވެ. ހުރިހާ ވާހަކައެއް ކިޔާދެވުނު އިރު އާލާއަށް ރޮވިއްޖެއެވެ.
“މާލެއިން ޑޮކްޓަރުން ނާއިކްއާ އާލާއަށް ކިޔައެއް ނުދޭތަ؟ ތީ އާލާ ހީކުރާހާ ބޮޑު ކަމެއްވެސް ނޫން… އެހެންވެތަ ނާއިކް…؟” ނިޝްވާއަށް ބުނެވުނެވެ.
“ކިޔާދިން ކޮންމެސް ވަރަކަށް….” މާލެއިން ޑޮކްޓަރުން ކިޔާދިން އެއްޗެހިވެސް އާލާ ކިޔާދިނެވެ.
“ދޮންތަ ބުނާ ގޮތެއް އާލާ ހަދާނަންތަ؟” ނިޝްވާ އަހާލިއެވެ. އާލާ ބޯ ޖަހާލުމުން ނިޝްވާ އެދުނީ ނިޝްވާއާ އެކު ބޭރަށް ދިޔުމަށެވެ. އާލާ ކައިރީ ތައްޔާރުވާން ބުނެފައި ނިޝްވާވެސް ތައްޔާރު ވާން ދިޔައެވެ.
އާލާ ގޮވައިގެން ނިޝްވާ ދިޔައީ ނިޝްވާގެ އެކުވެރި ސައިކޮލޮޖިސްޓެއް ކައިރިއަށެވެ. އެޕޮއިންޓްމެންޓަކާ ނުލާ އެދުވަހު ދެއްކުނީ އެއީ ބަންދު ދުވަހަކަށް ވީތީއެވެ. އެހެން ނަމަވެސް ނިޝްވާގެ އެދުމަށް، އާލާމެން އެކޮޅުގައި ތިބޭ ކޮންމެ ދުވަހަކަށް ޑޮކްޓަރ ކުލްސޫމް އާލާއަށް ގަޑިއެއް ހަމަޖައްސައިދިނެވެ. އާލާ އެދުނީ ނާއިކްއަށް ނާންގާ ކުރިއަށް ދިޔުމަށެވެ. އެގޮތާ ނިޝްވާ އެއްބަސްވިއެވެ.
އެރޭ އާލާއާ ނާއިކް އަލުން އާލާގެ މަންމަމެން ކައިރިއަށް ދިޔައެވެ. އެހެން ނަމަވެސް ކޮންމެ ދުވަހަކު ނިޝްވާއާ އެކު އާލާ ޑޮކްޓަރ ކުލްސޫމްގެ ކްލިނިކަށް ދެއެވެ. ކުލްސޫމް ކައިރިއަށް އަންނަ ބަލި މީހުންނަށް ނަގައިދެނީ ހަފްތާއަކު އެއް ސެޝަން ނަމަވެސް ނިޝްވާއަކީ ކުލްސޫމްގެ ގާތް އެކުވެރިއަކަށް ވާތީ އާލާއަށް ކޮންމެ ދުވަހަކު ސެޝަންއެއް ނަގައިދެނީ އާލާގެ ޙާލަތަށް ވިސްނާފައި، އަދި މާލެއިން އެ ޚިދުމަތް އާލާއަށް ނުލިބި ލަސްވެފައިވެސް ވާތީއެވެ.
މެލޭޝިޔާއަށް އައީ އަށާރަ ދުވަހަށް ނަމަވެސް ހަފްތާއެއް ވީ ތަނާ ނާއިކް މާލެއަށް ދާން ޖެހުނީ ޒަރީނާ ބަލިވެގެން ރަމްލާ ގުޅުމުންނެވެ. ސާއިމާމެންނާ އެކު އާލާ ދާން މަޑުކުރަން އެދުމުން ނާއިކް ދެކޮޅެއް ނުހަދައެވެ. އަމީން ގުޅުމުން ހަމަ އެ ދުވަހަށް ޓިކެޓް ލިބުމުން ނާއިކް ފުރުން ލަހެއް ނުކުރިއެވެ.
އެއަރޕޯޓަށް ދާ ގަޑި ކައިރިވެ ތައްޔާރު ވެގެން ނާއިކް ނިކުންނަން އުޅުމުން އާލާ އިސްވެ ނާއިކް ގައިގައި ބައްދާލިއެވެ. ނާއިކްވެސް އިތުރު ވިސްނުމަކާ ނުލާ އަލާ ގައިގައި ބައްދާލަމުން އާލާގެ މޫނާ ކައިރިވެލިއެވެ. އާލާ ދެކޮޅު ނުހަދާ ނާއިކްގެ ތުންފަތުގެ ބީހުމަށް އިޖާބަދިނެވެ. އެ ވަގުތުކޮޅަށް ގެއްލިފައި ތިބެ، ކުއްލިއަކަށް އާލާގެ މޫނުގައި ހިފަހައްޓައިގެން ހުރި ދެއަތް ތިރިކޮށްލަމުން އާލާ ގެނެސް މޭގައި ޖައްސާލައިގެން ނާއިކް އިރުކޮޅަކު ހުއްޓެވެ.
ނާއިކްގެ އަވަސްވެފައި ވި ހިތުގެ ތެޅުން އާލާއަށް އިހުސާސް ކުރެވުނެވެ. ބޯ ހިއްލާ ނާއިކްގެ މޫނަށް ބަލާލަމުން އާލާ ހީލި އިރު އެ ދެލޮލުން ތަފާތު ރިހުމެއް ނާއިކްއަށް ފެނުނެވެ.
“ނާއިކް… އަހަންނަށް ވެއިޓް ކުރައްޗޭ… އަހަރެން ދަންދެން އިންތިޒާރު ކުރައްޗޭ” ނާއިކްގެ މޭގައި ފިރުމާލަމުން އާލާ އެދުނެވެ.
“އޯލްވޭޒް… އާލާއަށް އެނގެއެއްނު؟” އާލާގެ އަތުގައި ހިފާލަމުން ނާއިކް ހީލިއެވެ.
ބޯ ޖަހާލާފައި އާލާގެ އަތުގައި ހިފައިގެން ނާއިކް ކޮޓަރިން ނިކުތެވެ. ސިޑިއާ ހަމައަށް ގޮސްފައި އާލާ ނާއިކްގެ އަތުގައި ހިފާ ދަމާލިއެވެ.
“އައި ލަވް ޔޫ!” އާލާ ބުންޏެވެ.
ނާއިކް ހުއްޓިފައި އާލާއަށް ބަލާލިއެވެ. އެ ވަގުތު ހިތް އެދުނީ އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލާފައި ދެއަތުގެ ތެރެއަށް އާލާ ނަގައިގެން ކޮޓަރިއަށް ވަދެ، ނާއިކްގެ ހިތުގައި ސިފަވަމުން ދިޔަ ހުރިހާ މަންޒަރެއް ހަގީގަތަށް ހަދާށެވެ. ނަމަވެސް އެއީ އަދި ނުވާނެ ކަމެއް ކަން ހިތަށް ވިސްނައިދެމުން ނާއިކް ލުއިލުއިކޮށް އާލާގެ ތުންފަތުގައި ބޮސްދިނެވެ.
“އާލާ ދެކެ އަހަރެން ލޯބި ވާ ވަރު ހަނދާން ކުރައްޗޭ” ނާއިކް އެދުނެވެ.
ނާއިކް އާލާގެ އަތުން ދޫކޮށްލީ ކާރަށް އަރަން ވުމުންނެވެ. ނިޝްވާއާ ލަޔާންވެސް ނާއިކް ފުރާތީ އެގެއަށް އައިސް ތިއްބެވެ. ނާއިކްއާ އެކު އެއަރޕޯޓަށް ދިޔައީ އާޒިމްއާ ލަޔާންއެވެ.
މާލެއަށް ދިޔުމާ މެދު ދިޔަ ދުވަސްތަކުގައި ޑޮކްޓަރ ކުލްސޫމްއާ ނިޝްވާގެ އިރުޝާދާ އެއްގޮތަށް އާލާ ކަންތައް ކުރަމުން ދިޔައެވެ. ކުލްސޫމް ދިން ބޭސްތައް ކެއުމުގައި ފަރުވާތެރިވިއެވެ. ހަމަ އެހެން މަންމަމެންނާ ކޮއްކޮމެންނާ އެކު ބޭރަށް ނިކުމެ އުޅެން ފެށިއެވެ. އަދި ގޭގައިވެސް އެހެން މީހުންގެ ތެރޭގައި ގިނަ ވަގުތު ހޭދަ ކުރަން ފެށިއެވެ.
އާލާއަށް އަންނަމުން ދިޔަ ބަދަލު އެހެން މީހުންނަށްވެސް ފާހަގަ ކުރެވުނެވެ. ވަކިން ޚާއްސަކޮށް ސާއިމާއަށް އެ ބަދަލުތައް ފެނި އެކަމާ އުފާވިއެވެ. ރަމްލާއަށް ގުޅައިގެން ސާއިމާ އެކަން ހިއްސާ ކުރީ އެއީ ރަމްލާވެސް ދެކެން ބޭނުންވެފައި ހުރި ކަމަކަށް ވާތީއެވެ.
ނާއިކް މާލެއަށް ދިޔަ ނަމަވެސް، ޒަރީނާ ގޮވައިގެން އިންޑިޔާއަށް ދިޔައީ އަމީންއާ ރަމްލާއެވެ. އަމީންގެ އެދުމަށް ނާއިކް މަޑު ކުރީ އަމީންއަށް ނުހުރެވޭ އިރު ނާއިކްވެސް ނެތް ނަމަ އޮފީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ދަތި ވާނެތީއެވެ.
ކޮންމެ ދުވަހަކު ހެނދުނު ހޭލެވުމާއެކު އާލާ ނާއިކްއަށް ގުޅައެވެ. ރޭގަނޑު ހަމަޖެހިލައިގެން އާލާއަށް ގުޅަނީ ނާއިކްއެވެ. ދުރުގައި ތިބުމުން ދެ މީހުންގެ ގުޅުމަށް އިތުރު ގާތް ކަމެއް އައިސްފައި ވާކަން ނާއިކްއަށް ފާހަގަ ކުރެވުނެވެ. އެކަމާ އުފާވި ނަމަވެސް ހިތަށް މާޔޫސްކަން ވެރިވަނީ ކައިރީގައި ހުރި އިރު އާލާގެ ފަރާތުން އެ ގާތްކަން އިހުސާސް ނުކުރެވޭތީއެވެ. އެހެން ނަމަވެސް ނާއިކްގެ އުންމީދަކީ އާލާ ބަދަލުވުމެވެ. ދިމާވި ކަންތަކަށް ފަހު އާލާގެ ހިތުގައި އުފެދިފައި އެވާ ބިރު ފިލުމެވެ. ނާއިކް ދެކެ ވާ ލޯބި ކުރިން ފާޅު ކުރާހެން ދެންވެސް ފާޅު ކުރުމެވެ.
ކުރީ ދުވަހު އެ ދެމެދުގައި ވާހަކަ ދެކެވުނު ފަހުން ނާއިކްއާ މިންހާލްގެ ގުޅުން ކުރިއަށް ވުރެ ގާތްވިއެވެ. އިތުބާރު ކުރެވޭ އެކުވެރިއެއް ގޮތުގައި މިންހާލްއާ މެދު ނާއިކް ދެކެން ފެށި އިރު، މިންހާލްގެ ހިތުގައި ނާއިކްއާ މެދު ވާ އިހުސާސްތައް ނާއިކްއަށް އޮތީ ސިއްރުވެފައެވެ.
އެހެން ނަމަވެސް މިންހާލް އިންތިޒާރު ކުރަމުން ދިޔައީ އެކަން ނާއިކްއަށް އަންގާނެ ރަނގަޅު ވަގުތަކަށެވެ. ނާއިކް ކިޔާދިން ވާހަކަތަކުން މިންހާލްއަށް ނެގުނު މާނައަކީ، ނާއިކްއާ ނާއިކްގެ އަންހެނުންގެ މެދުގައި ދުރުކަމެއް އުފެދިފައި ވާކަމެވެ. މިންހާލް މަސައްކަތް ކޮށްފި ނަމަ ނާއިކްގެ ހިތުން މިންހާލްއަށް ޖާގައެއް ލިބިދާނެއެވެ. ނާއިކްގެ ޙަޔާތަށް މިންހާލްއަށް އާދެވިދާނެއެވެ. މާ ކުރިން ފެށިގެން މިންހާލްގެ ހިތުގައި ނާއިކްއަށް ދެވިފައިވި މަގާމް އަދިވެސް އެ ގޮތުގައި އޮތީތީ، ނާއިކް ޙާސިލް ކުރުމަށް މިންހާލްގެ ހިތް އެދެން ފެށިއެވެ. އެހެން ކަމުން އެ އެދުން ފުރިހަމަ ކުރަން މިންހާލް މަސައްކަތް ފެށިއެވެ.
އެ ދުވަހު ނާއިކް އޮފީހަށް ދިޔަ އިރު ހުރީ ރޯގާ ޖެހިފައެވެ. ބޮލުގައި ރިހުމެއް ހުރި ނަމަވެސް މާ ބޮޑަށް ނުރިއްސާތީ އޮފީހަށް ދިޔައީ ގޭގައި އެކަނި އޮންނަން ބޭނުން ނުވާތީއެވެ. ނަމަވެސް މެންދުރު ވީ އިރު ބޮލުގެ ރިހުން ގަދަވެ، ކެތް ނުވާ ވަރު ވުމުން ނާއިކް ގެއަށް ދިޔައީއެވެ.
ނާއިކް ބަލިކަން އާލާއަށް އަދި ރަމްލާއަކަށްވެސް ނާންގައެވެ. އެރޭ ގުޅާފައިވެސް ބުނީ ހަމައެކަނި ރޯގާ ޖެހިފައި ހުރި ވާހަކައެވެ.
ނާއިކް ބަލިކަން މިންހާލްއަށް އެނގުނީ އަނެއް ދުވަހު ނާއިކް އޮފީހަށް ނައުމުންނެވެ. މިންހާލްއަށް ފުރުޞަތެއް ލިބުނީ ކޮންމެހެންވެސް އެ ދުވަހު ނާއިކް ނޫނީ އަމީންގެ ސޮޔާއެކު ފޮނުވަން ޖެހޭ ލިޔުންތަކެއް ހުރިކަން އެނގި، އެ ލިޔުންތައް ހިފައިގެން ނާއިކްގެ ގެއަށް މިންހާލް އައުމަށް ނާއިކް އެދުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.








Noooooooo
Naaik alhey minhaal kairy keeii kuran thr annaashey e buny…
Boahalaaku….
Aala annan vaairah e dhemyhun dheytherey kameii nuhingai fiyyaa rangalhu…
mi part vx varah varah reethi…
Can’t wait for next part?.
Plzz thankolheii kurin next part upload koh dhevidhaane thr..
Sorry ingey marsha vx busy vaane kan…
Ekm next part kiyaalaa hithun keii vaneekee noon mihaaru 🤣
thank you Nawar, sorry inge lahun reply kureveythy, InShaAllah, irukolhakun 17 upload kollaanan, kurin time nuvy
Maadhamaa aneh part up kollevidhaanetharr???
Pulease. Ok maadhan reygadu viyas. Puleases.
Varah nice story eh. U are inteligent
sorry to disappoint Aisha, irukolhakun 17 upload kollaannan
Not trying to be mean but abadhu aala ah dhera libeythee vrh foohivey kiyan.and thanx for letting Aala and maain close before he keft to male.Dont let another woman come into their life.especially not minhaal.i hope that doesn’t happen and aala gets hurt again.🙄😭
Its ok Q, if Naaik really loves Aala, then nobody can come between them not Minhaal or any other woman dho. lets see if he stays faithful to her.
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Aaala and naaik dhuru nukurachey
They both are made for each other
Nau and yaish marry kuruvaa
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you maash ❤️😍
thanks Cutie, for liking my stories and for leaving such lovely comments and for the unwavering support. busy viyas kuraa hiyvaa kameh vyma mivany. thanks so much dear